ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ މި ސަރަޙައްދުގައި ޢަރަބި އިސްލާމީ ތަޢުލީމުދޭ އެންމެ ފުންނާބު އުސް، އެންމެ ހައިބަތު ހެޔޮ ޔުނިވަރސިޓީއަށް ވެގެން ދިޔުމަކީ އެމަނިކުފާނު ދެކޭ ހުވަފެންފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދަރުބާރުގޭގައި މިރޭ ބޭއްވެވި އިސްލާމީ ޔުނިވަރސިޓީގެ ފުރަތަމަ ދަސްވެނިވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖޭގައި އަލަށް އިސްލާމީ މަތީ ތަޢުލީމް ދޭނެ ޔުނިވަރސިޓީއެއް އުފެދިގެން، އެ ޔުނިވަރސިޓީއިން މޮޅު ދަރިވަރުންތަކެއް މުޖުތަމަޢަށް ޚިދުމަތް ކުރަން ނެރެވުމަކީ އަޅުގަނޑުމެން ފަޚުރުވެރިވާން ވާނެ ކަމެއް ކަމުގައެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޔުނިވަރސިޓީގެ ޙަޔާތަކީ އެކުއްޖެއްގެ ކުރިމަގު އަދި އެކުއްޖެއްގެ ޝަޚްޞިއްޔަތު ކަނޑައެޅުމުގެ ފުރުޞަތު ލިބިދޭ މަރްޙަލާއެއް ކަމުގައެވެ. އަދި، ޔުނިވަރސިޓީގައި ކިޔަވާ ދުވަސްވަރުގައި، އެ ހޭދަކުރެވެނީ ބިނާކުރަނިވި ދުވަސްތަކެއްކަމަށާއި، ކުދިންގެ ވިސްނުމާއި ސިކުނޑި އާ ކަންކަމަށް ހުޅުވައިދޭ ތަނަކަށް ޔުނިވަރސިޓީގެ ޙަޔާތް ބަދަލުވެގެންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މިރޭ ދަސްވެނިވި ދަރިވަރުންނަކީ ޤައުމު ބިނާކުރުމުގައި، ވަރުގަދަ ޒިންމާތަކެއް އުފުލަންޖެހޭ ދަރިވަރުންނަށް ވާންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ދައުލަތުން މިފަދަ ކަންކަމަށް ހޭދަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ މަތީ ތަޢުލީމް ޙާޞިލުކޮށްގެން، އެ ޙާޞިލުކުރި ތަޢުލީމެއްގެ ބޭނުން ހިފައިގެން ޤައުމު ބިނާކުރުމުގައި އެ ދަރިވަރުންގެ ފުރިހަމަ ޙިއްޞާއޮތުން ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ދެއްކެވި ވާހަކަފުޅުގައި، އަދުގެ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި، އެންމެ އިސްކަމެއްދޭ އެއްކަމަކީ، އިންސާނީ ވަސީލަތް ތަރައްޤީ ކުރުންކަމަށާއި، އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައި، ޚާއްޞަ ގޮތެއްގައި އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާ ވިދާޅުވި ގޮތުގައި މިރޭގެ ޖަލްސާގައި މަތީ ތަޢުލީމު ޙާޞިލުކުރި ގިނަ ދަރިވަރުންނަކީ އަންހެން ބޭފުޅުންނަށްވުމަކީ ޤައުމު ބިނާކުރުމުގަޔާއި ތަރުބިއްޔަތުގައި އަންހެން ބޭފުޅުންގެ ދައުރު އަޅުގަނޑުމެން އެންމެންނަށް މިރޭވެސް އިޙްސާސްވެގެން ދިޔަ ކަމެއްކަމުގައެވެ.

މި ރަސްމިއްޔާތުގައި، މަތީ ވަނަތައް ޙާޞިލުކުރި ދަރުވަރުންނަށް އިނާމާއި އެވޯޑު ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އެމަނިކުފާނުގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2015 ވަނަ އަހަރުގައި ހިންގި ކޯސްތަށް ފުރިހަމަކޮށް ސަނަދު ޙާޞިލުކުރި ދަސްވެނީންނަށް ސަނަދު ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝީހާމްއާއި، ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްމުހަންދިސް ބަދުރު ބިން ޢަލީ ޢަލްކުޙައިލާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނާއި، އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢިދެވެ.