بســم اللّـه الرّحمـن الرّحيــم
           
الحمد للّـه رَبِّ العَالَمِيْن، الَّذى إفتتح الوحْيَ بِقولِه، اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ، والصّـلاة والسّـلام عـلَى رسوله الأمين، الّذِى أرسَلَهُ الله رَحْمَةً لِّلْعَالَمِيْن، وَبَعَثَهُ لِلنَّاسِ  لِيُعَلِّمهُمُ الكِتاب وَالْحِكْمَةَ وَإِن ْكَانُوا مِن قَبْلُ لَفِي ضَلَالٍ مُّبِينٍ.
 
މިނިސްޓަރ އޮފް އެޑިޔުކޭޝަން، ދައުލަތުގެ ޢިއްޒަތްތެރި ވަޒީރުން، އަސާސީ ތަޢުލީމުގެ ޤައުމީ މަޖިލީހުގެ މެންބަރުން، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިން، މިއުފާވެރި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހައި މެހުމާނުން.
 
السّلام عليــكم ورحـمــة اللّـه وبـركاتـه؛
 
އާދެ، މިރޭގެ ޖަލްސާއަކީ ކޮންމެގޮތަކުން ބެލިނަމަވެސް ވަރަށް އުފާވެރި ޖަލްސާއެއްކަމާމެދު ޝައްކެއްނެތް. މިރޭގެ ޖަލްސާއަކީ އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިނގާތާ އެއްއަހަރު ވުމަށްފަހު، އެ މަޝްރޫޢު ހިނގިގޮތުގެ ނަތީޖާ އަޅުގަނޑުމެންނަށް އިވިގެންދިޔަ ޖަލްސާ. އަދި މިވޭތުވެދިޔަ އަހަރުގެ ތެރޭގައި އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގުމުގައި ބައިވެރިވެވަޑައިގެން ދެއްވި ފަރާތްތަކަށާއި އަދި މި މަޝްރޫޢުގައި ކާމިޔާބު ހޯއްދެވި ފަރާތްތަކަށް އެކަށީގެންވާ އިނާމު ދިނުމުގެ ޖަލްސާ.  
 
އާދެ، އަޅުގަނޑުގެ އެންމެފުރަތަމަ ވާޖިބެއްކަމަށް ދެކެނީ މިރޭ އަޅުގަނޑުމެންނަށް ފެނިގެން މިދިޔަ އެކިއެކި ވަނައަށް އައި އަތޮޅުތަކުގެ ރައްޔިތުންނަށާއި، އެކިއެކި ރަށްރަށުގެ ރައްޔިތުންނަށް އަދި އަސާސީ ތަޢުލީމުގެ މަޝްރޫޢުގައި ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ޢިއްޒަތްތެރިންނަށާއި، ހަމައެފަދައިން އަސާސީ ތަޢުލީމުގައި ވަރަށް ފުރިހަމަ ކާމިޔާބުތަކެއް ހޯއްދެވި ހުރިހާ ފަރާތްތަކަށް ދައުލަތުގެ ނަމުގައާއި، އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގާ ޤައުމީ މަޖިލީހުގެ ރައީސްގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި އިޚްލާޞްތެރިކަމާއެކު މުބާރިކްބާދީއާއި ތަހުނިޔާ ދެންނެވުން.
 
އާދެ، ތަޢުލީމާއި ތަރައްޤީއާ ދޭތެރޭގައި ހުރި ވަރުގަދަ ގުޅުން އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން އެންމެ އާދައިގެ ވިސްނުން ހުންނަ މީހަކަށްވެސް މިހާރު އޮޅިފައިވާނެ އެއްޗެއް ނޫން. ކޮންމެ ޤައުމެއްވެސް ކުރިއަރަނީ އެ ޤައުމެއްގައި ތަޢުލީމު ލިބިފައި ތިބި ދަރިން ތިބި މިންވަރަކުން. އެ ދަރިންނަށް ލިބިފައިވާ ތަޢުލީމެއްގެ ހަރުދަނާކަމުން. އެ ދަރިން އެ ތަޢުލީމުގެ ބޭނުންކުރާލެއް ފުރިހަމަކަމުން. އެހެންވުމާއެކު، އަސާސީ ތަޢުލީމުގެ މަޝްރޫޢަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އަދި ދިވެހިރާއްޖޭގެ ތަޢުލީމަށް އެއިން ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ މަޝްރޫޢެއްކަމާމެދަކު އެއްވެސް ޝައްކެއްނެތް.
 
އާދެ، އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ މުހިންމުކަން ވަރަށްގިނަ ގޮތްގޮތުން ފާހަގަކޮށްލެވިދާނެ. އެއިން އެއްގޮތަކީ ނުވަތަ އެއް ޙައިޘިއްޔަތަކީ، މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެންމެ އާދައިގެ ފެންވަރުގެ މީހުންނަށް، އެހެން ޢިބާރަތަކުން ދަންނަވަނީނަމަ އެންމެ ނިކަމެތިންނަށް، އެ މަޝްރޫޢުގެ ފައިދާ ސީދާ ލިބިދޭ މަޝްރޫޢެއް. ދެވަނަ ޙައިޘިއްޔަތަކީ އަސާސީ ތަޢުލީމުގެ މަޝްރޫޢަކީ އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި މިހާރު ރޭވިގެން ހިނގަމުންދާ މަޝްރޫޢުތަކުގެ ތެރެއިން އޭގެ ނަތީޖާ އެންމެ އަވަހަށް ފެންނަމުންދާ މަޝްރޫޢު. މިރޭ އަޅުގަނޑުމެންނަށް މި ފެނުނީ، މިދިޔަ އަހަރުގެ ތެރޭގައި އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިނގަމުންދިޔަގޮތް. އަދި އެ އަހަރު ދުވަހުގެ ތެރޭގައި ލިޔަންކިޔަން ދަސްވި މީހުންގެ ޢަދަދުވެސް އަޅުގަނޑުމެންނަށް ސާފުވެގެން ހިނގައްޖެ. އެއިން ދައްކާ އެއްޗަކީ މި މަޝްރޫޢުގެ ނަތީޖާއަކީ ދުވަހުން ދުވަހަށް ފެންނަމުންދާ އެއްޗެއްކަން. އެއްވެސް ހާލެއްގައި އެއީ އެތައް އަހަރެއްގެ ފަހުން އޭގެ ފޮނި ނަތީޖާއާ ހަމައަށް އަޅުގަނޑުމެންނަށް ވާސިލްވެވޭ ކަހަލަ މަޝްރޫޢެއް ނޫންކަން.
 
