بســم اللّـه الرّحمـن الرّحيــم
              
الحمـد للّه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين،  سيّدنا محـمَّدٍ، وعلى آلـه وصحبـه أجمعـين.
 
އަޅުގަނޑު ތިޔަބޭފުޅުންނާއި މިރޭ ބައްދަލު ކުރަނަވޭލޭ، އެންމެ ފެރެތަން ގަސްތު ކެރަންނޫ ތިޔަބޭފުންނަގެ ބަހުން އެއްތެކެ ދަންނަވައިލުމަށް. ތިޔަބޭފުންނަގެ ބަހުން އެއްތެކެ ދަންނަވައިލުމައްކޫ އަޅުގަނޑަށް ލެބެނެ ވަރަށް ބޮނޑެ އުފަލެކެ. ދިވެހި ބަހައްކޫ ހަމައެކަނި މާލޭ މީހުން ވާހަކަ ދައްކަނެ ބަހެކެ ނޫން. ދިވެހިރާއްދޭގެ ކޮންމެ ރަޓަކު ބައެކެންނެ ވާހަކަ ދެއްކިއަސް އެބަހެކެ ވެންނާ ދިވެހިބަހަށް. އޭ ތެރެއިން ތިޔަބޭފުޅުންނަގެ ވާހަކަ ދެއްކުމަށްކޫ އާދެ، ހުވަދޫ ބަހައްކޫ ދިވެހިބަހުގެ ތެރެއިން ޚާއްޞަ ބައެކެ. އަޅުގަނޑުމެން މިބަހަށް އަސް ތަރުޙީބު ދެންނަން ޖެހެއެ.
 
އާދެ، މިރެޔަކީ ވަރަށް އުފާވެރި ރެއެއް. ކޮންމެފަހަރަކުވެސް އަޅުގަނޑު ތިނަދުއަށް އަންނަ ރޭ އެއީ އަޅުގަނޑަށް ވަރަށް ޚާއްޞަ ރެއެއް. މީގެކުރިން ދެފަހަރު އަޅުގަނޑު މިރަށަށް އަތުވެއްޖައިން. އެއްފަހަރު އައީ 1974 ވަނަ އަހަރުގެ ތެރޭގައި. އޭރުގެ ވަޒީރުލްއަޢުޡަމް ފޮނުއްވި ވަފުދެއްގެ މެމްބަރެއްގެ ގޮތުން. ދެވަނަފަހަރަށް އަޅުގަނޑަށް މިރަށަށް ޒިޔާރަތް ކުރެވުނީ މިދިޔަ އަހަރު ޖޫންމަހުގެ 26 ވަނަ ދުވަހު. އެއީ އަޅުގަނޑު އައްޑުއަތޮޅަށް ކުރި ޒިޔާރަތް ނިންމާފައި މާލެ ދިޔުމުގެ މަގުމަތީގައި، މިރަށަށް ޒިޔާރަތްކުރި ޒިޔާރަތް ކުރުމެއް. އެއީ އަޅުގަނޑު ރައީސްކަމާ ޙަވާލުވިފަހުން މިރަށަށް އައި އެންމެ ފުރަތަމަފަހަރަކީ. މިރޭ އަޅުގަނޑު މިއައީ ދެވަނަފަހަރަށް.
 
އާދެ، ކޮންމެއަކަސް ތިނަދޫގެ ރައްޔިތުންނާ ބައްދަލުކޮށް، އެންމެ ފުރަތަމަ، ކޮންމެފަހަރަކުވެސް ބުނަންޖެހޭ އެއްޗަކީ ވަރަށް އިޚްލާޞްތެރިކަމާއެކު މިރަށުގެ ރައްޔިތުންނަށް އަޅުގަނޑު ޝުކުރުވެރިވަމޭ. އެއްވެސް ޝައްކެއްނެތް، އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުގެ ތެރޭގައި ނުފެންނަފަދަ އުފާވެރި މަންޒަރުތަކެއް ތިނަދޫން އަޅުގަނޑަށް އަބަދުވެސް ފެންނަމުން އެބަދޭ. މިރަށުގެ ރައްޔިތުން އަޅުގަނޑަށް ބަހައްޓަވާ ޤަދަރާއި އިޙްތިރާމް އަދި މިރަށުގެ ރައްޔިތުންގެ ހިތްތަކުގައި ދިވެހި ސަރުކާރާމެދު އުފެދިފައިވާ އިޚްލާޞްތެރިކަން، އަޅުގަނޑަށް ވަރަށް ރަނގަޅަށް ފާހަގަކުރެވޭ. އަޅުގަނޑު މިރަށަށް މިއަދު އަންނަކަން މިރަށުގެ ރައްޔިތުންނަށް އެނގިލައްވައިގެން، އެކަމަށްޓަކައި ރަށް ތައްޔާރު ކުރައްވައިފައިވާލެއް ފުރިހަމަކަމުން އަޅުގަނޑަށް ޝުކުރު ދަންނަވާނެ ޢިބާރާތްތަކެއްވެސް ނޭނގެ.
 
އާދެ، މިރަށް ތައްޔާރުކުރެވިފައި މިވަނީ ވަރަށް ޚާއްޞަގޮތަކަށް. އަޅުގަނޑު ދާ ކޮންމެ ރަށެއްގެ ރައްޔިތުންވެސް ވަރަށް ރަނގަޅަށް ހުރިހާ ކަމެއްވެސް ތައްޔާރު ކުރައްވައި، ވަރަށް ރަނގަޅަށް ކަންތައްތައް އިންތިޒާމު ކުރައްވާ. އެހެން ނަމަވެސް ދަންނަވަންޖެހެނީ މިރަށް އަންނަނީ ވަރަށްމަތީ އެއްވަނައަކަށޭ. އާދެ، އަޅުގަނޑު މިހެން ދެންނެވުމުގެ ބޭނުމަކީ މިބާވަތުގެ ކަންތައްތައް ކުރެއްވުން އެއީ އަޅުގަނޑު އެދޭ ކަމެކޭ ދަންނަވަނީކީ ނޫން. އެއީ އަޅުގަނޑު ކިތަންމެފަހަރަކު މިހާރު ތަކުރާރުކޮށް ދަންނަވައިފައިވާ ފަދައިން، އަޅުގަނޑު އެދޭ ކަމެއް ނޫން. އަޅުގަނޑު ބޭނުން ކަމެއްވެސް ނޫން. އަޅުގަނޑު މިއަންނަނީ ހަމައެކަނި ރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލަން. ރަށުގެ ޙާލުއަޙުވާލު ދެކެލަން. އަދި މިރަށަށް ބޭނުންވާ އެކި ކަންކަން ހޯދައި، އެއިން އެއްވެސް ކަމެއްގައި ސަރުކާރުން އެހީއެއް ވެވެން އޮތްތޯ ބަލައި ހަދަން. އަދި ދައުލަތުގެ ހެޔޮއެދުންތަކާއި އިޚްލާޞްތެރިކަން ތިޔަ އެންމެ ބޭފުޅުންނަށާއި ބޭކަނބަލުންނަށް ރައްދުކުރަން. އެހެންވުމާއެކު އަޅުގަނޑު އަންނަ އައުމަށް ރަށުގެ ރައްޔިތުން އެއްވެސްކަހަލަ ބުރައެއް ނުވަތަ ތަކުލީފެއް އުފުއްލެވުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫން. ވަރަށްގިނަ ރަށްރަށުގެ ރައްޔިތުން މިގޮތަށް ތައްޔާރުތައް ކުރައްވާ. މިގޮތަށޭ ދެންނެވިޔަސް، މިފެންވަރަކަށް އެއްވެސް ރަށެއްގައި ތައްޔާރުކުރެވިފައެއް ނެތް. އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ މިކަމުން އަޅުގަނޑަށް އިޙްސާސް ކުރެވެނީ، މިރަށުގެ ރައްޔިތުން ދިވެހި ދައުލަތާމެދު ބަހައްޓަވާ އިޚްލާޞްތެރިކަމުގެ އަލިގަދަ ހެއްކެކޭ.
 
