بســم اللّـه الرّحمـن الرّحيــم
           
الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشرف المرسلين، سـيّدنا محمّد وعلى آلـه وصحبه أجمعـين.
 
 ރާއްޖޭގެ ޢިއްޒަތްތެރި ވަޒީރުން، ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ސަރުކާރުގެ ކުރިޔަށް ތިއްބެވި ބޭފުޅުން، ދިވެހިރާއްޖެއަށް ޢައްޔަން ކުރެވިފައިވާ ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރި މަންދޫބުން، ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުން.
 
السّلام عليكم ورحمة اللّـه وبركاته.
 
އާދެ، މިއަދަކީ ރާއްޖޭގެ ޖުމްހޫރިއްޔާއަށް 12 އަހަރު ފުރުނު ދުވަސް. އަޅުގަނޑުމެން މިރޭ މި ކުރިމަތިލަނީ، އަޅުގަނޑުމެންގެ މި ޖުމްހޫރީ ދައުރުގެ 13 ވަނަ އަހަރަށް. އެންމެ ފުރަތަމަ އަޅުގަނޑުގެ ވާޖިބެއްކަމަށް ދެކެނީ، އަޅުގަނޑުމެންގެ ރާއްޖޭގެ 2 ވަނަ ޖުމްހޫރީ ދައުރުން ޞުލްޙަމަސަލަސްކަމާއި، އަމާންކަމާއެކު އަހަރެއް ފާއިތުވެގެންދިޔަ ކަމަށްޓަކައި اللّه سبحانه وتعالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރުން. އެއަށްފަހު މި އަހަރުދުވަހުގެ ތެރޭގައި ދިވެހި ސަރުކާރަށާއި، އަދި އަޅުގަނޑަށް، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުން ދެއްވި މަތިވެރި ތާއީދަށްޓަކައި ރައްޔިތުންނަށް ހިފެހެއްޓުމެއްނެތި ޝުކުރު އަދާކުރުން. އާދެ، އަޅުގަނޑުމެންގެ މި ޖުމްހޫރީ ދައުރުން އަހަރެއް ފާއިތުވެ، އާ އަހަރަކަށް ކުރިމަތިލާ ވަގުތަކީ އަޅުގަނޑުމެން މި ވޭތުވެދިޔަ އަހަރު ހިނގި ކަންތައްތަކާ ދޭތެރޭގައި ޚިޔާލުކޮށްލުން އެކަށީގެންވާ ވަގުތެއް. މިވޭތުވެދިޔަ އަހަރަކީ އަޅުގަނޑުމެންނަށް ތަފާތު ތަޖުރިބާތަކެއް ކުރެވުނު އަހަރެއް. ސިޔާސީ ފެންވަރުގައި، އިޤްތިޞާދީ ދާއިރާގައި، އިޖްތިމާޢީ މައިދާނުގައި، އަދި ޤައުމީ ފެންވަރުގައި، އަޅުގަނޑުމެންނަށް މިކުރެވުނު ތަފާތު ގިނަ ތަޖުރިބާތަކުގެ ތެރޭގައި ރަނގަޅު ތަޖުރިބާތައްވެސް ހިމެނޭ. އަދި ނުރަނގަޅު ތަޖުރިބާތައްވެސް އޭގެތެރޭގައި ކޮންމެވެސްވަރަކަށް ހިމެނިފައިވޭ. އެހެންނަމަވެސް މިހުރިހާ ތަޖުރިބާއެއްގެ ޖުމްލަ ނަތީޖާއެއްގެ ގޮތުން އަޅުގަނޑު ދަންނަވާނީ ޤައުމުގެ ހޭލުންތެރިކަން އިތުރުވެއްޖެއޭ. އަދި ޤައުމީ މަސައްކަތަށް އިތުރު މުއްސަނދިކަމެއް ލިބިއްޖެއޭ.
 
އާދެ، ސިޔާސީގޮތުން މިވޭތުވެދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރިމަތިލާންޖެހުނު އެންމެ ވަރުގަދަ ތަޖުރިބާއަކީ، ބަޣާވާތުގެ ނަމުން އަޅުގަނޑުމެންގެ ތެރޭގައި މިހާރު މަޝްހޫރުވެފައިމިވާ ކަންތައް. އެކަމުގެ ރޭވުންތައް ކިތަންމެ ނުރައްކަލަސް اللّهގެ ދަރުމަވަންތަކަމުން އެކަންތައްގަނޑު ނިމިގެންދިޔައީ އޮމާންކަމާއި އަދި އަމާންކަމާއެކު. އަޅުގަނޑުމެންގެ އެއްވެސް ދިވެއްސެއްގެ އެންމެ ލޭތިއްކެއްވެސް އޮހޮރުމަކާ ނުލައި، އަޅުގަނޑުމެންގެ ރާއްޖޭގެ އިސްތިޤްލާލާއި މިނިވަންކަމަށް ކުޑަވެސް އުނިކަމެއް ނުލިބި. އެހެންކަމުން، އެހާމަތިވެރި ދަރަޖައަކަށް اللّه سبحانه وتعالىގެ ތައުފީޤު، އަޅުގަނޑުމެންނާ އެކުގައި ވީކަމަށްޓަކައި، އެކަލާނގެ ޙަޟްރަތަށް އަޅުގަނޑުމެން އެންމެން ޙަމްދާއި ޝުކުރުކުރަންޖެހޭނެ. އޭގެފަހުގައި ދައުލަތުގެ ނަމުގައި އަޅުގަނޑު ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިތުގެއަޑިން ޝުކުރު ދަންނަވަން. ސަބަބަކީ މި ނުބައި ރޭވުންތައް ނާކާމިޔާބުވެގެންދިޔައީ ރައްޔިތުންގެ ހޭލުންތެރިކަން ހުރި މިންވަރުންނާއި އަދި ރައްޔިތުން ސަރުކާރަށް ދެއްވި މަތިވެރި ތަރްޙީބާއި ތާއީދުގެ ސަބަބުން ކަމަށްވާތީ. ރައްޔިތުން މިކަންތަކުގައި އެ ދެއްކެވި މިސާލުތަކަކީ، އަދި އެފާޅުކުރެއްވި މަތިވެރި ޤައުމީ ޝުޢޫރުތަކަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތާރީޚުގައި އަބަދުގެ އަބަދަށް ރަންއަކުރުން ލިޔެވިގެންދާނެ އެއްޗެއް. މި ނުރައްކާތެރި ރޭވުމުން އަޅުގަނޑުމެންނަށް ލިބެންވީ ފިލާވަޅުތަކެއް އެބައޮތް. އެންމެބޮޑު ފިލާވަޅަކީ އަޅުގަނޑުމެން އަބަދުވެސް ހޭލައި ތިބެންޖެހޭނެކަން. އެއްވެސް ޙާލެއްގައި ހުރިހާކަމެއް ހަމަޖެހިގެން އޮމާންކަމާ އެކުގައި ހިނގަމުންދާނެކަމުގެ ޔަޤީންކަން އަޅުގަނޑުމެންގެ ހިތުގައި ބާއްވައިގެން ނުވާނެކަން. ކިތަންމެ ފުރިހަމަ އިތުބާރެއް ރައްޔިތުން ސަރުކާރަށް ދެއްވި ކަމުގައިވިޔަސް، އެ ނުބައި ރޭވުން ރާވާ މީހުންގެ ރޭވުންތައް އަދިވެސް ކުރިއަށް ހިނގައިދާނެކަމުގެ ފުރްޞަތު އޮންނާނެ. އެހެންވުމާއެކުގައި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ މައްޗަށް ވާޖިބުވެގެންވަނީ އެކަންކަމަށް ރަނގަޅަށް ވިސްނަވައިގެން ތިއްބެވުން.
 
އާދެ،އަޅުގަނޑުމެން މިއަހަރު މިކުރި ތަޖުރިބާތަކުގެ ތެރޭގައި ޤައުމުގެ ކުރިއެރުމަށް ތަފާތު މަސައްކަތްތައް ކުރެވިފައިވޭ. ތަފާތު މަސައްކަތްތައް ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަމުން ގެންދާއިރު، އަޅުގަނޑު ދެކޭގޮތުގައި އުފާވެރި މުޖްތަމަޢެއް އޭގެމައްޗަށް ބިނާވާންޖެހޭ މުހިންމު ރޮނގުރޮނގުގެ މައްޗަށް އެކަށީގެންވާ ވަރަށް ވިސްނަންޖެހޭނެ. އެހުރިހާ ރޮނގުރޮނގަށް، އެކަށީގެންވާ ވަރަށް ވިސްނުން ނުބެހެއްޓިއްޖެނަމަ،ވަރަށް ހިތި ނަތީޖާތަކަކާ ކުރިމަތިލާންވެސް ޖެހިދާނެ. އާދެ، މިސާލަކަށް ހުރިހާ ކުރިއެރުމަކީ، އިޤްތިޞާދީ ކުރިއެރުން ކަމުގައި ބެލިއްޖެނަމަ، ހުރިހާ ތަރައްޤީއަކީ، ފައިސާއާއި މުދަލުގެ ތަނަވަސްކަން ކަމުގައި ބެލިއްޖެނަމަ، ރޫޙާނީ ކަންތައްތަކާއި ޤައުމީ ކަންތައްތައް އިހުމާލު ކޮށްލެވިދާނެ. ތެދުފުޅެއް، އިޤްތިޞާދީ ކުރިއެރުމަކީ، ޤައުމެއްގެ ތަރައްޤީގެ އެންމެ ވަރުގަދަ ބިންގާ. އިޤްތިޞާދީ ގޮތުން ނިކަމެތި ދަތި ޙާލެއްގައި ތިބެގެން އެހެން ކަންތައްތައްވެސް އިޞްލާޙެއް ނުކުރެވޭނެ. އެހެންނަމަވެސް ޙަޤީޤަތުގައި މަދަނިއްޔަތާއި ތަހުޒީބުގެ މަގުގައި ތަނެއް ކުރިއަރަމުންދާކަމަށް ބެލޭނީ، އެތަނެއްގައި އިންސާނީވަންތަކަމުގެ އުސޫލުތަކަށްވެސް ސަމާލުކަން ދެވިގެން. ރޫޙާނީ ސިފަތަކަށް އިސްކަންދީގެން. ޢިލްމުތަކާއި ފަންނުތައް، ވީހާ ފުޅާ ދާއިރާއެއްގައި ފެތުރުމަށް މަސައްކަތް ކުރެވިގެން. އަދި ތަނުގެ ޤައުމިއްޔަތާއި ތަޤާފަތް ދިރުވައި އާލާކުރުމަށް ބާރުއެޅިގެން.
 
އާދެ، އެއްއަހަރު ފާއިތުވެ، އަނެއް އަހަރަކާ ކުރިމަތިލާ ވަގުތަކީ ވޭތުވެދިޔަ އަހަރުގައި ހިނގައިދިޔަ ކަންތައްތަކާއި، ކުރެވުނު މަސައްކަތްތަކާއި، އެޅުނު ފިޔަވަޅުތަކަށް، ކުރިމަތިވި ހުރަސްތަކަށް، މިހުރިހާ ކަމަކާ ދޭތެރޭގައި ވިސްނުމުގެ ނަޒަރު ހިންގައި ހިސާބުކޮށްލުމަށް އެކަށީގެންވާ ވަގުތެއްކަން ކަށަވަރު. މިގޮތުން މިވޭތުވެދިޔަ އަހަރުގެ ތެރޭގައި ކުރެވުނު ކަންތަކާއި ނުކުރެވިހުރި ކަންތަކާއި، ކުރެވުނު ކަންތައްތައް ކުރެވުނު ފެންވަރާއި، މިކަންކަމާމެދު ވިސްނައި ހިސާބު ނެގުމަކީ ހަމައެކަނި އަޅުގަނޑު ދެކޭގޮތުގައި ސަރުކާރުން ކުރަންވީ ކަމެއް ނޫން. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހެއްގެ ދާއިރާގައި އެފަދަ ހިސާބެއް ނެގުމަކީ ބޭނުންތެރި ކަމެއްކަމަށް އަޅުގަނޑު ދެކެން. ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ހިތާ ސުވާލުކުރަންވެއްޖެ، ވޭތުވެދިޔަ އަހަރުގެ ތެރޭގައި، މިދިޔަ 12 މަސް ދުވަހުގެ ތެރޭގައި، މި ފާއިތުވި 366 ދުވަހުގެ ތެރޭގައި ތިމާއަށް ކުރެވުނީ ކޮންކަމެއްތޯ؟ ތިމާގެ ވާޖިބު އަދާކުރެވުނީ ކިހާ މިންވަރަކަށްތޯ؟ ތިމާގެ ޤައުމަށްޓަކައި، ތިމާ ދިރިއުޅޭ ޖަމާޢަތަށްޓަކައި ކުރެވުނީ ކޮންކަމެއްތޯ؟ އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީގޮތުން ޤައުމު ކުރިއެރުވުމަށްޓަކައި ކުރެވެމުންދާ ގިނަގުނަ މަސައްކަތްތަކުގެ ތެރެއިން އެއްވެސް މަސައްކަތެއްގައި ތިމާއަށް ބައިވެރިވެވުނުތޯ؟ ތިމާއަކީ، ސަރުކާރުގެ މުވައްޒަފަކު ކަމުގައިވާނަމަ، ތިމާއާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރެވުނީ ކޮންފެންވަރެއްގައިތޯ؟ ތިމާގެ ދާއިރާގައި ޢާންމުންނަށް ލުއިފަސޭހަ ހޯދައިދިނުމަށް މަސައްކަތް ކުރެވުނުތޯ؟ ތިމާއަށް ނޭދެވޭގޮތަކަށް އެއްވެސް ކަމެއް ކުރެވިފައިވޭތޯ؟ ތިމާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ބޭނުމެއް ފުއްދިފައިވޭތޯ؟ އެއްވެސްކަހަލަ ޚިޔާނަތެއް ވެވިފައިވޭތޯ؟ ތިމާއަކީ، ވިޔާފަރިވެރިއެއްނަމަ، ޢާންމު ރައްޔިތުންނަށް ފައިދާހުރި ގޮތެއްގައި ވިޔަފާރި ހިންގިފައިވޭތޯ؟ ޚާއްޞަކޮށް ކާބޯތަކެތި، ސަރުކާރުން ކަނޑައަޅާ އަގުގައި ޢާންމުންނަށް ދައްޗެއްނެތި ލިބޭގޮތަށް ވިޔަފާރި ކުރެވިފައިވޭތޯ؟ ތިމާއަކީ، މަސްވެރިއެއް ކަމުގައިވާނަމަ، ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ކިތައް ދުވަހު މަހަށް ދެވިފައިވޭތޯ؟ އާދެ، މިމޭރުމުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހެއްގެ ހިތާ މި ސުވާލުކުރުން އެއީ ވަރަށް ބޭނުންތެރިކަމެއް. ތިމާއަށް ކުރެވިފައިވާ މަސައްކަތް ވަޒަންކުރުމަށްޓަކައި. އެ މަސައްކަތް ކުރެވުނީ ކިހާ ފެންވަރަކަށްތޯ ބެލުމަށްޓަކައި. މަސައްކަތް ނުކުރެވުނުނަމަ ނުކުރެވުނީ ކީއްވެތޯ ބެލުމަށްޓަކައި، ތިމާގެ މަސައްކަތަށް ހުރަސްއެޅީ ކޮންކޮން ކަންކަމެއްތޯ ދެނެގަތުމަށްޓަކައި. އަދި ކުރިއަށް އޮތް އަހަރުގެ ތެރޭގައި ތިމާއަށް އިތުރު މަސައްކަތެއް ޤައުމަށްޓަކައި، ޖަމާޢަތަށްޓަކައި ކުރެވެން އެބައޮތްތޯ؟ މި ސުވާލުތައް އަޅުގަނޑުމެންގެ ތެރެއިން، މިރޭ ހަމަ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަހިތާ ކުރުމަކީ ވަރަށް މުހިންމު ކަމެއް. އެއީ މިދެންނެވި ސަބަބަށްޓަކައި. އާދެ، މިރޭގެ ވާހަކަ މިހިސާބުން އަޅުގަނޑު މެދުކަނޑައިލާނީ ވަރަށް މުހިންމު ވާހަކައެއް ދަންނަވައިލުމަށްޓަކައި. އެއީ، ތިޔަ ބޭފުޅުންނަށްވެސް މިހާރު އިވިވަޑައިގެންފައިވާނޭ ފަދައިން، ބައިނަލްއަޤްވާމީ ބޯފެނާއި ޢާންމު ސާފުތާހިރުކަމުގެ 10 އަހަރު އިއްޔެ ފެށިއްޖެ.
 
އާދެ، އިއްޔެ އ.ދ. މަޖިލީހުގައި އެކަން ފާހަގަކުރެވުނީ. އަދި ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި އެކަން ފެށުނީ. ދިވެހިރާއްޖޭގައިވެސް އެކަން ގަވާއިދުން ފެށެންއޮތީ އިއްޔެ. އެހެންނަމަވެސް މިއަދަކީ ރާއްޖޭގެ ޤައުމީ މުހިންމު މުނާސަބަތެއް ފާހަގަކުރާ ދުވަހެއް ކަމަށްވާތީ، އެކަން އިޢުލާނުކުރުން މިރެއަށް ލަސްކުރެވިފައި އޮތީ. ވީމާ، ވަރަށް އުފަލާއެކު ބައިނަލްއަޤްވާމީ ބޯފެނާއި، ޢާންމު ސާފުތާހިރުކަމުގެ 10 އަހަރުގެ ފެށުން މިރޭ އަޅުގަނޑު ރާއްޖޭގައި މި އިޢުލާނު ކުރަނީ. މިކަމަކީ، މިއަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި މާލޭގައި ބޭއްވުނު ޑަބްލިޔޫ.އެޗް.އޯ.ގެ ދެކުނުއިރުމަތީ އޭޝިޔާގެ 33 ވަނަ ޖަލްސާއިން ފާސްވެފައިވާ ކަމެއް. އަދި އެކަމަކީ، 1977 ވަނަ އަހަރުގެތެރޭގައި އ.ދ. މަޖިލީހުން ފާސްކޮށްފައިވާ ކަމެއް. ދެކުނުއިރުމަތީ އޭޝިޔާގެ ޤައުމުތަކުގައި 1990 ވަނަ އަހަރުގެ ކުރިން 100 އަކުން 50 މީހުންނަށް ބޯފެނާއި، ފާޚާނާކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށްވަނީ ޑަބްލިޔޫ.އެޗް.އޯ.ގެ މި ރީޖަނާބެހޭ ޖަލްސާއަކުން ނިންމައިފައި. އާދެ، މިކަން މިހާރުދަނީ ރާއްޖޭގައިވެސް ކުރެވެމުން. އެކަމަށް ކުރަން ޖެހިފައިވާ ތައްޔާރީތައްވަނީ ކޮށްނިމިފައި. ދިވެހިރާއްޖެއަށް މި މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި ބައިނަލްއަޤްވާމީ ދެފަރާތެއްގެ ވަރަށްބޮޑު އެހީވަނީ މިހާރު ލިބިފައި. އެންމެ ފުރަތަމަ އެހީއަކީ، 11 ނޮވެންބަރު 1978ގެ ކުޑަދުވަސްކޮޅެއް ފަހުން ޔުނިސެފާއި ދިވެހި ސަރުކާރާ ދެމެދުގައި ކުރެވުނު އެގްރީމަންޓެއްގެ ދަށުން ލިބޭ އެހީ. އެއީ، ދެލައްކަ ފަސްހާސް ޔޫ.އެސް.ޑޮލަރު. މިއަހަރު އާދެ، މިއަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހު އ.ދ. މަޖިލީހުގެ އެހެން އޭޖެންސީއަކާއި ދިވެހި ސަރުކާރާ ހަމަ މި މަޝްރޫޢާ ބެހޭގޮތުން އިތުރު އެގްރީމަންޓެއްގައި ސޮއިކުރެވިފައިވޭ. އެފަރާތަކީ، ޔޫ.އެން.ސީ.ޑީ.އެފް. އެ ކުރެވުނު އެގްރީމަންޓުގެ ދަށުން ދިވެހިރާއްޖެއަށް އެއްމިލިޔަން ދެލައްކަ ތިރީސްއަށްހާސް ޔޫ.އެސް.ޑޮލަރުގެ އެހީ ލިބޭގޮތަށްވަނީ ހަމަޖެހިފައި. މި އެހީގެ ދަށުން މާލެއާއި ރާއްޖެތެރޭގެ ރަށްރަށުގައި ފާޚާނާ ހަދައިދީ، އެރަށްރަށުގެ ރައްޔިތުންނަށް ފުދޭވަރުގެ ބޮޑެތި ފެންތާނގީތައް ހަދައިދެވޭނެ. ހަމައެފަދައިން މާލޭގެ ފާޚާނާ ހޮޅިލުމާއި، ބޯފެނާއި، ކުނި އުކައިލުމުގެ ތަނަވަސްކަން ހޯދުމަށް އެހީވެދޭން ހުޅަނގު ޖަރުމަނުންވެސް ވަރަށްބޮޑު އެހީއެއް ލިބޭގޮތަށް މިހާރުވަނީ ހަމަޖެހިފައި. ހުޅަނގު ޖަރުމަނުގެ ސަރުކާރާއި ދިވެހިރާއްޖޭގެ ސަރުކާރާ މިއަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހު ކުރެވުނު އެގްރީމަންޓެއްގެ ދަށުން ހުޅަނގު ޖަރުމަނުގެ ސަރުކާރުން ދިވެހިރާއްޖެއަށް 10 މިލިޔަން ޖަރުމަނު މާކުގެ އެހީއެއް ދެއްވުމަށްވަނީ ހަމަޖެހިފައި. މިހާރު މި މަސައްކަތް ކުރުމަށް ބޭނުންވާ ހުރިހާ ތައްޔާރުތަކެއްވަނީ ކުރެވިފައި. މި އެހީތައް ހޯދުމުގެ އިތުރަށް ދިވެހިރާއްޖޭގައި ބޯފެނާއި ފާޚާނާ ކުރުމާބެހޭ، އަދި ޢާންމު ސާފުތާހިރުކަމާބެހޭ ޤައުމީ މަޝްރޫޢެއްވެސް މިހާރުވަނީ ރޭވިފައި. އެމަޝްރޫޢު މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މިހާރު ކުރިއަށް އެބަގެންދަވާ.
 
