بســم اللّـه الرّحمـن الرّحيــم
 
         الحمـد للّه ربّ العـالمـين، والعاقبة للمتَّقين، وَلَا عدوان إلّا على الظَّٰلمين، والصّـلاة والسّـلام عـلى خاتم النّبيّيــن والمرسلين، وعلى آلـه وصحبـه إلى يوم الدّين.
 
ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިން، މި މަތިވެރި އިޙުތިފާލަށް ވަޑައިގެން ތިއްބެވި އެންމެހައި މެހުމާނުން، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުން؛
 
  السّلام عليــكم ورحـمــة اللّـه وبـركاتـه.
  
އާދެ، މިރޭ ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން ވަރަށް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު އަޅުގަނޑަށް ތިޔަ ވިދާޅުވި މަރްޙަބާއަށްޓަކައި ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވާނެ ޢިބާރާތްތަކެއް އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނުވިސްނޭ. އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވައިލަން ބޭނުންވާ އެއްޗަކީ، މިރޭ މި ވާހަކަފުޅު ދެއްކެވި އެކިއެކި ބޭފުޅުންގެ ދޫފުޅުތަކުން އިވިގެންދިޔަ ޝުކުރާއި ތަޢުރީފުގެ އެއްވެސް މިންވަރެއް އަޅުގަނޑަކަށް ޙައްޤުވެގެނެއްނުވޭ. އާދެ، އެބަސްފުޅުތައް، އެބޭފުޅުން އަޅުގަނޑުމެންގެ ކުރިމައްޗަށް އެ އޮއްސަވައިލެއްވީ ވަރަށް ތެދުވެރިކަމާ އެކުގައިކަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެންނަމަވެސް، އަޅުގަނޑުގެ ނާޤާބިލުކަމާއި، އަޅުގަނޑުގެ ފެންވަރު ހުރިވަރު އެންމެ ބޮޑަށް އެނގޭނީ އަޅުގަނޑަށް. އެހެންކަމަށްވުމާއެކުގައި އެ ޢިބާރާތްތައް އަޅުގަނޑަށް އިވިގެންދިޔުމާއެކުގައި އަޅުގަނޑަށް ބުނެވެންއޮތީ ހަމަ އެންމެ އެއްޗެއް އެއީ أستغفرالله! މިހެން.
 
 ކޮންމެއަކަސް، މި ހުސްވިމަހުގެ ތެރޭގައި ނުވަތަ އަޅުގަނޑުމެން މިހާރުވެސް މިވޭތުކުރަމުންދާ ރަބީޢުލްއައްވަލް މަހުގެ ތެރޭގައި މައްކާގައާއި ޠާއިފްގައި މިބޭއްވުނު، އިސްލާމީ ޤައުމުތަކުގެ ވެރީންގެ ތިންވަނަ ދައުރުގެ ޖަލްސާތަކަކީ، އެ ޖަލްސާތަކުގައި ދިވެހިރާއްޖެއަށް އެއްވެސްކަހަލަ ރީތި ނަމެއް ނުވަތަ ތަޢުރީފެއް ލިބިގެންދިޔަ ޖަލްސާތަކެއް ކަމުގައިވާނަމަ، އެކަމުގެ އެންމެ ފުރަތަމަ ޙަމްދާއި ޝުކުރު ރައްދުވާ ފަރާތަކީ ހުރިހާ ނިޢުމަތްތަކެއްގެވެސް ވެރި ރަސްކަލާނގެ اللّـه سبحـانـه وتعـالى. އޭގެފަހުގައި މި ޖަލްސާތަކުން ދިވެހިރާއްޖެއަށް އެއްވެސްކަހަލަ ފަޚްރެއް ލިބުނު ކަމުގައިވާނަމަ، އެ ފަޚުރަށްޓަކައި ތަޢުރީފާއި ޙައްޤު ޝުކުރު ރައްދުކުރުން އެކަށީގެންވާ ފަރާތަކީ ދިވެހިރާއްޖޭގެ މުސްލިމް ރައްޔިތުން. އެއްވެސް ޝައްކެއްނެތް، ދިވެހިރާއްޖޭގެ މުސްލިމް ރައްޔިތުން އިސްލާމީ ކަންތައްތަކުގައި މިހާރު ސާބިތުކޮށްދެމުން އެ ގެންދަނީ އިސްލާމީ ދުނިޔޭގެ ތަޢުރީފު ލިބެމުންދާ އަދި ވަރަށް ވަރުގަދަ އިސްލާމީ ރޫޙަކާއި އިސްލާމީ ޢަޒުމެއް. ވީމާ، މި ޖަލްސާއިން ރާއްޖެއަށް ރީތި ނަމަކާއި ތަޢުރީފެއް ލިބުނު ކަމުގައިވާނަމަ، އެކަމުގެ ހުރިހާ ޝުކުރެއް ރައްދުވާ ފަރާތަކީ ދިވެހިރާއްޖޭގެ ސަތޭކައިންސަތޭކަ މުސްލިމް ރައްޔިތުން. އާދެ، ތިޔަބޭފުޅުން. މިރޭގެ މި ޖަލްސާއަށް މިތަނަށް ވަޑައިގެން ތިޔަ ތިއްބެވި ބޭފުޅުން. އަދި މިތާނގައި ވަޑައިގެން ނެތްކަމުގައިވިޔަސް، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން.
 
 އާދެ، އަޅުގަނޑު މިވާހަކަ މިދަންނަވަނީ ވަރަށް އިޚުލާޞްތެރިކަމާއި ތެދުވެރިކަމާ އެކުގައި. ދިވެހިރާއްޖެއަށް ލިބެމުންދާ ރީތި ނަމުގެ ފަޚްރުވެރި ފަރާތަކީ ތިޔަބޭފުޅުން ކަމުގައި އަޅުގަނޑު މިދަންނަވަނީ، އޭގެ ހެކިތައް އަޅުގަނޑަށް ރަނގަޅަށް ފެނިފައި އޮތީމާ. އާދެ، އަޅުގަނޑު ގަސްދުކުރަނީ މިރޭ އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން އެ ހެކިތަކުން ބައެއް ނަމަވެސް ތިޔަބޭފުޅުންނަށް ދަންނަވައިލުމަށް.
 
 އާދެ، ދެން އަޅުގަނޑުގެ ވާހަކައާއިގެން ކުރިއަށް ދިޔުމުގެ ކުރީގައި އަޅުގަނޑު އަދާކުރަންޖެހޭ ވަރަށް އުފާވެރި ވާޖިބެއް އެބައޮތް. އެއީ މިދަތުރުގައި އަޅުގަނޑާ އެކުގައި ބައިވެރިވެވަޑައިގެންނެވި ޢިއްޒަތްތެރިންނަށް އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި ދިވެހި ސަރުކާރުގެ ނަމުގައި އިޚުލާޞްތެރިކަމާއެކު ޝުކުރު ދެންނެވުން.
 
ތިންވަނަ އިސްލާމީ ސަމިޓް ކޮންފަރެންސަށް ދިވެހިރާއްޖޭގެ ފަރާތުން ވަޑައިގެންނެވި ވަފްދުގައި ވަރަށްގިނަ ބޭފުޅުން އެކުލެވިގެންވޭ. އެއީ، މި މުޢުތަމަރުގެ މުހިންމުކަމަށްޓަކައި. އެހެންކަމަށްވުމާއެކުގައި އެވަފްދުގައި ހިމެނިވަޑައިގެންނެވި ކޮންމެ ބޭފުޅަކީ ވަރަށް އިޚުލާޞްތެރިކަމާ އެކުގައި އެބޭފުޅެއްގެ ޚިދުމަތް ދިވެހިރާއްޖެއަށް ލިބެމުންދިޔަ ބޭފުޅެއް.
 
އެންމެ ފުރަތަމަ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް، އަޅުގަނޑުގެ އަޚް އަލްއުސްތާޛު ފަތުޙުﷲ ޖަމީލް. އާދެ، ފަތުޙުﷲ ޖަމީލަކީ އަޅުގަނޑުމެންގެ ރާއްޖޭގެ ބޭރުގެ ހުރިހާ ކަމަކާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި ވަޒީރު. އެ ހައިސިއްޔަތުން އެމަނިކުފާނު މިޖަލްސާތަކުގައި އަދާކުރެއްވީ ވަރަށް މުހިންމު ބައެއް. އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ޖަލްސާއަށް ތައްޔާރުކުރި ފަރާތަކީ އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ޖަލްސާ. އެ ޖަލްސާ ކުރެވުނީވެސް ޠާއިފްގައި. އިސްލާމީ ޤައުމުތަކުގެ ވެރިންގެ ޖަލްސާގެ ދެތިންހަތަރު ދުވަސް ކުރިން އެޖަލްސާތައް ނިމުނީ. އިސްލާމީ ޤައުމުތަކުގެ ވެރިންގެ ޖަލްސާގައި ފާސްކުރެއްވި ހުރިހާ ފާސްކުރެއްވުމެއް ތައްޔާރުކުރެއްވި ފަރާތަކީ މިދެންނެވި ޚާރިޖީ ވަޒީރުންގެ ޖަލްސާ. އެހެންކަމަށްވުމާއެކުގައި އިސްލާމީ ޤައުމުތަކުގެ ވެރިން، އެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނަށް، އެޖަލްސާތަކުގައިވެސް ޝުކުރު އަދާކުރެއްވި. އެބޭފުޅުން އެކުރެއްވި މަތިވެރި އަދި ބުރަ މަސައްކަތްތަކަށްޓަކައި. އާދެ، އަޅުގަނޑު ހަނދާން އެބަހުރި، ޖަލްސާތައް ނިމިގެންދިޔަރޭ އެންމެފަހު ޖަލްސާގައި މޮރޮކޯގެ ރަސްގެފާނު ކިންގ ޙަސަން ދެވަނަ، އެ ރަސްގެފާނުގެ ވާހަކަފުޅުގައި ޚާރިޖީ ވަޒީރުންނަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން ވިދާޅުވި ޢިބާރާތެއް. އާދެ، އެރަސްގެފާނު ވިދާޅުވީ، "އިސްލާމީ ޤައުމުތަކުގެ ވެރިން މިހާ މީރުކަމާއެކުގައި މިކޭ ރޮށީގެ ފުށްގަނޑު އެހާ މީރުކޮށް މޮޑުއްވައިދެއްވި ބޭފުޅުންނަކީ ޚާރިޖީ ވަޒީރުންނޭ. އެހެންވީމާ، މިޖަލްސާގައި އަޅުގަނޑުމެންނަށް މި ލިބުނު ފޮނި ކާމިޔާބީގެ ސިއްރަކީ ޚާރިޖީ ވަޒީރުންނޭ. އެގޮތުން އިސްލާމީ ޤައުމުތަކުގެ ވެރިން ޚާރިޖީ ވަޒީރުންނަށް ޝުކުރު ދަންނަވަންޖެހޭނޭ".
 
އާދެ، ދެން އަޅުގަނޑުމެންގެ ވަފްދުގައި ހިމެނިވަޑައިގެން އަނެއް ބޭފުޅަކީ މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއާޒް އަދި އަޅުގަނޑުގެ އަޚް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު. އެމަނިކުފާނުގެ ފަރާތްޕުޅުންވެސް އަޅުގަނޑަށް ވަރަށް މަތިވެރި އެހީތަކެއް މި ޖަލްސާގައި ލިބެމުންދިޔަ. އެކަމަށްޓަކައި އެމަނިކުފާނަށްވެސް ޝުކުރު އަދާކުރުމަކީ އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެން. އަޅުގަނޑުމެންގެ މިރޭގެ މި އުފާވެރި ޖަލްސާގައި ވަޑައިގެން ނެތް ބޭފުޅެއްގެ ނަންފުޅު ދެން އަޅުގަނޑު ދަންނަވަންޖެހެނީ. އެއީ ވަރަށް އިޚުލާޞްތެރި، ވަރަށް ތެދުވެރި ދިވެހި މުވާޠިނެއް. އާދެ، އަލްއަޚް މުޙައްމަދު ރަޝީދު. އޭނާ ވަޑައިގެންވީ ސުޢޫދިއްޔާގައި. އޭނާ މިވަގުތު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ އެތާނގައި. މުޙައްމަދު ރަޝީދުވެސް އަޅުގަނޑުމެންގެ ވަފްދުގައި ބައިވެރިވެވަޑައިގެންނެވި. އަދި ވަރަށް މުހިންމު ބައެއް އަދާކުރެއްވި. އާދެ، އެއީ ސުޢޫދީ ޢަރަބިއްޔާގެ އެކިއެކި ފަރާތްތަކާ އަޅުގަނޑުމެން ގުޅުއްވައިދެއްވުމާއި އަދި އެކިއެކި ބައްދަލުވުންތައް ރޭއްވެވުމާ، މިގޮތުން ޕްރޮޓޮކޯލާ ބެހޭބައި ވަރަށް ފުރިހަމަގޮތެއްގައި އަދާކޮށްދެއްވަމުން ގެންދެވީ، އަލްއަޚް މުޙައްމަދު ރަޝީދު. އެހެންވީމާ، އެމަނިކުފާނު އަޅުގަނޑުމެންގެ މި އުފާވެރި ޖަލްސާގައި ވަޑައިގެން ނެތްކަމުގައިވިޔަސް، އަޅުގަނޑުގެ ހިތުގެ އަޑީގައި އުފެދިފައިވާ އިޚުލާޞްތެރި ޝުކުރުގެ ޝުޢޫރުތައް ރައްދުކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް އަޅުގަނޑު ދެކެން.
 
