بســم اللّـه الرّحمـن الرّحيــم
           
ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް ވާސިލުވެވޭނެ މަގު އިންސާނުންނަށް ދެއްކެވި އަދި ކީރިތި ޤުރްއާނަކީ މުސްލިމުންގެ އެންމެ މަތިވެރި ޤާނޫނު ކަމުގައި ލެއްވި اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. ދުނިޔޭގައި އެންމެ ފުރަތަމަ އިސްލާމީ ދައުލަތެއް ޤާއިމުކުރެއްވި އަދި ދައުލަތް ހިންގުމުގެ އުޞޫލުތައް މުސްލިމުންނަށް ޢަމަލީގޮތުން ދައްކަވައިދެއްވި مُحَمَّـد صـلّى الله علـيـه وسـلّم މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.
 
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިން، ބޭރުގެ ޢިއްޒަތްތެރި މެހްމާނުން، އަދި މި ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން.
 
 السّلام عليــكم ورحـمــة اللّـه وبـركاتـه؛
 
         އާދެ، މިއަދަކީ ދިވެހިރާއްޖޭގެ ތާރީޚުގައި އެފަދަ ދެވަނަ ދުވަހެއް ނާންނާނެއޭ ބުނެވޭފަދަ ތާރީޚީ ދުވަހެއް. އާދެ، މިއަދަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ޙަޔާތަށް އަދި އެ ދުސްތޫރީ ޙަޔާތް ފެށުމާއެކު އުފެދުނު ރައްޔިތުންގެ މަޖިލީހަށް 50 އަހަރު ފުރުނު ދުވަސް. ރައްޔިތުންގެ މަޖިލީހުގެ ރަންޔޫބީލް ފާހަގަކުރެވޭ ދުވަސް. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޤާނޫނުއަސާސީއެއް ފާސްކުރެވި، ތަޞްދީޤު ކުރެވި، އިޢުލާނު ކުރެވުނީ މީގެ 50 އަހަރު ކުރިން. އާދެ، 23 ޝަޢުބާން 1351ހ. މި ތާރީޚުގައި. އޭރު ދިވެހި ތަޚުތުގައި ރަސްކަން ކުރައްވަމުން ގެންދެވި، އައްސުލްޠާން މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި. މި މުހިންމު އަދި ތާރީޚީ މުނާސަބަތުގައި އަޅުގަނޑުގެ އެންމެ އުފާވެރި ވާޖިބެއް ކަމަށް ދެކެނީ، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އަދާކުރުން. ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހެޔޮއެދުންތަކާއި މުބާރިކްބާދީ ރައްދުކުރުން.
 
އާދެ، ދެންމެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބްލް އައްޝައިޚް އަޙްމަދު ޝާޠިރު އެ އިޝާރަތް ކުރެއްވި ފަދައިން، މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭރުގެ ޢިއްޒަތްތެރި މެހްމާނުންކޮޅެއް އެބަ ތިއްބެވި. އަޅުގަނޑުމެންގެ އެންމެ ކައިރީ އެންމެ އަވަށްޓެރި އެންމެ ރަޙްމަތްތެރި ބައެއް ޤައުމު ކަމުގައިވާ ސްރީލަންކާ، އިންޑިއާ އަދި ޕާކިސްތާން މި ތިން ޤައުމުގެ ބޭފުޅުން އަޅުގަނޑުމެންނާއެކު މި އުފަލުގައި ބައިވެރިވެވަޑައިގަންނަވާ. އެހެންވުމާއެކު، މިއަދުގެ ޖަލްސާއަށް ހަމަ މިކަމަށް، މިކަމުގައި ބައިވެރިވެވަޑައިގެން ދެއްވުމުގެގޮތުން މާލެއަށް ވަޑައިގެންނެވުމުގެ ބުރަ އުފުއްލަވައި އަދި އަޅުގަނޑުމެންގެ މި އުފަލުގައި ބައިވެރިވެވަޑައިގެން ދެއްވި ކަމަށްޓަކައި އެ ތިން ޤައުމުގެ ބޭކަލުންނަށް، ނުވަތަ އެބޭފުޅުންގެ މަޤާމުގެ ގޮތުން މި ޖަލްސާއަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަނީ އިޚްލާޞްތެރިކަމާއެކު.
 
އާދެ، ދެންމެ އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ، އަޅުގަނޑުމެންގެ ވަރަށް ރަޙްމަތްތެރި ޤައުމެއް، މުސްލިމް ޤައުމެއް ޕާކިސްތާން. ޕާކިސްތާނުގެ ރައީސް ޖެނެރަލް މުޙައްމަދު ޟިޔާއުލް ޙައްޤު މި މުނާސަބަތާ ގުޅޭގޮތުން އަޅުގަނޑަށް ފޮނުއްވި މެސެޖުގެ ތަރުޖަމާ. އެއްވެސް ޝައްކެއްނެތް. މިފަދަ މުހިންމު މުނާސަބަތަކާ ގުޅިގެން އެމަނިކުފާނު އެ ފޮނުއްވި މެސެޖަކީ ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެން އޭގެ އަގު ވަޒަންކުރާ މެސެޖެއް. އެކަމަށްޓަކައި ޕާކިސްތާނުގެ ރައީސް ޖެނެރަލް މުޙައްމަދު ޟިޔާއުލް ޙައްޤަށާއި، ޕާކިސްތާނުގެ ސަރުކާރަށާއި، ޕާކިސްތާނުގެ އުޚުއްވަތްތެރި އަހުލުވެރިންނަށް ދިވެހި ދައުލަތުގެ ނަމުގައާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ޝުކުރު އަދާކުރަނީ އިޚްލާޞްތެރިކަމާއެކު.
 
އާދެ، އަޅުގަނޑުމެން މިވޭތުކުރަމުންދާ ހިޖުރީ ތާރީޚުން 1401 ވަނަ އަހަރަކީ ނުވަތަ މީލާދީ ތަޤްވީމުން ބަލާއިރު 1981 ވަނަ އަހަރަކީ އަހަރުތަކުގެ ތެރެއިން ވަރަށްވެސް ޚާއްޞަ އަހަރެއްކަން ކަށަވަރު. އާދެ، ހަމަ ޔަޤީނުންވެސް އަޅުގަނޑުމެން ދިވެހިރާއްޖޭގެ މުސްލިމް ރައްޔިތުންގެ ތެރެއިން މިއަހަރު މި ދުނިޔެއަށް ނޭވާލަމުންމިދާ މީހުންގެ ޙަޔާތުގައި އެފަދަ ދެވަނަ އަހަރެއް ނާންނާނެ ފަދަ އަހަރެއް. އަޅުގަނޑު މިހެން މިދެންނެވީ ބައިނަލްއަޤްވާމީ ގޮތުންނާއި އަދި ޤައުމީގޮތުން އަޅުގަނޑުމެން ދިވެހިރާއްޖޭގެ މުސްލިމުން، ދިވެހިރާއްޖޭގެ މުސްލިމް ރައްޔިތުންގެ ތެރެއިން މިހާރު ދުނިޔޭގައި މިތިބަ މީހުން މިއަހަރުގެ ތެރޭގައި އިޙްތިފާލް ކުރަން ދިމާވި ވަރަށް މުހިންމު ދެ މުނާސަބަތެއް އޮވެގެން. އެންމެ ފުރަތަމަ މުނާސަބަތަކީ ހިޖުރީ އާ ޤަރްނެއްގެ ފެށުން. އެމުނާސަބަތު އަޅުގަނޑުމެން ފާހަގަކުރި، މީގެ އަށެއްކަ މަސްދުވަސް ކުރިން. އާދެ، އެއީ މުޅި އިސްލާމީ ދުނިޔެ ބައިނަލްއަޤްވާމީ ފެންވަރުގައި ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރި މުނާސަބަތެއް. އަދި އަޅުގަނޑުމެން ދިވެހިރާއްޖޭގެ މުސްލިމް ރައްޔިތުންވެސް އަޅުގަނޑުމެންނަށް ވެވުނުވަރަކުން އެކަށީގެންވާ ގޮތެއްގައި ފާހަގަކުރެވޭތޯ މަސައްކަތްކުރި މުނާސަބަތެއް. އަނެއް މުނާސަބަތަކީ ޤައުމީ ފެންވަރުގައި މިއަދު އަޅުގަނޑުމެން މި ފާހަގަކުރާ މުނާސަބަތު. އާދެ، އެއްވެސް އިންސާނެއްގެ ޙަޔާތުގައި ދެ ފަންސާސް އަހަރެއް އައުމަކީ ވަރަށްވެސް ދުރުގައި އޮންނާނެ ކަމެއް. ހަމައެފަދައިން، އެއްވެސް އިންސާނެއްގެ ޙަޔާތުގައި، އެއްވެސް އިންސާނެއްގެ ޢުމުރުގައި  ދެ ޤަރްނެއްގެ ފެށުން އައުމަކީ އަދި އެއަށްވުރެ މާ ދުރުގައި އޮންނާނެ ކަމެއްކަން ކަށަވަރު. އެހެންވީމާ، އަޅުގަނޑުމެން ދިވެހި އުޑުދަށަށް ނޭވާލަމުން މިގެންދާ ދިވެހިންނަކީ މިގޮތުން ބަލާއިރު ވަރަށް ނަޞީބުވެރި ބައެކޭވެސް ދެންނެވިދާނެ. އާދެ، ކަމަކަށް ފަންސާސް އަހަރު ފުރުމަކީ ނުވަތަ ކަމެއް ހިނގާތާ ފަންސާސް އަހަރުވުމަކީ އޭގެ ޒާތުގައި މާ މުހިންމު ކަމަކަށްނުވެ ހިނގައިދާނެ. މުހިންމުކަމަކީ އެ ދިގު މުއްދަތުގެ ތެރޭގައި ރަނގަޅު ބޮޑެތި ކަންތައްތަކެއް ކުރެވުން. ނޫނީ ގިނަ އަހަރުތަކަކަށް ކަމެއް ދެމިއޮތުމުން އެއިން އަޅުގަނޑުމެންނަށް ދޭހަކޮށްދޭ މާނަ.
 
ޝައްކެއްނެތް، ދިވެހިރާއްޖޭގައި ޤާނޫނުއަސާސީއެއް އިޢުލާނު ކުރެވި ލިޔެވިފައިވާ ދުސްތޫރެއްގެ މަތިން ވެރިކަން ހިނގަމުން އަންނަތާ ފަންސާސް އަހަރުވުން އެއީ އެއިން  ވަރަށް މަތިވެރި މާނަތަކެއް ދޭހަވާ ކަމެއް. އަޅުގަނޑުމެންގެ ރާއްޖެއަށްވުރެ މާ ބޮޑެތި އަދި މާއްދީގޮތުން މާ މުއްސަނދި، މާ ތަނަވަސް ޤައުމުތަކުގެ ތެރޭގައިވެސް ހަމަޖެހިގެން ހިނގަމުން އަންނަ ދުސްތޫރީ ވެރިކަމެއް ހިނގަމުން އަންނަތާ ފަންސާސް އަހަރުނުވާ ކިތަންމެ ޤައުމެއް އެބައޮތް. ރާއްޖޭގެ ޤާނޫނުއަސާސީއަށް މިދިޔަ ފަންސާސް އަހަރު ދުވަހުގެ ތެރޭގައި ކިތަންމެ ބަދަލުތަކެއް އައި ކަމުގައިވިޔަސް، އަދި ރާއްޖޭގެ ސިޔާސީ މަސްރަޙަށް އެކިދުވަސްވަރު އެކި ބަދަލު އައި ކަމުގައިވިޔަސް، ހަރުދަނާ އުޞޫލުތަކެއްގެ މަތިން ހިނގަމުން އައިސްފައިވާ ދުސްތޫރީ ޙަޔާތެއް، މިދިޔަ ފަންސާސް އަހަރުގެ ތެރޭގައި މެދުނުކެނޑި މި ފަސްގަނޑުގައި ހިނގަމުން އައިސްފައިވާކަން އެއީ އަޅުގަނޑު ދަންނަވާނީ ޤައުމުގެ ސިޔާސީ މައިދާނުގައި ދިވެހިރާއްޖެ ކޮށްފައިވާ ވަރަށްބޮޑު ކާމިޔާބީއެކޭ. ސިޔާސީގޮތުން ބަލާއިރު މިކަމުން ދައްކައިދޭ އެއްޗަކީ ކޮބައިތޯ. ޝައްކެއްނެތް، ޤާނޫނުއަސާސީއެއްގެ ހިޔާވަހިކަމުގެ ދަށުން ހިނގަމުން އަންނަ، ރައްޔިތުންގެ މަޖިލީހެއް އޮވެގެން ނުވަތަ އެންމެ ކުރިން އެ މަޖިލީހަށް ކިއިފައިވާ ނަމުން ދަންނަވާނަމަ، ޤާނޫނު ހަދާ މަޖިލީހެއް އޮވެގެން، ދުސްތޫރީ ވެރިކަމެއް ހިނގަމުން އަންނަތާ ފަންސާސް އަހަރުވުމުން އެއިން ދައްކައިދޭ އެއްޗަކީ ދިވެހިންނަކީ ދުސްތޫރީ ވެރިކަމެއް ހިންގުމުގެ ޤާބިލިއްޔަތު ލިބިގެންވާ، ސިޔާސީގޮތުން ތަޞައްރުފް ފުދިފައިވާ ބައެއްކަން. ހަމައެފަދައިން، ދިވެހިންނަކީ ޤާނޫނަށް ޙުރްމަތްތެރިކޮށްހިތާ އަދި ސިޔާސީގޮތުން ތަހުޒީބުވެފައިވާ ބައެއްކަން.
 
އާދެ، މިހެން މިދަންނަވަނީ މިގޮތަށް މިހާގިނަދުވަހު ދުސްތޫރީ ވެރިކަމެއް ހިނގަމުން އައިސްފައިނުވާ ކިތަންމެ ޤައުމުތަކެއް ދުނިޔޭގައިވާކަން ފާހަގަކުރެވޭތީ. އާދެ، މިއަދު އަޅުގަނޑުމެން މި ޖަލްސާ ކުރަނީ ނުވަތަ މި އިޙްތިފާލްތައް ކުރަމުން މިގެންދަނީ ދިވެހިރާއްޖޭގައި، ލިޔެވިފައިވާ ގާނޫނުއަސާސީއެއް އިޢުލާނު ކުރެވި، އެ ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހެއް އުފެދުނުތާ ފަންސާސް އަހަރު ފުރުމުގެ މުނާސަބަތު. ނަމަވެސް މީގެ މާނައަކީ ރާއްޖޭގައި ޤާނޫނުއަސާސީއަކަށް ޢަމަލުކުރެވެމުންދާތާ މިވީ ހަމައެކަނި ފަންސާސް އަހަރޭތޯ. އަޅުގަނޑު ދެކޭގޮތުގައި އޭގެ މާނައަކީ އެއީއެއް ނޫން. އަޅުގަނޑު ދަންނަވާނީ ދިވެހިރާއްޖޭގައި ޤާނޫނުއަސާސީއަކަށް ޢަމަލުކުރެވޭތާ އެއަށްވުރެ މާގިނަދުވަސް ވެއްޖެއޭ. އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ގާނޫނުއަސާސީއޭ ނުވަތަ ދުސްތޫރޭ މިކިޔާ ޤާނޫނުގެ ދެބާވަތެއްވޭ. އެއް ބާވަތަކީ، ލިޔެވި ފާސްކުރެވިފައިވާ ޤާނޫނުއަސާސީ. އަނެއް ބާވަތަކީ، އޭގެ މާއްދާތައް ވަކި ޢިބާރާތްތަކަކުން ލިޔެވި، ވަކި ފޮތެއްގައި ޝާއިޢު ކުރެވިފައިނުވި ކަމުގައިވިޔަސް، އޭގައިވާ ދުސްތޫރީ އުޞޫލުތައް ސިޔާސީ އާދަކާދަތަކެއްގެ ގޮތުން ހިނގަމުން އަންނަ ތަންތާނގައި ހަމަޖެހިފައި އެ އޮންނަ އުޞޫލުތައް.
 