އާދެ، އަޅުގަނޑު ކުރިން އިޝާރާތް ކުރިން، އެއްއަހަރު ފާއިތުވެގެން އަނެއް އަހަރަކަށް ކުރިމަތިލާ ވަގުތަކީ ކުރީ އަހަރުގެ ހިސާބު ނެގުމުގެ ވަގުތެކޭ. އެގޮތުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވިފައިވާ ކަންތައްތައް ބަލައި، އެކަމުގެ ހިސާބެއް ނަގަންވާނެއޭ. އެހެން ދެންނެވުމާ އެކުގައި ސަރުކާރުންވެސް މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ކޮށްފައިވާ ބައެއް ކަންތައްތަކާ ދޭތެރޭގައި އެއްޗެއް ދަންނަވައިލުމަކީ، އަޅުގަނޑު ހިތުން ބޭނުންތެރިކަމެއް. އެވާހަކަތައް އަޅުގަނޑު މިދަންނަވަނީ ފަހަރެއްގައިވެސް މާރަނގަޅު ކަންތައްތަކެއް ކުރެވިފައި ހުރެގެނެއްނޫން. މާމޮޅު ކަންތައްތަކެއް ކުރެވިއްޖެ ކަމަށް އަޅުގަނޑުގެ ހިތަށް ވަދެގެނެއް ނޫން. އެހެންނަމަވެސް ކުރެވުނުނަމަ ކުރެވިފައިވާ ކަމަކީ ރައްޔިތުންނަށް އޭގެ މަޢުލޫމާތު ސާފުކޮށް އެނގެންޖެހޭނެ ކަމަކަށް ވާނެކަމަށް އަޅުގަނޑަށް ފެންނާތީ. އަދި އެޅޭ ހުރަސްތަކަކީ ކޮބައިތޯ. މިހާރު މި ހިންގަމުން ގެންދާ ކަންތައްތައް ކުރިއަށްދާނެ މިންވަރަކީ ކޮބައިތޯ. އިތުރަށް ކުރިޔަށް ގެންދިޔުމަށްޓަކައި އަޅަންޖެހޭނެ ފިޔަވަޅުތަކަކީ ކޮބައިތޯ. އަދި އެކަންކަމުގައި ރައްޔިތުންނަށް އެހީތެރިކަން ބެހެއްޓެވޭނެގޮތަކީ ކޮބައިތޯ. މިކަހަލަ ކަންތައްތަކާ ދޭތެރޭގައި ރާއްޖޭގެ ރައްޔިތުން ވިސްނެވުމަށްޓަކައި އަޅުގަނޑު މި ވާހަކަކޮޅު މިދަންނަވައިލަނީ. އާދެ، އިޤްތިޞާދީގޮތުން ބަލާއިރު، މިވޭތުވެދިޔަ އަހަރުގެ ތެރޭގައި ތަފާތު ގިނަ ކަންތައްތައް ކުރެވިފައި އެބަހުރި. އަޅުގަނޑުމެންގެ ޤައުމީ އިޤްތިޞާދުގެ އެންމެ މުހިންމު ބަޔަކީ، މަސްވެރިކަން. މަސްވެރިކަމުގެ ދާއިރާގައިވެސް ކަންތައްތައް ކުރެވިފައި އެބަހުރި. ބައެއް ކަންތައް ފެށިފައި އެބަހުރި. އަނެއްބައި ކަންތައް ފެށެން ކައިރިވެފައި އެބަހުރި. އަނެއްބައި ކަންތައްތަކަކީ ކުރިއްސުރެ ފެށިގެން މިހާރުވެސް ހިނގަމުންދާ ކަންތައްތައް.
 
އާދެ، ރާއްޖޭގެ ރައްޔިތުންނަށް ޚާއްޞަކޮށް މަސްވެރިންނަށް މިއަހަރުގެ ތެރޭގައި އިތުރު ފައިދާއެއް ހޯދައިދެވުނު. އެއީ މަހުގެ އަގަށްއައި ބަދަލު. ހިކިމަހުގެ އަގަށާއި، ލޮނުމަހުގެ އަގަށް، މިއަހަރުގެ ތެރޭގައި އެކަށީގެންވާ ބަދަލެއް ގެނެވުނު. ހިކިމަސް އޮތީ، 1978 ވަނަ އަހަރުގެ ތެރޭގައި އެސް.ޓީ.އޯ. އަށް ގަތުން ހުއްޓައިލެވިފައި. އެހެންއޮއްވައި، 1979 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި އަލުން އެސް.ޓީ.އޯ.އަށް ކަނޑުމަހުގެ ހިކިމަސް ގަންނަގޮތަށް ހަމަޖެހުނު. އެއީ، ސްރީލަންކާއާއި ދިވެހިރާއްޖެއާ ކުރެވުނު އެގްރީމަންޓެއްގެ ދަށުން، ސްރީލަންކާއަށް މަސްބޭރު ކުރުމަށްޓަކައި. 1978 ވަނަ އަހަރު އެސް.ޓީ.އޯ.އަށް ކަނޑުމަހުގެ ހިކިމަސްގަތުން ހުއްޓައިލެވުނުއިރު، އޭގެ އަގަކަށް އޮތީ ކިލޯއެއް 2/40 ރުފިޔާ. ދެން ކިލޯއެއް 2/55 ރުފިޔާ. އެހެންއޮއްވައި 1979ގެ މޭ މަހުގެ ތެރޭގައި އަލުން މަސް ގަންނަން ފެށުމާ އެކުގައި،މަހުގެ އަގު ތަންކޮޅެއް މައްޗަށް ޖައްސައި ލެވުނު. މޭ 1979 ން ފެށިގެން މަސްގަތުމަށް ހަމަޖެހިފައިވަނީ، ކިލޯއެއް 3/06 ރުފިޔާއަށް. އެގޮތަށް އޮވެފައި މިއަހަރު، މި ޖުލައި މަހުގެ ތެރޭގައި މަހުގެ އަގަށް އެކަށީގެންވާ އިތުރު ބަދަލެއް ގެނެވިއްޖެ. މިހާރު މަސްކިލޯއެއްގެ އަގަކީ، އެސް.ޓީ.އޯ. އަށް ގަންނަ އަގަކީ، 3/70 ރުފިޔާ. އެހެންވީމާ، 1978 ގައި މަހުގެ އަގުހުރިވަރާ އަޅައިބަލާއިރު، މިހާރު 100 އަކުން 45 އިތުރުވެއްޖެ. ލޮނުމަސްވެސް އޭގެ އަގުވަނީ ކުރިއާ އަޅައިބަލާއިރު އިތުރުވެފައި. 1978 ގައި ލޮނުމަސް ކިލޯއެއް ގަންނަ އަގަކަށްއޮތީ، 2/40 ރުފިޔާ. 1979 ގައި 2/50 ރުފިޔާ. މިހާރު -/3 ރުފިޔާ. އެހެންވީމާ، 1978 އާ އަޅައިބަލާއިރު 100 އަކުން 20 މިހާރުވަނީ އަގުބޮޑުކުރެވިފައި. މިއީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ފިޔަވަޅެއް. އެއީ، އަޅުގަނޑުމެންގެ އަޣްލަބިއްޔަތަކީ، ރާއްޖެތެރޭގެ މީހުން. ރާއްޖެތެރޭގެ މީހުން ދިރިއުޅުމަށް ކުރާ އެންމެބޮޑު މަސައްކަތަކީ މަސްވެރިކަން. އަދި ދިވެހިރާއްޖޭގެ އިޤްތިޞާދީ ބިންގަލުގެ އެންމެ ވަރުގަދަ ތަނބަކީވެސް، މަސްވެރިކަން.
 
އެހެންކަމަށްވުމާއެކު، މަސްވެރިންނަށް ލިބޭ އެއްޗެއް އިތުރުވުމަކީ މަސްވެރިކަން ކުރިއެރުވުމަށް އެޅޭ ބާރެއްކަމަށް ނުވެއެއްނުދާނެ. ސަރުކާރުން ގަސްދުކުރަނީ މިއަށްވުރެވެސް އަގުބޮޑުކުރެވެން އޮތްނަމަ ބޮޑުކޮށްދިނުމަށް. އެހެންނަމަވެސް އެކަން އެގޮތަށް ވާންނެތީ. ސަރުކާރުން މި މަސް ގަނެފައި ވިއްކަނީ ބޭރުގެ ފަރާތްތަކަށް. ހިކިމަސް، އަދި ލޮނުމަސް ސްރީލަންކާއަށް. ރޯމަސް ވިއްކަނީ ބޭރުގެ ކުންފުނިތަކަށް. އެހެންވީމާ، އެ ކުންފުނިތަކުން އަޅުގަނޑުމެންނަށް އަގުބޮޑުކޮށްދޭ އުސޫލަކުން ނުވަތަ އަގުބޮޑުކޮށްދޭ ވަރަކުން، ސަރުކާރަށްވެސް އޮންނާނީ، މަސްވެރިންނަށް ދޭ އަގު ބޮޑުކުރެވެން.
 
އާދެ، މިހާރު މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައި ވަރަށްބޮޑު ޕްރޮޖެކްޓެއް ރޭވިފައިވޭ. އެ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ލިބެނީ އައި.ޑީ.އޭ.ގެ ފަރާތުން. 3.2 މިލިޔަން ޑޮލަރުގެ އެގްރީމަންޓެއްގައި މިހާރުވަނީ ސޮއިކުރެވިފައި. އެ އެގްރީމަންޓުގެ ދަށުން ދިވެހިރާއްޖެއަށް 500 އިންޖީނު ލިބޭނެ. އަދި އެކަށީގެންވާ އަދަދަކަށް ނެވިގޭޝަނަލް ލައިޓްސް ވެސް ލިބޭނެ. އެއީ، ދަތުރުފަތުރުކުރާ މީހުންނަށް ފަސޭހައަކަށްޓަކައި، ރާއްޖެތެރޭގައި ޖަހާ ބައްތިތަކެއް. ހަމައެފަދައިން، އިތުރު ސަރވިސް ސެންޓަރުތަކެއް، މަސްދޯނިފަހަރުގައި ބަހައްޓާ އިންޖީނުތައް މަރާމާތުކޮށް ހެދުމަށް އިތުރު ސެންޓަރުތަކެއްވެސް މި މަޝްރޫޢުގެ ދަށުން ހުޅުވޭނެ. ހަމައެފަދައިން، އެތަންތާނގައި މަސައްކަތްކުރާނެ މީހުންނަށް، އެ ކަންތައް ދަސްކޮށްދިނުންވެސް މި މަޝްރޫޢުގައި ހިމެނޭ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މާލަސްތަކެއްނުވެ މި އިންޖީނުތައް މާލެ އަންނާނެ. އެހެންވުމާއެކުގައި އުންމީދު ކުރެވެނީ ވަރަށް ގިނަ އަދަދަކަށް މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓަން ފެށޭނެ ކަމަށް.
 
އާދެ، ހަމައެއާއެކުގައި، މި މަޝްރޫޢުގެ ދަށުން މަސްދޯނިފަހަރު މިހާރަށްވުރެ ބޮޑެތިކޮށް ބަނުމަށްވެސް ސަމާލުކަން ދެވިފައިވޭ. އެއީ، ސެކަންޑް ޖެނެރޭޝަން ވެސަލްސް މިނަމުން ނަންދެވިފައިވާ ދޯނިފަހަރު. ސަބަބަކީ، މިހާރު އަޅުގަނޑުމެން މި މަސްވެރިކަންކުރާ ކުދި ދޯނިފަހަރުގައި މަސްވެރިކަން ކުރުމަށްވުރެ، އެއަށްވުރެ ތަންކޮޅެއް ބޮޑެތި ދޯނިފަހަރުގައި މަސްވެރިކަން ކުރުމުން، އެއިން ލިބޭ އެއްޗެއް އިތުރުވާނެކަމަށްވާތީ. ރާއްޖެތެރޭގެ މަސްވެރިންނަށް އެންމެބޮޑަށް ދަތިވާ މައްސަލައަކީ، ތެލުގެ މައްސަލަ. ތެލުގެ މައްސަލައިގައި ދަތިވާ ދެކަމެއް އެބައޮތް. އެއްކަމަކީ، ތެލުގެ އަގުބޮޑުވުން. އަނެއްކަމަކީ، މަސްވެރިންނަށް ފުދޭވަރަށް ތެޔޮ ލިބެން ނުހުންނަކަން. ތެލުގެ އަގުބޮޑުވުމާ ދޭތެރޭގައި މާގިނަ ވާހަކަތަކެއް އަޅުގަނޑު ދަންނަވާކަށެއް ނުޖެހޭނެ. އެއީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ތެޔޮ އުފައްދާ ޤައުމުތަކުން ތެލުގެ އަގުދަނީ ބޮޑުކުރަމުންކަން. މި ވޭތުވެދިޔަ ތިންހަތަރު އަހަރު ދުވަހުގެ ތެރޭގައި ތެލުގެ އަގަށް ވަރަށްބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. އެހެންވުމާއެކުގައި، އަޅުގަނޑުމެންނަށް ޖެހެނީ، އެ ބޮޑުއަގުގައި ތެޔޮ އެތެރެކުރަން. އެހެންވީމާ، ތެލުގެ އަގު ކުޑަކުރެވޭނެ ވަކިގޮތެއް ސަރުކާރަކަށް ފެނިފައެއްނުވޭ. އެހެންކަމުގައިވިޔަސް މިދޭތެރެއިން ތެލަށް ނަގަމުން އައި ޑިއުޓީ ކުޑަކުރުމާއި، އެގޮތްގޮތުން ކާބޯތަކެއްޗާ އެއްއުސޫލުން ތެލުގެ އަގު ހެދުމުގެ ސަބަބުން ސަރުކާރުން ކުރެވެންއޮތް ހުރިހާ މަސައްކަތެއް ތެލުގެ އަގު ކުޑަކުރުމަށްޓަކައި ދަނީ ކުރެވެމުން. ތެޔޮ ނުލިބުމުގެ މައްސަލަ އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ ހަމަޖެހޭނެ. މި މަޝްރޫޢަކީ، ރާއްޖެތެރެ ތަރައްޤީ ކުރުމާބެހޭ މަޝްރޫޢުގެ ތެރެއިން ހިނގަމުންދާ ކަމެއް. ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ތެޔޮތާނގީތައް ބެހެއްޓުން. އެގޮތުން ފަންސާހަކަށް ރަށުގައި މިހާރުވަނީ ތާނގީތައް ބަހައްޓައި ނިމިފައި. 150 ތާނގީ ބެހެއްޓިއްޖެ. އެއިންކޮންމެ ތާނގީއެއްގެ ބޮޑުމިނަކީ، 800 ގެލަން ތެޔޮ އެޅޭވަރު. އެތާނގީތައް މިހާރުވަނީ ބެހެއްޓިފައި. އެތާނގީތަކަށް ތެޔޮ ގެންދިޔުމަށްޓަކައި ޚާއްޞަ ބޯޓެއް މާލޭގައިވަނީ ބަނދެ ނިމިފައި. އެކަމުގައި އެމް.އެސް.އެލް.ގެ އެހީ ވަރަށްބޮޑަށް ލިބުނު. އަދި ރައީސް އޮފީހުގެ އިންޖިނިއަރިންގ ސުޕަވައިޒަރ އަލްފާޟިލް އަޙްމަދު އާދަމްގެ އެހީވެސް ވަރަށްބޮޑަށް ލިބުނު. އެބޯޓު ބެންނެވީ އަޙްމަދު އާދަމް. އެހެންކަމަށްވުމާއެކުގައި މި ބޯޓަކީ ދިވެހިރާއްޖޭގައި ތައްޔާރުކުރެވުނު ރާއްޖޭގެ ބޭނުންތަކަށް ފުދޭ ރަނގަޅު ބޯޓެއް. އެ ބޯޓުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ ފެށޭނެ. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި ރާއްޖެތެރޭގެ މަސްވެރިންނަށް މިހާރު ދިމާވާ އެންމެބޮޑު ދަތިކަން، އެއީ ތެޔޮ ފުދޭވަރަށް ލިބެން ނުހުންނަކަން.  އެ ދަތިކަން މާލަސްތަކެއްނުވެ ފިލައިގެން ހިނގައިދާނެ.
 
އާދެ، އަޅުގަނޑުމެންގެ އިޤްތިޞާދުގެ އެންމެބޮޑު އަނެއްބަޔަކީ ބޯޓުފަހަރު ދުއްވުން. އެއީ، ވަރަށް ކުރިއްސުރެ އަޅުގަނޑުމެން ކުރަމުން އަންނަކަމެއް. ފެށުނުތާ ކުރީކޮޅުގައި އެކަށީގެންވާ ފައިދާތަކެއް އެ މސައްކަތުން ލިބެމުންދިޔަ. އެހެންނަމަވެސް 1970 ވަނަ އަހަރު ނުވަތަ އޭގެފަހުން ވޭތުވެދިޔަ ބައެއް އަހަރުތަކުގެ ތެރޭގައި، އެ މަސައްކަތަށް ސަރުކާރުން މާބޮޑު ސަމާލުކަމެއް ނުދިނުމުގެ ސަބަބުން އެކަންތައްވަނީ ވަރަށް ދަށަށް ގޮސްފައި. އެފަރާތަށް ސަރުކާރުން މާބޮޑު އެހީތެރިކަމެއް އޭރު ލިބެމުންނެއް ނުދިޔަ. އެހެންވުމުގެ ސަބަބުން ބޯޓުފަހަރު ދުއްވުމުގެ މަސައްކަތްއޮތީ ވަރަށްބޮޑަށް ދަށަށްގޮސްފައި. އެހެންއޮއްވައި، މިހާރު ސަރުކާރުން ވަރަށްބޮޑެތި އެހީތަކެއް މޯލްޑިވްސް ޝިޕިންގ ލިމިޓެޑަށް ވަމުން އެބަގެންދަން.
 
