بســم اللّـه الرّحمـن الرّحيــم
           
اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި، މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.
 
އާދެ، އަޅުގަނޑު މިއަދު ހެނބަދޫއަށް މިއައީ ދެންމެ މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއާޒް އެ ވިދާޅުވި ފަދައިން، މިހާރު އަޅުގަނޑު ނ. އަތޮޅުގެ، މީހުން އުޅޭ ރަށްރަށަށް ކުރާ ޒިޔާރަތެއްގައި. އެންމެ ފުރަތަމަ ހަމަޖެހިފައިވާ ގޮތުން، ހެނބަދޫއަށް އަންނަން އޮތީ އިއްޔެ. އެހެންނަމަވެސް، މޫސުމް ގޯސްވުމުގެ ސަބަބުން ނާދެވުނީ. މިދަތުރުގެ ބޭނުން، ތިޔަ ހުރިހާ ފަރާތްތަކަށްވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ހީކުރަން.
 
އާދެ، ދަތުރުގެ ބޭނުމަކީ، ރާއްޖެތެރޭގައި މީހުން ދިރިއުޅޭގޮތް ބަލައިލައި، އެމީހުންގެ ހާލު އަހުވާލު ދެކިލުން. ރާއްޖެތެރެއަށް ސަރުކާރުން ވެވެން އޮންނާނެ އެހީތަކަކީ ކޮބައިތޯ އޮޅުންފިލުވައި ހެދުން. ހަމައެފަދައިން، މަސައްކަތްތެރިކަން އިތުރުކުރުމަށާއި، ދިރިއުޅުމުގެ ކަންތައްތަކަށް އިތުރު ބާރެއްލުމަށް ނަޞޭޙަތްތެރިވުން. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުޑަކުޑަ ޤައުމެއްކަން. މާ ތަނަވަސް ޤައުމެއްވެސް ނޫންކަން. އެހެންނަމަވެސް އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ މިނިވަން، އަމިއްލަ ވެރިކަމެއްކުރާ ޤައުމެއް. އެހެންވުމާއެކު، އަޅުގަނޑުމެން ބޭނުންވަނީ ދުނިޔޭގެ މިނިވަން އެހެން ޤައުމުތަކެކޭ އެއްގޮތަށް، އެ ޤައުމުތަކާ އެއްސަފެއްގައި ކުރިއަށްދާން.  ރާއްޖެ އެކުލެވިގެންވަނީ ވަރަށް ކުދިކުދި ޖަޒީރާތަކެއްގެ މައްޗަށް. މިރަށް އެއީ އޭގެ މިސާލެއް. ރަށަކީ ކުޑަކުޑަ ރަށެއް. މީހުންގެ ޢަދަދުވެސް މާގިނައެއް ނޫން. އެކަމަކު މިރަށަކީވެސް ޒަމާނުއްސުރެ މިރަށުގައި މީހުން ދިރިއުޅެމުން އައިސްފައިވާ ރަށެއް. އަދި އަޅުގަނޑު ޔަޤީންކުރާ ގޮތުގައި މިރަށުގެ ރައްޔިތުން ބޭނުންވާނީވެސް ހަމަ އެގޮތަށް ތިބެން. އެހެންކަމުން، ރަށް ކުރިއެރުވުމަށްޓަކައި އަޅުގަނޑުމެން ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭނެ. މިހާރު ރާއްޖެތެރޭގެ ކަންތައްތައް ހުރި ފެންވަރު އެއީ، އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ހިތްހަމަޖެހޭ ފެންވަރަކަށް ނުވާނެ. ހުރިހާ ކަމެއްވެސް ވީ ވަރަށް އަވަހަށް ކުރިއަށް ގެންދަން. ތަޢުލީމު އެއީ އެންމެ މުހިންމު އެއް ޚިދުމަތް. އެ މުޖުތަމަޢަކުން އެ މުޖުތަމަޢުގެ ދަރިވަރުންނަށް، ކުޑަކުދިންނަށް ތަނަވަސްކޮށްދޭންޖެހޭ. މިރަށުގައި މަކްތަބެއް ހިނގަމުންދާތާ ވަރަށްގިނަ ދުވަސް ވެއްޖެ. އެއީ އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރާ ކަމެއް. އަދި މިރަށުގެ މަކްތަބުގެ ކުދިން އަޅުގަނޑުގެ ކުރިމަތީގައި މިހާރު އެތިބީ ވަރަށް ސާފު ރީތި ޔުނިފޯމުތަކެއްގައި. މިކަންކަމުން ދޭހަވަނީ މިރަށުގެ ރައްޔިތުން ތަޢުލީމަށް ބަހައްޓަވާ އަހަންމިއްޔަތު.
 
