بســم اللّـه الرّحمـن الرّحيــم
           
الحمـد للّه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين،  سيّدنا محـمَّدٍ، وعلى آلـه وصحبـه أجمعـين.
 
ޢިއްޒަތްތެރި މިނިސްޓަރުން، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިން، އެންމެހައި ޖަލީސުން.
 
السّلام عليــكم ورحـمــة اللّـه وبـركاتـه،
 
މީގެ ދެތިން ދުވަސް ކުރިން އަޅުގަނޑުމެން ފާހަގަކުރީ، ރާއްޖޭގައި ދުސްތޫރީ ޙަޔާތެއް ފެށުނުތާ 50 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތު. މިއަދު އަނެއްކާވެސް އަޅުގަނޑުމެން މި ފާހަގަކުރަނީ ވަރަށް މުހިންމު މުނާސަބަތެއް. މިއީ ކަމަކަށް އަހަރު ފުރުމުގެ މުނާސަބަތެއް ނޫން. އަދި ކީއްތޯ! މި މުހިންމު މުނާސަބަތަކީ، މުހިންމު ކަމެއް ފެށުމުގެ މުނާސަބަތެއް. އާދެ، "މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ" ހުޅުވުން.
 
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހުޅުވުމުގެ މި މުހިންމު މުނާސަބަތުގައި، އެ އޮތޯރިޓީގެ ގަވަރުނަރުގެ ޙައިޘިއްޔަތުން އަދި އެ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންގެ ގޮތުން އެއްޗެއް ދަންނަވައިލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްވެސް ޚާއްޞަ އުފަލެއް. މިފުރްޞަތުގައި އަޅުގަނޑު އެއްޗެއް ދަންނަވައިލަން ގަސްދުކުރަނީ، މިއަދު އަލަށް މި ހުޅުވުނު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ގުޅޭގޮތުން. އަދި އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ލިބޭނޭ ފައިދާއާއި ތަރައްޤީއާ ބެހޭގޮތުން އެއްޗެއް ދަންނަވައިލަން.
 
މިޒަމާނުގެ ދުނިޔޭގައި ހަމަ ކޮންމެ ޤައުމަކީވެސް އަވަހަށްނަމަވެސް ނުވަތަ ލަހުންނަމަވެސް މަރްކަޒީ ބޭންކެއްގެ ޚިދުމަތް ހޯދައިގަތުން ބޭނުންވާނެ ޤައުމެއް. އެއީ އެޤައުމެއްގައި ޙަރަކާތްތެރިވަމުންދާ ބޭންކްތަކަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަށްޓަކައި ބޭނުންވާ މަރްކަޒީ ބޭންކެއް. އާދެ، ސެންޓްރަލް ބޭންކެއް ހުރުމަކީ ވަރަށް ބޮޑަށް ބޭނުންތެރި ކަމެއް. މިހާރު ތަރައްޤީވެފައިވާ ޤައުމުތަކުގައި މާކުރިއްސުރެ ވަނީ މިބާވަތުގެ ބޭންކްތައް ފުރިހަމައަށް ޤާއިމު ކުރެވިފައި. އެކި ޤައުމުތަކުގައި އެކި ނަމުގައި ހުންނަނީ. މިސާލަކަށް، އިނގިރޭސިވިލާތުގައި އެއީ، "ބޭންކް އޮފް އިންގްލަންޑް". އެމެރިކާގައި އެއީ، "ފެޑެރަލް ރިޒަރވް ސިސްޓަމް". އަދި ސިންގަޕޫރުގައި އެއީ، އެތާނގެ "މަނިޓަރީ އޮތޯރިޓީ". ނަމުގައި ތަފާތު ހުރި ކަމުގައިވިޔަސް، މިހުރިހާ ތަނެއްގެވެސް މަޤްޞަދަކީ ހަމަ އެކައްޗެއް. ކުރަނީ އެއްކަމެއް. އާދެ، ފައިސާއާބެހޭ ސިޔާސަތު ކަނޑައެޅުމާއި، ތަނުގެ އިޤްތިޞާދިއްޔަތު ދިރުވައި ކުރިއެރުވުމަށްޓަކައި މާލީ ޙާލަތު ތަރައްޤީ ކުރުން.
 