އޭގެތެރެއިން އެންމެބޮޑު އެހީއަކީ، އަޅުގަނޑުމެންގެ ފްލީޓް، އަޅުގަނޑުމެންގެ ބޯޓުފަހަރު އެއީ ވަރަށް ބާ ބޯޓުފަހަރު ކަމަށްވާތީ، ފްލީޓް އާކޮށްލުން. އޭގެތެރޭގައި ހުރި ކަމުނުދާވަރުގެ ކުދި ސައިޒުގެ ބޯޓުފަހަރު ވިއްކައިލައި ބޮޑެތި ބޯޓުފަހަރު ގަތުން. މި ސިޔާސަތު ކުރިޔަށް ގެންދަން ފެށިފަހުން، އަޅުގަނޑު ވަރަށް އުފަލާއެކު ދަންނަވަން. މިހާރު އެމް.އެސް.އެލް.ގެ މަސައްކަތް ވަރަށްމަތީ ދަރަޖައަކަށް ކުރިއަށް ހިނގައްޖެ. އެމް.އެސް.އެލް.އިން މިހާރު ލިބެމުންދާ ފައިދާ ކުރިއަށްވުރެ އެތައް ގުނައެއް އިތުރުވެގެން ހިނގައްޖެ. 1978 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހު އެއީ، މި ދައުރަށް ފެށުމުގެ އެއްދުވަސް ކުރިން ސަރުކާރުގެ، ސަތޭކައިންސަތޭކަ ސަރުކާރުގެ އޮތީ 29 ބޯޓު. އެ ބޯޓުގެ ޖުމްލަ ޓަނޭޖަކީ، 100,956 ، 1979 ނޮވެންބަރު 10 ގައި ސަރުކާރުގެ ސަތޭކައިންސަތޭކަ، 31 ބޯޓު އޮތް. ޖުމްލަ ޓަނޭޖަކީ، 146,602 ، އެހެންވީމާ، 1978 ން 1979 އަށް އިތުރުވެފައިވަނީ 45 ޕަސެންޓް. 1980 ވަނަ އަހަރު ނޮވެންބަރު 10 ގައި އާދެ، އިއްޔެއާ ހަމައަށް ސަރުކާރުގެ ސަތޭކައިންސަތޭކަ، 39 ބޯޓު މިހާރު އެބައޮތް. އޭގެ ޖުމްލަ ޓަނޭޖަކީ، ދެލައްކަ ފަންސާސްދެހާސް ނުވަސަތޭކަ ތިރީސް ހައެއް. މިދިޔަ އަހަރުދުވަހުގެ ތެރޭގައި އެކަނި އެއްލައްކަ ހަހާސް ޓަނުގެ ބޯޓުފަހަރު ގަނެވިއްޖެ. އޭގެތެރޭގައި ބާރަހާސް ޓަނާއި،ފަނަރަހާސް ޓަނުގެ ހަތް ބޯޓު ހިމެނޭ. އާދެ، 1978 ވަނަ އަހަރުގައި ހުރި ބޯޓުފަހަރުގެ އަދަދަށް ނިސްބަތްކޮށް ބަލާއިރު، މިހާރު 150 ޕަސެންޓް އިތުރުވެއްޖެ. ސަތޭކައަކުން ސަތޭކަ ފަންސާސް އިތުރުވެއްޖެ.
 
އާދެ، އެމް.އެސް.އެލް.ގެ ވިޔަފާރި ރަނގަޅުވަމުން ދިޔުމުގެ ސަބަބުން ސަރުކާރަށް މިހާރު އެތައް ފައިދާތަކެއް ލިބެމުން އެބަދޭ. އެއްފައިދާއަކީ، ދައުލަތުގެ ޚަޒާނާއަށް އެމް.އެސް.އެލް.އިން ދޭ ފައިސާ. އަނެއް ފައިދާއަކީ، ރާއްޖޭގައި މިހާރު ފެށެން އުޅޭ ނުވަތަ ފެށިގެންދާ އިޤްތިޞާދީ އެހެން މަޝްރޫޢުތަކުގައި އެމް.އެސް.އެލް.ގެ ފަރާތުން ބައިވެރިވުން. އޭގެތެރެއިން އެންމެ ޚާއްޞަ އެއްކަމަކީ، ތައްޔާރީހެދުން އުފައްދާ ކާރުޚާނާތައް ހެދުން. އެމް.އެސް.އެލް.އާއި، އެސް.ޓީ.އޯ.އާ ދެފަރާތް ގުޅިގެން އޭގެ ދެތިން ތަނެއް މިހާރު ތައްޔާރުކުރެވެމުން އެބަދޭ. އޭގެއިތުރުން އިޖްތިމާޢީ ކަންތައްތަކުގައިވެސް އެމް.އެސް.އެލް.ގެ އެހީ މިހާރުދަނީ ވަރަށްބޮޑަށް ލިބެމުން. އެންމެ ފުރިހަމަ މިސާލެއް ކަމަށް އަޅުގަނޑަށް ދެންނެވެން އޮތީ މާފުށީގެ އިޞްލާޙިއްޔާ. މާފުށީގެ އިޞްލާޙިއްޔާއަކީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެންގެ ތެރެއިން އަޅާލާނެ މީހުންނެތް ނުވަތަ އެކުދީންގެ އަޚްލާޤާއި، ސުލޫކު ހުންނަގޮތުން އެކުދިންގެ މައިންބަފައިންނަށް އެކުދިން ބެލެހެއްޓެއްނެތް ކުދިން ގެންގޮސްގެން އެކުދިން އިޞްލާޙުކުރާ ތަނެއް. އިޞްލާޙުކުރުމުގެ ގޮތުން އެކުދިންނަށް ކިޔަވައިދެނީ. ހުރިހާ އެއްޗެއްވެސް، އެކުދިންނަށް ބޭނުންވާ ފެންވަރަށް ކިޔަވައިދެނީ. މާތްވެގެންވާ އިސްލާމްދީން، ދިވެހިބަސް، އިނގިރޭސި، ހިސާބު، އާންމު މަޢުލޫމާތު. އަދި އޭގެއިތުރުން އެކިއެކި ހުނަރުތަކަށް ބޭނުންވާ މަޢުލޫމާތު. އެކިއެކި މަސައްކަތް ދަސްކޮށްދެނީ. ވަޑާންކުރުން، އިލެކްޓްރިކް މަސައްކަތް، ފެހުން، މިގޮތުން ވަރަށް ތަފާތު ގިނަ މަސައްކަތްތައް އެތާނގައި ދަސްކުރެވޭގޮތަށް ހަމަޖެހިފައިވަނީ. މިކަންތައް ކުރުމުގައިވެސް އެމް.އެސް.އެލް.ގެ ފަރާތުން ވަރަށްބޮޑު އެހީވަނީ ލިބިފައި. މިހާރު އެތާނގައި، އެންމެފުރަތަމަ ފެށުނުއިރު ތިބީ 25 ކުދިން. މިހާރު އެއަށް ކުދިންކޮޅެއް އިތުރުކުރެވިއްޖެ. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ތެރޭގައި އެތާނގައި ތިބޭ ކުދިންގެ އަދަދު ދުއިސައްތައާ ހަމައަށް ގެންދެވޭނެ. ދުއިސައްތަ ކުދިން ތިބޭގޮތަށް އެތަންވަނީ ހެދިފައި. އަޅުގަނޑު ދެކޭގޮތުގައި މިއީ ސަރުކާރުން މިހާތަނަށް ކުރި އެންމެ މުހިންމު އެއްކަންތައް.
 
އާދެ، ދެންއޮތީ ޓޫރިޒަމް. ޓޫރިޒަމަކީ، މިހާރަކަށްއައިސް ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ވަރަށްބޮޑު ބައެއް ކުޅޭ އެއްޗެއް. ޓޫރިޒަމް ކުރިއެރުމަކީ، ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ފައިދާއެއް. އެހެންކަމަށްވުމާއެކު، ޓޫރިޒަމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްވެސް ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއްދޭ. އަދި ވަރަށްގިނަ އެހީތަކެއް އެބަވޭ. އޭގެތެރެއިން އެއް އެހީއެއް، ސަރުކާރުން ޓޫރިސްޓް ރިޒޯޓުތަކަށް ލޯނު ދޫކުރުން. މީގެކުރިން އެކަންތައް އޮތީ މުޅިން އަމިއްލަ ބޭންކުގެ ފަރާތުން ލިބޭގޮތަށް. އެކަން އެހެން އޮއްވައި، ދިމާވި ދަތިތަކަކާހުރެ ބޭންކްތަކުން ރިޒޯޓުތައް ހަދަން ލޯނު ދޫނުކުރާގޮތަށް ހަމަޖެހުނު. އެހެންވުމުން ރިޒޯޓުތަކަށް ލިބުނީ ވަރަށްބޮޑު ގެއްލުމެއް. އެ ގެއްލުން ފޫބެއްދުމަށްޓަކައި ސަރުކާރުން އެތަންތަނަށް ލޯނު ދޫކުރަން ފެށީ. އެގޮތުން ވަރަށްގިނަ ތަންތަނަށް ލޯނު ދޫކޮށްގެން މިހާރު ރިޒޯޓުތައް ހަދައި ނިމިފައިވަނީ. އަދި ކުރިއަށް އޮތް ތާނގައިވެސް ގަސްދުކުރެވިފައިވަނީ ލޯނު ދޫކުރާގޮތަށް ހަމަޖައްސަން. އާދެ، 1978 ވަނަ އަހަރު ނޮވެންބަރުމަހުގެ ތެރޭގައި ރާއްޖޭގައި ހުރީ މުޅިއެކު 13 ރިޒޯޓް. 1979ގެ ނޮވެންބަރުގައި ހުރީ 17 ރިޒޯޓް. 1980ގެ ނޮވެންބަރުގައި، އާދެ، މިހާރު ހުރީ 28 ރިޒޯޓް. އެހެންވީމާ، މީގެ ދެއަހަރާ ނިސްބަތްކޮށް ބަލާއިރު 15 ރިޒޯޓް އިތުރުވެފައިވޭ. ސަތޭކައިންސަތޭކައަށްވުރެވެސް އިތުރު. އެނދުގެ އަދަދަށް ވިސްނާއިރުވެސް ވަރަށްބޮޑުތަން އިތުރުވެފައިވޭ. ނޮވެންބަރު 1978 ގައި ހުރީ އެއްހާސް އެއްސަތޭކަ ސާދަ އެނދު. ނޮވެންބަރު 1979 ގައި ހުރީ އެއްހާސް ތިންސަތޭކަ ތިރީސް ހަ އެނދު. މިހާރު އާދެ، ނޮވެންބަރު 1980 ގައި އެބަހުރި އެއްހާސް އަށްސަތޭކަ ބާރަ. އެހެންވީމާ، 1978 ގައި އެނދު ހުރި އަދަދަށް ނިސްބަތްކޮށް ބަލާއިރު މިހާރު އިތުރުވެފައިވަނީ، 100 ން 62.6
 
އާދެ، ދެން ސަރުކާރަށް ދިވެހި ފައިސާގެ އާމްދަނީ ލިބޭ ކަންތައްތަކާ ދޭތެރޭގައި ވިސްނާއިރު އެންމެބޮޑު ފައިދާއެއް ކޮށްދޭ ކަމަކީ، އެސް.ޓީ.އޯ.ގެ ވިޔަފާރި. އެސް.ޓީ.އޯ.ގެ ވިޔަފާރި، އަޅުގަނޑު ކުރިންވެސް ދެންނެވިން، މިދިޔަ އަހަރު ވަރަށްބޮޑު ފައިދާއެއް ކޮށްފައިވޭ. މީގެކުރީ އަހަރުތަކާ އަޅައިބަލާއިރު، އޭގެކުރީ އަހަރުގެ 5 ގުނަ ފައިދާ މިދިޔަ އަހަރު ވެފައިވޭ. މިއަހަރުވެސް މިހާތަނަށް ހިސާބުތައް ދައްކާގޮތުން ވަރަށްބޮޑު ފައިދާއެއްކުރާނެ. އަދި އަޅުގަނޑަށް ހީވާގޮތުގައި މިދިޔަ އަހަރަށްވުރެވެސް މިއަހަރުގެ ފައިދާ ބޮޑުވާނެ. ކޮންމެއަކަސް މިހާތަނަށްވެސް މިދިޔަ 10 މަސް ދުވަހުގެ ތެރޭގައިވެސް، އެއް ކުރޯޑު ރުފިޔާއަށްވުރެ ގިނަ އަދަދަކަށް އެސް.ޓީ.އޯ. އިން ފައިދާވެފައިވޭ.
 
އާދެ، ދެން އަޅުގަނޑު ބަލައިލާނީ، ދައުލަތުން ކޮށްދޭ މުހިންމު ބައެއް ޚިދުމަތްތަކަށް. އޭގެތެރެއިން އެންމެ ފުރަތަމަ އެންމެ މުހިންމު ޚިދުމަތެއް ކަމުގައި އަޅުގަނޑު ފާހަގަކޮށްލަނީ ތަޢުލީމު. އެއީ ތަޢުލީމަކީ، އަޅުގަނޑުމެންގެ ދަރިންނަށް ކޮންމެހެން ސަރުކާރުން ދޭންޖެހޭނެ އެއްޗަކަށްވާތީ. ޤައުމުގެ ތަރައްޤީ ބިނާވެފައި އޮންނާނީ ތަޢުލީމުގެ މައްޗަށް ކަމަށްވާތީ. އާދެ، މިގޮތުން ބަލާއިރު، 1978 އާއި 1980 އާ، މި ދެ އަހަރުގެ ތެރޭގައި ކުރެވުނު ތަފާތު މަސައްކަތްތަކަށް ބަލާއިރުވެސް އުފާކުރުން އެކަށީގެންވާ ދަރަޖައަކަށް ކަންތައްތައް ކުރިއަށް ގޮސްފައިވާ ކަމަށް އަޅުގަނޑަށް ދެންނެވެން އެބައޮތް. 1978 ވަނަ އަހަރު ސަރުކާރުގެ އެހީގައި ހިނގާ ހުރީ 4 ސްކޫލް. އެއީ މުޅިން ސަރުކާރުގެ ޚަރަދުގައި ހިނގާ ސްކޫލްތައް. މާލޭގައި ހުރި 3 ސްކޫލާއި އަދި ރާއްޖެތެރޭގައި ހުރި 1 ކޮމިއުނިޓީ ސްކޫލާއެކު ޖުމްލަ 4 ސްކޫލް. 1979 ނޮވެންބަރުގައި، މުޅިން ސަރުކާރުގެ ޚަރަދުގައި ހިނގާ ސްކޫލްތަކުގެ އަދަދު 24 އަށް ބަދަލުވެގެން ހިނގައްޖެ. އާދެ، އޭގެ މާނައަކީ، އެންމެ ފުރަތަމަ އަހަރުގެ ތެރޭގައި 20 ސްކޫލް އިތުރުވެގެން ހިނގައްޖެއޭ. އެއީ ރާއްޖެތެރޭގެ ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ޚަރަދުގައި ހިންގާ ޕްރައިމަރީ ސްކޫލެއް ހެދުމުގެ ސަބަބުން، 1980 ވަނަ އަހަރުގެ ނޮވެމްބަރުގައި އާދެ، މިހާރު ސަރުކާރުގެ ޚަރަދުގައި ހިނގާ 27 ސްކޫލް އެބަހުރި. ކުދިންގެ އަދަދަށް ބަލާއިރުވެސް ވަރަށްބޮޑުތަން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އިތުރުވެގެން ހިނގައްޖެ. 1978 ވަނަ އަހަރު ސަރުކާރުގެ ޚަރަދުގައި ކިޔަވާ ތިބީ ދެހާސް ހަސަތޭކަ ނުވަދިހަ ކުދިން. 1979 ގައި ތިބީ ހަތްހާސް ދުއިސައްތަ އެއްކުދިން. 1980 ވަނަ އަހަރު، އާދެ، މިހާރު އެބަތިބި، އަށްހާސް ހަސަތޭކަ އަށްޑިހަ ދެކުދިން. އެއީ، މިދެންނެވީ މުޅިން ސަރުކާރުގެ ޚަރަދުގައި ހިނގާ ސްކޫލްތަކުގެ ވާހަކަ. 1978އާ އަޅައިބަލާއިރު، މި ދެއަހަރު ދުވަހުގެތެރޭގައި ކުދިންގެ އަދަދު އިތުރުވެފައިވަނީ 100 އަކުން 43
 
ދެން ސަރުކާރުގެ އެހީ ލިބިގެން ހިންގާ ސްކޫލްތައް ކުރިންހުރި. މިހާރުވެސް ހުންނަ މާލޭގެ ވަރަށް ޚާއްޞަ ވަރަށްބޮޑު ސްކޫލެއް އިންގްލިޝް ޕްރެޕް ސްކޫލް. އެތަނަށް ސަރުކާރުން ކުރިންވެސް އެހީވެދެމުން ގެންގޮސްފައިވަނީ. މިހާރުވެސް އެއީ ސަރުކާރުގެ ޢިނާޔަތެއް ލިބޭ ސްކޫލެއް. އެ ސްކޫލުގެ އިތުރަށް 1979 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުގެ އެހީ ރާއްޖެތެރޭގެ 46 ސްކޫލަކަށް ލިބުނު. އެއީ، މެދުކެނޑުމެއްނެތި 10 އަހަރު ވަންދެން އަމިއްލަ ޚަރަދުގައި ހިންގައިފައިހުރި ސްކޫލްތަކަށް ސަރުކާރުން އެހީވެދޭ އުސޫލު ހަމަޖެއްސުމާ ގުޅިގެން، 1979 ވަނަ އަހަރުގެ ތެރޭގައި މިދެންނެވި 46 ސްކޫލަށް ސަރުކާރުން ފައިސާގެ އެހީވެދޭގޮތަށް ހަމަޖެހުނީ. މިއަހަރު އާދެ، މިދިޔަ އަހަރުގެ ނޮވެންބަރުން ފެށިގެން މިއަހަރުގެ ނޮވެންބަރާ ހަމައަށް އިތުރު 20 ސްކޫލަކަށް ސަރުކާރުގެ އެހީ މިހާރު ލިބެމުން އެބަދޭ. އެހެންވީމާ، ސަރުކާރުން އެހީ ލިބޭ ސްކޫލްތަކުގެ އަދަދަށް ބަލާއިރު 1978 ނޮވެންބަރުގައި ހުރީ 1 ސްކޫލް. 1979 ނޮވެންބަރުގައި ހުރީ 46 ސްކޫލް. 1980 ނޮވެންބަރުގައި އެބަހުރި 66 ސްކޫލް. ކުދިންގެ އަދަދަށް ބަލާއިރު 1978 ވަނަ އަހަރު ސަރުކާރުގެ އެހީގައި ހިނގާ ސްކޫލް، އެންމެ ސްކޫލެއް ހުރި ވާހަކަ އަޅުގަނޑު ދެންނެވިން. އެ ސްކޫލުގައި ތިބީ އެއްހާސް ފަސްސަތޭކަ ހަކުދިން. 1979 ވަނަ އަހަރުގެ ތެރޭގައި ކުރިން މިދެންނެވި 46 ސްކޫލް އިތުރުވުމާ ގުޅިގެން ސަރުކާރުގެ އެހީއެއް ލިބިގެން ކިޔަވާކުދިންގެ އަދަދު، އަށްހާސް ފަސްސަތޭކަ ބާރައަށް ބަދަލުވެގެން ހިނގައްޖެ. މިހާރު އެ އަދަދު ވަނީ ދިހަހާސް ފަސްސަތޭކަ އަށްޑިހަ ހަޔަކަށް ބަދަލުވެފައި. ޖުމްލަކޮށް ބަލާއިރު އެއީ މުޅިން ސަރުކާރުގެ ޚަރަދުގައި ހިނގާ ސްކޫލްތަކާއި، ސަރުކާރުގެ އެހީއެއް ލިބިގެން ހިނގާ ސްކޫލްތަކާ ދެ އަދަދު އެއްކޮށްލީމާ ލިބޭ ޖުމްލަތަކަކީ، ސްކޫލުގެ ކުދިންގެ އަދަދަށް ބަލާއިރު 1978 ގައި ހަތަރުހާސް އެއްސަތޭކަ ނުވަދިހަ ހައެއް. 1979 ގައި ފަނަރަހާސް ހަތްސަތޭކަ ތޭރަ. 1980 ގައި އޮނަވިހިހާސް ދުއިސައްތަ ފަސްދޮޅަސް އަށެއް. އާދެ، އެއީ، 1978 އަށް ނިސްބަތްކޮށް ބަލާއިރު 100 އަކުން 459 ގާތްގަނޑަކަށް 4 ގުނަޔާއި ބައި.
 