އަޅުގަނޑުމެންގެ ދިވެހި ވަފްދުގައި އަދިވެސް ބައެއް އެހެން ބޭފުޅުން ބައިވެރިވެވަޑައިގެންނެވި. އޭގެތެރެއިން އެއްބޭފުޅެއް، އަޅުގަނޑުމެންގެ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ޑިރެކްޓަރ އަލްފާޟިލް ޙަސަން އަޙްމަދު މަނިކު. ޙަސަން އަޙްމަދު މަނިކުވެސް ވަރަށްމަތީ ދަރަޖައަކަށް މި ޖަލްސާގައި، ޚިދުމަތް ދިވެހި ދައުލަތަށް، އަދި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކުރައްވަމުން ގެންދެވި. އޭނާ ކުރެއްވި އެންމެ މުހިންމު އެއް ޚިދުމަތެއްގެ ނަތީޖާ، ތިޔަ ހުރިހާ ބޭފުޅުން ދެކެވަޑައިގަންނަވަމުން ގެންދެވި. އެއީ މައްކާއާއި މާލެއާ އަދި ޠާއިފާއި މާލެއާ ގުޅުވައިދެއްވި ފަރާތުގެ އެންމެބޮޑު މަސައްކަތްތައް ކުރެއްވި ބޭފުޅަކީ ޙަސަން މަނިކު. އާދެ، ތިޔަބޭފުޅުންނަށް އެ ޖަލްސާތަކުގެ މަންޒަރުތައް، ޓީ.ވީ.ގެ ޛަރީޢާއިން ފެނިވަޑައިގަންނަވަމުންދިޔަ. އެކަން އެގޮތަށް ރޭވި، އަދި ޖަލްސާއާބެހޭ ޚަބަރުތައް އެހާ ފުރިހަމަކޮށް ދުވަހުން ދުވަހަށް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވަމުން ގެންދެވި ކަމުގެ އެންމެބޮޑު ސިއްރަކީ ޙަސަން އަޙްމަދު މަނިކު ކުރައްވަމުން ގެންދެވި ޚިދުމަތްތައް. އެހެންވީމާ، އޭނާއަށްވެސް އިޚުލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އުފަލެއް. އަޅުގަނޑުމެންގެ ވަފްދުގައި ދެން ބައިވެރިވެވަޑައިގެންނެވީ އަޅުގަނޑުމެންގެ ޚާރިޖީ ކަންތައްތަކާބެހޭ ދާއިރާގައި އުޅުއްވާ މަތީ ފެންވަރުގެ ދެބޭފުޅުން. އެއްބޭފުޅަކީ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ސީނިއަރ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙައްމަދު ޝަރީފް. އަނެއް ބޭފުޅަކީ ދިވެހިރާއްޖޭގެ ފަރާތުން ސިލޯނުގައި ހުންނަވާ ޝާޒޭދަފޭ. އާދެ، އަލްފާޟިލް އަޙްމަދު ޢަބްދުﷲ. މި ދެބޭފުޅުންގެ ޚިދުމަތްތައް އެއީވެސް އަޅުގަނޑަށް ދޫކޮށްލެވޭވަރަށްވުރެ މާ ފުރިހަމަ ޚިދުމަތްތަކެއް. ޖަލްސާއަށް ތައްޔާރުކުރެއްވުމާއި، ޖަލްސާގެ ކަންތައްތައް ވަރަށް އެކަށީގެންވާ ގޮތެއްގައި ދިވެހި ވަފްދުގެ ފަރާތުން ކުރިއަށް ގެންދެވުމުގައި އެހީތެރިވެދެއްވުމާއި، ޖަލްސާއާބެހޭ ލިޔުންތަކާއި ރެކޯޑުތައް ބެލެހެއްޓެވުމާއި އަދި އަޅުގަނޑުމެންގެ ދަތުރުގެ ހުރިހާ ކަމެއް ހަމަޖައްސަވައި، އެކިއެކި ޤައުމުތަކާ ގުޅުއްވައި ޕްރޮޓޮކޯލާއި އަދި ބައިނަލްއަޤްވާމީ އުސޫލުތައް ނިޔާކުރާގޮތުގެމަތީން އެކިއެކި ޤައުމުތަކުގެ ކަމާބެހޭ ފަރާތްތަކަށް ދަތުރުގެ ތަފުސީލުތައް އަންގަވައި، މިގޮތުން މިދަތުރަކީކާމިޔާބު ދަތުރެއް ކަމުގައި ވެގެންދިޔައީ، މި ދެބޭފުޅުންގެ މަސައްކަތްޕުޅުތަކުގެ ސަބަބުން.އެހެންވުމާއެކުގައި އެދެބޭފުޅުންނަށްވެސް ތެދުވެރިކަމާއެކު ޝުކުރު ދެންނެވުމަކީ އަޅުގަނޑުގެ ވަރަށްބޮޑު ވާޖިބެއް ކަމަށް ދެކެން.
 
އާދެ، ދެންއޮތީ އަޅުގަނޑުމެންގެ ރަސްމީ ވަފްދުގައި ހިމެނިވަޑައިނުގެންނެވި ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ދަތުރަށް އެފަރާތަކުން ވަރަށް މަތިވެރި އެހީތަކެއް އަދި ޚިދުމަތްތަކެއް ލިބެމުންދިޔަ ފަރާތެއް. އެއީ ދަތުރުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓެވި ފަރާތް. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މިފަދަ ޖަލްސާއަކީ މިއަދުގެ ދުނިޔޭގައި ކަންތައްތައް ހުރިގޮތުން ކުއްލިއަކަށް އަޅުގަނޑުމެން އެކަކުވެސް އިންތިޒާރު ނުކުރާފަދަ ނުރައްކަލެއް މެދުވެރިވެދާނެ ކޮންފަރެންސެއް. ކަންތައް ހުރީ އެގޮތަށް. އެހެންކަމަށްވުމާއެކުގައި ކޮންމެ ވަފްދަކާ އެކުގައިވެސް ސަލާމަތީ ކަންތައްތައް ބަލަހައްޓާ ބަޔަކު ތިބޭ. އަޅުގަނޑުމެންގެ ދަތުރުގައި އެބައި ބެލެހެއްޓެވީ ކެޕްޓަން ޢައްބާސް އިބްރާހީމް، އަދި އޭނާއާ އެކުގައި ދުރުވި އެން.އެސް.އެސް.ގެ ދެބޭކަލުން. އެބޭކަލުންގެ މަސައްކަތްޕުޅުތައް ހުރިލެއް ފުރިހަމަކަމަށްޓަކައި އަދި ހުރިހާ ވަގުތެއްގައިވެސް އަޅުގަނޑުމެންގެވަފްދުގެ ސަލާމަތަށްޓަކައި އަޅުއްވަމުން ގެންދެވި ފިޔަވަޅުތަކަށްޓަކައި ހިތުގެ އެންމެ އަޑިން، އެން.އެސް.އެސް.ގެ ފަރާތުން މިދަތުރުގައި އެވަޑައިގެންނެވި ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.
 
އާދެ، މިރޭ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވަރަށް ބަލާޣާތްތެރިކަމާއެކު އެ ވިދާޅުވި ފަދައިން، މި ވޭތުވެދިޔަ ޖަލްސާއަކީ އިސްލާމީ ތާރީޚުގައި މީގެކުރިން ދުވަހަކުވެސް ނުވާފަދަ މުހިންމު އަދި ތާރީޚީ ޖަލްސާއެއް. އެޖަލްސާގެ މުހިންމުކަން  ޚާއްޞަވެފައިވަނީ ހަމައެކަނި އިސްލާމީ އުންމަތަކަށް ނޫން. އޭގެއިތުރަށް މުޅި ދުނިޔެއަށްވެސް މިޖަލްސާގެ މުހިންމުކަން ދިޔައީ އިހުސާސް ކުރެވިގެން. ހަމައެފަދައިން، މުޅި އިސްލާމީ އުންމަތަށްވެސް މިޖަލްސާގެ މުހިންމުކަމާއި، އެ ޖަލްސާގެ ސަބަބުން އިސްލާމީ އުންމަތަށް ލިބިގެންދާނެ ނަޞްރާއި ނަޞީބު ދިޔައީ އިހުސާސް ކުރެވިގެން. ހަމައެފަދައިން، އަޅުގަނޑުމެން ދިވެހިރާއްޖޭގެ ނިސްބަތުގައިވެސް މި ޖަލްސާ ހިމެނިގެންދިޔައީ ވަރަށް ތާރީޚީ ވަރަށް މުހިންމު ޖަލްސާއެއް ކަމުގައި. އާދެ، މުޅި ދުނިޔޭގެ ނިސްބަތުގައި މި ޖަލްސާއަކީ ތާރީޚީ އަދި މުހިންމު ޖަލްސާއެއް ކަމުގައި މި ދަންނަވަނީ، އެއީ މި ޖަލްސާގެ ސަބަބުން އަދި މި ޖަލްސާގައި އިސްލާމީ ޤައުމުތަކުގެ ވެރިންގެ މެދުގައި ފާޅުވެގެން އެދިޔަ އެކުވެރިކަމާއި އުޚުއްވަތްތެރިކަމުގެ ސަބަބުން އިސްލާމީ އުންމަތަކީ މިއަދުގެ ދުނިޔޭގައި ވަރަށް ޤަދަރުހުރި، ބާރުހުރި ޖަމާޢަތަކަށް ވެއްޖެކަން އެއީ އަޅުގަނޑު މިދެންނެވި ވާހަކަޔަކީ.
 
އާދެ، ދުނިޔޭގައި ވަރަށްގިނަ މުޢުތަމަރުތައް، ކޮންފަރެންސްތައް، ބައިނަލްއަޤްވާމީ ޖަލްސާތައް ކުރެވެމުންދޭ. ދުނިޔޭގެ ޤައުމުތައް އެކިއެކި ގްރޫޕްތަކަށް ނުވަތަ އެކިއެކި ޖަމާޢަތްތަކަށް ބެހިގެން ގޮސްފައިވޭ. މިސާލަކަށް، ވަކިފަރާތަކަށް ނުޖެހޭ ޤައުމުތައް، ގާތްގަނޑަކަށް 95 ޤައުމުގެ މައްޗަށް އެކުލެވިގެންވާ ގްރޫޕެއް އެއީ، ނުވަތަ ޖަމާޢަތެއް. އަދި ހަމައެކަނި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގެ އިތުރަށް އެކިއެކި ޢަސްކަރީ މައިދާންތަކުގައި ހަރަކާތްތެރިވާ ޖަމާޢަތްތައްވެސް ދުނިޔޭގައިވޭ. މިސާލަކަށް، "ނޭޓޯ" ނުވަތަ "ވޯސޯ". ނޭޓޯ ޕެކްޓުގެ ޤައުމުތަކާއި، ވޯސޯ ޕެކްޓުގެ ޤައުމުތަކާ އެއީ ޢަސްކަރީ ދާއިރާއެއްގަޔާއި އަދި ސިޔާސީ ދާއިރާއެއްގައި ހަރަކާތްތެރިވަމުންދާ ބައެއް. ހަމައެފަދައިން، "އޯގަނައިޒޭޝަން އޮފް އެފްރިކަން ޔުނިޓީ" އެއީ އެފްރިކާގެ ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ޖަމާޢަތެއް. "ކޮމަންވެލްތު" އެއީ އެއްޒަމާނެއްގައި އިނގިރޭސިންގެ ވެރިކަމުގެ ދަށުގައި ތިބި ޤައުމުތަކުގެ މައްޗަށް އެކުލެވިގެންވާ ޖަމާޢަތެއް. އަދި "އާސިއާން" އެއީ މިހާރު އުފެދިގެން އުޅޭ ޖަމާޢަތެއް، ދެކުނު އޭޝިއާގެ ޤައުމުތަކުގެ ފަސް ޤައުމެއްގެ މައްޗަށް އެކުލެވިގެންވާ ޖަމާޢަތެއް. މިކަހަލަ ޖަމާޢަތްތަކުގެ ޖަލްސާތައް ދުނިޔޭގެ އެކިތަންތާނގައި އެކި ބޭނުމުގައި ކުރެވެމުން އެބަދޭ. އެހެންނަމަވެސް، މިއިން އެއްވެސް ޖަމާޢަތަކަށް ލިބިފައިނުވާ ޤަދަރަކާއި ބާރެއް މިއަދުވަނީ މިކުރެވުނު ސަމިޓް ކޮންފަރެންސްގެ ސަބަބުން އިސްލާމީ ޖަމާޢަތަށް، ނުވަތަ އިސްލާމީ ޤައުމުތަކުގެ ޖަމާޢަތަށް، ނުވަތަ އިސްލާމީ އުންމަތަށް ލިބިފައި. އެހެންވުމާއެކުގައި މިއަދު އިސްލާމީ އުންމަތަކީ މުޅި ދުނިޔެ އެބަޔަކަށް ޤަދަރުކުރާ، އެބަޔަކަށް އިޙުތިރާމުކުރާ، އަދި އެބަޔަކަށް ބަލަބަލައި ތިބޭ ޖަމާޢަތެއް. އެކަން އެހެންވެގެން އެދިޔުމުގެ އެންމެބޮޑު ސަބަބަކީ މި ތިންވަނަ ކޮންފަރެންސްގައި ފާޅުވެގެންދިޔަ އިސްލާމީ ޤައުމުތަކުގެ އެކުވެރިކަމާއި އުޚުއްވަތްތެރިކަން.
 