އާދެ، އަޅުގަނޑުމެންގެ މިހާރުގެ ދިވެހި ޖުމްހޫރިއްޔަތުގެ ޤާނޫނުއަސާސީ އެއީ ލިޔެވި ފާސްކުރެވިފައިވާ ޤާނޫނުއަސާސީއެއް. މިޒަމާނަކަށް އައިސް ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި މިދެންނެވި ފަދަ ލިޔެވި ފާސްކުރެވިފައިވާ ޤާނޫނުއަސާސީތައް އެބަހުރި. އެހެންނަމަވެސް، ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގައި ޢަމަލުކުރަމުންދަނީ މިދެންނެވި ކަހަލަ ލިޔެވި ފާސްކުރެވިފައިވާ ޤާނޫނުއަސާސީތަކަކަށް ނޫން. އެހެން ޢިބާރާތަކުން ދަންނަވަންޏާ، އެޤާނޫނުއަސާސީގެ އުޞޫލުތައް އެތަނެއްގެ ސިޔާސީ މަސްރަޙުގައި އެތަކެއް ޒަމާނުއްސުރެ އެކަށައެޅިފައި އޮތުމުގެ ސަބަބުން އެއީ ސިޔާސީ އާދަކާދަތަކެއް ކަމުގައި ބެލިގެން އޭގެ މައްޗަށް ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީތައް ދުނިޔޭގެ ބައެއް ޤައުމުތަކުގައި އެބަހުރި. އާދެ، މިދެންނެވި ބާވަތުގެ ޤާނޫނުއަސާސީއެއްގެ އެންމެ ފާޅުކަން ގަދަ މިސާލަކީ، އިނގިރޭސިވިލާތުގެ ޤާނޫނުއަސާސީ. ނުވަތަ ބްރިޓިޝް ކޮންސްޓިޓިއުޝަން.
 
އާދެ، އިނގިރޭސިވިލާތުގެ ޤާނޫނުއަސާސީއަކީ ލިޔެވިފައިވާ ޤާނޫނުއަސާސީއެއް ނޫން. ޚާއްޞަ މަޖިލީހަކުން ފާސްކުރެވިފައިވާ ޤާނޫނުއަސާސީއެއް ނޫން. ވަކި ފޮތެއްގައި ޝާއިޢު ކުރެވިފައިވާ ޤާނޫނުއަސާސީއެއް ނޫން. ނަމަވެސް އިނގިރޭސި ޤާނޫނުއަސާސީއަކީ ދުނިޔޭގައިވާ އެއްޗެއްކަން ކަށަވަރު. ބްރިޓިޝް ކޮންސްޓިޓިއުޝަން އެއީ ޖީ.ސީ.އީ. އިމްތިޙާނުގައި ބައިވެރިވާ ކުދިންނަށް ދުނިޔޭގެ ބައެއް ޤައުމުތަކުގައި ކިޔަވައިދޭ މާއްދާއެއްވެސްމެ. އެހެންވީމާ، އެއިން އެނގޭ އެއްޗަކީ ނުލިޔެވި އޮންނަ، ފާސްނުކުރެވި ހުންނަ ޤާނޫނުއަސާސީތައްވެސް ދުނިޔޭގައިވާކަން. އާދެ، އިނގިރޭސިވިލާތުގައި ނުލިޔެވި އޮންނަ ޤާނޫނުއަސާސީއެއް އޮވޭ ބުނާ ބަހުގެ މާނައަކީ ޤާނޫނުއަސާސީއެއްގައި ހިމެނެންޖެހޭ ފަދަ އުޞޫލުތަކާއި ގަވާއިދުތައް، އެފަދަ އުޞޫލުތަކަކާއި ގަވާއިދުތަކަކަށް އިނގިރޭސިވިލާތުގައި ޢަމަލުކުރެވެމުންދެޔޭ. އާދެ، އިނގިރޭސިވިލާތަކީ އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ ފަދައިން އެންމެ އޮމާންކަމާއެކު، ވެރިކަމުގެ ކަންތައްތައް ހިނގަމުން އަންނަ އެއް ޤައުމު. ކޮންމެވެސް ހަރުދަނާ ރަނގަޅު އުޞޫލުތަކެއްގެ މަތިން ވެރިކަމުގެ ކަންތައްތައް ހަމަޖެހިފައި އޮވެގެން ނޫނީ އެއްވެސް ޤައުމެއްގެ ސިޔާސީ މަސްރަޙުގައި ކަންތައްތައް އޮމާންކަމާއެކު ހިނގަމުން ނުދާނެކަން ކަށަވަރު.
 
އާދެ، ދިވެހިރާއްޖޭގެ ތާރީޚަށް ނަޒަރު ހިންގައިލާއިރު ކުރީގެ ޒަމާންތަކުގައި ރާއްޖޭގައި ޤާނޫނުއަސާސީއެއް ލިޔެވި ފާސްކުރެވިފައި ނެތް ކަމުގައިވިޔަސް ވަރަށް ކުރިއްސުރެ ރާއްޖޭގެ ވެރިކަން ހިނގަމުން އައިސްފައިވަނީ ވަކި ހަމަތަކަކާއި ވަކި އުޞޫލުތަކެއްގެ މަތިންކަން އޮޅުމެއް ނެތްގޮތުގައި އެނގޭ. ވެރިކަން ހިންގުމުގެ އާދަކާދައެއްގެ ގޮތުގައި ނަމަވެސް އެ ހަމަތަކާއި އުޞޫލުތައް ވަނީ ޤާނޫނީ ބާރު ލިބިފައިވާ ހަމަތަކަކާއި އުޞޫލުތަކެއް ކަމުގައި ގަބޫލުކުރެވިފައި. އޭރު ރައްޔިތުންގެ މަޖިލީހެއް ނެތް. ރައްޔިތުންގެ މަޖިލީހެއް ނެތް ކަމުގައިވިޔަސް، އެކިކަންކަމުގައި އެއިރަކު ރާއްޖޭގެ ތަޚުތުގައި އިންނަވާ ރަސްކަލަކު މަޝްވަރާ ހޯއްދަވާ އެކިއެކި މަޖިލިސްތައް ޢައްޔަން ކުރެވިފައި ހުރި. އަދި އެ މަޖިލިސްތަކުގެ ވާޖިބުތައް އޭރު ހަމަޖެހިފައިވާ އުޞޫލުތަކުގެ މަތިން އަދާކުރަމުން ގެންދިޔަ. ރަސްކަމުގެ އިސް މަޖިލިސް، ދެވަނަ މަޖިލިސް، ތިންވަނަ މަޖިލިސް. އެހެންގޮސް ވަރަށްގިނަ މިކަހަލަ މަޖިލިސްތައް އޮތް. ހަމައެފަދައިން ޢަސްކަރީގޮތުން ހަމަޖެހިފައިވާ އިންތިޒާމްތަކަކާއި، ބެހިފައިވާ ބައިތަކެއްވެސް އޭރު އޮތް.
 