އާދެ، ތަޢުލީމަކީ ކުރިއެރުމުގެ އެންމެ ފުރަތަމަ ހަރުފަތް. އެހެންވުމާއެކު، ތަޢުލީމަށް ވަރަށްބޮޑު ސަމާލުކަމެއް އަޅުގަނޑުމެން ދޭންޖެހޭނެ. އަޅުގަނޑުމެންގެ ދަރިންނަށް އެދެވޭ ތަޢުލީމެއްދީގެން ނޫނީ، އަޅުގަނޑުމެންގެ މުސްތަޤްބަލް އެއީ ތަނަވަސް އުފާވެރި މުސްތަޤްބަލަކަށް ނުވާނެ. ހަމައެފަދައިން، އެކުދިންނަށްވެސް ރަނގަޅު ދިރިއުޅުމެއް ނުފެންނާނެ. އެހެންވީމާ، އަޅުގަނޑު އެންމެ ބޮޑަށް ގޮވައިލަނީ ކޮންމެ ރަށެއްގައިވެސް އެރަށެއްގައި ހިނގަމުންދާ މަކްތަބު ނުވަތަ މަދަރުސާ، ވީހާ ރަނގަޅަކަށް ހިންގަމުން ގެންދިޔުމަށް. ސަރުކާރުގެ ފަރާތުން ތަޢުލީމަށްދޭ އަހަންމިއްޔަތު، ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މިހާރު ރާއްޖޭގައިވެސް ސަރުކާރުގެ ޚަރަދުގައި ހިންގާ ޕްރައިމަރީ ސްކޫލެއް އެބަހުރި. އެ ސްކޫލުގެ ހުރިހާ ޚަރަދުތަކެއް ބަލަހައްޓަނީ ސަރުކާރުން. ހަމައެފަދައިން، ރާއްޖޭގެ ބައެއް އަތޮޅުތަކުގައި ކޮމިއުނިޓީ ސްކޫލުގެ ނަމުން ނަން ދެވިފައިވާ މަދަރުސާތަކެއްވެސް ހިނގަމުން އެބަދޭ. އަދި ކުރިއަށް އޮތް ތާނގައި އިތުރު މަދަރުސާތައް އުފެއްދުމަށް ވަނީ ސަރުކާރުން ގަސްދުކޮށްފައި. ސަރުކާރުން މިކުރާ މަސައްކަތްތައް ކާމިޔާބުވާނީ ރައްޔިތުން އެކަމުގައި އެއްބާރުލެއްވި މިންވަރަކުން. މިހާރު މި މަކްތަބު، އާދެ، އަޅުގަނޑުމެން މި ޖަލްސާ މިކުރާ މަކްތަބު، "މަކްތަބުލް މަޙްމޫދިއްޔާ" މިއީ ވަރަށްގިނަ ދުވަސްވީ މަކްތަބެއް. މިހާރު ރާއްޖެތެރެ ތަރައްޤީ ކުރުމަށް ކަނޑައެޅިފައިވާ މަޝްރޫޢުގެ ދަށުން މި މަކްތަބަށްވެސް ދަނީ އެހީ ލިބެމުން. އެއީ މެދުނުކެނޑި 10 އަހަރު ވަންދެން ހިނގާފައިވާތީ. މިހުރިހާ ގޮތްގޮތުން ސަރުކާރުން ވެދޭ އެހީތައް، އެއިން އެންމެ އެދެވޭ ފައިދާއެއް ލިބޭނީ މިކަމުގައި ރަށުގެ ވެރިންނާއި ރައްޔިތުން އެއްބާރުލެއްވި މިންވަރަކުން. ސަރުކާރުން ކިތަންމެ ބޮޑެތި ކަންތައްތަކެއް ރޭވިޔަސް، އަދި ކިތަންމެ ގިނަ ފައިސާތަކެއް ޚަރަދުކުރިޔަސް، އެއިން ލިބެންވާ އެއްވެސް ފައިދާއެއް ނުލިބޭނެ، ރައްޔިތުން އެއްބާރުނުލައްވާ ކަމަށްވަންޏަކާ. އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ، އަދި އިލްތިމާސަކީ ސަރުކާރުން ކުރާ ހުރިހާ ކަމެއްގައިވެސް ރައްޔިތުން ބައިވެރިވެވަޑައިގަތުން. ވީ އެންމެ ފުރިހަމަޔަކަށް ބައިވެރިވެވަޑައިގަތުން. އަދި އެހުރިހާ ކަމެއް ކުރިއަށް ގެންދިޔުމުގައި އެއްބާރުލައްވަންވީ އެންމެ ފުރިހަމަޔަށް އެއްބާރުލެއްވުން.
 