އާދެ، އިސްލާމީ އުންމަތުގެ ނިސްބަތުގައި މިވޭތުވެގެންދިޔަ މުޢުތަމަރަކީ މީގެކުރިން ދުވަހަކުވެސް އެފަދަ އެހެން މުޢުތަމަރެއް އެއްވެސް ތަނެއްގައި އެއްވެފައިނުވާފަދަ މުޢުތަމަރެއް. އާދެ، އެއީ އެތައް ގޮތަކުން. އެންމެ ފުރަތަމަ ތަނުގެ ގޮތަށް ބެލިނަމަވެސް، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް މިހާރު ރަނގަޅަށް އެނގިވަޑައިގެން އަދި އެތައްފަހަރަކު އައްސަވައިފައިވާނޭ ފަދައިން، މި ޖަލްސާ ކުރެވިގެންދިޔައީ މުސްލިމުންގެ ހިތުގައި އެންމެމާތް ޤަދަރާއި ޝަރަފް ލިބިފައިވާ ބިމުގައި. އާދެ، މައްކާގައި. އަދި މައްކާގެ ބިންތަކުގެ ތެރެއިންވެސް اللّـه سبحـانـه وتعـالى އެންމެ މާތް ކުރެއްވި ޠާހިރު މާތް كعبةاللهގެ އަރިހުގައި މި ޖަލްސާ އިފްތިތާޙުވެގެންދިޔައީ، މައްކާގެ މާތްވެގެންވާ ޙަރަމްފުޅުގެ ތެރޭގައި. އެހެންވުމާއެކުގައި ރޫޙީގޮތުން، އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް އިހުސާސްވެގެންދިޔަ ޝުޢޫރުތަކަކީ އަޅުގަނޑަށް އެއްގޮތަކަށްވެސް ތިޔަބޭފުޅުންނަށް ދެންނެވޭވަރަށްވުރެ މާފުން، މާވަރުގަދަ ޝުޢޫރުތަކެއް.  
 
އާދެ، އެއީ ތަނުގެ ގޮތުން ބަލާއިރު، ޒަމާނުގެ ގޮތުން ބެލިކަމުގައިވިޔަސް، މިޖަލްސާއަކީ ތާރީޚީ ޖަލްސާއެއް. ހިޖުރީގޮތުން ފަނަރަވަނަ ޤަރުނާ އަޅުގަނޑުމެން ކުރިމަތިލާ ވަގުތުކޮޅުގެ ތެރޭގައި ނުވަތަ އޭގެ އެންމެ ފުރަތަމަ ދެތިންމަސްދުވަހުގެ ތެރޭގައި މި ޖަލްސާ ކުރެވިގެން މިދިޔައީ. އިސްލާމީ ދުނިޔެ ފަނަރަވަނަ ޤަރުނުގެ އިސްތިޤްބާލުގައި އެކިއެކި އިޙުތިފާލުތައް ކުރަމުން ދަނިކޮށް، މި ވަރުގަދަ އަދި ތާރީޚީ ޖަލްސާ ކުރެވިގެން މިދިޔައީ. މިޖަލްސާގައި ބައިވެރިވެވަޑައިގެންނެވިވަފްދުތަކުގެއަދަދަށްބެލިނަމަވެސް، ނުވަތަމި ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންނެވި، ޤައުމުތަކުގެ ރައީސުންގެ އަދި ރަސްރަސްކަލުންގެ އަދަދަށް ބެލިނަމަވެސް، މި ޖަލްސާއަކީ މީގެކުރިން ދުވަހަކުވެސް ނުކުރެވޭފަދަ ތާރީޚީ ޖަލްސާއެއް ކަމުގައި ފާހަގަކޮށްލެވުނު.
 
އާދެ، މީގެކުރިން ވާހަކަފުޅު ދެއްކެވި އެއްބޭފުޅަކު ވިދާޅުވިފަދައިން، 38 ޤައުމުގެ ވެރިން މިޖަލްސާގައި ބައިވެރިވެވަޑައިގެންނެވި. މީގެކުރިން ފަހަކަށްއައިސް އިސްލާމީ ކޮންފަރެންސްގެ އެންމެ އިސްވެރިންގެ ދެ ޖަލްސާއެއް ކުރެވިއްޖެ. އެއް ޖަލްސާ ކުރެވުނީ މޮރޮކޯގެ ވެރިރަށް ރަބާޠުގައި. އަނެއް ޖަލްސާ ކުރެވުނީ ޕާކިސްތާނުގެ ލާހޯރްގައި. އެހެންނަމަވެސް، އެއިން އެއްވެސް ޖަލްސާއެއްގައި، މިފަހަރު މައްކާގައި އިފްތިތާޙުވެގެން މިދިޔަ އަދި ޠާއިފްގައި ނިމިގެންދިޔަ، އިސްލާމީ ޤައުމުތަކުގެ ވެރީންގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ފަދަ ގިނަ އަދަދަކަށް އިސްލާމީ ޤައުމުތަކުގެ ޒަޢީމުންނާއި، ވެރީންނާއި، ރަސްރަސްކަލުން ބައިވެރިވެވަޑައިގެންނެވި އެހެން އެއްވެސް ޖަލްސާއެއް މީގެކުރިން ގޮސްފައެއްނުވޭ. އަދިވެސް ވަރަށްބޮޑު އެހެން ސަބަބެއް އެބައޮތް، މިޖަލްސާއަކީ ވަރަށް ޚާއްޞަ ޖަލްސާއެއް ކަމުގައި ހިމެނިގެންދިޔަ. އެއީ މި ޖަލްސާގެ ކަންތައްތައް ވަމުންދިޔަ ވަގުތުގައި މުޅި އިސްލާމީ ދުނިޔޭގެ އެންމެހައި ރައްޔިތުންނަށް، އިސްލާމީ އުންމަތުގެ އެންމެހައި އަފްރާދުންނަށް އެ ޖަލްސާތަކުގެ ހާދިސާތައް ވަގުތުން ފެންނަމުންދިޔަކަން. އާދެ، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީވެސް އިސްލާމީ ޤައުމަކަށް ވުމާއެކުގައި އަޅުގަނޑުމެންނަށްވެސް އެ މަތިވެރި ނަޞީބު ލިބުނު. އަޅުގަނޑުމެންގެ ޓެލެވިޜަންގެ ޛަރީޢާއިން، ޖަލްސާތައް ހިނގަމުންދިޔައިރު، އެ ޖަލްސާތަކުގެ ކަންތައްތައް އަޅުގަނޑުމެންގެ ރާއްޖޭގައި ތިބި ދިވެހި ރައްޔިތުންނަށް ފެނިގެންދިޔަ. އެކަންތައްތައް ފެނިގެންދިޔައީ ހަމައެކަނި ދިވެހި ރައްޔިތުންނަކަށް ނޫން. މުޅި ދުނިޔޭގައިވާ އިސްލާމީ އުންމަތުގެ އެންމެހައި ރައްޔިތުންނަށް. އެންމެހައި އަފްރާދުންނަށް. އާދެ، މިހާރު ލަފާކުރެވޭގޮތުގައި ދުނިޔޭގައި އެއްހާސް މިލިއަން މުސްލިމުން އެބައުޅޭ. އެ ހުރިހާ އެންމެނަށް ނުވަތަ އެމީހުންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް މި ޖަލްސާތައް ހިނގަމުންދަނިކޮށް، މި ޖަލްސާތަކުގެ މަންޒަރުތައް ވަނީ ފެނިފައި. އެގޮތުންވެސް މި ޖަލްސާއަކީ ވަރަށް ޚާއްޞަ ޖަލްސާއެއް ކަމުގައި ނުވެނުދާނެ.
 
އާދެ، ދެން މި ޖަލްސާއަކީ އެހާ މުހިންމު ޖަލްސާއަކަށްވި އެންމެބޮޑު ސަބަބަކީ މިޖަލްސާގައި އިސްލާމީ އެކުވެރިކަމުގެ ޙަޤީޤީ ބިންގަލެއް އުފެދިގެންދިޔަކަން. މީގެކުރިންވެސް އެކިފަހަރުމަތިން އިސްލާމީ ޤައުމުތަކުގެ މެދުގައިއެކުވެރިކަމާއި އެއްބާރުލުން އުފެއްދޭތޯ ވަރަށްގިނަފަހަރުމަތިން ވަރަށްގިނަ ފަރާތްތަކުން މަސައްކަތް ކޮށްފައިވޭ. އެހެންނަމަވެސް، އެއިން އެއްވެސް މަސައްކަތެއް މިފަހަރު މި ކާމިޔާބުވި މިންވަރަކަށް ކާމިޔާބުވެފައެއްނުވޭ. އެހެންކަމާއެކުގައި، އަޅުގަނޑުމެންގެ އެންމެންގެ ހުރިހާ މުސްލިމުން ޙަމްދު ޘަނާ ރައްދުކުރަންޖެހެނީ اللّـه سبحـانـه وتعـالىއަށް. ރާއްޖެއަކީ ސަތޭކައިންސަތޭކަ އިސްލާމީ ޤައުމަކަށްވިޔަސް، މީގެކުރިން އިސްލާމީ ދުނިޔޭގައި، ދުނިޔޭގެ ޞުލްޙައަށާއި ޢަދުލު އިންސާފަށްޓަކައި މަސައްކަތް ކުރުމުގެ ފުރުޞަތު މިފަހަރު މި ލިބުނު ފެންވަރަކަށް މީގެކުރިން ލިބިފައެއްނުވޭ. މީގެކުރިން އިސްލާމީ ކޮންފަރެންސްގެ ޚާރިޖީ ވަޒީރުންގެ ޖަލްސާތަކުގައި ދިވެހިރާއްޖެ ބައިވެރިވެފައިވޭ. އެއިން ބައެއް ޖަލްސާތަކުގައި ބައިވެރިވުމުގެ އުފާ އަޅުގަނޑަށްވެސް ލިބިފައިވޭ. އެއީ ޚާރިޖީ ވުޒާރާ ތަމްސީލުކުރާ މީހެއްގެ ހައިސިއްޔަތުން. އެހެންނަމަވެސް މިފަހަރު އަޅުގަނޑުމެންގެ ރާއްޖެއަށް މި ލިބުނު ފުރުޞަތަކީ އިސްލާމީ ކޮންފަރެންސްގެ އެންމެ އިސްވެރިންގެ ޖަލްސާއެއްގައި ބައިވެރިވުމުގެ ފުރުޞަތު. އެހެންވުމާއެކުގައި ދުނިޔޭގެ ޞުލްޙައަށާއި ޢަދުލު އިންސާފަށް މަސައްކަތް ކުރުމުގެ ފުރުޞަތު އެންމެމަތީ ފެންވަރުގައި ލިބުނު ފަހަރަކީ ހަމައެކަނި މިފަހަރު.
 
އާދެ، ދެން މި ޖަލްސާގައި ދިވެހިރާއްޖެ ތަޢާރުފުވެގެންދިޔަ މިންވަރާއި، ދިވެހިރާއްޖެއަށް ލިބުނު ތަޢުރީފާ، އެ ވާހަކަތައް އެއީ އަޅުގަނޑަށް މި ފުރުޞަތުގައި ދައްކާކަށް މާފަސޭހަ ވާހަކައަކަށްނުވޭ. ކޮންމެއަކަސް އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ދިވެހިރާއްޖެއަށް އެއްވެސްކަހަލަ ޝަރަފެއް، އެއްވެސްކަހަލަ ފަޚްރެއް، އެއްވެސް ރީތިނަމެއް، މިޖަލްސާގައި ދިވެހިރާއްޖޭގެ ވަފްދެއް ބައިވެރިވުމުގެ ސަބަބުން ލިބިފައިވާނަމަ އެކަން، ނުވަތަ އެކަމުގެ ޝުކުރާއި ތަޢުރީފު ރައްދުވާ ފަރާތަކީ ދިވެހިރާއްޖޭގެ ރައްޔިތުން. އާދެ، ތިޔަބޭފުޅުން. އެކަމުގެ ހެކި އަދި އަޅުގަނޑު ދަންނަވާނަން.
 