އެހެންވީމާ، އެގޮތުން އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ހިތުގެ އެންމެ އަޑިން ޝުކުރު ދަންނަވަން. މި ޝުކުރުގައި މިރަށުގެ އެންމެން އަޅުގަނޑު ބައިވެރިކުރަން. ބޮޑެތި މީހުންނާއި ކުޑަކުދިން، ފިރިހެނުންނާއި އަންހެނުން. ހަމައެފަދައިން ރަށުގެ ވެރިންނާއި ރައްޔިތުން. އަދި އަޅުގަނޑަށް ދޫކޮށްނުލެވޭފަދަ އުފަލެއް، މިއަތޮޅުގެ އަތޮޅުވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުން އެއީ. އާދެ، އަލްފާޟިލް އާދަމް ޙަލީމް މިރަށުގެ އަތޮޅުވެރިކަން ކުރައްވާތާ ދުވަސްކޮޅެއް ވެއްޖެ. އޭނާގެ ހިންގުންތެރިކަމާއި ޙަރަކާތްތެރިކަމާއި، އޭނާގެ އިޚްލާޞްތެރިކަން މިދަތުރުން އަޅުގަނޑަށް ވަރަށް ބޮޑަށް ފެނިއްޖެ. އާދަމް ޙަލީމަކީ މީގެކުރިންވެސް އަޅުގަނޑު ދަންނަ ބޭކަލެއް. އަޅުގަނޑު ރައްޓެހި ބޭކަލެއް. އަދި ވަރަށް ކުރީ ޒަމާނެއްގައި އަޅުގަނޑު މިދެންނެވީ، އަޅުގަނޑު ކުޑައިރު ސިލޯނުގެ ސޯސަންވިލާގައި ކިޔަވަން ހުރިއިރު އަޅުގަނޑަށް ވަރަށް އެހީތެރިކަންވެސް ބެހެއްޓެވި ބޭކަލެއް. އެހެންކަމާއެކު، އޭނާއަށް މިރޭ ޚާއްޞަ ޝުކުރެއް އަދާކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.
 
އާދެ، މިއަދު އަޅުގަނޑު ތިންވަނަފަހަރަށް ތިނަދުއަށް މިއައީ. މިއަދު ހަވީރު މިދަނޑުން އަޅުގަނޑަށް ފެނުނު މަންޒަރަކީ މިދަތުރުގައި އަޅުގަނޑަށް އަދި ނުފެންނަ ފަދަ އުފާވެރި މަންޒަރެއް. އެމަންޒަރަކީ މިރަށުގެ ތަފާތު މަކްތަބުތަކާއި މަދަރުސާތަކުގެ ކުދިންތައް، އެކުދިންގެ ޔުނިފޯމްތަކުގައި ނުހަނު ސާބިތުކަމާއި އުންމީދާއެކު މިދަނޑުގެ ވަށައިގެން ހިނގާލަމުންދިޔަ މަންޒަރު.
 
އާދެ، އެއްވެސް ޝައްކެއްނެތް، ކިޔަވާ ކުދިންނަކީ އަޅުގަނޑުމެންގެ މުސްތަޤްބަލްގެ އުންމީދު. އަޅުގަނޑުމެން މިހާރު މިދެކޭ ފިޔާތޮށި ހުވަފެންތަކުގެ އަޞްލަކީވެސް ހަމަ އެކުދިން. ދިވެހިރާއްޖޭގެ މުސްތަޤްބަލް އޮތީ އަޅުގަނޑުމެންގެ، ތަޢުލީމު ޙާޞިލްކުރާ ކުދިންގެ އަތްމަތީގައި. ރާއްޖެ ގޮވަގޮވައި އޮތީ ރާއްޖެއަށް ޚިދުމަތް ކުރާނެ ތެދުވެރި ހަރުދަނާ ދަރިންނަށް. ދީނަށް ޙުރްމަތްތެރިކޮށްހިތާ، ޤައުމިއްޔަތަށް ލޯބިކުރާ ދިވެހި ދަރިންނަށް. މިއަދު އަޅުގަނޑުމެން، ތަޢުލީމު ލިބޭ ކުދިން މުސްތަޤްބަލުގައި ވާނީ އަޅުގަނޑުމެންނަށް މިހާރު ޙާޞިލް މިކުރެވޭ އުންމީދުތައް ޙާޞިލްކޮށްދޭނެ ކުދިންކޮޅަކަށް. އެހެންވުމާއެކު، މިއަދު އަޅުގަނޑަށް މިފެނުނު މަންޒަރުން އަޅުގަނޑަށް ވަރަށްބޮޑު އަސަރެއްކުރި. އަޅުގަނޑަށް ވަރަށް ޚާއްޞަ އުފަލެއް އިޙްސާސްވި. އަޅުގަނޑަށް ޔަޤީންކުރެވުނު، އިރާދަކުރެއްވިއްޔާ މިރަށުގެ މުސްތަޤްބަލް އޮތީ ވަރަށް އަލިކޮށްކަން. އަދި ހަމައެފަދައިން، މިއަތޮޅާއި މުޅި ރާއްޖޭގެ މުސްތަޤްބަލްވެސް އިރާދަކުރެއްވިއްޔާ ވާނީ ވަރަށް އުޖާލާކޮށްކަން.
 
އާދެ، މިއަދު އެމަންޒަރު އަޅުގަނޑު ދުށްއިރު އަޅުގަނޑަށް އެހެން ޝުޢޫރެއްވެސް އިޙްސާސް ކުރެވުނު. އެއީ އަޅުގަނޑު ހިތަށްއެރި، މީގެ 18 އަހަރު ކުރިން އާދެ، 1962 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު މިރަށުގެ ރައްޔިތުން، މިރަށުގެ ނިކަމެތި ރައްޔިތުން ލޭކަރުނަ އޮއްސަމުން ރަށުން ފައިބަން ޖެހުނު ހިނދު، އެމީހުންގެ ތެރެއިން އެއްވެސް މީހަކު ހިތަށްއެރިބާއޭ، އޭގެފަހުން މިރަށަށް، އެމީހުންގެ ލޮބުވެތި ވަޠަނަށް އެނބުރި އާދެވޭނެއޭ. އަދި އައިސް މިރަށް އަލުން އާބާދުކޮށް މިރަށުގައި މަދަރުސާތަކާއި މަކްތަބްތައް ހުޅުވައި، މިރަށުގެ ކިޔަވާކުދިން އެހާ ފުރިހަމަގޮތެއްގައި އެހާބޮޑު އުންމީދާއެކު އެހާ ސާބިތުކަމާއެކު މިރަށުގެ މިބޯޅަދަނޑުގެ ވަށައިގެން ހިނގަމުންދާ މަންޒަރު އެއީ ފެންނާނެ މަންޒަރެއްބާއޭ. ކޮންމެއަކަސް، އެކަން އަޅުގަނޑު ހިތަށްއެރުމާއެކު، އަޅުގަނޑު ހިތަށްއެރީ މާތްﷲގެ ކުޅަދުންވަންތަކަން ބޮޑޭ. އިލާހީ ޙިކުމަތުގެ މަތިވެރިކަން ބޮޑޭ. އެއްވެސް މީހަކު ހީނުކުރާގޮތް މިއަދު މިއޮތީ ދިމާވެފައޭ. މިހިތާމަވެރި ހާދިސާތަކާ ކުރިމަތިލާންޖެހުނު ރައްޔިތުން މިއަދު މިތިބީ އެމީހުންގެ އަމިއްލަ ވަޠަނަށް އެނބުރި އައިހޭ. ނުލާހިކު ޢިއްޒަތާއި ނުލާހިކު އުފަލާއެކު އެމީހުންގެ ދަރިންނަށް ތަޢުލީމު ދެމުން، އެމީހުންގެ ދަރީންގެ ވާސިޠާއިން އެމީހުންގެ އުންމީދުތައް ޙާޞިލްކުރުމުގެ މަތިވެރި އުންމީދުގައޭ.
 
އާދެ، ކޮންމެއަކަސް މި ޝުޢޫރުތައް އަޅުގަނޑުގެ ހިތަށްވަނުމާއެކު، އަޅުގަނޑު ހިތަށްއެރީ މިރޭ މިވާހަކަ ތިޔަބޭފުޅުންނަށް ދަންނަވާލާނަމޭ. އެއީ އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤްބަލް ވަނީ އަޅުގަނޑުމެންގެ މިއަދުގެ ކުޑަކުދިންގެ އަތްމަތީގައި ކަމަށްވާތީ. މިއަދު އަޅުގަނޑުމެންނަށް އެކުދިންނަށް ތަޢުލީމު ދެވުނު މިންވަރަކުން، އެކުދިން ތަރުބިއްޔަތު ކުރެވުނު މިންވަރަކުން، އެކުދިންނަށް ޤައުމީ ލޯތްބާއި ދީނަށް ޙުރްމަތްތެރިކޮށް ހިތުމުގެ ޝުޢޫރު އެކުދިންގެ ހިތްތަކަށް އަޅުގަނޑުމެންނަށް ވައްދައިދެވުނު މިންވަރަކުން، އަޅުގަނޑުމެންގެ މުސްތަޤްބަލް އުޖާލާވާނީ. އަޅުގަނޑުމެންގެ ގައުމު ހުރިހާ ރޮނގަކުންވެސް ތަރައްޤީވަމުންދާނީ. އެއްވެސް ޝައްކެއްނެތް، ތަޢުލީމަކީ މިއަދު އަޅުގަނޑުމެން އެންމެ ބޮޑަށް އަހަންމިއްޔަތުދޭ ކަންތައް. ތިޔަބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، މިހާރުގެ ސަރުކާރުގެ ސިޔާސަތަކީ ރާއްޖެތެރޭގެ ތަޢުލީމަށް އިތުރު ރޫޙެއް ގެނެސްދިނުންކަން. އިތުރު ދިރުމެއް ގެނެސްދިނުންކަން. އާދެ، އިތުރު ދިރުމެކޭ ދެންނެވިޔަސް، އެއީ މުޅިން ތެދު ބަހަކަށްނުވާނެ. މީގެކުރިން ރާއްޖެތެރޭގައި ތަޢުލީމު އެއީ އެއްގޮތަކަށްވެސް އޮތް އެއްޗެއް ކަމަކަށް އަޅުގަނޑު ނުދެކެން. އެއީ ސަރުކާރުގެ ޚަރަދުގައި ހިނގާ އެއްވެސް ސްކޫލެއް މީގެކުރިން ރާއްޖެތެރެއަކު ނެތް. އެހެން އޮއްވައި މާތްﷲ އިރާދަކުރައްވައިގެން މިހާރު މިއޮތީ މުޅިން އެގޮތް ބަދަލުވެފައި. ދައުލަތުގެ ސިޔާސަތަކީ ރާއްޖެތެރެއަށް އަހަންމިއްޔަތުކަން ދިނުން. އޭގެތެރެއިން ވަރަށް ޚާއްޞަ ސަމާލުކަމެއް ރާއްޖެތެރޭގެ ތަޢުލީމަށް ޚާއްޞަ އަހަންމިއްޔަތެއް ދިނުން.
 
އާދެ، މިއަދު އަޅުގަނޑު ވަރަށް އުފަލާއެކު ދަންނަވަން، އަޅުގަނޑު ރައީސްކަމާ ޙަވާލުވިތާ އެއްއަހަރުވެސް ނުވަނީސް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ޚަރަދުގައި ހިނގާ ޕްރައިމަރީ ސްކޫލެއް ހުޅުވިފައިވާ ވާހަކަ. އާދެ، އަޅުގަނޑު އެކަމަށްޓަކައި ފަޚްރުވެރިވަން. އެއީ އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑަށް ކުރެވުނު ރަނގަޅު ކަމެއް. އެމީހަކަށް ކުރެވުނު ރަނގަޅު ކަމެއްގެ ވާހަކަ ދެއްކުމަކީ އެއްގޮތަކަށްވެސް، އަޅުގަނޑުވެސް ދަންނަން މާތް ސިފައެއް ނޫންކަން. އެހެންނަމަވެސް، އަޅުގަނޑުގެ ބޭނުމަކީ ކުރިން ކަންތައްވަމުންދިޔަގޮތާ މިހާރު އެކަންކަމަށް އައިސްފައިވާ ބަދަލު، މި ދެކަންތައް ތިޔަބޭފުޅުންނަށް ރަނގަޅަށް ހާމަކޮށްދިނުން. މިހާރު ދައުލަތުގެ ސިޔާސަތު ބަދަލުވެފައިވާ މިންވަރު ތިޔަބޭފުޅުންނަށް އިޙްސާސްކޮށްދިނުން. އެއީ އަޅުގަނޑުގެ މަޤްޞަދަކީ. ކޮންމެއަކަސް، މިހާރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ޚަރަދުގައި ހިނގާ ޕްރައިމަރީ ސްކޫލެއް އެބަހުރި. އޭގެއިތުރަށް ފަންސާހަކަށް އަމިއްލަ މަކްތަބަށް ނުވަތަ މަދަރުސާއަށް ސަރުކާރުން މިހާރު އެހީ ލިބޭ. ރާއްޖެތެރޭގެ ފަންސާހަކަށް މަކްތަބަށް ނުވަތަ މަދަރުސާއަށް. އެއީ މެދުކެނޑުމެއްނެތި 10 އަހަރު ވަންދެން ތަޢުލީމަށް ޚިދުމަތް ކޮށްފައިވާ ތަންތަން.
 
އެހެންވީމާ، މިހާރު ތިޔަ އެންމެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ސަރުކާރުގެ ސިޔާސަތު މުޅިން ބަދަލުވެއްޖެކަން. ކުރިން އޮތް، ރާއްޖެތެރެ އިހުމާލުކޮށްލުމުގެ ސިޔާސަތު މުޅިން ބަދަލުވެއްޖެކަން. ކުރިން އޮތް، ރާއްޖެތެރެ ހަނދާންނައްތާލުމުގެ ސިޔާސަތު މުޅިން ބަދަލުވެއްޖެކަން. މިހާރު އިރާދަކުރެއްވިއްޔާ ރާއްޖެތެރެއާއި މާލެއާ އެކުއެކުގައި ކުރިއަށް ގެންގޮސް ތަރައްޤީ ކުރުމުގެ ސިޔާސަތުކަން. އާދެ، ކޮންމެއަކަސް، މިރަށަކީ ވަރަށް ޚާއްޞަ ރަށެއް. އެއީ މީހުންގެ ޢަދަދަށް ބަލައިލާއިރުވެސް މިރަށަކީ ރާއްޖޭގައި އޮތް މީހުން އުޅޭ ރަށްރަށުގެ ތެރެއިން ވަރަށްގިނަ ޢަދަދަކަށް މީހުން އުޅޭ ރަށެއް. އަނެއްކާ ތާރީޚީގޮތުން މިރަށާ ދިމާވެފައި ހުރި ޙާދިޘާތަކަށް ވިސްނައިލިޔަސް، އަޅުގަނޑު މިދެންނެވީ ހަމަ ތެދު ޙަޤީޤަތެއް. އެއީ މިރަށަކީ ވަރަށް ޚާއްޞަ ރަށެއް. ހަމައެއާއެކު ދަންނަވަންޖެހެނީ ތަޢުލީމީ ގޮތުން ބަލާއިރުވެސް މިރަށަކީ ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ރަށެކޭ. މިރަށުގައި މިހާރުވެސް 6 މަދަރުސާ ހިނގަމުން އެބަދޭ. އެ 6 މަދަރުސާގައި 634 ކުދިން މިހާރު ކިޔަވަމުން އެބަގެންދޭ. އާދެ، މިދިޔަ އަހަރު އަޅުގަނޑު އައިއިރުވެސް 6 މަދަރުސާ ހުރި. އެހެންނަމަވެސް، އޭގެތެރެއިން އެއް މަދަރުސާ އުވިގެން ގޮސް، އޭގެ ބަދަލުގައި މިހާރު އެހެން ސްކޫލެއް ވަނީ ހުޅުވިފައި. ކުދިންގެ ޢަދަދަށް ބަލާއިރު، ކުޑަތަންކޮޅެއް މަދުވި. މިދިޔަ އަހަރު އަޅުގަނޑު އައިއިރު މިރަށުގެ ކިޔަވާ ކުދިންގެ ޢަދަދަކީ 685 މިއަހަރު 634 އެއީ ދެން ވެދާނެ ގޮތެއް. ކޮންމެވެސް ސަބަބުތަކަކަށްޓަކައި ބައެއް ކުދިން މަދަރުސާއިން ކެނޑުން އެއީ ދިމާވެދާނެ ކަމެއް. ކޮންމެއަކަސް މިއިން ދައްކައިދޭ އެއްޗަކީ، މިރަށުގެ ރައްޔިތުންނަކީ ތަޢުލީމަށް ވަރަށް ބޮޑަށް ލޯބިކުރާ ބައެކޭ. ތަޢުލީމަށް ޝައުޤުވެރިވާ ބައެއްކަން. އެމީހުންގެ އަމިއްލަ ދަރިންނަށް ތަޢުލީމު ދިނުމަކީ އެމީހުންގެ އެންމެ އިސް ވާޖިބު ކަމުގައި ދެކޭ ބައެއްކަން.
 