އާދެ، އަޅުގަނޑުމެންގެ އިޤުތިޞާދުވެސް ވަނީ ކުރިއަށް ގެންދަން ބޭނުންވެފައި. ޙަޤީޤަތުގައި އެއްވެސް ޤައުމެއް ކުރިއަށްދާނީ، އެ ޤައުމެއްގެ އިޤުތިޞާދު ކުރިއަށް ގޮސްގެން. އެ ޤައުމަކަށް ލިބޭ އާމްދަނީ، އެ ޤައުމެއްގައި ކުރާ މަސައްކަތްތައް ތަރައްޤީވެގެން. މަސައްކަތްތައް ތަރައްޤީވީމާ އާމްދަނީ އިތުރުވާނީ. އާމްދަނީ އިތުރުވެގެން ނޫނީ އެއްވެސް ޤައުމެއް ކުރިއަކަށް ނުދާނެ. އަޅުގަނޑުމެންގެ ރާއްޖެތެރޭގައި ކުރެވެން ހުންނަ މަސައްކަތްތަކެއް ހުރޭ. އެ މަސައްކަތްތައް ކުރިއެރުވޭތޯ އަޅުގަނޑުމެން ބަލަންވާނެ. އެ މަސައްކަތްތައް ދޫކޮށްލައިފިނަމަ، ދެން އަޅުގަނޑުމެންނަށް އެއްވެސް ކުރިއެރުމެއް ލިބޭނެ މަގެއް ފެންނާކަށެއް ނޯންނާނެ. ރާއްޖޭގެ އެންމެ މުހިންމު މަސައްކަތަކީ މަސްވެރިކަން. މިރަށުގެ މީހުންވެސް ކޮންމެވެސްވަރަކަށް މަސްވެރިކަން ކުރާ ކަމަށް އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް، ކުރަންވީވަރަށް މަސްވެރިކަން މިހާރު އޮންނަނީ ނުކުރެވިފައި. ހަމައެކަނި މިރަށުގައެއް ނޫން. ރާއްޖެތެރޭގެ ވަރަށްގިނަ ރަށްރަށުގައި، އަޅުގަނޑު މިދާ ދިޔުމުގައި، އަޅުގަނޑަށް އެނގޭ މަޢުލޫމާތަކީ، މަސްވެރިކަން މިހާރު ކުރެވެމުން ނުދާކަން. އޭގެ ބައެއް ސަބަބުތައް ހުންނަ ކަމަށްވެސް އެރަށްރަށުގެ މީހުން ބުނޭ. އާދެ، އެ ބައެއް ސަބަބު ހުރުން އެކަށީގެންވޭ. އެކަމަކު އަޅުގަނޑުގެ ވާހަކައަކީ، މަސައްކަތް ކޮށްގެންނޭ އެއްވެސް ކަމެއްގެ ނަތީޖާއަކާ ހަމައަށްދާނީ. މަސްވެރިކަމެއް ނެތޭ ކިޔައިފައި މަހަށް ނުގޮސް ތިބީމާ މަސްވެރިކަން އަޔަސް ނޭނގޭނެ. އަދި ރަށް ދޫކޮށްފައި އެހެން ތަންތަނަށް މަސައްކަތަށް މީހުން ގޮސް ތިބޭ ތިބުމުގައި މަސްވެރިކަން ރަށަށް އައި ކަމުގައިވިޔަސް، އެމީހުންނަކަށްވެސް ނޭނގޭނެ. އެހެންވީމާ، އަޅުގަނޑުމެން ހަމައެކަނި، އެކަހަލަ ސަބަބެއް މެދުވެރިވި ކަމުގައި ދެކިގެން އެކަމަށް ކުރަން އޮންނަ މަސައްކަތް ނުކޮށް ތިބެއްޖެނަމަ، އެއްވެސް ފައިދާއެއް ނުލިބޭނެ. ކުރިޔަކަށް ނުދާނެ.
 