އަދިވެސް މިޖަލްސާގެ ވާހަކަތަކައިގެން ކުރިއަށް ދިޔުމުގެ ކުރިން އަޅުގަނޑު ދަންނަވައިލަންޖެހޭ ވަރަށްބޮޑު ވާހަކައެއް އެބައޮތް. އެއީ ސުޢޫދީ ޢަރަބިއްޔާގެ ސަރުކާރާއި އެތާނގެ ރައްޔިތުންގެ ފަރާތުން މިޖަލްސާއަށް ދެއްވި މުހިންމުކަމުގެ ބޮޑުކަމާއި އަދި އެފަރާތްތަކުން، މިޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް ވެދެއްވި އެހީތެރިކަމުގެ މަތިވެރިކަމަށްޓަކައި އެފަރާތަށް ޝުކުރު އަދާކުރުން. އާދެ، ހަމައެކަނި މާއްދީގޮތުން ބެލިނަމަވެސް، މިޖަލްސާއަކީ މީގެކުރިން ބައިނަލްއަޤްވާމީ ގޮތުން ނުކުރެވޭފަދަ ބޮޑު ޖަލްސާއެކޭ ދެންނެވިދާނެ. އެއީ އެޖަލްސާއަށް ކުރެވުނު ހަރަދުތަކުގެ ބޮޑުކަމުން. މިޖަލްސާއަށް ތައްޔާރުވުމުގެ މަސައްކަތް ސުޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ ފަރާތުން ފެށްޓެވީ މީގެ ދިހަވަރަކަށް މަސްދުވަސް ކުރިން. އެމަސައްކަތްތަކަކީ އަޅުގަނޑުމެންގެ ހިތަށް ގެންނަންވެސް ދަތި ބޮޑެތި މަސައްކަތްތަކެއް. އާދެ، ކޮންމެ އިސްލާމީ ޤައުމެއްގެ ވެރިޔަކު ހުންނަވަން ޚާއްޞަ ގެއެއްވަނީ ތައްޔާރުކުރެވިފައި. ވަރަށް ފުރިހަމަކޮށް ދެބުރިއަށް ހަދައިފައި ހުރި ގެއެއް އެ ގެޔަކީ. ގާތްގަނޑަކަށް ފަންސާހަކަށް ގެ، ހަމަ މިޖަލްސާއަށްޓަކައި ވަނީ ސުޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ތައްޔާރުކުރައްވައިފައި. ޢިމާރާތް ކުރައްވައިފައި. އޭގެއިތުރުން ވަރަށްބޮޑު ދެ ޢިމާރާތް، އާދެ، ޢިމާރާތޭ ދެންނެވީމާ ތިޔަބޭފުޅުންނަށް ފަހަރެއްގައި އިހުސާސް ކުރައްވަން ދަތިފުޅުވެދާނެ. އެ ޢިމާރާތުގެ ބޮޑުކަމާއި އުސްކަމާއި، އެތާނގައި ތައްޔާރުކުރެވިފައިވާ އެކިއެކި ބައިބައިގެ ފުރިހަމަކަމާ. އެހެންނަމަވެސް، ތިޔައިގެ ތެރެއިން ވަރަށްގިނަ ބޭފުޅުން ދެކެވަޑައިގަންނަވާނެ، ދުނިޔޭގެ މުހިންމު އަދި ބޮޑެތި ހޮޓާތައް. އާދެ، އިންޓަރ ކޮންޓިނެންޓަލް ނުވަތަ ޝެރެޓަން. އެފަދަ ނަންނަމުން ނަންދީފައިވާ ހޮޓާތައް ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ހުރޭ. އެހޮޓާތަކުގެ ފެންވަރަށް މިދެންނެވި ޢިމާރާތްތައް ސުޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ހައްދަވައިފައިވަނީ. އޭގެތެރެއިން އެއްޢިމާރާތަކީ ސުޢޫދީ ޢަރަބިއްޔާގެ ޠާއިފްގައި ހުންނަ އިންޓަރކޮންޓިނެންޓަލް ހޮޓެލް. އެ ޢިމާރާތް ބިނާކުރެއްވީވެސް ހަމަ މި ކޮންފަރެންސަށްޓަކައި. އޭގެއިތުރަށް ޠާއިފާއި މައްކާއާ ދޭތެރޭގައި ވަރަށްބޮޑު މަގެއް ވަރަށް ފުޅާކޮށް، ވަރަށް ފުރިހަމަކޮށް ހައްދަވައިފައިވޭ. ފަރުބަދަ ގޮއްވައިގެން ފަރުބަދަތެރޭން އެ މަގު ގޮސްފައިވަނީ. ޠާއިފަކީ ގާތްގަނޑަކަށް ކަނޑުގެ ސަޠުޙުން ހަހާސް ފޫޓުގެ އުސްމިނުގައިވާ ރަށެއް. މައްކާއަކީ އެއަށްވުރެ މާ ތިރީގައިވާ ތަނެއް. އެހެންވީމާ، ފަރުބަދަތަކުގެ ތެރޭންލައިފައި ސުޢޫދީ ޢަރަބިއްޔާގެ ސަރުކާރުން އެ ހައްދަވައިފައިވާ ބޮޑުމަގު އެކަނި ފެނުނު ކަމުގައިވިޔަސް، އެ ސަރުކާރުގެ ފަރާތުން މި ޖަލްސާތަކަށް ދެއްވި އަހަންމިއްޔަތު ރަނގަޅަށް އިހުސާސް ކުރެވޭނެ.
 
އާދެ، މިދެންނެވީ މާއްދީގޮތުން އެ ޖަލްސާތަކަށްޓަކައި ސުޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވައިފައިވާ އަހަންމިއްޔަތު. އަދި  މަޢުނަވީގޮތުން، އާދެ، އެއީ މާއްދީގޮތުން ކުރެއްވި ޚިދުމަތްތަކުގެ އިތުރަށް ސުޢޫދީ ޢަރަބިއްޔާގެ ސަރުކާރުން މި ޖަލްސާ ކާމިޔާބު ކުރުމަށްޓަކައި ކުރައްވައިފައިވާ މަސައްކަތްތައް އެއީވެސް އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ހިތަށް ގެންނަންވެސް ކުޅަދާނަވާވަރަށްވުރެ މާފުރިހަމަ އަދި މާ މަތިވެރި ޚިދުމަތްތަކަކާއި މަސައްކަތްތަކެއް. ޖަލްސާގެ ރެކޯޑުތައް ބެލެހެއްޓުމާއި، ވަގުތުން ތަރުޖަމާކުރުމާއި، ޖަލްސާގެ މަންޒަރުތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޓެލެވިޜަންގެ ޛަރީޢާއިން ފޮނުވުމާ، އެހެންގޮސް މި ޖަލްސާ އެއީ ކާމިޔާބު އަދި ތާރީޚީ ޖަލްސާއަކަށް ހެއްދެވުމަށްޓަކައި ސުޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ކުރައްވައިފައިވާ މިންނެތް މަސައްކަތްތައް އެއީ އެވަގުތު އެތާނގައި ހުރި މީހަކަށް ނޫނީ ކުޑަކޮށްވެސް ތަޞައްވުރު ކުރެވޭނެ ޚިދުމަތްތަކެއް ނޫން. ހަމައެއާއެކުގައި ސުޢޫދީ ޢަރަބިއްޔާގެ ރައްޔިތުންގެ ފަރާތުން މި މުޢުތަމަރަށް ލިބުނު އިޚުލާޞްތެރިކަމާއި އަދި ތެދުވެރި ޝުޢޫރުތައް އެއީވެސް އެ މުޢުތަމަރުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތްތައް ވަރަށް އިޚުލާޞްތެރިކަމާއެކުގައި ޝުކުރު އަދާކުރާ ޚިދުމަތްތަކަކާއި ޝުޢޫރުތަކެއް.
 
އާދެ، ދެން ޖަލްސާތަކުގެ މައްޗަށް ވަރަށް އަވަސްގޮތަކަށް ނަމަވެސް ނަޒަރެއް ހިންގައިލުމަކީ އަޅުގަނޑު ހިތުން ތިޔަބޭފުޅުންވެސް އިންތިޒާރު ކުރައްވާނެ ކަމެއް. އެހެންކަމަށް ވުމާއެކުގައި ޖަލްސާގެ ބައެއް ވާހަކަ ދަންނަވައިލުމަށް އަޅުގަނޑު ދެން މި ކުރިމަތިލަނީ. އެންމެ ފުރަތަމަ ފާހަގަކޮށްލެވޭ ކަމަކީ ޖަލްސާ ކުރެވެމުންދިޔަ ޖައްވު. އެކުވެރިކަމާއި ރަޙްމަތްތެރިކަމުގެ ޖައްވު. މީގެކުރިން ވާހަކަފުޅު ދެއްކެވި އަލްއުސްތާޛު ފަތުޙުﷲ ޖަމީލް އެވާހަކަ ވަނީ ވަރަށް ސާފުކޮށް ތިޔަބޭފުޅުންނަށް ވިދާޅުވެދެއްވައިފައި. ކޮންމެއަކަސް މީގެކުރިން އެއްވެސް އިސްލާމީ ކޮންފަރެންސެއްގައި ފާޅުވެގެންނުދާފަދަ އެކުވެރިކަމާއި އުޚުއްވަތްތެރިކަމުގެ ޝުޢޫރުތަކެއް މި ޖަލްސާގައި ފާޅުވެގެންދިޔަ. އަޅުގަނޑު ދަންނަވައިލާނަން ހަމައެކަނި އެއް މިސާލު. ތިޔަބޭފުޅުންނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ފަދައިން، އިސްލާމީ ޤައުމުތަކަކީ އެއް އުންމަތެއްގެ ޤައުމުތަކެއް ކަމުގައިވިޔަސް، ބައެއްފަހަރަށް އެކިއެކި ސިޔާސީ މައްސަލައިގައި ދޭދޭ އިސްލާމީ ޤައުމުގެ ދެމެދުގައި ހަމަނުޖެހުން އުފެދިފައިހުރޭ. އާދެ، އޭގެތެރެއިން އެއް މައްސަލައެއް ހުޅަނގު ސަހަރާގެ މައްސަލަ. އެފްރިކާގެ ވަރަށް ހުޅަނގުގައި އޮންނަ ތަނެއް އެއީ. އެތަން ގުޅިފައިވަނީ އެއްފަރާތުން މަޣުރިބުކަރަޔާ ނުވަތަ މޮރޮކޯއާ. ހަމައެފަދައިން، އަނެއް ފަރާތުން ގުޅިފައިވަނީ އަލްޖޭރިޔާއާ ނުވަތަ އަލްޖަޒާއިރާ. އެ މައްސަލައިގައި މޮރޮކޯއާއި އަލްޖޭރިޔާއާ ދެމެދުގައި ވަނީ ޚިލާފު އުފެދިފައި. އެ ޚިލާފަކީ މިހާރު ވަރަށް ދުވަސްވެސްވެއްޖެ ޚިލާފެއް. ކިތަންމެ މަސައްކަތެއް ކުރެވުނު ކަމުގައިވިޔަސް، މީގެކުރިން ޙައްލަކަށް ގެނެވިފައިނުވާ ޚިލާފެއް އެއީ.
 
އެކަން އެހެން އޮއްވައި، މި ޖަލްސާގައި މޮރޮކޯގެ ރަސްގެފާނު ކިންގ ޙަސަން ދެވަނަ، އެ ރަސްގެފާނާއި އަލްޖޭރިޔާގެ ރައީސް ޝާޒްލީބިންޖަދީދު އާ މިދެބޭފުޅުން ބައްދަލުވެވަޑައިގަތީ އިއްތިފާޤުން، ދިމާވިގޮތުން كعبة اللهގެ ދޮރުކޮޅުމަތިން. އާދެ،كعبة اللهގެ ދޮރުކޮޅަށް އަރަން ހުންނަ ސިޑިއެއްގެ މަތިން އެދެބޭފުޅުން ބައްދަލުވެވަޑައިގެންނެވީ. ކުރިން އެއްގޮތަކަށްވެސް އެޕޮއިންޓްމަންޓެއް ހެއްދެވުމަކާނުލައި، اللّـه سبحـانـه وتعـالى މިންވަރު ކުރެއްވި ގޮތެއްގެ މަތިން އެދެބޭފުޅުންނަށް ބައްދަލުވެވަޑައިގެންނެވުނީ މިދެންނެވި މާތް މަޤާމުގައި. ކުއްލިއަކަށް އެއްބޭފުޅަކަށް އަނެއް ބޭފުޅަކު ފެނިވަޑައިގަތުމާ އެކުގައި ވަރަށްހޫނުކަމާ އެކުގައި ސަލާމްކުރައްވައި ހެޔޮއެދުންތައް ފާޅުކުރެއްވީ. އެމަންޒަރު ދުށް މީހުން އެފޮޓޯ ނަގައިގެން ވަރަށްބޮޑުކޮށްގެން ސުޢޫދީ ޢަރަބިއްޔާގެ ނޫސްތަކުގައި ޖަހައިފައިވޭ. އަދި އޭގެ ތިރީގައި [إِنَّ هَـٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِމިފަދަ އާޔަތްތައް ލިޔެފައިވޭ. އެއިން ދޭހަވީ އެއްޗަކީ اللّـه سبحـانـه وتعـالىގެ މިންވަރާއި އެކަލާނގެ ތައުފީޤުން މިޖަލްސާގެ ސަބަބުން އެ މައްސަލަވެސް ޙައްލުވެގެން އެ ދިޔައްޔޭ. އެ އިސްލާމީ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ޚިލާފު، ކަންދިމާކުރިގޮތުން،كعبة الله ގެފުޅުގެ އަރިހުގައި ޙައްލުވެގެން ދިޔައްޔޭ. އާދެ، މިފަދަ މާތް ރޫޙެއް، މިފަދަ މާތް އިސްލާމީ ރޫޙެއް މުޅި ޖަލްސާއަށް ވެރިވެފައި އޮތީ. އެހެންކަމަށްވުމާއެކުގައި މި ޖަލްސާ އެއީ އެހާ ކާމިޔާބު ޖަލްސާއަކަށް ވެގެންދިޔައީ.
 
