بســم اللّـه الرّحمـن الرّحيــم
           
 السّلام عليــكم ورحـمــة اللّـه.
  
އާދެ، ރާއްޖޭގެ އަންހެނުންގެ ޤައުމީ ޖަލްސާ ހުޅުވައިދިނުމުގެ ޝަރަފް، އަޅުގަނޑަށް ދެއްވި ކަމަށްޓަކައި އަންހެނުން ކުރިއަރުވާ ކޮމިޓީގެ ރައީސާއަށާއި، ނޭޝަނަލް ޕްލޭނިންގ އޭޖެންސީގެ ޑިރެކްޓަރަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑު ދެކޭގޮތުގައި މިރޭ އަޅުގަނޑުމެން މި ފާހަގަކުރަނީ ވަރަށް ތާރީޚީ ކަމެއް. އެއީ ދެންމެ ތިޔަބޭފުޅުން ތިޔަ އެއްސެވި ފަދައިން، މީގެކުރިން ޤައުމީ ފެންވަރުގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކުން މަންދޫބާއިން ބައިވެރިވެވަޑައިގަންނަވައިގެން ރާއްޖޭގެ އަންހެނުންގެ ޖަލްސާއެއް ކުރެވިފައެއްނެތް. މިރޭ މިކުރާ ޖަލްސާއަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ފުރަތަމަ ކުރެވޭ މިބާވަތުގެ އަދި މިފެންވަރުގެ ޖަލްސާ. އެހެންކަމުން، މިހުރިހާ ގޮތަކުން ބަލާއިރުވެސް މިރޭގެ ޖަލްސާއަކީ، އަދި މިރޭ އަޅުގަނޑުމެން މި ފާހަގަކުރާ މުނާސަބަތަކީ ވަރަށް ޚާއްޞަ ޖަލްސާއެއް. އަދި މުނާސަބަތެއް.
 
އާދެ، މިރޭ މި ޖަލްސާ ހުޅުވައިދިނުމުގެ އުފާ އަޅުގަނޑު ޙާޞިލުކުރަނީ، މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް ދައުލަތުގެ ނަމުގަޔާއި އަދި އަޅުގަނޑުގެ އަމިއްލަ ޙައިޘިއްޔަތުން ހެޔޮއެދުންތައް ފޮނުވަމުން. އެއްވެސް ޝައްކެއްނެތް، މިފަދަ ޖަލްސާއެއް ބޭއްވޭކަން، އެއީ ރާއްޖޭގެ އަންހެނުން ކުރިއަރަމުންދާކަމުގެ އަލިގަދަ ދަލީލެއް. މި ދައުރުގައި ޤައުމުގެ އެހެނިހެން ޖަމާޢަތްތަކުންވެސް ހަރަކާތްތެރިވަމުންދާ ފަދައިން، އަންހެނުންވެސް ޙަރަކާތްތެރިވަމުންދާ ކަމުގެ އަލިގަދަ ހެއްކެއް. މިކަމަށްޓަކައި ރާއްޖޭގެ އަންހެނުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ތަހުނިޔާ އަދާކުރަން. އަދި މި ޖަލްސާގެ ޢަމަލުތައް ވަރަށް ކާމިޔާބު ގޮތެއްގައި ގެންދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުގެ ހިތުގައި އެބައޮތް. އެހެންވުމާއެކު، މި ޖަލްސާ ރޭއްވެވި ފަރާތަށާއި އަދި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ މަންދޫބާއިންނަށާއި އޮބްޒާވަރުންނަށް އަޅުގަނޑު މުބާރަކްބާދީ އަދާކުރަން. އަދި ތިޔަ ހުރިހާ ބޭފުޅުން ތިޔަ ކުރައްވާ މަސައްކަތްތަކުގެ، ވަރަށް އެދެވޭ ނަތީޖާތަކެއް އަޅުގަނޑުމެންނަށް ފެންނާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.
 
 އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، އަންހެނުންނަކީ މުޖްތަމަޢުގެ އެއްބައި. މުޖްތަމަޢުގެ މިސާލަކީ އަންހެނުންނާއި ފިރިހެނުން ބައިވެރިވެގެން ޖަމާޢަތުގެ ހުރިހާ މައިދާނެއްގައިވެސް ޚިދްމަތް ކުރަމުން ކުރިއަށްދާ ޖަމާޢަތެއްގެ މިސާލު. އެހެން ގޮތަކުން ދަންނަވާނަމަ އަންހެނުންނަކީ މުޖްތަމަޢުގެ ފުއްޕާމޭގެ އެއްފަޅި. އާދެ، ފުއްޕާމޭގެ ދެފަޅި ފިސާރި ފުރިހަމައަށް އެއްވަރަށް މަސައްކަތް ކޮށްގެން ނޫނީ އެއްވެސް އިންސާނަކަށް ރަނގަޅު ޞިއްޙަތެއް ނުލިބޭނެ. އަދި އެމީހާ އެކުރާ އެއްވެސް ކަމެއް ކާމިޔާބެއްވެސް ނުވާނެ. ހަމަ އެގޮތުގެ މަތިން އަޅުގަނޑު ދަންނަވާނީ، އަންހެނުންގެ ޚިދްމަތާއި، އަންހެނުންގެ މަސައްކަތާއި، އަންހެނުންގެ އުފެއްދުންތެރިކަން ޤައުމަށް ނުލިބޭ ކަމަށްވަންޏާ، އެއްވެސް ޤައުމެއް އެދެވޭގޮތަކަށް ކުރިއަކަށެއް ނުދާނެއޭ.
 
އާދެ، އެހެންވީމާ، އަޅުގަނޑުމެން މިއަދު ދިވެހިރާއްޖެ ހުރިހާ ރޮނގަކުންވެސް ކުރިއަރަމުންދާއިރު، އިންތިޒާރު ކުރަނީ އަންހެނުންގެ ބައިވެރިވުމަށް. އިޤްތިޞާދީ ދާއިރާގައިވެސް އަންހެނުން ކުޅެން އޮތް ދައުރު ފުރިހަމައަށް އެމީހުން ކުޅެމުންދާނެކަމަށް. އިޖްތިމާޢީ ދާއިރާގައިވެސް އަދި ސިޔާސީ ދާއިރާގައިވެސް އަންހެނުން، އެމީހުންގެ ދައުރު ފުރިހަމައަށް ކުޅެމުންދިޔުން އެއީ މިދައުރުގައި ވަރަށް ބޮޑަށް ސަމާލުކަންދޭކަމެއް. އަންހެނުންގެ ބައި ފުރިހަމައަށް އަދާކުރަމުންދާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ޤައުމު އެއްދުވަހުން އަނެއް ދުވަހަށް ދާނީ ކުރިއަށް. އާދެ، އަޅުގަނޑު ވަރަށް އުފަލާއެކު ދަންނަވަން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގެ އަދުގެ އަންހެނުންނަކީ މި ދެންނެވި ބުރަ މަސްއޫލިއްޔަތު އުފުލުމަށް އެކަށީގެންވާ ލަޔާޤަތްތެރި ބައެއް. މިދެންނެވި ޚިދްމަތްތައް އަދާކުރުމަށް އަންހެނުންގައި އެކަމަށް ބޭނުންވާ ޝައުޤުވެރިކަން އެބަހުރި. އަންހެނުންގައި ޤައުމީ ރޫޙު އެބަހުރި. އަދި އަންހެނުންގައި މިހުރިހާ ޚިދްމަތްތަކެއް އަދާކުރުމުގެ ކުޅަދާނަކަން އެބަހުރި. އެއްވެސް ހާލެއްގައި އަންހެނުންނަކީ ފިރިހެނުންނަށްވުރެ ދެރަ ބައެއް ކަމަކަށް ހަމަގައިމުވެސް އަޅުގަނޑު ގަބޫލެއްނުކުރަން. އަދި އަޅުގަނޑު ހިތުން ތިޔަބޭފުޅުންވެސް ގަބޫލުފުޅެއް ނުކުރައްވާނެ. އަންހެނުންނާއި ފިރިހެނުންނާ އެއީ ހަމަހަމަވެގެންވާ ދެބައި. އެ ދެބައިމީހުންގެ އެއްބާރުލުން ފުރިހަމައަށް އޮވެގެންނޫނީ، އެއްވެސް ޖަމާޢަތެއްގެ ކަންތައްތައް އެދެވޭގޮތެއްގައި އިޞްލާޙުވަމުން، ކުރިއަރަމަކުން ނުދާނެ. އެހެންވީމާ، އަންހެނުންނަކީ، ދިވެހިރާއްޖޭގެ އަންހެނުންނަކީ، ފިރިހެނުންނާ އެއްހަމައެއްގައި ފިރިހެނުންނާ އެއްސަފެއްގައި ޚިދްމަތް ކުރަން ތިބި ބައެއްކަން އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ޔަޤީންކޮށް އަރުވަން.
 