އާދެ، ތަޢުލީމުގެ ގޮތުން މިއަހަރު ފެށުނު އެންމެ މުހިންމު މަޝްރޫޢަކީ، އަސާސީ ތަޢުލީމުގެ މަޝްރޫޢު. އެ މަޝްރޫޢު ފެށުނީ މިއަހަރުގެ ޖަނަވަރީމަހުގެ 1 ވަނަ ދުވަހު. އޭގެ ބޭނުމަކީ، އަސާސީ ތަޢުލީމުގެ ފެންވަރަށް ތަކެތި ނުދަންނަ މީހުންނަށް، އެތަކެތި ދަސްކޮށްދިނުން. އެކަން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ރަނގަޅަށް ސާފުވެވަޑައިގަންނަވާނެ. ވަރަށް މުހިންމު މަޝްރޫޢެއް. 6 އަހަރު ދުވަހު ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެއް. އެ މަޝްރޫޢު ކާމިޔާބާ އެކުގައި ނިމިއްޖެނަމަ، 6 އަހަރު ދުވަސްފަހުން ރާއްޖޭގައި ލިޔަންކިޔަން ނުދަންނަ އެއްވެސް މީހަކު ނުހުންނާނެ. މިހާރު މިއަހަރު ކިޔަވައިދޭ މީހުންގެ އަދަދަށް ވިސްނާއިރު، ކިޔަވާ މީހުންގެ އަދަދަކީ ބާރަހާސް މީހުން. ކިޔަވައިދެނީ ވޮލަންޓިއަރުން، އެއްވެސް ފައިސާއެއްނެތި. މުސާރައެއްނެތި. ހިތުން ރުހުމުން ޤައުމީ ޚިދުމަތެއްގެ ގޮތުގައި. ކިޔަވައިދެއްވަމުން ގެންދަވާ މުދައްރިސުން، އެބޭކަލުންގެ އަދަދަކީ އެއްހާސް ހަސަތޭކަ އަށްޑިހަ ހައެއް.
 
އާދެ، މީ ރަޖިސްޓަރީ ކުރެވިފައިވާ އަދަދުތައް. އެއާ އެއްވަރަކަށް ކިޔެވުމުގެ ކަންތައް ކުރިޔަކަށްނުދޭ. ސަބަބަކީ، އަސާސީ ތަޢުލީމުގެ ފެންވަރަށް ތަކެތި ނުދަންނަ ބައެއްމީހުން އެ ކްލާހަށް ހާޒިރުވުމަށް މާބޮޑު ޝައުޤުވެރިކަމެއް ނުހުންނަނީ. ހާޒިރުނުވަނީ. އެހެންވީމާ، ސަރުކާރުން މިހާބޮޑަށް ޚަރަދުކޮށްގެންކުރާ ކަމެއްގައިވެސް އެދެވޭވަރަށް ނަތީޖާ ފެންނަމުން ނުދަނީ. މާލޭގައިވެސް އެހެން. ރާއްޖެތެރޭގައިވެސް އެހެން. ފުރަތަމަ ނަން ނޯޓުކޮށްފައި ދެތިންދުވަހު އައިސްފައި ނުވަތަ މަސްދުވަހަކު އައިސްފައި، އޭގެފަހުން އެމީހުން އެކަން އިހުމާލުކޮށްލަނީ. ހަމައެފަދައިން އަޅުގަނޑު ކުރިންވެސް ދެންނެވި ވޮލަންޓިއަރުން އެއީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި މިކަން ކޮށްދެއްވަން ގަބޫލުކުރައްވައިގެން އެކަން ކުރައްވަން ފެށްޓެވި މުދައްރިސުން. އެބޭފުޅުންގެ ތެރެއިންވެސް ބައެއް ބޭފުޅުންނަށް އެކިއެކި ސަބަބުތަކާހުރެ ސްކޫލަށް ވަޑައެއްނުގެންނެވޭ. ކްލާސްތަކަށް ވަޑައެއްނުގެންނެވޭ. އެ ސަބަބުތައް އެހެން ހުރުމާއެކުގައި ކުރިން ގަސްދުކުރެވިފައިވާ ވަރަށް، އެ މަޝްރޫޢު ކުރިއަކަށްނުދޭ. އެހެންނަމަވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ވަރަށްބޮޑަށް މިހާރުވެސް މަސައްކަތް ކުރައްވަމުން އެބަގެންދަވާ. ކުރިއެކޭ އެއްގޮތަށް ހަލުވިކަމާއެކު އެ މަޝްރޫޢު ކުރިއަށް ގެންދެވޭތޯ، އެ މަޝްރޫޢުގެ މުހިންމުކަން ބޮޑުކަމުގެ ސަބަބުން. ސަރުކާރުން މި މަޝްރޫޢަށް ވަރަށްބޮޑެތި އެހީތަކެއް ވަމުންދޭ. އެންމެބޮޑު އެހީއަކީ، ރާއްޖެތެރޭގައި އެއްވެސްކަހަލަ އަލިކަމެއް ރޭގަނޑު ނުހުންނާތީ، ބައެއް ރަށްރަށަށް ބިގަރު ދިނުން. އެއީ، ރާއްޖެތެރޭގެ ރައްޔިތުންނަކީ ދުވާލު މަސައްކަތުގައި އުޅޭ ބައެއް. ގިނައީ މަސްވެރިން. އަދި އެނޫންވެސް މީހުންގެ މަސައްކަތުގެ ވަގުތަކީ ދުވާލު. ދުވާލަކު އެމީހުންނަށް އަސާސީ ތަޢުލީމުގެ ގަޑިއަށް ހާޒިރުވެވޭކަށެއް ނޯވޭ. އެހެންވީމާ، ގިނަ ތަންތާނގައި އަސާސީ ތަޢުލީމުގެ ކްލާސްތައް ބާއްވަންޖެހެނީ ރޭގަނޑު. ރޭގަނޑު ބާއްވާއިރު އަލިކަމެއްނެތި އެއީ ކުރެވެން އޮންނާނެ ކަމެއްނޫން. އެހެންވުމާއެކުގައި ސަރުކާރުން ބިގަރު ދޫކުރޭ. އޭގެއިތުރަށް ބިގަރަށް ބޭނުންވާ ތެޔޮވެސް ދޫކުރަނީ ސަރުކާރުން. ސްކޫލް ފޮތާއި ކިޔަވާ ފޮތްވެސް ސަރުކާރުން ހިލޭ ދެނީ. ސްކޫލް ފޮތް މިހާރު އަށާރަހާސް އަށްސަތޭކަ ބާވީސްފޮތް، މާލެއާއި ރާއްޖެތެރެއަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން އެ އަސާސީ ތަޢުލީމުގެ ކްލާސްތަކުގައި ބައިވެރިވާ މީހުންނަށް ފޮނުއްވައިދެއްވައިފައިވޭ. ހަދިޔާކުރައްވައިފައިވޭ. ހަމައެފަދައިން ޗާޕުކޮށްގެން ކިޔަވާ ފޮތް، ޓެކްސްޓް ފޮތްތައް، އެވެސް ހިލޭ ބަހަނީ. އޭގެވެސް ފަސްހާސް އެއްސަތޭކަ ފަންސާސް ނުވަ ފޮތް މިހާރުވަނީ މާލެއާއި ރާއްޖެތެރޭގެ އަސާސީ ތަޢުލީމު ކިޔަވާ މީހުންނަށް ބެހިފައި. ތަޢުލީމަށް ކުރެވުނު ޚަރަދުތަކަށް ބަލާއިރު، އެވެސްވަނީ މިދެންނެވި މަސައްކަތްތައް މިގޮތަށް ކުރެވެމުންދާތީ، ވަރަށް މަތީ އަދަދަކަށް މައްޗަށް ގޮސްފައި. 1977 އިން 1978 އަށް ތަޢުލީމަށް ޚަރަދު ކުރެވިފައިވަނީ، 26 ލައްކަ ރުފިޔާ ގާތްގަނޑަކަށް. 1978 އިން 1979 އަށް ޚަރަދުކުރެވިފައިވަނީ، 32 ލައްކަ. 1979 ން 1980 އަށް ޚަރަދު ކުރެވިފައިވަނީ، 37 ލައްކަ. އެހެންވީމާ، 1978 އަށް ނިސްބަތްކޮށް ބަލާއިރު ތަޢުލީމަށް ކުރެވިފައިވާ ޚަރަދުތައްވެސް 100 އަކުން 44 އަށް މައްޗަށް ގޮސްފައިވޭ. މީގެތެރޭގައި އިމާރާތް ކުރުމުގެ ޚަރަދެއް ނުހިމެނޭ. އެހެންވީމާ، އިމާރާތް ކުރުމުގެ ޚަރަދު ލައިފިއްޔާ، ސަރުކާރުން ތަޢުލީމަށް ކުރާ ޚަރަދުތަކުގެ އަދަދު، މިއަށްވުރެވެސް މާ މައްޗަށް ދާނެ.
 
އާދެ، ދެން ދައުލަތުން ރައްޔިތުންނަށްދޭ އެންމެބޮޑު އަނެއް ޚިދުމަތަކީ، ޞިއްޙީ ޚިދުމަތްތައް. އެއާ ދޭތެރޭގައިވެސް މާގިނަ ވާހަކަތަކެއް ދައްކާކަށެއް ނުޖެހޭނެ. ތިޔަ ހުރިހާ ބޭފުޅުންނަށް އޭގެ މުހިންމުކަމާ އަދި ޞިއްޙީ ދާއިރާގައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ވަރަށް ރަނގަޅަށް ފިލައިވަޑައިގަންނަވާނެކަން އަޅުގަނޑަށް އެނގޭ. މި ދޭތެރެއިން ރާއްޖޭގައި މި ބޭއްވުނު ޑަބްލިޔޫ.އެޗް.އޯ.ގެ ދެކުނު އިރުމަތީ އޭޝިޔާ ރީޖަންގެ 33 ވަނަ ޖަލްސާ ރާއްޖޭގައި ކުރެވެނުކަން އެއީވެސް ސަރުކާރުން ޞިއްޙީ ޚިދުމަތަށްދޭ މުހިންމު ކަމުގެ ބޮޑުކަން ވަރަށް ރަނގަޅަށް ދައްކައިދޭ ކަމެއްކަމަށް އަޅުގަނޑަށް ފެނޭ. އެކަމުގެ ސަބަބުންވެސް ރާއްޖޭގެ ޞިއްޙީ ޚިދުމަތްތަކަށް އިތުރު ބަދަހިކަމެއް އަންނާނެކަމާމެދަކު ޝައްކެއްނެތް. ޕްރައިމަރީ ހެލްތު ކެއަރގެ ޕްރޮޖެކްޓް މިހާރުވަނީ ނިމިފައި. އެ މަޝްރޫޢު ދަނީ ހިނގަމުން. އޭގެދަށުން ވަރަށް ގިނަ ކަންތައްތައް މިހާރު ކުރެވެމުން އެބަދޭ. ބޭނުންވާ މީހުންނަށް އެކަންތައްތައް ދަސްކޮށްދިނުން. މިސާލަކަށް އެއީ ކޮމިއުނިޓީ ހެލްތު ވަރކަރުން. ފެމެލީ ހެލްތު ވަރކަރުން. އަދަދުތަކެއް ދަންނަވާނަމަ، 78 ވަނަ އަހަރުގެ ތެރޭގައި ތިބީ ކޮމިއުނިޓީ ހެލްތު ވަރކަރުންގެ 26 މީހުން. 80 ވަނަ އަހަރު، މިހާރު އެބަތިބި 75 މީހުން. ފެމެލީ ހެލްތު ވަރކަރުންނަށް ބަލައިލާއިރު، 1978 ގައި އެއްވެސް މީހަކު ނެތް. 1980 ގައި މިހާރު އެބަތިބި 188 މީހުން. އެހެންވީމާ، ކޮމިއުނިޓީ ހެލްތު ވަރކަރުންގެ އަދަދަށް ބަލާއިރު، 78 އާ މިއަހަރާ ދޭތެރޭ އަޅައި ބެލީމާ އިތުރުވީ 100 އަކުން 188 ފެމެލީ ހެލްތު ވަރކަރުން، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، 78 ގައި ނެތް. މިހާރު އެބަތިބި 188 މީހުން.
 
އާދެ، ދެން އެންމެބޮޑު ކަމަކީ، ފާޚާނާއާއި ބޯފެނުގެ މައްސަލަ. އަޅުގަނޑު ދެންމެ ކުރިންވެސް ދެންނެވި ފަދައިން، އެކަމާބެހޭ 10 އަހަރުގެ މަޝްރޫޢެއްވަނީ ބައިނަލްއަޤްވާމީ ގޮތުން ކަނޑައެޅިފައި. އަދި އެ މަޝްރޫޢަށް ޢަމަލުކުރަން އިއްޔެވަނީ ފެށިފައި. ދިވެހިރާއްޖޭގައިވެސް މިއަދުން ފެށިގެން އެ މަޝްރޫޢަށް ޢަމަލު ކުރެވެމުންދާނެ. ފާޚާނާއާއި ބޯފެނުގެ މައްޗަށް ވިސްނައިލާއިރު، 1978 ވަނަ އަހަރު މާލޭގައި ހުރީ 7 ފާޚާނާ، ޢާންމުންނަށް ބޭނުންކުރެވޭގޮތަށް. 1980 ވަނަ އަހަރު މިހާރު އެބަހުރި 22 ފާޚާނާ. ރާއްޖެތެރޭގައި 1978 ވަނަ އަހަރުގައި ޢާންމުން ބޭނުންކުރާގޮތަށް އެއްވެސް ފާޚާނާއެއް ހެދިފައެއް ނެތް. މިހާރު 38 ފާޚާނާ ހެދިފައި އެބަހުރި. ބޯފެން ތާނގީތަކުގެ އަދަދަށް ވިސްނާއިރުވެސް ވަނީ އެ އަދަދު މައްޗަށް ޖެހިލައިފައި. 1978 ވަނަ އަހަރު މާލޭގައި ހުރީ 23 ތާނގީ، ބޯފެންއަޅާ. މިހާރުވެސްހުރީ 23 ތާނގީ. ސަބަބަކީ، މިކަމުގައި އެންމެބޮޑަށް އިސްކަންދެވެނީ ރާއްޖެތެރެއަށް ކަމަށްވާތީ. މާލޭގައި އެހުރި ތަންތަން ހުރުމުން ހިސާބަކަށް ނަމަވެސް މާލޭގެ ރައްޔިތުންނަށް ފުދޭތީ، އެންމެފުރަތަމަ ރާއްޖެތެރޭގެ ކަންތައްތައް އިޞްލާޙު ކުރުމަށް އަހަންމިއްޔަތުކަން ދެވުނީ. ރާއްޖެތެރޭގައި 1978 ގައި ބޯފެން ތާނގީހުރީ 32 މިހާރު އެބަހުރި 55 އެހެންވީމާ، މިކަންތައްވެސް ދަނީ އިރާދަކުރެއްވިއްޔާ ކުރިއަށް.
 
މާލޭގެ ރައްޔިތުންނަށް އެންމެބޮޑަށް ދަތިވެފައިވާ ކަމަކީ މާލޭގައި ބިން ނެތުމުގެ މައްސަލަ. އެ މައްސަލަ ޙައްލުކުރުމަށްޓަކައި ސަރުކާރުން ވަރަށްބޮޑު މަޝްރޫޢެއް ރާވައިގެން، އެ މަޝްރޫޢު ދަނީ ހިނގަމުން. 1979 ވަނަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ފެށުނީ. އެ މަޝްރޫޢު ހިނގަމުންދާތާ މިހާރު ގާތްގަނޑަކަށް ދޮޅުއަހަރު މިވީ. ދިމާވި އެތަކެއް ސަބަބުތަކަށްޓަކައި، ކުރިން ލަފާކުރެވިފައިވާ ވަރަށްވުރެ، މާ ލަހުން ކުރިއަށްދަނީ. އެއީ އެކަހަލަ ބޮޑެތި މަސައްކަތަށް ވާނެވެސްގޮތް. ކޮންމެއަކަސް މިހާތަނަށް 13 ލައްކަ އަކަފޫޓަށްވުރެ ގިނައަދަދަކަށް ބިން ހިއްކިފައި އެބަހުރި. މުޅި މާލޭގައި ބޮޑުމިނަކީ، މިދެންނެވި މަޝްރޫޢު ފެށުމުގެ ކުރިން 1 ކްރޯޑު 32 ލައްކަ އަކަފޫޓް. އެހެންވީމާ، މިހާރު 13 ލައްކަ އަކަފޫޓު ހިކުމުން، އޭގެ މާނައަކީ މާލޭގެ ބޮޑުމިނުގެ ދިހަބައިކުޅަ އެއްބައި މިހާރު އިތުރުވެއްޖެއޭ. މި މަޝްރޫޢު ނިމޭއިރު މާލޭގެ ބޮޑުމިނަށް ގާތްގަނޑަކަށް 64 ލައްކަ އަކަފޫޓު އިތުރުވާނެ. އެހެންވީމާ، އެ މަޝްރޫޢު ނިމުމުން އަޅުގަނޑު ހިތުން މާލޭގެ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ ވަރަށްބޮޑު ދަތިކަމެއް ޙައްލަކާ ހަމައަށް އަންނާނެ. މިހާތަނާ ޖެހެންދެން ހިކިފައި ހުރި ތަންތަނުން ގޯތި ނުދެވިހުރި ސަބަބު، އަޅުގަނޑު ހިތުން ވަރަށްގިނަ މީހުން އެ ސަބަބު އޮޅުންފިލުވަންވެސް ބޭނުންވާނެ. އޭގެސަބަބަކީ، މިހާރު މި ހިއްކޭ ބައި މިއީ މާލެއިން ހިއްކެން އޮންނާނެ އެންމެބޮޑު ވަރަކީ. އޭގެފަހުން ދެންއޮތީ ކަނޑު. އޭގެފަހުން އިތުރު މަޝްރޫޢެއް ރޭވިޔަސް، އަޅުގަނޑު ހިތުން މާލެއަށް އިތުރު ބިން ހޯދައެއްނުދެވޭނެ.
 
