ބަރަކާތްތެރި ރަމަޟާންމަހާ އަޅުގަނޑުމެން އިސްތިޤްބާލު ކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރުކުރެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އަދި މިބަރަކާތްތެރި މައްސަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ދަންނަވަމެވެ. މި މުނާސަބަތުގެ ތަހުނިޔާ، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް، އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް މި ފުރްޞަތުގައި ދަންނަވަމެވެ.
 
ރަމަޟާން މަހަކީ މާތްﷲ އިސްލާމީ އުންމަތަށް ދެއްވި ރޫޙާނީ މަތިވެރި މައްސަރެކެވެ. އަޅުކަމާއި ތަޤުވާގެ އަގުހުރި ފުރްޞަތެކެވެ. ރަޙްމަތާއި ނިޢުމަތުގެ އާރެކެވެ. މިމައްސަރަކީ ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރު ކަމަށްވީހިނދު، މި މައްސަރުގެ މާތްކަމާއި އިތުރުކަން ބޮޑުވެގެންވެއެވެ. އެހެންކަމުން، މި މާތް މައްސަރުގެ ހެޔޮ ދަރުމައާއި ޘަވާބު ލިބިގަނެ، ރޯދައިގެ މަތިވެރި އަޅުކަން ފަރުވާތެރިކަމާއެކު އަދާކޮށް، ފަރުޟު ފަސްނަމާދަށް ރައްކާތެރިވެ، ކީރިތި ޤުރްއާން ކިޔެވުމަށް އިތުރު އަހަންމިއްޔަތެއް ދެއްވައިގެން، މި މައްސަރުގެ ދުވަސްތަކާއި ރޭތަކުގެ ވަގުތުތައް ހެޔޮގޮތުގައި ބޭނުންހިފުމަށް، ތިޔަ ލޮބުވެތި އެންމެހައި ދިވެހި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.
 
އަޅުގަނޑުގެ އުންމީދަކީ، މި ފެށުނު ބަރަކާތްތެރި ރަމަޟާންމަހަކީ، ހުރިހާގޮތަކުންވެސް ރާއްޖޭގެ ރައްޔިތުންނަށް ބާއްޖަވެރި އުފާވެރި އަދި ތަނަވަސްކަމުގެ މައްސަރެއް ކަމުގައި ވެގެންދިޔުމެވެ.
 
މާތްﷲ މި ބަރަކާތްތެރި މައްސަރުގެ ރޯދަ، ހެޔޮގޮތުގައި ހިފުމުގެ ތައުފީޤު ދެއްވައި، ﷲގެ ރަޙްމަތާއި ފުއްސެވުމާއި ރުއްސެވުން އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށިއެވެ. އަދި ރޯދައިގެ މަތިވެރި ދަރުމައާއި ޘަވާބު އިތުރުކުރައްވާށިއެވެ!