އާދެ، އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ މުހިންމުކަން ފާހަގަކޮށްލަންޖެހޭ ތިންވަނަ ޙައިޘިއްޔަތަކީ އެކިފަރާތްތަކުން ޤައުމީ ކަމެއްގެ ގޮތުގައި އެއްވެސް އުޖޫރައެއްނެތި އެފަރާތްތަކުގެ ޚިދުމަތްތައް، އެ މަޝްރޫޢަށް ލިބެމުންދިޔަ މަޝްރޫޢަކީ މި މަޝްރޫޢު ކަމަށްވާކަން. އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މި މަޝްރޫޢުގައި ކިޔަވައިދެއްވަމުން ގެންދަވަނީ ދިވެހި ރައްޔިތުންގެ ތެރެއިން ވަރަށް ޢިއްޒަތްތެރި އަފްރާދުންކޮޅެއް. ޢިއްޒަތްތެރި އަފްރާދުންކޮޅެކޭ އަޅުގަނޑު މި ދެންނެވީ، އެބޭފުޅުން މި މަޝްރޫޢަށްޓަކައި އެކުރައްވާ ޚިދުމަތުގެ މަތިވެރިކަން. އެފަރާތްތަކުން މި މަޝްރޫޢުގައި ބައިވެރިވެވަޑައިގެން، މި މަޝްރޫޢު ކާމިޔާބު ކުރެއްވުމަށް އެކުރައްވާ މަސައްކަތްތަކަކީ އެއްވެސް އުޖޫރައެއްނެތި، އޭގެ އެއްވެސް ބަދަލެއްނެތި އެފަރާތްތަކުގެ ހިތްޕުޅުގައި ތަޢުލީމާ ދޭތެރޭގައި އުފެދިފައިވާ ޝުޢޫރެއްގެ މަތިވެރިކަމުން، އަދި އެފަރާތްތަކުގެ ހިތްޕުޅުތަކުގައި ޤައުމީ ލޯބި އުފެދިފައިވާ މިންވަރުގެ ބޮޑުކަމުން ކުރައްވަމުން ގެންދަވާ ޚިދުމަތްތަކެއް. އަޅުގަނޑުމެންގެ ރާއްޖެ ކުރިއަށް ގެންދިޔުމަށްޓަކައި ރޭވިފައިވާ މަޝްރޫޢުތަކުގެ ތެރެއިން އެހެން އެއްވެސް މަޝްރޫޢެއް ނެތް މިގޮތަށް ހިނގަމުންދާ. އެއީ އެމަޝްރޫޢުގައި ބައިވެރިވާ ފަރާތްތަކަށް އެއްވެސްކަހަލަ މާއްދީ ފައިދާއެއް ނުލިބޭ މަޝްރޫޢެއް.
 
އަޅުގަނޑު ހިތުން މި ނުކުތާގައި އަޅުގަނޑުމެން ފަޚްރުވެރިވާންޖެހޭ ކަމެއްވެސް އެބައޮތް. އެއީ އަޅުގަނޑުމެންގެ ދިވެހިރާއްޖެ މުޅި ދުނިޔޭގެ ނިސްބަތުގައިވެސް މި މަޝްރޫޢަށް ބަލާއިރު ވަރަށް މަތީ ވަނައެއް ހޯދާނެކަމާމެދަކު ޝައްކެއްނެތް. އެހެން މިދެންނެވީ ދުނިޔޭގެ އެހެން ތަންތާގައި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިފަދަ މަޝްރޫޢުތަކުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން ނުވަތަ އެ މަޝްރޫޢުތަކުގައި ޚިދުމަތް ކުރައްވާ ފަރާތްތައް ޚިދުމަތް ކުރައްވަނީ ކޮންމެވެސްކަހަލަ މުސާރައަކަށް. ކޮންމެވެސްކަހަލަ އުޖޫރައަކަށް. އަޅުގަނޑުމެންގެ ރާއްޖޭގައި އެކަން އޮތީ އެހެނެއް ނޫން. އެއްވެސް އުޖޫރައެއްނެތި، އެއްވެސް މުސާރައެއްނެތި، އެއްވެސް ފައިދާއެއްނެތި، އެއްވެސް މާއްދީ ފައިދާއެއްނެތި އެހުރިހާ ފަރާތްތަކަކުން ބައިވެރިވެވަޑައިގަންނަވަނީ ހަމަ ހިތުން ރުހުމުން ޤައުމީ ޚިދުމަތުގެ މައިދާނުގައި އެބޭފުޅުން  ކުރައްވާ މަތިވެރި ޚިދުމަތެއްގެ ގޮތުން. އެހެންވީމާ، ދުނިޔޭގެ އެހެން ޤައުމުތަކަށްވުރެ އަޅުގަނޑުމެން މިކަމުގައި ކުރިއަރައިފައިވާކަން އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން ފަޚްރުވެރިވުން  ޙައްޤުވެގެންވާ ކަމެއް.
 