އެހެންވުމާއެކުގައި މާލޭގެ ރައްޔިތުންވެސް އެއްދުވަހުން އަނެއްދުވަހަށް ގިނަވަމުންދާތީ، މާލެއަށް ކުރިއަށް އޮތް ވިހި ތިރީސް އަހަރަށް، މިސާލަކަށް ބޭނުންވާ ތަފާތު ޚިދުމަތްތައްވެސް ހުންނަންޖެހޭނެ. އިތުރު ސްކޫލްތައް އެޅެންޖެހޭނެ. އިތުރު ހޮސްޕިޓަލްތައް ހުންނަންޖެހޭނެ. އިލެކްޓްރިސިޓީ އުފައްދާ އިތުރު ސްޓޭޝަނެއް ހުންނަންޖެހޭނެ. އެހެންގޮސް ވަރަށްގިނަ ތަފާތު ޚިދުމަތްތައް، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް، ދައުލަތުން ރައްޔިތުންނަށް ހަމަޖައްސައިދޭންޖެހޭ ޚިދުމަތްތައް ވަރަށްގިނައިން އެބަހުރި. އެހުރިހާ ކަމެއްވެސް ޖެހެނީ އިތުރުކުރަން. އެހެންވީމާ، އެކަންކަމަށް ރޭވިގެން، އެތަންތަނަށް ބޭނުންވާ ބިންވެސް މިހާރު މި ހިއްކޭ ބައިން ނަގަން އެބަޖެހޭ. އަދި ސަރުކާރުން އެހެން މަޝްރޫޢެއްވެސް ރާވަމުން އެބަގެންދޭ. އެއީ ޓައުން ޕްލޭނިންގގެ މަޝްރޫޢެއް. މާލެ އަލުން ޕްލޭންކޮށް ރާވައި، މި ޒަމާނުގެ އުސޫލަކަށް ފެތޭގޮތަށް ޞިއްޙީ ގޮތުންނާއި، އަދި ރީތި ހުތުރުކަމަށް ބަލާއިރުވެސް ރަނގަޅު ގޮތަކަށް ބޮޑު މަޝްރޫޢެއް ރާވައިގެން، އެއާ އެއްގޮތަށް ޢަމަލުކުރަން ގަސްދުކުރެވިފައިވާތީ، އެ މަސައްކަތްވެސް މިހާރުދަނީ ހިނގަމުން. ސަރުކާރުގެ ވަރަށްގިނަ އޮފީސްތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައިގެން، ވަރަށްބޮޑު ކޮމިޓީއަކުން އެކަންތައްދަނީ ކުރިއަށް. އެތާނގެ މަގުތައް ހުންނާނެގޮތާއި، އެކިއެކި ކޮށި ވަކިކުރެވިފައި ހުންނާނެގޮތާއި، އިމާރާތް ކުރެވޭނެގޮތާއި، އެތަނަށް ބޭނުންވާ މިދެންނެވި ކަހަލަ ޚިދުމަތްތައް ހުންނަން އެންމެ އެކަށީގެންވާ ތަންތަނާ، އަޅުގަނޑު ހިތުން ޕާކް ކަހަލަ ތަންތަންވެސް ހުންނަންޖެހޭނެ. އަދި އެނޫންވެސް ހިތްފަސޭހަ ކުރުމަށްޓަކައި ބޭނުންވާ ތަންތަންވެސް ހުންނަންޖެހޭނެ. ވިޔަފާރިކުރާ ތަންތަން ހުންނަންޖެހޭނެ. އެހެންވީމާ، އެހާބޮޑު މަޝްރޫޢެއް ރޭވެމުންދާތީ، އެކަންތައް ނިމުމުގެ ކުރިން އަދި ގޯތި ނުދެވި އޮތީ.
 
އާދެ، ދެން އަޅުގަނޑު ބަލައިލާހިތްއޮތީ ވަރަށް މުހިންމު މައުޟޫޢެއްގެ މައްޗަށް. އެއީ، ކާބޯތަކެތީގެ މައްސަލަ. އާދެ، ކާބޯތަކެތީގެ އަގު ދަނީ އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން. އެއީ ހަމައެކަނި އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަކު ނޫން. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް. ކާބޯތަކެތި އެތެރެކުރުމަށް ސަރުކާރުން މި ވޭތުވެދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު ޚަރަދުތައް، ތިޔަ ބޭފުޅުންނަށް ދަންނަވައިލައިފިއްޔާ، އޭގެ އަގު މައްޗަށް ދިޔަވަރު ލަފާކުރެއްވޭނެ. 1978 ވަނަ އަހަރު ކާބޯތަކެއްޗާއި، ތެލުގެ ބާވަތްތަކާ އެތެރެކުރަން ޚަރަދުވީ 3.8 މިލިޔަން ޔޫ.އެސް.ޑޮލަރު. އާދެ، 38 ލައްކަ ޔޫ.އެސް.ޑޮލަރު. އެއީ، 1978 ގައި. 1979 ގައި ކާބޯތަކެތީގެ ބާވަތްތަކާއި ތެލުގެ ބާވަތްތައް އެތެރެކުރަން ސަރުކާރުން ޚަރަދުކުރަން ޖެހުނު 7.5 މިލިޔަން، 75 ލައްކަ ޔޫ.އެސް.ޑޮލަރު. އެއީ ކުރީ އަހަރުގެ ގާތްގަނޑަކަށް 2 ގުނަ. 1980 ވަނަ އަހަރު، އެއީ، 1 ނޮވެންބަރު 1979 އިން 31 އޮކްޓޫބަރު 1980 އަށް، މިދިޔަ 12 މަސް ދުވަހުގެ ތެރޭގައި ކާބޯތަކެއްޗާއި ތެލުގެ ބާވަތްތައް ރާއްޖެއަށް އެތެރުކުރުމަށް ސަރުކާރުން ޚަރަދުކުރަން ޖެހިފައިވަނީ 12.3 މިލިޔަން ޔޫ.އެސް.ޑޮލަރު. އާދެ، އެއްކުރޯޑް 23 ލައްކަ ޔޫ.އެސް.ޑޮލަރު ޚަރަދުކުރަން ޖެހިއްޖެ. ހަމައެކަނި ކާބޯތަކެއްޗާއި ތެލުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމަށްޓަކައި. އެއީ، 1978 އާ އަޅައި ނިސްބަތްކުރާއިރު 100 އަކުން 323 އޭގެ މާނައަކީ، 3 ގުނައަށްވުރެވެސް މައްޗަށް އެހެރީ މިހާރު ކާބޯތަކެތީގެ އަގު ޖެހިފައޭ. އެކަމަކު ރާއްޖޭގެ ރައްޔިތުން ވިސްނަވައިލައްވަންވީ ކަމަކީ ކާބޯތަކެތީގެ އަގު، މާލެއިން އަޅުގަނޑުމެންނަށް ލިބެން ހުންނަ އަގު، މި ދެންނެވި އުސޫލުން މައްޗަށް ޖެހިފައިވޭތޯ. އެހެން ބައްލަވައިލައްވާއިރު ފެނިވަޑައިގަންނަވާނެ، އެހާ މައްޗަކަށް ގޮސްފައެއް ނެތްކަން. މިސާލެއްގެ ގޮތުން ދަންނަވަންޏާ، ހަނޑޫ. އަޅުގަނޑު ރައީސްކަމާ ހަވާލުވިއިރު، ހަނޑޫ ކިލޯއެއް ވިއްކަން ހުންނަނީ 93/- ލާރިއަށް. އެ ހަނޑުލަކީ ތިޔަ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، މަޝްހޫރު ހަނޑުލެއް. ކަޅު ހަނޑޫ. އެ 93/- ލާރިއަށް ލިބެން ހުންނަނީ. އޭގެ އަގު ޖެހިފައިއޮތީ، ބޭރުން ގަތްއިރު 89 ޑޮލަރަށް. 89 އެއީ ނާލާއި އިންޝުއަރެންސާއި، އެކަހަލަ ޚަރަދުތައް ނުލައި. އޭގެ އަގު އޮތީ 89 ޑޮލަރަށް. މިހާރު އެންމެފަހުން މިގެނައި ހަނޑޫ، އެންމެފަހުން މިގެނައި ހަނޑުލަށް ޖެހިފައިވަނީ 275 ޑޮލަރު. އެހެންވީމާ، 89 އިން 275 އަށް ހަނޑުލުގެ އަގު ބޭރު ދުނިޔޭގައި ބަދަލުވެގެން ހިނގައްޖެ. އެހެން މިދަންނަވަނީ، އަޅުގަނޑުމެން މިގެންނަނީ އެންމެމޮޅު ހަނޑުލެއް ނޫނޭ. މިގެންނަނީ ބޭރު ދުނިޔޭގައި ވިއްކަން ހުންނަ ހަނޑުލުގެ ބާވަތްތަކުގެ ތެރެއިން، ކާން ކެރޭވަރުގެ އެންމެ އަގުހެޔޮ ހަނޑޫ. އެއީ މޮޅުހަނޑޫ ގެނެސްގެން، އެ ގަންނާނެ މީހަކު ރާއްޖެއަކު ނުހުންނާނެ. އޭގެ އަގު ނުލާހިކު މަތިވާނެ. އެހެންވުމާއެކުގައި އަޅުގަނޑުމެންނަށް ކިރިޔާ ފުދޭވަރަށް، އަޅުގަނޑުމެންނަށް ކާންކެރޭވަރުގެ އެންމެ އަގުހެޔޮ ހަނޑޫ ހުރިތަނެއް، ކޮންމެފަހަރަކުވެސް ބަލައިގެން އެތަނަކުން ގަންނަމުން މިގެންދަނީ. އެހެން ގެންދާއިރުވެސް މިހާރު މެޓްރިކްޓަނެއް، ހަނޑުލުގެ މެޓްރިކްޓަނެއް މިޖެހެނީ 275 ޑޮލަރަށް. އެއީ، 1978 ގައި 89 ޑޮލަރަށް، މިދެންނެވި ކަހަލަ ހަނޑޫ ހުރުމާއެކުގައި. އެހެންވީމާ، މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ހަނޑުލުގެ އަގު 100 އަކުން 309 އަށް، ބޭރު ދުނިޔޭގައި މައްޗަށް ހިނގައްޖެ. އެއީ 3 ގުނަ. އެކަމަކު ކުރިން އެއްކަލަ 93/- ލާރިއަށް ވިއްކި ހަނޑޫ، އެއަށްވުރެ މާރަނގަޅު ހަނޑުލެއް މިވިއްކަނީ 1/76 ރުފިޔާއަށް. އެހެންވީމާ، އެ މައްޗަށް ޖެހުނު ޕަސެންޓޭޖް އެއީ، މާކުޑަކުޑަ ޕަސެންޓޭޖެއް. އަސްލު ހަނޑޫ 3 ގުނައަށްވުރެ މައްޗަށް ދިޔައިރު، ރާއްޖޭގައި ވިއްކަން ހުންނަ ހަނޑޫ 3 ގުނައެއް މައްޗަށް ގޮސްފައެއްނެތް.
 
ދެން ހަކުރު. އަޅުގަނޑު ރައީސްކަމާ ހަވާލުވިއިރު، ހަކުރު މެޓްރިކް ޓަނެއް ލިބެން އޮންނަނީ 220 ޑޮލަރަށް. އެއީ އޭގެ ނާލާއި އިންޝުއަރެންސާއި ހުރިހާ އެއްޗެއް ލައިގެން. އެންމެފަހުން މިގެނައި ހަކުރު ލިބިފައި އޮތީ 876 ޔޫ.އެސް.ޑޮލަރަށް މެޓްރިކްޓަނެއް. އެހެންވީމާ، 78 އާ ނިސްބަތްކޮށް ބަލާއިރު، ހަކުރުގެ އަގުވެސް 100 އަކުން 398 މައްޗަށް ހިނގައްޖެ. އެހެން އިބާރާތަކުން ދަންނަވަންޏާ 4 ގުނަ އިތުރުވެއްޖެ. ހަކުރުގެ އަގު 4 ގުނަ އިތުރުވެއްޖެ. އެކަން އެހެންއޮތުމާއެކުގަވެސް ހަކުރު އަގު، ރާއްޖޭގައި ވިއްކާ އަގު، މިދެންނެވީ ކޫޕަނަށް ވިއްކާ ހަކުރު އެހާ މައްޗަކަށްނުދޭ. އަޅުގަނޑު ރައީސްކަމާ ހަވާލުވިއިރު ހަކުރު ކިލޯއެއް އޮތީ 1/56 ރުފިޔާއަށް. މިހާރު ކޫޕަނަށް ވިއްކާ ހަކުރު 3/88 ރުފިޔާއަށް. އެހެންވީމާ، އެބޮޑުވީ 100 އަކުން 48 ، ޙަޤީޤަތުގައި އޭގެ އަގަށް 100 އަކުން 398 އިތުރުވިކަމުގައިވިޔަސް، ރާއްޖޭގައި، ރާއްޖޭގެ ރައްޔިތުންނަށް ފުދޭވަރަށް އެ ދޭ ހަކުރުކޮޅުގެ އަގުބޮޑުވީ ހަމައެކަނި 100 އަކުން 148، އެހެންވީމާ، މި މަޢުލޫމާތުތަކުން ތިޔަ ހުރިހާ ބޭފުޅުންނަށް އާދެ، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ރަނގަޅަށް ފިލައިވަޑައިގަންނަވާނެ. ސަރުކާރުން ކާބޯތަކެތި އަގު ހެޔޮކޮށް ރައްޔިތުންނަށް ގެނެސްދިނުމަށްކުރާ މަސައްކަތްތަކާއި، އެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންނަށް ކާބޯތަކެތި މިހާރު މިލިބޭ އަގަށްވެސް ލިބެންހުރިކަން. ދުނިޔޭގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު އަޅުގަނޑުމެންގެ އެންމެ ކައިރީގައިވާ ޤައުމުތަކާ އަޅައި ބެލިކަމުގައިވިޔަސް، އެތަންތާނގައިވެސް، އަޅުގަނޑުމެންގެ ރާއްޖޭގައި ކާބޯތަކެތި ލިބެން ހުންނަވަރަށްވުރެ އަގުބޮޑު. އެއިން ބައެއް ތަންތާނގައި އެތަކެތި އުފައްދާވެސްމެ. ބައެއް ތަންތާނގައި ހަކުރުވެސް އުފައްދާ. އަނެއްބައި ތަންތާނގައި ހަނޑޫ އުފައްދާ. އެހެން ނަމަވެސް އެތަންތާނގައި އެއްޗެތި ލިބެން ހުންނަ އަގަށްވުރެ އަދިވެސް އަޅުގަނޑުމެންގެ ރާއްޖޭގައި އެ ކާބޯތަކެތީގެ އަގުހެޔޮ.
 
އާދެ، ކާބޯތަކެތީގެ މައްސަލައާ ދޭތެރޭގައި ވާހަކަ ދައްކާއިރު އަޅުގަނޑު ކުޑަކުޑަ ވާހަކައެއް ދަންނަވާލަން ބޭނުންވޭ. އެއީ، ސަރުކާރުން ބަލަމުން މިގެންދަނީ އަބަދުވެސް ކާޑުގެ ތަކެތި އަދި ތެލުގެ ބާވަތްތައް މަދުނުވެ ހުންނާނެގޮތަށް ހަމަޖެއްސުމަށް. އަބަދުވެސް މާލޭގައި ފުދޭވަރަކަށް ސްޓޮކް ހުންނަގޮތަށް. އެއްވެސްއިރެއްގައި ކާޑުގެ އެއްޗިހި ހުސްވެގެން ގޮސްފައެއްނެތް. އެއްވެސްކަހަލަ މައްސަލައެއްޖެހޭ ހިސާބަކަށްނުދޭ. އެހެންވީމާ އަޅުގަނޑުއެދެނީ، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އަދި ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ވިޔަފާރިވެރިންވެސް ސަރުކާރަށް ވަރަށްބޮޑު ޔަޤީންކަމެއް ދެއްވުން މިކަމުގައި. ވަރަށްބޮޑު އިތުބާރެއް ކުރެއްވުން. އެހެން ދަންނަވަންޖެހޭ ސަބަބަކީ، ބައެއް ކަންތައްތައް ދިމާވާގޮތުން މިދެންނެވިކަހަލަ ފުރިހަމަ ޔަޤީންކަމެއް ބައެއްފަހަރަށް ނޯވެއޭ ހިތަށްއަރާތީ. މި ދޭތެރެއިން ހަނޑުލުގެ މައްސަލައަށް ވީގޮތް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ހަނޑޫ މަދުވަނިއްޔޭ، ކޮންމެވެސް މީހަކު ދެއްކި ވާހަކައަކުން، އެ ވާހަކަ ފެތުރިގެންގޮސް އާދަވެގެން 500 ބަސްތާ، 600 ބަސްތާ، ނުވަތަ 800 ބަސްތާ ދޫކުރާ އެއްޗެއް، އެންމެފަހުން ދުވާލަކު 4000 ބަސްތާ ދޫކުރާ ހިސާބަށް ސިޓީއޮތީ އައިސްފައި. އޭގެ ސަބަބަކީ ކޮބައިތޯ، ސަބަބަކީ އެވަރުގެ ޔަޤީންކަމެއްނެތީ. އަޅުގަނޑު މިދަންނަވަނީ އެ ޔަޤީންކަން ދެއްވާށޭ. ފުރިހަމަ ޔަޤީންކަން ސަރުކާރަށް ދެއްވާށޭ. އިރާދަކުރެއްވިއްޔާ ހަނޑޫ، ހަކުރު، ފުށް އަދި ތެލުގެ ބާވަތްތައް މަދުނުވެ ހަމަ ސްޓޮކްގައި ފުރިހަމަ އަދަދަށް އަބަދުވެސް ހުންނާނެއޭ. އެކަމަށް އެހެންވީމާ، އަޅުގަނޑު މިދެންނެވި އިތުބާރާއި، މިދެންނެވި ޔަޤީންކަން ރައްޔިތުން ސަރުކާރަށް ދެއްވާކަމަށްވަންޏާ، އެއްވެސް މައްސަލައެއްނުޖެހި ވަރަށް އޮމާންކޮށް ކާބޯތަކެތީގެ މައްސަލަ ހިނގަމުންދާނެއޭ. އާދެ، އަޅުގަނޑުމެންގެ ރާއްޖޭގެ މޫސުން ހުންނަގޮތުންނާ، އެއީ ވަރަށް ހޫނުގަދަތަނެއް ރާއްޖެއަކީ. ރާއްޖޭގެ ވައިގައި ފެނުގެބައި ވަރަށްބޮޑު. އެހެންވުމާއެކުގައި ގިނަދުވަސް ވަންދެން ހަލާކުނުވެ ހަނޑޫ، ހަކުރު، ފުށް ބެހެއްޓޭކަށެއް ނޯވޭ. ރާއްޖެނޫން އެހެން ތަންތާނގައި ގުދަންތައް ހަދައިފައި ހުންނަނީ ވަރަށްގިނަ ދުވަސްދުވަހު އެކަހަލަ އެއްޗެތި ރަނގަޅަށް ރައްކާކޮށް ބެހެއްޓޭކަހަލަ ގޮތަކަށް. އެތަންތާނގެ ފިނިހޫނުމިންވެސް ވަކިދަރަޖައަކަށް ބަހައްޓަނީ. ވައިގެ ތެތްކަންވެސް ވަކިދަރަޖައަކަށް ބަހައްޓަނީ. މިހެންގޮސް ކިތަންމެ ގިނަދުވަހަކު ހުއްޓަސް، އެއެއްޗެތި ހަލާކުނުވާގޮތަށް އޮންނަނީ ހަމަޖެހިފައި. އަޅުގަނޑުމެންގެ ރާއްޖޭގައި އެހެނެއްނޫން ގުދަންތައް ހުންނަނީއަކީ. އަޅުގަނޑުމެންގެ ރާއްޖޭގައި މިހުރި ގުދަންތަކުގައި ތިންމަސް ދުވަހަށްވުރެ ގިނައިން، ނޫނީ ތިންހަތަރު މަސް ދުވަހަށްވުރެ ގިނައިން އެއްވެސް އެއްޗެއް ނުބެހެއްޓޭ. ހަލާކުވެގެން ހިނގައިދާނެ. އެހެންވުމާއެކުގައި އެހާގިނަ ދުވަހަށް އެއްޗެތި ގެނެސްފައި ހުރުމުގެ އެއްވެސް ބޭނުމެއްނެތް. އެ ވާނީ ހުސް ޚަރަދަކަށް. ހުރެގެން ހަލާކުވެގެންދާނީ. އެއްވެސް މީހަކަށް ބޭނުމެއް ނުކުރެވޭނެ. އަނެއްކާ އަޅުގަނޑުމެންގެ ރާއްޖޭގައި އެވަރަކަށް ގުދަނެއްވެސް ނެތް. މާލޭގައި ބިމެއްވެސް ނެތް. ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ހަމައެފަދައިން އެހެންވީމާ، އެހާގިނަ އަދަދަކަށް، މިސާލަކަށް އަހަރުދުވަސް ވަންދެން ކާބޯތަކެތި ބެހެއްޓޭކަހަލަ ގުދަންތައް ހެދިފައެއްވެސް ނެތް. އަދި ހުރިކަމުގައިވިޔަސް މިދެންނެވި ސަބަބުތަކަށްޓަކައި ރާއްޖޭގައި އެހާގިނަދުވަހަކު، އެ އެއްޗިއްސެއް ނުހުންނާނެ. އެހެންވުމާއެކުގައި ހަމަޖެހޭ ރަނގަޅު އުސޫލެއްގެ މަތިން މިހާރު މިގެންދަނީ ވަކިމުއްދަތަކަށް އަބަދުވެސް އޯޑަރުދީގެން، އެ މުއްދަތަކަށް ބޭނުންވާ އަދަދަށް މާލޭގައި ހުންނާނެ. އާދަވެގެން މީހުން ބޭނުންކުރާ އަދަދަށް އެއެއްޗެތި ގަންނަމުން ދާކަމަށްވަންޏާ އެއްވެސް މައްސަލައެއް ނުޖެހޭނެ.
 