ޤައުމުގެ ފައިސާއާބެހޭ އުޞޫލުތައް ކަނޑައަޅައި ބޭންކުގެ ޚިދުމަތް ދޭނޭ މަރްކަޒީ އިދާރާއެއް، ނުވަތަ ސެންޓްރަލް ބޭންކެއް ނެތްނަމަ، އެ ޚިދުމަތް ދޭނޭ ނުވަތަ އެފަދަ އުޞޫލުތައް ޢަމަލީގޮތުން ހިންގަމުންދާނޭ ތަފާތު ފަރާތްތަކެއް އަމިއްލަގޮތުން އުފެދުން އޮންނަނީ ވަރަށް ކައިރީގައި. އަދި މިފަދަ ގޮތެއް ދިމާވުމުން ބައެއްފަހަރު އެއިން ޤައުމުގެ އިޤްތިޞާދިއްޔަތަށާއި، ރައްޔިތުންގެ ފައިދާތަކަށް އަންނަންވީ ތަރައްޤީ އޮންނަނީ ނައިސް. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި "މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު"ގެ ދަށުން އުފެދިގެން މިއަދު މިތަނެއް ހުޅުވައިދިނުމުގެ ޝަރަފް އަޅުގަނޑަށް މި ލިބުނު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަކީ، މިދެންނެވިފަދަ ގޮތެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއް.
 
ދިވެހިރާއްޖޭގައި ފައިސާގެ ކަންތައްތައް ވަރަށް ކުރީ ޒަމާނުއްސުރެ ހިނގަމުން އައިސްފައިވިޔަސް، އަޅުގަނޑުމެންގެ ރާއްޖޭގައި ފައިސާގެ ކަންތައްތައް އަދި ބޭންކް ވިޔަފާރި ކުރުމާއި އެނޫންވެސް މާލީ ކަންތައްތަކާ ބެހޭގޮތުން މިހާތަނަށް ހެދިފައިވަނީ ވަރަށްވެސް މަދު ޤާނޫނެއް. ނަމަވެސް ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ތަރައްޤީވަމުން އައިސް، ބޯޓުފަހަރު ދުއްވުމާއި، ޓުއަރިޒަމްފަދަ މަސައްކަތްތައް ފެށްޓުމުން މާލީ ރޮނގުގައި މުޅިން އައު ކަންތައްތަކެއް ކުރިމަތިވާން ފަށައިފި. އަޅުގަނޑުމެން މިހާތަނަށްވެސް އައީ މިބާވަތުގެ ކަންތައްތަކާ ހަރުދަނާ ގޮތެއްގައި ކުރިމަތިލަމުން. އަދި މިއަދު އަޅުގަނޑުމެން މި ހުޅުވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަކީ މިގޮތުން އެޅޭ އެންމެ މުހިންމު ފިޔަވަޅު.
 
މާލީ ކަންތައްތައް ރަނގަޅު އުޞޫލެއްގެ މައްޗަށް ބިނާކުރުމަށްޓަކައި، އަދި އަޅުގަނޑުމެން ކަހަލަ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމެއްގައި ދިރިއުޅޭ މީހުންނަށް ދިމާނުވެނުދާނޭ މައްސަލަތަކާ ގުޅޭގޮތުން މާލީ ކަންތައްތައް ހަމަޖެއްސުމަށްޓަކައި ޤައުމުގެ އެތެރޭގެ މާލީ ކަންތައްތަކާއި އަދި ބޭރާބެހޭ ކަންތައްތަކުގައި އިރުޝާދުދީ މަގު ދައްކާނޭ މަރްކަޒީ އިދާރާއެއް ހުރުމަކީ ކޮންމެހެން ބޭނުންވެއްޖެ ކަމެއް. މިއަދު މި ހުޅުވުނު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަކީ މިރޮނގުންވެސް ޚިދުމަތް ކުރާނެ ތަނެއް.
 
މާލީ ކަންތައްތަކާބެހޭ މިފަދަ މަރްކަޒީ އިދާރާއެއް މީގެކުރިން މި ރާއްޖޭގައި ނެތް ނަމަވެސް، އެފަދަ އިދާރާއަކުން ކުރަމުންދާނޭ މަސައްކަތްތައް އައީ ސަރުކާރުގެ އެކިއެކި ތަންތަނުން ކުރެވެމުން. މިސާލަކަށް، މަރްކަޒީ ބޭންކެއްގައި އޮންނަ، ފައިސާ ޖެހުމާއި، ފައިސާ ނެރުމާއި، ހިންގުމުގެ ބައި ރާއްޖޭގައި އައީ، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ޓްރެޜަރީ ޑިވިޜަނުން ހިންގަމުން. އަދި ހަމައެފަދައިން، ބޭންކެއްގެ ބައި އައީ އެކައުންޓްސް ޑިވިޜަނުން އަދާކުރަމުން.
 