އާދެ، ދެން ޖަލްސާގައި ބަޙުޘްކުރެވުނު މައްސަލަތަކުގެ ތެރެއިން އެންމެ މުހިންމު މައްސަލައަކީ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، އަލްޤުދްސުގެ މައްސަލަ. އަލްޤުދްސަކީ އެރަށުގައި މުސްލިމުންގެ ފުރަތަމަ ޤިބްލަ، އަދި މުސްލިމުންގެ ތިންވަނަ ޙަރަމްފުޅު އެކުލެވިގެންވާ މާތް ބިން. އަޅުގަނޑުމެން އެންމެންގެ ހިތުގައި ޚާއްޞަ ޤަދަރެއް ދެވިފައިވާ އަލްމަސްޖިދުލް އަޤްޞާ ވަނީ ޤުދްސުގައި. އެހެންކަމުން ޤުދްސަކީ އަޅުގަނޑުމެން މުސްލިމުންގެ ހިތުގައި ވަރަށް މަތިވެރި ޤަދަރަކާއި ޝަރަފެއް ދެވިފައިވާ ތަނެއް. އާދެ، އެއީ އަޅުގަނޑުމެންގެ ފުރަތަމަ ޤިބްލައާއި ތިންވަނަ ޙަރަމްފުޅު އެރަށުގެ ތެރޭގައިވާތީ. ޤުދްސުގެ އަހުލުވެރިން މިވަގުތުވަނީ އަނިޔާވެރި ބައެއްގެ އަނިޔާގެ ދަށުގައި ވެފައި. އާދެ، އިސްރާއީލޭ ކިޔުނު ޤައުމުގެ ސިފައިންގެ ރަހުނުގެ ދަށަށް ވަނީ ޤުދްސުގެ އަހުލުވެރިން ވެއްޓިފައި. އެމީހުންގެ މުޤައްދަސް ޢިމާރާތްތައް ދަނީ އިސްރާއީލުގެ މީހުން ހަލާކު ކުރަމުން. ޤުދްސުގެ އަހުލުވެރިންނަށް ވަރަށްބޮޑެތި އަނިޔާކޮށް ނިކަމެތިކަން ރައްދުކުރަމުންދަނީ އިސްރާއީލު މީހުން. އެމީހުންގެ ޙައްޤުތައް އެމީހުންގެ ކިބައިން ވަކިކުރަމުން އެމީހުން ގެންދަނީ. އަދި ޤުދްސަކީ އިސްރާއީލުގެ ދާއިމީ، އަދި ދުވަހަކުވެސް ބައިބައި ނުވާނެ ވެރިރަށް ކަމުގައި މިހާރުވަނީ އިސްރާއީލުގެ ފަރާތުން އިޢުލާނު ކޮށްފައި. އެހެންނަމަވެސް، ތާރީޚީގޮތުން އަލްޤުދްސަކީ މުސްލިމުންގެ ތަނެއް. އެއީ ފަލަސްޠީނުގެ ރަށެއް. އެހެންކަމަށް ވުމާއެކުގައި އެތަނަކީ ދުވަހަކުވެސް މުސްލިމުން ދޫކޮށްލާނެ ތަނެއް ނޫން. އެތަން މިނިވަންކުރުމުގެ ޖިހާދަކީ މުޅި އިސްލާމީ އުންމަތުގެ އެންމެހައި އަފްރާދުން ކުރަން މިހާރު ޢަޒުމު ކަނޑައަޅައިފައިވާ ޖިހާދެއް. އެހެންވުމާއެކުގައި މި ޖަލްސާގައި ޤުދްސުގެ މައްސަލައަށް ދީފައިވަނީ ވަރަށްމަތީ އަހަންމިއްޔަތެއް. އަދި މި ޖަލްސާއިން ނިންމި އެންމެ މުހިންމު ނިންމުމަކީ ޤުދުސް މިނިވަންކުރުމަކީ މިޒަމާނުގެ އިސްލާމީ ޖީލުގެ ކޮނޑުގައި އެޅިފައިވާ އެންމެ އިސް ވާޖިބު ކަމުގައި ބެލުން.
 
އާދެ، ޤުދްސުގެ މައްސަލައާއި އަދިވެސް އިސްލާމީ ވެރިންގެ ތިންވަނަ ޖަލްސާގައި ބަޙުޘް ކުރެވުނު އެހެން މައްސަލަތަކާއި އެ މައްސަލަތަކާ ބެހޭގޮތުން ނިންމުނު ނިންމުންތައް "މައްކާ ޑެކްލަރޭޝަން" މި ނަމުން ނަންދެވިފައިވާ، ވަރަށް މުހިންމު ލިޔުމެއްގައި ބަޔާންކުރެވިފައިވޭ. އެލިޔުމަކީ ވަރަށް ތާރީޚީ އަދި އެހާމެ މުހިންމު ލިޔުމެއް. އަންނަން އޮތް ޖީލުތަކަށްވެސް މި މަތިވެރި އިސްލާމީ މުޢުތަމަރުގައި އެއްބަސްވެވުނު އެއްބަސްވުންތަކާއި ނިންމުނު ނިންމުންތަކާއި ކަނޑައެޅުނު ޢަޒުމްތައް ސާފުކޮށް ބަޔާންކޮށްދީފައިވާ ތާރީޚީ ލިޔުމެއް އެ ލިޔުމަކީ. އާދެ، އެލިޔުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވުނުކަން އެއީ އަޅުގަނޑު ހިތުން ތާރީޚީގޮތުން ބެލިނަމަވެސް ރާއްޖެއަށް ލިބުނު ވަރަށްބޮޑު ޝަރަފެއް، އަދި ފަޚްރެއް.
 
ސިޔާސީ މައްސަލަތަކުގެ ތެރެއިން މި ޖަލްސާގައި ބަޙުޘް ކުރެވުނު އެންމެ ބޮޑު އަނެއް މައްސަލައަކީ ފަލަސްޠީނުގެ މައްސަލަ. އެ މައްސަލައަކީ ތިޔަބޭފުޅުންނަށް އިތުރަށް ދަންނަވަން ބޭނުން މައްސަލައެއް ނޫން. ތިޔަބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ފަދައިން، ފަލަސްޠީނުގެ ރައްޔިތުން ވަނީ އެމީހުންގެ ގެދޮރުން ބޭރުކޮށްލެވިފައި. އެމީހުންގެ އަމިއްލަ ވަޒަނުން ބޭރުކޮށްލެވިފައި. އެމީހުންގެ ޙައްޤުތަކުން މަޙުރޫމު ކުރެވިފައި. އެހެންވުމާއެކުގައި ފަލަސްޠީނުގެ ރައްޔިތުންނަށް، ފަލަސްޠީނުގެ މުސްލިމް ރައްޔިތުންނަށް އެމީހުންގެ ޙައްޤުތައް އަނބުރައި ލިބިދިނުމާއި، އެމީހުންގެ ބިންތައް މިނިވަންކުރުމާއި އަދި އޭގެއިތުރުން އިސްރާއީލު ހިފައިފައިވާ ޢަރަބި ޤައުމުތަކުގެ އެހެން ހުރިހާ ބިންތަކެއްވެސް މިނިވަންކޮށް، އެ ޤައުމުތަކުގެ ޙައްޤުތައް އެ ޤައުމުތަކަށް ރައްކާތެރިކޮށްދީ، އަދި އެ މާތް މަޤްޞަދުގައި މަތިވެރި ޖިހާދެއް ކުރުން އެއީ މި މުޢުތަމަރުން ފާސްކުރި އެންމެ މުހިންމު އެއް ފާސްކުރުން. އާދެ، އިސްލާމީ ޖިހާދަކަށް މި މުޢުތަމަރު ވަނީ ގޮވައިލައިފައި. ތެދުތެދަށް ދަންނަވަނީނަމަ، އެ ޖިހާދުގެ ފެށުން ވަނީ މި މުޢުތަމަރުގައި އިޢުލާނު ކުރެވިފައި.
 
އާދެ، ޖިހާދުގެ މާނައަކީ އިސްލާމީ އިޞްތިލާޙުގައި ވަރަށް ޚާއްޞަ މާނަތަކެއް އެކުލެވިގެންވާ މާނައެއް. އާދެ، އެއީ ހަމައެކަނި ހަތިޔާރުގެ ބޭނުންކޮށްގެން ހަނގުރާމަ ކުރުމެއްނޫން. ހަތިޔާރުގެ ބޭނުންކޮށްގެން ހަނގުރާމަ ކުރުމުގެ އިތުރަށް މަޤްޞަދު ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ އެހެން ހުރިހާ މަސައްކަތްތަކެއް ކުރުމާއި، ވާންޖެހޭ އެހެން ހުރިހާ ޤުރްބާނީތަކެއްވުން އެއީވެސް ޖިހާދުގެ މާނައިގައި ހިމެނިގެންވާ ކަމެއް. އާދެ، އެހެންކަމަށްވުމާއެކު، މި މުޢުތަމަރުގެ ފަރާތުން މި އިޢުލާނުކުރި މުޤައްދަސް ޖިހާދުގައި އެކުލެވިގެންވަނީ، އަލްޤުދްސު މިނިވަން ކުރުމަށާއި އަދި ޤުދްސު ފިޔަވައި ފަލަސްޠީނުގެ އެހެން ބިންތައް މިނިވަންކުރުމަށާއި، އަދި އިސްރާއީލު މީހުން ހިފައިފައިވާ މުސްލިމް އެހެނިހެން ޤައުމުތަކުގެ ބިންތައް މިނިވަންކުރުމަށްޓަކައި އިސްލާމީ އުންމަތަށް ލިބިގެންވާ ހުރިހާ ބާރުތަކެއް ތައްޔާރުކުރުން.
 
އާދެ، އިސްލާމީ އުންމަތް ހިމެނިފައިވަނީ ވަރަށް މުއްސަނދި އުންމަތެއް ކަމުގައި. އިސްލާމީ އުންމަތުގެ ވަރަށްގިނަ ޤައުމުތަކުގައި ތެޔޮ އުފައްދާ. ތެލަކީ މިއަދުގެ ދުނިޔޭގައި ވަރަށްމަތީ އަގެއް އެއަށް ލިބެމުންދާ އެއްޗެއް. ތެޔޮ އުފައްދާ ޤައުމުތަކަކީ ދުނިޔޭގައި ވަރަށް މުއްސަނދި ވަރަށް ބާރުގަދަ ޤައުމުތަކެއް. اللّـه سبحـانـه وتعـالىގެ މިންވަރުފުޅުން އިސްލާމީ ޤައުމުތަކުގެ ތެރެއިން ވަރަށްގިނަ ޤައުމަކީ މި މަތިވެރި ނިޢުމަތް ލިބިފައިވާ ޤައުމުތަކެއް. އެހެންކަމުން، މިއަދުގެ އިސްލާމީ އުންމަތަކީ ވަރަށް މުއްސަނދި ވަރަށް ބާރުގަދަ އުންމަތެއް. އިސްލާމީ އުންމަތަށް اللّـه سبحـانـه وتعـالى ދެއްވައިފައި މިވާ މަތިވެރި ނިޢުމަތްތައް އޭގެ އެންމެ ފުރިހަމަގޮތުގައި ބޭނުންކޮށްގެން ހުރިހާ ބާރުތަކެއް ތައްޔާރުކޮށްގެން މި މަތިވެރި ޖިހާދު ކުރުމަށް މި މުޢުތަމަރުން ވަނީ ފާސްކޮށްފައި. އެއީ އަޅުގަނޑު މިދެންނެވި ޖިހާދަކީ. އަޅުގަނޑުމެންނަށް ޢަމަލީގޮތުން ހަތިޔާރުގެ ބޭނުންކޮށްގެން ހަނގުރާމަ ކުރެވެން އަންނަނީ، އެ ހަނގުރާމައަށް ފުރިހަމައަށް ތައްޔާރުވެގެން. އެ ހަނގުރާމައަށް ތައްޔާރުވުމަށްޓަކައި ބޭނުންވަނީ ހަމައެކަނި ހަތިޔާރެއް ނޫން. އެ ހަނގުރާމައަށްޓަކައި ބޭނުންވާވަރަށް، ބޭނުންކުރެވިދާނެ ވަރަށް ގިނަގުނަ އެހެން ކަންތައްތަކެއްވެސް އެބަހުރި. އޭގެތެރޭގައި އިސްލާމީ އުންމަތަށް ލިބިފައިވާ މުއްސަނދިކަން، އެމީހުންނަށް ދުނިޔޭގައި ލިބިފައިވާ ޤަދަރު، އަދި އެމީހުންގެ ތާރީޚާއި އެމީހުންގެ ޘަޤާފަތުން، އަދި އެމީހުންގެ މާތް ދީނުން އެމީހުންނަށް ލިބިފައިވާ ޤަދަރާއި ޢިއްޒަތާއި، މާތް އުސޫލުތައް، މިހުރިހާ އެއްޗެއްގެ ބޭނުންކޮށްގެން މި ޖިހާދު ކުރިއަށް ގެންގޮސްގެން ޤުދްސާއި ފަލަސްޠީނާއި އަދި އެހެނިހެން މުސްލިމް ޤައުމުތައް، އިސްރާއީލު މީހުންގެ އަތްދަށުން މިނިވަންކުރުން އެއީ މި ޖިހާދުގެ އެންމެބޮޑު ބޭނުން.
 
 އާދެ، ޤުދްސުގެ ވާހަކަ ދައްކާއިރު، ޤުދްސު މިނިވަންކުރުމަށްޓަކައި ބައިނަލްއަޤްވާމީ ގޮތުން ކުރެވެމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ، ވަރަށް މުހިންމު މަސައްކަތެއްގެ ވާހަކަވެސް ދަންނަވައިލަން އެބަޖެހޭ. އާދެ، އެއީ ބައިނަލްއަޤްވާމީ ޤުދްސު ފަންޑު. ބައިނަލްއަޤްވާމީ ޤުދްސު ފަންޑެއްވަނީ އިސްލާމީ ކޮންފަރެންސްގެ ފަރާތުން އުފައްދައިފައި. އެ ފަންޑަށް އެކިފަރާތްތަކުން ދަނީ ފައިސާ ޙިއްޞާކުރަމުން. އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީވެސް އިސްލާމީ އުންމަތުގެ ޤައުމަކަށް ވުމާއެކުގައި ދިވެހިރާއްޖޭގައިވެސް ވަނީ ޤުދްސު ފަންޑެއް އުފެއްދިފައި. އަދި އެ ފަންޑަށް ދަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން ވަރަށް މަތިވެރި ތަރުޙީބެއް ލިބެމުން.
 