އާދެ، މިއިން އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ ވަރަށް ކުރިއްސުރެ ދުސްތޫރީ އާދަކާދަތަކެއް ނުވަތަ ކޮންސްޓިޓިއުޝަނަލް ކޮންވެންޝަންތަކެއް ރާއްޖޭގައި އޮތްކަން. މިއަދާ ހަމައަށް އިނގިރޭސިވިލާތުގައި ހިނގަމުން އައިސްފައިވާ ޤާނޫނުއަސާސީއަކީވެސް މިދެންނެވި ފަދަ ދުސްތޫރީ އާދަކާދަތަކުގެ މައްޗަށް ބިނާވެފައިވާ، އެހެންނަމަވެސް ޤާނޫނުއަސާސީއެއްގެ ސިފައިގައި ލިޔެވިފައި ނުވާ އުޞޫލުތަކެއް. ވީމާ، މިއަދަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް 50 އަހަރު ފުރޭ ދުވަސް ކަމުގައިވިޔަސް، މިއަދަކީ ރާއްޖޭގެ ދުސްތޫރީ ޙަޔާތަށް ނުވަތަ ދުސްތޫރީ ވެރިކަމަށް 50 އަހަރު ފުރޭ ދުވަހެއް ނޫން. ރާއްޖޭގެ ދުސްތޫރީ ވެރިކަމަކީ އެއަށްވުރެ މާގިނަ ދުވަސްވެފައިވާ އެއަށްވުރެ މާ ޒަމާންވެފައިވާ، އެއަށްވުރެ މާ ހަރުދަނާ އެއަށްވުރެ މާބޮޑަށް ދޮންވެ ފައްކާވެފައިވާ ދުސްތޫރީ ވެރިކަމެއް.
 
އާދެ، ދިވެހިރާއްޖޭގައި ލިޔެވި ތަޞްދީޤު ކުރެވި ފާސްކުރެވިފައިވާ ޤާނޫނުއަސާސީއެއް ހިންގަން ފެށުނުތާ 50 އަހަރު ހަމަވާ އަހަރަކީ އަޅުގަނޑުމެން ޤާނޫނުއަސާސީގެ އާ ދައުރަކާވެސް ކުރިމަތިލާ އަހަރު. ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ފާސްކުރެއްވުމެއްގެ މަތިން ޤާނޫނުއަސާސީ އިޞްލާޙު ކުރެއްވުމުގެ މަސައްކަތް، އެކަމަށް އިންތިޚާބު ކުރެވިފައިވާ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން މިހާރު ގެންދަވަނީ ކުރައްވަމުން.
 
އާދެ، މި ނުކުތާގައި އަޅުގަނޑު ކުޑަ އެއްޗެއް ދަންނަވައިލަން ބޭނުންވޭ. އެއެއްޗަކީ، ބޭނުމަކީ އަޅުގަނޑުގެ ނަޒަރުގައި މާ ދިގުކޮށް، މާ ފުރިހަމަކޮށް، މާ ރީތި ޢިބާރާތްތަކަކުން ލިޔެވިފައި އޮންނަ ޤާނޫނުއަސާސީއެއް ލިޔެވިފައި އޮތުމެއް ނޫނޭ. ބޭނުމަކީ އަޅުގަނޑުމެން އެންމެންވެސް އެއްބަސްވާ އުޞޫލުތަކެއްގެ މައްޗަށް އެކުލެވިފައި އޮންނަ، ކިތަންމެ ކުޑަ އަދި ކިތަންމެ އާދައިގެ ޢިބާރާތްތަކަކުން ލިޔެވިފައި އޮތް ނަމަވެސް، އެ ގާނޫނުއަސާސީއަށް ރާއްޖޭގެ އެންމެން ޙުރްމަތްތެރިކޮށްހިތާ ޤާނޫނުއަސާސީއެއް އޮތުމޭ. ދިވެހިރާއްޖޭގައިވެސް އަދި ދުނިޔޭގެ އެހެން ތަންތާނގައިވެސް ބޮޑެތި ފިތުނަތައް އުފެދި، އަނިޔާވެރިކަން ޢާންމުވެ، އެއްބަޔަކު އަނެއް ބައެއްގެ ޙައްޤުތަކަށް އަރައިގަނެ، މިފަދަ ކަންތައްތައް ހިނގަނީ، ގިނަފަހަރަށް އެތަނުގައި އޮންނަ ޤާނޫނުއަސާސީއެއްގެ އުނިކަމުންނެއް ނޫން. އެ އޮންނަ ޤާނޫނުއަސާސީއާ އެއްގޮތަށް ޢަމަލުނުކުރެވޭތީ. ޤައުމުގެ އެންމެން، ވެރިންނާއި ރައްޔިތުން ޤާނޫނުއަސާސީއަށް ޙުރްމަތްތެރިކޮށްހިތައި، ޤާނޫނުއަސާސީއާ އެއްގޮތަށް ޢަމަލުކުރަމުން ގެންދާނީ އަޅުގަނޑުގެ ނަޒަރުގައި މީސްތަކުންގެ ދިރިއުޅުމާއި، އެކަކު އަނެކަކާ ދޭތެރޭގައި ކުރާ މުޢާމަލާތާއި، އެއްބަޔަކާ އަނެއް ބަޔަކާ ދެމެދުގައި އޮންނަ ގުޅުން ރަނގަޅު އަޚްލާޤިއްޔާތެއްގެ މައްޗަށް ބިނާވެފައި އޮވެގެން. ހަރުދަނާ އަޚްލާޤީ ބިންގަލެއްގެ މައްޗަށް ބިނާވެފައި ނެތް އެއްވެސް ސިޔާސީ ނުވަތަ އިޖުތިމާޢީ ޙަޔާތަކީ ހަމަޖެހޭ ޙަޔާތަކަށް ނުވާނެކަން ކަށަވަރު.
 
އާދެ، ތެދުވެރިކަމާއެކު ތިމާގެ ވާޖިބު އަދާކުރުން، ތިމާގެ އަމިއްލަ ފައިދާއަށްވުރެ ޖަމާޢަތުގެ ފައިދާ އިސްކުރުން، މަސްއޫލިއްޔަތު އުފުލަން ކެރުން، ތިމާއަށް ކުރެވޭ ކުށުގެ އިލްޒާމް އެހެން މީހުންގެ ބޮލުގައި އެޅުވުމުގެ ބަދަލުގައި ތިމާ، ތިމާގެ ކުށް ގަބޫލުކުރުން، ފައިސާއާއި މުދަލާބެހޭ ކަންކަމުގައި އަމާނަތްތެރިވުން، އެކަކު އަނެކަކަށް ޙުރްމަތްތެރިކޮށްހިތުން، އެއްބަޔަކު އަނެއް ބައެއްގެ ޙައްޤުތަކަށް އަރައިނުގަތުން، މިފަދަ މާތް އަޚްލާޤިއްޔާތެއް އަޅުގަނޑުމެންގެ  ތެރެއިން ކޮންމެ މީހަކުވެސް އެމީހަކު އަމިއްލައަށް ގަބޫލުކޮށްގެން ނޫނީ ކިތަންމެ މޮޅު ޤާނޫނުއަސާސީއެއް އަޅުގަނޑުމެން ފާސްކުރި ކަމުގައިވިޔަސް، އެއިން ދިވެހި އުންމަތަށް ކުރާނެ ކުޑަވެސް ފައިދާއެއް ނޯންނާނެކަން ޔަޤީން.
 
