بســم اللّـه الرّحمـن الرّحيــم
           
اَلحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ވަޒީރުން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިން، ބޭރުގެ ޢިއްޒަތްތެރި މެހުމާނުން.
 
  السّلام عليــكم ورحـمــة اللّـه وبـركاتـه؛
  
  ރައްޔިތުންގެ މަޖިލީހަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރާނެ އާ ޢިމާރާތެއްގެ ބިންގާ އެޅުމުގެ މަތިވެރި ޝަރަފް، މި ބަރަކާތްތެރި ހުކުރު ދުވަހުގެ މި އުފާވެރި ހެނދުނުގެ ވަގުތުކޮޅުގެ ތެރޭގައި ޙާޞިލުކުރުމަށްފަހު، މިއަދު އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމަށް ދެކެނީ، އަޅުގަނޑަށް މި މަތިވެރި ޤަދަރާއި ޝަރަފް ދެއްވި ކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހިތުގެ އެންމެ އިޚްލާޞްތެރި ޝުކުރު އަދާކުރުން.
 
  ޝައްކެއްނެތް، ރައްޔިތުންގެ މަޖިލީހަށް ޚާއްޞަކުރެވޭ، ރައްޔިތުންގެ މަޖިލީހުގެ ނަމުން ނަން ދެވިފައިވާ ޢިމާރާތެއް ބިނާކުރުމަކީ، އަޅުގަނޑުމެންގެ ތާރީޚުގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވިގެންދާނެ ކަމެއް. ހަމައެހެންމެ، މި މުހިންމު އަދި ތާރީޚީ މުނާސަބަތުގައި، މިޢިމާރާތުގެ ބިންގާ އެޅޭކަން އެއީވެސް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރެވިގެންދާނޭ ކަމެއް. މިއަދު އަޅުގަނޑު މި ޝަރަފް ގަބޫލުކުރީ ފަހަރެއްގައިވެސް އަޅުގަނޑަކީ އެކަމަށް އެކަށީގެންވާ މީހެއް ކަމުގައި ދެކިގެނެއް ނޫން. އެހެންނަމަވެސް، ތަޤްދީރު ނިޔާކުރިގޮތުން އަޅުގަނޑު މިއަދު ފުރަމުން މިގެންދާ މަގާމުގެ ޙައިޘިއްޔަތުން މިކަމަކީ މިއަދު އަޅުގަނޑަށް އެއްކިބާވެވޭނެ ކަމެއް ނޫންކަމުން.
 
  އާދެ، ރައްޔިތުންގެ މަޖިލީހަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ރައްޔިތުންގެ މަޖިލިސް ކުރާނެ ގެއެއް ނުވަތަ ޢިމާރާތެއްގެ ބިންގާ އެޅުން އެއީ ވަރަށްވެސް މުހިންމު އަދި ތާރީޚީ ކަމެއް. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ދެންމެ އެ އިޝާރާތް ކުރެއްވި ފަދައިން، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހަށް 50 އަހަރު ވެގެންދިޔަ ކަމުގައިވިޔަސް، އެ ދިގު މުއްދަތުގެ ތެރޭގައިވެސް މީގެކުރިން ރައްޔިތުންގެ މަޖިލިސް ކުރާނެ ޚާއްޞަ ގެއެއް ޢިމާރާތް ކުރެވިފައެއް ނެތް. އަދި އެ ނަމުން ނަން ދެވިފައިވާ އެއްވެސް ތަނެއް، މީގެކުރިން ހަމަޖެހިފައެއްނުވޭ. މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރަމުން އައިސްފައި ވަނީ އެކިފަހަރު އެކި ތާނގައި. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރުމަށް ޚާއްޞަ ކުރެވިފައިވާ، ނުވަތަ އެކަމަށް ޢިމާރާތް ކުރެވިފައިވާ، ރައްޔިތުންގެ މަޖިލީހުގެ ނަމުން ނަން ދެވިފައިވާ ތަނެއް މީގެކުރިން އެއްވެސް އިރެއްގައި ދިވެހިރާއްޖެއަކު އިމާރާތް ކުރެވިފައެއްނުވޭ.
 
  އާދެ، ޤާނޫނީ ސަރުކާރެއް ހިނގަމުންދާ އަދި ދީމުޤްރާޠީ އުޞޫލުތަކަށް ޙުރްމަތްތެރިކޮށްހިތާ ކޮންމެ ޤައުމެއްގައިވެސް ޕާލަމެންޓް ހައުސްއެއް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރާނޭ ގެއެއް ހުރޭ. އަދި އެ ޢިމާރާތް ހިމެނެނީ، އެތަނެއްގެ ރަސްމީ ޢިމާރާތްތަކުގެ ތެރެއިން އެންމެ ޤަދަރުހުރި، އެންމެ ހައިބަތުހުރި އެއް ޢިމާރާތް ކަމުގައި. އެހެންވުމާއެކު، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް ރައްޔިތުންގެ މަޖިލިސް  ކުރާނެ ޢިމާރާތެއް، ކަމަށް އެކަށީގެންވާ ގޮތަށް ކުރެހިފައި އަދި ތައްޔާރުކުރެވިފައި ހުންނަންވެއްޖެ ކަމަށާއި، އެތަނަށް ކޮންމެ ނަމެއް ކީ ކަމުގައިވިޔަސް، ރާއްޖޭގެ ރަސްމީ ޢިމާރާތްތަކުގެ ތެރެއިން އެންމެ ޤަދަރުހުރި އެއް ޢިމާރާތެއްގެ ގޮތުގައި އެފަދަ ތަނެއް ބިނާކުރެވިފައި ހުންނަން ވެއްޖެ ކަމަށް އަޅުގަނޑު ދެކެން. އެހެންވުމާއެކު، މިއަދު އަޅުގަނޑުމެން މި ޢިމާރާތުގެ ބިންގާ އަޅާކަން އެއީ އަޅުގަނޑު ދެކޭގޮތުގައި، ވަރަށް މުހިންމު ކަމެއް. އާދެ، ކަމުގެ ބޭރުފުށަށް ބަލައިލާއިރު، އެއީ މާއްދީގޮތުން ފާހަގަކުރެވިގެންދާނެ ކަމެއް ކަމުގައިވެސް ވެދާނެ. އެހެންނަމަވެސް، އެކަމުގެ ޙަޤީޤަތަށް ބަލާއިރު، ކަމަކީ އޭގައި ވަރަށްފުން މާނަތަކެއް އެކުލެވިގެންވާ ކަމެއްކަން ކަށަވަރު.
 