 އާދެ، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް އަންހެނުން ކުޅެފައިވަނީ ވަރަށް ފަޚްރުވެރި ދައުރެއް. ރާއްޖޭގެ ތާރީޚުން އެނގެން އޮތް މިންވަރުން ތާރީޚުގެ އެންމެކުރީ ދުވަސްވަރުން ފެށިގެން ދިވެހިރާއްޖޭގެ އަންހެނުން ރާއްޖޭގެ ސިޔާސީ މައިދާނުގައި ވަރަށް މަތިވެރި ބައެއް އަދާކޮށްފައިވާކަން އެނގޭ. ރާއްޖެ އިސްލާމްވުމުގެ ކުރިންވެސް އަލްމަސްޢޫދިއްޔާ ސުލައިމާން ލިޔުއްވައިފައިވާ ގޮތުގައި، މީލާދީގޮތުން 9 ވަނަ ޤަރުނުގަޔާއި އަދި 10 ވަނަ ޤަރުނުގެ ކުރީކޮޅުގައި ރާއްޖޭގައި ވެރިކަން ކުރައްވާފައިވަނީ ރާނީއެއް، ނުވަތަ އަންހެން ބޭފުޅެއް. ހަމައެފަދައިން މީލާދީގޮތުން 11 ވަނަ ޤަރުނުގައިވެސް އަންހެން ބޭފުޅަކު ރާއްޖޭގެ ތަޚުތުގައި އިންނެވިކަން، މުޙައްރިކުންގެ ލިޔުންތަކުން އެނގޭ. އޭގެފަހުން، ރާއްޖެ އިސްލާމްވީފަހުން، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނޭ ފަދައިން، މީލާދީގޮތުން 14 ވަނަ ޤަރުނުގައި ރާއްޖޭގެ ތަޚުތުގައި ތިން އަންހެން ބޭފުޅަކު އިށީނދެވަޑައިގެން. އޭގެތެރެއިން މަޝްހޫރު ރެހެންދި ޚަދީޖާ ހިމެނިވަޑައިގަންނަވާ. ތިންފަހަރެއްގެ މަތިން ގާތްގަނޑަކަށް ތިރީހަކަށް އަހަރު ވާންދެން ރެހެންދި ޚަދީޖާ ރާއްޖޭގެ ރަނިކަން ކުރެއްވި. މިހުރިހާ ކަމަކުން އަޅުގަނޑުމެންނަށް އެނގެނީ ރާއްޖޭގެ ތާރީޚުގައި އަންހެނުން ވަރަށް މަތިވެރި ދައުރެއް އަދާކޮށްފައިވާކަން. އަންހެނުންގެ ޚިދްމަތް ރާއްޖެއަށް ލިބިފައިވަނީ ވަރަށް މަތިވެރި ދަރަޖައަކަށްކަން. ޚާއްޞަކޮށް، ސިޔާސީ ދާއިރާއަކީ އެހެން ދާއިރާތަކާ ޚިލާފަށް، އަންހެނުންނަށް އެ ދާއިރާގައި އުޅުމަށް އެތަކެއް ދަތިތަކެއް ކުރިމަތިވާނެ ދާއިރާއެއް. އެކަން އޮތީ އެހެން ކަމުގައިވިޔަސް، އެހުރިހާ ދަތިތައް ނެތިކޮށްލައިފައި، އެހުރިހާ ހުރަސްތައް ކަޑައްތުކޮށްފައި، އަންހެނުން ދިވެހިރާއްޖޭގެ ތާރީޚުގައި ސިޔާސީ ދާއިރާގައި ވަރަށް މަތިވެރި ބައެއް އަދާކޮށްފައިވޭ.
 
އާދެ، ދެން އަޅުގަނޑު ދަންނަވަން އޮތީ މި ދައުރުގައި އަންހެނުން ކުރިއެރުމަށް އެޅޭނެ އެއްވެސް ހުރަހެއްނެތޭ. ހުރިހާ ކަމެއްގައިވެސް އަންހެނުންނަށް ފުރްޞަތު ލިބޭނެއޭ. އެއްވެސް ކަމެއްގައި ޤާނޫނީގޮތުން ތަފާތުކުރުމެއް ނޯންނާނެއޭ. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ އަދަބުތަކާ ޚިލާފުނުވާ ގޮތުގެ މަތީން ޢާންމު ޚިދްމަތުގައި އަންހެނުން ނިކުމެ އުޅުމުގެ ފުރިހަމަ މިނިވަންކަން އަންހެނުންނަށް އޮންނާނެއޭ. ހަމައެފަދައިން ސިޔާސީ އަދި އިޖްތިމާޢީ މިނިވަންކަންވެސް އަންހެނުންނަށް ލިބޭނެއޭ. އެ މިނިވަންކަން މިހާރުވެސް ވަނީ އަންހެނުންނަށް ލިބިފައި. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ސިޔާސީ ކަންތައްތަކުގައިވެސް އަންހެނުންނަށް ބައިވެރިވެވެން އެބައޮތް.ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް އަންހެނުންނަށް ކުރެއްވެން އެބައޮތް. އަދި އެނޫން، ދައުލަތުގެ މަޤާމުތައްވެސް އަންހެނުންނަށް ފުރެން އެބައޮތް. އަދި ދާދިފަހުންވެސް އަދި މިހާރުވެސް ސަރުކާރުގެ ބައެއް މަޤާމުތަކުގައި އަންހެން ބޭފުޅުން އެބަ ތިއްބެވި. އެހެންވީމާ، ޤާނޫނީގޮތުން އެކަމަށް އެޅޭ ހުރަހެއް ނެތް. އާދެ، އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވާ މަޤާމަކީ އެހެން އެއްވެސް ދީނެއްގައި އަންހެނުންނަށް ދީފައިވާ މަޤާމެއް ނޫން. އަދި އެހެން އެއްވެސް މަދަނިއްޔަތެއްގައި، އެހެން އެއްވެސް ސިވިލްޒޭޝަނެއްގައި އަންހެނުންނަށް ނުލިބޭފަދަ މަތިވެރި މަޤާމެއް އިސްލާމީ ޙަޟާރަތުގައި، އިސްލާމީ މަދަނިއްޔަތުގައި އަންހެނުންނަށް ލިބިފައިވޭ.
 
