بســم اللّـه الرّحمـن الرّحيــم
    
      މާލޭގައި ވަޒީފާ އަދާކުރާ ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ވަރަށްގިނަ ޢަދަދެއްގެ ބަޔަކާ ބައްދަލުކޮށްލުމުގެ ފުރްޞަތު މިރޭ އަޅުގަނޑަށް ލިބުނު ކަމަށްޓަކައި ވަރަށްބޮޑަށް އުފާކުރަން. އެންމެ ފުރަތަމަ، އާ އަހަރުގެ މުނާސަބަތުގައި ސަރުކާރުގެ މުވައްޒަފުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ރައްދުކުރަން. މި އަހަރަކީ އަޅުގަނޑުމެންނަށް ހުރިހާ ގޮތަކުންވެސް ރަނގަޅު، ތަނަވަސް، އުފާވެރި އަހަރެއް ކަމުގައި ލެއްވުން އެދި މާތްﷲގެ ކިބަޔަށް ދުޢާކުރަން.
 
އާދެ، އަޅުގަނޑު ސަރުކާރުގެ މުވައްޒަފުންނާ ބައްދަލުކޮށްލަން ބޭނުންވީ ވަރަށްގިނަ ކަންތައްތަކަކާ ދޭތެރޭގައި ވާހަކަ ދައްކާލަން ބޭނުންވެގެން.
 
ރަސްމީ ގަޑި:
 
އެންމެ ފުރަތަމަ، ތިޔަ ހުރިހާ ބޭފުޅުންގެ ހިތްޕުޅުގައި މިހާރު އޮންނާނޭ މައްސަލައެއް ކަމަށް އަޅުގަނޑަށް ފެންނަނީ ސަރުކާރުގެ އޮފީސް އޮފީހުގެ ރަސްމީ ގަޑިއަށް މިއައި ބަދަލު. އާދެ، މާދަމައިން ފެށިގެން އަޅުގަނޑުމެން އޮފީހަށް ނުކުންނަންޖެހޭ ގަޑިއަކީ، ހެނދުނު 7:30  މީގެކުރިން އޮތީ، އޮފީސް ހުޅުވާ މީހަކު  8 ޖަހާއިރު ނުކުމެފައި، އޮފީހުގެ ދެން ތިބި މުވައްޒަފުން 8:15 އަށް ނުކުންނަގޮތަށް.
 
މިގޮތަށް ބަދަލުވުމުން، ކުރީކޮޅުގައި ހިސާބަކަށް ދަތިވާނެ. އެހެންނަމަވެސް، އަޅުގަނޑު ހިތުން 7:30 ން 1:30 އަށް އޮތުމުން ގިނަގޮތްގޮތުން މާރަނގަޅު ކަމަށް ގިނަ ބޭފުޅުންނަށް ގަބޫލުކުރެއްވޭނެ. އާދެ، އެންމެ ބޮޑަށް މިހާރު ދަތިވާނެ އެއްކަމަކީ، ސްކޫލަށްދާ ކުދީން ސްކޫލަށް 7:30 އަށް ފޮނުއްވާފައި، ހަމަ އެ ގަޑިއަށް އޮފީހަށް ނުކުމެވަޑައިގަންނަވަންޖެހޭތީ އުފުއްލަވަންޖެހޭ ބުރަ. އެހެންނަމަވެސް، ޙަޤީޤަތަށް ވިސްނާއިރު، އެއީ މާބޮޑު ބުރައަކަށްވާނެކަމަކަށް އަޅުގަނޑަކަށް ނުފެނޭ. މިހެން މިދެންނެވީ، މީގެކުރިންވެސް އެގޮތަށް ސްކޫލަށް ކުދިން ފޮނުއްވަނީ ކުދިން ތައްޔާރުކުރައްވާފައި. މިހާރުވެސް ފޮނުއްވަންޖެހޭނީ ކުދީން ތައްޔާރުކުރައްވާފައި. އެހެންވީމާ، އޭރުވެސް އެކަމަށް އެ ހޭދަކުރައްވާ ވަގުތު މިހާރުވެސް އެކަމަށް ހޭދަކުރައްވަންޖެހޭނީ. ވަކި އިތުރު ވަގުތެއް ހޭދަކުރައްވާކަށް ނުޖެހޭނެ. އޮތް ހުރިހާވެސް ތަފާތަކީ ކުރިން ތެދުވެވަޑައިގަންނަވާ އިރަށްވުރެ ބައިގަޑިއިރު ކުރިން މިހާރު ތެދުވެވަޑައިގަންނަވަންޖެހޭކަން. އެއީ ފުރަތަމަކޮޅުގައި ހިސާބަކަށް ދަތިވެދާނެ ކަމެއް. އެހެންނަމަވެސް، އެގޮތަށް ހޭނިވަޑައިގަތުމުން އެއީކީ އެއްވެސްކަހަލަ ދައްޗަކަށްވާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. ދިވެހީންނަކީ ވަރަށް ކުރިއްސުރެވެސް ވަރަށް ފަތިހާ ތެދުވެ ހެނދުނުގެ މަސައްކަތަށް ފަށާ ބައެއް. މިދޭތެރެއަކުން އަޅުގަނޑުމެންނަށް އެކަން ހަނދާންނެތިގެން ގޮސްފައިވަނީ. އަޅުގަނޑުމެންގެ އާދަ މަޑުމަޑުން އެހެންގޮތަކަށް ބަދަލުވެފައިވަނީ. އެހެންނަމަވެސް ރަނގަޅުގޮތަކީ އަޅުގަނޑު ދެކޭގޮތުގައި ވީހާ އަވަހަކަށް މަސައްކަތް ފެށުން.
 
ރަސްމީގަޑި ބަދަލުވުމުން ލިބޭނެ ފައިދާ:
 
ހެނދުނު ފިނިކަމުގެ ތެރޭގައި، ހެނދުނުގެ ތާޒާ ވަގުތުގައި މަސައްކަތަށް ލިބޭ ބައިގަޑިއިރަކީ، މެންދުރުފަހުން އޮފީހުގައި މިހާރު ހޭދަކުރަންޖެހޭ ވަގުތުތަކަށްވުރެ މާ ފައިދާ ބޮޑު ވަގުތުކޮޅެއް ކަމަށް އަޅުގަނޑު ދެކެން. މިގޮތަށް ގަޑި ބަދަލުކުރީމާ، ސަރުކާރަށްވެސް އެކަމުން ވަނީ ފައިދާ. އެއީ ހުރިހާ އޮފީސްތަކެއް އެއްގަޑީގައި ހިނގާކަން. މިހާރު ބައެއްފަހަރަށް ކަން ދިމާވާގޮތުން، މެންދުރުފަހާއެކު ރަސްމީ ތަނެއްގެ މަސައްކަތުގެ ތެރެއިން ބައެއްކަހަލަ މަސައްކަތް މެންދުރުފަހުން ނުނިންމި ހުރޭ. އެއީ އެ މަސައްކަތަކީ މެންދުރުކުރި އެކަނި ރަސްމީ ތަނަކާ ގުޅޭ މަސައްކަތަކަށްވާތީ، މެންދުރުފަހުން އެތަނެއް ބަންދުވެފައި ހުންނާތީ. ކޮންމެ ގޮތެއްގައިވެސް އެމަސައްކަތް ނުނިންމައި، ދެން އަންނަ ދުވަހަކަށް ލަސްކުރަން އެބަޖެހޭ. އެހެންވީމާ، ދުނިޔޭގެ އެހެން ތަންތާނގައިވެސް އޮންނަ ކަހަލަ އުޞޫލަކަށް މިކަން ބަދަލުކޮށްލައި، އެއްވަގުތެއްގައި ސަރުކާރުގެ ހުރިހާ އޮފީސްތައް މަސައްކަތް ކުރަމުން ގެންދިޔުމުން، ސަރުކާރުގެ މަސައްކަތަށް ވަރަށްބޮޑު ހަލުއިކަމެއް ލިބޭނެކަމަށް އަޅުގަނޑު ދެކެން.
 
ދެން މުވައްޒަފުންނަށް ބަލާއިރުވެސް، އަޅުގަނޑު ދަންނަވާނީ މިގޮތަށް ބަދަލުކުރުމުން، މުވައްޒަފުންނަށްވެސް ލިބޭނީ ފައިދާ ކަމަށް. އެއް ސަބަބަކީ، މުވައްޒަފުންގެ ތެރެއިން ގިނަ މީހުންނަކީ، އެމީހުންނަށް ސަރުކާރުން ލިބޭ މުސާރައިން ދިރިއުޅުން ހަމަޖެއްސުމަށް ދަތިވާތީ، ކޮންމެވެސް އިތުރު އަމިއްލަ މަސައްކަތެއްކޮށްގެން އުޅޭ ބައެއް. އެހެން ތަންތަނާ އަޅާބަލާފައި، ނުވަތަ މާލޭގައި ހުންނަ ބޭރުގެ އެކިއެކި ކުންފުނިތަކާއި ބޭންކްތަކާއި އަދި މިނޫންވެސް ތަންތަނާ އަޅާބަލާފައި ދަންނަވަންޖެހެނީ، އަޅުގަނޑުމެން ސަރުކާރުގެ މުވައްޒަފުންނަށް ލިބެނީ ކުޑަ މުސާރައެކޭ. ނަމަވެސް އެކަން އެއްފަހަރާ ހަމަޖެއްސޭކަށެއް ނޯވޭ. މުސާރަ ދެވެން އޮންނަނީ ސަރުކާރަށް ލިބޭ އާމްދަނީއެއްގެ ނިސްބަތުން. މުސާރަ ކުއްލިއަކަށް ބޮޑުކޮށްލުމަކީ، އެއްވެސް ހާލެއްގައި ކުރެވެން އޮތް ކަމެއް ނޫން. އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ، އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރާ މީހުން ކަމަށްވާއިރު، އެމީހުންނަށް އަމިއްލަ މަސައްކަތް ކުރާނެ އިތުރު ވަގުތުކޮޅެއް ލިބުން. އެއީ އެމީހުންނަށް ނުސީދާގޮތެއްގައި މުސާރަ ބޮޑުކޮށްދެވުނީ ކަމަށް ފެނޭ.
 
