بســم اللّـه الرّحمـن الرّحيــم
           
 السّلام عليــكم ورحـمــة اللّـه وبـركاتـه،
  
އެންމެ ފުރަތަމަ މި ބަރަކާތްތެރި ފިޠުރުޢީދުގެ ތަހުނިޔާއާއި މުބާރަކްބާދީ، ތިޔަ ހުރިހާ ބޭފުޅުންނަށް ރައްދުކުރަން.
 
އާދެ، އަޅުގަނޑުމެން މިހާރު މި ފާހަގަކުރަނީ މިއަހަރުގެ ބަރަކާތްތެރި ފިޠުރުޢީދު ދުވަސް. ކަންދިމާކުރިގޮތުން، ރާއްޖޭގައި ފިޠުރުޢީދު އައީ މިއަދަކު ނޫން. އަޅުގަނޑުމެންގެ ރާއްޖޭގައި ފިޠުރުޢީދު ދުވަސް އެއީ އިއްޔެ ނޫން އިހަށްދުވަސް. ސްރީލަންކާގައި އެއްބައިމީހުން، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އިއްޔެ ޢީދުކުރި. އަނެއްބައި މީހުން މިއަދު. ކޮންމެގޮތަކަށް ކަންދިމާވިޔަސް، މުނާސަބަތަކީ އެއް މުނާސަބަތެއް. ދީނީގޮތުން އެ މުނާސަބަތަކީ އަޅުގަނޑުމެން އެންމެންވެސް ދަންނަ، ވަރަށް މާތް ބަރަކާތްތެރި މުނާސަބަތެއް. އެހެންވީމާ، އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮއެދުންތަކާއި ތަހުނިޔާ، ތިޔަ ހުރިހާ ބޭފުޅުންނަށް ދެންނެވުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.
 
އާދެ، އަޅުގަނޑު ފުރަތަމަ ގަސްދުކޮށްގެން ހުރީ މާލޭގައި ޢީދުދުވަސް ހޭދަކުރަން. އަދި ޢީދުދުވަހު، މީގެކުރިންވެސް ބައެއްފަހަރު ހެދިހެން މާލޭގެ ރައްޔިތުންނާއި އަދި ރާއްޖެތެރޭގެ ރައްޔިތުންނާ ބައްދަލުކޮށްލައި ހަދަން. އެކަމަކު މިފަހަރު ކަންދިމާކުރިގޮތުން އަޅުގަނޑަށް ޢީދުދުވަހު ހުންނަންޖެހުނީ ކޮޅުނބުގައި. އެހެންވުމާއެކު، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން މިވަގުތު ކޮޅުނބުގައި ތިއްބެވި ބޭފުޅުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑުގެ ވާޖިބެއް ކަމުގައި އަޅުގަނޑު ދުށީ. އެގޮތުން މިއަދު ތިޔަބޭފުޅުންނާ އަޅުގަނޑު މި ބައްދަލުކޮށްލީ.
 
އާދެ، އަޅުގަނޑުމެންނަށް މިހާރު މި ތިބެވެނީ ރާއްޖޭގެ އިމާރާތެއްގައި. މިއީ ރާއްޖޭގެ ބިމުގެ ބައެއް. ޑިޕްލޮމެޓިކް އުޞޫލުތައް ހަމަޖެހިފައިވާ ގޮތުން ކޮންމެ ޤައުމެއްގެވެސް އެމްބަސީތައް، ބޭރުގައި ހުންނަ އެ އެމްބަސީތަކަކީ އެ ޤައުމުތަކުގެ ބައެއް. އެހެންވީމާ، އަޅުގަނޑުމެންނަށް މިހާރު މި ތިބެވެނީ ރާއްޖޭގައޭ ދެންނެވިޔަސް އެއީ ދޮގަކަށް ނުވާނެ. އާދެ، އެމްބަސީއާ ގުޅޭގޮތުންވެސް އެއްޗެއް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. ރާއްޖެއާއި ސިލޯނާ ދޭތެރޭގައި އޮންނަ ގުޅުން އެއީ ވަރަށް ޒަމާނުއްސުރެ އޮންނަ ގުޅުމެއް. ރާއްޖެއާއި ސިލޯނާ ދޭތެރޭގައި އޮންނަ އެކުވެރިކަމާއި، ވިޔަފާރީގެ ގޮތުންނާއި، ތަޢުލީމީ ގޮތުންނާއި އަދި އެހެން ގޮތްގޮތުންވެސް އޮންނަ ގުޅުން އެއީ ތާރީޚީ ގުޅުމެއް. އެ ގުޅުން ބަދަހިކޮށް ރަނގަޅުކުރުން އެއީ އަޅުގަނޑު ހިތުން ދެޤައުމުގެވެސް މަޞްލަޙަތު އޮތްގޮތް. އެހެންވުމާއެކު، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދޭތެރޭގައި އޮތް ގުޅުން މިހާރު އެއްދުވަހުން އަނެއް ދުވަހަށް ބަދަހިވަމުންދާކަން އެއީ އަޅުގަނޑު ވަރަށްއުފާކުރާ ކަމެއް. އަދި އަޅުގަނޑު ހިތުން ރާއްޖޭގެ ރައްޔިތުންވެސް އެކަމާ ވަރަށް އުފާކުރައްވާނެ. އެގޮތުން އަޅުގަނޑުމެން ރާއްޖޭގެ އެމްބަސީއެއް ވަރަށް ދަތިގޮތަކަށް ނަމަވެސް، މިވަގުތު ފަށައިގެން މިއުޅެނީ.
 
ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އެމްބަސީއެއް ބެހެއްޓުމަކީ ވަރަށްބޮޑު ޚަރަދެއް. އަޅުގަނޑުމެން ހިތަށްވެސް ގެންނަން ދަތި ވަރަށް ބޮޑެތި ޚަރަދުތަކެއް މިތަނަށް ކުރަންޖެހޭ. އަދި އެމްބަސީގެ މުވައްޒަފުންނާއި ކަންތައްތައް ހަމަޖެހިފައި އޮންނަގޮތުން، އެމުވައްޒަފުން އަދާކުރައްވަންޖެހޭ ވާޖިބުތަކާއި، ތިއްބަވަންޖެހޭގޮތް އެއީވެސް އަދި މާފަސޭހަކޮށް އޮންނަ ކަމެއް ނޫން. އެހެންނަމަވެސް، ކޮންމެ ގޮތެއްގައި ނަމަވެސް، ރާއްޖޭގެ އެމްބަސީއެއް ސްރީލަންކާގައި ހުރުމަކީ ހަމަ ކޮންމެހެން ބޭނުންކަމެއް ކަމަށް ސަރުކާރަށް ފެނިގެން، މި އެމްބަސީ މިދިޔަ އަހަރުގެތެރޭގައި ހުޅުވިފައި ވަނީ.
 
އާދެ، ކޮންމެ ޤައުމެއްގެވެސް ބޭރުގައި ހުންނަ އެމްބަސީތަކަކީ ހަމައެކަނި އެޤައުމުތަކުގެ ސަރުކާރު ތަމްސީލުކުރާ ތަންތަނެއް ނޫން. އެއީ، އެ ޤައުމު ތަމްސީލުކުރާ ތަންތަން. ދިވެހި އެމްބަސީ އެއީ ހަމައެކަނި ސަރުކާރު ތަމްސީލުކުރާ ތަނަކަށްވެގެން، އެމްބަސީގެ ހުރިހާ ކަމެއް، އެމްބަސީގެ ބޮލުގައި އެޅިފައި އޮންނަ ހުރިހާ މަސްއޫލިއްޔަތެއް ފުރިހަމައަށް އަދައެއްނުކުރެވޭނެ. ދުނިޔޭގެ ޑިޕްލޮމެޓިކް އުޞޫލުތައް ހަމަޖެހިފައިވާ ގޮތުން، އެމްބަސީ ބަލަހައްޓަންޖެހޭ ވަރަށްގިނަ ކަންތައްތައް ހުރޭ. އޭގެތެރެއިން އެންމެބޮޑު ކަމަކީ، އެމްބަސީ އެ ތަމްސީލުކުރާ ޤައުމުގެ ހުރިހާ ކަމެއް ރައްކާތެރިކޮށް، އެކަންތައްތައް އެ އެމްބަސީ ހުންނަ ތާނގައި އެކަށީގެންވާ ގޮތަކަށް ކުރިއަށް ގެންދެވޭތޯ ބެލުން. އެހެންވީމާ، އެ ކަންތައްތައް އެއީ ހަމައެކަނި ސަރުކާރުގެ ކަންތައްތަކެއް ނޫން. އަޅުގަނޑުމެންނަށް އެބަ ފެނޭ، ދުނިޔޭގައި ހުންނަ އެހެން އެމްބަސީތަކުން ކުރާ މަސައްކަތްތައް. އަދި މާލޭގައި ހުންނަ ބޭރުގެ އެމްބަސީތަކުންވެސް ކުރާ މަސައްކަތްތައް. ރާއްޖޭގައި މިވަގުތު ހަތަރު އެމްބަސީއެއް އެބަހުރި. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، އެ އެމްބަސީތަކުން ކުރާ މަސައްކަތްތަކުގެ ތެރޭގައި އެޤައުމުތަކުގެ މީހުންނާ ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކޮށްދެވޭތޯ ބެލުންވެސް ހިމެނޭ. އެހެންވީމާ، އަޅުގަނޑު ހިތުން އަޅުގަނޑުމެން ދިވެހި އެމްބަސީގެވެސް އެއްބަޔަކަށްވާންޖެހޭނެ، މިތަނަށް އަންނަ ދިވެހިންނާ ކުރިމަތިވާ އެކިއެކި މައްސަލަތަކުގައި އެހީވެދެވޭތޯ ބެލުން. އެއީ އަޅުގަނޑު މިދެންނެވި ވާހަކައަކީ، އެމްބަސީއަކީ ހަމައެކަނި ސަރުކާރު ތަމްސީލުކުރާ ތަނެއްގެ ގޮތުގައި ހުރެގެން އެމްބަސީގެ ހުރިހައި ކަމެއް، ވާޖބުތަކެއް ފުރިހަމައަކަށް އަދައެއްނުކުރެވޭނެއޭ. އެމްބަސީއަކީ ހަމައެކަނި ސަރުކާރު ތަމްސީލުކުރާ ތަނެއް ނޫނޭ، މުޅި ޤައުމު ތަމްސީލުކުރާ ތަނެކޭ.
 