 އާދެ، މިކަން ތިޔަބޭފުޅުންނަށް ރަނގަޅަށް ފާހަގަކުރެއްވޭނީ ވަރަށް ކުރުކުރުކޮށް ނަމަވެސް، އެހެން ބައެއް ދީންތަކާއި އަދި އެހެން ބައެއް މަދަނިއްޔަތުތަކުގައި، އެހެން ބައެއް ސިވިލްޒޭޝަންތަކުގައި އަންހެނުންގެ ކަންތައް އޮތްގޮތް، ކުޑަކޮށްނަމަވެސް ދަންނަވާލައިގެން. ޔަހޫދީ ދީނުގައި، އަޅުގަނޑު ޔަހޫދީ ދީނޭ މި ދަންނަވަނީ، ފަހަރެއްގައިވެސް މާތް اللّـه سبحـانـه وتعـالى ބާވައިލެއްވި މާތް ދީނަށް ނިސްބަތްވާ ގޮތެއްގެ މައްޗަކުން ނޫން. އެހެން މިދަންނަވަނީ އަޞްލު ޔަހޫދީ ދީނުގެ ޢަޤީދާތަކާއި، އެ ދީނުގެ މުޢާމަލާތްތަކާއި، އެދީނުގެ އުޞޫލުތައް އޮތްގޮތް އަޅުގަނޑުމެންނަށް މިހާރު ފިލާކަށެއް ނެތް. އެއީ ޔަހޫދީން، އެމީހުންގެ ދީން ބަދަލުކޮށްފައިވާތީ. އެމީހުންގެ އަތްމަތީގައި ހުރި ފޮތްތައް ބަދަލުކޮށްފައިވާތީ. ކޮންމެއަކަސް އަޅުގަނޑުމެންނަށް މިހާރު ފެންނަންހުރި ޔަހޫދީ ދީނުގެ ފޮތްތައްވެސް ބުނާގޮތުގައި، އަންހެނުންނަކީ ވަރަށްދެރަ މަޤާމެއް ލިބިފައިވާ ބައެއް. އެއްވެސްކަހަލަ މަދަނީ ޙައްޤެއް އަންހެނުންނަކަށް ޔަހޫދީ ދީނުގައި ލިބިފައެއްނޯވޭ. އަންހެން ކުއްޖާ މީހަކާ އިނުމުގެ ކުރިން ހުންނާނީ ބައްޕަގެ ނުފޫޒުގެ ދަށުގައި. އަދި މީހަކާ އިނުމަށްފަހު ހުންނާނީ ފިރިމީހާގެ ނުފޫޒުގެ ދަށުގައި. އެ އަންހެންމީހާއަށް އެއްވެސްކަހަލަ މަދަނީ ޙައްޤެއް ނެތް. އަދި އެއްވެސްކަހަލަ މިނިވަންކަމެއްނެތި. މިހެންގޮސް ވަރަށްގިނަ މިބާވަތުގެ ކަންތައް ޔަހޫދީ ދީނުގައި އޮވޭ. ތިޔަބޭފުޅުން ވަރަށް ޙައިރާންވެވަޑައިގަންނަވާނެކަންނޭނގެ، އަޅުގަނޑު ދަންނަވައިފިއްޔާ. ފަޤީރު ބައްޕައަކަށް އޭނާގެ އަންހެން ދަރިފުޅު ވިއްކާލުމުގެ ޙައްޤުވެސް ޔަހޫދީ ދީނުގައި އޮވޭ. މިއީ، [ބުކް އޮފް އެގްޒޮޑަސް]ގެ ޗެޕްޓަރ II ގައި ކަނޑައެޅިފައި އޮންނަ ގޮތެއް. އެހެންވީމާ، އެމީހުން މިހާރުވެސް އެ ގެންގުޅޭ އެމީހުންގެ [ބައިބުލް] ގައި އެމީހުންގެ އޯލްޑް ޓެސްޓަމަންޓްގައި މިކަން ކަނޑައެޅިފައި އެބައޮތް.
 
"ރޯމަން ލޯ"، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އެއީ ޔޫރަޕުގައި އޭގެ މައްޗަށް ވަރަށްގިނަ ޤާނޫނުތަކެއް މިޒަމާނުގައިވެސް ހެދިފައިވާ ޤާނޫނެއް. "ރޯމަން ލޯ"ގައި އޮންނަ ގޮތުންވެސް އަންހެންމީހާ އެއީ އަބަދުވެސް ޢާއިލާގެ އެންމެ ބޮޑަށް ހުންނަ މީހެއްގެ ނުފޫޒާއި ބާރުގެ ދަށުގައިވާ މީހެއް. އަންހެނަކަށް އެއްވެސްކަހަލަ އިޚްތިޔާރެއް، ޙައްޤެއް ނޯވޭ. އެހެންގޮސް ޢާއިލާއިން ބޭރުކޮށްލުމުގެ އިޚްތިޔާރުވެސް އެ ޢާއިލާގެ ވެރިމީހާއަށް އޮވޭ. ހަމައެފަދައިން ޢާއިލާގެ ވެރިމީހާ ބޭނުންވެއްޖިއްޔާ އަންހެންމީހާ ވިއްކާވެސްލެވިދާނެ. ގްރީކް ލޯ، އެއީވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ހުޅަނގުގެ ތަހުޒީބު ބިނާވެފައިވަނީ ގްރީކްގެ ފިލޯސަފީގެ މައްޗަށް. އަދި ގްރީކްގެ ޢިލްމުތަކުގެ މައްޗަށް. އޭގެ އަޞްލު ކަމުގައިވާ ގްރީކް ލޯގައިވެސް އޮންނަނީ އަންހެނުންނަކީ ވަރަށްދެރަ ބައެއްކަމަށް. އަދި އަންހެނުންނަކީ އަދި ކޮންމެ އަންހެނަކީވެސް އެމީހެއްގެ ބެލެނިވެރިޔާގެ މިލްކެއް ކަމަށް.
 
އެހެންވީމާ، އެއިން މި ދެންނެވި އެއްވެސް ދީނެއްގައި އަދި އެއްވެސް ޙަޟާރަތެއްގައި އަންހެނުންނަށް އިންސާނީ ޙައްޤުތައްވެސް ލިބިފައެއްނެތް. އާދެ، ފަރަންސޭސިވިލާތުގައި 586 ވަނަ އަހަރު (މީލާދީގޮތުން) ވަރަށް ޚާއްޞަ ޖަލްސާއެއް ބޭއްވުނު. އެ ޖަލްސާގެ މައުޟޫޢު، މިހާރު ދަންނަވައިފިއްޔާ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ހިނިފުޅުވަޑުވައިލެއްވޭނެ. އެއީ އެހާ ހެއްވާ މައުޟޫޢެއް. އެއީ [އަންހެނުންނަކީ އިންސާނުންތޯ ނުވަތަ ނޫންތޯ.] ބަލަން އޮތް ޖަލްސާއެއް. ދެން ކޮންމެއަކަސް އެ ޖަލްސާއިން ނިންމީ އަންހެނުންނަކީ އިންސާނުން ކަމުގައިވީނަމަވެސް، އަންހެނުންނަކީ ފިރިހެނުންގެ ޚިދްމަތުގައި ތިބެންޖެހޭނެ ބައެއްކަމަށް. އާދެ، އިނގިރޭސިވިލާތުގެ ހާލުވެސް މިއަށްވުރެ މާ ރަނގަޅެއް ނޫން. 8 ވަނަ ހެންރީގެ ރަސްކަމުގައި އަންހެނުންނަށް [ބައިބުލް] އޭނާވަނީ މަނާކުރައްވާފައި. [ބައިބުލް]އަކީ ކްރިސްޓިއަން ދީނުގެ އެންމެ މާތް ފޮތް. އެ ފޮތް ކިޔައި ހެދުން އެއީ އަންހެނުންނަށް މަނާކުރައްވާފައި އޮތްކަމެއް. 1882 ވަނަ އަހަރުގެ ކުރިން، އެއްވެސް އެއްޗެއް މިލްކުކުރުމުގެ ޙައްޤެއް، އިނގިރޭސިވިލާތުގެ އަންހެނުންނަކަށް ލިބިފައެއް ނެތް. އަދި ދާދިފަހާ ޖެހެންދެންވެސް ޔޫރަޕުގެ ބައެއް ތަންތާނގައި ކަންތައް ހުރީ އެހެން. ޔޫރަޕުގެ ވަރަށް މަޝްހޫރު، ކުރިއަރައިފައިވާ ޤައުމެއްގައި އެތާނގެ ޤާނޫނުތައް ބުނާގޮތުން އަންހެނަކު މީހަކާ އިނދެފިނަމަ، އޭގެކުރިން އެ އަންހެންމީހާގެ މިލްކުގައި ކިތަންމެ އެއްޗެއް ހުރި ކަމުގައިވިޔަސް، މީހަކާ އިނުމުގެ ފަހުން އެއިން އެއްވެސް އެއްޗެއް ވިއްކައި ނުވަތަ މީހަކަށްދީ ނުވަތަ އެއްވެސްކަހަލަ ތަޞައްރުފެއް އެއާމެދަކު އެމީހަކަށް ނުހިންގޭނެ، އެމީހާގެ ފިރިމީހާގެ ހުއްދަ ލިޔުމަކުން ލިބިފައި ނެތް ކަމުގައި ވަންޏަކާ. އެ މިލްކަކީ އެ އަންހެންމީހާގެ މިލްކު ކަމުގައިވިޔަސް، އެ އަންހެންމީހާއަށް އެއާ ދޭތެރޭގައި އެއްވެސް ކަމެއް ކުރެވޭނީ ފިރިމީހާގެ ހުއްދަ ލިޔުމަކުން ލިބިގެން. އަދި އަންހެންމީހާގެ ޙައްޤު، އޭގެ މާނައަކީ އެމިލްކުވެރިކަމުގެ ޙައްޤަށްވެސް ވަރަށްބޮޑު އުނިކަމެއް، މިދެންނެވި ޤާނޫނުގައި ލިބިފައިއޮވޭ. އެއީ ޔޫރަޕުގެ ވަރަށް ކުރިއަރާފައިވާ ޤައުމެއް. ދާދިފަހާ ޖެހެންދެންވެސް އެ ޤާނޫނު އޮތީ އެހެން. އެ ޤާނޫނަށް މިހާރު އެތަކެއް ބަދަލުތައް ގެނެވިފައި އޮތް ކަމުގައިވިޔަސް، އެ ޤާނޫނުގެ ރޫޙު އަދިވެސް އޮންނަނީ އެކަހަލަ ގޮތަކަށް، މިހާތަނާ ޖެހެންދެން. ޔޫރަޕުގެ އަދި ހުޅަނގުގެ ބައެއް ޤައުމުތަކުގައި، އެއް މަޤާމެއް އަދާކުރާ، އެއް ވަޒީފާއެއްގައި ތިބޭ އަންހެނުންނާއި ފިރިހެނުންނާ ދެބައިމީހުންނަށް ލިބޭ މުސާރަވެސް ތަފާތު. ފިރިހެނުންނަށް ލިބޭ މުސާރަ ބޮޑު. އަންހެނުންނަށް ލިބޭ މުސާރަ ކުޑަ. އަދި މިނިވަންކަމާއި އިންސާނީ ޙައްޤުތަކާ، މިހުރިހާ ކަމަކީ ކިޔަވާކުދިންގެ ދާއިރާގައި ވަރަށް ބޮޑަށް ބަޙުޘް ކުރެވެމުންދާނެ ކަންތައްތައް. ޚާއްޞަކޮށް، ޔުނިވަރސިޓީގެ ކުދިންގެ ދާއިރާގައި. އެމީހުންނަކީ މުސްތަޤްބަލުގައި ކޮންމެ ޤައުމަކަށްވެސް ޚިދްމަތް ކުރާނޭ މީހުން ކަމަށްވާތީ، އަދި އެމީހުންގެ ކިޔެވުމުގެ ދާއިރާއަކީ އެކިކަންކަމާމެދު ޚިޔާލުކުރުމާއި ވިސްނުމާއި، ޚިޔާލުފާޅުކުރުމުގެ ދާއިރާ ކަމަށްވާތީ، އެކަން އޮތީ އެހެން ކަމުގައިވިޔަސް، 1964 ވަނަ އަހަރުގެ ކުރިން އިނގިރޭސިވިލާތުގެ މަޝްހޫރު ކޭމްބްރިޖް ޔުނިވަރސިޓީގައި ހުންނަ ކިޔަވާކުދިންގެ ޖަމްޢިއްޔާތަކުގައިވެސް އަންހެން ދަރިވަރުންނަށް، ޠާލިބާއިންނަށް ބައިވެރިވުމުގެ އިޚްތިޔާރެއްނޯވޭ. އެ އިޚްތިޔާރު އެމީހުންނަށް ލިބުނީ 1964 ވަނަ އަހަރު. އާދެ، އެއީ މީގެ ގާތްގަނޑަކަށް 16 ވަރަކަށް އަހަރު ކުރިން މިދަންނަވާލީ. އަޅުގަނޑުމެންނަށް އޮޅިފައިވުން އެކަށީގެންވާ ކަމެއް. އެއީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ހީވަނީ އަޅުގަނޑުމެންގެ ޘަޤާފަތުގައި ނުވަތަ އަޅުގަނޑުމެންގެ މާތްވެގެންވާ ދީނުގައި އަންހެނުންނަށް އެކަށީގެންވާ ދަރަޖައެއް ލިބިފައެއްނޯވެއޭ. އިސްލާމްދީނުގައި އަންހެނުންނަށް ލިބިދޭންވާ ފުރިހަމަ ޙައްޤުތަކެއް ލިބިފައެއްނޯވެއޭ.
 