ކުރިން އޮންނަ ގޮތުގައި ވިއްޔާ، މެންދުރުފަހާއެކު ރަސްމީ ތަންތާނގެ މަސައްކަތް ނިމޭނީ 4 ޖަހާއިރު. ގިނަދުވަސް ދުވަހު 4 ޖަހާއިރަކުވެސް ނުނިމޭ. 5 ޖަހަންދެން، ނުވަތަ ފަސްގަޑިބައިވަންދެން ހުޅުވާފައި ބަހައްޓަންޖެހޭތަންވެސް އާދޭ. އޭގެފަހުން އެމީހާ އަމިއްލަ މަސައްކަތެއް ކުރަން ބަލާއިރު އޮންނަނީ އިރުއޮއްސިފައި. ދެން ލިބޭ ވަގުތުކޮޅު ވަރަށްވެސް ކުޑަ. އެއާޚިލާފަށް މިހާރު މިއޮތްގޮތުން 1:30 ގައި މަސައްކަތް ނިމޭ ކަމަށްވަންޏާ، ގެއަށް ގޮސް ކައިބޮއި ހަދައިގެން ދުވާލުވެސް އިތުރު މަސައްކަތް ކުރާނެ ވަގުތު ކިތަންމެ ރަނގަޅަކަށްވެސް ލިބޭނެ. އެހެންވީމާ، އެގޮތުން އާމްދަނީ އިތުރުކުރުމަށް ލިބޭ ފުރްޞަތު، އެއީ އަޅުގަނޑު ދެކޭގޮތުގައި ގިނަ މުވައްޒަފުންނަށް ލިބޭ ވަރަށްބޮޑު ފަސޭހައަކަށްވާނެ.
 
ދެން ކުރިން އޮތްގޮތަށް ބަލާއިރު، މެންދުރުފަހާއެކު ރަސްމީ ތަންތާނގެ މުވައްޒަފުންނަށް ދިމާވެފައި އޮތީ، އަޅުގަނޑަށް ވިސްނޭގޮތުގައި، ވަރަށް ބޭއިންޞާފު ގޮތެއް. މިހެން މިދެންނެވީ، އެމީހުންގެ މުސާރައަށް ބަލާއިރު، މެންދުރުފަހާއެކު ރަސްމީ ތަންތާނގެ މުވައްޒަފުން ކޮންމެ ދުވަހަކު 2 ގަޑި 30 މިނިޓް މަސައްކަތް ކޮށްގެން ދުވާލަކަށް ޖެހެނީ   50/- ލާރި ކަމަށްވާތީ. އާދެ، މިހާރު ހުރިހާ އެންމެނަށްވެސް މުސާރަ އެއްގޮތްވީ. އަދި އޮފީހުގެ ރަސްމީގަޑިވެސް އެއްގޮތްވީ. އަޅުގަނޑުވެސް އެއްބަސް. މުވައްޒަފުންގެ މުސާރައަށް މިހާރުވެސް އިތުރުވީކީ މާބޮޑު އެއްޗެއް ނޫން. އެހެންނަމަވެސް، އެއީވެސް ސަރުކާރަށް މިވަގުތު ވެވެންއޮތް ވަރަކުން އިތުރުކޮށްދެވުނު ކޮންމެވެސް އެއްޗެއް. މިހުރިހާ ގޮތަކުން ބަލާއިރު، މިހާރު މި ހަމަޖެހުނު ގޮތް އަޅުގަނޑު ދެކެނީ މުވައްޒަފުންނަށްވެސް އެއީ ރަނގަޅު ގޮތް ކަމަށް. ފުރަތަމަކޮޅުގައި ހިސާބަކަށް ދަތިވިނަމަވެސް، އެކަމަށް ހޭނިވަޑައިގަތުމުން، އޭގެފަހުން އެއްވެސް ދައްޗެއް ނޯންނާނެ.
 
އަދި މިގޮތަށް ހޭނުމުން ޞިއްޙީގޮތުންވެސް އަޅުގަނޑަށް ހީވަނީ އެއިންވާނީ ފައިދާހެން. އެއީ އަވަހަށް އޮފީހަށް ނުކުންނަންޖެހެންޏާ، އަނެއްކޮޅުން ތަންކޮޅެއް އަވަހަށް އޮށޯންނަންވެސްޖެހޭނެ. މިހާރު އަޅުގަނޑުމެންގެ ކަންތައްތައް ހުންނަގޮތުން، ނިދަން އޮށޯވެވެނީ މާލަހުން. އެއީ ޞިއްޙީގޮތުން އަޅުގަނޑު ހިތުން ރަނގަޅު ގޮތެއް ނޫން. އަޅުގަނޑުމެންގެ ކައިރީގައި އޮންނަ ސްރީލަންކާއަށް ބެއްޔަސް އެނގިވަޑައިގަންނަވާނެ. ހަމަ ގިނަމީހުން ރޭގަނޑު 9:30 ނުވަތަ 10 ޖަހާއިރު ނިދަން އޮށޯންނާނެ. އިންޑިއާގައިވެސް ހަމަ އެހެން. އޭގެފަހުން ގޭގެއަށް ދިޔުން އެއީވެސް ރަނގަޅު ކަމެއް ނޫން. އަދި ރީތިކަމެއްވެސް ނޫން. އަޅުގަނޑުމެން ރޭގަނޑު 11 ޖަހާއިރުވެސް 12 ޖަހާއިރުވެސް އެބަ ގޭގެއަށް ވަދެލަން. މީސްމީހުންނާ ބައްދަލުކޮށް ވާހަކަ ދައްކަން އެކެއް ދޭއް ޖަހަންދެން އެބަތިބެން. އެއީ އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫން. ދެން ބޭފުޅަކު ވިދާޅުވެދާނެކަންނޭނގެ، އެއީ އެތެރެވަރީގެ ތަންތާނގައި އޮންނަގޮތޭ. އެހެނެއް ނޫން، ޔޫރަޕްގެ ތަންތާނގައިވެސް، އެމެރިކާގައިވެސް ކަންތައް އޮންނަނީ މިހެން. ވަކި ޚާއްޞަ ސަބަބަކަށްޓަކައި ރޭގަނޑު ހޭލާއުޅެންޖެހޭ މީހުން ނޫން މީހުން ވަރަށް އަވަހަށް ގޭގެއަށް ގޮސް ހިމޭންވާނެ. މިސާލަކަށް 9:30ގެ ބައިސްކޯފް ޝޯއަށް ދާ މީހުން ނޫނީ، އަދި އެހެންވެސް އެފަދަ ކަންކަމަށްދާ މީހުން ނޫނީ، އަޅުގަނޑު ދަންނަވާނީ ސަތޭކައަކުން 90 މީހުން ހަމަ އަވަހަށް ގެއަށްގޮސް، އަނެއްދުވަހު ފަތިހު 5:30 ނޫނީ 6 ޖަހާއިރު ތެދުވާ ކަމުގައި.
 