އާދެ، މިދިޔަ އަހަރުގެ ނަތީޖާ ތިޔަބޭފުޅުން ތިޔަ އެއްސެވީ. އަދި މިދިޔަ އަހަރުގެ ނަތީޖާއަށް ބަލާއިރު، އަސާސީ ތަޢުލީމުގެ މަޝްރޫޢު، މިދިޔަ އަހަރު ވަރަށްބޮޑު ކާމިޔާބީއެއް ޙާޞިލުކޮށްފައިވާކަން އެއީ އަޅުގަނޑުމެން މިރޭ ފާހަގަކޮށްލަންޖެހޭ ކަމެއް. ވަރަށްބޮޑު ކާމިޔާބީއެއް ޙާޞިލުކޮށްފައިވެއޭ އަޅުގަނޑު މި ދަންނަވަނީ، ތިޔަބޭފުޅުން ތިޔަ އެއްސެވި ފަދައިން އަހަރު ނިމުނުއިރު އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ކްލާސްތަކަށް ހާޒިރުވަމުންދިޔަ މީހުންގެ އަދަދަކީ އެގާރަހާސް ތިންސަތޭކަ އެގާރަ. އޭގެތެރެއިން، ހަތަރުހާސް ދުއިސައްތަ ސާޅީސް އަށް މީހުންނަށް މިދިޔަ އަހަރުގެ ތެރޭގައި ލިޔަންކިޔަން ދަސްކޮށްދެވިފައިވޭ. އާދެ، ސައްތައިގެ ނިސްބަތުން ބަލާއިރު އެއީ ސަތޭކައަކުން ތިރީސް ހަތެއް ޕޮއިންޓް ފަހެއް. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި އެއީ ވަރަށްބޮޑު ކާމިޔާބީއެއް. މިކަން ރާއްޖޭގައި ހަމަޖެހިގެން ހިނގަމުންދިޔަގޮތާ އަޅައި ބަލާއިރު، އަޅުގަނޑު ހިތުން މިއީވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ފަޚްރުވެރިވާންޖެހޭ ކަމެއް. ރާއްޖެއަކީ ވަރަށް ކުދިކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ ތަނެއް. ވަރަށް ދުރުދުރުގައި އެ ޖަޒީރާތައް ހުންނަނީ. އެއް ޖަޒީރާއަކުން އަނެއް ޖަޒީރާއަށް ދިޔުމަކީ މާފަސޭހަ ކަމެއް ނޫން. މުވާޞަލާތު އެހާ ދަތި. އަޅުގަނޑުމެންނަށް ޚަރަދުކުރަން އަޅުގަނޑުމެންގެ އަތުގައި ހުންނަ ފައިސާއެއްވެސް މާގިނައެއް ނޫން. އެކަންކަން އެހެން ހުރުމާއެކުވެސް މިހާ މަތީ ނަތީޖާއެއް އަޅުގަނޑުމެންނަށް ޙާޞިލު ކުރެވުނުކަން އެއީ އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެން ފަޚްރުވެރިވުން ޙައްޤުވެގެންވާ ކަމެކޭ.
 
އާދެ، މި ކާމިޔާބީ ހޯދުމުގައި އެއްވެސް ޝައްކެއްނެތި ވަރަށްގިނަ ފަރާތްތަކެއްގެ ޚިދުމަތް މި މަޝްރޫޢަށް ލިބިފައިވޭ. އެންމެ ފުރަތަމަ އަޅުގަނޑު މި މަޤާމުގައި ފާހަގަކޮށްލާނީ ދިވެހިރާއްޖޭގެ ރައްޔިތުން. އާދެ، ދެންމެ މިނިސްޓްރީ އޮފް އެޑިޔުކޭޝަން އެ ދެއްކެވި ވާހަކަފުޅުގައި ބަޔާންކުރެއްވި ފަދައިން ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން މި މަޝްރޫޢަށް ލިބެމުންދިޔައީ ވަރަށްވެސް މަތިވެރި ތާއީދެއް. ވަރަށްވެސް މަތިވެރި ތަރުޙީބެއް. އެހެންވީމާ، އަޅުގަނޑު މިރޭ އެންމެ ފުރަތަމަ ޝުކުރު އަދާކުރާހިތްއޮތީ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް. ދިވެހިރާއްޖޭގެ ރައްޔިތުން މި މަޝްރޫޢަށް މިހާބޮޑު އަހަންމިއްޔަތެއް ނުދެއްވިނަމަ، އެއްވެސް ހާލެއްގައި އަޅުގަނޑުމެންނަށް މިހާބޮޑު ކާމިޔާބީއަކާ ހަމައަކަށް ނުދެވުނީސް. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށް ޚާއްޞަ ގޮތެއްގައި ރާއްޖެތެރޭގެ ރައްޔިތުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ. އެއީ މި މަޝްރޫޢަށް ލިބެމުންދިޔަ ތަރުޙީބުގެ އެންމެބޮޑުބައި ލިބެމުންދިޔައީ ރާއްޖެތެރޭގައި ކަމަށްވާތީ. އާދެ، މިދޭތެރެއިން އަޅުގަނޑު ރާއްޖެތެރެއަށް މިކުރި ދަތުރުތަކުންވެސް އަޅުގަނޑަށް ޢަމަލީގޮތުން އެކަން ފެނިފައިވޭ. ރާއްޖެތެރޭގެ ރައްޔިތުން މި މަޝްރޫޢަށްދޭ އަހަންމިއްޔަތު. ކޮންމެ ރަށެއްގައިވެސް އެ ކްލާސްތައް ހިނގަމުންދިޔަގޮތް. ރާއްޖޭގެ ރައްޔިތުންނަކީ ވަރަށްބުރަ މަސައްކަތްތަކެއް އެމީހުންގެ މަޢީޝަތަށްޓަކައި ކުރަމުންދާ ބައެއް ކަމުގައިވިޔަސް، އެ މަސައްކަތުން ނިމިގެން ކިތަންމެ ވަރުބަލިކަމެއް އިޙްސާސް ކުރެވިފައިވީ ކަމުގައިވިޔަސް އެމީހުން އަވަސްވެގަންނަނީ އަސާސީ ތަޢުލީމުގެ ކްލާހަށް ދާން.
 