މިކަހަލަ ހުރިހާ ޙައްގުތަކެއް ލިބިފައި އޮންނަނީ ހުޅަނގު އަންހެނުންނަށް ނުވަތަ ހުޅަނގުގެ ތަހުޒީބުގެ މަގުގައި ހިނގާ އެހެން ޤައުމުތަކުގައި ތިބޭ އަންހެނުންނަށޭ. އެކަމަކު މިދެންނެވި ތާރީޚީ ޙަޤީޤަތްތަކަށް ތިޔަ ހުރިހާ ބޭފުޅުން ވިސްނާވަޑައިގެންފިއްޔާ އެނގިވަޑައިގަންނަވާނެ، މިއީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކައެއްކަން. ޙަޤީޤަތުގައި މާތްވެގެންވާ އިސްލާމްދީން މިދުނިޔެއަށް މީގެ 14 ޤަރުނުގެ ކުރިން ފާޅުވީއްސުރެ އަންހެނުންނަށް އިސްލާމްދީނުގައި ދެއްވައިފައިވަނީ ވަރަށް މަތިވެރި މަޤާމެއް. އިސްލާމްދީނުގައި އަންހެނުންނަށް މިދެންނެވި ހުރިހާ ޙައްޤުތަކެއް ދެއްވައިފައިވޭ. ދެންމެ މި ޖަލްސާ ފެށުމުގެ ކުރިން އަޅުގަނޑުމެން އެހީމު، ކީރިތި ޤުރްއާނުގެ އާޔަތްތަކެއް. އޭގެތެރެއިން އެއް އާޔަތެއްގައި ވަޙީކުރައްވައިފައިވަނީ "وَمَن يَعْمَلْ مِنَ الصَّــٰـلِحَــٰتِ مِن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُوْلَـٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ نَقِيرًا." އާދެ، [ހެޔޮޢަމަލުކުރާ މީހުން، އެ ހެޔޮޢަމަލުކުރާ މީހުންނަކީ އަންހެނުން ކަމުގައިވިޔަސް، ފިރިހެނުން ކަމުގައިވިޔަސް، އެބައިމީހުން އެ ހެޔޮޢަމަލުކުރަނީ އީމާންކަންމަތީގައި ތިބެގެން ކަމަށްވާނަމަ، އެބައިމީހުން ސުވަރުގެ ވަންނާނޭ. އަދި އެބައިމީހުންނަށް އެއްވެސް ބާވަތެއްގެ ކިތަންމެ ކުޑަނަމަވެސް އަނިޔާއެއް ނުލިބޭނޭ. އެއްވެސްކަހަލަ ބޭއިންޞާފެއް އެބައިމީހުންނަކާ ކުރިމައްޗެއް ނުވާނޭ.] އަންހެނުންނާއި ފިރިހެނުންނަކާ އެއްވެސް ތަފާތެއްނެތް. ހަމައެފަދައިން ކީރިތި ޤުރްއާނުގައި މާތްﷲ ވަޙީކުރައްވާފައިވޭ. "مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَــٰوةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُواْ يَعْمَلُونَ." [ހެޔޮ ޢަމަލުކޮށްފި މީހާ، އެމީހާ އެއީ އަންހެނަކު ކަމުގައިވިޔަސް ނުވަތަ ފިރިހެނަކު ކަމުގައިވިޔަސް އެމީހާ ހެޔޮ ޢަމަލު އެކުރަނީ އީމާންކަންމަތީގައި ކަމަށްވާނަމަ، އެމީހަކަށް ތިމަންރަސްކަލާނގެ މިދުނިޔޭގައި ރަނގަޅަށް ދިރިއުޅުމުގެ ނަޞީބު ދެއްވާނަމޭ. އެމީހަކަށް ރަނގަޅު ދިރިއުޅުމެއް ތިމަންރަސްކަލާނގެ މިދުނިޔެމަތީގައި ފަހިކޮށްދެއްވާނަމޭ. އަދި އެބައިމީހުންނަށް އެބައިމީހުންގެ އުޖޫރަ ތިމަންރަސްކަލާނގެ ފުރިހަމައަށް ދެއްވާނަމޭ. އެބައިމީހުން އެކުރި ޢަމަލަށްވުރެވެސް ހެޔޮ އުޖޫރައެއް ދެއްވާނަމޭ.] އާދެ، ފަހުން މިދެންނެވި އާޔަތުގައި ކަނޑައެޅިގެން އަންގަވައިފައި އެވަނީ ދުނިޔޭގެ ކަންތައްތަކުގައި ހެޔޮޢަމަލުކުރާ މީހުން އެއީ އަންހެނުން ކަމުގައިވިޔަސް، ފިރިހެނުން ކަމުގައިވިޔަސް، އެމީހުންނަށް އޮތީ އެއް ޘަވާބެކޭ، އެއް ޖަޒާއެކޭ. އެއީ ރަނގަޅު ދިރިއުޅުމެއް އެމީހަކަށް މާތްﷲ ތަނަވަސްކޮށްދެއްވުން. ދުނިޔޭގައި އެއްވެސް ތަފާތުކުރުމެއްނެތޭ. ދެން ކުރިން އަޅުގަނޑު ދެންނެވި އާޔަތުގައި އެއަންގަވަނީ، އާޚިރަތުގައި އަންހެނުންނާއި ފިރިހެނުންނާ ދެމެދުގައި އެއްވެސް ކަހަލަ ތަފާތެއް ނެތްކަމަށް. ހެޔޮޢަމަލުކުރާ މީހުންނަށް ދެއްވާ ޖަޒާގައި އަންހެނުންނާއި ފިރިހެނުންނާ ހަމަހަމަވެގެންވާކަން.
 