  އަޅުގަނޑުމެންގެ މި ދައުރަކީ ބިނާކުރުމުގެ ދައުރެއް. ދިވެހިރާއްޖެ ވަނީ ހުރިހާ ރޮނގަކުންވެސް ބިނާކުރަންޖެހިފައި. އަދި ހުރިހާ ރޮނގަކުންވެސް ހަރުދަނާ ރަނގަޅު ބިންގަލެއްގެ މަތިން ކަންތައްތައް ކުރަން ފަށަން ޖެހިފައި. އަޅުގަނޑުމެންގެ ސިޔާސީ ޙަޔާތުގައި، އަދި އަޅުގަނޑުމެންގެ ޤާނޫނީ ޙަޔާތުގައިވެސް އެކަންތައް އޮތީ އެހެން. އެހެންކަމަށްވުމާއެކު، ހަރުދަނާ ރަނގަޅު އުޞޫލެއްގެ މަތިން އަޅުގަނޑުމެންގެ ސިޔާސީ ދުސްތޫރީ އަދި ޤާނޫނީ ޙަޔާތް ބިނާކުރަމުންދާ ދިޔުމުގައި މިފަދަ މުހިންމު ޢިމާރާތެއް ހުރުމަކީ ހަމަ ކޮންމެހެން ލާޒިމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އާދެ، މިކަމުން ރަމްޒުކޮށްދެނީ މި ދައުރުގައި ރައްޔިތުންގެ މަޖިލީހަށް ދެވެމުންދާ އަދި ދޭންޖެހޭނޭ މަތިވެރި ޤަދަރާއި އަހަންމިއްޔަތު، ރައްޔިތުންގެ މަޖިލީހަށް ދެވެމުންދާ އަދި ދޭންޖެހޭނޭ މަތިވެރި މަޤާމު، އެހެން ޢިބާރާތަކުން ދަންނަވާ ކަމަށްވަންޏާ، ރައްޔިތުންނަށް ދޭންޖެހޭ ޤަދަރާއި މަޤާމު، ރައްޔިތުންނަށް ދޭންޖެހޭ ޝަރަފާއި ޢިއްޒަތް.
 
  އާދެ، އެހެންކަމުން މިއަދުގެ މި ބަރަކާތްތެރި ވަގުތުކޮޅުގައި އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ދިވެހިރާއްޖޭގެ ތާރީޚުގައި އަންނަން އޮތް އެތައް ޒަމާންތަކެއްގައި ފާހަގަކުރެވިގެންދާނޭ މުހިންމު ތާރީޚީ ޙާދިޘާއެއް. މިކަން އަޅުގަނޑާ ޙަވާލުކުރެއްވިކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަޅުގަނޑު ޝުކުރު ދަންނަވަނީ އިޚްލާޞްތެރިކަމާއެކު.
 
 އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިއަދު މިއަޅާ ބިންގަލަކީ، ވަރަށް ހަރުދަނާ ރަނގަޅު ސާބިތު ބިންގަލެއް ކަމުގައި اللّـه سبحـانـه وتعـالى ލެއްވުން. މިއަދު މިއެޅޭ ބިންގަލުގެ ސަބަބުން ދިވެހިރާއްޖޭގެ ދުސްތޫރީ، ޤާނޫނީ އަދި ސިޔާސީ ޙަޔާތަށް އިތުރު ތަރައްޤީއަކާއި ފުރިހަމަކަމެއް ލިބެމުން ދިޔުން. މިއަދު އެ ޢިމާރާތެއްގެ ބިންގާ މި އެޅޭ ޢިމާރާތް ތައްޔާރުވެ ނިމުމަށްފަހު އެތާނގައި ކުރެވޭ ޖަލްސާތަކުގެ ސަބަބުން އަޅުގަނޑުމެންގެ ރާއްޖެއަށް، އަޅުގަނޑުމެންގެ ރާއްޖޭގެ މިނިވަންކަމަށް އަޅުގަނޑުމެންގެ ޤައުމިއްޔަތަށް، އަޅުގަނޑުމެންގެ މާތްވެގެންވާ ދީނަށް، އަޅުގަނޑުމެންގެ ހިތްތަކުގައި އިތުރު ޢިއްޒަތާއި ޤަދަރު ލިބެމުންދިޔުން. އަދި އެތާނގައި ނިންމޭ މުހިންމު ކަންތައްތަކެއްގެ ސަބަބުން އަޅުގަނޑުމެންގެ ރާއްޖެއަކީ ދުނިޔޭގެ މީހުން ޤަދަރުކުރާ، އެންމެން އިޙްތިރާމްކުރާ، މިނިވަން ދައުލަތެއްގެ ގޮތުގައި އަބަދުވެސް ދެމިއޮތުން.
 

           والسّلام عليكم ورحمـة اللّـه وبركاته.