މުވައްޒަފުންގެ މަސްއޫލިއްޔަތު:
 
އަޅުގަނޑު އަދި ބައެއް އެހެން ކަންތައްތަކުގެ ވާހަކަވެސް ދަންނަވާލަން  އެބަހުރި. ތިޔަ ހުރިހާ ބޭފުޅުންވެސް ވަރަށް ސަމާލުކަން ދެއްވައިގެން އަޑުއައްސަވާނެކަމަށް އަޅުގަނޑު ހީކުރަން. އެއްކަމަކީ، ކޮންމެ މުވައްޒަފަކުވެސް އެމީހެއްގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު ދަތުން. އަދި ޒިންމާ އުފުލުން. ބައެއްފަހަރަށް ދިމާވާގޮތަކީ، ވަރަށް ފަސޭހައިން މަސްއޫލިއްޔަތުން ރެކެވޭތަން އަންނަނީ. އެއީ ތިމާގެ ކަމެއް ނޫންކަމަށް ބެލެނީ. ކޮންމެ މީހަކާވެސް ކޮންމެ އޮފީހަކުންވެސް ވަކިބާވަތެއްގެ މަސައްކަތްތަކެއް އޮންނާނީ ޙަވާލުކުރައްވާފައި. އެހެންވީމާ، އެމަސައްކަތްތައް އެއީ ތިމާގެ މަސްއޫލިއްޔަތެއްކަން ރަނގަޅަށް ދަންނަންވާނެ. އެމަސްއޫލިއްޔަތު ތިމާ އުފުލަންވާނެ. އަދި އެކަމުގައި ޒިންމާދާރުވާންވެސްޖެހޭނެ. އެއްވެސް ޙާލެއްގައި އެއީ ތިމަންނާގެ ކަމެއް ނޫނޭ ކިޔާފައި ބޮލުން ނައްޓައިލާ އުޞޫލެއް ގެންގުޅުމަކީ ރަނގަޅު ކަމެއް ނޫން. އަޅުގަނޑަށްވެސް އެނގޭ، ގިނަ މުވައްޒަފުން އެހެނެއް ނަހައްދަވާނެ. އެހެން ނަމަވެސް، ކިތަންމެ މަދު ޢަދަދަކަށް ނަމަވެސް މިގޮތަށް ކަންތައް ކުރައްވާ މުވައްޒަފުން ތިއްބެވުމާއެކު، މި ނުކުތާއަށް ސަމާލުކަމެއް ދެއްވުމަށް ދަންނަވާލަންޖެހުނީ.
 
ސަރުކާރުގެ ޚަރަދު ކުޑަކުރުން:
 
ދެން އޮތް އަނެއްކަމަކީ، ސަރުކާރުގެ ޚަރަދު ކުޑަކުރުން. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، މިއަހަރު ކަނޑައެޅި ފާސްވެފައިވާ ބަޖެޓް އެއީ ވަރަށްބޮޑު ބަޖެޓެއް. އެހެންނަމަވެސް، ބަޖެޓް އެގޮތަށް ފާސްވިޔަސް، އޭގެ މާނައަކީ އެފައިސާ ޚަރަދު ކުރައްވަންވީކީ ނޫން. އޭގެތެރެއިން ބާކީކުރެވުނު މިންވަރަކަށް ބާކީކުރަންޖެހޭނެ. ޚަރަދު ކުޑަކުރެއްވެން އޮތް އެންމެ ބޮޑަކަށް ޚަރަދު ކުޑަކުރައްވަންޖެހޭނެ. މިކަމާ ބެހޭގޮތުން ދެންނެވުމެއް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިރާދަކުރެއްވިއްޔާ މާދަމާ، ނޫނީ ލަސްވެގެން މާދަމާ ނޫން އަނެއްދުވަހުން ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ. ޚަރަދު ކުޑަކުރެއްވުމުގައި ބައެއް ކަންތައްތައް ކުރެއްވުމާ ބެހޭގޮތުން މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސާފައިވާގޮތް އެ ދެންނެވުމުން ސާފުވެވަޑައިގަންނަވާނެ. އޭގެތެރެއިން މުވައްޒަފުންނާ ސީދާބެހޭ ކަންތައްތައް މިހާރު ދަންނަވާލާފާނަން.
 
އެއްކަމަކީ، ކަރަންޓުގެ ޚަރަދު ކުޑަކުރެއްވޭތޯ ބެއްލެވުން. ފަންކާ ބޮކިފަދަ އެއްޗެތި ބޭނުންނޫންގޮތެއްގައި ބޭނުން ނުކުރައްވައިވޭތޯ ބެއްލެވުން. ބައެއް ތަންތާނގައި އެންމެ މުވައްޒަފަކު މެންދުރުފަހުން އޮފީސް ހުޅުވާލައިގެން އިންނައިރު، ނުވަތަ 2 މީހުން ތިބޭއިރު، ހުރިހާ ތަނެއްގައި ފަންކާ ޖައްސާފައި ހުރެދާނެ. ނޫނީވިއްޔާ ރޭގަނޑު އޮފީހުގައި އިންނަ ވަގުތެއްގައިވެސް ހުރިހާ ބޮތްކެއް ދިއްލާފައި ހުރެދާނެ. މިކަހަލަ ކަންތައްތައް ދިމާވޭ. އެއީ އެހެން ދިމާވުމުން ސަރުކާރަށް ވަރަށްބޮޑު ޚަރަދަކަށްވާ ކަމެއް. އޮފީހުގެ ލިޔެކިޔުމުގެ ސާމާނުވެސް ގެންގުޅެންވާނީ ވިސްނައިގެން. ކަރުދާސް، ގަލަން، ފަންސުރު، ސިޓީއުރަ، މިބާވަތުގެ ހުރިހާ އެއްޗެއްވެސް ބޭނުންކުރަންޖެހޭނީ އޭގެ އެންމެ ޚަރަދުކުޑަގޮތަށް. ލެޓަރހެޑް ޗާޕުކޮށްފައި އެތައް ފޮތެއް ގެނެސްފައި ހުރީމާ، އޭގެ މާނައަކީ އެއްސިޓީއެއް ލިޔަން އެތައް ގަނޑެއް ހޭދަކުރަންވީއެކޭ ނޫން. އެންމެ ގަނޑަކުން ލިޔެވޭ ސިޓީއެއްވިއްޔާ، އެއްގަނޑުން ލިޔުނީމާ، އެހެން ސިޓީތައް ލިޔަން ދެން އޮތް ބައި އޮންނާނެ. ވީމާ، އެގޮތުން ވީހާ ބޮޑަކަށް ޚަރަދު ކުޑަކުރެއްވޭތޯ ބެއްލެވުން އެއީ ހުރިހާ މުވައްޒަފުންނަށްވެސް ކުރެއްވިދާނެ ކަމެއް.
 
އޮފީހުގައި އަމިއްލަ ކަންތައްކުރުން:
 
ހަމަ އެގޮތަށް ޓެލެފޯނަކީވެސް ވަރަށްބޮޑު ޚަރަދެއް މިހާރު ހިނގާ ކަމެއް. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، މުވައްޒަފުންނަށް ވަރަށް ގިނައިން އަމިއްލަ ބޭނުމުގައި ޓެލެފޯނުގެ ބޭނުންކުރެއްވޭ. އެއީ ގަވާއިދުން މަނާވެސްކަމެއް. ހުރިހާ ބޭފުޅުންނަށްވެސް އެކަން އެނގިވަޑައިގަންނަވާނެ. އެހެންނަމަވެސް، އެކަން މާބޮޑަށް އަދިވެސް އޮތީ، ކޮންޓްރޯލް ނުކުރެވި. އެކަން ކޮންޓްރޯލް ކުރެވޭނީ، ހަމަ ކޮންމެ މުވައްޒަފަކުވެސް އެމީހަކު އަމިއްލައަށް އެ ކޮންޓްރޯލް ކޮށްގެން. ވެރިޔަކަށްވެސް އެންގެވޭނީ އެކަން ނުކުރުމަށް. އެހެންނަމަވެސް، ވެރިޔަކު ނެތް ތަނެއްގައި، ނުވަތަ އޮފީހުގައި ވެރިޔަކު ނެތް ވަގުތެއްގައި، މުވައްޒަފުން ބޭނުމީވިއްޔާ އަމިއްލައަށް އަމިއްލަ ކަންތަކުގައި ޓެލެފޯން ކުރެވިދާނެ. އެހެންވީމާ، ކޮންމެ މީހަކުވެސް ތިމަންނައަށް މިކުރެވެނީ ރަނގަޅު ކަމެއް ނޫންކަން ދަނެގެން، ވީހާ ބޮޑަކަށް އެކަން ކޮންޓްރޯލް ކުރެވޭތޯ ބެލުމަކީ ވަރަށް ބޭނުންތެރި ކަމެއް. އޭރުން ހަމައެކަނި ސަރުކާރަށް ޚަރަދު ކުޑަކުރެވެނީކީ ނޫން. އަދި އަމިއްލަ ކަންކަމުގައި ޓެލެފޯން ބޭނުން ނުކުރުމުން، ޓެލެފޯނުގެ ވަގުތުވެސް ސަލާމަތް ކުރެވެނީ. ވަރަށްގިނަފަހަރަށް އެއްވެސް ކަމަކަށްނުވާ ކަހަލަ ކަންކަމުގައި ހަމަ ކޮންމެވެސް ރަޙްމަތްތެރި ދެމީހަކު އާދެ، ދެ އޮފީހެއްގެ ދެމީހަކު ވާހަކަ ދައްކަން ޓެލެފޯނުން އެތައްއިރެއް ވަންދެން ތިބެދާނެ. މިކަހަލަ ކަންތައްތަކަށް އަޅުގަނޑުމެން ތަންކޮޅެއް ބޮޑަށް ވިސްނައިގެން ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން، އަމިއްލަ ކަންކަމުގައި ޓެލެފޯން ބޭނުން ނުކުރުމަށް، ވަރަށް ބޮޑަށް ބާރުއަޅަންވެއްޖެ ކަމަށް އަޅުގަނޑަށް ފެނޭ.
 
