ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ޢުދުވާނީ ހަމަލާ އަސްލަކަށް ބަލައިގެން ދިވެހި ސިފައިން ތައްޔާރުކޮށްފައިވާ ދިވެހި ފިލްމް "ހާދަރު"، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ އިފްތިތާހު ކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިރޭ އޮލިމްޕަހުގައެވެ.

މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފު ދެއްކެވި ވާހަކަފުޅުގައި، މި ފިލްމުގެ ޒަރީއާއިން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޢިބްރަތްތެރި ފިލާވަޅުތަކެއް ލިބިގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހި ސިފައިން އަބަދުވެސް ތިބޭނީ ޤައުމީ ޚިދުމަތުގައި ކަމަށާއި، ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ލޮޅުމެއް އަރާނެ އެއްވެސް ކަމަކަށް ސިފައިން ފުރުޞަތު ނުދޭނެ ކަމުގައިވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

"ހާދަރު" ފިލްމުގެ ވާހަކަ ލިޔުއްވާފައިވަނީ ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަޙީދެވެ.

މިރޭގެ ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، އެމް.އެން.ޑީ.އެފް ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.