އާދެ، މަސްވެރިކަން ފިޔަވައި، ރަށްރަށުގައި ކުރެވެން ހުންނަ އެހެން މަސައްކަތްތައްވެސް ހުރޭ. އެހުރިހާ މަސައްކަތްތަކެއްވެސް ޖެހޭނެ އަޅުގަނޑުމެން ކުރަން. މަސައްކަތް ކޮށްގެން، އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ. އެއްވެސް މީހަކު މަސައްކަތެއް ނުކޮށް، ހަމަހިމޭނުން ހުރުމަކީ އަޅުގަނޑުމެންނަށް މިއަދު ކުރެވެން އޮތް ކަމެއް ނޫން. އަދި އެއީ ރަނގަޅު ކަމެއްވެސް ނޫން. އެއްވެސް ނަޒަރަކުން ބަލާއިރު، ދީނީގޮތުން ބެލިނަމަވެސް މަސައްކަތް ކޮށްގެން ދިރިއުޅުމަކީ، ދީނުގައި އަންގަވައިފައިވާ ގޮތް. ކޮންމެ އިންސާނެއްވެސް އެމީހަކަށް ކުރެވެން އޮތް މަސައްކަތެއް ކުރުމަކީ ދީނުގައިވެސް އެކަން ހަމަޖައްސަވައިފައިވާގޮތް. އިޖުތިމާޢީ ގޮތުން ބަލާއިރުވެސް އެހެން މީހުންގެ އެހީތެރިކަމަށް އެދިގެން ތިމާ އެއްވެސް މަސައްކަތެއް ނުކޮށް، އެހެން މީހުންގެ އެހީގައި ދިރިއުޅުން އެއީ ވަރަށް ނޭދެވޭ ސިފައެއް. ތިމާގެ އަމިއްލަ ދިރިއުޅުން ތަނަވަސްކުރުމަށާއި، އަދި ތިމާގެ ޢާއިލާގެ ދިރިއުޅުން ރަނގަޅު ކުރުމަށް، އަދި އެންމެފަހުން ރަށުގެ ތަރައްޤީއަށާއި، ޤައުމުގެ ތަރައްޤީއަށް ތިމާ މަސައްކަތް ކުރަންޖެހޭނެ. މިހުރިހާ ކަމެއް ކުރިއަށްދާނީ، ހަމަ ތިމާ އެ ކުރަންޖެހޭ މަސައްކަތެއް ނުވަތަ ކުރަން އިޚުތިޔާރުކޮށްފައި އޮންނަ މަސައްކަތެއް ކޮށްގެން. އެއީ ކޮންމެ ބާވަތެއްގެ މަސައްކަތެއް ކަމުގައިވިޔަސް އެންމެ ރަނގަޅު. އެމީހަކަށް ކުރެވޭ މަސައްކަތެއްވާނެ އެމީހަކު ކުރަން. އެމީހެއްގެ އާމްދަނީ އިތުރުކުރެވޭތޯ ބަލަންވާނެ.
 