އާދެ، ރައްޔިތުންގެ މަޖިލިސް ފަދަ ދައުލަތުގެ މުހިންމު ޤާނޫނީ ފަރާތަކަށް 50 އަހަރު ފުރި، އާ 50 އަހަރަކާ ކުރިމަތިލާ ކުރިމަތިލުމަކީ ރާއްޖޭގެ ދުސްތޫރީ ޙަޔާތުގެ އާ ދައުރެއްގެ ފެށުން ކަމުގައި އަޅުގަނޑު ދެކެން. އެއް ދައުރަކުން އަނެއް ދައުރަކަށް ބަދަލުވާއިރު، އިތުރު ކުރިއެރުމާއި ތަރައްޤީއަށް އުންމީދު ކުރަންޖެހޭނެ ކަމަށްވެސް އަޅުގަނޑު ދެކެން. ވޭތުވެދިޔަ ޤާނޫނީ ދައުރުގައި ނުވެވިހުރި މުހިންމު ކަންތައްތައް، މި ދައުރުގައި ކުރުމަށް އާ ބާރެއްލުމުގެ ބޭނުންތެރިކަންވެސް އަޅުގަނޑަށް އިޙްސާސް ކުރެވޭ.
 
އާދެ، މިގޮތުން އަޅުގަނޑަށް ޚިޔާލުކުރެވޭގޮތުގައި ކުރިއަށް އޮތް ދައުރުގައި އަޅުގަނޑުމެން ދިވެހިންގެ އަމިއްލަ ޤައުމީ ފަލްސަފާއެއް އޮތުން އެއީ ބޭނުންތެރި ކަމެއް ކަމަށް އަޅުގަނޑަށް ފެނޭ. އެހެނިހެން ޤައުމުތަކުގައިވެސް އެތަންތާނގެ އަހުލުވެރިން އެކިކަންކަމާމެދު ގަބޫލުކުރާ އުޞޫލުތަކެއް ހުންނަ ފަދައިން އަޅުގަނޑުމެންވެސް ގަބޫލުކުރާ އުޞޫލުތަކެއް، ޤައުމީ ފަލްސަފާއެއްގެ ގޮތުގައި އެކަށައަޅަންވެއްޖެ ކަމަށް އަޅުގަނޑު ދެކެން. އެއްދުވަހުން އަނެއް ދުވަހަށް ބަދަލުވަމުންދާ ދުނިޔޭގެ ސިޔާސީ އަދި މަޒްހަބީ ރާޅުތައް އަޅުގަނޑުމެންގެ އަމާން މަޑުމައިތިރި ގޮނޑުދޮށްތަކަށް ބިންދަމުންދާއިރު އަދި އަޅުގަނޑުމެންގެ ދިވެހިންގެ މަޢީޝަތު ހަލުވިކަމާއެކު ބަދަލުވަމުން ތަރައްޤީވަމުންދާ ވަގުތެއްގައި އަޅުގަނޑުމެންނާ ކުރިމަތިވާ އެކިއެކި ބޮޑެތި ސިޔާސީ އިޖުތިމާޢީ އަދި އިޤްތިޞާދީ މައްސަލަތަކުގައި އަޅުގަނޑުމެން ކުރިއަށް ދާންވީ މަގަކީ ކޮބައިތޯ ބަލަންވެއްޖެ ކަމަށް އަޅުގަނޑު ދެކެން. މިނިވަންކަމުގެ މާނައަކީ ކޮބައިކަން، ޤައުމުގެ މިނިވަންކަމަކީ ކޮބައިކަން، އަފްރާދުންގެ މިނިވަންކަމަކީ ކޮބައިކަން، ޤައުމިއްޔަތަކީ ކޮން އެއްޗެއްކަން، ޤައުމިއްޔަތާއި ދީނާ ހުރި ގުޅުމަކީ ކޮބައިކަން، ޑިމޮކްރަސީގެ މަފްހޫމަކީ ކޮބައިކަން، ތަރައްޤީއަކީ ކޮން އެއްޗެއްކަން، އިޖުތިމާޢީ ޢަދާލަތަކީ ކޮން މަޤްޞަދެއްގައި ކުރިއަށް ގެންދެވޭ ކަމެއްކަން، އެކިކަންކަމާމެދު ދައުލަތުން ޚިޔާލުކުރަންވީ ދާއިރާއަކީ ކޮބައިކަން ނުވަތަ ދައުލަތުގެ ނުފޫޒު އެކިއެކި ދާއިރާތަކުގައި ހިންގަންވީ މިންވަރަކީ ކޮބައިކަން. މިފަދަ މުހިންމު ކަންތައްތައް އަޅުގަނޑުމެން ތަރުޖަމާ ކުރަންވީގޮތް އެކަށައެޅުމުގެ ވަގުތު އަތުވެއްޖެ ކަމަށް އަޅުގަނޑު ދެކެން. މިހެން މިދެންނެވީ، މިދެންނެވި ފަދަ މަފްހޫމްތަކަކީ ނުވަތަ ކޮންސެޕްޓްތަކަކީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ގެންގުޅޭ މަފްހޫމްތަކެއް ނުވަތަ ކޮންސެޕްޓްތަކެއް. އެހެންނަމަވެސް، އެއިން ކޮންމެ މަފްހޫމެއްގެ ތަރުޖަމާއަކީ އެއްތަނަކުން އަނެއް ތަނަކަށް ބަދަލުވަމުންދާ އެއްޗެއް. މިސާލެއްގެ ގޮތުން ޑިމޮކްރަސީ ނަގަމާ ހިންގަވާ. ޑިމޮކްރަސީއަކީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތައް، އޭގެ ނަމުގައި ވެރިކަން ހިންގަމުންދާ އެއްޗެއް. ޑިމޮކްރަސީގެ ވަރަށް ތަފާތު ބާވަތްތައް އަޅުގަނޑުމެން ބަލައިލި ކޮންމެ ދިމާއަކުން ފެންނަން އެބަހުރި. ހުޅަނގު ޔޫރަޕްގައިވެސް އޮންނަނީ ޑިމޮކްރަސީ. އިރުމަތީ ޔޫރަޕްގައި އޮންނަނީވެސް ޑިމޮކްރަސީ. އެމީހުން ބުނާގޮތުގައި، އަދި އެނޫން ޤައުމުތަކުގައި އޮންނަނީވެސް ޑިމޮކްރަސީ. އެއްވެސް ބަޔަކު އެބައެއްގެ ޤައުމުގައި އޮންނަނީ ޑިމޮކްރަސީ ނޫންކަމަކަށް ނުބުނޭ.
 
އެހެންވީމާ، ޑިމޮކްރަސީއަކީ ނަޒަރީގޮތުން ކޮންމެ އެއްޗެއް ކަމުގައިވިޔަސް، ޢަމަލީގޮތުން އެ ޑިމޮކްރަސީ ތަރުޖަމާ ކުރެވެނީ ތަފާތު ޤައުމުތަކުގައި ތަފާތު ގޮތްތަކަކަށް. އެހެންވީމާ، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ބޭނުންވަނީ ކޮންކަހަލަ ޑިމޮކްރަސީއެއްތޯ، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ޙާލަތާ އެންމެ ގުޅެނީ ކޮން ބާވަތެއްގެ ޑިމޮކްރަސީއެއްތޯ، އަޅުގަނޑުމެންގެ ތާރީޚާއި، އަޅުގަނޑުމެންގެ ދީނާއި، އަޅުގަނޑުމެންގެ ޤައުމިއްޔަތާ ތަޢާރުޟްނުވާ ޑިމޮކްރަސީއަކީ ކޮބައިތޯ. އެ ކޮންމެވެސް މިންވަރަކަށް ކަނޑައަޅައިފައި އޮތުމަކީ ޤައުމީ ފަލްސަފާއެއްގެ ބައެއްގެ ގޮތުން އަޅުގަނޑުމެން ކުރަންވެއްޖެ ކަމެއް. އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް އެންމެ އެކަށީގެންވާ ޑިމޮކްރަސީގެ ޞީޣާއެއް ނުވަތަ ފޯމިއުލަރއެއް އަޅުގަނޑުމެން މިހާރު ވެއްޖެ ހޯދަން.
 