ބައެއް އޮފީސް އޮފީހުގެ ބޭނުމަށް އިތުރު ބައެއް އެއްޗެތި ދޫކުރެވިފައި ހުރޭ. މިސާލަކަށް، ސަރުކާރުގެ ބައެއް ތަންތާނގައި އެތާނގެ މަސައްކަތަށް ދޫކުރެވިފައި ހުންނަ ބަސް، ވޭންފަދަ އެއްޗެތި. އެ އެއްޗެތިވެސް އަމިއްލަ ބޭނުމުގައި ބޭނުންކުރެއްވުމަކީ މަނާކަމެއް. އެހެންވީމާ، އެތަކެތި ބޭނުންކުރައްވަންޖެހޭނީ ހަމަ ރަސްމީގޮތުން. ރަސްމީ މަސައްކަތުގައި، އެނޫން ގޮތްގޮތުން ބޭނުން ނުކުރެއްވޭތޯ ބެއްލެވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސްކުރަން.
 
އެއާއެކު ދަންނަވަންޖެހެނީ، ވަރަށްގިނަ މުވައްޒަފުން އޮފީހުގައި އަމިއްލަ ކަންތައް ކުރުން މިހާރު އާދަވަމުންދާ ވާހަކަ. މިދެންނެވިފަދަ އަމިއްލަ ކަންތަކުގައި ވަރަށް ކުދިކުދި ކަންތައްވެސް ކުރެވޭތަން އެބަ އާދޭ. މިސާލަކަށް، ވާހަކަކިޔުން. ވަރަށްގިނަ މުވައްޒަފުންނާއި މުވައްޒަފާއިން އޮފީހަށްދާއިރު ވާހަކަފޮތް ހިފައިގެން ގޮސް، ވާހަކަ ކިޔަން އިންނަނީ. ނުވަތަ ވާހަކަ ތަރުޖަމާކުރަނީ. މިބާވަތުގެ ކަންތައްތައް އެބަ ކުރެވޭ. އެއަކީ އެއްވެސް ހާލެއްގައި  ކޮށްގެންވާނޭ ކަމެއް ނޫން. އެމީހަކު އޮފީހުގައި ހޭދަކުރާ ވަގުތު އެއީ މުޅިން ސަރުކާރަށް ޚާއްޞަކުރަންޖެހޭ ވަގުތެއް. އެވަގުތުގައި އަމިއްލަ އެބާވަތުގެ މަސައްކަތެއް ކޮށްގެން ނުވާނެ.
 
ހަމައެފަދައިން، ބައެއް މީހުންނަށް އަމިއްލަ ވިޔަފާރިއާބެހޭ މަސައްކަތްވެސް އޮފީހުތެރޭގައި އެބަ ކުރެވޭ. އަޅުގަނޑުވެސް އެއްބަސް. ކުރިން ދެންނެވިހެން އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ، ސަރުކާރުން ލިބޭ އެއްޗަކުން ދެކޮޅުޖެއްސޭނެ މީހެއް ނޫން. އަމިއްލަ މަސައްކަތް ކުރަންޖެހޭނެ. އަމިއްލަ ވިޔަފާރި ހިންގަންޖެހޭނެ. އެކަމާ ދޭތެރޭގައި އެއްވެސް އިޢުތިރާޒެއް ނެތް. އެހެން ނަމަވެސް، އޮފީހު ގަޑީގައި އަދި އޮފީހުގައި އެކަން ކުރެއްވުމަކީ ގަވާއިދު ތަންދޭ ކަމެއް ނޫން.
 
އެކިއެކި ބޭނުމަށް އަންނަ މީހުނަށް ކަމޭހިތުން:
 
ދެން ދަންނަވަން އޮތް ޕޮއިންޓަކީ، އެކިއެކި ބޭނުމުގައި އަންނަ މީސްމީހުންނަށް ކަމޭހިއްތެވުން. ވަރަށްގިނައިން ދިމާވާގޮތަކީ، ކޮންމެވެސްކަމަކު އޮފީހަށް މީހަކު އަންނަން އަންގަފާނެ. އެމީހަކު އައިމާ ކޮންމެވެސް މުވައްޒަފަކު މަޑުކޮށްލާށޭ ބުނެފައި، ދެން ޚަބަރެއްނުވެ ގަޑި ދެގަޑިއިރުވެސް ވެގެން ހިނގައިދާނެ. ދެން އެންމެފަހުން ބުނާނީ މާދަމާ އަންނާށޭ. ނޫނީ ދެން ބޭނުންވީމާ އަންގާލާނަމޭ. މިކަހަލަ ކަންތައް މިހެން ހުރުން އެއީ ވަރަށްދެރަ ކަމެއް. ސަރުކާރުގެ ބޭނުމަކީ ޢާންމުންނަށް ޚިދުމަތް ކުރުން. އަދި އަޚްލާޤީ ގޮތުން ބެއްޔަސް، އިޖްތިމާޢީ ގޮތުން ބެއްޔަސް، އެހެން މީހުންނާ ދޭތެރޭގައި މިގޮތަށް ކަންތައް ކުރުމަކީ ވަރަށް އެކަށީގެންނުވާ ދެރަކަމެއް. ކޮންމެހެން ބޭނުންވެގެން ނޫނީ، ބޭނުންވާ ގަޑިއަކަށް ނޫނީ ޢާންމުންގެ މީހަކު އޮފީހަކަށް ގެންނަވައިގެން ނުވާނެ. އަދި ގެންނަވައިފިއްޔާ ވީ އެންމެ އަވަހަކަށް އެމީހަކު އެ ގެނެވުނު ކަންތައް ނިންމަވާފައި، އެމީހަކު ފޮނުއްވާލައްވަންޖެހޭނެ. އެތައްއިރަކު ބައިންދަވާފައި، [މާދަމާ އަންނާށޭ] އެހެން ވިދާޅުވާތަން އެއްގޮތަކަށްވެސް އައިސްގެންނުވާނެ. އަދި ހަރުކަށި ޢިބާރާތުން އެމީސްމީހުންނާ ވާހަކަ ދައްކައި ހެއްދެވުމަކީވެސް ވަރަށްދެރަ ކަމެއް. އަޅުގަނޑުމެން އެންމެންނަކީވެސް އިންސާނުން. ކޮންމެ މީހެއްގެވެސް ޝުޢޫރެއް ހުންނާނެ. ހަމަ މުވައްޒަފަކަށްވީތީ، އާދައިގެ މީހަކާ ދިމާއަށް ހަރުކަށި ޢިބާރާތުން ވާހަކަ ދެއްކުމުގެ އެއްވެސް ޙައްޤެއް އެމީހަކަށް ނޯންނާނެ. އިންސާނިއްޔަތުކަމުގެ ރޫޙުގައި އެކަކު އަނެކަކަށް އެހީތެރިކަން ބަހައްޓައި، އެކަކު އަނެކަކަށް ޙުރްމަތްތެރިކޮށްހިތައި، މިގޮތަށް އަޅުގަނޑުމެންގެ ކަންތައްތައް ހުންނަންވާނީ.
 
އޮފީހުގަޑީގައި ސައިބުއިން:
 
ދެން އޮތް ކަމަކީ، އޮފީހުގައި ސައިބުއިމުގެ މައްސަލަ. މިހާރު އަދި އޮފީހުގެ ގަޑި މިހާތަނަށް ދިގުވެގެން ދިޔައިމާ، މިއީ ވަރަށް ބޮޑަށް ނުކުންނާނެ މައްސަލައެއް. ކޮންމެހެން ކުރަންޖެހޭނެ ކަމެއް. 7:30 ން 1:30އާ ދެމެދުގައި އޮފީހުގައި އިންނައިރު ސައިބޯންވެސްޖެހޭނެ. ސައިނުބޮއި މަސައްކަތެއްވެސް ނުކުރެވޭނެ. އެހެންނަމަވެސް އެކަންވެސް ގަވާއިދުން އޮންނަގޮތަށް ކުރެއްވުމަށް ހުރިހާ މުވައްޒަފުންވެސް ވަރަށް ބޮޑަށް ސަމާލުކަން ދެއްވަންވާނެ. މިދެންނެވީ ސައިބޯން އޮފީހުން ބޭރަށް ދިޔުމަކީ ހުއްދަކަމެއް ނޫން. ހޮޓާހޮޓަލަށް ދިޔުމަކީ ހުއްދަ ކަމެއް ނޫން. އޮފީހަށް ސައިގެނެސް، އެމީހަކު އިންނަ މޭޒަކަށް ގެނުވައިގެން ސައިބުއިން އެއީ މިހާރުވެސް ގަވާއިދު ތަންދޭގޮތަކީ. އޮފީހުގައި ވަކިކޮޓަރިއެއް ޚާއްޞަ ކުރައްވައިގެން އެތަނަށް އެއްގަޑިއަކަށް ސައިފޮދު ހިއްޕަވަން ވަޑައިގަތުމަކީ، ރަނގަޅު ކަމެއް ނޫން. މިހެން މިދެންނެވީ އޭރުން ކަންތައްވާނެގޮތަކީ، އެތާނގައި ތަންކޮޅެއް ގިނައިރު ވަންދެން ވާހަކަފުޅު ދައްކަވާލައްވަން ތިއްބެވޭގޮތްވާނީ. އޮފީހުގެ ވަގުތު ގެއްލިގެންދާނީ. އޭރު ތިބޭނެ، ބޭރުން މީހުން އައިސް އެކިއެކި ކަންކަން ނިންމަން. އެއްވެސްކަމެއްނުވެ އެމީހުންގެ އެތައް ވަގުތެއް ބޭކާރުވެގެންދާނީ.
 