އާދެ، އެހެން ދެންނެވި ކަމުގައިވިޔަސް، އެނގިވަޑައިގަންނަވާނެ، ކޮޅުނބަށް އަންނަ ދިވެހިންގެ ޢަދަދު ގިނަކަމާއި އަދި އެމްބަސީގެ މުވައްޒަފުންގެ ޢަދަދު މަދުކަމާއި އަޅުގަނޑުމެންނަށް ޚަރަދުކުރެވެންހުރިލެއް މަދުކަމާ، މިހުރިހާ ކަންކަމަށް ވިސްނައިފައި، އަޅުގަނޑުމެންނާ މިތާނގައި ދިމާވާ ހުރިހާ ކަމެއްގައި އެމްބަސީއަކުން އެހީވެދެވޭކަށް ނޯންނާނެ. އެކަމަކު ވެވުނުވަރަކުން ޑިޕްލޮމެޓިކް ހަމަތައް ތަންދޭ ދާއިރާގައި އަދި ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދާއި އަދި ސްރީލަންކާގެ ޤާނޫނާއި ގަވާއިދާ ތަންދޭ ދާއިރާއެއްގައި އެމްބަސީގެ ފަރާތުން ދިވެހިންނަށް އެހީތެރިކަން ފޯރުވުން އަޅުގަނޑު ދެކެނީ އެއީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ މީގެފަހުން އެކަން އޮންނާނީ އެހެން. އެމްބަސީގައި މިވަގުތު ތިބީ ވަރަށްމަދު ބައެއް. އެމީހުންނަށް ހުރިހާ ކަމެއްގައި އެހީވެދެވޭކަށް ނޯންނާނެ. އަދި އަމުދުން ޚަރަދުކުރަންޖެހޭކަހަލަ ކަންތައްތަކުގައި، އަޅުގަނޑުމެންގެ ޤައުމަށް ލިބޭ އާމްދަނީ ކުޑަކަމާއެކު، އެކަހަލަ ކަންތައްތަކުގައި އެހީވެދެވޭކަށްވެސް ނޯންނާނެ. އެނޫން ކިތަންމެ ކަމެއް ހުންނާނެ، ދިވެހިންނާ ކުރިމަތިވާ. ސިލޯނުގައި ތިބޭއިރުވެސް އެކިގޮތްގޮތުން. އެހެންވީމާ، އަޅުގަނޑު ކުރިންވެސް މިދެންނެވިހެން، ޑިޕްލޮމެޓިކް އުޞޫލުތަކާއި އަދި ރާއްޖޭގެ ގަވާއިދުތަކާއި، ސްރީލަންކާގެ ގަވާއިދުތަކާ މި ހުރިހައި ކަންކަމެއްގެ ދާއިރާގެ ތެރޭގައި އެމްބަސީއިން ކުރެވެން އޮތް ޚިދްމަތްތަކެއް ދިވެހި ރައްޔިތުންނަށް ވެދޭނެ.
 