އެހެންނަމަވެސް، ޤައުމުގެ ވިޔަފާރިއާއި މަސައްކަތްތެރިކަން އިތުރުވެ، އިޤްތިޞާދީ ގޮތުން ކުރިއަށްދިޔުމާ ގުޅިގެން މާލީ ކަންތައްތައްވެސް އައީ އެއްދުވަހުން އަނެއް ދުވަހަށް ގިނަވަމުން، އިތުރުވަމުން. އެހެންކަމުން، ކުރިން ދެންނެވި ތަފާތު ތަންތަނުން އެކި ބައިބައި ހިންގާގޮތަށް އޮތުމުން، އޮޅުންއަރާގޮތް އޮންނަނީ ދިމާވެފައި.
 
މިސާލަކަށް، އެސް.ޓީ.އޯ.ގެ ވިޔަފާރިއާބެހޭ އެކައުންޓްތައްވެސް ބަލަހައްޓަމުން ގެންދިޔައީ އެކައުންޓްސް ޑިވިޜަނުން. އަދި ސަރުކާރުގެ ބޭންކިންގއާބެހޭ އެކައުންޓްތައްވެސް ބަލަހައްޓަނީ ހަމަ އެތާނގައި. އެފަދަ ގޮތަކަށް އެކައުންޓްތައް ބެލެހެއްޓުމުގެ ކަންތައް ރޭވިފައި އޮތުމުން، މާލީ ކަންތައްތައް ރޭވުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ހޯދުން އޮންނަނީ ވަރަށްދަތި ކަމަކަށްވެފައި.
 
އިޤްތިޞާދީ ކަންތައްތައް ރޭވުމުގެ މުހިންމު އަނެއްބައި ކަމަށްވާ މަޢުލޫމާތު އެއްކުރުމާއި، ތަފާސް ހިސާބު ނެގުމާއި، އެ މަޢުލޫމާތުތައް ތަޙުލީލު ކުރުމަށް މިހާތަނަށް އޮތީ، އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެވި. ތަރައްޤީގެ މަގުގައި އަޅަންވީ ފިޔަވަޅުތަކާމެދު ކަނޑައަޅަންޖެހޭ ކަނޑައެޅުންތަކަށް އެންމެ ބޮޑަށް ބޭނުންވާ އެއްޗަކީ ޙަޤީޤަތްތައް. އާދެ، ކަންތައްތައް ހުރިނެތްގޮތް ސާފުކޮށް އޮޅުންފިލުން. އެހެންވީމާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަކީ މުޅިން ތަފާސް ހިސާބު ނަގާ ތަނެއް ކަމުގައި ނުވިޔަސް، އެ އޮތޯރިޓީގެ ރިސަރޗް އެންޑް އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ޑިވިޜަނުން މިދެންނެވިފަދަ މަސައްކަތްތައްވެސް ކުރަމުން ގެންދާނެ.
 
އާދެ، ރާއްޖޭގެ އިޤްތިޞާދިއްޔަތުގެ ދާއިރާ ފުޅާވަމުން ދިޔަދިޔަހެން ސެންޓްރަލް ބޭންކެއްގެ ޚިދުމަތުގެ ބޭނުންތެރިކަން އަންނަނީ ހައްތާވެސް އިތުރުވަމުން. އެހެންނަމަވެސް، ކަމަށް އެކަށީގެންވާ މީހުން ނެތުމުގެ ސަބަބުންނާއި، ލިބޭ އާމްދަނީގެ ގޮތުން މިފަދަ ބޭންކެއް ފަށައިގަތުމަށް އެޅިފައިވާ ހުރަސްތައް ވަރަށްވެސް ގިނަ. މިއަދު އަޅުގަނޑުމެން މި ފަށްޓަނީ، މިދެންނެވި ހުރަސްތައް ކަޑައްތު ކުރުމަށްޓަކައި މަސައްކަތް ކުރުމަށް. މިއަދު އަޅުގަނޑުމެން މި ފަށްޓަނީ، ސެންޓްރަލް ބޭންކެއްގެ ބޭނުންތެރިކަން އޮތް މިންވަރާއި، އެކަމަށް ހުރި ދަތިތަކާ ދެމެދުގައިވާ ކަންތައްތައް، ކަނޑައެޅޭ ހަރުފަތްތަކެއްގެ މަތިން ޙައްލުކުރެވޭތޯ މަސައްކަތް ކުރުމަށް.
 