ރައްޓެހީން އޮފީހަށް ގެނައުން:
 
ހަމައެޔާއެކު ދަންނަވަންޖެހެނީ، މިހާރު ހިސާބަކަށް ހިނގަމުންދާ ކަމެއްގެ ވާހަކަ. އެއީ ރައްޓެހީން އޮފީހަށް ގެނެސްގެން ވާހަކަ ދައްކާލަން ތިބޭތަން އެބައާދޭ. އެއީވެސް ރަނގަޅު ގޮތެއް ނޫން. އެއްއޮފީހުގެ މީހުން އަނެއް އޮފީހަށް ގޮސްވެސް އެބަހަދާ. އަދި ޚާއްޞަކޮށް، ސައިގަޑީގައި ފޯނުކޮށްލާފައި، ސައިބޯން އަންނާށޭ ބުނެފައި، ދެން އެވީ ދާން. މިގޮތަށް ގޮސް ތިބެވޭނީ ހަމަ ސައިހޮޓަލެއްގައި ތިބެވޭކަހަލަ ގޮތަކަށް. އެހެންވީމާ އެއީ ސަރުކާރުގެ އޮފީހަކާ އެކަށީގެންވާ ގޮތެއްކަމަށް އަޅުގަނޑަކަށް ނުފެނޭ. ސަރުކާރު ވަގުތު ބޭކާރުވެގެންދާނީ، އޮފީސް ގަޑި ނޫން ގަޑިގަޑީގައި މިހާރު މިހާގިނަ ހުސްވަގުތު ލިބޭއިރު ރައްޓެހިންނާ ބައްދަލުކޮށްލާނެ ފުރްޞަތު ކިތަންމެ ރަނގަޅަކަށްވެސް ލިބޭނެ. މެންދުރުފަހުން، ހަވީރު ނުވަތަ ރޭގަނޑު ސައިހޮޓަލަށް ދާން ބޭނުންވެއްޖެ މީހަކު ދާނެ ފުރްޞަތުވެސް ލިބޭނެ.
 
ފައިސާއާއި ތަކެއްޗަށް ޚިޔާނަތްތެރިވުން:
 
ދެން އޮތީ ވަރަށް އެހެން ކަހަލަ މައްސަލައެއް. އެއީ ފައިސާއާބެހޭ މައްސަލަ. މިހާރަކަށް އައިސް ވަރަށްގިނަ ތަންތަނުން މި މައްސަލަ އެބަ ދިމާވޭ. މިދެންނެވީ ޚިޔާނާތްތެރިވުމުގެ މައްސަލަ. މިވާހަކަ އަޅުގަނޑު މި ދަންނަވަނީ އެއީ ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ވަރަށްމަދު ބަޔަކަށް ނަމަވެސް މިކަން ކުރެވޭތީ. އަޅުގަނޑު ޔަޤީންކުރަން، މިތާނގައި މި ތިއްބެވި މުވައްޒަފުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިކަހަލަ މައްސަލައެއް ދިމާވެފައި ނޯންނާނެ ކަމަށް. އެހެން ނަމަވެސް، ކިތަންމެ ކުޑަ ދާއިރާއެއްގައި ނަމަވެސް، މިބާވަތުގެ ކަންތައް ހިނގަންޏާ، އެކަމަށް އިޝާރާތްކޮށްލުމަކީ އަޅުގަނޑު ހިތުން ބޭނުންކަމެއް. ވަރަށްގިނަ ތަންތަނުން ފައިސާގެ މައްސަލަ ޖެހެމުންދޭ. ގަވާއިދާ ޚިލާފަށް ފައިސާ ނަގައިގެން، ފައިސާއަށް ޚިޔާނާތްތެރިވެގެން މައްސަލަ ޝަރީޢަތަށް ހުށަހަޅައި، ޤާނޫނީގޮތުން މައްސަލަ ނިންމަން އެބަޖެހޭ. ބައެއް ތަންތާނގައި ދާދިފަހުންވެސް މިކަހަލަ މައްސަލަތައް ހިނގާފައި އެބަހުރި. އޮފީހުން މީހަކާ ފައިސާ ޙަވާލުކުރަނީ ވަކި ފަރާތަކަށް ރައްދުކުރުމަށް. ދެން އެ ގެންދާ މީހަކު އެ ފައިސާ ރައްދުކުރަންވާ މީހަކާ ހަމައަށް އެ ފައިސާއެއް ނުގެންދޭ. ފައިސާ ނުލިބިގެން ލަސްވެގެން ފައިސާގެ ޙައްޤުވެރިޔާ އޮފީހަށް އައިމާ ބަލާއިރު އޮންނަނީ ބަޖެޓުން ފައިސާ ނަގާފައި. އަދި ވަކި މީހަކާ ޙަވާލުކުރެވިފައި. އެހެންނަމަވެސް، ފައިސާ އޮންނަނީ ލިބެންވާ މީހާއަށް ނުލިބި. ހަމައެގޮތަށް އޮފީހުގެ ބައެއް އެއްޗެތި އަލުން އަނބުރާ އޮފީހަށް ވިއްކޭތަންވެސް އެބައާދޭ. މިއީ ވަރަށް ޙައިރާންވާކަހަލަ ގޮތަކަށް ދިމާވާ ކަމެއް. އެހެން ނަމަވެސް، އެބާވަތުގެ ކަންތައްތައް ދިމާވެފައި އެބަހުރި. އަޞްލު އެއްޗަކީ އޮފީހުގެ އެއްޗެއް. އެހެންނަމަވެސް ފަހުން އަނެއްކާ އެއެއްޗަށް ބޭނުންވެގެން، އެއެއްޗެއް ގަންނަންޖެހެނީ. އަދި މި ގަނެވެނީވެސް އެ އޮފީހުގައި އުޅޭ މީހެއްގެ އަތުން. އެހެންވީމާ، އެއީވެސް ވަރަށްބޮޑު ޚިޔާނާތެއް. މިވާހަކަތައް ދަންނަވާކަށް އަޅުގަނޑަކަށް މާފަސޭހައެއް ނޫން.
 
މިބާވަތުގެ ކަންތައްތަކަކީ، ވަރަށްދެރަކޮށް ހިނގާފައި ހުންނަ ކަންތައް. އެހެންވީމާ، އެކަމަށް ހުރިހާ ބޭފުޅުންވެސް ވަރަށް ބޮޑަށް ފަރުވާތެރިކަން ބެހެއްޓެވުން އެއީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. ޚާއްޞަކޮށް، ވައްކަން، ޚިޔާނާތް މިކަހަލަ ކަންތަކަކީ އެއްގޮތަކަށްވެސް މާފުކުރެވޭ ބާވަތުގެ ކަންކަމެއް ނޫން. މިހާރު ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. ޤާނޫނަށްވެސް ބަދަލުގެނެސްގެން، ކުރިން މިކިޔާ މަޝްހޫރު 15 ދުވަހުގެ ޤާނޫނުންވެސް މިކަންކަން މިހާރުވަނީ އިސްތިސްނާ ކުރެވިފައިކަން. ވައްކަމުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންނަށް ވަކި މުއްދަތެއް ނެތް. ހަމައެހެންމެ، ޚިޔާނާތުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންވެސް ވަކި މުއްދަތެއްގެ ތެރޭގައި ވީއްލާކަށްނުޖެހޭ. އެއީ މިކަންތައް މިހެން ގިނަވަމުންދާލެއް ބޮޑުކަމުން. އެހެން ނޫނީވިއްޔާ އެފަދަ މައްސަލަތަކުގައިވާ ގޮތަކީ 15 ދުވަހު ކެތްކޮށްލީމާ ސަލާމަތްވަނީ. އޭރުން އެމީހަކު އެ ވަގަށްނެގި އެއްޗެއް، ފަހުން އޭގެ ބޭނުންކުރެވޭނެ ފުރްޞަތު އޮންނަނީ ވަރަށް ފަސޭހައިން ލިބިފައި. އެކަންތައް އެހެންވުމާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން، އެ ޤާނޫނުވެސް ވަނީ ބަދަލުވެފައި. އެހެން ކުށްކުށުގައި އަރުވާލާ މީހުންނަށް ނުވަތަ ގޭގައި ބަންދުކުރާ މީހުންނަށް މަޢާފު ދޭއިރުވެސް ވައްކަމުގެ ކުށް ސާބިތުވެގެން އަރުވާލާ މީހުންނަށާއި ގޭގައި ބަންދުކުރާ މީހުންނަށް މަޢާފެއްވެސް މިހާރަކު ނުދެވޭ. އެއީ މިކަން ޙައްދުފަހަނަޅައި ގޮސްފައިވާތީ. ޚާއްޞަކޮށް، ސަރުކާރަށް ޚިޔާނާތްތެރިވުމުގެ ދޮރު މާބޮޑަށް ހުޅުވިފައިވާތީ، ކޮންމެވެސްގޮތަކުން އެކަން ވަރަށް ބޮޑަށް ހިފަހައްޓަން ޖެހިގެން އަޅަންޖެހުނު ފިޔަވަޅެއް. ޙަޤީޤަތުގައި ސަރުކާރަށް ލިބެން އަންނަ ވަރަށްބޮޑު ބައެއް މިގޮތުން ގެއްލިގެންދޭ. އެކިއެކި މުވައްޒަފުންގެ ޚިޔާނާތުގެ ސަބަބުންވާ ގެއްލުމެއް.
 