އެހެންވީމާ، އެއިން ދައްކާ އެއްޗަކީ މިމަޝްރޫޢު މިހާބޮޑު ކާމިޔާބަކާ ހަމައަށް ދިޔުމުގެ އެންމެބޮޑު ސަބަބަކީ ރާއްޖޭގެ ރައްޔިތުންކަން. އަދި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ރާއްޖެތެރޭގެ ރައްޔިތުން އަޅުގަނޑު ޚާއްޞަކުރި ފަދައިން، ރާއްޖެތެރޭގެ ރައްޔިތުންގެ ތެރެއިންވެސް އަންހެނުން ޚާއްޞަ ގޮތަކަށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ. އެހެން މިދެންނެވީ، ރާއްޖެތެރޭގެ ރައްޔިތުން މި މަޝްރޫޢަށް ދެމުންދިޔަ ތަރުޙީބާއި، އެމީހުން ބަހައްޓަމުންދިޔަ ޝައުޤުވެރިކަމުގެ އެންމެބޮޑުބައި އަދާކުރަމުންދިޔައީ ރާއްޖެތެރޭގެ އަންހެނުން ކަމަށްވާތީ. ރާއްޖެތެރޭގެ އަންހެނުން ވަރަށްބޮޑު ޝައުޤުވެރިކަމަކާއެކު ހީވާގިކަމާއެކު އެއްވެސްކަހަލަ ފަސްޖެހުމެއްނެތި އެ ކްލާސްތަކަށް ހާޒިރުވަމުންދިޔަކަން އަޅުގަނޑަށް، އަޅުގަނޑު މިކުރި ދަތުރުތަކުން ރަނގަޅަށް އެނގިފައި އެބައޮތް. އެހެންވީމާ، ޢާންމުކޮށް މުޅި ރާއްޖޭގެ ރައްޔިތުންނަށް، ޚާއްޞަކޮށް ރާއްޖެތެރޭގެ ރައްޔިތުންނަށް އަދި އެއަށްވުރެ ޚާއްޞަކޮށް ރާއްޖެތެރޭގެ އަންހެނުންނަށް ހިތުގެ އަޑިން މުބާރިކްބާދީއާއި ތަހުނިޔާ އަޅުގަނޑު ރައްދުކުރަން.
 
އާދެ، މި މަޝްރޫޢު ކާމިޔާބަކާ ހަމައަށް ގެންދިޔުމުގައި އެންމެބޮޑު އެއްބައި ކުޅުއްވައިފައިވާ ފަރާތްތަކަކީ އަޅުގަނޑު ކުރިންވެސް އިޝާރަތްކުރި ފަދައިން ވޮލަންޓިއަރުން. ނުވަތަ އެއްވެސް ބަދަލެއްނެތި އެއްވެސް މާއްދީ ފައިދާއެއްނެތި މުސާރައަކާ ނުލައި އެބޭފުޅުންގެ ވަގުތުތައް، އަގުހުރި ވަގުތުތައް މިކަމަށްޓަކައި ހޭދަކުރައްވަމުން ގެންދެވި ބޭފުޅުން. އަޅުގަނޑުމެންނަށް މިރޭ މިފެނުނު ފަދައިން، އެބޭފުޅުންގެ ތެރޭގައި ދައުލަތުގެ ވަރަށްމަތީ މަޤާމުތަކެއް ފުރުއްވަމުން ގެންދަވާ ބޭފުޅުންކޮޅެއްވެސް ހިމެނޭ. ހަމައެފަދައިން، އަޅުގަނޑުމެންގެ ތެރެއިން އާދައިގެ ރައްޔިތުންގެ އެތައް ބައެއްވެސް ހިމެނޭ. ވޮލަންޓިއަރުންގެ ތެރޭގައި ވަރަށްގިނަ ޒުވާނުން ހިމެނޭ. އެއަށްވުރެ ތަންކޮޅެއް ދުވަސްވީ ބޭފުޅުންވެސް އޭގެތެރޭގައި އެބަތިއްބެވި. އެއިން ދައްކާ އެއްޗަކީ ކޮބައިތޯ؟ އެއިން ދައްކާ އެއްޗަކީ އަޅުގަނޑުމެންގެ ތެރެއިން ތަންކޮޅެއް ދުވަސްވީ ބޭފުޅުންގެ ހިތްޕުޅުގައިވެސް އޮންނަ ޤައުމީ ލޯބީގެ ޒުވާންކަން. އެ ޤައުމީ ލޯބީގެ ޒުވާންކަން، އެބޭފުޅުންގެ ހިތްޕުޅުތަކުގައި އޮތްލެއް ބޮޑުކަމުން، އެބޭފުޅުންގެ ހަށިކޮޅުތަކުގައި ޒުވާނުންގެ ހަށިތަކުގައި ހުންނަފަދަ ޙައިވިއްޔަތެއް ނުވަތަ ބާރެއް ނެތް ކަމުގައިވިޔަސް އެބޭފުޅުން މި ކްލާސްތަކަށް އެ ހާޒިރުވެވަޑައިގަންނަވަނީ އެ މަތިވެރި ޚިދުމަތް އަދާކުރެއްވުމަށްޓަކައި. އެހެންވީމާ، އެހުރިހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު މުބާރިކްބާދީ އަދާކުރުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އުފަލެއް ކަމުގައި ދެކެން.
 
