ވަޒީފާ އަދާކުރުމުގައި އިޚްލާޞްތެރިކަމާއެކު، ކަމަށް ކަމޭ ހިތައިގެން ވަޒީފާ އަދާ ކުރުމަށް ދިވެހި ޒުވާނުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ، ހޮޓެލް ވިޔަފާރީގައި ފާހަގަކޮށްލެވޭ ބައިނަލްއަޤްވާމީ ކުންފުނި މައިނަރ ހޮޓެލްސްގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ "އެކްސްޕްލޯރަރ" ތަމްރީނު ޕްރޮގްރާމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު މެންދުރުފަހު ހޮޓެލް ޖެންގައި އޮތް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޒުވާނުންނަށްޓަކައި ނުވަދިހަހާސް ވަޒީފާގެ ފުރުޞަތު ތަނަވަސް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލިއަޅުއްވައިލެއްވިއެވެ. އަދި، މި ކަމުގައި މައިނަރ ހޮޓެލްސްގެ ބައިވެރިވުމަށް ޝުކުރު އަދާ ކުރައްވަމުން، "އެކްސްޕްލޯރަރ" ޕްރޮގްރާމްގެ ސަބަބުން ދިވެހި ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރުމަށް އެންމެ ބޭނުންތެރި ހުނަރުތައް ދަސްވެގެންދާނެކަން ޔަޤީންކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސްކޫލް ނިންމާ ކުދިންނަށް އަމާޒުކޮށްގެން ހިންގި މި ތަމްރީނު ޕްރޮގްރާމަކީ، ހޮސްޕިޓަލިޓީގެ ދާއިރާއިން ސެޓްފިކެޓް 3 ގެ ފެންވަރުގެ ތަމްރީނެކެވެ. އަދި މިއީ މި ޕްރޮގްރާމްގެ ދަށުން ތަމްރީނުވާ ފަރާތްތަކަށް އެކަށީގެންވާ އަމަލީ ތަޖުރިބާ ލިބޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ޕްރޮގްރާމެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި "އެކްސްޕްލޯރަރ" ޕްރޮގްރާމުން ދަސްވެނިވީ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.