އާދެ، އަޅުގަނޑު މިހެން ދެންނެވީމާ ބައެއް ބޭފުޅުންގެ ހިތްޕުޅަށް އަރާނެކަންނޭނގެ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި އެއޮތީ އެންމެ މަތިވެރި ފަލްސަފާއޭ. އޭގެއިތުރަށް އެއްވެސް އެހެން ފަލްސަފާއެއް އަޅުގަނޑުމެން ބޭނުމެއްނުވެއޭ. އާދެ، އަޅުގަނޑު ދަންނަވާނަން، ތިޔައީ ވަރަށްބޮޑު ތެދުފުޅެކޭ. ވަރަށްބޮޑު ޙަޤީޤަތެކޭ. އިސްލާމްދީނުގައިވާ ފަދަ މަތިވެރި ފަލްސަފާއެއް، އިސްލާމްދީނުގައިވާ ފަދަ އަގުހުރި މާތް އުޞޫލުތަކެއް، އެހެން އެއްވެސް ފަލްސަފާއެއްގައި ނޯންނާނެކަން ކަށަވަރު. އާދެ، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ލިބިފައިވާ ބަޔަކަށްވުމާއެކު، އަޅުގަނޑުމެން އެންމެ ފުރަތަމަ އަދި އެންމެފަހުންވެސް ރުޖޫޢަވާންވީ މާތްވެގެންވާ އިސްލާމްދީނުގެ ފަލްސަފާއަށްކަމާމެދަކު އެއްވެސް ޝައްކެއްނެތް. އާދެ، މައްސަލައަކީ އެއެއް ނޫން. މައްސަލައަކީ އިސްލާމްދީނުގައި ސިޔާސީ ކަންތައްތަކާއި، އިޖުތިމާޢީ ކަންތައްތަކާއި، އިޤްތިޞާދީ ކަންތައްތައް ހަމަޖައްސަވައިފައި ވަނީ ވަރަށް ތަނަވަސް ވަރަށް ޢާންމު ދާއިރާއެއްގައި. އިސްލާމްދީން ހުއްދަކުރާ ދާއިރާގެ ތެރެއިން ތަފާތު މަގުތަކެއް އަޅުގަނޑުމެންނަށް ޚިޔާރު ކުރެވިދާނެ. މިސާލެއްގެ ގޮތުން ދަންނަވަންޏާ، ވެރިކަން ހިންގުމުގެ އުޞޫލު، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ޝިޢާރު އަޅުގަނޑުމެންނަށް ފެންނަން އެއޮތީ. "وَأَمْرُهُمْ شُورَىٰ بَيْنَهُمْ"އެބައިމީހުންގެ ކަންތައްތައް ނިންމާނީ ނުވަތަ ނިންމާހުށީ އެއްބަޔަކު އަނެއްބަޔަކާ މަޝްވަރާކޮށްގެންނޭ. "شُورَىٰ" ގެ މަތިވެރި އުޞޫލުގެ މަތިންނޭ.
 
އާދެ، އިސްލާމްދީނުގައި ވެރިކަން ހިންގުމުގެ އުޞޫލެއް ކަމުގައި ކަނޑައަޅުއްވައިފައިވަނީ މިދެންނެވި މާތް އުޞޫލު. شُورَىٰ ގެ އުޞޫލު. އެހެންނަމަވެސް، شُورَىٰ ގެ އުޞޫލު، އޭގެދަށުން ތަފާތު ގޮތްތަކެއް އަޅުގަނޑުމެންނަށް ނެރެވިދާނެ. އާދެ، އިންސާނުން މުސްލިމުން ދުނިޔޭގެ ތަފާތު ޤައުމުތަކުގައި ތަފާތު ގޮތްތަކަށް ޢަމަލުކުރަމުން އެބަދޭ. شُورَىٰ ގެ އުޞޫލަށް ތަބާވީކަމުގައިވިޔަސް، ވެރިކަން، އެންމެ އިސްވެރިޔަކަށް ހުންނަ މީހެއްގެ މަގާމު އެއީވެސް ދެތަނެއްގައި ދެގޮތަކަށް އޮވެދާނެ މަޤާމެއް. އެންމެމަތީ ވެރިޔަކަށް ހުންނަ މީހަކު މަޝްވަރާކުރަންޖެހޭ މީހުން ނުވަތަ މަޖިލިސްތައް އެއީވެސް ތަފާތު ތަންތާނގައި ތަފާތު ގޮތްގޮތަށް އެކުލަވައިލެވިދާނެ މަޖިލިސްތަކެއް. ވެރިކަން ހިންގުމުގެ ބާރުތައް، އެ މަޖިލިސްތަކަށް ބަހައިލެވިފައި އޮންނަގޮތް އެއީވެސް ތަފާތު އިސްލާމީ ޤައުމުތަކުގައި ތަފާތު ގޮތްގޮތަށް ޢަމަލުކުރަމުންގެންދާ ކަމެއް. އެހެންވީމާ، އިސްލާމްދީނުގައިވާ މަތިވެރި شُورَىٰ ގެ އުޞޫލު އެއީވެސް ވަރަށްފުޅާ ދާއިރާއެއްގެ ތެރޭގައިވާ އެއްޗެއް. އޭގެތެރެއިން ގޮތެއް ޚިޔާރު ކުރުމަކީ އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް، އަޅުގަނޑުމެންގެ ރާއްޖޭގެ ޙާލަތަށް ބަލައިފައި. އަޅުގަނޑުމެންގެ އިޤްތިޞާދީ ފެންވަރަށް ބަލައިފައި. އަޅުގަނޑުމެން އެ އުޞޫލުތަކަށް އެންމެ މަތިވެރި ޙުރްމަތްތެރިކަމެއް އަދާކުރާ އުޞޫލުތަކަށް ބަލައިފައި. އެއިން ކަންކަމާ ތަޢާރުޒުނުވާ ގޮތުގެ މަތިން މުޅި އުންމަތުގެ ފައިދާއަށްޓަކައި އަޅުގަނޑުމެންނަށް އަޅުގަނޑުމެން ބޭނުންވާ މަގެއް ޚިޔާރު ކުރެވިދާނެ. އެއީ އަޅުގަނޑު މިދަންނަވާ އެއްޗަކީ. އެއްވެސް ހާލެއްގައި އިސްލާމްދީނުގެ ފަލްސަފާ ދޫކޮށްލައިފައި، އެހެން ފަލްސަފާއަކަށް ދާކަށެއްނޫން. އެހެން ދާކަށް ނުވެސްވާނެ. އެހެން ދާކަށް ނުވެސްޖެހޭނެ.
 
