بسـم الِلّـه الرّحمٰـن الرّحيـم

 

الحمـد لِلّـه ربّ العـالمـين،  والصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمّدٍ وعلى آله وأصحـابه أجمعـين.
 
އާދެ! އަޅުގަނޑުމެން މިވޭތުކުރަމުން މިގެންދަނީ ބަރަކާތްތެރި ރަމަޟާންމަހުގެ ދުވަސްތަކާއި ރޭތައް. ރަމަޟާންމަހުގެ ދުވަސްތަކާއި ރޭތައް ފާއިތުވަމުންގޮސް، މިހާރު އަޅުގަނޑުމެން މިކުރިމަތިލަނީ މިމާތް މައްސަރުގެ މަތިވެރި ފަހުދިހައިގެ ދުވަސްތަކާއި ރޭތަކާ.
 
މިބާއްޖަވެރި އަދި އަގުހުރި ފުރުޞަތުގެ ބޭނުން އަޅުގަނޑުމެން މުސްލިމުން އެންމެހެޔޮގޮތުގައި ހިފުމަކީ ވަރަށް މުހިންމުކަމެއް. ބަރަކާތްތެރި ރަމަޟާންމަހަކީ، މާތްاللّـه އަޅުގަނޑުމެންނަށް ދެއްވާ ވަރަށް އަގުހުރި އިލާހީ ރަނުގެ ފުރުޞަތެއް. މިފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ، އަޅުގަނޑުމެންގެ މިދުނިޔޭގެ ޙަޔާތުގެ ދުވަސްތައް ބާއްޖަވެރި ކުރުމަށާއި އަދި އަޅުގަނޑުމެން ދާން އޮތް ދާއިމީ ގޮވަތީގެ ނިޢުމަތާއި ޘަވާބު، އަޅުގަނޑުމެންނަށް ލިބުމަށްއޮތް އެންމެ ކުރުމަގު. އެންމެބޮޑު ވަސީލަތް.   
 
އާދެ، މާތް اللّـه މިމާތް މައްސަރުގައި އަޅުގަނޑުމެން އަދާކުރުމަށް ވަރަށް މަތިވެރި ފަރުޟެއްވަނީ ޝަރްޢު ކުރައްވާފައި. އެއީ މިމައްސަރުގެ ރޯދަ. އެނގިވަޑައިގަންނަވާނެ ފަދައިން، ތަކުރާރުކޮށް މިފަދަ ޖަލްސާތަކުގައި އިވެމުން ގޮސްފައިވާފަދައިން، އެކިއެކި ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ފަދައިން، ރޯދަ ފަރުޟް ކުރެއްވުމުގެ ޙިކްމަތަކީ، އަދި އެކަމުގެ މޭވާއަކީ تقوىވެރިކަން. ރޯދައަކީ تقوىވެރިވުމަށް މަގުފަހިކޮށްދޭ ކަމަކަށްވާކަން. އަދި ރޯދަހިފުމުގެ ނަތީޖާއަކީ، އެކަމުން އަޅުގަނޑުމެންނަށް ލިބޭ އެންމެބޮޑު މަންފާއަކީ، އަޅުގަނޑުމެންގެ تقوىވެރިކަން އިތުރުވެގެންދާކަން.
 
   ޙަޤީޤަތުގައި تقوىވެރިކަމަކީ، ވަރަށްގިނަ މާތްސިފަތަކެއް އެކުލެވިގެންވާ، ވަރަށް މަތިވެރި އިލާހީ ހިޔާވައްސެއް. އެމަތިވެރި އިލާހީ ހިޔާވަހިކަމުގެ ދަށުގައި، ވަރަށް އަގުހުރި ގިނަ ސިފަތަކެއް ހިމެނިގެންވޭ. އެސިފަތައް އަޅުގަނޑުމެން ދެނެގަނެ، އަޅުގަނޑުމެންގެ ނަފުސްތަކާއި ޢަމަލުތައް އެސިފަތަކުން ޒީނަތްތެރިކުރުމަކީ، މިމައްސަރުގައި އަޅުގަނޑުމެން تقوىވެރިވުމަށްއެޅޭ ވަރަށްބޮޑު ބާރަކަށްވާނެ.
 
