بســم اللّـه الرّحمـن الرّحيــم
         
السّــلام عليــكم
   
އަޅުގަނޑު މިއަދު މި ތެދުވީ، ރޭގައި އަޅުގަނޑަށް ދަންނަވައިނުލެވި އޮތް ވާހަކައެއް އޮތުމާއެކު، އެވާހަކަ ދަންނަވައިލުމަށްޓަކައި. ނަމަވެސް އޭގެކުރިން މިއަދު މިރަށުގެ ސްކޫލްތަކާއި މަކްތަބްތަކުގެ ކުދިންގެ ފަރާތުން މި ފެނިގެންދިޔަ ފުރިހަމަ އަދި ރީތި ކުޅިވަރުތަކަށްޓަކައި ވަރަށްބޮޑަށް އުފާކޮށް، އެ މަކްތަބްތަކަށާއި މަދަރުސާތަކަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ރައްދުކުރަން.
 
ޝައްކެއްނެތް، މަދަރުސާގެ ކުދިންގެ މެދުގައި މިކަހަލަ ކުޅިވަރުތައް އާލާކޮށް، އަޅުގަނޑުމެންގެ ޤައުމިއްޔަތާއި ޘަޤާފަތާ ގުޅޭ ކަންތައްތައް ދިރުވުމަކީ ތަޢުލީމަށް ލިބޭ ވަރަށްބޮޑު ބާރަކަށްވާނެ. އެހެންވުމާއެކު، މިރަށުގެ ސްކޫލްތަކާއި މަކްތަބުތަކުގެ މަސްއޫލުވެރިންނާއި ނާޒިރުން މިކަމަށް ދެއްވައިފައިވާ އަހަންމިއްޔަތު އަޅުގަނޑަށް ފެނިފައި ވަރަށްބޮޑަށް އުފާވެއްޖެ. އަދި އަޅުގަނޑަށް ފެންނަގޮތުގައި މިރަށުގެ ތަޢުލީމީ ކަންތައްތައް ވަރަށް އަވަހަށް ވަރަށް އެދެވޭ ގޮތެއްގައި ތަރައްޤީވަމުންދާނެ.
 
އާދެ، ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކަ ދަންނަވާލަން އެނބުރިލަން. އެއީ ތިނަދޫގެ ރައްޔިތުން އަޅުގަނޑު ހިތުން ވަރަށްބޮޑަށް އެކަމާބެހޭ މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެފައިވާ މައްސަލައެއް އެއީ. މިރަށުގައި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހިނގާފައިވާ ޙާދިޘާތަކާ ގުޅިގެން މިރަށުގެ ރައްޔިތުން ކޮށްފައިވާ ޝަކުވާތަކުގެ ވާހަކަ. މިރަށުގެ ރައްޔިތުންގެ ވަރަށް ޙައްޤު ޝަކުވާތަކެއް އެބައޮތް. އެ މައްސަލަތައް، ޤާނޫނީގޮތުން ހޮވިފައިވާ ރައްޔިތުންގެ މަޖިލީހުން ބައްލަވަމުން ގެންދަވާ. އަދި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ކޮމިޓީގެ މެމްބަރުން މިރަށަށް ވަޑައިގެން، މިރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވައި، އެކިއެކި މީސްމީހުންގެ ބަޔާންތައް ހޯއްދަވައި، އެ މައްސަލަ މިހާރުވަނީ ވަރަށްބޮޑަށް ތަޙުޤީޤު ކުރައްވައިފައި. އެބޭފުޅުން މިރަށަށް ވަޑައިގެން، އެ ތަޙުޤީޤުތައް ފުރިހަމަކުރެއްވުމަށްފަހު، ރިޕޯޓެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައި.
 