 އާދެ، އަޅުގަނޑުގެ ވާހަކަ ފެށުމާ އެކުގައި އަޅުގަނޑު ދެންނެވިން. އިސްލާމީ ޤައުމުތަކުގެ ކުރިމަތީގައި ދިވެހިރާއްޖެއަށް މި ޖަލްސާތަކުން އެއްވެސްކަހަލަ ފަޚްރެއް، ނުވަތަ ޝަރަފެއް، ނުވަތަ ރީތިނަމެއް، ނުވަތަ ތަޢުރީފެއް ލިބިފައިވާނަމަ، އެކަމުގެ ޙައްޤުވެރި ފަރާތަކީ ތިޔަބޭފުޅުންނޭ، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނޭ. އަދި އަޅުގަނޑު ދަންނަވައިލިން، އެކަމުގެ ބައެއް ހެކި އަޅުގަނޑު ދަންނަވާނަމޭ. އާދެ، އަޅުގަނޑު މިހާރު މި ދަންނަވަން އުޅެނީ އެކަމުގެ ވަރަށް އަލިގަދަ ހެއްކެއް. ވަރަށް ފުރިހަމަ ދަލީލެއް. އާދެ، ޤުދްސު ފަންޑަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން ވަރަށް މަތިވެރި އެހީތަކެއް ލިބެމުން އެބަދޭ. މިއަދުގެ ނިޔަލަށް ޤުދްސު ފަންޑަށް އެއްލައްކަ ސޯޅަހާސް ފައްސަތޭކަ އަށްޑިހަ ހަތްރުފިޔާ ސާޅީސްހަލާރި ލިބިފައިވޭ. މިފައިސާ ދިވެހިސަރުކާރުން ގަސްދުކުރަނީ ރަސްމީ ރޭޓުން ބަދަލުކޮށްފައި ބައިނަލްއަޤްވާމީ ޤުދްސު ފަންޑަށް ފޮނުވަން. އާދެ، ރަސްމީ ރޭޓުން ބަދަލުކުރީމާ މިހާރު އަޅުގަނޑުމެންނަށް ޖަމާވެފައި މިވާ ފައިސާއަށް ޖެހެނީ އޮނަތިރީސްހާސް ހަސަތޭކަ ފަސްދޮޅަސް ހަ އެމެރިކާ ޑޮލަރު.
 
 އާދެ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ އަޅުގަނޑުމެންނަކީ ވަރަށް ކުޑަކުޑަ، އިސްލާމީ ޤައުމެކޭ. އަޅުގަނޑުމެންގެ ޤައުމުގެ ރައްޔިތުންގެ ޢަދަދު ވަރަށްމަދޭ. އަޅުގަނޑުމެންނަށްވުރެ އެތައް ގުނައެއް ގިނަ ރައްޔިތުންގެ މައްޗަށް އެކުލެވިގެންވާ ބައެއް އިސްލާމީ ޤައުމުތަކުން ޤުދްސު ފަންޑަށް ދެއްކި ފައިސާއަށްވުރެ މާގިނަ އަދަދަކަށް މިހާރުވެސް އަޅުގަނޑުމެންނަށް ފައިސާ ދެއްކެން އެބައޮތޭ. އާދެ، އިސްލާމީ ޤައުމުތަކުގެ ތެރެއިން އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ރައްޔިތުންގެ 490 ގުނަ އެކުލެވިގެންވާ ޤައުމެއް، އެންމެ ފުރަތަމަ ޤުދްސު ފަންޑަށް ދައްކައިފައިވަނީ އޮނަވިހިހާސް ޑޮލަރު. އަޅުގަނޑުމެންގެ ޤައުމަށްވުރެ މީހުންގެ ނިސްބަތުން 490 ގުނަ އޮތް ޤައުމެއް އެއީ. ސަރަޙައްދުގެ ގޮތުން ބެލިނަމަވެސް އަޅުގަނޑުމެންގެ ރާއްޖެއަށްވުރެ އެތައްހާސް ކީއްކުރަންތޯ، އެތައް މިލިއަން ބައެއް ބޮޑު ޤައުމެއް. އެމީހުން އެންމެ ފުރަތަމަ ޤުދްސު ފަންޑަށް ދެއްކީ އޮނަވިހިހާސް ޑޮލަރު. އަޅުގަނޑުމެން މިހާރުވެސް ދައްކަން މިތިބީ އޮނަތިރީސްހާސް ޑޮލަރު. އާދެ، ހަމައެފަދައިން އަޅުގަނޑުމެންނަށްވުރެ 80 ގުނަ އިތުރު ޤައުމެއް، އެހެން އިސްލާމީ ޤައުމެއް. އެ ޤައުމުގެ ފަރާތުން އެންމެ ފުރަތަމަ ޤުދްސު ފަންޑަށް ދައްކައިފައިވަނީ ދިހަހާސް ޑޮލަރު. އަޅުގަނޑުމެން ދިވެހިރާއްޖޭގެ ނިކަމެތި ރައްޔިތުން މިހާރުވެސް އޮނަތިރީސް ހާހަށްވުރެ ގިނަ ޢަދަދަކަށް ޑޮލަރު ލިބޭވަރުގެ ދިވެހި ފައިސާގެ ޢަދަދެއްވަނީ ޤުދްސު ފަންޑަށް ޖަމާކުރައްވައިފައި. އެ ޖަމާކުރެއްވީ ކިހިނެއްތޯ. އަޅުގަނޑުމެންނަކީ މުއްސަނދި ބައެއް ނޫން. ތަނަވަސް ބައެއް ނޫން. އަޅުގަނޑުމެން ދިރިއުޅެމުން މިގެންދަނީ އަޅުގަނޑުމެން ކުރާ މަސައްކަތަކުން ލިބޭ އެއްޗަކުން. އަޅުގަނޑުމެންގެ ގިނަ މީހުންނަކީ، ސަތޭކައިން ނުވަދިހަ ނުވަ މީހުންނަކީ އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން ދެކޮޅުޖެއްސޭ ބައެއް ނޫން. އެކަން އޮތީ އެހެންކަމަށްވުމާއެކުގައި، އަޅުގަނޑުމެންގެ ދިވެހި ރައްޔިތުން ހިތުންރުހުމުން ޤުދްސު ފަންޑަށް އެފައިސާ ދައްކަނީ، ކިހާ މަތިވެރި އިސްލާމީ ރޫޙެއް ދިވެހި ރައްޔިތުންގެ ހިތްތަކުގައި އުފެދިފައި އޮވެގެންތޯ. އެއީ ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ މަތިވެރި ވަރުގަދަ އިސްލާމީ ރޫޙެއްގެ ސަބަބުން. އެހެންވީމާ، މިފަދަ ކަންތައްތައް މިފަހަރު މައްކާގަޔާއި ޠާއިފްގައި މި ބޭއްވުނު އިސްލާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ވަފްދުތަކަށް އިވިވަޑައިގަތުމުން، އެބޭފުޅުންގެ ހިތްޕުޅުތަކުގައި ދިވެހިރާއްޖެއާ ދޭތެރޭގައި އުފެދިގެންދާނެ ތަޢުރީފާއި އަދި ޝުކުރުގެ ޝުޢޫރުތައް ތިޔަބޭފުޅުންނަށް ރަނގަޅަށް ވަޒަންކުރެއްވޭނެ. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، މި ޖަލްސާގެ ސަބަބުން ދިވެހިރާއްޖެއަށް އެއްވެސްކަހަލަ ރީތި ނަމެއް، ތަޢުރީފެއް، ފަޚުރެއް ލިބިފައިވާނަމަ އެފަޚުރަކާއި، އެތަޢުރީފަކާއި، އެ ރީތި ނަމެއް އެ ލިބުނީ ހަމަ ތިޔަބޭފުޅުންގެ ސަބަބުންނޭ. ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ސަބަބުންނޭ.
 
 އާދެ، ދެން އިސްލާމީ ވެރިންގެ މި މުހިންމު ދައުރުގައި ބަޙުޘް ކުރެވުނު އެންމެ މުހިންމު ސިޔާސީ ދެ މައްސަލައަކީ، އީރާނާއި ޢިރާޤުގެ ހަނގުރާމައިގެ މައްސަލަ. އަނެއް މައްސަލައަކީ އަފްޣާނިސްތާނުގެ މައްސަލަ. އީރާނާއި ޢިރާޤަކީ އަޅުގަނޑުމެންގެ ހިތުގައި ވަރަށް ޚާއްޞަ މަޤާމެއް ދެވިފައިވާ ވަރަށް މުހިންމު މުސްލިމް ދެ ޤައުމު. އެ ދެޤައުމުގެ ދެމެދުގައި އެހިނގާ ހަނގުރާމައިގެ ސަބަބުން މަރުވެގެންދާ މީހުންނަކީ އަޅުގަނޑުމެންފަދަ މުސްލިމުން. އޮހޮރިގެންދަނީ އިސްލާމީ ޢަޒީޒް ލޭތަކެއް. އެހެންކަމުން މި ހަނގުރާމަ ހުއްޓުވުމަކަށް ގެނައުމަކީ އިސްލާމީ ޤައުމުތަކުގެ ވެރިން ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދެއްވި ކަމެއް. މި ޖަލްސާގައި ކަންދިމާކުރިގޮތުން، އެ ދެޤައުމުން އެއްޤައުމެއްގެ ވަފްދު ބައިވެރިއެއްނުވޭ. އެހެންނަމަވެސް، މިޖަލްސާގައި އެ މައްސަލަ ބަޙުޘް ކުރެވުނު. އަދި އެ މައްސަލައާ ބެހިގެން އެކަށީގެންވާ ޤަރާރުތަކެއް ފާސްކުރެވުނު. އެ ޤަރާރުތައް ފާސްކުރުމުގައި ދިވެހިރާއްޖޭގެ ވަފްދަށް ކިތަންމެ ކުޑަނަމަވެސް ބައެއް އަދާކުރުމުގެ ފުރުޞަތު ލިބުނުކަން އެއީ اللّـه سبحـانـه وتعـالى ދިވެހިރާއްޖެއަށް ލެއްވި މަތިވެރި ތައުފީޤެއް ކަމުގައި ނުވެނުދާނެ.
 
 އާދެ، ދިވެހިރާއްޖޭގެ ފަރާތުން މި ހަނގުރާމައާ ބެހޭގޮތުން ހުށަހެޅި ހުށަހެޅުމަށް މުޅި ޖަލްސާގެ އިއްތިފާޤު ލިބުނު. އެއީ އިސްލާމީ ކޮންފަރެންސްގެ ފަރާތުން އެ މައްސަލަ ހަމަޖެއްސުމަށްޓަކައި ކުރިއްސުރެ ހޮވައިފައިވާ ކޮމިޓީ އެއަށްވުރެ ބޮޑު ކޮމިޓީއަކަށް ހެދުން. އަދި އެކޮމިޓީގައި އެކުލެވިގެންވާ މެންބަރުން ކަނޑައެޅުން. އެ ކޮމިޓީގެ އަދަދު އިތުރުކުރުމާއި އަދި އެ ކޮމިޓީގައި ހިމެނެންޖެހޭނެ ޤައުމުތައް އެކުލެވިގެންވާ ހުށަހެޅުމެއް ހުށަހެޅީ ދިވެހިރާއްޖޭގެ ފަރާތުން. އޭގެކުރިން އެހެން ޤައުމެއްގެ ރައީސަކު އެހެން ކޮމިޓީއެއް ހުށަހަޅުއްވައިފައި އޮތް. އެހެންނަމަވެސް، މުޅި ޖަލްސާގެ އިއްތިފާޤުން ފާސްވީ ދިވެހިރާއްޖޭގެ ފަރާތުން ހުށަހެޅި ހުށަހެޅުން. އާދެ، ކުރިއަށް އޮތް ތާނގައި މި ކޮމިޓީ ހަރަކާތްތެރިވެވަޑައިގަންނަވާނެ. އެ ކޮމިޓީ އެކުރައްވާ މަސައްކަތްތަކުގެ ސަބަބުން އަޅުގަނޑުމެންނަށް މިހާރު މި ހިތްދަތިކަން މިގެނެސްދޭ ހަނގުރާމަ ހުއްޓުމަކަށް އައުމަކީ ވަރަށް އެކަށީގެންވާ ކަމެއް. އަދި އެއީ އަޅުގަނޑުމެން ހުރިހާ މުސްލިމުން އެންމެބޮޑަށް މިއަދު އުންމީދުކޮށްކޮށް މިތިބި ކަމަކީވެސް.
 