އާދެ، މިހުރިހާ ކަމެއް ރޭވި ފަރާތް އެއީވެސް މި މަޤާމުގައި އަޅުގަނޑުމެން ޝުކުރުވެރިވާންޖެހޭ ފަރާތެއް. އަޅުގަނޑު މި އިޝާރަތް ކުރަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް. އަދި ޚާއްޞަކޮށް، އެ މިނިސްޓްރީގެ އެންމެމަތީ ވެރިއެއްގެ މަޤާމުގައި ހުންނެވި އޮނަރަބްލް އަލްއަޚް މުޙައްމަދު ޒާހިރު ޙުސައިނަށް. މިނިސްޓަރ އޮފް އެޑިޔުކޭޝަން މި މަޝްރޫޢަށް ދެއްވާ އަހަންމިއްޔަތު، ތީގެތެރެއިން އެއްވެސް ބޭފުޅަކަށް ވަންހަނާވެގެނެއް ނުވާނެ. އެމަނިކުފާނުގެ އިރުޝާދުގެ ދަށުން އެ މިނިސްޓްރީގެ އެކިފެންވަރުގެ ވެރިންނާއި އެކި މުވައްޒަފުން މި މަޝްރޫޢަށް ވަރަށް ބޮޑެތި ޚިދުމަތްތަކެއް އަދާކުރަމުން އެބަދޭ. އަދި މިހާރުވެސް އެކަމުގައި އެބޭފުޅުން ތިއްބެވީ ކުރިއަށް ވަޑައިގަންނަވާ ގޮތަށް. މި މަޝްރޫޢު މިހާ ފުރިހަމަގޮތެއްގައި ފެށި އަދި މިހާ ހަމަޖެހޭގޮތަކަށް އިންތިޒާމު ކުރެވި އަދި މިހާ މަތިވެރި ނަތީޖާއެއް އަޅުގަނޑުމެންނަށް މިރޭ މި ދައްކައިދިން ކަމުގެ އެންމެބޮޑު އެއް ސިއްރަކީ މިނިސްޓަރ އޮފް އެޑިޔުކޭޝަން. އެމަނިކުފާނު އަމިއްލަފުޅަށް މިކަމުގައި އެ ކުރައްވަމުން ގެންދަވާ މަތިވެރި ޚިދުމަތްތައް. އަދި އެމަނިކުފާނުގެ އިރުޝާދުގެ ދަށުން އެ މިނިސްޓްރީގެ ހުރިހާ ފެންވަރެއްގެ ވެރިންނާއި މުވައްޒަފުން މިކަމުގައި އެއްބާރުލަމުންދިޔަ މިންވަރުގެ ބޮޑުކަން. އެހެންވީމާ، މިނިސްޓަރ އޮފް އެޑިޔުކޭޝަނަށާއި، އެމިނިސްޓްރީގެ ހުރިހާ ވެރިންނަށާއި، އެ މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަށާއި އަދި ހަމަ މި ނޭވާގައި އަސާސީ ތަޢުލީމުގެ ޤައުމީ މަޖިލީހުގެ ހުރިހާ މެންބަރުންނަށް އަޅުގަނޑު ޝުކުރާއި މުބާރިކްބާދީ ދަންނަވަން.
 
އާދެ، ދެންމެ އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ނަތީޖާ ފާޅުވެގެންދިޔައިރު އަޅުގަނޑުމެންނަށް އިވިގެންދިޔަ، އެ ނަތީޖާ ހޯއްދެވުމަށްޓަކައި މިނސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރައްވަމުން ގެންދެވި މަސައްކަތްތަކުގެ ވާހަކަ. އާދެ، ވަރަށްބޮޑު ސަރވޭއެއް ނުވަތަ މަސްޙެއް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިކަމުގައި ކުރައްވައިފި. އަޅުގަނޑު ދަންނަވާނީ އެ ސަރވޭއަކީ ނުވަތަ އެ މަސްޙަކީ އަދި ރާއްޖޭގައި ތަޢުލީމީ ރޮނގުން މީގެކުރިން ދުވަހަކުވެސް ކުރެވިފައި ނުވާފަދަ ބޮޑު ސަރވޭއެކޭ، އެފަދަ ބޮޑު މަސްޙެކޭ. އާދެ، އެއްމަސް ދުވަހުގެ ތެރޭގައި މާލެއާއި ރާއްޖެތެރޭގެ މީހުންގެ ތެރެއިން ގާތްގަނޑަކަށް ފަސްދޮޅަސް ތިންހާސް މީހުންނާ ސުވާލުކުރެވި، އެމީހުން އިމްތިޙާނު ކުރެވި، އެމީހުންގެ ނަތީޖާ އެ މިނިސްޓްރީގެ ފަރާތުން މިހާރުވަނީ ހޯއްދަވައިފައި. އެއީ ވަރަށްބޮޑު ކަމެއް. ތިޔަބޭފުޅުންނަށް، ރާއްޖެތެރޭގައި ދަތުރުފަތުރުކޮށް އުޅުމާއި އަދި އެނޫންވެސް ކަންތައްތައް ހުރިގޮތަށް ވިސްނަވާއިރު، އެކުރެއްވި މަސްޙުގެ ބޮޑުކަމާއި އޭގެ އުނދަގޫކަމާއި އަދި އެކަމަށްޓަކައި އެ މިނިސްޓްރީގެ ފަރާތުން އުފުއްލެވި ބުރަތަކާ، މިހުރިހާ ކަމެއް ވަރަށް ރަނގަޅަށް އިޙްސާސް ކުރެއްވޭނެ. އާދެ، އެކަމަށްޓަކައިވެސް އަޅުގަނޑު ތަހުނިޔާއާއި ހެޔޮއެދުންތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ރައްދުކުރަން، މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިހާ ބޮޑު ކަމެއް އެ މިނިސްޓްރީގެ ފަރާތުން ކާމިޔާބާއެކު ކުރައްވައި ނިންމެވީތީ.
 