އާދެ، ކީރިތި ޤުރްއާނުގައި އަންހެނުންނަށް ޚާއްޞަ ކުރައްވައިފައިވާ، ވަރަށްދިގު ސޫރަތެއް އޮވޭ. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، [سورة النِّساءއަންހެނުންގެ ނަމުން ނަން ދެއްވާފައިވާ ސޫރަތެއް. ފިރިހެނުންގެ ނަމުން ނަން ދެއްވާފައިވާ ސޫރަތެއް ނޯވޭ. މީގެއިތުރަށް ޤުރްއާނުގައި 10 ވަރަކަށް ސޫރަތުގައި ވަރަށްގިނަ އާޔަތްތައް އަންހެނުންނާ ބެހޭގޮތުން ވަޙީކުރައްވައިފައިވޭ. އަންހެނުންގެ ޙައްޤުތަކާއި، އަންހެނުންނާމެދު ކަންތައްތައް ކުރަންޖެހޭނެގޮތާއި، އަންހެނުންނާމެދު މުޢާމަލާތް ހިންގަންޖެހޭނެގޮތާއި، ކައިވެންޏާއި ވަރިޔާ، މިބާވަތުގެ ހުރިހާ ކަމެއް ވަރަށް ސާފުކޮށް، ވަރަށް މާތް އުޞޫލުތަކުގެ މަތިން ބަޔާންކުރައްވައިފައިވޭ. ހަމައެފަދައިން ކީރިތި ރަސޫލާ صـلّى الله علـيـه وسـلّم އަބަދުވެސް އިރުޝާދު ދެއްވާ، އިސްލާމްދީނުގައި އަންހެނުންނަށް ހުރިހާ އިންސާނީ ޙައްޤުތަކެއް ދެއްވާފައިވާކަން، އަންހެނުންނާއި ފިރިހެނުންނާ ދެބައިމީހުން ތަފާތުކުރައްވައިފައެއްނުވޭ، މިދެންނެވި ޙައްޤުތަކުގައި. މަދަނީ ޙައްޤުތައްވެސް ވަނީ އަންހެނުންނަށް ދެއްވައިފައި. އެއީ މަސައްކަތް ކުރުމުގެ ޙައްޤުވެސް އަންހެނުންނަށް އޮވޭ. ދިރިއުޅުމަށް މަސައްކަތް ކުރުމުގެ ޙައްޤު، އެ އިޚްތިޔާރު އަންހެނުންނަށް އޮވޭ. ހަމައެފަދައިން، އެއްޗެތި މިލްކުކުރުމުގެ ޙައްޤުވެސް އޮވޭ. ގެދޮރުވެސް އަންހެނުންނަށް މިލްކު ކުރެވިދާނެ. އަންހެނުންނަށް ވިޔަފާރިވެސް ކުރެވިދާނެ. ހަމަ އެމީހުންގެ އަމިއްލަ ކަމެއްގެ ގޮތުގައި. އަދި އެގޮތަށް މުދާހުރި އަންހެނަކު މީހަކާ އިންކަމުގައިވިޔަސް، އެމީހެއްގެ ޙައްޤަކަށް އެއްވެސްކަހަލަ އުނިކަމެއް ނާދޭ. އެ އަންހެންމީހާ ބޭނުންވެއްޖެ ހިނދެއްގައި އެ މުދަލުން ތަޞައްރުފެއް ކުރެވިދާނެ. މުޢާމަލާތު ކުރެވިދާނެ. ބޭނުންވެއްޖެ ހިނދެއްގައި އެއިން ބައެއް ވިއްކާލެވިދާނެ. މީހަކަށް ހިބައިން ދެވިދާނެ. ނުވަތަ އެނޫންވެސް އެކިއެކި މުޢާމަލާތް ހިންގިދާނެ.
 
އެހެންވީމާ، ކުރީގައި އަޅުގަނޑު ދެންނެވި، މަދަނިއްޔަތުތަކުގައި އަދި ދީންތަކުގައި ކަންތައްހުރިގޮތާ ވަރަށް ތަފާތު ގޮތަކަށް، މީގެ 14 ޤަރުނުގެ ކުރިންވެސް އިސްލާމްދީނުގައި ކަންތައްތައް ކަނޑައެޅިފައިވަނީ. ހަމައެފަދައިން، އަންހެނުންނަށް އިސްލާމްދީނުގައި ފުރިހަމަ ޝަޚުޞިއްޔަތު ދެއްވައިފައިވޭ. އަންހެނުންނަކީ އެއްވެސް ހާލެއްގައި އެހެން މީހަކަށް ތަބާވެގެން ހުންނަ، އެހެން މީހެއްގެ އަޅެއްގެ ގޮތުގައި ހުންނަ ނުވަތަ އެހެން މީހެއްގެ ނޯކިރީއެއްގެ ގޮތުގައި ހުންނަ މީހެއް ނޫން. އޭގެ އެންމެބޮޑު އެއް ދަލީލަކީ އަންހެނަކު މީހަކާ އިނަސް، އެމީހާގެ ނަމަށްވެސް ބަދަލެއްގެންނާކަށްވެސް ނުޖެހޭ. އެމީހާ އޭނާގެ އަމިއްލަ ނަމުން ނަން ބޭނުންކުރުމުގެ ފުރިހަމަ ޙައްޤާއި އިޚްތިޔާރު، އިސްލާމްދީނުގައި އެމީހާއަށް އޮވޭ. އެއްގޮތަކަށްވެސް ފިރިމީހާއަށް ނިސްބަތްވާކަށެއް ނުޖެހޭ. އެއީ އެމީހާގެ މިނިވަން މުސްތަޤިއްލު ޝަޚްޞިއްޔަތެއް އިސްލާމްދީނުގައި އޮންނަ ކަމުގެ ވަރުގަދަ ދަލީލެއް. ތަޢުލީމު ލިބުމުގައިވެސް އަންހެނުންނާއި ފިރިހެނުންނާ ދެމެދުގައި އެއްވެސް ތަފާތެއް ނެތް. ކީރިތި ރަސޫލާ އަންގަވައިފައިވަނީ، [طلب العلم فريضة على كلّ مسلم ومسلمة] [ޢިލްމު އުނގެނުމަކީ ކޮންމެ މުސްލިމް ފިރިހެނަކާއި ކޮންމެ މުސްލިމް އަންހެނެއްގެ މައްޗަށް އޮތް ވާޖިބެކޭ، ފަރުޟެކޭ.] އެކަމުގައިވެސް އެއްވެސް ތަފާތެއް ނެތް. އެހެންވީމާ ތަޢުލީމު ލިބުމުގެ ފުރްޞަތުވެސް ހަމަ ތަފާތެއް ނެތް. އެހެންވީމާ، ތަޢުލީމު ލިބުމުގެ ފުރްޞަތުވެސް ހަމަ ފިރިހެނުންނަށް ލިބޭ ފަދައިން، އަންހެނުންނަށްވެސް އިސްލާމްދީނުގައިވާ ގޮތަށް ލިބެންޖެހޭނެ. އޭގެ ބޭނުމަކީ އޭގެފަހުން ޤައުމަށް ޚިދްމަތް ކުރުން. އެމީހެއްގެ ޖަމާޢަތަށް ޚިދްމަތްކުރުން. އެހެންވީމާ، ތަޢުލީމު ލިބުމުގެ  ފުރްޞަތު އަންހެނުންނަށް ލިބިދޭންޖެހޭ ކަމަށްވަންޏާ، އޭގެފަހުން އެމީހަކަށް އެ ލިބޭ ތަޢުލީމެއްގެ ބޭނުންކުރުމުގެ ފުރްޞަތުވެސް އަންހެނުންނަށް ލިބިދޭންވާނެ.
 