އެހެންވީމާ، އެކަމަކީ މިއަދު އަޅުގަނޑު އެއާ ދޭތެރޭގައި އެއްޗެއް ދަންނަވާލެވޭގޮތަށް އޮތް ކަމެއް ނޫން. އެއީ އެކަންވަނީ މިއަދު އެހެން ފަރާތެއްގެ ބެއްލެވުމުގެ ދަށުގައި. އެއީ ރައްޔިތުން ހޮވައިފައިވާ، ރައްޔިތުންގެ ވަކީލުން ކަމުގައިވާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން. މިހާރު އާ މަޖިލީހެއް މިއޮތީ ހޮވިފައި. އާ މަޖިލީހުގެ ފުރަތަމަ ދައުރުވެސް ފެށެން ވަރަށް ކައިރިވެއްޖެ. މިމަހު 20 ވަނަ ދުވަހު ފުރަތަމަ ދައުރު ފެށޭނެ. އަޅުގަނޑަށް ޔަޤީންކުރެވޭގޮތުގައި މި މައްސަލައަކީ ރައްޔިތުންގެ މަޖިލިސް މިދައުރުގައި އެންމެބޮޑު ސަމާލުކަމެއް ދެއްވާނެ އެއް މައްސަލަ. ވީމާ، އެ މައްސަލަ މިހާރުވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި. ޚާއްޞަ ކޮމިޓީގެ ރިޕޯޓު ވަނީ މަޖިލީހަށް ހުށަހެޅިފައި. ވީމާ، މަޖިލީހުން އެކަމާ ދޭތެރޭގައި ވިސްނަވައިފައި ގޮތެއް ނިންމަވާނެ. އަޅުގަނޑު ހިތުން އެގޮތަކީ މިރަށުގެ ރައްޔިތުންވެސް ވަރަށްބޮޑަށް ހިތްހަމަޖެހޭގޮތަކަށް ވާނެ.
 
އާދެ، މިވާހަކަ ދަންނަވާލުމާ ގުޅިގެން އަޅުގަނޑުމެން އެންމެން ހަނދާންކުރަންޖެހޭނެ، ވަރަށްބޮޑު ކަމެއް އެބައޮތް. އާދެ، އެކަމަކީ ޙައްޤާއި ބާޠިލާ ދެމެދުގައި އޮންނަ ހަނގުރާމަ. އެއީ ދުވަހަކުވެސް ނިމުމަކަށް އަންނާނެ ހަނގުރާމައެއް ނޫންކަން. ހެޔޮކަމާއި ނުބައިކަމާ ދޭތެރޭގައި އޮންނަ، ވާދަވެރިކަމާއި ހަމަނުޖެހުން އެއީ އަބަދުވެސް އޮންނާނެ ވާދަވެރި ކަމަކާއި ހަމަނުޖެހުން. އަޅުގަނޑުމެންނަށް މިހާރު ލިބިފައިމިވާ މިނިވަންކަމާއި، އަޅުގަނޑުމެންނަށް މިހާރު ލިބިފައިމިވާ ޙައްޤުތައް މިގޮތަށް ލިބިފައި އޮތުމުން، އެކަމާ ދޭތެރޭގައި ނުރުހުންތެރިވެ ތުންފިއްތާނެ ބަޔަކު ތިބޭނެކަން، އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން ދިވެހި ރައްޔިތުން މިއަދު މިތިބީ މިލިބުނު މިނިވަންކަން ދިފާޢުކުރުމަށް ތައްޔާރަށޭ. އަދި އަޅުގަނޑުމެންގެ ޙައްޤުތައް ދުވަހަކުވެސް އަޅުގަނޑުމެން އެންމެންނަށް އެހެންބަޔަކު އަތުލައިނުގަނެވޭނެ މިންވަރަށް އަޅުގަނޑުމެންގެ، ދިވެހި ރައްޔިތުންގެ ހޭލުންތެރިކަން މިވަގުތު ބޮޑޭ. އާދެ، އަޅުގަނޑު މިދެންނެވި ފަދައިން، އަޅުގަނޑުމެންނަށް މިލިބުނު މިނިވަންކަމަށާއި އަދި އަޅުގަނޑުމެންގެ ޤައުމިއްޔަތަށާއި، އަޅުގަނޑުމެންގެ ބަހަށް މިދެވޭ އަހަންމިއްޔަތުގެ ސަބަބުން އަދި އެއަށްވުރެވެސް ބޮޑަށް ދީނީ ކަންތައްތަކަށް އަޅުގަނޑުމެންގެ މެދުގައި މިވަގުތު ދެވިފައިވާ ޤަދަރާއި އިޙްތިރާމުގެ ސަބަބުން، މިކަމާ އިދިކޮޅު ހަދާނެ، ދީނުގެ ޢަދުއްވުން އަދި ދިވެހި ޤައުމިއްޔަތުގެ ޢަދުއްވުންވެސް ތިބޭނެ.
 