 އާދެ، ދެން އޮތީ އަފްޣާނިސްތާނުގެ މައްސަލަ. އަފްޣާނިސްތާނަކީވެސް މުސްލިމް ޤައުމެއް. މިނިވަން ޤައުމެއް. ވަކިފަރާތަކަށް ނުޖެހޭ ޤައުމެއް. އެހެންނަމަވެސް މިއަދު އެމީހުންނަށް ކުރިމަތިވެފައިވަނީ ވަރަށް ނުރައްކާތެރި ކަންތައްތަކެއް. އަފްޣާނިސްތާނުގެ މުސްލިމް ރައްޔިތުންގެ މިނިވަންކަން އޮތީ ގެއްލިފައި. އެމީހުންގެ އިސްލާމީވަންތަކަން އެއީވެސް ގެއްލިގެން ހިނގައިދާނެ ކަމެއް ކަމުގެ ބިރު މިހާރުވަނީ ފެނިފައި. ވަކިފަރާތަކަށް ނުޖެހޭ ޤައުމެއްގެ ގޮތުގައި އަފްޣާނިސްތާން އޮންނަ އޮތުން އެއީވެސް މިހާރު ފެންނަގޮތުން ވަރަށް އަވަހަށް ގެއްލިގެން ހިނގައިދާނެ ކަމެއް. މިހުރިހާ ކަމެއް މިހެން އޮތުމާއެކުގައި، އަފްޣާނިސްތާނުގެ މައްސަލައަށް އިސްލާމީ ޤައުމުތަކުގެ ވެރިންގެ ޖަލްސާގައި ވަރަށްމަތީ އަހަންމިއްޔަތެއް ދިން. އަދި އަފްޣާނިސްތާނުގެ މުޖާހިދުންގެ ފަރާތުން ވާހަކަ ދައްކާނެ މަންދޫބަކަށް، އެޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުޞަތުވެސް ކޮންފަރެންސްގެ ފަރާތުން ދިން. އޭނާ ދެއްކެވި ވާހަކަފުޅުގެ ސަބަބުންނާއެކުގައި އިސްލާމީ ޤައުމުތަކުގެ މިޖަލްސާއިން އަފްޣާނިސްތާނާ ދޭތެރޭގައިވެސް އެކަށީގެންވާ ޤަރާރުތަކެއް ފާސްކުރި. އަދި އިސްލާމީ ޤައުމުތަކުގެ ޚިޔާލަކީ، މިކަމުގައި ކަމާބެހޭ ހުރިހާ ފަރާތްތަކުންވެސް ވަރަށްބޮޑު އަހަންމިއްޔަތެއް ދޭނެ ޚިޔާލުތަކެއްކަން ކަށަވަރު. އެހެންކަމާއެކުގައި އިސްލާމީ ކޮންފަރެންސުން މި މައްސަލަ ޙައްލަކަށް ގެނައުމަށްޓަކައި، މިކުރި މަސައްކަތްތައް އެއީވެސް ކާމިޔާބު މަސައްކަތްތަކަކަށްވުމަކީ އެއްގޮތަކަށްވެސް ދުރުގައި އޮންނާނެ ކަމެއް ނޫން.
 
 އާދެ، މިދެންނެވީ ބޮޑެތި ސިޔާސީ މައްސަލަތައް. ޖަލްސާތަކުގެ އިތުރަށް، މި ޖަލްސާގެ ފުރުޞަތު ވަރަށްގިނަ ޒަޢީމުން ބޭނުންކުރެއްވި، ދޭދޭ ޤައުމުގެ ލީޑަރުން ބައްދަލު ކުރެއްވުމަށް. އަދި ދޭދޭ ޤައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރެއްވުމަށް. އެގޮތުން ލިބުނު ފުރުޞަތު އެއީ އަޅުގަނޑު ދަންނަވާނީ އެއްގޮތަކުން ބަލާއިރު ޖަލްސާތަކަށްވުރެ ވަކި މުހިންމުކަން ކުޑަކަމެއް ނޫނޭ. އެގޮތުން ރާއްޖޭގެ ފަރާތުން ދިޔަ ވަފުދަށްވެސް ބޭރުގެ އިސްލާމީ ވަރަށްގިނަ ޤައުމުތަކުގެ ވެރިންނާ ބައްދަލުކުރުމުގެ ފުރުޞަތު ލިބުނު. ވަރަށްގިނަ ޤައުމުތަކުގެ ރަސްރަސްކަލުންނާއި އަދި ރައީސުންނާއި ނުވަތަ އަމީރުންނާ ބައްދަލުކުރުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ލިބުނު. އެ ފުރުޞަތަކީ އަޅުގަނޑު ދަންނަވާނީ ވަރަށް ބޭނުންތެރި ފުރުޞަތެކޭ. ދިވެހިރާއްޖެ އިސްލާމީ ދުނިޔެއަށް ތަޢާރުފު ވެގެންދިޔުމާއި، އަދި ދިވެހިރާއްޖެއަކީ މީގެ ނުވަސަތޭކަ އަހަރުން ފެށިގެން މިހާތަނާ ޖެހެންދެން ސަތޭކައިންސަތޭކަ އިސްލާމީ ޤައުމެއްކަމާއި، ރާއްޖޭގެ ރައްޔިތުން އިސްލާމްދީން ދޫކޮށްލުމަށްޓަކައި ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގެ ތާރީޚުގައި އެކިފަހަރުމަތިން ކޮށްފައިވާ މަސައްކަތްތައް ނާކާމިޔާބުވެފައިވާކަމާއި، ރާއްޖޭގެ ރައްޔިތުންނަކީ އަބަދުވެސް އިސްލާމްދީނަށް ތަބަޢަވާނެ، އިސްލާމްދީނަށް ލޯބިކުރާނެ، އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭނެ، އަދި އިސްލާމީ ހިދާޔަތުން ދުވަހަކުވެސް އެއްކިބާވެގެން ނުދާނެ ބައެއްކަން ހާމަކޮށްދިނުމުގެ ފުރުޞަތު މިފަހަރު އަޅުގަނޑުމެންނަށް ލިބުނު. އެކަމުގެ ސަބަބުން ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮތް އިސްލާމީ ކިއްލާއެއްކަން، ހުރިހާ ޤައުމުތަކުގެ ރައީސުންނާއި ޒަޢީމުންވެސް ގަބޫލުކުރެއްވި.
 
އާދެ، އިޤުތިޞާދީ ގޮތުން ބަލާއިރުވެސް މި މުހިންމު ދައުރުން ވަރަށްގިނަ ކަންތައްތަކެއް ފާސްވެގެންދިޔަ. އޭގެ ސަބަބުން އިސްލާމީ ޤައުމުތަކަށް އެތަކެއް އެހީތަކާއި ގިނަގުނަ ފައިދާތަކެއް ހާސިލުވާނެކަމާމެދަކު ޝައްކެއްނެތް. މިކޮންފަރެންސުން އެއްބަސްވެވުނީ އިސްލާމީ ޤައުމުތަކުގައި އިޤުތިޞާދީ ގޮތުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމާއި އެއްބާރުލުން އާލާކޮށް ކުރިއަށް ގެންދިޔުމަށް. ޚާއްޞަކޮށް، އިސްލާމީ ޤައުމުތަކުގެ ތެރެއިން އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށް ޚާއްޞަގޮތެއްގައި ބޮޑެތި ޤައުމުތަކުން އެހީވެދިނުމަށް މި ކޮންފަރެންސުން ފާސްވި. އާދެ، ސުޢޫދީ ޢަރަބިއްޔާގެ ހުށަހެޅުމަކަށް ކޮންފަރެންސްގެ އިއްތިފާޤުން ފާސްވީ، އިސްލާމީ ޤައުމުތަކުގެ ތެރެއިން އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތައް އިޤުތިޞާދީ ގޮތުން ތަރައްޤީ ކުރުމަށްޓަކައި ޚާއްޞަ ފަންޑެއް ހުޅުވުމަށް. އެ ފަންޑަށް ތިންހާސް މިލިއަން ޑޮލަރު ޖަމާކުރުމަށް. އާދެ، ތިންހާސް މިލިއަން ޑޮލަރަކީ ވަރަށްބޮޑު އަދަދެއް. އަޅުގަނޑުމެންގެ ހިތަށް ގެންނަން ދަތިވެސް އަދަދެއް. އެހެންނަމަވެސް ވަރަށް އުފަލާއެކު އަޅުގަނޑު މިދަންނަވަނީ، އެ ބޮޑު އަދަދުގެ ތިންބައިކުޅަ ދެބަޔަށްވުރެ ގިނަ އަދަދަކަށް އެންމެ ދެދުވަހުގެ ތެރޭގައި އެކޮންފަރެންސްގައި ފައިސާ ލިބިގެން ހިނގައްޖެއޭ. އާދެ، ތިންހާސް މިލިއަން ޑޮލަރުގެ މައްޗަށް އެކުލެވިގެންވާ މި ޚާއްޞަ ފަންޑަށް ސުޢޫދީ ޢަރަބިއްޔާގެ ފަރާތުން އެއްހާސް މިލިއަން ޑޮލަރު، ހަމަ އެންމެ ފުރަތަމަ ދުވަހު ދެއްކެވި. ކުވައިތުގެ ފަރާތުން ފައްސަތޭކަ މިލިއަން ޑޮލަރު، ޔުނައިޓެޑް ޢެރެބް އެމިރޭޓްސްގެ ފަރާތުން ފައްސަތޭކަ މިލިއަން ޑޮލަރު އަދި ޤަޠަރުގެ ފަރާތުން ތިންސަތޭކަ މިލިއަން ޑޮލަރު ދެއްކެވި. އެންމެ ފުރަތަމަ ދުވަހު ދެހާސް ތިންސަތޭކަ މިލިއަން ޑޮލަރު ވަނީ މި ފަންޑަށް ލިބިފައި. އެހެންވީމާ މި ފަންޑުގެ ކަންތައްތައް ކުރިއަށްދިޔުމާއެކުގައި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ އިސްލާމީ ޤައުމުތަކަށް އިޤުތިޞާދީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބެން ފަށާނެ.
 
އާދެ، އިޤުތިޞާދީ ކަންތައްތަކުގެ އިތުރަށް، ތަޢުލީމީ ގޮތުންނާއި ޘަޤާފީ ގޮތުންވެސް އެތައް މައްސަލަތަކެއް މި ޖަލްސާގައި ބަޙުޘްކުރެވުނު. އަދި އެކަށީގެންވާ ޤަރާރުތަކެއް ފާސްކުރެވުނު. ހުރިހާ އިސްލާމީ ޤައުމުތަކެއްގައިވެސް ތަޢުލީމީ ކަންތައްތައް އެއްގޮތްކުރުމާއި، ހުރިހާ މުސްލިމުންނަށް އިސްލާމްދީނުގެ މާތްއުސޫލުތައް އަންގައިދިނުމާއި، މުސްލިމުންގެމެދުގައި އެކަށީގެންވާ ހޭލުންތެރިކަމެއް އުފެއްދުމަށާއި، މިހުރިހާ ބޭނުންތެރި މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި ހުރިހާ ޤައުމުތަކުން އެއްބަސްވާ ތަޢުލީމީ އަދި ޘަޤާފީ ޕުރޮގުރާމެއް ރޭއްވުމަށް އެއްބަސްވެވުނު. އާދެ، މީގެކުރިން މިތަނުގައި ވާހަކަފުޅު ދެއްކެވި އެހެން ބޭފުޅަކު ވިދާޅުވިފަދައިން، އިސްލާމީ ޤައުމުތަކުގެ ހޭލުންތެރިކަމަކީ ސުޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ޖަލާލަތުލް މަލިކު ޚާލިދު ބިން ޢަބްދުލްޢަޒީޒް، އެމަނިކުފާނުގެ އިފްތިތާޙީ ޚިޠާބުގައި ވިދާޅުވިފަދައިން، އިސްލާމީ ޤައުމުގެ ހޭލުންތެރިކަމަކީ އެއްވެސް ދީނަކާ ދެކޮޅަށް، އެއްވެސް ޤައުމަކާ ދެކޮޅަށް، އެއްވެސް ވަކިބަޔަކާ ދެކޮޅަށް އުފެދިފައިވާ ހޭލުންތެރި ކަމެއް ނޫން. ހަމައެކަނި މުސްލިމުންގެ ކަންތައްތައް ތަރައްޤީކޮށް، މުސްލިމުން މިއަދު ވެއްޓިފައިވާ ވަޅުގަނޑުން އެމީހުން ސަލާމަތްކޮށް، މުސްލިމުންނަށް ނަޞްރާއި ނަޞީބު ހޯދައިދިނުމަށްޓަކައި، އެ ހޭލުންތެރިކަމެއް އުފެއްދުމަށްޓަކައި އިސްލާމީ ޤައުމުތަކުގެ ފަރާތުން މަސައްކަތް ކުރަމުންގެންދާ ހޭލުންތެރިކަމެއް.
 