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައިގަނޑު މަޤްޞަދާމެދު ވިސްނައިލާއިރު، އެއީ ފައިސާ ޖެހުމާއި، ސެންޓްރަލް ބޭންކެއްގެ ގޮތުން ސަރުކާރަށާއި ރައްޔިތުންނަށް އަދި ބޭންކް ވިޔަފާރި ހިންގުމުގެ އުޞޫލުތަކަށް ޚިދުމަތްކޮށްދިނުން ކަމުގައި ދެންނެވިދާނެ. އެ ޚިދުމަތްތަކުގެ ތެރޭގައި، ދިވެހި ފައިސާ ލިބެން ހުންނަގޮތް ހަދައިދިނުމާއި، އެ ފައިސާގެ އަގާއި އޭގެ ބައިނަލްއަޤްވާމީ އަގު ހިފަހައްޓައިދިނުމާއި، ބޭންކްތަކާ އެކަށީގެންވާ ރަނގަޅު ގުޅުން ބެހެއްޓުން ހިމެނޭ. ބޭންކްތަކާއެކު ބަހައްޓާ ރަނގަޅު ގުޅުމޭ މިދެންނެވީ، ހަމައެކަނި ބޭންކްތަކާބެހޭ ގަވާއިދުތައް ހެދުމާއި، އެކަންކަން ބެލެހެއްޓުމުގެ ވާހަކައެއް ނޫން. އަދި ކީއްތޯ! އަޅުގަނޑު އުންމީދު ކުރަނީ، ޤައުމަށް ފައިދާހުރިގޮތުގައި މި ދެފަރާތުންކުރެ ކޮންމެ ފަރާތެއްވެސް އަނެއް ފަރާތަކަށް އިތުބާރުކުރާ އަދި ޔަޤީންކަންދޭ ފަދަ އެކުވެރިކަމުގެ ގުޅުމެއް ބޭއްވުމަށް އެއްބާރު ލެއްވުމަށް. އަދި މަނިޓަރީ އޮތޯރިޓީ ވަނީ، މާލީ ކަންތައްތައް ހިންގާ ފަރާތްތައް އެކި ކަންކަމާމެދު އެންމެފަހުން ގޮތެއް ހޯދަންޖެހޭ ވަގުތުގައި އެހީވެދޭން އޮންނަ ތަން ކަމުގައި ވެފައި.
 
ޝައްކެއްނެތް، އަޅުގަނޑުމެންނަށް ހުރިހާ ކަމެއް އެއްފަހަރަކާ ނުކުރެވޭނެ. ނަމަވެސް ފަހަރަކު ކަމެއް ކުރަމުން ގެންދެވިދާނެ. އެހެންކަމާއެކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ފެށުމާއެކު އެންމެ ފުރަތަމަ ކުރަން ގަސްދު ކުރެވިފައިވާ ކަމަކީ، މަރްކަޒީ ބޭންކެއްގެ މަސައްކަތްތައް ކުރުމަށް. އެކަމަށްޓަކައި އެކަށީގެންވާ އިންތިޒާމުތައް ކުރެވެމުންދާނެ. އެއާއެކު މަނިޓަރީ އޮތޯރިޓީގެ މަސައްކަތް ކުރަމުން ގެންދާނީ، ފައިސާގެ ކަންތައްތައް ހިންގުމާއި، ރިޒަރވް ފައިސާގެ ކަންތައްތައް ބެލެހެއްޓުމާއި، އެކްސްޗޭންޖް ރޭޓުގެ ކަންތައްތައް ކަނޑައެޅުމާ، މިބާވަތުގެ މަސައްކަތް ހިންގޭ ފެންވަރަށް އެތާނގެ ކަންތައްތައް ތަރައްޤީ ކުރުމަށް މަސައްކަތް ކުރުން.
 