މިރޭ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިދެންނެވި އަގުބޮޑު މާތްސިފަތަކުގެ ތެރެއިން އެއް ސިފައެއްގެ ވާހަކަ. އާދެ، އެސިފައަކީ، ހެޔޮބަސްބުނުން. ހެޔޮބަހަކީ ކޮބައިތޯ؟ ހެޔޮބަހަކީ އެންމެ ފުރަތަމަ ތެދުބުނުން. އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ އެންމެ މަތިވެރި ޙަޤީޤަތްތައް ޤަބޫލުކޮށް، އެއާ އެއްގޮތަށް އަޅުގަނޑުމެންގެ ބަހާއި ޢަމަލު ސީދާކުރުން. އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ އެންމެބޮޑު ދެ ޙަޤީޤަތަކީ اللّـه سبحـانـه وتعـالى ވޮޑިގެންވާކަމާއި، އެކަލާނގެ އެއްކައުވަންތަކަމާއި އަދި  محـمَّدގެފާނީ، މާތްاللّـهގެ ރަސޫލާކަން. މިބޮޑު  ދެ ޙަޤީޤަތުގެ މައްޗަށް ބިނާކޮށް، އަޅުގަނޑުމެންގެ ޙަޔާތުގެ ހުރިހާކަމެއް ކުރަމުން ގެންދަންވާނީ. މިބޮޑު ދެ ޙަޤީޤަތް، އެއީ އަޅުގަނޑުމެންގެ ޝަހާދަތުގެ ދެކަލިމައިގައި ހިމެނޭ ދެ ޙަޤީޤަތް.
 
اشهد ان لا اله الا اللَّـه واشهد ان محمد ارسول اللَّـه اللّـهފިޔަވައި އެހެން އިލާހަކުނުވާކަމަށް އަޅުހެކިވަމެވެ. محـمَّدގެފާނީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އަޅުހެކިވަމެވެ. މިބޮޑު ދެ ޙަޤީޤަތް އަޅުގަނޑުމެން ޤަބޫލުކޮށް، އެ ޙަޤީޤަތް ފާޅުކުރުމަކީ، ތެދުބުނުމުގެ އެންމެ ފުރަތަމަ ބިންގާ، ނުވަތަ އެންމެ ފުރަތަމަ ޢަމަލު.
 
ތެދުބުނުމުގައި ހިމެނޭ، އަޅުގަނޑުމެންގެ ޢާއިލާގެ ތެރޭގައި، އަޅުގަނޑުމެން މުޖުތަމަޢުގައި އުޅޭއިރު، އެކަކުއަނެކަކާ ބައްދަލުކޮށް ވާހަކަދައްކާއިރު ތެދުބުނުން. ޙަޤީޤަތް ހާމަކުރުން. ހަމައެހެންމެ، ހެކިބަސް ދޭން ޖެހިއްޖެ މަގާމެއްގައި، ޝަރީޢަތުގެ މަޖިލީހުގައި، ކަމުގެ ޙަޤީޤަތް އޮތްގޮތަށް ތެދަށް ބުނުން. ހަމައެހެންމެ، ހެޔޮބަހުގެ ތެރޭގައި ހިމެނޭ، ނަސޭހަތްތެރިވުން، اللّـهގެ މަގަށް ގޮވާލުން، އިސްލާމްދީނުގެ ޢަޤީދާތަކާއި، އުޞޫލުތަކާއި، ޙުކުމްތައް މީސްތަކުންނަށް އަންގައިދިނުން. މާތްވެގެންވާ އިސްލާމްދީން މަތިވެރިކުރުމަށް މަސައްކަތް ކުރުމަށްޓަކައި، އަދި އެރޮނގުން ދައްކާ ވާހަކަ، މީސްތަކުންގެ މެދުގައި ޞުލްޙަ ޤާއިމްކުރުމަށް ދައްކާ ވާހަކަ، އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަން ކުރިއަށް ގެންދިއުމަށް، ހަރުދަނާކުރުމަށް، ވަރުގަދަކުރުމަށް ދައްކާ ވާހަކަ، މިހުރިހާކަމަކީ ހެޔޮބަސްބުނުމުގެ ތެރޭގައި ހިމެނޭ ކަންކަން.
          އާދެ، ހެޔޮބަސްބުނުމާއި ނުވަތަ ސީދާވެގެންވާ ބަސް ބުނުމާ، تقوىވެރިކަމާ ހުރިގުޅުން މާތް اللّـه ބަޔާންކުރައްވައި، ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވޭ. يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللَّهَ وَقُولُواْ قَوْلاً سَدِيداً(الأحزاب۷۰)މާނައަކީ: ”އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللّـه އަށް تقوىވެރިވެރިވާށެވެ! އަދިސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ!
 