އާދެ، އެއީ އަޅުގަނޑު މިއަދު ދަންނަވާލަން އެންމެ ބޭނުންވެގެން އުޅުނު ވާހަކައަކީ. ކޮންމެއަކަސް، ތިޔަ ހުރިހާ ބޭފުޅުން ހަނދާންކުރައްވަންވާނެ، އަޅުގަނޑުމެންނަކީ ވަރަށް ކުޑަކުޑަ ޤައުމެއް ދުނިޔޭގެ ނިސްބަތުގައި. އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އެއީވެސް ވަރަށް ކުޑަކުޑަ އެއްޗެއް. އަޅުގަނޑުމެންނާ ވަރަށްގިނަ ގޮތްގޮތުން ވަރަށް ބޮޑެތި ދަތިތައް  ކުރިމަތިވެފައިވޭ. އެ ހުރިހައި ކަމެއް، ސަރުކާރުން ކިތަންމެ މަސައްކަތެއްކުރިޔަސް، އެއްފަހަރަކާ ޙައްލެއްނުކުރެވޭނެ. ވަރަށް ބޮޑަށް މިހާރު ދަނީ މަސައްކަތް ކުރަމުން، އެކި ދާއިރާގައި. އެކި ރޮނގުގައި. އެވާހަކަ ދަންނަވާކަށެއް ނުޖެހޭނެ. ތިޔަބޭފުޅުންނަށް އަމިއްލައަށް ފެނިވަޑައިގަންނަވާނެ. އެހެން އެކަން އޮތުމާއެކު، އަޅުގަނޑުމެންގެ މިކުޑަކުޑަ އެމްބަސީގެ މަސައްކަތްތައްވެސް މަޑުމަޑުން ކުރިއަށްދާނީ. އެހެންނަމަވެސް، އަޅުގަނޑު ޔަޤީންކުރާގޮތުގައި ދާނީ ކުރިއަށް. އަދި މިދެންނެވި އުޞޫލުގެ މަތިން ދިވެހިންނަށް ބޭނުންވާ އެކިއެކި ޚިދްމަތްތަކާއި އެހީތެރިކަންވެސް އެމްބަސީގެ ފަރާތުން މީގެފަހުން ގެންދާނީ ފޯރުވައިދެމުން.
 
އާދެ، އަޅުގަނޑުގެ މިވާހަކައިގެ ބޭނުމަކީ މި ދެތިންބަސް ދަންނަވާލުން. ކޮންމެއަކަސް މި އުފާވެރި މުނާސަބަތުގައި ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމުގެ ފުރްޞަތު އަޅުގަނޑަށް ލިބުނުކަމަށްޓަކައި ވަރަށް ބޮޑަށް އުފާކުރަން. އަދި ކަނޑައެޅިގެން ރަސްމީ ދަޢުވަތެއް ނޭރުވުނު ކަމުގައިވިޔަސް، ތިޔަބޭފުޅުންނަށް އެމްބަސީއިން އަންގަވައިލެއްވި އަންގަވައިލެއްވުމަށް ހުރިހާ ބޭފުޅުންވެސް މިތަނަށް ވަޑައިގެންދެއްވިކަން އަޅުގަނޑު ދެކެނީ އެއީ ތިޔަބޭފުޅުން ވަރަށް ހަމަޖެހޭ ގޮތަކަށް ކުރެއްވި ކަމެއް ކަމަށް. އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާކުރަން. އަދި މި މުނާސަބަތުގައި އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް ހިތުގެ އެންމެ އިޚްލާޞްތެރި ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.
 
އަޅުގަނޑު ޔަޤީންކުރާގޮތުގައި އަޅުގަނޑުމެން އެންމެންވެސް ބޭރު ޤައުމުތަކުގައި ދިރިއުޅެމުންދާއިރު، އަޅުގަނޑުމެން ރާއްޖޭގެ ރީތިނަން ހިފެހެއްޓޭތޯ ބަލާނެ. އެއީ ވަރަށް މުހިންމު ނުކުތާއެއް. އަޅުގަނޑު މިވާހަކަ ދަންނަވާކަށެއްނުޖެހޭނެ. އެހެންނަމަވެސް، ހަނދާން އާކޮށްދިނުމުގެ ގޮތުން ނަމަވެސް ދަންނަވާލަނީ. އެއީ އަޅުގަނޑުމެން މިވަގުތު މިވަނީ ބޭރުގެ ދުނިޔޭގެ ތެރެއަށް ނުކުމެފައި. ދިވެހިން ދުނިޔޭގެ އެތަންމިތާނގައި ދަތުރުކޮށް، އެތަންމިތާނގައި މަސައްކަތްކޮށް އެބައުޅޭ. އެހެންވީމާ، އޭގެ އެއްވެސް މީހެއްގެ ފަރާތުން އެކަށީގެންނުވާ ޢަމަލެއް ހިނގައިފި ކަމުގައިވިޔަސް، މީހުން ނިސްބަތްކުރާނީ ރާއްޖެއަށް. ބުނާނީ ރާއްޖޭގެ މީހަކު މިވެނިކަހަލަ  ކަމެއް ކޮށްފިއޭ. މިވެނި ގަވާއިދަކާ ޚިލާފުވެއްޖެއޭ. މިވެނި މައްސަލައެއްގައި އެވެނި ޤައުމެއްގެ ޖަލަށް ލައިފިއޭ. މިކަހަލަ ކަންތައްތައް މިހެން ދިމާވުމުން، އެއީ އަޅުގަނޑުމެންގެ ރާއްޖެއަށް ލިބޭ ހުތުރު ނަމެއް.
 
