އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު އިންޓަރނޭޝަނަލް ޕެސެންޖަރ ޓާރމިނަލް ބިލްޑިންގުގެ މަޝްރޫޢު ފެއްޓެވުމައްޓަކައި، މިރޭ އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގަގައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ.

މިރޭ ބެއްވެވި ރަސްމިއްޔާތުގައި، އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު އިންޓަރނޭޝަނަލް ޕެސެންޖަރ ޓާރމިނަލް ޕްރޮޖެކްޓާއި ގުޅޭ ބިނާ ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވިއެވެ.

އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު އިންޓަރނޭޝަނަލް ޕެސެންޖަރ ޓާރމިނަލް ބިލްޑިންގުގެ މަޝްރޫޢުގެ ކޮންޓްރެކްޓްގައި ސޮއިކުރެއްވީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢާދިލް މޫސާއާއި، ސަޢުދީ ބިންލާދިން ގްރޫޕުގެ ރެޕްރެޒެންޓޭޓިވް ޢަބްދުލްޢަޒީޒު ބީ ބިންލާދިނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮނަރަބަލް މުޙައްމަދު ސަޢީދާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢާދިލް މޫސާއާއި، ސަޢުދީ ބިންލާދިން ގްރޫޕުގެ ރެޕްރެޒެންޓޭޓިވް ޢަބްދުލްޢަޒީޒު ބީ ބިންލާދިން މި ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވިމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.