އާދެ، އަޅުގަނޑުމެންގެ ތާރީޚުގައި، މިދެންނެވީ މާތްވެގެންވާ އިސްލާމްދީނުގެ ތާރީޚުގައި ވަރަށް މަޝްހޫރު އަންހެން ބޭފުޅުންތަކެއް ފާހަގަކުރެވޭ. އެންމެ ފުރަތަމަ އައްސައްޔިދާ ޢާއިޝާ. ކީރިތި ރަސޫލާގެ އަނބިކަނބަލުން. ޢާއިޝަތުގެފާނަކީ ވަރަށް މަޝްހޫރު ޢިލްމުވެރިއެއް. ޙަދީޘް ޢިލްމާއި ތަފްސީރު ޢިލްމު ވަރަށް މަތިވެރި ދަރަޖައަކަށް ދެނެވަޑައިގަންނަވާ ބޭފުޅެއް. އެހެންނުވާންވީ އެއްވެސް ސަބަބެއް ނެތް. އެއީ ޢާއިޝަތުގެފާނުގެ އުސްތާޛަކީ ކީރިތި ރަސޫލާ ކަމުގައިވާކަން. ކީރިތި ރަސޫލާ މިދުނިޔެ ދޫކުރައްވައި ވަޑައިގެންނެވި ފަހުން ޢާއިޝަތުގެފާނު އަޞްޙާބު ބޭކަލުންނަށް ކިޔަވައިދެއްވަމުން ގެންދެވި. އަދި ޙަދީޘް ޢިލްމާއި ތަފްސީރު ޢިލްމު ކިޔަވައިދެއްވުމުގެ ކްލާސްތަކެއްވެސް ހިންގެވި ކަމަށް ތާރީޚުން ސާބިތުވޭ. އޭގެއިތުރަށް އަޞްޙާބު ބޭކަލުންގެ ތެރެއިން 17 އަންހެން ޞަޙާބިއްޔާއިންވެސް، އެއީ ދީނުގެ ޢިލްމުވެރިން ކަމުގައި ފާހަގަކުރެވޭ ބޭފުޅުންކޮޅެއް. އެބޭފުޅުންވެސް އެހެން މީހުންނަށް ޢިލްމު އުނގަންނަވައިދެއްވާ، ދީނުގެ ޢިލްމު އުނގަންނަވައިދެއްވާ، ތަފްސީރު ޢިލްމާއި ޙަދީޘް ޢިލްމާއި ފިޤުހާއި އަދި މިހުރިހާ ބާވަތެއްގެ ޢިލްމުތައްވެސް ކިޔަވައިދެއްވަމުން ގެންދެވި. މިޞްރުގައި އައްސައްޔިދާ ނަފީސާ، އެއީ ޙަސަނުގެފާނަށް ނިސްބަތްވާ ބޭފުޅެއް. އޭނާވެސް ކިޔަވައިދެއްވުމުގެ ކްލާހެއް މިޞްރުގައި ހިންގެވި ކަމަށްވޭ. އަދި އަޅުގަނޑުމެން އެންމެން މި ނިސްބަތްވާ މަޛްހަބު ކަމުގައިވާ ޝާފިޢީ މަޛްހަބުގެ އިމާމް، އަލްއިމާމުއްޝާފިޢީ އެއީ މިދެންނެވި އައްސައްޔިދާ ނަފީސާގެ އަރިހުން ދަރިވަރުވެވަޑައިގެންނެވި ބޭފުޅެއް.
 
އެހެންވީމާ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އިސްލާމްދީނުގައި އަންހެނުންނަށް ދެވިފައިވާ މަޤާމު. މަޝްހޫރު އުސްތާޛާއިން އެކިއެކި ފަންނުގައި ޚާއްޞަކޮށް، ދީނުގެ ޢިލްމުތަކުގައި ވަރަށްގިނަ އަދަދަކަށް އިސްލާމީ ތާރީޚުގައި ފާހަގަކުރެވިފައިވޭ. އަބޫ ހައްޔާން ކިޔާ ވަރަށް މަޝްހޫރު ޙަދީޘް ޢިލްމުވެރިއެއް. އޭނާގެ އުސްތާޛުންގެ ތެރެއިންވެސް 3 އަންހެން ބޭފުޅުން އޭނާ ފާހަގަކުރައްވައިފައިވޭ. އެހެންވީމާ، މިދެންނެވި ވާހަކަތަކުން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، މާތްވެގެންވާ އިސްލާމްދީނުގައި އަންހެނުންނަށް އެއްވެސްކަހަލަ ބޭއިންޞާފެއް ނެތްކަން. އެއާ ޚިލާފަށް އަންހެނުންނަށް އެމީހުންގެ މަދަނީ ޙައްޤުތަކާއި އިންސާނީ ޙައްޤުތަކާއި އެހެންގޮސް މިހާރު މިޒަމާނުގައި އަޅުގަނޑުމެން މިކިޔާ ހުރިހާ ބާވަތެއްގެ ޙައްޤުތައް އިސްލާމްދީނުގައި ވަނީ އަންހެނުންނަށް ދެއްވައިފައި. ޙަޤީޤަތުގައި އެޙައްޤުތަކަކީ  މީގެކުރިން އެހެން އެއްވެސް ދީނެއްގައި އެހެން އެއްވެސް މަދަނިއްޔަތެއްގައި އަންހެނުންނަށް ލިބިފައިނުވާ ޙައްޤުތަކެއް. މާތްވެގެންވާ އިސްލާމްދީނުގައި އެހުރިހާ ޙައްޤެއް އަންހެނުންނަށް ވަނީ ދެއްވައިފައި. އެކަން އޮތީ އެހެންކަމަށްވުމާއެކު، އަދި އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވާތީ އަޅުގަނޑުމެންގެ މުޖްތަމަޢުގައި އަންހެނުންނާމެދު ތަފާތުކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. އެއީ އިސްލާމްދީނުގައި މިހުރިހާ ޙައްޤުތައް އަންހެނުންނަށް ދެއްވައިފައިވާތީ. އެ ޙައްޤުތަކެއް އަޅުގަނޑުމެންނަކަށް ނިގުޅައެއްނުގަނެވޭނެ.
 