އާދެ، އަދިވެސް ހިސާބަކަށް ބައެއް ވާހަކަ ދައްކައިލަން ގަސްދުކުރި ނުކުތާތައް އެބަހުރި. އެހެންނަމަވެސް ވަގުތުވެސް ވަރަށްބާރަށް ހިނގަމުން އެބަދޭ. އަޅުގަނޑު މިނުކުތާގައި ދަންނަވައިލަން ބޭނުންވާ އެހެން އެއްޗެއް އެބައޮތް. އެއީ، އަޅުގަނޑު ކުރިންވެސް މި އިޝާރާތް ކުރިފަދައިން، ޤައުމުގެ ތަރައްޤީއަށްޓަކައި ތަފާތު ރޮނގުރޮނގުގައި ސަރުކާރުންދަނީ ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރަމުން. އެހެންވުމާއެކުގައި އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، ކިތަންމެ ގިނަ ކަންތައްތަކެއް ކުރެވެމުންދިޔަނަމަވެސް، އެއްވެސް ބަޔަކު އެދޭ ހުރިހާ ކަމެއް ކުރެވުމަކީ ވެވޭނެކަމެއްނޫނޭ. ތިޔަބޭފުޅުންނަށްވެސް ގަބޫލުކުރެއްވޭނެ. އެކިމީހުންނަށް ބޭނުންވެފައި އޮންނާނީ އެކިކަންތައް. އެކިމީހުންނަށް އިސްކަންދެވޭނީ އެކިކަހަލަ ކަންތަކަށް. އެހެންވީމާ، އެ ހުރިހާ ޚިޔާލެއްގައި އެއްފަހަރާ ޢަމަލީ ހެދުން އެޅުވުމަކީ އެއްވެސް ސަރުކާރަކަށް ކުރެވޭނެކަމެއް ނޫންކަން ކަށަވަރު.
 
އެހެންވީމާ، އަޅުގަނޑު މި އިލްތިމާސްކުރަނީ، ކޮންމެބަޔަކުވެސް އެބައެއްގެ އަމިއްލަ ޚިޔާލުތަކާއި ޝުޢޫރުތަކުން ބައެއް، އަނެއް ބައެއްގެ ޚިޔާލުތަކާއި ޝުޢޫރުތަކަށްޓަކައި ފަސްޖައްސައިލަން ރުހޭގޮތް ގެންގުޅުއްވުމަށް. އަދި ޤައުމުގެ މަޞްލަޙަތަށްޓަކައި ކޮންމެ މީހަކުވެސް އަދި ކޮންމެ ބަޔަކުވެސް އެބައެއްގެ ޚިޔާލުން ތަންކޮޅެއްނަމަވެސް ދޫކޮށްލައްވަން ކެރުމަށް. އެއީ ވަރަށްބޮޑަށް ކެރިގެން ވާނެކަމެއް. އެންމެން އެދޭ ކަންތައް އެއްފަހަރަކާ ނުކުރެވޭނެ. އެކިމީހުން އެދެނީ އެކިކަންތައް. އެހެންވީމާ، ކޮންމެމީހަކުވެސް އެހެން މީހުންގެ ޚިޔާލަށާއި ޝުޢޫރަށް ކަމޭހިތައި، ޙުރުމަތްތެރިކޮށްހިތައި، ތިމާ ބޭނުންވާ ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައް އެހެން މީހުންނަށްޓަކައި ދޫކޮށްލަންޖެހޭނެ. އެނޫންގޮތެއްގައި ޤައުމުގެ މަޞްލަޙަތު ހަމައެއްވެސްނުޖެހޭނެ. އަދި ތަރައްޤީގެ މަގުގައި ހަރުދަނާ ގޮތެއްގައި އަޅުގަނޑުމެންނަށް ކުރިއަކަށް ނުދެވޭނެ.
 
އާދެ، މި ދޭތެރެއިން މިކުރެވުނު ކަންތައްތަކާ ދޭތެރޭގައި، އަޅުގަނޑު ހިސާބަކަށް ބައެއް ކަންތައްތަކާ ދޭތެރޭގައި ތަފްޞީލުކޮށް ވާހަކަ ދައްކައިފިން. ދެން އަޅުގަނޑު ގަސްދުކުރަނީ ވަރަށް ކުރުކުރު ގޮތެއްގައި މިހާރު ކުރެވެމުންދާ ބައެއް ޚާއްޞަ ކަންތައްތަކުގެ ހަމައެކަނި ސުރުޚީ ދަންނަވާލަން. އެއީ، އެއާ ދޭތެރޭގައި ތަފްޞީލުކޮށް ވާހަކަ ދައްކާނެހާ ވަގުތު ނެތުމާއެކުގައި. އަޅުގަނޑު ކުރިން ދެންނެވިން، މާފުށީގެ އިޞްލާޙިއްޔާގެ ވާހަކަ. އޭގެއިތުރަށް މިހާރު ހިނގާ ބައެއް ކަންތައްތަކަކީ ރުއް އިންދުމުގެ ޕުރޮގުރާމެއް އެބަހިނގާ. ރާއްޖެތެރޭގައި ސަރުކާރުގެ ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދު، މިދޭތެރެއިން ލައްކަ ބޮޑުތަން އިތުރުކުރެވިއްޖެ. ރާއްޖެތެރޭގައި ނެރު ގޮއްވުމާއި، މިސްކިތް، މަދަރުސާ، ފާލަން، ރަށު އޮފީސް އިމާރާތްކުރުން، މަގު ހެދުން، މިކަހަލަ ކަންތައްތައް ކުރެވެމުން އެބަދޭ. އެއީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން. އިސްކަންދަރު ސްކޫލަށް، އުމުރަށް ފެތޭ ހުރިހާ ކުދިން ވައްދާގޮތަށްވަނީ ހަމަޖެހިފައި. މިއަހަރުވެސް އެހެން، ހުރިހާ ކުދިން ވެއްދުނު. މިދިޔަ އަހަރުވެސް ވެއްދުނު. އަދި އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް އަހަރުގައިވެސް ވެއްދޭނެ. މާލޭގެ ޓެލެފޯން، އާ ނިޒާމަކަށް ބަދަލުވެ، ކުރީކޮޅުގައި ހިސާބަކަށް މައްސަލަ ޖެހުނުކަމުގައިވިޔަސް، މިހާރު އަޅުގަނޑު ހިތުން ރަނގަޅަށް އެބަހިނގާ.
 
ރޯމަހުގެ އަގު، މި ދޭތެރެއިން މައްޗަށް ގެންދެވިއްޖެ. އަޅުގަނޑަށް އެކަމަށް އިޝާރާތްކޮށެއް ނުލެވުނު، ކުރިންދެއްކި ވާހަކައިގެ ތެރޭގައި. އެހެން ނަމަވެސް ރޯމަހުގެ އަގަށްވެސްވަނީ އެކަށީގެންވާ ބަދަލެއް ގެނެވިފައި. އަންހެނުންގެ ޤައުމީ ޖަލްސާއެއް، މިދެތޭރެއިން ރާއްޖޭގައި ބޭއްވިއްޖެ. އަދި ބައިނަލްއަޤްވާމީ އަންހެނުންގެ ޖަލްސާއަކަށް ރާއްޖޭގެ ފަރާތުން މަންދޫބުން ވަޑައިގެން ބައިވެރިވެވަޑައިގެންނެވި. އަންހެނުންގެ ހަފުތާއެއް، އަންހެނުންގެ ކަންތައް ކުރިއެރުވުމަށްޓަކައި ރޭވި، އެކަންވެސް މިއަހަރުވަނީ ފެށިފައި. ރާއްޖެތެރޭގައި އެކިގޮތްގޮތުން ބޭނުންވާ ވާރކްޝޮޕްތަކާއި ސެމިނަރތައް ހިނގަމުން އެބަދޭ. މަސްދޯނިފަހަރުގެ އިންޖީނު އެޅުމުގެ މަސައްކަތްވެސް މިހާރު ކުރިއަށް އެބަދޭ. އަދި ކުރިން ދެންނެވި ފަދައިން، އައި.ޑީ.އޭ.ގެ އެހީގެ ދަށުން މި ލިބޭ އިންޖީނުތައް ލިބުނީމާ، މާ ހަލުއިކަމާއެކު ކުރިއަށްދާނެ. އިޖްތިމާޢީ ގޮތުންވެސް ކުރެވިފައި ހުރި ކަންތައްތަކެއް އެބަހުރި. އޭގެތެރެއިންވެސް ބައެއް ކަންތައްތައް މީގެތެރޭގައި ދާނެ. ކަމުވޮށިކަމުގެ ލަޤަބު ދިނުމާއި، އެކަމުގެ ޢިއްޒަތްދޭ މީހުންނަށް ކޮންމެވެސްވަރަކަށް ސަރުކާރުން ފައިސާގެ އެހީއެއް ދޭގޮތަށްވަނީ ހަމަޖެހިފައި. އެކަން އެބަހިނގާ. ޒުވާނުންގެ މަޖިލީހެއް މިހާރުވަނީ އުފެއްދިފައި. އެ މަޖިލީހުން މަސައްކަތް ކުރައްވަނީ ޒުވާނުންގެ ކަންތައް ތަރައްޤީ ކުރައްވައި، ޒުވާނުންނަކީ ބޭނުންހިފޭ، ދިވެހި ޤައުމަށް ޚިދުމަތްކުރާނެ ބަޔަކަށް ހެއްދެވޭތޯ ބެއްލެވުމަށް. ސަރުކާރުގެ ސްކޫލްތަކުގެ ފެށޭ ގަޑީގައި ޤައުމީ ސަލާމްކިޔައި، ޤައުމީ ދިދަ ނަގާގޮތަށްވެސްވަނީ ހަމަޖެހިފައި. އެއީ، ކުދިންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި، ޤައުމީ ރޫޙު އުފެއްދުމަށްޓަކައި. އަތޮޅުވެރިންގެ ޖަލްސާއެއް މި ދޭތެރެއިން މާލޭގައި ބޭވިއްޖެ، އުތުރު އަތޮޅުތަކުގެ އަތޮޅުވެރިންގެ ޖަލްސާއެއް. މިއަހަރު ނިމުމުގެ ކުރިން ގަސްދުކުރެވިފައިވަނީ ދެކުނުގެ އަތޮޅުތަކުގެ އަތޮޅުވެރިންގެ ޖަލްސާއެއްވެސް ބޭއްވުމަށް.
 
ރާއްޖޭގައި ހައިކޯޓެއް މިހާރުވަނީ އުފެއްދިފައި. ހައިކޯޓުގެ މަސައްކަތްތައް މާލަހެއްނުވެ ފެށޭނެ. ހައިކޯޓާ ބެހޭގޮތުން ކުޑައެއްޗެއް ދަންނަވައިލަން ބޭނުންވޭ. އެއީ، މި ދޭތެރެއިން، އަޅުގަނޑު މިވާހަކަ ފެށުމުގެ ތެރޭގައި ދެންނެވި ބަޣާވާތުގެ މައްސަލައިގައި ހިމެނޭ މީހުންގެ ކަންތައްތައް މާލަހެއްނުވެ ހައިކޯޓުން ބަލަން ފަށާނެ. އެ މައްސަލަތައް ތަޙުޤީޤުކޮށް ނިމިގެން މިހާރު އޭގެ ވަރަށްގިނަ މައްސަލަތައްވަނީ ހައިކޯޓަށް ފޮނުވިފައި. ތަޙުޤީޤު ދިގުލަން ދިމާވި ސަބަބު، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެއީ، ކަމުގެ ބާވަތުން ބޭރުގެ އެތައް ފަރާތްތަކަކާވެސް ގުޅައިގެން މަޢުލޫމާތު ހޯދަންޖެހުމާއި، މިކަހަލަ އެތައް ކަންތައްތަކެއް ހުރުމުގެ ސަބަބުން ސަރުކާރުން ބޭނުންވިހާ އަވަހަށް ތަޙުޤީޤުގެ ކަންތައް ކުރިއަށް ނުގެންދެވުނީ. އެއްވެސް ޙާލެއްގައި އެއްވެސްބަޔަކު ޙުކުމަކާނުލައި ބަންދުގައި ގިނަދުވަސް ވަންދެން ބައިތިއްބުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން. އަދި އަޅުގަނޑު ގަބޫލުކުރާ އުސޫލެއްވެސް ނޫން. އެހެންވުމާއެކުގައި ތަޙުޤީޤުތައް ނިމުނުހާ އަވަހަކަށް، އެމީހުންގެ މައްސަލަ ޝަރީޢަތަށް ގޮސްގެން ޝަރީޢަތުން ގޮތެއް ނިންމަވާނެ. ތަޙުޤީޤު ލަސްވުމުގެ އަނެއް ސަބަބަކީ އޭގައި ބައިވެރިވާ ބޮޑެތި މީހުން އެކިފަހަރު އެކިގޮތަށް ބުނުން. ވަރަށްގިނަފަހަރުމަތިން ސުވާލު ކުރެވުނީމާ، ދޭ ޖަވާބުގައި އެކިފަހަރު އެކިގޮތަށް ބުނަނީ. ދެން އެނގޭ ޙަޤީޤަތެއް ނޫންކަން. އެހެންވީމާ، ގިނަދުވަސްވަނީ. ދެން ބައެއްފަހަރު، އެންމެފަހުންއައިސް މިހާރު އޭގެތެރެއިން ވަރަށްގިނަ މީހުން، އަޅުގަނޑަށް ހީވަނީ އެކަންތައް ހިނގައިފައިވާ ގޮތަށް ސާފުކޮށް ބުނެފިހެން. އެހެންވީމާ، ދެން މާގިނަދުވަހެއް ނުވާނެ. އެމީހުންގެ ތަޙުޤީޤުތައް ކުރިއަށް ގެންދިޔައިރުވެސް ދައްކާ ހުރިހާ ވާހަކަތަކެއް ގެންދިޔައީވެސް ރެކޯޑް ކުރަމުން. އެހެންވީމާ،އެ ރެކޯޑް ކުރެވުނު ހުރިހާ ވާހަކަތަކެއް ލިޔެ، ސަރުކާރުގެ ކަމާބެހޭ ފަރާތަށް، އާދެ، އެއީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވުން. އެއީވެސް ކުޑަކަމަކަށްނުވޭ. މިކަންތައްތައް މިހެން ހުރުމާއެކުގައި ތަންކޮޅެއް ގިނަދުވަސްވެގެން މިދިޔައީ. އެހެންނަމަވެސް އަޅުގަނޑަށް ޔަޤީންކުރެވޭ ގޮތުގައި، ދެން ވަރަށް އަވަހަށް އެ ޝަރީޢަތް ފެށިދާނެ.
 
ދެންވެސް މިކުރެވުނު ކަންތައްތަކުގެ ތެރޭގައި ޓޫރިޒަމާބެހޭ ބައިނަލްއަޤްވާމީ ޖަލްސާއެއް، މިމަހުގެ ތެރޭގައި ރާއްޖޭގައި ބޭއްވި އެކަން ނިމިގެން މިހާރު ހިނގައްޖެ. އެ ޖަލްސާ ރާއްޖޭގައި ބޭއްވުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އިތުރު ތަރައްޤީއެއް ލިބޭނެކަމާމެދަކު ޝައްކެއްނެތް. އެއީ، ބައިނަލްއަޤްވާމީ ޓޫރިޒަމާބެހޭ ޖަމްޢިއްޔާގެ ބޮޑެތި ބޭފުޅުން ރާއްޖެއަށް ވަޑައިގެން ރާއްޖެ ދެކެވަޑައިގެން، ރާއްޖޭގައިހުރި މައްސަލަތައް ބައްލަވައި، އެބޭފުޅުންނަށް ރާއްޖެ ތަޢާރުފްވީކަން އެއީ އެއްކަންތައް. އަނެއްކަމަކީ އޮބްޒަރވަރުންގެ ގޮތުގައި މި ޖަލްސާއަށް ޓުއަރ އޮޕަރޭޓަރުންނާއި، ޓޫރިޒަމާބެހޭ މަސައްކަތްތައްކުރާ ބޭރު ޤައުމުތަކުގެ ބައެއް މީހުނަށްވެސް ދަޢުވަތު ދެވިފައިވާކަން. އެމީހުންއައިސް ރާއްޖެދެކެ، ރާއްޖެ އެމީހުންނަށް އެނގި، އެގޮތުން ރާއްޖެ، ބޭރުގެ ދުނިޔޭގައި އިޝްތިހާރުވާނެކަމާމެދަކު އެއްވެސް ޝައްކެއްނެތް.
 
އާދެ، ރާއްޖެތެރޭގައި އިތުރު ކޮމިއުނިޓީ ސްކޫލްތައް ދަނީ އެޅެމުން. ރާއްޖެތެރޭގެ އިތުރު ރަށްރަށުގައި ފާޚާނާއާއި ފެންތާނގީ ބެހެއްޓުން، ކުރިން އެވާހަކަ ދެންނެވިއްޖެ. ދެން އިތުރު ޤައުމުތަކާ ޑިޕްލޮމެޓިކް ގޮތުން ގުޅުންދަނީ އުފެދެމުން. އަދި ދިވެހިރާއްޖޭގެ އިޖްތިމާޢީ ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި މީހުންގެ އެކުވެރިކަމާއި ޚިޔާލު ބަދަލުކޮށްލުމާއި، އެކިކަންކަމުގައި މަޝްވަރާކުރުމާ، މިކަހަލަ ކަންތައްތައް ކުރުމަށްޓަކައި، "ދިވެހި ނާދީ"ގެ ނަމުގައި ނާދީއެއްވެސް ވަނީ މިހާރު ހުޅުވިފައި. ހިސާބަކަށް އެ ނާދީގެ ޖަލްސާތައްވެސް އެބަ ބާއްވަވާ. އެ ނާދީގައި ނާދީގެ މެންބަރުން އެއްވެގެން އެކިކަންކަމާ ދޭތެރޭ ޚިޔާލު ބަދަލުކޮށް ތަޢާރުފްވެ، އަޅުގަނޑުމެން މި ދިރިއުޅޭ އެކަހެރި ދިރިއުޅުމުން އެއްކިބާވެ، އެންމެން އެކުގައި މުޖްތަމަޢުގައި ދިރިއުޅޭ ގޮތަކަށް ކަންތައް ހަމަޖެއްސުމަށްޓަކައި އެ ނާދީ އުފެއްދުނީ. އެ ނާދީވެސް މިހާރު އެބަދޭ ހިނގަމުން.
 