އެހެންވީމާ، އެ ނުކުތާއަށް މާގިނަ ވާހަކަތަކެއް މިރޭ ދައްކާކަށް އަޅުގަނޑު ގަސްދެއް ނުކުރަން. ހަމައެކަނި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިހާރު ތަޢުލީމާ ބެހޭގޮތުން ސަރުކާރުން ފަށައިގެން މިއުޅޭ އަސާސީ ތަޢުލީމުގެ މަޝްރޫޢަށް މިރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ ތަރުޙީބެއް ލިބޭނޭކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަމޭ. އާދެ، އެ މަޝްރޫޢަކީ ވަރަށް މުހިންމު މަޝްރޫޢެއް. ހިންގަން ހަމަޖެހިފައިވަނީ 6 އަހަރު ދުވަހުގެ ތެރޭގައި. އެއީ ކަމުގެ ބާވަތުންނާއި، ކުރަން ޖެހިފައިވާ މަސައްކަތްތަކުގެ ގިނަކަމުން. މި މަޝްރޫޢުގެ އެންމެ ފުރަތަމަ ބޭނުމަކީ، އަޅުގަނޑުމެންގެ ތެރެއިން ލިޔަންކިޔަން ނުދަންނަ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުން. މީގެކުރިން، މީގެ ވިއްސަކަށް އަހަރު ކުރިން، ފަންސަވީހަކަށް އަހަރު ކުރިން، ނުވަތަ ތިރީހަކަށް އަހަރު ކުރިން، އަޅުގަނޑުމެންނަށް ހީވެފައި އޮތީ ނުވަތަ އަޅުގަނޑުމެންނަށް އެނގިފައި އޮތީ ރާއްޖެތެރޭގައި ލިޔަންކިޔަން ނުދަންނަ އެއްވެސް ބަޔަކު ނޫޅޭކަމަށް. އޭރު އެއީ ތެދެއް. އެހެންނަމަވެސް، މިހާރު އެއީ ޙަޤީޤަތަކަށްނުވޭ. މިހާރު ހިތާމަޔާއެކު ދަންނަވަންޖެހެނީ ރާއްޖޭގައި ވަރަށްގިނަ ޢަދަދަކަށް ލިޔަންކިޔަން ނުދަންނަ މީހުން އެބަތިއްބޭ. އެހެން އެކަންވާންޖެހުނީ އެއްވެސް ޙާލެއްގައި ރައްޔިތުން ތަޢުލީމަށް ފަރުވާކުޑަކޮށްލައިގެނެއް ނޫން. އެކަން އެހެން ދިމާވީ، އޭރު އޮތް ސިޔާސަތެއްގެ ސަބަބުން. އޭރު ތަޢުލީމަށް އެއްވެސްކަހަލަ އަހަންމިއްޔަތެއް ނުދެވި އޮތުމުގެ ސަބަބުން މިކަން އެހެން ދިމާވެފައިވަނީ.
 
 އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މިހާރު މިއޮތީ ސިޔާސަތު ބަދަލުވެފައި. މިހާރު ބޭނުމީ އެންމެންނަށް ތަޢުލީމު ދޭން. ތަޢުލީމަކީ ހަމައެކަނި ވަކި ޢުމުރެއްގެ ބަޔަކަށް ޚާއްޞަ ކުރެވެންވީ އެއްޗެއް ނޫން. އެއީ ހަމައެކަނި ކުޑަކުދިންނަށް ދޭންވީ އެއްޗެއް ނޫން. ތަޢުލީމަކީ އެންމެންނަށްވެސް ލިބެންވާނެ އެއްޗެއް. އާދެ، އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ މޮޓޯގައިވާ ފަދައިން، "މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާނދެން ކިޔަވާށޭ." އެއީ އަސާސީ ތަޢުލީމުގެ މޮޓޯއަކީ. އެއީ އަޅުގަނޑުމެން ޢަމަލުކުރަންވީ ގޮތަކީވެސް. އެއީ ތަޢުލީމަކީ އެއާނުލައި އަޅުގަނޑުމެންނަށް އެއްވެސް ކަމެއް ކާމިޔާބު ނުކުރެވޭނެ އެއްޗަކަށްވާތީ. ކޮންމެ ކަމެއްވެސް ކާމިޔާބު ކުރެވޭނީ އެކަމާބެހޭ މަޢުލޫމާތު ފުރިހަމައަށް އަޅުގަނޑުމެންނަށް ލިބިގެން. މަސްވެރިކަމަށް ވިސްނިޔަސް، ދަނޑުވެރިކަމަށް ވިސްނިޔަސް، ވަޑާންކުރުމަށް ވިސްނިޔަސް، ނުވަތަ މިހެންގޮސް ދުނިޔޭގައި މީހުން ދިރިއުޅުމަށް ކުރާ ކޮންމެ ބާވަތެއްގެ މަސައްކަތަކަށް ވިސްނިޔަސް، އެއިން ކޮންމެ ކަމެއްވެސް ކާމިޔާބު ކުރެވޭނީ އެކަން ރަނގަޅަށް ދަސްކޮށްގެން. އެކަން ކުރަން އޮންނަ އުޞޫލާ އެއްގޮތަށް އެކަން ކުރާ ބަޔަކަށް.
 
މަސްވެރިކަމަށް ވިސްނަވައިބައްލަވާ! އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ މަސްވެރިކަން ކޮށްގެން ދިރިއުޅޭ ބައެއް. ރާއްޖެއަކީ ވަރަށް ކުރިއްސުރެ ރާއްޖޭގެ ވަށައިގެންވާ ކަނޑުން މަސް ބާނައިގެން ދިރިއުޅޭ ބައެއް. އެހެންނަމަވެސް އަޅުގަނޑުމެންނަށް މަސްވެރިކަމުގެ ރޮނގުން މާކުރިއަކަށް ދެވިފައެއް ނެތް. މާމަތީ ކާމިޔާބުތަކެއް ޙާޞިލްކުރެވިފައެއް ނެތް. ސަބަބަކީ ކޮބައިތޯ؟ ސަބަބަކީ އަޅުގަނޑުމެންނަށް އެކަން ކުރަން އޮންނަ އުޞޫލަށް އެކަން ކުރަން ނޭނގޭކަން. އެއީ އަޅުގަނޑުމެން މަސްވެރިކަން މިކުރަނީ ހަމައެކަނި އެހެން މީހުން ކުރާތަން ފެނިގެން ކާބަފައިންގެ ފަރާތުން ވާރުތަވެފައި އޮތް ގޮތަކަށް. އެކަމާ ދޭތެރޭގައި އިތުރު ހޯދުންތަކެއް ހޯދައިފައެއްނުވޭ، އަޅުގަނޑުމެންނެއް. މިޒަމާނުގެ ގޮތްތަކެއް އަޅުގަނޑުމެން މަސްވެރިކަމުގައި އަދި ބޭނުންކުރާކަށް ނުފަށަމު. އަޅުގަނޑުމެންގެ ކަނޑުތަކުގައި މަސްހުރިވަރެއްވެސް އަޅުގަނޑުމެންނަކަށް ނޭނގެ. ހުރި ދިމަދިމާއެއްވެސް ނޭނގެ. މިހެންގޮސް އެކަން އަޅުގަނޑުމެން އަދިވެސް މިކުރަނީ ވަރަށްކުރީ ޒަމާނެއްގައި މީހުން ކޮށްއުޅުނު ގޮތަކަށް. އެއާޚިލާފަށް ޖަޕާނުކަހަލަ، ކެނެޑާކަހަލަ، އިނގިރޭސިވިލާތް ކަހަލަ ތަނެއް ނަންގަވަބައްލަވާ! ޖަޕާނަކީ، މިހާރު މަސްވެރިކަމުގެ ގޮތުން ދުނިޔޭގެ ވަރަށްމަތީ ވަނައެއް ހޯދައިފައިވާ ބައެއް. ހަމައެފަދައިން، ކެނެޑާވެސް އަދި ރަޝާވެސް. އެތަންތާނގައި މަސްވެރިކަން އެއީ ކިޔަވައިދޭ އެއްޗެއް. އެކަން ކިޔަވައިދޭން އެބަހުރި ސްކޫލްތަކާއި މަދަރުސާތަކާއި، ޔުނިވަރސިޓީތައް. އެތަންތާނގައި މަސްވެރިކަމާބެހޭ ހުރިހާ ޢިލްމެއް، އެއީވެސް ބޮޑު ޢިލްމެއް، މަސްވެރިކަމާބެހޭ ހުރިހާ ޢިލްމުތަކެއް ކިޔަވައިދީގެން އެމީހުން އެ ނުކުންނަނީ، މަސްވެރިކަން ކުރަން. އެންމެމޮޅަށް އެކަން ކުރެވޭގޮތަށް. ސައިންޓިފިކް ގޮތަށް. މަސްހުރީ ކޮން ތަންތަނެއްގައިތޯ ހޯދައި، އެންމެ ގިނައިން މަސްބޭނޭނީ ނުވަތަ މަސްހިފޭނީ ކޮންކޮން ވަސީލަތްތަކެއް ބޭނުންކޮށްގެންތޯ ހޯދައި، އެހުރިހާ ކަމެއް ކޮށްގެން. އޭގެ އުޞޫލުތައް ރަނގަޅަށް ދަސްކޮށްގެން.
 
އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، އެއްވެސް ކަމެއް ކާމިޔާބުވެވޭނީ އެކަމެއް ދަސްކޮށްގެންނޭ. އެކަމެއް ކިޔަވައިގެންނޭ. ކޮންމެހެން ކިޔަވައިގެންނޭ އަޅުގަނޑު ދެންނެވިޔަސް، އޭގެ މުރާދަކީ، ސްކޫލަކަށް ގޮސްގެން ކިޔެވުމެއް ނޫން. އަޅުގަނޑުމެންގެ ތެރޭގައި އަދި މަސްވެރިކަން ދަސްކޮށްދޭ ސްކޫލްތަކެއް ނެތް. ނޫނީ އެހެނިހެންވެސް މަސައްކަތްތައް ދަސްކޮށްދޭ ސްކޫލްތަކެއް ނެތް. އަޅުގަނޑު މިދެންނެވި ބަހުގެ މާނައަކީ، ތަޢުލީމު އޭގެ އެންމެފުޅާ ދާއިރާގައި މިހުރިހާ ކަމެއް ޝާމިލުވެގެންދެއޭ. އެއީ އަޅުގަނޑުމެން ފޮތުން ދަސްކުރާ މަޢުލޫމާތުތަކާއި އަދި އަޅުގަނޑުމެންގެ ދިރިއުޅުމުން އަޅުގަނޑުމެންނަށް ލިބޭ މަޢުލޫމާތާއި ތަޖުރިބާ، އެއީވެސް ތަޢުލީމު. އެހެންވީމާ ތަޢުލީމަށް މުހިންމުކަން ދޭންވީ. ތަޢުލީމު އެއީ އިސްކަމެއް ކަމަށް ހަދަންވީ. މިރަށުގައި އެކަމަށް ވަރަށްބޮޑު މުހިންމުކަމެއް ދެއްވާފައިވާކަން، ރަށުގެ ހުރި މަދަރުސާތަކުގެ ޢަދަދުންވެސް އެނގޭ. ރަށުގައި ތިބި ކިޔަވާ ކުދިންގެ ޢަދަދުންވެސް އެނގޭ. އަދި އެކުދިން ތިބޭލެއް ފުރިހަމަކަމާއި ރީތިކަމާއި ސާފުކަމުންވެސް އެނގޭ. އަޅުގަނޑު ވަރަށް އުފާކުރިން، މިއަދު އަޅުގަނޑު ދުށް މަންޒަރުން. ކުރިންވެސް ދެންނެވި ފަދައިން، ވަރަށް ސާފު ރީތި ޔުނިފޯމުތަކެއްގައި އެކުދިން ތިބީ. އެއިން ދައްކައިދޭ އެއްޗަކީ މިރަށުގެ ރައްޔިތުން އާދެ، އެކުދިންގެ މައިންބަފައިން ތަޢުލީމަށް ދެއްވާ އަހަންމިއްޔަތުގެ ބޮޑުކަން. އެކުދިންގެ މައިންބަފައިންގެ ހިތުގައި ތަޢުލީމަށް ދެވިފައިވާ ޤަދަރުގެ ބޮޑުކަން.
 
އާދެ، ކޮންމެއަކަސް ދިވެހިރާއްޖޭގެ ކަންތައްތައް، ހުރިހާ ކަމެއްވެސް ކުރިއަށް ގެންދިޔުމަކީ، މިވަގުތު އަޅުގަނޑުގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް. ކުރިއަށް ގެންދިޔުމެއް ނޫން. ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރުން. އާދެ، އޭގެތެރޭގައި ރާއްޖޭގެ ހުރިހާ ކަމެއްވެސް ހިމެނޭ. ރާއްޖޭގެ ތަޢުލީމު އެއީ އެއްކަންތައް. ރާއްޖޭގެ އިޤްތިޞާދު އެއީ އެންމެ މުހިންމު އަނެއްބައި. ރާއްޖޭގެ ދަނޑުވެރިކަން ހަމަ އެހާމެ މުހިންމު އަނެއް މަސައްކަތް. މީސްތަކުންގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުން، އެއީވެސް އެއްގޮތަކަށްވެސް އިހުމާލުކޮށްލެވިގެންވާނެ ކަމެއް ނޫން. ރާއްޖޭގެ ވިޔަފާރި. މިހެންގޮސް ވަރަށްގިނަ ކަންތައްތައް ވަނީ އިޞްލާޙުކުރަން ބޭނުންވެފައި. ކުރިއަށް ގެންދަން ބޭނުންވެފައި. އެހުރިހާ ކަމެއް ކުރެވޭނީ ލަސްލަހުން. އެއީ އަޅުގަނޑުމެންނަކީ ވަރަށްކުޑަ ޤައުމަކަށްވާތީ. އަޅުގަނޑުމެންނަކީ މުއްސަނދި ޤައުމަކަށް ނުވާތީ. އަޅުގަނޑުމެންގެ ރާއްޖޭގައި ޤުދުރަތީ މުއްސަނދިކަން އެއްގޮތަކަށްވެސް ނެތުމުގެ ސަބަބުން. އެއްގޮތަކަށްވެސް ނެތުމޭ އަޅުގަނޑު މިދަންނަވަނީ މަސް، ނުވަތަ އަޅުގަނޑުމެންގެ ކަނޑުގައި މިހުރި މަސް އިސްތިސްނާކޮށްފައި. އޭގެއިތުރަށް ބައެއް އެހެން ޤައުމުތަކުގައި ހުންނަ ޤުދުރަތީ މުއްސަނދިކަމުން އަޅުގަނޑުމެން ވަނީ މަޙްރޫމްވެފައި. މިސާލަކަށް، ތެޔޮ ނުވަތަ އެކި ބާވަތްބާވަތުގެ އަގުހުރި މަޢުދަންތައް. މިކަހަލަ ތަކެތި އަޅުގަނޑުމެންގެ ރާއްޖޭގައި ނެތް. ނުވަތަ އަދި ފެނިފައެއް ނެތް. އެހެންވުމާއެކު، އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައި ވަނީ ވަރަށްދަތި މައްސަލަތަކަކާ. އަޅުގަނޑުމެންނަކަށް މިހާރު ތިބެވޭކަށެއް ނެތް، މަސައްކަތެއް ނުކޮށެއް. ކުރިއަށްދާން މަސައްކަތް ނުކޮށް ތިބުމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނޭ ކަމެއް ނޫން. އެހެންވީމާ، މިހުރިހާ ދަތިތައް މިހެން ހުރުމާއެކުވެސް ކުރިއަށް ދެވޭތޯ އަޅުގަނޑުމެން މަސައްކަތް މިކުރަނީ.
 
އާދެ، މަސައްކަތް ކުރުމުގައި ރާއްޖެ ތަރައްޤީ ކުރުމަށް ކުރާ މަސައްކަތުގެ އެންމެބޮޑު އެއްބައި، ޤައުމުގެ އިޤްތިޞާދު ތަރައްޤީ ކުރުން އެއީ. ޤައުމުގެ އިޤްތިޞާދު ތަރައްޤީވާނީ އެންމެންގެ އެއްބާރުލުމާއި އެންމެންގެ މަސައްކަތުން. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ދިރިއުޅުމަށް ކޮންމެވެސް މަސައްކަތެއް ކުރާ މީހެއް. އެ މަސައްކަތް ވެވުނު ވަރަކުން ރަނގަޅުކޮށްގެން، އެ މަސައްކަތް ވެވުނުވަރަކުން ފުރިހަމައަށްކޮށްގެން، އަޅުގަނޑުމެންގެ ދިރިއުޅުން މިހާރަށްވުރެ ތަނަވަސްވާނީ. މަސައްކަތް ކުރުމަކީ، ޝަރަފެއް ކަމުގައި ދެކިގެން. މަސައްކަތް ކުރުމަކީ، ވާޖިބެއް ކަމުގައި ދެކިގެން. މަސައްކަތް ކުރުމަކީ އިޖްތިމާޢީ ގޮތުންވެސް އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނޭ ކަމެއް ކަމަށް ދެކިގެން. މަސައްކަތް ކޮށްގެން އަޅުގަނޑުމެންނަށް ކުރިއަށް ދެވެން އޮތީ. ކުރެވެން އޮތް ކޮންމެ މަސައްކަތެއް ކުރުން އެންމެ ރަނގަޅު. ކޮންމެ ރަށެއްގައިވެސް ކުރެވޭނެ މަސައްކަތްތަކެއް ހުންނާނެ. މިރަށުގައިވެސް ކުރެވޭނެ މަސައްކަތްތަކެއް އެބަހުރި. މަސްވެރިކަމުގެ އިތުރަށް، ކުރެވޭނެ އެހެން ކަންތައްތައްވެސް ހުންނާނެ. އެހުރިހާ ކަމެއް ވީހާ ރަނގަޅަކަށް ކުރަމުން ގެންދިޔުމަކީ މިވަގުތު ޤައުމީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ވަރަށްބޮޑު މަސްއޫލިއްޔަތެއް. ޤައުމެއް ކުރިއަށްދާނީ އެ ޤައުމުގެ ރައްޔިތުން ޤައުމު ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރި މިންވަރަކުން. ތިޔަބޭފުޅުން އައްސަވާނެ، ރާއްޖެތެރެ ތަރައްޤީ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ މަޝްރޫޢުގެ ވާހަކަ. ވަރަށްމަތީ ޢަދަދަކަށް ޚަރަދުކުރަން ހަމަޖެހިފައިވާ މަޝްރޫޢެއް އެއީ. އެއްކުރޯޑު ސާޅީސް ލައްކަ ރުފިޔާ. އެއީ އަޅުގަނޑުމެން ކަހަލަ ކުޑަ ޤައުމެއްގެ ނިސްބަތުގައި ކުޑަ ޢަދަދެއް ނޫން. އެއީ ވަރަށްބޮޑު ޢަދަދެއް.
 