އާދެ، ކަންއޮތީ އެހެން ކަމުގައިވިޔަސްވެސް މިދެންނެވީ ޝަރުޢީގޮތުންނާއި ޤާނޫނީގޮތުން އަންހެނުންނާއި ފިރިހެނުން އެއީ މިދެންނެވި ކަންތައްތަކުގައި ހަމަހަމަވެގެންވާ ބަޔަކު ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ވިސްނުން ހުންނަގޮތުންނާއި، އަޅުގަނޑުމެންގެ ޢަމަލުތައް ހުންނަގޮތުން ބައެއްފަހަރަށް އަންހެނުންނާމެދު ތަފާތު ގޮތްތަކެއް ގެންގުޅެވޭ. އެއީވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ ޙަޤީޤަތެއް. އެއީ އެކަން އޮންނަންވީ ގޮތެއް ނޫން. އެހެން ނަމަވެސް، އެތައް ޒަމާނަކުއްސުރެ ވާރުތަވަމުން އައިސްފައިވާ ޚިޔާލުތަކެއްވެސް އަޅުގަނޑުމެންގެ ތެރޭގައި ހުރުމާއި އަދި އަޅުގަނޑުމެންނަށް ކަންތައްތަކުގެ ފުރިހަމަ ޙަޤީޤަތް ރަނގަޅަށް ނޭނގޭތިއްޔާ، މިހުރިހާ ސަބަބުތަކަށްޓަކައި އަޅުގަނޑުމެންގެ މެދުގައި އަންހެނުންނާ ދޭތެރޭގައި ގެންގުޅެވޭ އިންޞާފުވެރި ނޫން ގޮތްތަކެއްވެސް ހުރޭ. އެކަންތައްތައް އަޅުގަނޑުމެން ވާނެ ރަނގަޅަށް ދެނެގަންނަން. އަދި އެކަންތައްތައް ރަނގަޅުކުރެވޭތޯ ބަލަންވާނެ. އަޅުގަނޑު މިދެންނެވީ ޚާއްޞަކޮށް، ފިރިހެނުން އެކަންކަމަށް ސަމާލުކަންދޭންޖެހޭނެ ވާހަކަ. އާދެ، އެއްވެސް މީހަކަށް ޝަރުޢުގައި އަދި ދީނުގައި ދެއްވައިފައިވާ ޙައްޤެއް ނަހަމަގޮތުގައި ބޭނުންކޮށްގެން ނުވާނެ. މިސާލަކަށް، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، މިލްކުވެރިކަމުގެ ޙައްޤު އެއީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއް. އަޅުގަނޑުމެންގެ ތެރެއިން މުދާވެރިޔަކު ނުވަތަ ގެދޮރު ހުންނަ މީހަކު އެމީހާ މަރުވުމުގެ ކުރިން އޭނާގެ އަނބިދަރިން ތިއްބައި، އެހެން މީސްމީހުންނަށް އޭނާގެ މުދާކޮޅު ބަހައިލައި، ގެދޮރު އެއްޗެތި ލިޔެދީ ހެދުމަކީ، އޭގެ އަޞްލަށް ވިސްނާއިރު އެމީހެއްގެ ޙައްޤު އެމީހެއްގެ އިޚްތިޔާރުގައިވާ ކަމެއް. އެއީ ކޮންމެ މީހަކަށްވެސް އޮންނާނެ، އެމީހެއްގެ މުދަލާމެދު އޭނާ ބޭނުންގޮތަކަށް ޢަމަލުކުރުމުގެ އިޚްތިޔާރު. އެކަން އޮތީ އެހެން ކަމުގައިވިޔަސް، އަނބިދަރިން ތިއްބައި، އެކަހަލަ ކަމެއް ކުރުމަކީ އިންޞާފުވެރި ކަމެއް ނޫން، އެކުދިންނަށް އޭގެފަހުން ލިބޭނެ ނިކަމެތިކަމުން. އެހެންވީމާ، މިބާވަތުގެ ކަންތައްތައް ތިމާއަށް ލިބިފައި އޮންނަ ޙައްޤެއްވެސް ނުވަތަ ތިމާއަށް ޤާނޫނީގޮތުން ނުވަތަ ޝަރުޢީގޮތުން ލިބިފައި އޮންނަ އިޚްތިޔާރެއްވެސް ބޭނުންކުރަންޖެހޭނީ އިންޞާފުވެރި ގޮތެއްގައި ދީނުގެއާއި އަދި ޤާނޫނުގެވެސް ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން.
 
މިދެންނެވި އުޞޫލުގެ މަތިން، ފިރިހެނުންނަށް ލިބިފައިވާ ބައެއް ޙައްޤު، އެމީހުން އެބަ ބޭނުންކުރަމުން ގެންދޭ ނަހަމަގޮތެއްގައި، އެމީހުންނަށް ދީނުގައި އެ ޙައްޤު ދެއްވައިފައިވާ ގޮތާ ޚިލާފަށް ނުވަތަ ދީނުގެ އުޞޫލުތަކާ ޚިލާފުވާގޮތަކަށް. މިސާލެއްގެ ގޮތުން، ދަންނަވާނަމަ ވަރިކުރުމުގެ ޙައްޤު. އިސްލާމްދީނުގައި ކަނޑައަޅުއްވައިފައިވާ ގޮތުން ވަރިކުރުމަކީ ހުއްދަ ކަންތައްތަކުގެ ތެރެއިން މާތްﷲ ގެ ޙަޟުރަތުގައި އެންމެ ނޭދެވޭ ކަންތައް. މާތްﷲ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ކަންތައް [أبغض الحلال إلى اللّـه الطلاق] މިއީ ކަނޑައެޅިގެން އޮންނަ ޙަދީޘެއް. އެހެންނަމަވެސް، މާބޮޑު ސަބަބަކާނުލައި، ބައެއް ފިރިން އެމީހުންގެ އަނބިން ވަރިކުރޭ. އެއީ އަޅުގަނޑު މިދެންނެވި އުޞޫލުގެ މަތިން، އެމީހުންނަށް ލިބިފައި އޮންނަ ޙައްޤެއް ނަހަމަގޮތުގައި ބޭނުންކުރަން.
 
އެހެންވީމާ، އަޅުގަނޑު އިލްތިމާސް ކުރަނީ ފިރިހެނުން މި ނުކުތާއަށް ސަމާލުކަންދީގެން، އެމީހުންނަށް ލިބިފައިވާ ޙައްޤެއްވެސް އެ އިންޞާފުވެރި ގޮތެއްގައި ބޭނުންކުރަން. އެއްވެސް ހާލެއްގައި ނުޙައްޤު ގޮތެއްގައި ނުވަތަ އަންހެނުންނަށް އެއިން ނިކަމެތިކަމެއް ލިބޭނެގޮތެއްގައި، އިހާނެތްތެރިކަމެއް ލިބޭނެގޮތެއްގައި އެ ޙައްޤުތައް ބޭނުންނުކުރުމަށް. އެއީ ކަނޑައެޅިގެން ދީނުގެ އުޞޫލާ ޚިލާފުވާތީ، ހަމައެކަނި ވަރިކުރުމެއް ނޫން. ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުންވެސް އޮންނަންޖެހޭނީ ދީނުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން. އަންހެނުންނަށް އޯގާވެރިވުމާއި، އަންހެނުންނަށް އިޙްސާންތެރިވުމާއި، އަންހެނުންނަށް ކަމޭހިތުމާ، މިހުރިހާ ކަމެއް މިއީ ދީނުގައި ކަނޑައެޅިގެން އަންގަވައިފައިވާ ކަންތައްތައް. ފިރިހެނުންގެ ޢަމަލުތައް ހުންނަންޖެހޭނީ އެގޮތަށް. އެހެންވީމާ، ދެމަފިރިންގެ ޙަޔާތުގައިވެސް ފިރިން އަނބިންނާމެދު ޢަމަލުކުރަންޖެހޭނީ މިދެންނެވި މާތް މަތިވެރި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން. އަދި ވަރިކުރުމުގެ ޙައްޤު ކަހަލަ ޝަރުޢީގޮތުން ފިރިންނަށް ލިބިފައިވާ ޙައްޤުވެސް، އެމީހުން ބޭނުންކުރަންޖެހޭނީ، އެ ޙައްޤު ބޭނުންކުރަން ދީނުގައި އަންގަވައިފައިވާ ގޮތެއްގެ މަތީން. ނަހަމަގޮތެއްގައި، އިންޞާފުވެރި ނޫންގޮތެއްގައި އެކަހަލަ ޙައްޤުތައް ބޭނުންކުރުމަކީ ވަރަށް ނޭދެވޭ ކަމެއް. އެއީ ޙަޤީޤަތުގައި ދީނުގެ އުޞޫލުތަކާ ޚިލާފުވެވެނީ ކަމަށް ނޫނީ ނުބެލެވޭ.
 
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ މަންދޫބާއިންނަށް އަދިވެސް އެއްފަހަރު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އަޅުގަނޑު އެދެނީ މި ޖަލްސާގެ ސަބަބުން ދިވެހިރާއްޖޭގެ އަންހެނުންގެ ތަރައްޤީއަށް އިތުރު ފައިދާތަކެއް ލިބުން. އެއްވެސް ޝައްކެއްނެތް، މިއަދު އަޅުގަނޑުމެން ވަނީ އަންހެނުންގެ ޚިދްމަތަށް ބޭނުންވެފައި، ހުރިހާ ދާއިރާއެއްގައިވެސް ޚާއްޞަކޮށް އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާގައި. އެއީ ކޮންމެ ޤައުމެއްގެވެސް ކުރިއެރުން ބިނާވެފައި އޮންނަނީ އެ ޤައުމެއްގެ އިޤްތިޞާދިއްޔަތުގެ މައްޗަށް. އަޅުގަނޑުމެންގެ އިޤްތިޞާދިއްޔަތުގައި އަންހެނުން މިހާރު އަދާކުރަމުންގެންދާ ދައުރަށްވުރެ ބޮޑު ދައުރެއް، ކުރިއަށް އޮތް ތާނގައި އަދާކޮށްގެން ނޫނީ އަޅުގަނޑުމެންގެ ޤައުމު އިޤްތިޞާދީ ގޮތުން ކުރިއަކަށްނުދާނެ. އަންހެނުންގެ އުފެއްދުންތެރިކަން، އަންހެނުންގެ މަސައްކަތްތެރިކަން، އަންހެނުންގެ ހީވާގިކަން، މިހުރިހާ ކަމެއް މިދެންނެވި އިޤްތިޞާދީ ދާއިރާގައި ބޭނުންވެފައިވޭ. އެހުރިހާ ކަމަކަށް ޤައުމު ބޭނުންވެފައިވޭ. އެހެންވީމާ މިޖަލްސާގައި ވާހަކަ ދައްކަވާއިރުވެސް، އެގޮތަށް އަންހެނުންގެ ޚިދްމަތްތައް ލިބޭނެގޮތަކާ ދޭތެރޭގައި ޚިޔާލު ކުރައްވައި، ގޮތްތަކެއް ހަމަޖެއްސެވުން އަޅުގަނޑު ހިތުން އެއީ ވަރަށް ބޭނުންތެރިކަމެއް. އެކަހަލަ ގޮތްތަކެއް ރޭވިގެން މި ޖަލްސާގެ ފުރިހަމަ ނަތީޖާ އަޅުގަނޑުމެންނަށް ފެންނާނީ.
 