ފައިސާގެ ކަންތައްތަކާބެހޭ މަޢުލޫމާތު ހޯދައި، އެ މަޢުލޫމާތު އެއްކުރުމުގެ މުހިންމުކަމާމެދު އަޅުގަނޑު ކުރިންވެސް އިޝާރަތްކޮށްފިން. އާދެ، އެކަށީގެންވާ މަޢުލޫމާތު ހޯދައި، ތައްޔާރުކުރުމަށްފަހު، އޮތޯރިޓީގެ މަސައްކަތްތަކުގެ އެންމެ މުހިންމު ބައިވެސް ފެށްޓޭނެ. އެއީ ރާއްޖޭގައި ހިނގާ ބޭންކްތަކުގެ ކަންތައްތައް ބަލަހައްޓައި، އެ ބޭންކްތައް ޤައުމުގެ އިޤްތިޞާދީ ތަރައްޤީއާ ގުޅޭގޮތުން ކުޅެމުންދާ ބައިތަކާމެދު ވިސްނަން ފެށްޓުން.
 
އާދެ، ރާއްޖޭގައި ބޭންކް ވިޔަފާރި ފެށްޓުނީ މީގެ 7 އަހަރު ކުރިން. މިހާރު ރާއްޖޭގައި ތިން ބޭންކް ހިނގަމުން އެބަދޭ. ހުރިހާ ބޭންކަކީވެސް ބޭރު ޤައުމުތަކުގެ ބޭންކްތަކުގެ ގޮފިތައް. ރާއްޖޭގައި ހުޅުވިފައިވާ ބޭންކްތައް މިހާތަނަށް ހިނގަމުން އައިސްފައިވަނީ ބޭންކް ވިޔަފާރިއާބެހޭ އެއްވެސްކަހަލަ ޤާނޫނެއް ރާއްޖޭގައި ނެތް ޙާލެއްގައި. އެކަމާބެހޭ ސަރުކާރުގެ އެއްވެސް ކޮންޓްރޯލެއް ނުވަތަ ގަވާއިދެއްވެސް ނެތި. އެހެންވުމާއެކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޚިދުމަތްތަކުގެ ތެރޭގައި، ބޭންކްތަކާ ގުޅޭގޮތުން ހިންގަން ފަށާބައި ހިމެނޭނީ މި އޮތޯރިޓީގެ ވަރަށް މުހިންމު ބައެއް ކަމުގައި.
 
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ސަބަބުން އުންމީދު ކުރެވޭ އަނެއް ފައިދާއަކީ، މީހުންގެ އަތުގައި އެނބުރެމުންދާ ފައިސާއާބެހޭ ކަންތައްތައް ހަމަޖެހުމަކަށް ގެނައުން. ރާއްޖޭގައި އުފައްދާ ތަކެއްޗާ އެކަށީގެންވާ ވަރަކަށް ފައިސާ ހިފެހެއްޓުން. އެއީ، އެހެންނުވެ މާގިނަ ޢަދަދަކަށް މީހުންގެ އަތުގައި ފައިސާ އުޅެން ފަށައިފިނަމަ، ތަކެތީގެ އަގުބޮޑުވެގެންދާނެތީ.
 
ތަކެތީގެ އަގުބޮޑުވުމުގެ ހަމައެކަނި ސަބަބަކީ މިދެންނެވީއެއް ނޫން. އަޅުގަނޑުމެންނަކީ، ވަރަށްބޮޑު ދުނިޔެއެއްގައި އޮތް، ދާދި ކުދިކުދި ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޤައުމެއްގައި އުޅޭ ބައެއް. އެހެންވުމާއެކު، މުޅި ދުނިޔޭގައި ތަކެތީގެ އަގުބޮޑުވަމުންދާ ދިޔުމުގެ އަސަރު އަޅުގަނޑުމެންގެ ދިރިއުޅުމަށްވެސް ފޯރާނެކަން ކަށަވަރު. އަޅުގަނޑު އުންމީދު ކުރަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިސާއާބެހޭ ސިޔާސަތާއި، ސަރުކާރުގެ ބަޖެޓް އެކަށައެޅުމުގެ ސިޔާސަތާ މިދެބައި ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރި ގޮތުގެ މަތިން ކަންތައްތައް ރޭވިގެންދާނެ ކަމަށް. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފަރާތުން މަސައްކަތް ކުރާނީ ހަމައެކަނި މާލޭގައި ބޭންކް ވިޔަފާރި ކުރިއަށް ގެންދިޔުމަށް ނޫންކަމަށް. އަދި ކީއްތޯ! ރާއްޖެތެރޭގައިވެސް ބޭންކް ވިޔަފާރި ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުން ގެންދާނެކަމަށް.
 