ދެން ދިމާވާ ކަމަކީ، އެކަހަލަ މައްސަލައެއް ޖެހިގެން މުވައްޒަފަކު ޝަރީޢަތްކޮށް އަރުވާލަން ނިޔާކަނޑައަޅާއިރަށް މަޢާފުކޮށްދޭން އެދި ސިޓީލުން. އަދި އެވަގުތު މަޢާފުކޮށްނުދިނީވިއްޔާ، އަރުވާލާ ރަށެއްގައި ހުރެގެންވެސް ވަރަށް ގިނަގިނައިން ސިޓީލާނެ. އެހެންނަމަވެސް، އެކަން އެހެން ކޮށްދެވޭކަށްނޯވޭ. އެފަދަ ކަމެއް ކޮށްފިއްޔާ ތިމަންނައަށް މި އަދަބު ލިބޭނެކަން ކުރިން ވިސްނަނިކޮށް، އަޅުގަނޑު ހިތުން އެފަދަ ގޮތްގޮތް ދިމާވާކަށެއް ނުޖެހޭނެ. މީގެއިތުރުން، ވަރަށްގިނަ މުވައްޒަފުން މިކަހަލަ ކަންތައް ކުރަމުން ގެންދަނީ ޝަރީޢަތަށް ސާބިތު ނުވާކަހަލަ ގޮތަކަށް. މިފަދަ ކަމެއް ދިމާވެއްޖެނަމަ، އެކަމާބެހޭ މުވައްޒަފަކު، ތަންކޮޅެއް ދަށް މުސާރައެއް ލިބޭ ގޮތަކަށްވެސް ފައިސާއާނުބެހޭ ކަންކަމަށް ބަދަލުކުރަން ޖެހިފައި އެބަހުރި. ނަމަވެސް މިހެން ހަމަ ދިމާވުމުން، ދެން ހަމަ އޭގެ އަނެއްދުވަހު ސިޓީ ފޮނުވާނެ. ތިމަންނަގެ އެއްވެސް ކުށެއްނެތި، ދަށް މުސާރައެއް ލިބޭ ތާކަށް ބަދަލުކުރީއޭ. އެގޮތަށް ބަދަލުކުރަންޖެހުނީ، އޭނާގެ ކުށުން ކަމަށް އޭނާއަކަށް ގަބޫލެއް ނުކުރެވޭ. ޝަރީޢަތަށް ސާބިތު ނުވިޔަސް އޭނާ އެބަދަލުކުރަންޖެހުނީ އެބާވަތުގެ މައްސަލައެއް އައިސްގެންކަން އޭނާއަށް ރަނގަޅަށް އެނގެންވާނެ. އެހެންވީމާ، އެމީހާގެ ޢަމަލުތައް ހުންނަގޮތުން ސަރުކާރަށް ނުވަތަ އެމީހަކު އެވަޒީފާ އަދާކުރާ ތަނަކަށް ގެއްލުން ލިބޭ ކަމަށްވަންޏާ، އެ މުވައްޒަފަކު އެހެން ތަނަކަށް ބަދަލުކުރުން އެއީ، އެ ވަޒީފާދޭ ފަރާތުގެ އިޚްތިޔާރުގައި އޮންނަ ކަމެއް.
 
ވަޒީފާ ދިނުމާއި ބަދަލުކުރުމާއި ވަކިކުރުން:
 
ވަޒީފާ ދިނުމާއި، ބަދަލުކުރުމާއި، ވަކިކުރުމާ، މިއީވެސް ހިސާބަކަށް އޮޅިފައި އޮންނަ ކަމެއްހެން އަޅުގަނޑަށް ހީވޭ. މިކަމާބެހޭ ޤާނޫނުތައް ހެދިފައި އެބަހުރި. ހުރިހާ މުވައްޒަފުންވެސް އެ ޤާނޫނުތައް ރަނގަޅަށް ބައްލަވައިލެއްވުން ރަނގަޅުވާނެ. ޤާނޫނު ނެތް ކަންކަމަށް ގަވާއިދުވެސް ހުރޭ. އެކަމަށް ވަކި އުޞޫލުތަކެއް ކަނޑައެޅިފައި އޮވޭ. އެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ވަޒީފާ ދެމުންވެސް ގެންދަނީ. ބަދަލުވެސްކުރަނީ. އަދި ވަޒީފާއިން ވަކިވެސްކުރަނީ. ނަމަވެސް، ވަޒީފާ ވަކިކުރީމާ އެންމެ ފުރަތަމަވެސް ކުރެވޭ ޝަކުވާއަކީ އެއްވެސް ކުށެއްނެތި ވަޒީފާއިން ވަކިކުރީއޭ. މުވައްޒަފަކު އެހެން ބުނާއިރު، އެތައްފަހަރެއްގެ މަތީން އެމީހަކު އެއުޅޭ އޮފީހަކުން އޭނާގެ ކަންތައްތައް ހުންނަގޮތުން އެމީހަކަށް ނަޞޭޙަތްދެއްވައި އިންޒާރު ކުރައްވައި ނުވަތަ ޖޫރިމަނާ ކުރައްވާފައި ހުރޭ. އެހުރިހާ ގޮތެއް ހައްދަވައިގެން އިޞްލާޙު ނުވެގެން، އެންމެފަހުން ހުށަހަޅުއްވަނީ ވަޒީފާއިން ވަކިކުރަން. ދެން ވަޒީފާއިން ވަކިކުރީމާ ފަހުން ލިޔަނީ. އެއީ އެއްގޮތަކަށްވެސް ޙަޤީޤަތެއް ނޫނޭ. ރައީސް އޮފީހުން ބައްލަވައިދެއްވާށޭ. ރައީސް އޮފީހުން އެފަދަ ކަންތައްތައް އެހެން ބެލޭކަށެއް ނޯވޭ. ރައީސް އޮފީހަކީ، ކޮންމެ އޮފީހަކަށް މީހުން ފޮނުއްވައިގެން، އެކި ކަންކަން ހިނގާފައިވާ ގޮތް ތަޙުޤީޤުކުރާ އޮފީހެއް ނޫން. އެގޮތަކަށް މީހުންވެސް ހަމަޖެހިފައެއް ނުތިބޭ. ގަވާއިދުވެސް ހަމަޖެހިފައެއްނޯވޭ. ދެން އެގޮތަށް މިވެނި އޮފީހަކުން މިވެނި މުވައްޒަފަކު ވަކިކުރަންޖެހުނީ، އެތައްފަހަރެއްގެ މަތީން ނަޞޭޙަތް ދެއްވައި އިންޒާރު ކުރައްވައި އިޞްލާޙުނުވެގެން، އެ އޮފީހުން މިވެނި މައްސަލައެއް ފޮނުއްވައިގެންކަން އެންގީމާވެސް އެމީހަކު ބުނަނީ، އެއީ ތެދެއް ނޫނޭ. ރައީސް އޮފީހުން ޖަވާބު ދެއްވީ ނުބައްލަވައޭ. ސަރުކާރުގެ އެކިއެކި ދަރަޖައިގެ ވެރީން ލައްވާފައި ތިބެނީ ސަރުކާރުން އެބޭފުޅުންނަށް ޚާއްޞަ އިތުބާރެއް ދީފައި. ޚާއްޞަ ބާރުތަކެއް ދީފައި. އޮފީހެއްގެ ވެރިޔަކު، އެ ވިދާޅުވާ ބަސްފުޅު އެއީ ސަރުކާރު ގަބޫލުކުރާ އެއްޗަކަށްވާންޖެހޭނެ. އެހެން ނޫނީވިއްޔާ ވެރިން އެގޮތަށް ތިއްބެވުމުގެ މާނައެއް ނެތް. ތަންތާނގެ ވެރީންނަށް އޮންނަންޖެހޭ ޤަދަރެއްވެސް އިޙްތިރާމެއްވެސް އެނޫން ގޮތެއްގައި ނޯންނާނެ. އެހެންވީމާ އޮފީހެއްގެ ފަރާތުން އެބާވަތުގެ މައްސަލައެއް އަތުވެއްޖިއްޔާ، ރައީސް އޮފީހުން އެހެންގޮތެއް ހެދޭކަށް ނޯންނާނެ. ޖެހޭނީ ވަޒީފާއިން ވަކިކުރަން.
 