އެހެންވީމާ، އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ، މިހާރު ދުނިޔެއަށް ނުކުމެގެން އުޅޭއިރު، އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ޢަމަލުތައް ހުންނަންވާނީ އަޅުގަނޑުމެންގެ ޤައުމަށް އޭގެ ސަބަބުން ރީތިނަމެއް ލިބޭކަހަލަގޮތަކަށް. އަޅުގަނޑުމެން ކުރާ އެއްވެސް ކަމެއްގެ ސަބަބުން އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ހުތުރު ނަމެއް ލިބުމަކީ، އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު އެދޭނެ ގޮތެއްނޫން. އެހެންވީމާ، އެ ނުކުތާއަށްވެސް ހުރިހާ ބޭފުޅުން ސަމާލުކަންދެއްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އަޅުގަނޑުމެން މިހާރު ދުނިޔޭގެ ތެރެއަށް ނުކުމެގެން މިއުޅެނީ އެހެން ޤައުމުތަކާ ގުޅައިގެން، އެކި ދާއިރާތަކުގައި، އ.ދ. މަޖިލީހުގެ އެކި ދާއިރާތަކުގައިވެސް އަދި މިނޫން ދާއިރާތަކުގައިވެސް މުޅި ދުނިޔޭގައި ޙަރަކާތްތެރިވަމުން މިގެންދަނީ އަޅުގަނޑުމެންނަށް ވެވުނުވަރަކުން. އެ ޙަރަކާތްތެރިވާ ޙަރަކާތްތެރިވުމުގެ ފައިދާ އަޅުގަނޑުމެންނަށް މިހާރު ދަނީ ލިބެމުން. އެހެންވީމާ، އެ ޙަރަކާތްތެރިވާ ޙަރަކާތްތެރިވުންވެސް އަޅުގަނޑުމެން އެދޭ މަތީ ފެންވަރެއްގައި ހިފެހެއްޓޭނީ އަޅުގަނޑުމެންގެ އަމިއްލަ އަފްރާދުންގެ ގޮތުގައިވެސް ރާއްޖެއިން ބޭރުގައި އުޅޭއިރު އަޅުގަނޑުމެންގެ ސުލޫކާއި ޢަމަލުތައް އެކަށީގެންވާ ގޮތަކަށް ބަހައްޓައިގެން.
 
އާދެ، އަޅުގަނޑުގެ ވާހަކަ ނިންމާލާނީ އަޅުގަނޑު މިދެންނެވި ނުކުތާއަށް ތިޔަބޭފުޅުން ސަމާލުކަން ދެއްވާނެ ކަމުގައި ޔަޤީންކުރަމުން. އަދި މި މުނާސަބަތުގައި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ދަންނަވަމުން. މާތްﷲ ދިވެހިރާއްޖެއަށް ފަހި މުސްތަޤްބަލެއް ދައްކަވާށި! އަދި އަޅުގަނޑުމެންގެ އެންމެންނަށްވެސް ފުރިހަމަ ޞިއްޙަތު ދެއްވައި، އަޅުގަނޑުމެންގެ ދިރިއުޅުމަށް އިތުރު ކާމިޔާބީތައް ދެއްވައި، އަމިއްލަ އަފްރާދުންގެ ގޮތުގަޔާއި އަދި ޖަމާޢަތެއްގެ ގޮތުގައިވެސް އަޅުގަނޑުމެންގެ ޤައުމަށް އަޅުގަނޑުމެންނަށް ކުރެވެން އޮތް ޚިދްމަތްތައް ކުރުމުގެ މަގު ތަނަވަސްކޮށްދެއްވާށި! އާމީން.
 

           والسّلام عليكم ورحمـة اللّـه.