އަޅުގަނޑު ދެކޭގޮތުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ މަސައްކަތް ކުރާނީ ވިޔަފާރިވެރިންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ރޫޙަކާއެކުގައި. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަޤްޞަދަކީ، އަޅުގަނޑުމެންނަށް ލިބެންހުރި ހުރިހާ މާއްދީ ވަސީލަތްތައް އަޅުގަނޑުމެންގެ ރައްޔިތުންނަށް ފައިދާހުރިގޮތުގައި އަޅުގަނޑުމެންނަށް ވެވެން އޮތް އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރުން.
 
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގެ ފަރާތުން މިއަހަރުގެ ކުރީކޮޅު ރާއްޖެއާ ބެހޭގޮތުން ދީފައިވާ ބަޔާނެއް ތިޔަބޭފުޅުންނަށް މި މަޤާމުގައި ދަންނަވައިލާހިތް އަޅުގަނޑުވޭ. އެބަޔާނުގައި، އައި.އެމް.އެފް އިން ބުނެފައިވަނީ، "ސަރުކާރުގެ ފަރާތުން މިހާރު ހިންގަމުންގެންދާ، ރާއްޖެ ތަރައްޤީ ކުރުމުގެ ޢަމަލީ ސިޔާސަތުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދިއްޔަތު ދައްކަނީ އެއްދުވަހުން އަނެއް ދުވަހަށް ރަނގަޅުވަމުންދާ ކަމުގައޭ. މަސް އެކްސްޕޯޓް ކުރުމާއި ޓުއަރިޒަމްގެ އާމްދަނީ އިތުރުވަމުން ގޮސްފައިވަނީ، ވަރަށް ހަލުވިގޮތެއްގައޭ. އަދި ދެންވެސް ކުރިއަށްދާނެ ކަމަށް ވަރަށް ބޮޑަށް ފެނެއޭ".
 
ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، އިޤްތިޞާދީ ރޮނގުގައި ވަރަށް މުހިންމު އައު ފިޔަވަޅެއް މީގެ ދެހަފުތާއެއްހާ ދުވަސް ކުރިންވެސް ވަނީ އެޅިފައި. އާދެ، އައްޑުއަތޮޅުގެ ގަމުގައި ތައްޔާރީ ހެދުން އުފައްދާ ކާރުޚާނާއެއް ހުޅުވުމުން، އަޅުގަނޑުމެންގެ ރާއްޖެ ޞިނާޢީ ރޮނގުން އައު ދައުރެއް ކުޅެން ފަށައިފި. މިގޮތުން ޞިނާޢީ ތަރައްޤީއާއި، އެކްސްޕޯޓްގެ އައު ވަސީލަތްތައް ހޯދުމަށް މިހާރުވަނީ ފެށިފައި. ކުރިއަށް އޮތް ތާނގައި މިކަހަލަ އިތުރު އެތައް ކަމެއް ޙަޤީޤަތަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރެވޭ.
 
އަޅުގަނޑުމެންނަކީ، ކުދިކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ ކުޑަކުޑަ ޤައުމެއް ކަމުގައިވިޔަސް، އަޅުގަނޑުމެންނަކީ ފަޚްރުވެރި ތާރީޚަކާއި ހަރުދަނާ ޘަޤާފަތެއްގެ ވެރިބައެއް. މިއަދު އަޅުގަނޑު ނުހަނު އުފަލާއެކު މި ފާހަގަކުރަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ނިޝާނެއްގެ ގޮތުގައި އަޅުގަނޑުމެން ބޭނުންކުރީ ބޮލި ކަން. އާދެ، "ފައިސާބޮލި". ރާއްޖޭގައި ކުރީ ޒަމާނުގައި ފައިސާގެ ގޮތުން ބޭނުންކުރަމުން ގެނެސްފައިވަނީ ބޮލި. އަދި އެދުވަސްވަރު ރާއްޖޭގެ ފައިސާ ކަމުގައި ހިމެނޭ ބޮލި ވަނީ، ވިޔަފާރީގެ ގޮތުން ވަރަށްގިނަ ޢަދަދަކަށް ބޭރުގެ ޤައުމުތަކަށް ގެންދެވިފައި. އެހެންކަމުން، މިއަދު އަޅުގަނޑުމެންގެ އައު މާލީ އިދާރާގެ ނިޝާނެއްގެ ގޮތުން، ބޮލި ޚިޔާރުކުރީ އަޅުގަނޑުމެންގެ ޘަޤާފަތާއި ތާރީޚަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފަރާތުން އިޙްތިރާމް ކުރުމުގެ ގޮތުންވެސްމެ.
 