އާދެ، އަޅުގަނޑު ދާ ކޮންމެ ރަށެއްގެ ރައްޔިތުންނާވެސް ބައްދަލުކޮށް ވާހަކަ ދައްކާއިރު، އަޅުގަނޑު ބުނަން، ސަރުކާރުން މަޝްރޫޢެއް ރޭވިދާނެއޭ، ސަރުކާރުން ފައިސާތަކެއް ޚަރަދުކުރެވިދާނެއޭ. އެހެންނަމަވެސް، އެކަމަކުން ލިބެންވާ އެންމެ ފުރިހަމަ ނަތީޖާ ލިބޭނީ، ރައްޔިތުންގެ އެއްބާރުލުމާއި، ރައްޔިތުންގެ ތަރުޙީބު ލިބިގެންނޭ. މިސާލަކަށް، އަޅުގަނޑު ކުރިންވެސް ދެންނެވި އަސާސީ ތަޢުލީމުގެ މަޝްރޫޢު ނަގަމާ ހިންގަވާ! ސަރުކާރުން އެމަޝްރޫޢު ރާވައިގެން މުޤައްރަރު ފޮތްތައް ޗާޕުކޮށްގެން ރަށްރަށަށް ބަހައި އަދި އެއްދުވަހެއްގެ އެއް ވަގުތެއްގައި މުޅި ރާއްޖޭގައި އެމަޝްރޫޢު ފެށުމަށް އިރުޝާދުދީ ހަދައިފައިވޭ. އެކަން ސަރުކާރުން ކުރި ކަމުގައިވިޔަސް، އެ ގަޑިއަށް، ކިޔަވާމީހުން ކިޔަވާ ކްލާސްތަކަށް ނާންނަކަމަށްވަންޏާ، ދެން ކުރާނީ ކޮން ފައިދާއެއްތޯ؟ ލިބޭނީ ކޮން ނަތީޖާއެއްތޯ؟ އެއްވެސް ނަތީޖާއެއް ނުލިބޭނެ. އެހެންވީމާ، ސަރުކާރުން އެ ރާވާ ކަންތައް ރާވާގޮތަށް ރައްޔިތުން ޢަމަލުކޮށްގެން، އެދެވޭ ނަތީޖާއެއް ލިބޭނީ. އަސާސީ ތަޢުލީމުގެ ބޭނުން އަޅުގަނޑު ކުރިންވެސް ދެންނެވިން. އަޅުގަނޑުމެން ލިޔަންކިޔަން ދަސްކުރުން. އޭގެއިތުރަށް ދީނާބެހޭ މުހިންމު މަޢުލޫމާތު. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން. އަޅުގަނޑުމެންނަށް އެނގެންޖެހޭނެ، ދީނުގައި އަންގަވައިފައިވަނީ ކޮންކޮން ކަންކަމެއްތޯ. ދީނުގައި ނަހީކުރައްވައިފައިވަނީ ކޮންކޮން ކަންތައްތަކެއްތޯ. އަޅުގަނޑުމެން އުޅެންވީ ކޮންގޮތަކަށްތޯ. އަޅުގަނޑުމެން ޙުރްމަތްތެރިކޮށްހިތަންވީ ކޮން އުޞޫލުތަކަކަށްތޯ. މިހުރިހާ އެއްޗެއް އަޅުގަނޑުމެންނަށް އެނގިގެން، ދީނުގައި އަންގަވާފައިވާ ގޮތަށް އުޅެވޭނީ. އެތަކެތި ނޭނގި އެއްގޮތަކަށްވެސް އަޅުގަނޑުމެންނަކަށް، އަންގަވައިފައިވާ ގޮތަކަށް ނޫޅެވޭނެ. އެހެންވީމާ، ދީނާ ބެހޭގޮތުން އަޅުގަނޑުމެން ކޮންމެހެން ދަންނަންޖެހޭ މަޢުލޫމާތު ދަސްކޮށްދިނުން އެއީ އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ވަރަށް މުހިންމު ބައެއް.
 
ދެން ހިސާބު. ހިސާބަކީ އަޅުގަނޑުމެންގެ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ އެއްޗެއް. ކޮންމެ މީހަކުވެސް ކޮންމެވެސް މިންވަރަކަށް ހިސާބު ދަންނަންޖެހޭ. އެންމެކުޑަމިނުގައި އެއްކޮށް، ކަނޑައި، ގުނަކޮށް، ގެއްލަން އެނގެންވާނެ. އެއީ އޭނާއަށް ކުރިމަތިވާ އެކިއެކި ތަފާތު މައްސަލަތައް އަމިއްލައަށް ހަމަޖައްސާލެވޭނީ އެފެންވަރަށް ހިސާބު އެނގިގެން ކަމަށްވާތީ. އޭގެއިތުރަށް ޞިއްޙީގޮތުންވެސް އަޅުގަނޑުމެން ދަންނަންޖެހޭ ވަރަށްގިނަ މަޢުލޫމާތުތަކެއްވޭ. މިސާލަކަށް، ބަލިޖެހެނީ ކީއްވެގެންކަން. ބަލިޖެހޭވެސް ސަބަބުތަކެއް ހުރޭ. އެ ސަބަބުތަކަކީ ކޮބައިކަން، އަޅުގަނޑުމެންނަށް އެނގެންޖެހޭނެ. އޭރުން އެބަލިތަކުން އަޅުގަނޑުމެންނަށް ދިފާޢުވެވޭނީ. އެބަލިތަކުން ރައްކާތެރިވެވޭނީ. އަދި ބަލިވެއްޖިއްޔާ ދެން ހަދަންވީ ކިހިނެއްކަންވެސް އަޅުގަނޑުމެންނަށް އެނގެންޖެހޭނެ. ރާއްޖޭގައި ލިބެންހުރި ތަކެތީގެ ތެރެއިން، ޞިއްޙަތަށް ފައިދާހުރީ ކޮންކޮން ތަކެއްޗެއްތޯ އެއީވެސް އަޅުގަނޑުމެން ދަންނަންޖެހޭނެ ކަމެއް. ހަމައެފަދައިން، ރާއްޖެއާބެހޭ މަޢުލޫމާތު. ދިވެހިރާއްޖެ އެއީ ކޮންތަނެއްގައި އޮންނަ ޤައުމެއްތޯ، އަދި ދިވެހިރާއްޖޭގެ ތާރީޚާ ދޭތެރޭގައިވެސް އަޅުގަނޑުމެން ދަންނަންޖެހޭ ކަންތައްތަކެއް ހުންނާނެ. މިގޮތުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ދަތުން ލާޒިމު ކަންތައްތައް ދަސްކޮށްދިނުން އެއީ އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ބޭނުމަކީ. އޭގެއިތުރުންވެސް އަޅުގަނޑުމެން ޖަމާޢަތުގައި އުޅޭއިރު އުޅެންވީގޮތް، އެކަކު އަނެކަކާ ބަހައްޓަންވީ ގުޅުން އެއީވެސް އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ދަށުން ދަސްކޮށްދޭނެ ކަމެއް. މިހުރިހާ ކަމެއް އެނގިގެން އަޅުގަނޑުމެންނަށް ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނީ. އެހެންވީމާ، މި މަޝްރޫޢު މިއީ އެހާ މުހިންމު މަޝްރޫޢެކޭ އަޅުގަނޑު މިދަންނަވަނީ.
 