މާތްاللّـه އަށް تقوىވެރިވެ، އަދި ސީދާވެގެންވާ ބަހަކުން، ބަސްބުނުމުގެ ހެޔޮނަތީޖާ، ދެން އޮންނަ އާޔަތުގައި މާތްاللّـه ވަރަށް ޞަރީޙަކޮށް ބަޔާންކޮށްދެއްވާފައި އެބައޮތް. އެކަލާނގެ ވަޙީކުރައްވާ.   يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَمَن يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزاً عَظِيماً (الأحزاب 71) މާނައީ:(އޭރުން) ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ عملތައް އެކަލާނގެ إصلاح ކޮށްދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. اللّـهއަށާއި، އެކަލާނގެ رسولއާއަށް ކިޔަމަންވާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ نصيب ލިބުމަކުން އެމީހާއަށް نصيب ލިބިއްޖެއެވެ.
 
         އަދިވެސް މާތްاللّـه ކީރިތި ޤުރްއާންގައި ހެޔޮބަސް ބުނުމަށް އަންގަވައި، ވަޙީކުރައްވާފައިވޭ، وَقُولُواْ لِلنَّاسِ حُسْناً وَأَقِيمُواْ الصَّلاَةَ وَآتُواْ الزَّكَاةَ ثُمَّ تَوَلَّيْتُمْ إِلاَّ قَلِيلاً مِّنكُمْ وَأَنتُم مُّعْرِضُونَ (البقرة:83) މާނައަކީ ”އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ! އަދި ތިޔަބައިމީހުން ނަމާދު قائمކުރާށެވެ! އަދި زكاة ދޭށެވެ! ދެން ތިޔަބައިމީހުން ދެކޮޅުވެރިވެގެންވާ حال، ތިޔަބައިމީހުންގެ ތެރެއިން މަދުބަޔަކުމެނުވީ (عهد ފުއްދުމަށް) ފުރަގަސްދިނީއެވެ.
 
މިއާޔަތަށް ވިސްނަވާލައްވާ. އެންމެ ފުރަތަމަ މިއަންގަވަނީ، ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ. އެއަށްފަހުގައި މި ވަޙީކުރައްވަނީ ތިޔަބައިމީހުން ނަމާދު ޤާއިމްކުރާށެވެ. އަދި ޒަކާތްދޭށެވެ. މިކަމުންވެސް ހެޔޮބަސްބުނުމުގެ މާތްކަމާއި މަތިވެރިކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. މިއާޔަތުގައި ނަމާދު ޤާއިމުކުރާށޭ އެންގެވި އެންގެވުމުގެ ކުރިއަށް، ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށޭ، މާތްاللّـه އަންގަވާފައި އެބައޮތް. އެހެންވީމާ، ހެޔޮބަސް ބުނުމަކީ، ކިހާވަރެއްގެ ކަމެއްކަން، ވަރަށް ރަނގަޅަށް މާތްاللّـه މި އާޔަތުގައި ބަޔާންކޮށްދެއްވާފައި އެވަނީ. އަދި މި މަތިވެރި ޢަމަލުތައް ތަރުތީބުކުރެއްވި ކުރެއްވުމުގައި ނަމާދު ޤާއިމުކުރުމަށްވުރެވެސް، އަދި ޒަކާތް ދިނުމަށްވުރެވެސް، ހެޔޮބަސް ބުނުމަށް އިސްކަންދެއްވާފައިވާކަމުން، މިމާނަ ވަރަށް ފުންކޮށް، އަޅުގަނޑުމެންނަށް ވިސްނޭނެކަން ކަށަވަރު.
 ހަމައެހެންމެ، މާތްاللّـه ކީރިތި ޤުރްއާންގައި ވަޙީކުރައްވާފައިވޭ. طَاعَةٌ وَقَوْلٌ مَّعْرُوفٌ فَإِذَا عَزَمَ الْأَمْرُ فَلَوْ صَدَقُوا اللَّهَ لَكَانَ خَيْراً لَّهُمْ (محمد۷۱) މާނައަކީ: ”ކިޔަމަންވުމަކާއި، ރީތިބަހެއްބުނުން )ހެޔޮކަންބޮޑުވެގެން (ވެއެވެ .ފަހެ، ހަނގުރާމަކުރުމުގެ أمرފުޅު ކަނޑައެޅިއްޖެހިނދު، اللّـه އަށް އެއުރެން ތެދުވެރިވީނަމަ، އެކަން އެއުރެންނަށް ހެޔޮކަންބޮޑުވީސްކަން ކަށަވަރެވެ.“ އަދިވެސް މާތްاللّـه ވަޙީކުރައްވާ. قَوْلٌ مَّعْرُوفٌ وَمَغْفِرَةٌ خَيْرٌ مِّن صَدَقَةٍ يَتْبَعُهَا أَذًى وَاللّهُ غَنِىٌّ حَلِيمٌ (البقرة: 263) ”އެ صدقات އަކާ ގުޅިގެން އުނދަގުލެއްދޭ صدقات އަކަށްވުރެ ރަނގަޅު ހެޔޮބަހެއްބުނުން، އަދި عفوކުރުން، ހެޔޮކަންމާބޮޑެވެ. اللَّـهއީ، ފުދިވޮޑިގެންވާ، حليمވަންތަ ރަސްކަލާނގެއެވެ.
 
