ޤައުމުގެ ޙައްޤުގައި މަސައްކަތް ކުރައްވާ ކަމަށް ވަންޏާ، ޤައުމު ނޭވާލުމަށް ފުރުޞަތު ދެއްވަންވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތި އުތުރުބުރީ ހޯރަފުށީގައި ޤާއިމްކުރެވިފައިވާ ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވުމަށްޓަކައި، އެ ރަށު ބަނދަރު ސަރަޙައްދުގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރުގެ އެންމެ ބޮޑު އެއް ޒިންމާއެއްގެ ގޮތުގައި އެމަނިކުފާނު ގަބޫލުފުޅު ކުރައްވަނީ، ރައްޔިތުންގެ އާމްދަނީ އިތުރުވާނެ ފަދަ ގޮތަކަށް، ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ކޮށްދިނުންކަމުގައެވެ.
ހޯރަފުށީ ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިގޮތުގައި، އެމަނިކުފާނަކީ ސިޔާސީ މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް ނޫންކަމަށާއި، މިކުރެވޭ މަސައްކަތަކީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ތަރައްޤީ ގެނެސްދިނުމައްޓަކައި ކުރައްވާ މަސައްކަތްޕުޅުތަކެއްކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ އެކިއެކި މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ހޯރަފުށީގެ އާންމު ޙާލަތު ރަނގަޅު ކުރެއްވުމަށް ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާއި، އިހަވަންދިއްޕޮޅު ޞަރަޙައްދަށް ޚާއްޞަކުރެވިފައިވާ "އައިހޭވަން" މަޝްރޫޢު، އަދި ޚާއްޞަކޮށް ބައިނަލްއަޤްވާމީ ސީޕޯޓެއް ރާއްޖޭގައި ބިނާކުރުމުގެ މަސައްކަތް ކުރިއައްގެންދަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ. އަދި، މިފަދަ ބޮޑެތި މަޝްރޫޢުތައް ނިމިގެންދާއިރު މުޅި ދިވެހިރާއްޖޭގެ ތަރައްޤީގެ ޗާޓްގެ މަލަމަތި ބަދަލުވެގެންދާނެ ކަމުގައިވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެމް.ޑީ.ޕީ.ގެ މެންބަރުންވެސް އެ ދާއިރާތަކަށް ތަރައްޤީ ގެންދަވަން ގަދައަޅާ މަސައްކަތް ކުރައްވަން ޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި، މި ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހިމެނޭ ގޮތަށް ބަޖެޓް ހުށަހެޅުމުން ވެސް، އެބޭފުޅުންނަށް ވޯޓް ދެއްވަން ފަސޭހަފުޅުނުވާކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި އެމް.ޑީ.އޭ ގެ ލީޑަރ އަޙްމަދު ސިޔާމް މުޙަންމަދާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމްއާއި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަލްފާޟިލް މުޙައްމަދު އިސްމާޢީލާއި، ހޯރަފުށީ ކައުންސިލުގެ ރައީސް އަލްފާޟިލް ޢަލީ ޢާރިފް ވާހަކަފުޅުދެއްކެވިއެވެ. މީގެ އިތުރުން، ހޯރަފުށީ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާއެއް ވެދުމަށް އެރުއްވިއެވެ. އެރަށު ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާ ވެދުމަށް އެރުއްވީ ހޯރަފުށީ ކައުންސިލުގެ ރައީސް އަލްފާޟިލް ޢަލީ ޢާރިފެވެ. މި ރަސްމިއްޔާތުގެ ކުރިން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމް ވަނީ ހޯރަފުށީ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ފައްޓަވާދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.