އާދެ، އަޅުގަނޑުމެންނަށް ދެންމެ އިވިގެން ހިނގައްޖެ، މި މަޝްރޫޢުގައި ބައިވެރިވި މީހުންގެ އަދަދު. އަދި އަހަރު ނިމުނުއިރު އަސާސީ ތަޢުލީމުގެ ކްލާސްތަކުގައި ކިޔަވަމުން ގެންދިޔަ މީހުންގެ އަދަދު. އެގާރަހާސް ތިންސަތޭކަ އެގާރަ. މިނިސްޓަރ އޮފް އެޑިޔުކޭޝަން އެ ވިދާޅުވި ފަދައިން، އެގާރަ ތިނެއް އެގާރަ. މިނިސްޓަރ އެ ވިދާޅުވީ، އެ އަދަދަށް ތިނެއް އައިސްފައި އޮތްގޮތެއް އެނގިވަޑައެއްނުގަންނަވައޭ. އާދެ، އަޅުގަނޑު ވަރަށް މަޢާފާއެކު ދަންނަވަން، އަޅުގަނޑަށް އޭގެ ޖަވާބު ދެވިދާނެކަންނޭނގެ. އާދެ، އަޅުގަނޑު ދަންނަވާނީ މިވޭތުވެދިޔަ އަހަރުގެ ނަތީޖާއަށް ބަލާއިރު، ރާއްޖޭގައި ތިބި މިހާރު އަޅުގަނޑުމެންނަށް ވަޒަންކުރެވޭގޮތުގައި މި މަސްޙުން އެނގުނުގޮތުން ގާތްގަނޑަކަށް ތޭރަހާސް މީހުން ލިޔަންކިޔަން ނުދަންނަ އެބަތިބި. އެ ސުވާލު ކުރެވުނު ފަސްދޮޅަސް ދެހާސް މީހުންގެ ތެރެއިން. އޭގެތެރެއިން ހަތަރުހާސް ދުއިސައްތަ ސާޅީސް އަށް މީހުންނަށް މިދިޔަ އަހަރު ލިޔަންކިޔަން ދަސްކޮށްދެވިއްޖެ. ގާތްގަނޑަކަށް އޭގެ ތިންބައިކުޅަ އެއްބައި. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ އެ 3 ގެ ސިއްރަކީ ހައަހަރު ދުވަހަށް ސަރުކާރުން ރާވައިފައި އޮތް މަޝްރޫޢު ރާއްޖޭގެ ރައްޔިތުން ގަސްދުކުރައްވަނީ ތިން އަހަރު ދުވަހުގެ ތެރޭގައި ނިންމަވާށޭ.
 
އާދެ، އަސާސީ ތަޢުލީމުގެ މަޝްރޫޢު ފެށުނުއިރު، އެ މަޝްރޫޢުގެ ދަށުން ތަޢުލީމު ޙާޞިލުކޮށްދިނުމަށް ހަމަޖެހިފައިވަނީ 15 އަހަރާއި 50 އަހަރާ ދެމެދުގެ މީހުންނަށް. އާދެ، އެއީ މިހާރު އަޅުގަނޑުމެންނަށް ލަފާކުރެވޭގޮތުގައި ގާތްގަނޑަކަށް ހަތްދިހަ އެއްހާސް މީހުން. އެހެންނަމަވެސް، މިއަހަރު އަސާސީ ތަޢުލީމުގެ ޤައުމީ މަޖިލީހުގެ ފަރާތުން ނިންމަވައިފި އެ ޢުމުރަށް ބަދަލެއް ގެންނަވަން. އެ ޢުމުރަކީ 10 އަހަރާއި 45 އަހަރާ ދެމެދުގެ މީހުން ކަމުގައި ހައްދަވަން. ސަބަބަކީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މީގެކުރިން ތަޢުލީމުގެ ޚިދުމަތް ނުލިބި ތިބި ވަރަށްގިނަ ދިވެހި ރައްޔިތުން އެބަތިބި. ޚާއްޞަކޮށް ރާއްޖެތެރޭގައި. ގިނައީ މި ޢުމުރުގެ ކުދިން. 10 އަހަރުން މަތީގެ ކުދިން. އަދި 45 އަހަރުން ދަށުގެ މީހުން. އެހެންވުމާއެކުގައި މި މަޝްރޫޢުގެ ޚިދުމަތް އަދި މި މަޝްރޫޢުގެ ފައިދާ އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ރައްޔިތުންނަށް ރައްދުވާނީ އެ ޢުމުރަށް ބަދަލެއް ގެނެސްގެން ކަމަށް އަސާސީ ތަޢުލީމުގެ ޤައުމީ މަޖިލީހަށް ފެނިވަޑައިގަނެގެން މި ބަދަލު މިގެންނެވީ. މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ތާނގައި މިހާރަށްވުރެވެސް ފުރިހަމަކަމަކާއެކު މި މަޝްރޫޢު ކުރިއަށްދާނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން. އަދި އެ މަޝްރޫޢުގެ އެކަން ކާމިޔާބުވާނެކަމާމެދަކު އެއްވެސް ހާލެއްގައި ޝައްކެއް ނުކުރަން.
 