އާދެ، މީހަކު މީހަކަށް އެހީއެއް ވެދީފައި، އެވާހަކަ ދެއްކުމާއި، އޭގެ ސަބަބުން އެމީހަކަށް އުނދަގޫތައް ކުރުމަށްވުރެ، ހެޔޮބަހެއް ބުނުންވެސް މާ އައުލާކަން ބޮޑޭ، އެއްޗެއް ނުދީނަމަވެސް. އެއްޗެއް ނުދީނަމަވެސް، ހެޔޮބަހެއް ބުނުން މާ ހެޔޮކަން ބޮޑެވެ. އެހެންވީމާ، މިއިންވެސް އަޅުގަނޑުމެންނަށް އެނގޭ، ހެޔޮބަސް ބުނުމުގައި ހުރި، މަތިވެރިކަމާއި މާތްކަން.
 
އަދިވެސް މާތް اللّـه ވަޙީކުރައްވާ. وَإِمَّا تُعْرِضَنَّ عَنْهُمُ ابْتِغَاء رَحْمَةٍ مِّن رَّبِّكَ تَرْجُوهَا فَقُل لَّهُمْ قَوْلاً مَّيْسُوراً(الإسراء 28) މާނައީ: ”ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އައުމަށް އެދިވަޑައިގަންނަވާ رحمة އެއްގެ އެދުމުގައި، އެއުރެންނާ ދުރުހެލިވެވަޑައިގަންނަވާނަމަ، ފަހެ، މަޑުމައިތިރި ބަހަކުން އެއުރެންނަށް ބަސްވިދާޅުވާށެވެ!
 
ކާފިރުންނާއި، މުޝްރިކުންނާއި، އެބައިމީހުންގެ ޢަމަލުތައް ހުރިގޮތުން، ކީރިތި ރަސޫލާ އެމީހުންނާ ދުރަށް ޖެހިވަޑައިގަންނަވަން ޖެހިވަޑައިގެން ނަމަވެސް، މަޑުމައިތިރި ބަހަކުން އެއުރެންނަށް ބަސްވިދާޅުވާށޭ. ދީނުގެ ދުޝްމަނުން، ކާފިރުން، މުޝްރިކުން، އެމީހުންނާމެދު ޢަމަލުކުރުމުގައިވެސް އަންގަވާފައިމިވަނީ، އެމީހުންނަށްވެސް މަޑުމައިތިރި ބަހަކުން މުޚާޠަބު ކުރާށޭ. އެހެންވީއިރު، އަޅުގަނޑުމެން މުސްލިމުން އެކަކު އަނެކަކާ މުޚާޠަބު ކުރާއިރު، ނުވަތަ އެކެއްގެ ވާހަކަ އަނެކަކު ދައްކާއިރު، މަޑުމައިތިރި ބަހަކުން، ހެޔޮބަހަކުން އެއްޗެއް ބުނުމުގެ އައުލާކަން ކިތަންމެހާވެސް ބޮޑުކަން އަޅުގަނޑުމެންނަށް މިކަމުންވެސް އެނގޭނެ.
 