އެހެންނަމަވެސް، މިދެންނެވި ގޮތުގެ މަތިން އިސްލާމްދީނުގައި ޢިބާދާތާބެހޭ ކަންތައް، އަޅުކަންތަކާބެހޭ ކަންތައް އޮންނަނީ ވަރަށް ހަނި ދާއިރާއެއްގައި. އެކަން އަންގަވައިފައި އޮންނަގޮތަށް ކުރަންޖެހެނީ. އަންގަވައިފައި ނެތްގޮތަށް އެއްވެސް ކަމެއް ކޮށްގެން އެއީ ޞައްޙަ ކަމަކަށްނުވާނެ. އަދި ޖާއިޒް ކަމަކަށްވެސް ނުވާނެ. ނަމާދުކުރާއިރު، އަންގަވައިފައި އޮންނަގޮތަށް ނަމާދުކުރަންޖެހެނީ. ރަކުޢަތްތައް ކަނޑައަޅުއްވައިފައިވާ ގޮތުގެ މަތިން. ޘަވާބު އިތުރުކުރުމުގެ ބޭނުމުގައި ފަތިސްނަމާދު، މިސާލަކަށް، ދެ ރަކުޢަތަށްވުރެ ގިނަ ރަކުޢަތް ކޮށްގެން ކަމަކުނުދާނެ. ތިން ރަކުޢަތް ކޮށްގެން، ހަތަރު ރަކުޢަތް ކޮށްގެން ކަމަކުނުދާނެ. މިގޮތުން ދީނުގައި ކަނޑައަޅުއްވައިފައިވާ ޢިބާދާތްތަކަށް އެއްވެސްކަހަލަ އުނި އިތުރެއް އަޅުގަނޑުމެންނަށް ގެނެވޭކަށް ނޯންނާނެ. އެއާ ޚިލާފަށް މަޢީޝީ ދާއިރާއެއްގައި، ސިޔާސީ ކަންތައްތަކުގައި، އިޖުތިމާޢީ ކަންތައްތަކުގައި، އިޤްތިޞާދީ ކަންތައްތަކުގައި ދީނުގައި ކަނޑައަޅުއްވައިފައިވަނީ ޢާންމު އުޞޫލުތަކެއް. ވަރަށްމަދު ކަމެއްގައި ނޫނީ ތަފްޞީލީ ކަންތައްތަކެއް ބަޔާންކުރައްވައިފައެއްނުވޭ. ތަފްޞީލީ ކަމެއް ބަޔާންކުރައްވައިފައި އޮންނަ ކޮންމެ ކަމެއްގައި އެގޮތުގެ މަތިން ޢަމަލުކުރުމަކީ ކޮންމެ މުސްލިމެއްގެވެސް ވާޖިބަކަށްވާނެ. އެއިން އެއްކިބާއެއް ނުވެވޭނެ. މިސާލަކަށް، މުދާ ބެހުމުގެ ކަންތައްތައް، ވާރުތަވުމުގެ ގަވާއިދުތައް، ވަކި އުޞޫލެއްގެ މަތިން ކީރިތި ޤުރްއާނުގައި ކަނޑައަޅުއްވައިފައި އޮންނަނީ.
 
އެހެންވީމާ، އެ އުޞޫލުން އަޅުގަނޑުމެންނަށް އެއްކިބާވެވޭކަށް ނޯންނާނެ. އެއުޞޫލުން އެއްކިބާވެގެން އެހެން ގޮތަކަށް އަޅުގަނޑުމެން ޢަމަލުކޮށްފީވިއްޔާ އެއީ އިސްލާމްދީނުގައި ކަނޑައަޅުއްވައިފައިވާ އުޞޫލުތަކާ ޚިލާފުވެވުނީކަމަށްވާނީ. އެހެންނަމަވެސް، މިދެންނެވީ ބައެއް ކަންތައްތައް ފިޔަވައި އަޅުގަނޑުމެންގެ އިޖުތިމާޢީ ދާއިރާގައި ހުންނަ ކަންތައްތައް ހުންނަނީ ވަރަށް ޢާންމު އުޞޫލެއްގެ މައްޗަށް ދޫކޮށްލައްވައިފައި. ވިޔަފާރިވެސް، ބައެއް ވައްތަރުގެ ވިޔަފާރި ދީނުގައި ޙަރާމްކުރައްވައިފައިވޭ. ރިބާގެ މުޢާމަލާތު އޭގައި އެކުލެވިގެންވާ ވިޔަފާރި. އެތައް ގުނައެއްގެ ފައިދާ ލައިގެން ވިއްކާ މުދާ ވިއްކުމުގެ ވިޔަފާރި. މިކަހަލަ ބައެއް ކަންތައްތައް ދީނުގައި ޙަރާމްކުރައްވައިފައިވޭ. އޭގެއިތުރަށް އޮންނަނީ ޢާންމު އުޞޫލުތަކެއް. ދެމީހަކު ވިޔަފާރީގެ މުޢާމަލާތެއް ހިންގާނަމަ ދީނީ އުޞޫލުތަކާ ޚިލާފުނުވެ، އެބަޔަކު އެ ރުހިގަތް ގޮތް އެއީ އެމީހުންގެ ޝަރީޢަތް ކަމުގައި އެމީހުންގެ ޤާނޫނު ކަމުގައި ބެލެވޭ އުޞޫލުތަކެއް. އެހެންވީމާ، މިދެންނެވި އުޞޫލުތަކުގެ މައްޗަށް ބަލާއިރު، ވިޔަފާރީގެ ކަންތައްތައްވެސް އަދި އިޤްތިޞާދީ އެނޫން ކަންތައްވެސް ވަރަށް ތަނަވަސް ފުޅާ ދާއިރާއެއްގައި އަޅުގަނޑުމެންނަށް ގެނެސްލެވިދާނެ. އެރޮނގުތަކުގެ ތެރެއިން އަޅުގަނޑުމެންގެ ރާއްޖޭގެ ޙާލަތާ އެންމެ ގުޅޭ އަޅުގަނޑުމެންނަށް އެންމެ ފައިދާކުރާނެ ރޮނގެއް އިޚްތިޔާރު ކުރުން އެއީ އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ މިބާވަތުގެ މުހިންމު މައްސަލަތަކުގައި އަޅުގަނޑުމެން ދިވެހިންގެ ޤައުމީ ފަލްސަފާއެއް އޮތުމަކީ ބޭނުންތެރި ކަމެއް ކަމުގައި އަޅުގަނޑު ދެކެމޭ.
 
އާދެ، މިދެންނެވި ޤައުމީ ފަލްސަފާއާއި ޤާނޫނުއަސާސީއާ އެއީ މުޅިން ތަފާތު ދެއެއްޗެއް. ޤާނޫނުއަސާސީގައި އޮންނަނީ ވަކި ކަންތައްތަކެއް. ވެރިކަން ހަމަޖެހިފައިވާ އުޞޫލު. ވެރިކަން ހިންގާ ފަރާތްތައް. އެއްފަރާތަކާ އަނެއް ފަރާތަކާ ދެމެދުގައި އޮންނަ ގުޅުން. ވެރިކަމުގެ ބާރުތައް. ރައްޔިތުންގެ ޙައްޤުތައް. މިހެންގޮސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާ ނުވަތަ ދެނެވަޑައިގަންނަވާ އުޞޫލުތައް އެއީ ޤާނޫނުއަސާސީގައި އޮންނަންޖެހޭ އުޞޫލުތަކަކީ. މިދެންނެވި ޤައުމީ ފަލްސަފާއަކީ އެއަށްވުރެ ފުޅާ ދާއިރާއަކަށް ނުކުންނަ އެއްޗެއް. އަޅުގަނޑު ކުރިންވެސް އިޝާރާތް ކުރިފަދަ މިނިވަންކަން، ޑިމޮކްރަސީ، ޤައުމިއްޔަތު، ޘަޤާފަތު، ދީން، ދީނާ އެކަންކަމާ ދޭތެރޭގައި އޮންނަ ގުޅުން، މިބާވަތުގެ ކަންތައްތައް. އެއިން އަޅުގަނޑުމެންނަށް މާނަކުރާ ތަރުޖަމާ ވަރަށް ސާފުކޮށް ބަޔާންކުރެވިފައި އޮތުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި އަޅުގަނޑު ދެކެން، އަޅުގަނޑުމެންފަދަ ތަރައްޤީވަމުން އަންނަ ޤައުމެއްގައި. ޤައުމެއްގެ ޙަޔާތް ކުރިއަށްދާގޮތުން އެބާވަތުގެ ކަންތައްތައް ވަރަށް ސާފުކޮށް އެންމެންނަށް އެނގިފައި އޮވެގެން ނޫނީ ވަރަށް އަވަހަށް އަޅުގަނޑުމެންގެ މެދުގައި އެކިބާވަތުގެ ޚިލާފު އުފެދި ހަމަނުޖެހުންތައް އުފެދެން ފަށާފާނެ.
 