އާދެ، ހަމައެފަދައިން، އަޅުގަނޑުމެން ކުރިއެރުމަށްޓަކައި މަސައްކަތްކުރާ ފަދައިން، އަޅުގަނޑުމެންގެ މެދުގައި ހަމަޖެހުމާއި އެއްބާރުލުންވެސް އޮންނަންވާނެ. ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ބައެއްފަހަރަށް، އެކިއެކި ހަމަނުޖެހުން އުފެދިފައި ހުރޭ. އެކިއެކި މީސްމީހުންގެ މެދުގައި، ރަށުތެރޭގައި ބައެއްކަހަލަ ފިތުނަ އުފެދިފައި ހުރޭ. މިކަހަލަ ކަންތައްތައް އެއްގޮތަކަށްވެސް ހުރެގެން އަޅުގަނޑުމެންނަކަށް ކުރިއަކަށް ނުދެވޭނެ. އަދި އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވާތީ، އެކަހަލަ އެއްވެސް ބާވަތެއްގެ ހަމަނުޖެހުމެއް އަޅުގަނޑުމެންގެ ތެރޭގައި ހުރެގެން ނުވާނެ. މުސްލިމުންނަކީ އެއްބަނޑުއެއްބަފާ ބައެއް. ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ބަލަންޖެހޭނީ އަޅުގަނޑުމެން އެންމެންނަކީ އަޚުންތަކެއް ކަމުގައި. ކޮންމެ މީހަކުވެސް އެހެން މީހުންނާމެދު ޢަމަލުކުރަންޖެހޭނީ، ތިމާގެ އަޚަކާ ދޭތެރޭގައި ނުވަތަ އަޚުންނާ ދޭތެރޭގައި ޢަމަލުކުރާގޮތުގެ މަތިން. އެހީތެރިކަމާއި އެއްބާރުލުމުގެ ރޫޙު އެއީ އަޅުގަނޑުމެންގެ މެދުގައި ފެތުރިފައި އޮންނަންޖެހޭނެ އެއްޗެއް. އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުވަތަ ރުޅިވެރިކަމެއް، ފިތުނަވެރިކަމެއް އުފެދިގެން އަޅުގަނޑުމެންގެ ތެރޭގައި އެކަން ކުރިއަށްދާ ކަމަށްވަންޏާ، ކުރާ އެއްވެސް މަސައްކަތެއްގެ ނަތީޖާއެއް، ނުވަތަ ފައިދާއެއް ނުފެންނާނެ.
 
 އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ އަދި އިލްތިމާސަކީ، އަޅުގަނޑުމެންގެ މެދުގައި އުޚުއްވަތްތެރިކަމުގެ ގުޅުން، އެއްބަނޑުއެއްބަފާ ކަމުގެ ގުޅުން ފެތުރޭތޯ ބެލުން. ކޮންމެ މީހަކުވެސް ތިމާގެ ޙައްޤުތަކަށް، ތިމާގެ މުދަލަށް ރައްކާތެރިވާ ފަދައިން، އެހެން މީހުންގެ ޙައްޤުތަކަށާއި، އެހެން މީހުންގެ މުދަލަށް ނުވަތަ މުދާތަކަށް ރައްކާތެރިވާންވާނެ. ތިމާގެ އަމިއްލަ މަޞްލަޙަތަށްވުރެ ޖަމާޢަތުގެ މަޞްލަޙަތު، އެހެން މީހުންގެ، ތިމާ ދިރިއުޅޭ ޖަމާޢަތުގެ އެހެން މީހުންގެ މަޞްލަޙަތު އިސްކުރެވޭތޯ ބަލަންވާނެ. އެކަހަލަ ރޫޙެއް އަޅުގަނޑުމެންގެ މެދުގައި އޮވެގެން ނޫނީ އަޅުގަނޑުމެންނަށް ތަރައްޤީގެ މަގުގައި މާގިނަ ފިޔަވަޅުތަކެއް ކުރިއަކަށް ނޭޅޭނެ.
 
އާދެ، އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ މިދެންނެވީ. އަޅުގަނޑުމެން ކޮންމެ މީހަކުވެސް ދިރިއުޅުމަށް ކުރާ މަސައްކަތް އިތުރުކޮށް، އެމަސައްކަތުން ލިބޭ އެއްޗެއް އިތުރުކުރެވޭތޯ ބެލުން. އަދި އަޅުގަނޑުމެންގެ ރަށް ދޫކޮށްލައިފައި، އެހެން ތަންތަނަށް ދިޔުމުގެ ބަދަލުގައި، ރަށުގައި ތިބެގެން ކުރެވެންހުރި މަސައްކަތްތަކެއް ކުރުން. އޭރުން ރަށް ކުރިއަށްދާނީ. އަޅުގަނޑުމެން އެންމެން ރަށް ދޫކޮށްލައިފައި، އެހެން ތަންތަނަށް ގޮސް މަސައްކަތްކުރާ ކަމަށްވަންޏާ، ދެން ރަށް ކުރިއަރުވަން ތިބޭނީ ކޮންބައެއްތޯ؟ އެއީ ތިޔަބޭފުޅުން ކުރައްވަންވީ ސުވާލެއް. ހަމައެއާއެކުގައި، އަޅުގަނޑުމެންގެ މެދުގައި އޮންނަ ގުޅުން އެއީ، ހަމަޖެހޭ ރަނގަޅު އުޚުއްވަތްތެރި ކަމުގެ ގުޅުމެއް ކަމުގައި ހަދަންވާނެ.
 
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން މިރަށުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ބެހެއްޓެވި ޢިނާޔަތަށްޓަކައި، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މި ޝުކުރުގައި ރަށުގެ ރައްޔިތުންނާއި ވެރިން ޝާމިލްކުރަން. އަޅުގަނޑު މިރަށަށް މިއަދު މިއައި އައުން ފާހަގަކުރެއްވުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް ރަށުގެ ރައްޔިތުން ކުރައްވައިފައި އެބަހުރި. ރަށުތެރެ ސާފުކުރައްވައި ޒީނަތްތެރި ކުރެއްވުމާއި، ދޮންވެލި ލެއްވުމާއި އަދި މި ޖަލްސާ ކުރާ ތަންވެސް މިހާ ފުރިހަމަގޮތަކަށް އިންތިޒާމު ކުރައްވައިފައި ހުރުން، މިކަންކަމުން އަޅުގަނޑަށް ދޭހަވާ މާނަޔަކީ ރައްޔިތުންގެ ހިތުގައި ސަރުކާރާމެދު އުފެދިފައިވާ އިޚުލާޞްތެރިކަމުގެ ބޮޑުކަން. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، ރަށުގެ ރައްޔިތުންނަށާއި ވެރިންނަށް ޝުކުރު ދަންނަވަން.

                     والسّلام عليكم ورحمـة اللّـه.