ދެން އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އެމަޝްރޫޢުވެސް ކާމިޔާބުވާނީ ރައްޔިތުންގެ ތާއީދާއި ތަރުޙީބު ލިބިގެން. މިހާރު އަޅުގަނޑުމެންގެ ތެރޭގައި މިއުޅޭ މީހުންގެ ތެރެއިން، އަޅުގަނޑު މިދެންނެވި ފެންވަރަށް ތަކެތި ނުދަންނަ މީހުންނަށް ލިބިފައިވާ ރަނުގެ ފުރްޞަތެއް، މިހާރު ލިބިފައި މިއޮތީ. އެ ފުރްޞަތުގެ ބޭނުން ފުރިހަމައަށް ކުރައްވައިފިނަމަ، ވަރަށްމަތީ ނަތީޖާތަކެއް ޙާޞިލްކުރެއްވޭނެ. އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް އެމީހުންގެ ޅައިރުގެ ދުވަސްވަރު ތަޢުލީމު ޙާޞިލްކުރުމުގެ ފުރްޞަތު ލިބިފައެއްނުވޭ. އެފުރްޞަތު އޭރު އެއޮތީ ފާއިތުވެފައި. އެހެންނަމަވެސް، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ތަޢުލީމު އުނގެނުމަކީ ވަކި ޢުމުރަކަށް ޚާއްޞަވެފައިވާ ކަމެއް ނޫން. އެއީ ކުޑަކުދިންވެސް، ބޮޑެތި މީހުންނަށްވެސް ކުރެވިދާނެ ކަމެއް. އަދި މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ކުރެވިދާނެ ކަމެއް. އެހެންވީމާ، މިއަދު އަދި އަޅުގަނޑުމެން މިތިބީ ދުނިޔޭގައި ކަމަށްވާތީ އަޅުގަނޑުމެންނަށް ކުރިން އެ ގެއްލުނު ފުރްޞަތު އަނބުރާ ލިބުމުން، އެ ފުރްޞަތުގެ ބޭނުންކުރެވިދާނެ. އެއްވެސް މީހަކު ތަންކޮޅެއް ޢުމުރުން ދުވަސްވެފައި ހުރުމުގެ ސަބަބުން ކިޔަވަންދާކަށް ލަދުގަންނާނެ ކަމެއްނެތް. އެއީ ލަދުގަންނަންޖެހޭ ކަމެއް ނޫން. ކިޔެވުމަކީ ޝަރަފެއް. އެއީ ވަރަށް މާތް ކަމެއް. ވަރަށް އަގުހުރި ކަމެއް. އެއީ އެގޮތުގައި ދެކިގެން ހިނގައްޖެނަމަ، އެމީހަކަށް ވަރަށް ފައިދާކުރާނެ ކަމެއް.
 
އާދެ، އަޅުގަނޑު މީގެކުރިންވެސް މިރަށަށް އައިފަހަރުވެސް ދަންނަވާލިން، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ ގުޅުމާ ދޭތެރޭގައި. ދީނުގައި ކަނޑައަޅުއްވައިފައިވާ ގޮތަށް އަދި ޤައުމީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އަޅުގަނޑުމެން ޢަމަލުކުރަންވީގޮތް. އެއީ އަޅުގަނޑުމެންނަކީ އަޚުންތަކެއް ކަމުގައިވެގެން، އެއްބަނޑުއެއްބަފާ ބައެއް ކަމުގައިވެގެން، އެގޮތުގެ މަތިން ޢަމަލުކުރަމުން ގެންދަންވީ. މިއީ އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ވަންހަނާވެގެންވާނޭ ކަމެއްނޫން. އެއީ އަޅުގަނޑުމެން އެންމެންނަކީ މުސްލިމުން. މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން. އިސްލާމްދީނުގައި އަންގަވައިފައިވަނީ، "އެންމެހައި މުއުމިނުންނަކީ އަޚުންނޭ." "ކޮންމެ މުސްލިމަކުވެސް ތިމާގެ އަމިއްލަ ހެވަށް އެދޭ ފަދައިން، އެހެން މުސްލިމުންގެ ހެވަށް އެދެންވާނެއޭ." "ކޮންމެ މުސްލިމަކުވެސް ތިމާގެ އަމިއްލަ ޙައްޤުތަކަށް ރައްކާތެރިވާ ފަދައިން، އެހެން މުސްލިމުންގެ ޙައްޤުތަކަށްވެސް ރައްކާތެރިވާންވާނެއޭ." "އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ އުޚުއްވަތްތެރިކަމުގެ ގުޅުމޭ." މިއީ އިސްލާމްދީނުގެ އުޞޫލުތައް. އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ އެހީތެރިކަން، އެއްބަނޑުއެއްބަފާކަން، ލޯބި، އެކަކު އަނެކަކަށް އޯގާތެރިވުން. އެއްވެސްކަހަލަ ހަމަނުޖެހުމެއް އަޅުގަނޑުމެންގެ މެދުގައި އޮންނަންވީ އެއްވެސް ސަބަބެއް ނެތް. އެހެން މިދެންނެވީ ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައި ދެކޮޅުވެރިކަން އުފެދެނީ، ނުވަތަ ފިތުނަވެރިކަން އުފެދެނީ، ހަމަނުޖެހުން އުފެދެނީ، ސަބަބުތަކެއް ހުރެގެން.
 
 މިސާލަކަށް، އެއްޤައުމެއްގައި ތިބެދާނެ، ތަފާތު ދީން ދީނުގެ އަހުލުވެރިން. އެއްބައިމީހުންނަކީ ވެދާނެ ކްރިސްޓިއަނުން ކަމަށް. އަނެއްބައި މީހުން ވެދާނެ ޔަހޫދީން ކަމަށް. އަނެއްބައި މީހުން ވެދާނެ ބުދުދީނުގެ މީހުން ކަމަށް. އެހެންވީމާ، އެމީސްމީހުންގެ މެދުގައި ހަމަނުޖެހުން އުފެދުމަކީ ވަރަށް ކައިރީގައި އޮންނާނެ ކަމެއް. ހަމައެފަދައިން، ހަމަ އެއް ޤައުމެއްގެ އަހުލުވެރިން ތަފާތު ބަސްތަކަކުން ވާހަކަދައްކާ ތަނެއްވެސް އޮވެދާނެ. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގެ ތެރޭގައިވެސް މިކަހަލަ ކިތަންމެ ޤައުމެއް އެބަހުރި. އެކިމީސްމީހުން އެކިބަހުން ވާހަކަ ދައްކަނީ. އެހެންވީމާ، އެގޮތުންވެސް ޚިލާފު އުފެދޭ ސަބަބުތަކެއް އެބަހުރި. އަޅުގަނޑުމެންނަށް ވިސްނާއިރު، އަޅުގަނޑުމެން އެހެނެއް ނޫން. އަޅުގަނޑުމެންގެ ހެޔޮ ނަޞީބުން އަޅުގަނޑުމެން މާތްﷲ ލައްވާފައިވަނީ މުސްލިމުން ކަމުގައި. އަދި އަޅުގަނޑުމެންނަކީ އެއްބަހަކުން ވާހަކަ ދައްކާ ބައެއް. އަޅުގަނޑުމެންގެ ބަހުގައި ކުދިކުދި ތަފާތު ހުރި ކަމުގައިވިޔަސް، އެއީ އެއްބަހެއް.
 
 އެހެންވީމާ، މިހުރިހާ ގޮތަކުން ބަލާއިރުވެސް، އަޅުގަނޑުމެންގެ މެދުގައި އެއްވެސްކަހަލަ ހަމަނުޖެހުމެއް އުފެދެންވީ ސަބަބެއްނެތް. ސަބަބެއްނެތި އެކަހަލަ ކަމަކަށް ތަންދިނުމަކީ ވަރަށްމޮޔަ ކަމެއް. އެހެންވީމާ، އަޅުގަނޑު މި އިލްތިމާސް ކުރަނީ، އެއްވެސްކަހަލަ ހަމަނުޖެހުމަކަށް ތަންނުދޭން. އަބަދުވެސް އަޅުގަނޑުމެން ހަނދާންކުރަން، އަޅުގަނޑުމެންނަކީ އަޚުންތަކެއް ކަމަށް ކަމުގައި. އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ބައެއްކަން. އަބަދުވެސް އަޅުގަނޑުމެން ހަނދާންކުރަންވީ، އެއްވެސްކަހަލަ މައްސަލައެއް ދިމާވެއްޖެނަމަވެސް، ރުޅި އިސްކުރުމުގެ ބަދަލުގައި، އެކަމާ ދޭތެރޭގައި ރަނގަޅަށް ވިސްނައިލައިފައި، އެ މައްސަލައެއް އެދިމާވީ ތިމަންނަޔާ ތިމަންނަގެ އެހެން އަޚަކާ ދޭތެރޭގައިކަން ވިސްނައިލައިފައި، އެމައްސަލަ ހަމަޖެހުމަކަށް ގެނެވޭތޯ ބަލަންވީ. އެހެން އަޅުގަނޑުމެން ޢަމަލުކުރަމުން ގެންގޮސްފިނަމަ، އަޅުގަނޑުމެންގެ ހުރިހާ ކަމެއްވެސް ވަރަށް އަވަހަށް ރަނގަޅުވަމުންދާނެ. ޤައުމުވެސް ތަރައްޤީވާނެ. ޤައުމުގެ އިޤްތިޞާދުވެސް ކުރިއަށްދާނެ. ތަޢުލީމުވެސް ކުރިއަށްދާނެ. އަޅުގަނޑުމެން އެންމެންގެ ފެންވަރުވެސް މައްޗަށް ޖެހިލާނެ. ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެންނަށް ކާމިޔާބު ލިބެމުންދާނެ. އާދެ، އެހެންވީމާ އަޅުގަނޑު އަދިވެސް އިލްތިމާސް ކުރަނީ، އަދި ދާ ކޮންމެ ރަށެއްގެ ރައްޔިތުންނާ ވާހަކަ ދައްކާއިރުވެސް، އަޅުގަނޑު މި ނުކުތާއަށް ވަރަށްބާރުއަޅަން. އެއީ އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަން އާލާކުރަން. އެއްބަނޑުއެއްބަފާކަން އާލާކުރަން. އިސްލާމީ އުޚުއްވަތްތެރިކަމުގެ މާތް އުޞޫލު އަޅުގަނޑުމެންގެ ތެރޭގައި ޤާއިމުކުރަން.
 