އެހެންވީމާ، މިއަދު އަޅުގަނޑުމެން އެންމެންގެ މައްޗަށް ވާޖިބުވެގެންވަނީ އެކަންކަމަށް ފިސާރި ރަނގަޅަށް ހޭލައި ތިބުން. އެއްވެސް ހާލެއްގައި އަޅުގަނޑުމެން ޣާފިލުވެގެން ނުތިބުން. އެއީ އެބާވަތުގެ ޝުޢޫރުތައް ހިތުގައި އުފެދިފައިވާ މީހުން، އެމީހުންގެ ޙަސަދަވެރިކަން އޮތްގޮތުން ކެހިވެރި ރޭވުންތަކެއް ރޭވުމަކީ އެކަށީގެންވާ ކަމެއް. މިއަދުގެ ދުނިޔެއަކީ އިއްޔެގެ ދުނިޔެއާ ވަރަށް ތަފާތު ދުނިޔެއެއް. ފައިސާގެ ބާރުގައި އެކި ކަންކަން އެކި ޤައުމުތަކުގައި ވަމުންދާތަން އަޅުގަނޑުމެންނަށް ފެނޭ. އެހެންވީމާ، އަޅުގަނޑުމެން މިއަދުގެ ދުނިޔޭގެ ކަންތައްތައް ހުރިނެތްގޮތަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ. އަޅުގަނޑުމެންގެ ދީނަށްޓަކައި އަދި އަޅުގަނޑުމެންގެ ޤައުމިއްޔަތަށްޓަކައި އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށްޓަކައި، އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާއި ފުރާނަތަކުން ޤުރްބާންވާން ތައްޔާރަށް ތިބެންޖެހޭނެ. އަނިޔާވެރިންނަކަށް އެއްއިރެއްގައިވެސް ކާމިޔާބެއް ނުލިބޭނެ. އެމީހުންނަށް އެއޮންނަ ވަގުތުކޮޅުގެ ބޭނުން އެމީހުން ކޮށްފާނެ. އެހެންނަމަވެސް އެކަމަކީ ވަރަށް ހިތާމަވެރި ނިމުމަކުން ނިމިގެންދާނެ ކަމެއް. މިއީ، ކީރިތި ޤުރްއާނުގައި މާތްﷲ ވަޙީކުރައްވައިފައިވާ އިލާހީ ނިޔާއެއް. [وَسَيَعْلَمُ الَّذِينَ ظَلَمُواْ أَيَّ مُنقَلَبٍ يَنقَلِبُونَ] "އަނިޔާވެރި މީސްތަކުންނަށް ފެންނާނޭހެން، އެމީހުން ކޮންފަދަ ނުބައި ފުރޮޅުމަކުންކަން ފުރޮޅިގެންދާނީ، ނުވަތަ ކޮންފަދަ ނުބައި ވެއްޓުމަކުންކަން ވެއްޓިގެންދާނީ."
 