 ތޮއްޑޫގައި ދަނޑުވެރިން ތަމްރީނު ކުރުމަށް ހެދޭ ސެންޓަރެއް އެބަ ހެދެމުންދޭ. ހުޅުލޭ އެއަރޕޯޓުގެ ޕްރޮޖެކްޓް ވަރަށްބާރަށް ހިނގަމުން އެބަދޭ. ރަންވޭގެ މަސައްކަތް މިހާރު ނިމުމަކަށް ހިނގައްޖެ. ދެންހުރި ކަންތައްތައްވެސް މާލަހެއްނުވެ ނިމޭނެ. ކުރިން ހީކުރެވިފައި އޮތީ 1980 ވަނަ އަހަރުގެ ތެރޭގައި، އާދެ، މިއަހަރުގެ ތެރޭގައި އެއަރޕޯޓް ހުޅުވޭވަރުވާނެކަމަށް. އެހެންނަމަވެސް އެހެނެއްނުވި. ސަބަބަކީ ހުރިހާ އެއްޗެއްވެސް ގެންނަންޖެހެނީ ބޭރުން. އަޅުގަނޑުމެން އެއަރޕޯޓް ހަދަން، އެންމެކުޑަމިނުގައި އެއަރޕޯޓް ހަދަން ބޭނުންވާ ގާ، އެވެސް ގެންނަންޖެހެނީ ބޭރުން. އެހެންކަމަށްވުމާއެކުގައި ބޭރުން އެކިއެކި ޝިޕްމަންޓްތައް ލަސްވުމާއި، އެކިއެކި ބޮޑެތި މައްސަލަތައް ދިމާވެގެން. އަދި ރާއްޖޭގެ މޫސުންވެސް ހުންނަގޮތުން، މިއަހަރު މާބޮޑު ވިއްސާރައެއް ނުކުރިކަމުގައިވިޔަސް، މިދިޔަ އަހަރުގެ ތެރޭގައި ވަރަށްބޮޑު ބައެއް، ވިއްސާރައިގެ ސަބަބުންވަނީ ގެއްލިފައި. މި ހުރިހާ ސަބަބުތަކެއް ދިމާވެގެން، އެއަރޕޯޓް ހުޅުވުން މިއަހަރު ބޭއްވޭގޮތަކަށްނުވި. އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުގެ ތެރޭގައި އެއަރޕޯޓް ހުޅުވޭނެ. އެ ހުޅުވުމުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށްބޮޑެތި ފައިދާތަކެއް ކުރާނެ.
 
ދެން ޓޫރިޒަމުގެ މާސްޓަރ ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި. ރާއްޖެތެރޭގައި ހޮސްޕިޓަލް އެޅުމުގެ ކަންތައްވެސް ހިނގަމުންދަނީ. މާލަސްތަކެއްނުވެ އެންމެފުރަތަމަ ރީޖަނަލް ހޮސްޕިޓަލް ހުޅުވިދާނެކަމުގެ އުންމީދު އެބައޮތް. ހެލްތު ވާރކަރުން ތަމްރީނު ކުރެވެމުން އެބަގެންދެވޭ. ރާއްޖެތެރެ ތަރައްޤީކުރުމުގައި ނަމޫނާ އަތޮޅެއް ތައްޔާރުކުރުމުގެ މަޝްރޫޢުވެސް ހިނގަމުން އެބަދޭ. ބޭރުގެ ފަރާތެއްގެ އެހީގައި. މުޅިރާއްޖޭގެ ތަރައްޤީގެ 5 އަހަރު ދުވަހުގެ މަޝްރޫޢެއްގެ މަސައްކަތް މިހާރު ވަރަށްބާރަށް ހިނގަމުން އެބަދޭ. އެ މަޝްރޫޢު ރޭވުމުގެ އެންމެބޮޑު ބޭނުމަކީ، ދުނިޔޭގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށް އެހީވާ ފަރާތްތަކުގެ ޖަލްސާއަކަށް ހުށަހެޅުމަށްޓަކައި. އެ ޖަލްސާގެ ފަރާތުން ދުނިޔޭގެ މުއްސަނދި ޤައުމުތަކުން،އެ ޖަލްސާގައި ބައިވެރިވާ ދުނިޔޭގެ މުއްސަނދި ޤައުމުތަކުން، އެންމެކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށް އެހީދޭގޮތަށްވަނީ ހަމަޖައްސައިފައި.
 
އެހެންވީމާ، ވަރަށް އަވަހަށް އޭގެ މަޝްރޫޢެއް ތައްޔާރުކޮށްގެން ހުށަހަޅަން އެބަޖެހޭ. މި މަސައްކަތަކީ މީގެކުރިންވެސް ސަރުކާރުން ފަށައިގެން ގެންދާ މަސައްކަތެއް. ނަމަވެސް ކަމުގެ ބާވަތުންނާއި އަދި މިއީ ފުރަތަމަ މި ފެންވަރުގައި ރާއްޖޭގައި ހެދޭ މަޝްރޫޢަކަށްވާތީ، ތަންކޮޅެއް ލަހުން ހިނގަމުންދިޔައީ. މިހާރު ބޭރުގެ ދެ މާހިރުން މާލޭގައި އެބަތިއްބެވި. އެބޭކަލުންގެ ލަފަޔާ އެއްގޮތްވާ ގޮތުގެމަތީން، އެމް.ޕީ.އޭ.ގެ ފަރާތުން މި މަސައްކަތްތައް ގެންދަވަނީ ކުރައްވަމުން. ރާއްޖޭގެ ރޭޑިޔޯ، އާދެ،"ދިވެހިރާއްޖޭގެއަޑު" މުޅިރާއްޖެއަށް ލިބޭނެގޮތެއް ހެދުމަށްޓަކައި، އެކަމަށްވެސް މަޝްރޫޢެއް ރޭވިގެން މިހާރު ހިނގަމުން އެބަދޭ. ދިވެހިރާއްޖޭގެއަޑު މީގެކުރިން ވާގޮތަކީ ބައެއް ރަށްރަށަށް ނުލިބި އޮންނަނީ. ސަބަބަކީ، އަޅުގަނޑުމެންނަށް ލިބިފައިހުރި އިކްވިޕްމަންޓް އެއީ މާކުރީގެ އެއްޗެތިތަކެއް. ޓްރާންސްމީޓަރތަކުގެ ދެރަކަމުންނާއި އަދި އެހެނިހެންވެސް ޓެކްނިކަލް މައްސަލަތައް ހުންނަގޮތުން އަޅުގަނޑުމެން ބޭނުންވާ ވަރަށް ރާއްޖޭގެ އަޑު، ރާއްޖޭގެ ރަށްތަކަކަށް ނުފޯރާ. މިހާރު އެކަންތައް އިޞްލާޙު ކުރުމުގެ މަޝްރޫޢެއް ހެދިގެން ހިނގަމުން އެބަދޭ.
 
މަސްވެރިކަމާ ގުޅޭގޮތުން ދެކުނުގެ 5 އަތޮޅުގައި ފެށޭ [ފިޝްވެލްތު އެކްސްޕްލޮއިޓޭޝަން ސްކީމް]، މި ނަންކިޔާ މަޝްރޫޢެއް ފެށުމަށް މިހާރުވަނީ ހަމަޖެހިފައި. މި މަޝްރޫޢާބެހޭ އެގްރީމަންޓްތައް، މިހާރު ދިވެހި ސަރުކާރުގެ ފަރާތުން މިމަހު ސޮއިކުރެވިއްޖެ، ކުވެއިތު ފަންޑާއި ދިވެހި ސަރުކާރާ ދެމެދުގައި. އެހެންވީމާ، އެކަންތައްވެސް މާލަހެއްނުވެ ފެށޭނެ. އެއީ، ރާއްޖޭގެ މަސްވެރިކަމަށް ލިބޭ ވަރަށްބޮޑު ތަރައްޤީއަކަށްވާނެކަން ކަށަވަރު. ދެން ރާއްޖެތެރެއާއި މާލެއާ ގުޅައިލެވޭ މުވާޞަލާތުގެ ކަންތައް، އެއީ އިންޓަރ އައިލެންޑް ޓްރާންސްޕޯޓް. އެ މަޝްރޫޢުވެސް މިހާރު ހަމަފެށޭ ހިސާބަށް ގޮސްފައި ވަނީ. އޭގެހުރިހާ ހޯދުންތައް ހޯދި، އޭގެ ރިޕޯޓު ލިޔެވި، މިހާރު ދެން އޮތް ކަމަކީ، އެ މަޝްރޫޢަކީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ފަރާތުން ލިބޭ އެހީއެއްގައި ކުރިއަށްގެންދާ މަޝްރޫޢެއް. އެފަރާތާ އެއްބަސްވެވުން ދެންއޮތީ. އޭގެސަބަބުން ރާއްޖެތެރޭގެ މީހުންނަށް ވަރަށްބޮޑު ލުއިފަސޭހައެއް ލިބޭނެ. ދަތުރުފަތުރު ކުރުމުގައި، ރާއްޖެތެރޭގެ މީހުން މާލެ އައުމުގައި، މާލެއިން ރަށަށް ދިޔުމުގައި. އަދި އެމީހުން އުފައްދާ ތަކެތި މާލެ ގެނައުމުގައި. ބާޒާރުއޮތީ މާލޭގައި. މާލެއަށް ގެނެސްގެން ވިއްކެނީ. މިހާރު އެމީހުންނަށް އެ އެއްޗެތި ގެނެވޭކަށެއްނޯވޭ.
 
އެހެންވީމާ، މިދެންނެވި އިންޓަރ އައިލެންޑް ޓްރާންސްޕޯޓް ޕްރޮޖެކްޓް ހިނގައިގަތުމުން، ރާއްޖެތެރޭގެ ރައްޔިތުން އުފައްދާ ތަކެތި މާލެ ގެނެސްގެން ވިއްކޭނެ އިންތިޒާމު ހަމަޖެހޭނެ. ދެން މާލޭގައި އިތުރު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް. ބިންގާ އޮތީ އެޅިފައި. އެމަސައްކަތް ކުރިއަށްދާނެ. މާލޭގެ އިލެކްޓްރިސިޓީ މިހާރަށްވުރެ ވަރުގަދަކޮށް، ރަނގަޅު ކުރުމުގެ މަސައްކަތް މިހާރުދަނީ ހިނގަމުން. ދާދިފަހުން އިނގިރޭސިވިލާތުން އަޅުގަނޑުމެންނަށް ދޭން އެއްބަސްވި އެހީގެ ދަށުން މި މައިދާނުގައި އިތުރު ކަންތައްތައް ކުރެވެން އެބަހުރި. އަޅުގަނޑަށް ލަފާކުރެވޭގޮތުގައި، މިއަންނަ އަހަރުގެ ސެޕްޓެންބަރު މަސް އަންނަންވާއިރަށް އެކަންތައްތައް ހަމަޖެހިގެން ހިނގައިދާނެ. ރާއްޖެއަށް، މާލެއަށް ބޭނުންވާވަރަށް ކަރަންޓް، އެއްވެސް ދަތިކަމެއްނެތި އޭރުން ލިބޭގޮތަށް އޮންނާނީ ހަމަޖެހިފައި. މުޅިރާއްޖެއަށް ފެތުރިފައިވާ މުވާޞަލާތުގެ ނިޒާމެއްވެސް މިހާރުދަނީ ރޭވެމުން. މިދެންނެވީ ޓެލެކޮމިއުނިކޭޝަންސްގެ މުވާޞަލާތު. މިހާރު އޮންނަގޮތުން އެއީ ވަރަށްދަތިގޮތަކަށް އޮންނަ ކަމެއް. އެކަމުގެ މަޝްރޫޢުވެސް މިހާރުވަނީ ރޭވިފައި. ރޫރަލް ޔޫތު ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރތަކެއް އުފެއްދުމުގެ މަޝްރޫޢުވެސް މިހާރުވަނީ ފަށާހިސާބަށް ގޮސްފައި. އެއީ ރާއްޖެތެރޭގެ ޒުވާނުންނަށް އެކިއެކި މަސައްކަތްތައް ދަސްކޮށްދޭ މަދަރުސާތަކެއް ރާއްޖެތެރޭގައި އުފެއްދުން.
 
 މާލެއަށް ބޭނުންވާ އިމާރާތްތައް ކުރުމާއި، ފެންހޮޅިއާއި ފާޚާނާހޮޅި ލުން. މާލޭގެ ބައެއް މަގުގައި ތާރު އެޅުން. މި އަދި ނިމޭ ހިސާބަކަށް ނުދޭ. މިއީ ސަރުކާރުން ވިސްނަމުންގެންދާ، ޚިޔާލުކުރާ އަދި ހިސާބަކަށް އެކަމާދޭތެރޭގައި މަސައްކަތް ކުރެވިފައި ހުރި ކަންތައްތައް މިދަންނަވަނީ. ރާއްޖޭގެ ބިން ތަޙުލީލު ކުރުން. މަސްވެރިކަމާބެހޭ ކަންތައްތައް ހޯދައި، އެކަންތައްތައް ދަސްކޮށްދޭ އިންސްޓިޓިއުޓެއް ރާއްޖޭގައި ޤާއިމުކުރުން. ރާއްޖޭގެ ކަނޑުގެ އާމްދަނީގެ މިންވަރު ބަލައި ހޯދުން. މަސްވެރިންނަށް ބޭނުންވާ އެން އުފެދޭ ގޮތްތައް ހޯދުމާއި، އެން ދިރުވައި ބަލަހައްޓާނެ ގޮތުގެ ތަޙުލީލުތައް ކުރުން. ރާއްޖޭގައި ކުރިއަށް ގެންދެވޭނީ ކޮންކަހަލަ ޞިނާޢީ ކަންތައްތަކެއްތޯ ބެލުމުގެ ހޯދުންތައް ހޯދުން. އިރުގެ ހޫނުން ލޮނު އުފެއްދުމުގެ ޕްރޮގްރާމް. އާދެ، އަޅުގަނޑުމެންގެ ރާއްޖޭގައި ވަރަށްމަތީ އަދަދަކަށް މިއޮންނަނީ ލޮނު ލިބެން އިނގޭތޯ. ވަށައިގެން އޮތީ ކަނޑު. ކަނޑުން އުފައްދާ އެއްޗެއް ލޮނަކީ. އެހެންނަމަވެސް މީގެކުރިން އަޅުގަނޑުމެންނަށް އެ މަސައްކަތް ކުރެވިފައެއް ނެތް. އެހެންވީމާ،އެއާބެހޭ ހޯދުންތައްވެސް މިހާރު ހޯދަމުންދަނީ. އެއީ، ރާއްޖޭގައި ކުރެވިދާނެ ކަމެއްކަމަށް ބޭރުގެ މާހިރުން އެބަ ލަފާދޭ.
 
އެހެންވީމާ، އެކަންތައް ކުރެވޭނެގޮތަކާ ދޭތެރޭގައި ވިސްނައި، އެކަހަލަ މަޝްރޫޢެއް ރާވައިގެން ކުރިއަށް ގެންދިޔުން އެއީވެސް މިހާރު ސަރުކާރުން ވިސްނަމުން ގެންދާކަމެއް. ރާއްޖޭގެ މޫސުމާބެހޭ ޚިދުމަތްތައް ވަރުގަދަކުރުން. އެއީ، އެއަރޕޯޓް ހުޅުވޭއިރަށް ވަރަށް ބޭނުންތެރި ކަމަކަށްވާނެ. އެހެންވުމާއެކުގައި އެކަމާބެހޭ މަޝްރޫޢުވެސް މިހާރުއޮތީ ރޭވިފައި. ޝިޕްޔާޑަކާއި ސްލިޕްވޭއެއް ހެދުމުގެ ޚިޔާލު. އެކަންތައްވެސް މިހާރުދަނީ ކުރެވެމުން. ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުން. ބޭރުގެ ފަރާތަކާ ވާހަކަ ދައްކައިގެން އެކަންތައްވަނީ ނިމުމާ ވަރަށްކައިރި ހިސާބަކަށް ގޮސްފައި. އެއީ، މިހާރު ހުންނަ ބޭންކްތަކުން ފައިސާ ދޫކުރަނީ ހަމައެކަނި ވަކިކަހަލަ ކަންތައްތަކަކަށް. ރާއްޖޭގެ ޑިވެލޮޕްމަންޓަށް، ރާއްޖޭގެ ތަރައްޤީއަށް ކުޑަ އިންޓްރެސްޓެއް ލައިގެން ލޯނުދޭ އުސޫލެއްނޯވޭ. އެހެންވީމާ، އެކަމަށްޓަކައި ރާއްޖެ، ސަރުކާރާއި ބޭރުގެ ފަރާތަކާ ބައިވެރިވެގެން އަދި ފަހަރެއްގައި ކަންދިމާވާގޮތުން ރައްޔިތުންގެ ޙިއްޞާވެސް އޮވެގެން އުފައްދާ ބޭންކެއް އުފެއްދުމުގެ ޚިޔާލާ ދޭތެރޭގައި ވިސްނައި، އެ ބޭރުގެ ފަރާތަކާ ވާހަކަ ދައްކައިގެން އެކަންތައް ކުރިއަށް އެބަދޭ. ސަރުކާރުގެ ޗާޕުޚާނާއެއް ޤާއިމުކުރުން. އެ މަސައްކަތްވެސް ކުރިއަށް އެބަދޭ. ހޮޓާ ހިންގުމުގެ ތަމްރީނުދޭ ސެންޓަރެއް ޤާއިމުކުރުން. ރާއްޖެތެރޭގެ ތަރައްޤީގައި އިސްކަންދެވޭ 66 ރަށެއް ހޮވައި، އޭގެތެރެއިން އެންމެފުރަތަމަ އިސްކަންދޭ 8 ރަށާމެދު މަޝްރޫޢުތަކެއް ރާވަން މިހާރުވަނީ ފެށިފައި. އެއީ، އަޅުގަނޑު ކުރިންވެސް ދެންނެވިހެން ނަމޫނާ ރަށްތަކެއްގެ ގޮތުގައި އެތަންތަން ހެދީމާ، އެގޮތަށް ރާއްޖެތެރޭގެ އެހެން ރަށްރަށްވެސް ތަރައްޤީ ކުރުމަށްޓަކައި.
 