އާދެ، މިދިޔަ އަހަރު، އަޅުގަނޑު ތިނަދުއަށް އައިސް ޖޫންމަހުގެ 26 ވަނަ ދުވަހުގެރޭ ތިޔަބޭފުޅުންނާ މުޚާޠަބުކޮށް ވާހަކަދެއްކި ދެއްކުމުގައި މިރަށުގެ ނަން ބަދަލުކުރި ވާހަކަ ދެންނެވިން. އެއީ ކުރިން އޮތްގޮތަށް ކިޔުމުން، ރަށުގެ ވަރަށްގިނަ ބަޔަކަށް އެއީ ހިތްހަމަނުޖެހޭ ކަމަކަށްވާތީ. އެހެންވީމާ، އެއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑަށް އެރޭ އިޢުލާނު ކުރެވުނު. އޭގެ ސަބަބުން ވަރަށްގިނަ ބައެއްގެ ހިތްހަމަޖެހުން ލިބުނު. އަދި އެކަމަށްޓަކައި ވަރަށްގިނަ ބަޔަކު އުފާކުރި ކަމެއް އެއީ. މިރޭވެސް އަޅުގަނޑު ވަރަށް އުފާވެރި ވާހަކައެއް ދަންނަވާލަން އެބައޮތް. އެއީ، ދައުލަތުން ރާއްޖެތެރޭގެ މީހުންނަށް، އެމީހުން އެކުރާ ޚިދުމަތްތަކުގެ އަގު ދައުލަތުން ވަޒަންކުރުމުގެ ގޮތުން، އެގޮތަށް ޚިދުމަތް ކޮށްފައި ތިބޭ މީހުންނަށް ދައުލަތުން ޢިއްޒަތެއް ދޭން ގަސްދުކުރާ ވާހަކަ. އާދެ، މީގެކުރިން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މަޖިލީހަށް އެރުވުމުގެ ޢިއްޒަތް އެއީ ރާއްޖޭގައި ކުރިއްސުރެ އޮތް ކަމެއް. ރާއްޖެތެރޭގެ އެކިއެކި ހަރުދަނާ ބޭކަލުންގެ ތެރެއިން އެބޭކަލުންގެ ރަށްރަށަށް ނުވަތަ އެބޭކަލުންގެ އަތޮޅަށް ނުވަތަ މުޅި ޤައުމަށް އެކަށީގެންވާ ޚިދުމަތްތަކެއް ކުރައްވައިފައި ތިއްބެވި ބޭކަލުންނަށް ސަރުކާރުން ދޭ ޢިއްޒަތެއް އެއީ. ހަމައެފަދައިން، މިހާރު އަޅުގަނޑުވެސް ގަސްދުކުރަނީ. އެކަން މިހާރު އުވިފައިވާތާ ކިތަންމެ އަހަރެއް ވެއްޖެ. އެހެންނަމަވެސް، އަޅުގަނޑު ދެކެނީ އެ އަނބުރާ ގެނައުން އެއީ ވަރަށް މުހިންމު ކަމެއް ކަމަށް. ސަބަބަކީ އެއިން، ދައުލަތުން ރާއްޖެތެރެއަށް ދޭ އަހަންމިއްޔަތު ހާމަކޮށްދޭނެ. އަދި ރާއްޖެތެރޭގެ ރައްޔިތުންނަށާއި ރާއްޖެތެރޭގެ އެކިއެކި ހަރުދަނާ ބޭކަލުންނަށް އެބޭކަލުން އެކުރައްވާ ޚިދުމަތްތަކުގެ އަގު ވަޒަންވެސް ކުރެވުނީކަމަށް ފެންނާނެ. ހަމައެފަދައިން، ރާއްޖެތެރެ ތަރައްޤީ ކުރުމަށް، ރާއްޖެތެރެ ދިރުވުމަށް، ރާއްޖެތެރެއަށް ޚިދުމަތް ކުރުމަށް، އެޅޭ ބާރަކަށްވެސްވާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ، އަޅުގަނޑު މިދެންނެވި ކަހަލަ ބައެއް ބޭކަލުންނަށް ދައުލަތުން ޢިއްޒަތެއްދޭނެ. އެބޭކަލުންގެ ނަންތައްވެސް ވަރަށް އަވަހަށް އިޢުލާނު ކުރެވޭނެ.
 
އަޅުގަނޑު މިރޭ މިވާހަކަ މިތާ މިދަންނަވާލީ ކުރިންވެސް ދެންނެވި ފަދައިން، ތިނަދުއަކީ ވަރަށް ޚާއްޞަ ރަށަކަށްވެފައި، މީގެކުރިންވެސް މިދިޔަ އަހަރުވެސް މިތާނގައި އަޅުގަނޑަށް މިކަހަލަ މުހިންމު ވާހަކައެއް ދަންނަވާލުމުގެ ފުރްޞަތު ލިބިފައިވާތީއާއެކު، އަޅުގަނޑު ހިތަށްއެރީ، މިކަންވެސް އިޢުލާނު ކުރާނީ ތިނަދޫގައޭ. މިކަމަށް އަޅުގަނޑު ގަސްދުކުރިތާ ދުވަސްކޮޅެއްވެއްޖެ. އެހެންނަމަވެސް، މިވަގުތު އަންނަންދެން އަޅުގަނޑު މަޑުކޮށްލައިގެން މިހުރީ. މިރޭ މިކަން އިޢުލާނު މިކުރީ. އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ، މިދެންނެވި ގޮތުގެ މަތިން، އެ ޢިއްޒަތް ދެވޭ ބޭކަލުންގެ ނަންތައް އިޢުލާނު ކުރެވޭނެ.
 
އާދެ، އަޅުގަނޑުގެ ވާހަކަ ނިންމާލެވެން އަންނަނީ، އަދިވެސް ތިނަދޫގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަށްފަހު. އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މިރަށަށް އަޅުގަނޑު އަންނަ އައުން އަޅުގަނޑަށް އަބަދުވެސް ފާހަގަކުރެވެނީ ވަރަށް ޚާއްޞަ ގޮތަކަށް. މިރަށުގެ ހަނދާންތައް އެއީ އަބަދުވެސް އަޅުގަނޑުގެ ހިތުގައި ވަރަށް ޚާއްޞަ ގޮތެއްގައި ދިރިދިރިހުންނަ ހަނދާންތަކެއް. މީގެ ކުރީފަހަރު އައި ރޭގެ ހަނދާންތައްވެސް އަދި މިއަދު އަޅުގަނޑަށް މިފެނުނު މަންޒަރުތަކުންނާއި މިރޭ އަޅުގަނޑަށް މިފެނުނު މަންޒަރުތަކުން އަޅުގަނޑުގެ ހިތުގައި މިރޭގެ ހަނދާންތައް ބިންވަޅު ނެގިގެންދާނެ. މިރަށުގެ ރައްޔިތުންގެ އިޚްލާޞްތެރިކަމާއި، މިރަށުގެ ރައްޔިތުން އަޅުގަނޑާމެދު ބެހެއްޓެވި އިޙްތިރާމާ، މިހުރިހާ ކަންކަން އަޅުގަނޑު ވަރަށް ރަނގަޅަށް ހަނދާންކޮށް، އެކަންކަން އަޅުގަނޑު ވަޒަންކުރާނަން.
 
އާދެ، އެހެންވީމާ، މިރަށުގެ ވެރިންނަށާއި ރައްޔިތުންގެ އެންމެންނަށް ކުރިންވެސް ދެންނެވި ފަދައިން، އަންހެން ފިރިހެން ކުދިބޮޑު އެންމެންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިއަތޮޅުގެ އަތޮޅުވެރިންނަށްވެސް އެހާމެ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑު އެދެނީ، ތިނަދުއަށް މިއަދަށްވުރެ ތަނަވަސް، މިއަދަށްވުރެ ބާއްޖަވެރި މާދަމައެއް. އަދި ދިވެހިރާއްޖެއަށްވެސް މިއަދަށްވުރެ ފާގަތި މުސްތަޤްބަލެއް މާތްﷲ ދެއްކެވުން.

                     والسّلام عليكم ورحمـة اللّـه