އެހެންވީމާ، އެކަމާ ދޭތެރޭގައި އެއްވެސް ޝައްކެއްނެތް. އަބަދުވެސް ނަޞްރު ލިބޭނީ ޙައްޤަށް. އަބަދުވެސް ނަޞްރު ލިބޭނީ ހެޔޮކަމުގެ ފަރާތަށް. އަބަދުވެސް ނަޞްރު ލިބޭނީ ރައްޔިތުންނަށް. އާދެ، ކީރިތި ރަސޫލާ ޙަދީޘް ކުރައްވައިފައިވޭ، "عَيْنَانِ لَاتَمَسَّهَمَا النَّار عين بكت من خشية الله وعين باتت تحرس فى سبيل الله." މި ޙަދީޘްގެ މާނައަކީ، "ދެލޮލެއްވެއޭ އެ ދެލޮލަށް ނަރަކައިގެ އަލިފާން ނުބީހޭނެ. އޭގެތެރެއިން އެއްލޮލަކީ މާތްﷲގެ ރަސްކަންފުޅުދެކެ ބިރުވެތިވާ، ބިރުވެތިވުމުގެ ސަބަބުން ރޮއި ކަރުނަ އޮއްސާ ލޮލޭ. އަނެއް ލޮލަކީ މާތްﷲގެ މަގުގައި މާތްﷲގެ ދީން ދިފާޢުކުރުމަށްޓަކައި، ނުނިދައި ހޭލައި ހުންނަ ލޮލޭ." އާދެ، މިޙަދީޘްފުޅުގެ މުރާދަކީ މިދެބާވަތުގެ މީހުންނަށް މާތްﷲ ލައްވާނެ ނިޢުމަތް. އަދި މާތްﷲ މިންވަރުކުރައްވާނެ ރަޙްމަތް. އެ ދެބާވަތުގެ މީހުންނަކީ ދުވަހަކުވެސް އެމީހުންނަށް ހިތާމައެއް ދިމާނުވާނެ ބައެއްކަން އަދި އެމީހުންނަށް އާޚިރަތުގައި ފުރިހަމަ ނިޢުމަތާއި ޘަވާބު ލިބޭނެ ބައެއްކަން، މިޙަދީޘްގައި އަންގަވައިފައި އެވަނީ. އެއްބަޔަކީ މާތްﷲގެ ރަސްކަންފުޅުދެކެ ބިރުވެތިވާ މީހުން. އެމީހުން އެ ބިރުވެތިވާ ބިރުވެތިވުމުގެ ސަބަބުން އެމީހުންގެ ލޮލުން ކަރުނައޮހޭ މީހުން. ދެން އަނެއްބާވަތުގެ މީހުންނަކީ މާތްﷲގެ ދީނުގެ ދިފާޢުގައި ހޭލައި ތިބޭ މީހުން ފާރަޔަށް ތިބޭ މީހުން. އަތުވެދާނެ ކޮންމެ ނުރައްކަލަކަށް ބަލަބަލައި ތިބޭ މީހުން. ދީނާއި ޤައުމުގެ ދިފާޢުގައި ޤުރްބާންވާން ތައްޔާރަށް ތިބޭ މީހުން.
 
އާދެ، އެއީ އަޅުގަނޑު ދަންނަވާލަން ބޭނުން ވާހަކައަކީ، އަޅުގަނޑުމެން މިއަދު އަޅުގަނޑުމެންނަށް މި ލިބިފައިވާ ޙައްޤުތައް ލިބިފައި އޮތުމުން، އެކަމާ ނުރުހުންތެރިވެގެން ބަޔަކު މަސައްކަތްތަކެއް ކޮށްފާނެކަމަށް އަޅުގަނޑުމެން ހޭލައި ތިބެންޖެހޭނެއޭ. އެހެންނަމަވެސް، އެއިން އެއްވެސް މަސައްކަތަކީ ކާމިޔާބުވާނެ މަސައްކަތެއް ނޫން. އަބަދުވެސް އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ނަޞްރު ލިބޭނީ ޙައްޤަށް. ނަޞްރު ލިބޭނީ ހެޔޮކަމުގެ ފަރާތަށް. ނަޞްރު ލިބޭނީ ރައްޔިތުންނަށް. އަޅުގަނޑު އެދެނީ، މާތްﷲ އަޅުގަނޑުމެން އެންމެންގެ ހޭލުންތެރިކަން އިތުރުކުރެއްވުން. އަޅުގަނޑުމެން އެންމެންނަށް ކެތްތެރިކަމާއި ހަމަވިސްނުން ދެއްވުން. އަދި އަޅުގަނޑުމެންނަށް ދިމާވެދާނެ ކޮންމެ ކަމަކުން އަޅުގަނޑުމެން ސަލާމަތްކުރައްވައި، މާތްﷲގެ މާތް ދީނުގައި އަޅުގަނޑުމެންގެ ފައިތިލަތައް ސާބިތުކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން.
 
    والسّلام عليكم ورحمـة اللّـه