މިދަނޑިވަޅުގައި ރާއްޖޭގެ ފައިސާއާމެދު އެއްޗެއް ދަންނަވައިލުމަކީވެސް އެކަށީގެންނުވާ ކަމެއް ކަމުގައި އަޅުގަނޑު ނުދެކެން. އާދެ، އަޅުގަނޑުމެންގެ ފައިސާގެ ޔުނިޓަކީ "ރުފިޔާ". މިބަހަކީ އަޅުގަނޑުމެންގެ އަމިއްލަ ދިވެހި ބަހެއް. އަދި މިނަމުން ޔުނިޓް ފާހަގަކުރެވޭ އެހެން ފައިސާއެއް ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި ބޭނުމެއްނުކުރޭ. އެހެންކަމާއެކު، އަޅުގަނޑުމެންގެ ފައިސާގެ ނަން މިއަދުން ފެށިގެން، ބޭރު ބަސްބަހުން ބޭނުންކުރާއިރުވެސް، ބޭނުންކުރާނީ [ރުފިޔާ] މި ލަފްޒު. ރުޕީ ނުވަތަ ރުޕީސްއެއް ނޫން. އަޅުގަނޑުމެންގެ ފައިސާގެ ނަމަކީ، އަޅުގަނޑުމެންގެ ބަހުން ކިޔާ، ރުފިޔާއާއި ލާރި.
 
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އުފެއްދުމަށްޓަކައި، ސަރުކާރުން ކުރަމުން ގެންދިޔަ މަސައްކަތްތަކުގައި އެހީވެދެއްވަމުން ގެންދެވި އެކިއެކި ފަރާތްތަކަށް ވަރަށް ބޮޑަށް ދައުލަތުގެ ނަމުގައި ޝުކުރުވެރިވަން. އޭގެތެރެއިން ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލާނީ، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް. އާދެ، އައި.އެމް.އެފް.ގެ ތިން ބޭކަލަކު މިއަދު އަޅުގަނޑުމެންގެ މި ޖަލްސާގައިވެސް އެބަ ތިއްބެވި. އެބޭކަލުންގެ ވަރުބަލިވުމެއްނެތް މަސައްކަތަށް އަޅުގަނޑުގެ ހިތުގެ އަޑިން ތަޢުރީފް ކުރަން. އަދި މިއަދުގެ ޖަލްސާއަށްޓަކައި ވަޑައިގެންނެވި އައި.އެމް.އެފް.ގެ އޭޝިއަން ޑިޕާޓްމަންޓުގެ ޑިރެކްޓަރ މިސްޓަރ ޓުން ތިން އަށްވެސް މަރްޙަބާ ދަންނަވަން. ހަމައެއާއެކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އުފެދުމުގެ ކުރިން، މަނިޓަރީ އޮތޯރިޓީއާބެހޭ ކަންތައްތައް ތައްޔާރުކުރެއްވުމުގެ އެންމެ ބުރަ މަސައްކަތްތައް ހިންގަވަމުން ގެންދެވި، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ޑިރެކްޓަރ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ވައިސް ގަވަރނަރ އަލްފާޟިލް އިސްމާޢީލް ފަތުޙީއަށް އަޅުގަނޑު ޝުކުރުވެރިވަން.
 
މާތްﷲ އަޅުގަނޑުމެން އެންމެންނަށް އިޤްތިޞާދީ އަދި އިޖުތިމާޢީ ރޮނގުން ކުރިއަށް ދިޔުމުގެ ހެޔޮ ތައުފީޤު ދެއްވާށި! ރާއްޖެއަށް ތަނަވަސް ބާއްޖަވެރި މުސްތަޤްބަލެއް ދައްކަވާށި!
 

          والسّلام عليكم ورحمـة اللّـه.