އާދެ، މިދެންނެވި ފަލްސަފާއަކީ އެންމެ މީހަކު ކަނޑައަޅާނެ އެއްޗެއް ނޫން. އެއީ ދިވެހި ރައްޔިތުން އެންމެން ކަނޑައަޅަންވީ އެއްޗެއް. ދިވެހި ރައްޔިތުންނަށް އެނގޭނީ އެމީހުން ބޭނުންވާ ގޮތްތަކަކީ ކޮބައިކަން. އެމީހުންގެ ޤައުމާ އެންމެ އެކަށީގެންވާ ޞީޣާއަކީ ނުވަތަ ފޯމިއުލަރއަކީ، މިދެންނެވި ކޮންމެ ކަމަކާ ގުޅިގެންވެސް އެއީ ކޮންއެއްޗެއްކަން. ވާހަކައަކީ އެކަހަލަ ފޯމިއުލަރއެއްނެތި، ޤައުމީ ފަލްސަފާއެއްނެތި، އަޅުގަނޑުމެން ކުރިއަށްދާ ކަމަށްވަންޏާ، ބައެއް ކަންތައްތައް އޮޅި، އަޅުގަނޑުމެންގެ ޤައުމީ އެކުވެރިކަން ގެއްލި، އެންމެން އެކަތިގަނޑަކަށްނުވެ ހިނގައިދާނެ. އާދެ، ކޮންމެއަކަސް މިއީ އަޅުގަނޑުމެން މި ކުރިމަތިލާ އާ ދައުރުގައި ކުރަންވެއްޖެ ކަމެއް ކަމަށް އަޅުގަނޑަށް ފެންނަ ކަމެއް. މިކަމުގައި ކުރިއަށް ވަޑައިގަތުން އެއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ކަމެއް.
 
އާދެ، މި ޖަލްސާގައި އަޅުގަނޑު ދެއްކި ވާހަކަކޮޅު ނިންމައިލުމުގެ ކުރިން، މިމުނާސަބަތު މިގޮތަށް ފާހަގަކުރެވެމުންދާކަން އެއީ އަޅުގަނޑުމެން އުފާކުރަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ ރާއްޖެއަކީ ކުޑަ ޤައުމެއް. މާ ތަނަވަސް ޤައުމެއްވެސް ނޫން. ތަރައްޤީގެ ގޮތުން ބަލާއިރު އެންމެ ކުރިއަރައިފައިވާ ޤައުމުތަކުގެ ތެރެއިން ހިމެނޭ ޤައުމެއް ނޫން. އަދި މެދުމިން ޤައުމުތަކުގެ ތެރެއިންވެސް ހިމެނޭ ޤައުމެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެންގެވެސް ޒަމާނުއްސުރެ ވާރުތަވަމުން އަންނަ މަތިވެރި އުޞޫލުތަކެއް، ގޮތްތަކެއް އެބަހުރި. އަޅުގަނޑުމެންގެ ފަޚްރުވެރި ޤައުމިއްޔަތެއް އެބައޮތް. އަޅުގަނޑުމެންގެ ޝަރަފްވެރި ޘަޤާފަތެއް އެބައޮތް. އަޅުގަނޑުމެންގެ ވަރަށްރީތި، ވަރަށްމޮޅު ބަހެއް އެބައޮތް. އަޅުގަނޑުމެން އެންމެން އެ ދީނަކަށް ތަބަޢަވާ މާތްވެގެންވާ އިސްލާމްދީން އެބައޮތް. އެހެންވުމާއެކު، އަޅުގަނޑުމެންނަކީ ކުޑަ ޤައުމަކަށްވިޔަސް، އަދި ތަނަވަސް ނޫން ޤައުމަކަށްވިޔަސް، ކުރިއަރައިފައިވާ ޤައުމުތަކުގެ ސަފުގައި ނުހިމެނޭ ޤައުމަކަށްވިޔަސް، އެއިން އެއްވެސް ކަމަކުން އަޅުގަނޑުމެންނަށް ލިބޭ އެއްވެސް އުނިކަމެއް ނެތް. އަޅުގަނޑުމެންނަކީ މިނިވަން ފަޚްރުވެރި ޤައުމެއްގެ ގޮތުގައި އޮތުމުން އަޅުގަނޑުމެންނަށް ލިބޭ އުފަލާއި ހިތްހަމަޖެހުން، އެހުރިހާ ކަމަކަށްވުރެ މާބޮޑު.
 
އާދެ، އަޅުގަނޑުގެ އެދުމަކީ ރައްޔިތުންގެ މަޖިލީހުގެ ޙަޔާތުގައި އަލަށް މި ފެށޭ 50 އަހަރަކީ މިދިޔަ 50 އަހަރަށްވުރެ ރާއްޖެއަށް ފައިދާހުރި 50 އަހަރެއް ކަމުގައިވުން. އަޅުގަނޑުމެން މި ކުރިމަތިލާ 50 އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ފިޔަވަޅުތައް އެޅެމުން ދިޔުން. އެކިކަންކަމުގައި އަޅުގަނޑުމެން ހިނގަންވީ މަގު ޚިޔާރު ކުރުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ލިބުން. އަދި އަޅުގަނޑުމެންނަކީ އަބަދުވެސް މިފަސްގަނޑުގެ ދަރިން ކަމުގައި ހަނދާންކޮށްގެން އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އޮވެގެން އަޅުގަނޑުމެން އަންނަން އޮތް ޖީލުތަކަށް ފައިދާކުރާނެ ގޮތެއްގެ މަތިން މިހާރު ކަންތައްތައް ނިންމަމުން ގެންދިޔުމުގެ ތައުފީޤުވެސް އަޅުގަނޑުމެންނަށް ލިބުން.
 
އާދެ، އަޅުގަނޑުގެ ދުޢާއަކީ اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވުން. ކެތްތެރިކަން ދެއްވުން. އަޅުގަނޑުމެން ކުރިއަށް ހިނގަންވީ މަގު އަޅުގަނޑުމެންގެ އަމިއްލަ ލޮލަށް ފެންނާނެގޮތް ހައްދަވައިދެއްވުން. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި އަބަދުގެއަބަދަށް ފައިތިލަތައް ސާބިތުކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާގެ އިރުޝާދުގެ ދަށުން އަޅުގަނޑުމެންގެ ޤައުމު އެއްދުވަހުން އަނެއް ދުވަހަށް ކުރިއަށް ދިޔުމުގެ މަތިވެރި ނަޞީބު اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ދެއްވުން.
 
رَبَّنَا آمَنَّا بِمَا أَنزَلْتَ وَاتَّبَعْنَا الرَّسُولَ فَاكْتُبْنَا مَعَ الشَّاهِدِينَ. رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً  إِنَّكَ أَنتَ الْوَهَّابُ.

          والسّلام عليكم ورحمـة اللّـه وبركاته.