އާދެ، އަޅުގަނޑު ކުރިންވެސް އިޝާރަތް ކުރި ފަދައިން، މި މަޝްރޫޢުގެ މުހިންމުކަން އެއީ އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ވަންހަނާވެގެންވާނެ ކަމެއް ނޫން. އެންމެ ފުރަތަމަ ކޮންމެ މީހަކުވެސް ލިޔަންކިޔަން ދަސްކުރަންޖެހޭނެ، އެއްވެސް ކަހަލަ މަޢުލޫމާތެއް ޙާޞިލުކުރަން ބޭނުންވާ ކަމުގައިވާނަމަ. ކިޔަވާ ކުދިންނަށްވެސް އެންމެ ފުރަތަމަ ދަސްކޮށްދެނީ ލިޔަންކިޔަން. އެހެންވުމާއެކުގައި ލިޔަންކިޔަން ދަސްކުރުން އެއީ ތަޢުލީމުގެ އެންމެ ފުރަތަމަ ހަރުފަތް. ތަޢުލީމަކީ ތަރައްޤީއަށްޓަކައި ބޭނުންވާ އެންމެ މަތިވެރި ޚިދުމަތް. ތަޢުލީމާ ނުލައި އެއްވެސް ރަށެއް، އެއްވެސް ޤައުމެއް ތަރައްޤީވެފައެއް ނެތް. އަދި ތަޢުލީމާ ނުލައި އެއްވެސް އިންސާނަކަށް ކާމިޔާބީއެއް ޙާޞިލު ކުރެވިފައެއް ނެތް. އަދި ނުވެސް އޮންނާނެ. އާދެ، އެ ކާމިޔާބީއޭ އަޅުގަނޑު މިދަންނަވަނީ ކޮންމެހެން މަޤާމުގެ ގޮތުން ނުވަތަ ނުފޫޒުގެ ގޮތުން މަތިވެރި ކާމިޔާބީތަކެއް ޙާޞިލު ކުރުމެއް ނޫން. އެއީ ކޮންމެ މީހަކުވެސް އެމީހަކު އެ ދިރިއުޅޭ ފެންވަރުގައި އެމީހާގެ އަމިއްލަ ދާއިރާގައި ފުދޭވަރުގެ ދިރިއުޅުމެއް އުޅުން އެއީވެސް އެމީހާއަށް ކުރެވޭ ކާމިޔާބީއެއް. އެއްވެސް މީހަކަށް މިދުނިޔޭގައި ފުދޭވަރުގެ ދިރިއުޅުމެއް އުޅެވޭނެއެކޭ އަޅުގަނޑު ނުދަންނަވަން، އެމީހަކީ ލިޔަންކިޔަން ނުދަންނަ މީހަކު ކަމުގައިވާނަމަ. މިހާރު ދުނިޔޭގެ ކަންތައްތައް ކުރީ ޒަމާނާ ނުވަތަ ކުރީގެ އަހަރުތަކާ، ކުރީގެ ދައުރުތަކާ ވަރަށްބޮޑަށް ތަފާތު. ކުރީ ދައުރުތަކުގައި ކުރީގެ ޒަމާންތަކުގައި ލިޔަންކިޔަން ނުދަންނަ މީހުންނަށް ނުވަތަ ތަޢުލީމީ ގޮތުން އެއްވެސްކަހަލަ މިންވަރެއް ލިބިފައިނުވާ މީހުންނަށް ކޮންމެވެސްވަރެއްގެ ކާމިޔާބީތަކެއް ޙާޞިލު ކުރެވިފައިވީ ކަމުގައިވިޔަސް، މިޒަމާނަކީ އެ ޒަމާނެއް ނޫން. މިހާރު އެއްވެސް މީހަކަށް އެއްވެސް ކަހަލަ މައިދާނެއްގައި އެއްވެސް ރޮނގެއްގައި ކުރިއަކަށް ނުދެވޭނެ، ކޮންމެވެސް މިންވަރަކަށް ތަޢުލީމު ލިބިގެން ނޫނީ. ކޮންމެ ކަމަކީވެސް ދަސްކުރަން ޖެހިފައި އޮންނަ ކަމެއް. އެންމެ އާދައިގެ މިސާލެއް އަޅުގަނޑުމެން ނެގި ކަމުގައިވިޔަސް މިދެންނެވި ބަހުގެ ޙަޤީޤަތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ.
 
އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ އެންމެބޮޑު މަސައްކަތަކީ މަސްވެރިކަން. މަސްވެރިކަން އެއީވެސް ކިޔަވައިގެން ދަސްވާނެ އެއްޗެއް. އެއީވެސް އެކަން ކުރަން އޮންނަ އުޞޫލުތައް ރަނގަޅަށް ދަސްކޮށްގެން ނޫނީ އޭގެ ފުރިހަމަ ނަތީޖާ، އޭގެ ފުރިހަމަ ފައިދާ އަޅުގަނޑުމެންނަށް ލިބޭނެ އެއްޗެއް ނޫން. އޭގެ އެންމެބޮޑު ހެއްކަކީ ދުނިޔޭގެ އެތަން މިތާނގައި އެކިއެކި ކޮލެޖްތަކާއި މަދަރުސާތައް އެބަހުރި މަސްވެރިކަން ދަސްކޮށްދޭ. އަޅުގަނޑު ދާދިފަހުން މިކުރި ޒިޔާރަތުގައިވެސް މެލޭޝިއާ ސަރުކާރުގެ ފަރާތުން ހަމަޖައްސަވައިފައި އޮތް ޕްރޮގްރާމްގެ ތެރޭގައި އެތާނގެ އެއް ސްޓޭޓެއްގައި ހުންނަ މަސްވެރިކަމާބެހޭ މަދަރުސާއަކަށް އަޅުގަނޑުމެން ގެންދިޔުން ހިމެނޭ. އެތާނގައި އެމީހުންނަށް ދަސްކޮށްދޭ މަސްވެރިކަމާބެހޭ އެކިއެކި ހުނަރުތައް. އެހެންވީމާ، މަސްވެރިކަން ތަރައްޤީ ކުރަން ބޭނުންވިޔަސް އެކަމަށްޓަކައި އަޅުގަނޑުމެން ތަޢުލީމު ޙާޞިލު ކުރަން ބޭނުންވޭ. އެ މަޢުލޫމާތުތައް އަޅުގަނޑުމެންނަށް ގަވާއިދުން ލިބިގަންނަން ބޭނުންވޭ. މަސްވެރިކަން ކަހަލަ ކަންތައްތައް ދެން ހުންނަނީވެސް. ދިރިއުޅުމަށް އަޅުގަނޑުމެން ކުރާ ހުރިހާ ކަމަކީވެސް އެބާވަތުގެ މަސައްކަތްތައް. އެއިން ކޮންމެ މަސައްކަތެއް އެއީވެސް ހަމަ ދަސްކޮށްގެން ދަސްވާނެ އެއްޗެއް. ވިޔަފާރިވެސް، ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ވިޔަފާރި ދަސްކޮށްދޭ މިދެންނެވި ޔުނިވަރސިޓީގެ ކޮލެޖްތަކާއި އަދި އެނޫންވެސް މަދަރުސާތައް ދުނިޔޭގެ އެތަން މިތާނގައި ހުރޭ. އެ ރޮނގުން އެ އުޞޫލަށް ބަލާއިރު ހަމަ ކޮންމެ ކަމެއް އެއީވެސް ދަސްކޮށްގެން އެކަމެއް ފުރިހަމައަށް ކުރެވޭނެ ކަމެއް. އެއިން ކޮންމެ ކަމެއް ދަސްކުރަންވެސް އަޅުގަނޑުމެންނަށް ބޭނުންވަނީ ކޮންމެވެސް މިންވަރަކަށް ތަޢުލީމު ލިބިފައިވުން. ވިޔަފާރި ދަސްކޮށްދޭ ސްކޫލަށް ދެވެނީވެސް ކޮންމެވެސްވަރަކަށް ތަޢުލީމު ޙާޞިލުކޮށްގެން. އެހުރިހާ ތަޢުލީމެއްގެ އެންމެ ފުރަތަމަ ހަރުފަތަކީ ލިޔަންކިޔަން ދަތުން.
 