ހަމައެއާއެކު، ދެންމެ އަންހެނުން ކުރިއަރުވާ ކޮމިޓީގެ ރައީސާ އެ ވިދާޅުވިފަދައިން، މި ޖަލްސާގެ އަނެއް ބޭނުމަކީ ބައިނަލްއަޤްވާމީ ގޮތުން ބޭއްވޭ ޖަލްސާއެއްގައި ދިވެހިރާއްޖޭގެ ފަރާތުންވެސް ބައިވެރިވުމަށް ހަމަޖެހިފައިވާތީ، އެ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ބޭއްވޭ ޖަލްސާއެއް މިއީ. އެހެންވީމާ، އެ ކަންތައް ގެންދަވާނޭ ގޮތަކާ ދޭތެރޭގައިވެސް ޚިޔާލު ކުރައްވައި ހެއްދެވުން އެއީ މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ވާޖިބަކަށްވާނެ. އަޅުގަނޑުމެން މިހާރު މިވޭތުކުރާ 10 އަހަރަކީ އ.ދ. މަޖިލީހުގައި ފާސްކުރި ފާސްކުރުމެއް ބުނާގޮތުގެ މަތިން އަންހެނުންގެ 10 އަހަރު. މި 10 އަހަރަކީ އަންހެނުންގެ ތަރައްޤީއަށާއި، އަންހެނުންގެ ކުރިއެރުމަށް ޔުނައިޓެޑް ނޭޝަންސްގެ ފަރާތުން ޚާއްޞަކޮށްފައިވާ 10 އަހަރު. މި 10 އަހަރުގެ ތެރޭގައި ކުރެވޭ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމެއް، މިދެންނެވި ބައިނަލްއަޤްވާމީ ޖަލްސާއަކީ. އެހެންވީމާ އަޅުގަނޑުމެންނަކީވެސް މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުން އަޅުގަނޑުމެންވެސް އެޖަލްސާގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައި. އެ ޖަލްސާގައި ބައިވެރިވެވޭނީ އޭގެކުރިން އަޅުގަނޑުމެން ޤައުމީ ފެންވަރުގައި މިކަހަލަ ޖަލްސާއެއް ބާއްވައި، އަޅުގަނޑުމެންގެ އަންހެނުންގެ ކަންތައްތައް ހުރިނެތްގޮތާމެދު ޚިޔާލުފާޅުކޮށް ބަޙުޘްކޮށް އަދި އަންހެނުންގެ ކަންތައްތައް ކުރިއެރުވޭނީ ކިހިނެއްތޯ ވިސްނައި ހަދައިގެން.
 
 އާދެ، އަޅުގަނޑު ކުރިންވެސް އިޝާރާތްކުރި ފަދައިން، ދިވެހި އަންހެނުންނަކީ މިކަމަށް ވަރަށް ލަޔާޤަތްތެރި ބައެއް. މިކަމުގެ ޝައުޤުވެރިކަންވެސް ހުރި ބައެއް. ޤައުމީ ރޫޙުވެސް ހުރި ބައެއް. ޤައުމީ ރޫޙުގެ ވާހަކަ އަޅުގަނޑު ކޮންމެހެން ދައްކާކަށްނުޖެހޭނެ. އެއީ އަޅުގަނޑުމެންގެ ތާރީޚުގައި ދިމާވި ކޮންމެ ކަމެއްގައިވެސް އަންހެނުން ކުޅެފައިވަނީ ވަރަށް މުހިންމު ބައެއް. ވަރަށްފަހުންވެސް އިނގިރޭސިން އެމީހުންގެ ނުފޫޒު ދިވެހިރާއްޖެއަށް ފަތުރަން އުޅުނު ދުވަސްވަރެއްގައި، މަޝްހޫރު އާތިންޓަން ޑޭވީގެ ދުވަސްވަރުގައި. އެދުވަސްވަރު އަޅުގަނޑު މާލޭގައި ނެތްކަމުގައިވިޔަސް، އެކަންތައްތައް އަޅުގަނޑަށްވެސް އޮތީ އެނގިފައި. އަންހެނުން ވަރަށް މުހިންމު ބައެއް އަދާކުރި. ސިޔާސީގޮތުންވެސް އަދި ޤައުމީ ގޮތުންވެސް. އަދި މިހާރުވެސް އަޅުގަނޑުމެންގެ އެކިއެކި މުހިންމު ކަންތައްތަކުގައި، ޤައުމީ ފެންވަރުގައި ކުރާ ކަންތައްތަކުގައި އަންހެނުން ވަރަށްބޮޑު ބައެއް ކުޅެމުން އެބަދޭ. ހުޅުލޭ އެއަރޕޯޓް ހެދި ހެދުމުގައިވެސް ވަރަށްގިނަ އަންހެނުން ބައިވެރިވޭ. އަންހެނުންގެ ޤައުމީ ރޫޙުގެ ސަބަބުން ވަރަށްމަތީ ދަރަޖައަކަށް އެކަންތައްތައް ކާމިޔާބުކޮށްފައިވޭ. އަދި މިދައުރުގައިވެސް އެކިއެކި އަވަށްއަވަށުގައި ޙަރަކާތްތައް ފެށިގެންދިޔައީ. އަދި މިހާރުވެސް އަވަށްއަވަށުގެ ޙަރަކާތްތަކުގައި އަންހެނުން ބައިވެރިވަނީ ވަރަށްމަތީ ދަރަޖައަކަށް. އަޅުގަނޑު ދަންނަވާނީ ހުރިހާ ކަމެއްގައިވެސް އެންމެ އަޑީގައި، އެ ޙަރަކާތްތަކުގެ އެންމެ އަޑީގައި ތިބެނީ އަންހެނުންނޭ.
 
އެހެންވީމާ، އަންހެނުން މި ދައުރުގައި އަދާކުރަންޖެހޭ ވާޖިބުތައް ވަރަށްވެސް ގިނަ. މަސްއޫލިއްޔަތުތައް އެހާބޮޑު. އަދި އަންހެނުންގެ މިދެންނެވި ހުރިހާ ވާޖިބުތަކެއް އަދާކުރުމުގެ މިދެންނެވި ހުރިހާ މަސްއޫލިއްޔަތުތަކެއް އުފުލުމުގެ ފުރިހަމަ  ކުޅަދާނަކަމާއި ލަޔާޤަތްތެރިކަމާއި އިޚްލާޞްތެރިކަން ލިބިފައިވާކަން އަޅުގަނޑަށް ރަނގަޅަށް އެނގޭ. އެހެންވީމާ ދައުލަތުގެ ފަރާތުންނާއި އަދި އަޅުގަނޑު އަމިއްލަ ފަރާތުންވެސް އެދެނީ މިޖަލްސާއަށް ފުރިހަމަ ކާމިޔާބީއެއް. މި ޖަލްސާގެ ސަބަބުން ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އަދި ދިވެހި އަންހެނުންގެ ތަރައްޤީއަށް ވަރަށްބޮޑު ބާރެއް ލިބޭނެކަމަށް އަޅުގަނޑު އުންމީދުކުރަން.

                   والسّلام عليكم ورحمـة اللّـه.