ދެން އަޅުގަނޑު އެންމެފަހަށް ގަސްދުގައި ލަސްކޮށްލީ ވަރަށްބޮޑު ކަމެއް. އެއީ އައްޑުއަތޮޅު ގަމުގެ ވާހަކަ. އައްޑުއަތޮޅު ގަމަކީ އަޅުގަނޑު ރައީސްކަމާ ހަވާލުވީއްސުރެ އައްޑުއަތޮޅުގެ ރައްޔިތުންނަށާއި، ރާއްޖޭގެ އިޤްތިޞާދަށް ފައިދާހުރި ގޮތެއްގައި ބޭނުންކުރެވޭތޯ ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ތަނެއް. އެހެންނަމަވެސް މިއަދާ ހަމައަށްވެސް އަދި އެ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ނުލިބޭ. ސަބަބަކީ، ބޭރުގެ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް، އޭގައި އަޅުގަނޑުމެން ބޭނުންވާގޮތަށް އައްޑުއަތޮޅުގެ ރައްޔިތުންނަށް އެއިން ފައިދާލިބޭގޮތަށް ނުހުރުމާއި އަދި ބައެއް ކަންތައްތަކުގައި ރާއްޖޭގެ އިޤްތިޞާދަށްވެސް ފައިދާ ކުރާނެގޮތަށް ރޭވިފައި ނެތުމާ، މިކަހަލަ ކަންތައްތަކެއް ހުރުމުގެ ސަބަބުން ބޭރުގެ ވަރަށް ގިނަފަރާތްތަކާ ގުޅައިގެން އުޅޭއިރުވެސް އެކަން އަދި ނިމުމަކާ ހަމައަށް ނުދަނީ. މިހާރުވެސް މިދިޔަ ދެތިން ހަތަރު ދުވަހުގެ ތެރޭގައިވެސް ބޭރުގެ ފަރާތަކުން ގަމަށްގޮސް ގަން ބަލައި ހަދައިފި. އޭގެކުރިންވެސް ހިނގައްޖެ. އަޅުގަނޑު އުންމީދުކުރަނީ މާލަސްތަކެއްނުވެ ކޮންމެވެސްކަމެއް ފެށިދާނެ ކަމަށް. މިދެންނެވީ ބޮޑުކަމެއް ފެށިދާނެ ކަމަށް. އޭގެއިތުރުން މިހާރު ސަރުކާރުން ބައެއް ކަންތައް ފަށަންވަނީ ގަސްދުކޮށްފައި. އެކަމުގެ މަސައްކަތްތައްވެސް އެބަކުރެވޭ. އޭގެތެރެއިން އެއްކަމަކީ ތައްޔާރީ ހެދުން އުފައްދާ ކާރުޚާނާއެއް ގަމުގައި ހެދުން. އެކަމާބެހޭ އިކްވިޕްމަންޓް މިހާރު އެބައާދޭ. އެސް.ޓީ.އޯ. އޭގެ އެއްފަރާތަކީ، އެސް.ޓީ.އޯ.އާއި ބޭރުގެ ކުންފުންޏަކާ ގުޅިގެން އެކަހަލަ ދެ ކާރުޚާނާ އައްޑުއަތޮޅު ގަމުގައި މިހާރު ޤާއިމުކުރާގޮތަށްވަނީ ހަމަޖެހިފައި. އެކަންތައް އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ފެށޭނެ.
 
އާދެ، މިރޭގެ ވާހަކަކޮޅު އަޅުގަނޑު ނިންމާލަން ގަސްދުކުރަނީވެސް ސަރުކާރަށާއި ރައްޔިތުންނަށް ފައިދާހުރިކަމެއް ފަށަން ގަސްދުކުރެވިފައިވާތީ އެވާހަކަ ދަންނަވާލައިފައި. އާދެ،ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، މީގެކުރިން ޤައުމީ އެކުވެރިކަމުގެ ކުންފުންޏޭ ކިޔާ ކުންފުންޏެއް ހިނގަމުންދިޔަ. އަދި މައިޓް ކުންފުންޏޭ ކިޔާ ކުންފުންޏެއްވެސް ހިނގަމުންދިޔަ. އެއީ ސަރުކާރާއި ރައްޔިތުން ބައިވެރިވެގެން އުފެދިގެން ހިނގަމުން ގޮސްފައިވާ ކުންފުނިތަކެއް. އެކުންފުނިތަކުން ރައްޔިތުންނަށާއި ސަރުކާރަށް އެކަށީގެންވާ ފައިދާތައްވެސް ލިބެމުންދިޔަ. އެހެންނަމަވެސް، މީގެ 13 ވަރަކަށް އަހަރު ކުރިން އެ ކުންފުނިތައްވަނީ އުވައިލެވިފައި. އެ ހިސާބުން ފެށިގެން، ސަރުކާރާއި ރައްޔިތުން ބައިވެރިވެގެން ކުރެވޭ ވިޔަފާރި ވަނީ މުޅީން ހުއްޓުމަކަށް އައިސްފައި. މިހާރު ސަރުކާރުން ގަސްދުކުރަނީ އިރާދަކުރެއްވިއްޔާ، ސަރުކާރާއި ރައްޔިތުންނާ ބައިވެރިވެގެން ކުންފުންޏެއް އުފެއްދުމަށް. އެއީ، "މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ" މި ނަމުގައި އުފައްދާ ކުންފުންޏެއް. މި ކުންފުނީގެ ޙިއްޞާގެ ތެރެއިން ސަރުކާރަށް އޮންނާނީ ސަތޭކައަކުން ފަސްދޮޅަސް. ރައްޔިތުންނަށް އޮންނާނީ ސަތޭކައަކުން ސާޅީސް. އެ ސާޅީސް ހަމަޖެހޭނީ ޙިއްޞާ ވިއްކައިގެން.
 
މި ކުންފުނި އާދެ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ މަސައްކަތަކަށްވާނީ، ރާއްޖެތެރޭގެ ދަތުރުފަތުރުކުރުމާއި، އަދި މާލެއާއި އެކިއެކި ޓޫރިސްޓް ރިޒޯޓުތަކާ ދޭތެރޭގައިވެސް ދަތުރުކުރުމާއި، އެކަމަށް ބޭނުންވާ އުޅަނދުތައް ހޯދައި، އެ އުޅަނދުތައް ބެލެހެއްޓުމާއި، އެ އުޅަނދުތައް ކުއްޔަށް ދޫކޮށްގެން ވިޔަފާރިއެއްގެ އުސޫލުން އެކަން ގެންދިޔުން. ހަމަ އޭގެއިތުރަށް މާލޭގައިވެސް ޓެކްސީއާއި، މުދާ އުފުލާ ލޮރީފަދަ އެއްގަމުގައި ދުއްވާ އެއްޗިހި ދުއްވުން. އަދި މުވާޞަލާތާބެހޭ މިކަހަލަ ހުރިހާކަމެއް، މި ކުންފުނީގެ ފަރާތުން ކުރަމުން ގެންދާނެ. ހަމައެފަދައިން، ބޯޓުފަހަރު ބަނުމުގެ މަސައްކަތްވެސް މި ކުންފުނީގެ ފަރާތުން ކުރިއަށް ގެންދާނެ. ރާއްޖޭގައި މިދޭތެރެއިން ބަނދެވުނު ތެޔޮ ބޯޓަކަށް އަޅުގަނޑުގެ ވާހަކައިގައި އިޝާރާތްކުރިން.  އެއީ، ހަމަ ރާއްޖޭގައި ކުރެވިދާނެ މަސައްކަތެއް. ކުރިންވެސް ރާއްޖޭގައި ހިސާބަކަށް އެކަހަލަ ކަންތައް ކޮށްފައި އެބަހުރި. އެހެންވުމާ އެކުގައި އަދި ރާއްޖޭގައި އެކަމަށް ފުދޭ ތަޖުރިބާކާރު ބޭފުޅުންވެސް ތިއްބެވުމާއެކުގައި މި ކުންފުނީގެ ފަރާތުން ރާއްޖޭގައި ލާންޗުފަދަ އެއްޗިހި ބަނުމާއި، ބޯޓުފަހަރު ބަނުމުގެ ކަންތައްވެސް ކުރިއަށް ގެންދެވޭނެ. މިކަމުގައިވެސް އެމް.އެސް.އެލް.ގެ ވަރަށްބޮޑު އެހީއެއް ސަރުކާރަށް ލިބޭނެ.
 
މި ކުންފުނީގެ ޙިއްޞާގެ ތެރެއިން ސަރުކާރަށް އޮންނަކަމަށް އަޅުގަނޑު ކުރިން ދެންނެވި ސަތޭކައަކުން ފަސްދޮޅަހުގެ އެއްބައި ހިމެނޭނީ އެމް.އެސް.އެލް.ގެ ހިއްސާ ކަމަށް. އެމް.އެސް.އެލް.ގެ ހިއްސާ ދެއްވާނީ ޔޫ.އެސް. ޑޮލަރުން. އެމް.އެސް.އެލް. އިން މިކަމަށް ވަރަށްބޮޑަށް ތަރުހީބު ދެއްވާ. އަދި މިކުންފުނި ފެށިގެން އަންނައިރު ހިނގަމުންދާނީ، އެމް.އެސް.އެލް.ގެ އިމާރާތުގައި. އެމް.އެސް.އެލް.އަކީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ވިޔަފާރީގައި ވަރަށްގިނަ ތަޖުރިބާތަކެއް ހާސިލުކޮށްފައިވާ، ވަރަށް ކުޅަދާނަ ހިންގުންތެރިން ތިބި ތަނެއް. އެހެންވުމާވެސް އެކުގައި، އަޅުގަނޑު މިދަންނަވާ ކުންފުނި ކާމިޔާބު ވާނެކަމާމެދަކު އެއްވެސް ޝައްކެއްނެތް. އެހެންވީމާ،އިރާދަކުރެއްވިއްޔާ އެމް.އެސް.އެލް.ވެސް ބައިވެރިވެގެން، މި ކުންފުނި ވަރަށް އަވަހަށް އެބަ ޤާއިމުކުރެވޭ. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކުންފުނީގެ ހިއްސާ ބައްލަވައިގަންނަވަން އެދިވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް ހިއްސާ ލިބިވަޑައިގަންނަވާނެ. އެކަމާބެހޭ އިޢުލާނު މާލަސްތަކެއްނުވެ ކުރެވެމުންދާނެ.
 
އާދެ، ނިންމާލުމުގެ ކުރިން އަޅުގަނޑު އަދިވެސް އެހެން ކުޑަކުޑަ ނުކުތާއެއް ދަންނަވައިލަން އެބަޖެހޭ. އެއީ، ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ ވާހަކަ. ޤާނޫނުއަސާސީ އިޞްލާޙު ކުރަން ރައްޔިތުންގެ މަޖިލީހުންވަނީ ފާސްވެފައި. އެކަމަށްޓަކައި ރައްޔިތުންގެ ޚާއްޞަ މަޖިލީހެއްވެސް ވަނީ ހޮވިފައި. މިހާރު ގަސްދު ކުރެވިފައިވަނީ އިރާދަކުރެއްވިއްޔާ، މި ނޮވެންބަރުމަސް ނިމުމުގެ ކުރިން ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރަން. މިދޭތެރެއިން ޚާއްޞަ މަޖިލިސް އެއްނުކުރެވި ލަސްވީ ސަބަބު، އަޅުގަނޑުހިތުން ބައެއް ބޭފުޅުން އޮޅުންފިލުއްވައިލައްވަން ބޭނުންފުޅުވާނެ. ސަބަބަކީ، މިހާރު ހަދާ ޤާނޫނުއަސާސީ، އަޅުގަނޑު ދެކޭގޮތުގައި ވާންޖެހޭނީ ހުރިހާ ގޮތަކުންވެސް ވަރަށް ފުރިހަމަ، ވަރަށް ރަނގަޅު ޤާނޫނުއަސާސީއަކަށް. ހަމައެކަނި އަޅުގަނޑުމެން ތަނަކަށް އެއްވެތިބެ ވާހަކަ ދައްކައިލައިފައި، ފެންނަ ގޮތްގޮތަށް ވޯޓު ނަގައިގެން މައްސަލަ ނިންމައިލައިގެން، ފުރިހަމަ ޤާނޫނުއަސާސީއެއް ހެދޭނެ ކަމަކަށް އަޅުގަނޑަކަށް ލަފައެއްނުކުރެވޭ. އެހެންވީމާ، ޤާނޫނުއަސާސީއެއް ހެދުމާ ބެހޭގޮތުން ވަރަށްގިނަ ތައްޔާރުތަކެއް މި ދޭތެރެއިން ސަރުކާރުން ކުރަމުން ގެންގޮސްފި. އޭގެތެރެއިން ޚުދު އަޅުގަނޑުވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން ގެންދިޔައިން. އަދި މިހާރުވެސް އެބަކުރަން. އެއީ، ބޭރު ޤައުމުގެ، ދުނިޔޭގެ އެހެން ތަންތާނގެ ޤާނޫނުއަސާސީތައް ބަލައި، އެ ހުންނަނީ ކޮން އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިތޯ ބަލައި، އަދި ކަމާބެހޭ ބޭރުގެ ޤާނޫނީ މާހިރުންގެ ލަފާވެސް ހޯދައި، މި ހުރިހާ ގޮތަކުން ފުރިހަމަ ޤާނޫނުއަސާސީއެއް ހެދުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުން، އަޅުގަނޑުގެ މަސައްކަތެއް ކަމުގައި ވެފައިއޮތީ. މިހާރުވެސް އެ މަސައްކަތް އަޅުގަނޑު މިގެންދަނީ ކުރަމުން. ނުރަސްމީގަޑީގައި ރޭގަނޑު ގިނަވަގުތު އޮފީހަށް ގޮސްގެން، އެ މަސައްކަތް ކުރަނީ. އެހެންވީމާ، އެއްގޮތަކަށްވެސް މިހާތަނަށް ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްނުކުރެވި އޮތީ. އެއީ، ޤާނޫނުއަސާސީ އިޞްލާޙުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީމާ، އިޞްލާޙު ނުކުރާކަށެއް ނޫން. އިޞްލާޙު ކުރުމުގެ މަސައްކަތް ވަރަށްބޮޑަށް ކުރެވެމުން އެބަދޭ. އެހެންނަމަވެސް، މަސައްކަތުގެ ބާވަތުން ކުޑަކޮށް ލަސްވަމުންދަނީ. މިހާރު އެ މަސައްކަތްތައް ނިމުމަކާ ހަމައަށް އަތުވެއްޖެ.
 
އެހެންވީމާ، އަޅުގަނޑު މިދެންނެވި ގޮތުގެމަތިން އިރާދަކުރެއްވިއްޔާ، މި މަސް ހުސްވުމުގެ ކުރިން ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރެވޭނެ. އެއްކޮށްފައި އިރާދަކުރެއްވިއްޔާ، އަޅުގަނޑު ޚާއްޞަ މަޖިލީހަށް، އެ މަސައްކަތް ދިޔަގޮތުގެ ތަފްޞީލު ދަންނަވާނަން. އަދި އަޅުގަނޑު ހުށަހަޅާ ކޮންމެވެސް ރިޕޯޓެއް ކަހަލަ އެއްޗެއްވެސް އޮންނާނެ. އެއީ، އެއްވެސް ޙާލެއްގައި މަޖިލީހުން ވަކިގޮތަކަށް ފާސްކުރަން ދަންނަވަނީކީ ނޫން. މަޖިލީހުން ކޮންމެ ކަމެއްވެސް ފާސްކުރެއްވުމުގައި ފުރިހަމަ އިޚްތިޔާރު އޮންނާނީ އެފަރާތަށް. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، ޤާނޫނުއަސާސީގައި ހުންނަން ޖެހޭނީ ކޮންކޮން ކަންކަމެއްތޯ ފުރަތަމަ އަޅުގަނޑުމެންނަށް އެނގެން އެބަޖެހޭ. ރައްޔިތުންގެ ޙައްޤުތައް ހުންނަންވާނެގޮތް. އެއީ، ކޮބައިތޯ ރައްޔިތުންގެ ޙައްޤުތަކަކީ، ދައުލަތުގެ ބާރުތަކަކީ ކޮބައިތޯ، ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހެއްގެ ބާރުތަކަކީ ކޮބައިތޯ، މިނިސްޓަރުންގެ މަސްއޫލިއްޔަތަކީ ކޮބައިތޯ. އެހެންގޮސް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އުސޫލަކީ ކޮބައިތޯ. މިހެންގޮސް ޤާނޫނުއަސާސީއެއްގައި ހުންނަން ބޭނުންވާ ހުރިހާ ކަންތައްތަކެއް، ކުރިއްސުރެ ނޯޓުކުރެވި ލިޔެވިފައި އޮންނަންވާނެ. އެހެންނޫނިއްޔާ ވާނެގޮތަކީ ކުރިންވެސް ވީހެން މަޖިލިސް އެއްކޮށްފައި، މާގިނަދުވަހެއްނުވެ މަޖިލިސް އުވިގެންދަނީ. އެފަހަރަކަށް ބޭނުންވާ ކުޑަކުޑަ އިޞްލާޙެއް ގެނެސްފައި. ޕްރައިމިނިސްޓަރަކު ބަހައްޓަން ބޭނުންވީމާ މަޖިލިސް ކުރަނީ. ފާސްކޮށްލަނީ. ޕްރައިމިނިސްޓަރަކު އުވާލަން ބޭނުންވީމާ، އަނެއްކާ މަޖިލިސްކޮށްލާފައި، އެ މާއްދާ އުވައިލަނީ. އެކަހަލަ ގޮތަކަށް ކަންތައް ގޮސްފައި އޮތީ. އެކަމަކު މި ދައުރުގައި އަޅުގަނޑު ހިތްހަމައެއްނުޖެހޭ، އެގޮތަށް ކަންތައް ގެންދާކަށް. ކުރާ ކަމެއްވިއްޔާ ވެވުނު އެންމެ ރަނގަޅަކަށް ކުރުން އެއީ، އަޅުގަނޑުގެ އުސޫލަކީ. އެހެންވީމާ، ލަހުންނަމަވެސް ފުރިހަމަ ޤާނޫނުއަސާސީއެއް ހެދުމަށްޓަކައި، މި ދޭތެރެއިން ކުޑަކޮށް މުއްދަތު އިތުރުވެގެން މިދިޔައީ. ކޮންމެއަކަސް އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ އެކަންތައް ފެށޭނެ.
 
އާދެ، ދެން އަޅުގަނޑު މި ނިންމާލަން ހިފަނީ. މިއަހަރުގެ ޖުމްހޫރީދުވަސް އަޅުގަނޑުމެންނާ މި ބައްދަލުކުރީ، އިސްލާމީ ދުނިޔޭގައި ވަރަށް މުހިންމު ހާދިސާއެއް ފާހަގަކުރަމުންދާ ދުވަސްވަރެއްގައި. އާދެ، އެއީ ހިޖްރީ ތާރީޚުން އާ ޤަރުނެއް ފާހަގަކުރަމުންދާ ވަގުތު. މިދެ މުނާސަބަތު މި ގުޅުނު ގުޅުމަކީ، އަޅުގަނޑު އުންމީދުކުރާ ގޮތުގައި އަޅުގަނޑުމެންގެ ޖުމްހޫރީ ޙަޔާތުގެ ކުރިއަށްއޮތް ދުވަސްތަކަކީ އުފާވެރި ބާއްޖަވެރި ދުވަސްތަކަކަށް ވާނެކަމުގެ ހެޔޮފާލެއް. އަޅުގަނޑުމެންގެ ރާއްޖެއާއި އިސްލާމްދީނާ ދެމެދުގައިވާ މަތިވެރި ގުޅުމުގެ އަލިގަދަ ހެއްކެއްވެސްމެ.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ޞުލްޙަމަޞްލަޙަތާ އެކުގައި ކުރިއަށް ދިޔުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން އެދި ކީރިތި اللّـهގެ ޙަޟްރަތަށް ދުޢާކުރަމުން. ރާއްޖޭގެ މި ރީތި ރަށްތަކަކީ އަބަދުވެސް އޭގެ ރީތިކަމަށާއި ސާފުކަމަށް މީހުން ތަޢުރީފުކުރާ ރަށްތަކެއް ކަމުގައި ލެއްވުމަށް އެދެމުން. އެ ރަށްތަކުގެ ވަށައިގެންވާ ކަނޑުތަކަކީ އަބަދުވެސް ރޯދި ބަރަކާތުގެ ގޮތުން މުއްސަނދި ކަނޑުތަކެއް ކަމުގައި ވުމަށްއެދި ދުޢާކުރަމުން. ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ނަޞްރާއި ނަޞީބަށް އެދެމުން.  
 
        والسلام عليـكم ورحـمةاللّـه وبـركاتـه.