އެހެންވީމާ، މީގެ މުހިންމުކަން އަޅުގަނޑު ހިތުން އެއީ މިއާ ދޭތެރޭގައި މާގިނަ ވާހަކަތަކެއް ދައްކަންޖެހޭނެ ކަމެއް ނޫން. އާދެ، އެކަމަކު އަސާސީ ތަޢުލީމުގެ މަޝްރޫޢަކީ ހަމައެކަނި ލިޔަންކިޔަން ދަސްކޮށްދޭ މަޝްރޫޢެއް ނޫން. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އެނޫންވެސް ވަރަށްގިނަ ތަފާތު މަޢުލޫމާތުތައް އެމަޝްރޫޢުގައި ހިމެނިފައިވޭ. އަޅުގަނޑުމެންނަށް ކޮންމެހެން ބޭނުންވާ މަޢުލޫމާތު. ދީނީގޮތުން އަޅުގަނޑުމެން ދަންނަންޖެހޭނެ ކަންތައްތައް. އިޖުތިމާޢީ ގޮތުން އަޅުގަނޑުމެން އެކިއެކި ކަންތައްތައް ކުރަންވީ އުޞޫލު. އިޖުތިމާޢީ ގުޅުންތައް ބަހައްޓަންވީގޮތް. ޞިއްޙީގޮތުން އަޅުގަނޑުމެންގެ ޞިއްޙަތަށް ފައިދާހުރި ގޮތްތައް. އަދި އަޅުގަނޑުމެންގެ ރާއްޖޭގައި ލިބެންހުރި ތަކެތީގެ ތެރެއިން ހަށިގަނޑަށް ފައިދާ ހުންނަ ތަކެއްޗަކީ ކޮބައިތޯ އެނގުން. ގެއްލުންހުރި ތަކެއްޗަކީ ކޮބައިތޯ އެނގުން. ބައްޔެއް ވެއްޖިއްޔާ އަޅަންވީ ކޮން ފިޔަވަޅުތަކެއްތޯ އެނގުން. އަޅުގަނޑުމެންގެ ތިމާވެށްޓާބެހޭ ހުރިހާ މަޢުލޫމާތެއް ދަސްކުރުން އެއީވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނިގެންވާ ކަމެއް. އެހެންވީމާ، މި މަޝްރޫޢުގެ މުހިންމުކަން އެއީ ހަމައެކަނި ލިޔަންކިޔަން ދަސްކުރުމަށް އަޅުގަނޑުމެން ދޭންޖެހޭ އަހަންމިއްޔަތަށްވުރެން މާބޮޑުއަދި މާފުޅާ ދާއިރާއެއްގައިވާ އެއްޗެއް.
 
އާދެ، ކޮންމެއަކަސް މިހުރިހާ ސަބަބުތަކަށްޓަކައި އަސާސީ ތަޢުލީމުގެ މަޝްރޫޢަށް ދައުލަތުން އެހާބޮޑު އަހަންމިއްޔަތެއް ދެމުން މިގެންދަނީ. ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ވަރަށްގިނަ މިސާލުތަކެއް ދައްކަވައިފި މިކަމަށް ދައުލަތުންދޭ އަހަންމިއްޔަތުގެ ހެކިތަކެއްގެ ގޮތުގައި. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާނީ ދައުލަތުން ކިތަންމެ ބޮޑަށް މަސައްކަތްކުރި ކަމުގައިވިޔަސް، މި މަޝްރޫޢު މިހާތަނަށް ކާމިޔާބުވެފައިވަނީވެސް އަދި ކުރިއަށް އޮތް ތާނގައި ކާމިޔާބުވާނީވެސް ރައްޔިތުންގެ އެއްބާރުލެއްވުން އެކަމުގައި އޮތް މިންވަރަކުންނޭ. ވަރަށް ފުރިހަމަ ގޮތަކަށް އަޅުގަނޑުމެންނަށް ރައްޔިތުންގެ އެއްބާރުލެއްވުން މިރޭގެ ނަތީޖާއިން ފެނިގެން ހިނގައްޖެ. ވަރަށްގިނަ ޢަދަދެއްގެ ބަޔަކަށް ލިޔަންކިޔަން ދަސްވެއްޖެ، އަޅުގަނޑުމެން ހީވެސްނުކުރާހާ އަވަސް މުއްދަތެއްގެ ތެރޭގައި. އަދި ވަރަށްގިނަ ބަޔަކު އިޚްލާޞްތެރިކަމާއި ފަރުވާތެރިކަމާއި ޤައުމީ ލޯތްބާއެކު ކްލާސްތަކަށް ހާޒިރުވަމުންދާކަންވެސް އަޅުގަނޑުމެންނަށް އެނގިއްޖެ. އެހެންވީމާ، އެގޮތަށް ކަންތައްތައް ކުރިއަށްދާ ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާނީ ދެންމެ އެ ދެންނެވި އަދަދުގެ، އެގާރަ ތިނެއް އެގާރައިން އެ އިޝާރާތް ކުރާ ފަދައިން އަޅުގަނޑުމެންނަށް ހައަހަރު ދުވަހު ރާވައިފައި އޮތް ކަމެއް ތިންއަހަރު ދުވަހުންވެސް ﷲގެ ވާގިފުޅާއެކު ނިންމައިލެވިދާނޭ.
 
    والسّلام عليكم ورحمـة اللّـه وبركاته.