ގަޑިއަށް ހާޒިރުވުމުގައި ފަރުވާބެހެއްޓުން:
 
ދެން މުވައްޒަފުންނާ މި ބައްދަލުކޮށްލާ ބައްދަލުކޮށްލުމުގައި، ދަންނަވާލަން ބޭނުންވާ އަނެއް ނުކުތާއަކީ، ގަޑިއަށް ހާޒިރުވުމުގައި ފަރުވާބެހެއްޓެވުން. ގަޑިނުޖެހޭތޯ ބެއްލެވުން. ބައެއް ތަންތާނގައި ގަޑިޖެހުމުގެ ގަވާއިދާއި، ސަލާމް ބުނުމުގެ ގަވާއިދަށް މާ ރަނގަޅަކަށް ޢަމަލުކުރެވެމުންނެއް ނުދޭ. ކޮންމެ އޮފީހެއްގައިވެސް މިކަމާބެހޭ ގަވާއިދުތަކާއި ދެންނެވުންތައް ހުންނާނެ. އެހެންވީމާ، ކޮންމެ އޮފީހެއްގެ މުވައްޒަފުންވެސް އެ ގަވާއިދުތައް ބައްލަވައިގެން، އެ ދެންނެވުންތަކުގައި އޮންނަގޮތަށް ޢަމަލުކުރައްވަންޖެހޭނެ. އެނޫން ގޮތްގޮތަށް ޢަމަލުކުރެއްވުމަކީ ގަވާއިދާ ޚިލާފު ކަމެއް.
 
ރަސްމީގަޑީގެ ހެދުން:
 
ހެދުމާ ދޭތެރޭގައިވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިހާރު ކުރިއަށްވުރެ ހެދުމުގެ ކަންތައް އޮންނާނީ ތަންކޮޅެއް ލުއިކޮށޭ. މިދިޔަ އަހަރު ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ނެރުނު ދެންނެވުމުގައި، މިހާރު ސަރުކާރުގެ މުވައްޒަފުން ރަސްމީގަޑީގައި އަޅަންޖެހޭ ހެދުމުގެ ވާހަކަ ވަރަށް ސާފުކޮށް ލިޔެވިފައި އޮންނާނެ. ދެން މިހާރު އޮންނާނެ ބަދަލަކީ، އޭގެ (ހ) ގައި އޮންނަ [ފިރިހެނުންގެ ހެދުމަކީ، ދިގު ފަޓްލޫނާއި އަތްދިގު ނުވަތަ އަތްކުރު ގަމީސް] އޮވެފައި، ބްރަކެޓްތެރޭގައި އޮންނަ (މެންދުރުކުރީގެ ވަގުތުގައި ޓައީއާއެކު) މިހާރު އޮންނާކަށް ބޭނުމެއް ނެތް. މިހާރު 7:30 ން 1:30 އަށް އޮންނާނީ އެއްގޮތެއް. މެންދުރުފަހުގެ ވަގުތަކީ ނުރަސްމީ ވަގުތެއް. ނުރަސްމީ ވަގުތުގައި ކޮންމެހެން މި ހެދުން މަޖުބޫރެއް ނޫން. އެހެންނަމަވެސް، ރަސްމީ ގަޑީގައި މީގައި މިއޮތްގޮތަށް ހެދުން އެޅުއްވުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވަންވާނެ. އެއީ ދިގު ފަޓްލޫނު، އަތްދިގު ނުވަތަ އަތްކުރު ގަމީސް، ޓައީއާއެކުގައި. ނޫނީ އަތްދިގު ބުޝް ގަމީސް އަދި ޝޫޒް. މިއީ ކާތިބުން ފެށިގެން މަތީގެ މުވައްޒަފުންނަށް، ފިރިހެނުންނަށް އޮންނަ ހެދުން. އަންހެނުންނަށް މިއޮންނަނީ ފާސްކުރި ހެދުން. އާދެ، ނަންބަރު ހެދުން، ނުވަތަ ޕާކިސްތާނު ހެދުން، ނުވަތަ ސާޅީހެދުން. ނުވަތަ ބެލްސާއި އެއާއެކުލާ މަތީބައި ނުވަތަ މިނޫންވެސް ޖަމާޢަތުގެ އަދަބާ ޚިލާފުނުވާ ހެދުމަކާއި އަދި އެކަށީގެންވާ ފައިވާނެއް.
 
ބައެއްފަހަރަށް ބައެއް އޮފީސް އޮފީހުގެ މުވައްޒަފުންނަށް، މިކަމުގައި ފަރުވާ ކުޑަކުރެވޭކަމަށް އަޅުގަނޑަށް ފެނޭ. އެހެންނަމަވެސް، ހެދުމަށް ފަރުވާ ބެހެއްޓެވުމަކީ ވަރަށް ބޭނުންތެރި ކަމެއް. އެއީ ތިމާގެ އަމިއްލަ ޤަދަރާއި، ސަރުކާރުގެ ޤަދަރު ހިފެހެއްޓޭނީ އެކަށީގެންވާ ގޮތަކަށް ރަނގަޅަށް ހެދުން އަޅައިގެން ތިބެގެން. ބޭރުން އަންނަ މީހުންގެ ކުރިމަތީގައިވެސް އަދި އެހެން މުވައްޒަފުންގެ ކުރިމަތީގައިވެސް، އެމީހަކަށް ލިބެންވީ އިޙްތިރާމަށްޓަކައި ކޮންމެހެން ބޭނުންކަމެއް. ބައެއް މުވައްޒަފުންނަށް ޓައީގެ މައްސަލަ ކުޑަކޮށް ދަތިވެގެން އަޅުގަނޑަށް ހީވަނީ ގެއިން އެމުވައްޒަފަކު އޮފީހަށް ނުކުންނައިރު ޓައީނުލައި އައިސް، މޭޒު ކައިރީގައި އިށީނދެފައި ވަތްގަނޑުން ޓައީ ނަގާފައި އަޅާލާ ތަންވެސް އެބަ އާދޭހެން. އެކަމަކު އެއީވެސް މި ގަވާއިދު ތަންދޭ ގޮތެއް ނޫން. ގެއިން އަންނައިރުވެސް އަންނަންޖެހޭނީ، ރަސްމީގަޑީގައި އެ ހުންނަންޖެހޭ ހެދުމުގައި.
 
ދެން އަނެއް ނުކުތާއަކީ، ފައިވާނުގެ މައްސަލަ. ކާތިބުން ފެށިގެން މަތީގެ މުވައްޒަފުންނަށް މި އޮންނަނީ ކަނޑައެޅިގެން ޝޫޒޭ ބުނެފައި. ޝޫޒްގެ މާނަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެހެންވީމާ، ބޭނުންކުރައްވަންޖެހޭނެ ފައިވާނަކީ އެއީ. ފެންފައިވާން ކަމަކުނުދާނެ. ދެން އިންސްޕެކްޓަރުންނާއި، ސަރުދާރުން، ޕިޔޯނުން އަދި މި ފެންވަރުގެ މުވައްޒަފުންގެ ހެދުމަކީ ފަޓްލޫނާއި ގަމީސް، ނުވަތަ ބުޝް ގަމީސް. އަދި އެކަށީގެންވާ ފައިވާނެއް. މިތާނގައި ޝޫޒެކޭ ނުބުނެވޭ. އިންސްޕެކްޓަރުންނާއި، ސަރުދާރުން، ޕިޔޯނުން. އެމީހުން ކޮންމެހެން ޝޫޒަށް އެރުން އެއީ ލާޒިމުކަމެއް ނޫން. އެހެންނަމަވެސް، އެކަށީގެންވާ ފައިވާނެކޭ އެބަ ބުނޭ. އެކަށީގެންވާ ފައިވާނަކީ، ފެންފައިވާނަކަށްވާނެއެކޭ އަޅުގަނޑަކަށް ހީއެއްނުވޭ. ސަބަބަކީ އެނަމުންވެސް އެ ދޭހަވާގޮތުގައި، ފެންފައިވާނަކީ ފެންވަރާއިރު ބޭނުންކުރާ އެއްޗެއް. ނޫނީ ފާޚާނާގައި ބޭނުންކުރަން ހަދާފައި ހުންނަ އެއްޗެއް. އިނގިރޭސިބަހުން ކިޔަނީވެސް [ބާތުރޫމް ސްލިޕަރސް] ފެންފައިވާން އެ ބޭނުންކުރަންޖެހޭ ދާއިރާ އެއޮތީ އޭގެ ނަމުންވެސް ރަނގަޅަށް ސާފުވާން. އެއީކީ އެ އޮފީހުގެ ދާއިރާއެއް ނޫން. އެހެންވީމާ، އެކަށީގެންވާ އެހެން ފައިވާނެއް، ޝޫޒް ނޫން އަދި ފެންފައިވާން ނޫން އެހެން ފައިވާނެއް ބޭނުންކުރެއްވުމާމެދު އެއްވެސް އިޢުތިރާޒެއް ނެތް.
 