އާދެ، މި ނުކުތާގައި ޖަލްސާގައި ފާހަގަކުރެވުނު ވަރަށް މުހިންމު ޕޮއިންޓެއް ދަންނަވައިލަން އަޅުގަނޑު ބޭނުންވޭ. އެއީ އިސްލާމީ ޤައުމުތަކުގެ ފަރާތުން މިކުރާ ޖިހާދަކީ ފަހަރެއްގައިވެސް ވަކި ދީނަކާ ދެކޮޅަށްކުރާ ޖިހާދެއް ނޫނޭ. އެއީ ޔަހޫދީ ދީނާ ދެކޮޅަށްކުރާ ޖިހާދެއް ނޫނޭ ނުވަތަ ޔަހޫދީންނާ ދެކޮޅަށް ކުރާ ޖިހާދެއްވެސް ނޫނޭ. އެއީ ޔަހޫދީންގެ ތެރެއިން ބައެއް ކަމުގައިވާ ޞަހްޔޫނީންނޭ ކިޔުނު މީހުންނާ ދެކޮޅަށް ކުރާ ޖިހާދެކޭ. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އެއީ ޔަހޫދީންގެ ތެރެއިން ވަރަށްމަދު ބައެއް. ހުރިހާ ޔަހޫދީންނަކީ ޞަހްޔޫނީންނެއް ނޫން. ޞަހްޔޫނީންނަކީ އޭގެތެރެއިން ޚާއްޞަ ޚިޔާލުތަކެއް ގެންގުޅޭ ބައެއް. އެމީހުން ބުނާގޮތުގައި ނީލަކޯރާއި ފުރާތުކޯރާ އެދެމެދުގައިވާ ބިން އެއީ ޔަހޫދީންގެ ޤައުމީ ބިން. އަދި ޢަރަބި ކަރައިގެ، ޙިޖާޒްކަރައިގެ މައްކާއާއި މަދީނާ އެއީވެސް އެމީހުންގެ ޤައުމީ ބިމުގައި އެކުލެވިގެންވާ ތަނެއް. އެމީހުންގެ ރޭވުން އޮތީ މިހުރިހާ ބިންތަކެއް ހާސިލުކުރުމުގެ މައްޗަށް ބިނާވެފައި. މިދިޔަ ޤަރުނުން ފެށިގެން އެމީހުންގެ ސިއްރު ޖަލްސާތައް ކުރަމުން އައިސް، އެމީހުންގެ ސިއްރު ރޭވުންތަކެއް ރާވައި، އެކަން ދުނިޔޭގެ އިސްތިޢުމާރީ ބާރުތަކުގެ އެހީގައި ކުރިއަށް ގެންދިޔައީ. އެ ގެންދިޔަ ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ފަލަސްޠީން އަޅުގަނޑުމެންނަށް ގެއްލިފައިވަނީ. މިއަދު ޤުދްސު އަޅުގަނޑުމެންނަށް ގެއްލިފައިވަނީ. ޢަރަބި ޤައުމުތަކުގެ ވަރަށްގިނަ ބިންތައް މިއަދު އަޅުގަނޑުމެންނަށް ގެއްލިފައިވަނީ. އެއީ ދުނިޔޭގައި ތިބި ޔަހޫދީންގެ ކަމެއް ނޫން. ޔަހޫދީންގެ ތެރެއިން ހިމެނޭ ޞަހްޔޫނީންގެ ކަންތައްތައް. އެހެންވީމާ އަޅުގަނޑުމެންގެ މި ހޭލުންތެރިކަމަކީ، އަދި އެ ހޭލުންތެރިކަމުގެ މައްޗަށް ބިނާވެފައިވާ މި ޖިހާދަކީ ވަކި ދީނަކާ ދެކޮޅަށް ކުރާ ޖިހާދެއް ނޫން. ވަކި ދީނެއްގެ އަހުލުވެރިންނާ ދެކޮޅަށް ކުރާ ޖިހާދެއް ނޫން. ޔަހޫދީންގެ ޞަހްޔޫނީންނާ ދެކޮޅަށް، އަދި އެ ޚިޔާލު ގެންގުޅޭ މީހުންނާ ދެކޮޅަށް، އަދި މުސްލިމުންގެ ޙައްޤުތައް ހަޖަމްކޮށްލައިގެން ތިބި މީހުންނާ ދެކޮޅަށް ކުރާ ޖިހާދެއް.
 
އާދެ، މިހާރުވެސް އަޅުގަނޑު ގަސްދުކުރި ވަރަށްވުރެ ވާހަކަ ތަންކޮޅެއް ދިގުވެއްޖެ. އެހެންނަމަވެސް، އަޅުގަނޑުގެ ވާހަކަ ނިންމައިލެވެން އަންނަނީ، މި ޖަލްސާއިން ލިބުނު ނުވަތަ ޖަލްސާއިން ލިބޭނެކަމަށް އުންމީދު ކުރެވޭ ނަތީޖާތަކާ ދޭތެރޭގައިވެސް ކޮންމެވެސް އެއްޗެއް ދަންނަވައިލުމަށްފަހުގައި. އެންމެ ފުރަތަމަ ނަތީޖާއެއް ކަމަށް އަޅުގަނޑަށް ފެންނަނީ، އިސްލާމީ ޤައުމުތަކަކީ ދުނިޔޭގައި ވަރަށް ބާރުގަދަ ޤައުމުތަކެއް ކަމުގައި ފާހަގަވެގެންދިޔުން. ދުނިޔޭގެ ޞުލްޙައަށާއި ޢަދުލު އިންސާފަށް މަސައްކަތްކުރާ އަދި އެބައެއްގެ ޙައްޤުތަކުން މަޙްރޫމުވެފައި ތިބި، ދުނިޔޭގެ ހުރިހާ މީސްތަކުންނަށް އެ ޙައްޤުތައް ލިބިދިނުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ޖަމާޢަތެއްގެ ގޮތުގައި އިސްލާމީ ޖަމާޢަތް އަލުން މި އުފެދުނީ. މުސްލިމުންގެ މެދުގައި ޙަޤީޤީ އެކުވެރިކަމާއި ޙަޤީޤީ އެއްބާރުލުން އުފެދިގެން މިދިޔައީ. މުސްލިމުންގެ މެދުގައި މިދެންނެވިފަދަ ޙަޤީޤީ އެކުވެރިކަމާއި ޙަޤީޤީ އެއްބާރުލުމެއް އުފެދިއްޖެނަމަ، އެމީހުންނަކީ އަޅުގަނޑު ކުރިންވެސް އިޝާރާތްކުރި ފަދައިން ދުނިޔޭގައި މިވަގުތު ހިމެނިފައިވާ އެހެނިހެން ޖަމާޢަތްތަކަށްވުރެ މާ  ބާރުގަދަ ޖަމާޢަތަކަށް ވެގެންދާނެކަމާމެދަކު އެއްވެސް ޝައްކެއްނެތް. އެހެންވީމާ، މި މުޢުތަމަރުން އަޅުގަނޑުމެންނަށް ލިބުނު އެންމެ ފުރަތަމަ ނަތީޖާއަކީ އިސްލާމީ ޤައުމުތަކަކީ ވަރުގަދަ ވަޙުދަތެއްގެ މައްޗަށް ބިނާވެގެންވާ ޤައުމުތަކެއް ކަމުގައިވުން. މުސްލިމުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އުފެދުން. އެއް ޤައުމުގެ މީހުން އެހެނިހެން ޤައުމުތަކުގެ މީހުންނަށް އެހީތެރިވުމުގެ އުސޫލު އަޅުގަނޑުމެންގެ ހިތްތަކުގައި އަށަގަނެ އަދި އެ އުސޫލުތަކަށް ޢަމަލުކުރަމުން ގެންދިޔުން. އެއީ މިޖަލްސާއިން އަޅުގަނޑުމެންނަށް ލިބުނު އެންމެ ފުރަތަމަ ނަތީޖާ.
 
އާދެ، ދެން މި ޖަލްސާއިން ނުވަތަ މި ޖަލްސާގައި ފާސްކުރެވުނު ފާސްކުރެވުންތަކުގެ ސަބަބުން އިސްލާމީ އުންމަތަށް ލިބެންއޮތް އަނެއް ފައިދާއަކީ، މުސްލިމުންގެ އެކއެކި މުހިންމު މައްސަލަތައް އެކަށީގެންވާ ޢަދުލުވެރި އިންސާފުވެރި ޙައްލަކާ ހަމަޔަށް ގެންދިޔުމުގައި، އިތުރުބާރެއް މި މުޢުތަމަރުގެ ފަރާތުން ލިބިގެން ދިޔުން. އާދެ، އޭގެތެރެއިން ބައެއް މައްސަލަތަކުގެ ވާހަކަ އަޅުގަނޑު ކުރިން ދަންނަވައިލިން. ޤުދްސުގެ މައްސަލަ، ފަލަސްޠީނުގެ މައްސަލަ، އަފްޣާނިސްތާނުގެ މައްސަލަ، އަދި އޭގެއިތުރަށްވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެމީހުންގެ ޙައްޤުތަކުން މަޙްރޫމުވެގެންވާ މުސްލިމް ޖަމާޢަތްތަކެއް އެބައުޅޭ. އެހުރިހާ ޖަމާޢަތްތަކުގެ ޙައްޤުތައް އެމީހުންނަށް ލިބިދިނުމުގައި އަދި މުޅި ދުނިޔޭގައި ޞުލްޙަވެރިކަމާއި އަމްނުއަމާންކަމާއި، ޢަދުލު އިންސާފު ފެތުރުމަށްޓަކައި މަސައްކަތް ކުރުމުގެ އެންމެބޮޑު ބާރު، އިސްލާމީ އުންމަތުގައި ހިމެނިފައިވާ މި ބޮޑު ބާރު މި މުޢުތަމަރުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭނެކަމާމެދަކު ޝައްކެއްނެތް. އެހެންވީމާ، މިހާތަނާ ޖެހެންދެން ޙައްލު ނުކުރެވި ހުރި ބޮޑެތި ބައިނަލްއަޤްވާމީ މައްސަލަތައް ޙައްލަކާ ހަމަޔަށް ޢަދުލުވެރި އިންސާފުވެރި ޝަރަފްވެރި ޙައްލަކާ ހަމަޔަށް ގެންދިޔުމުގައި، މިކޮންފަރެންސްގެ ސަބަބުން ވަރަށްބޮޑު ބާރެއް ލިބޭނެކަމާމެދަކު ޝައްކެއްނެތް.
 
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނީވެސް ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި މަރުޙަބާއަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަމުން. އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މި މަރުޙަބާއަކީ އަޅުގަނޑަށް ޙައްޤުވެގެންވާ މަރުޙަބާއެއް ނޫން. މި މަރުޙަބާ ޙައްޤުވެގެންވަނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް. ދިވެހިރާއްޖޭގެ ސަތޭކައިންސަތޭކަ އިސްލާމް ރައްޔިތުންނަށް. އެހެންވުމާއެކުގައި ދިވެހިރާއްޖޭގެ ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވި މަރުޙަބާ އަޅުގަނޑު އަނބުރައި ރައްދުކުރަނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް. ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން މި ޖަލްސާގައި ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުންނަށްވެސް ވަރަށް އިޚުލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އާދެ، ވައިކަރަދޫ އަލްފާޟިލް އާދަމް ޔޫސުފް، ތިނަދޫ އަލްފާޟިލް މުޙައްމަދު ޒުހައިރު، އަދި ރީޙުއްޞަބާ އަލްފާޟިލް އިބްރާހީމް ޙަސަން، މިހުރިހާ ބޭފުޅުންނަށް ތެދުވެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެފަދައިން، ރާއްޖޭގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް އޮނަރަބްލް އަލްއުސްތާޛު ފަތުޙުﷲ ޖަމީލުގެ އަރިހަށްވެސް ޝުކުރު ދަންނަވަން.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނީ، اللّـه سبحـانـه وتعـالى އަށް، ދިވެހިރާއްޖެއަށް ނަޞްރާއި ނަޞީބު ދެއްވުން އެދި ދުޢާކުރަމުން. މުޅި އިސްލާމީ އުންމަތަށް، އެ އުންމަތުގެ އަހުލުވެރިން އެކުރާ މަތިވެރި އުންމީދުތަކާ ހަމަޔަށް ވާސިލުވުމުގެ ހެޔޮ ތައުފީޤު اللّـه سبحـانـه وتعـالى އެމީހުންނަށް ދެއްވުން އެދި ދުޢާކުރަމުން. އަލްމަސްޖިދުލް ޙަރާމްގެ ރިޙާބުގައި اللّـه سبحـانـه وتعـالى ޠާހިރު ކުރެއްވި މުޤައްދަސް كعبةاللهގެ އަރިހުގައި އެންމެހައި އިސްލާމީ ޤައުމުތަކުގެ ރަސްރަސްކަލުންނާއި ވެރިން އެކުރެއްވި މާތް ދުޢާ އިޖާބަ ކުރެއްވުން އެދި اللّـه سبحـانـه وتعـالىގެ އަރިހުގައި ދުޢާ ދަންނަވަމުން. އިސްލާމީ އުންމަތަކީ اللّـه سبحـانـه وتعـالى ކަނޑައަޅުއްވައިފައިވާ ފަދައިން އެއް އުންމަތެއް ކަމުގައި ލެއްވުމަށް އެދި ދުޢާކުރަމުން. އަދި އެއް އުންމަތެއް ކަމުގައި ހެދުމަށްޓަކައި އިސްލާމީ ޤައުމުތަކުގެ ޒަޢީމުންނާއި، އެ ޤައުމުތަކުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް اللّـه سبحـانـه وتعـالى މަތިވެރި ތައުފީޤެއް ދެއްވުން އެދި ދުޢާކުރަމުން. މިއަދު އެމީހުންގެ ޙައްޤުތަކުން މަޙްރޫމުވެފައިވާ ހުރިހާ މުސްލިމުންނަށް އެމީހުންގެ ޙައްޤުތައް ލިބިގަނެވޭނެ މަގެއް اللّـه سبحـانـه وتعـالى ފަހިކޮށްދެއްވުން އެދި އެކަލާނގެ ޙަޟްރަތަށް ދުޢާކުރަމުން. އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ އަބަދުވެސް އިންޑިއާ ކަނޑުގައި އޮތް ހަމައެކަނި އިސްލާމީ ކިއްލާ ކަމުގައިވުމާއެކުގައި، މި އިސްލާމީ ކިއްލާގެ ބާރު ގަދަކުރެއްވުމަށާއި، މި އިސްލާމީ ކިއްލާ ޢިއްޒަތްތެރި ކުރެއްވުމަށާއި، މި އިސްލާމީ ކިއްލާ ޝަރަފްވެރި ކުރެއްވުމަށާއި، ދުނިޔޭގެ އެންމެންގެ ކުރިމަތީގައި މި އިސްލާމީ ކިއްލާއަށް އިތުރު ތަޢުރީފާއި އިތުރު ޝަރަފް ލިބެމުންދާނެ ގޮތްތައް މެދުވެރިކޮށްދެއްވުން އެދި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް އިޚުލާޞްތެރިކަމާއެކު ދުޢާކުރަމުން. وآخر دعواهم أن الحمد لِلّـه ربِّ العالمين.

          والسّلام عليكم ورحمـة اللّـه وبركاته.