ސަރުކާރުގެ ކަންތައްތައް އަވަސްކުރުން:
 
ދެން އޮތީ ސަރުކާރުގެ ކަންތައްތައް އަވަސްކުރުމާ ބެހޭގޮތުން ދަންނަވަންޖެހޭ އެއްޗެއް. ވަރަށްގިނަ ތަންތާނގެ މަސައްކަތް، ކަނޑައެޅިފައިވާ ގޮތުގައި ނުނިމުމުގެ އެންމެބޮޑު އެއް ސަބަބަކީ، އަޅުގަނޑަށް ފެންނަ ގޮތުގައި އޮފީހަށް ނުކުމެ ތިބޭ ގަޑީގައި ފަރުވާތެރިކަމާއެކު ރަނގަޅަށް މަސައްކަތް ކުރަމުން ނުގެންދެވޭކަން. ވަގުތު ބޭނުންކޮށްގެން ރަނގަޅަށް މަސައްކަތް ކުރަމުން ގެންދާނަމަ، އެ ދުވަހެއްގެ މަސައްކަތް، ކޮންމެ ތަނެއްގައިވެސް އެދުވަހަކު ނިމޭނެ. ނުނިމި ހުރިއްޔާ ހުންނާނީ ވަރަށްމަދު މަސައްކަތެއް. ކޮންމެ އޮފީހެއްގެވެސް މަސައްކަތް އަވަސްކުރުމުން، އަޅުގަނޑުމެން އެންމެންނަށްވެސް އެއިން ލިބޭނީ ފައިދާ. އެއީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް އެތަނެއްގެ މުވައްޒަފަކަށްވާއިރު، އަނެއް ތަނަކާބެހޭ އަމިއްލަ ކަންތައްތައްވެސް ހުންނާނެ މީހެއް. ކިޔަވާ ކުއްޖަކު ހުރިއްޔާ، އެޑިޔުކޭޝަން މިނިސްޓްރީއަށް ސިޓީލާންޖެހޭ ފަހަރެއްވެސް އަތުވެދާނެ. ނޫނީވިއްޔާ އެއްޗެއް ރަޖިސްޓަރީ ކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓަށް، ނޫނީ ރޭޑިއޯއެއް ރަޖިސްޓަރީ ކުރުމަށް ދިވެހިރާއްޖޭގެ އަޑަށް ސިޓީލާންޖެހޭ ވަގުތުވެސް އަތުވެދާނެ.
 
އެހެންވީމާ، ހުރިހާ ތަނެއްގެ މަސައްކަތް އަވަސްވިއްޔާ އަޅުގަނޑުމެންނަށްވެސް ރަނގަޅު. އަޅުގަނޑުމެންގެ އަމިއްލަ ކަންތައްވެސް އޭރުން އަވަސްވާނެ. އަޅުގަނޑުމެންގެ އަމިއްލަ ކަންތައް އަވަސްވެފައި އަދި ޢާންމުންގެ މަސައްކަތްތަކާއި ކަންތައްތައްވެސް އަވަސްވާނެ. މަސައްކަތް އަވަސްވީމާ އެއިން ލިބޭނީ ހައްތާވެސް ފައިދާ. އެއް ދުވަހެއްގެ މަސައްކަތް އަނެއް ދުވަހަކަށް ލަސްކުރެވިއްޖިއްޔާ އެ ދިގުލައިގެންދާނީ. ދެން ނުކުރެވި ހުންނަ މަސައްކަތްތައް ގިނަވެގެން ތޮއްޖެހިގެން، އެންމެފަހުން ޖެހޭނީ މެންދުރުފަހުންވެސް ނުކުންނަން. ރޭގަނޑުވެސް ނުކުންނަން. އަހަރު ނިމޭއިރު، ނޫނީވިއްޔާ ކޮންމެވެސް ކަމެއް ނިންމަންޖެހޭ ތާރީޚާ ކައިރިވާއިރު، ރެޔާދުވާލު އޮފީހުގައި އުޅެންޖެހޭތަން އެބަ އާދޭ. އެއާޚިލާފަށް ކޮންމެ ދުވަހަކުވެސް، އެދުވަހެއްގެ މަސައްކަތަށް ފަރުވާތެރިކަން ބަހައްޓައިގެން ނިންމޭތޯ ބަލަމުން ގެންދަންޏާ، މިދެންނެވިގޮތަށް މާފަހުން އެމަސައްކަތް އެހާ ބާރަށް ކުރާކަށް ނުޖެހޭނެ. މިދެންނެވީ ބައެއް ސްކޫލް ކުދިންނަށްވާހެން، ކުރިއްސުރެ ފިލާވަޅު ދަސްކުރަމުން ނުގެންދިޔައިމާ ވާގޮތަކީ، އިމްތިޙާން ކައިރިވީމާ ރޭގަނޑު ހޭލާހުރެގެންވެސް ފިލާވަޅު ދަސްކުރަންޖެހޭނީ. ކޮންމެ ދުވަހަކުވެސް، އެދުވަހެއްގެ ފިލާވަޅު ދަސްކުރަމުންދާނަމަ، އެހެން ހަދާކަށެއް ނުޖެހޭނެ. އަޅުގަނޑުމެންގެ ބައެއް އޮފީސްތަކުގެ ކަންތައްވެސް އެކަހަލަ ގޮތަކަށް ބައެއްފަހަރު އެބަ ދިމާވޭ. އެހެންވީމާ، އަޅުގަނޑު ހުރިހާ މުވައްޒަފުންނަށްވެސް އިލްތިމާސް ކުރަނީ، އެދުވަހެއްގެ މަސައްކަތް އެދުވަހަކު ނިންމެވުމަށް. އޭރުން ހުހަށް ލިބޭ ގަޑީގައި އަލުން ނުކުމެވަޑައިގަންނަވާކަށް ނުޖެހޭނެ. ރޭގަނޑު އޮފީހުގައި އުޅުއްވާކަށް ނުޖެހޭނެ. އަމިއްލަފުޅު ކަންތައްތަކަށް ފުދޭވަރަށް ވަގުތު ލިބޭނެ. ގެޔަށް ފުދޭވަރަށް ވަގުތު ލިބޭނެ.
 
އާދެ، މިގޮތުން ދައްކާނެ ވަރަށްގިނަ ވާހަކަ އެބަހުރި. އެހެން ނަމަވެސް އަޅުގަނޑު ހިތުން މިރޭ މިހާރުވެސް ވަރަށްގިނަ ވަގުތުތަކެއް ހޭދަވެގެން ހިނގައްޖެ. އަނެއްކާ ކަން ދިމާވިގޮތުން ވިއްސާރަ ރެޔަކަށްވުމާއެކު، މިރެޔަކީ މާފަސޭހަ ރެޔަކަށްވެސްނުވި. ފުރަތަމަ ޤަޞްދު ކުރެވިފައި އޮތީ މިތާ ގޯތިތެރޭގައި މި ޖަލްސާ ނުވަތަ މި އެއްވުން ބޭއްވުމަށް. އެހެން ނަމަވެސް، ވިއްސާރަވުމުގެ ސަބަބުން އެހެން ނުހެދުނީ. މިހާރު ގިނަ ބޭފުޅުން ތިޔަ ތިއްބެވީ ކޮޅަށް. މާފަސޭހަފުޅު ގޮތަކަށް ނޫން.
 
އެހެންވީމާ، އަޅުގަނޑު ދެން މިހިސާބަށް ކުރުކޮށްލަނީ. އަޅުގަނޑުގެ ނަޞޭޙަތަކީ ސަރުކާރުގެ ހުރިހާ މުވައްޒަފުންވެސް އިޚްލާޞްތެރިކަމާއެކު އަމާނާތްތެރިކަމާއެކު، ކޮންމެ މުވައްޒަފަކުވެސް އެމީހަކާ ޙަވާލުކުރެވިފައިވާ މަސައްކަތެއް ފަރުވާތެރިކަމާއެކު، އަދާކުރަމުން ގެންދިޔުން. އެހެން ގެންގޮސްފި ކަމަށްވަންޏާ، އަޅުގަނޑުމެންގެ ކަންތައްތައް ވަރަށް އަވަހަށް ތަރައްޤީވަމުންދާނެ. ސަރުކާރުގެ މަސައްކަތްވެސް ހަލުވިވާނެ. އަދި އަޅުގަނޑުމެންނަށް އިތުރު ވަގުތު ލިބޭނެ. އަދި އަޅުގަނޑުމެންނަށް އެއިން އެތައް ފައިދާތަކެއް ލިބެމުންދާނެ.
 
އާދެ، އަޅުގަނޑު ޔަޤީންކުރަނީ، މިރޭ އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނާ މުޚާޠަބުކޮށް، މިދެއްކި ވާހަކަތަކަށް ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ތިޔަ ހުރިހާ ބޭފުޅުންވެސް ދެއްވާނެ ކަމަށް. އަދި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، މިއެރުވި ނަޞޭޙަތްތައް ހަމަ އެހާމެ އިޚްލާޞްތެރިކަމާއެކު، ތިޔަ ހުރިހާ ބޭފުޅުން ގަބޫލުކުރައްވާނެ ކަމަށް. އަދި އެއާ އެއްގޮތަށް ޢަމަލުކުރައްވަމުން ގެންދަވާނެ ކަމަށް.
 
އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް މާތްﷲ ތަނަވަސްކަން ދެއްވުން. އަދި އަޅުގަނޑުމެންނަށް ފުރިހަމަ ޞިއްޙަތާއި ބާއްޖަވެރިކަން މިންވަރު ކުރެއްވުން. ދިވެހިރާއްޖެއަށް މިއަދަށްވުރެ ތަނަވަސް އަދި ހުރިހާ ގޮތަކުންވެސް ބާއްޖަވެރި މުސްތަޤްބަލެއް ދެއްކެވުން.
 
والسّلام عليــكم ورحـمــةاللّـه