އާދެ، اللّـهގެ މަގުގައި، ހެޔޮބަސް ބުނުން، اللّـهގެ މަގަށް ގޮވާލުން، އިސްލާމްދީނުގެ މަތިވެރި ހިދާޔަތު، ބައެއްގެ ހިތްތަކަށް ވެއްދުމަށްޓަކައި، ނަސޭހަތްދިނުން، އިރުޝާދުދިނުން، އަދި ދީނުގެ ޙުކުމްތަކާއި، ޢަޤީދާތައް ބަޔާންކޮށްދިނުން، މިކަންކަން ކުރުމަކީ اللّـهގެ މަގަށް ގޮވައިލުން. މިކަމާ ބެހޭގޮތުން މާތްاللّـه ވަޙީކުރައްވާފައިވޭ. وَمَنْ أَحْسَنُ قَوْلاً مِّمَّن دَعَا إِلَى اللَّهِ وَعَمِلَ صَالِحاً وَقَالَ إِنَّنِى مِنَ الْمُسْلِمِينَ (فصلت 33) މާނައީ: اللّـهގެ حضرة އަށް (އައުމަށް) ގޮވާލައި، އަދި صالح عمل ކޮށް، އަދި ހަމަކަށަވަރުން، ތިމަންނާވަނީ (اللّـه އަށް) ކިޔަމަންވާ މީހުންގެ ތެރެއިންނޭ ބުނާ މީހަކަށްވުރެ ރަނގަޅު ބަސްބުނާ މީހަކީ ކާކުހެއްޔެވެ؟
 
އާދެ، ތެދުބަސް ބުނުމުގެ އަނެއްކޮޅަކީ، ތެދުބަސް ނުބުނުން. ޙަޤީޤަތާ ޚިލާފު ވާހަކަދެއްކުން. ދޮގުހެދުން. ބޭކާރުވާހަކަ ދެއްކުން. މީހުންގެ އަބުރާ ބެހޭގޮތުން ދައްކާވާހަކަ ނުވަތަ ބޭނުމެއްނެތް ވާހަކަ ދެއްކުން. މީހުންނަށް ޙަޤީގަތް އޮޅޭގޮތަށް ވާހަކަ ދެއްކުން. މިހުރިހާ ކަމަކީ، ތެދުބަސްބުނުމާއި ނުވަތަ ހެޔޮބަސް ބުނުމާ ދިމާއިދިކޮޅު ކަންތައްތައް. މިކަންކަމުން އަޅުގަނޑުމެން ރައްކާތެރިވާންޖެހޭނެ. އަޅުގަނޑުމެންގެ ދޫ މިކަންކަމުން ސަލާމަތްކުރަންޖެހޭނެ.
 
އާދެ، މާތްاللّـه المؤمنون ސޫރަތުގެ ފެށޭތާނގައި ވަޙީކުރައްވާ،قَدْ أَفْلَحَ الْمُؤْمِنُونَ، الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ، وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَމާނައީ: مؤمنން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ. އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ.“ އެހެންވީމާ، ކާމިޔާބާއި ފަލާޙް ހޯދާ މުއުމިނުންނަކީ، ކޮންބައެއްކަން ބަޔާންކޮށްދެއްވުމުގެ ގޮތުން، މިސޫރަތުގައި މާތްاللّـه ވަރަށްގިނަ ސިފަތައް ބަޔާންކޮށްދެއްވާފައިވޭ. އޭގެތެރެއިން އެންމެފުރަތަމަ މިވަނީ، ނަމާދުގައި މަޑުމޮޅިވުން، މަޑުމައިތިރިވުން. ދެވަނަ ސިފައަކަށް މިއޮންނަނީ، ބޭކާރު ވާހަކަތަކުން ދުރުހެލިވުން، ބޭކާރު ކަންތައް ކުރުމުން ދުރުހެލިވުން.
 
އެހެންވީމާވެސް، އަޅުގަނޑުމެންނަށް އެބަ އެނގޭ، ދޫ ރައްކާތެރިކުރުމާއި ބޭކާރުވާހަކަތައް ދެއްކުމުން ދުރުހެލިވުމަކީ، އިސްލާމްދީނުގެ ވަރަށް މުހިންމު ވާޖިބެއްކަން. ނަމާދާ ގުޅިފައިވާ ނުވަތަ ނަމާދާ އެއްވަރު، ނުވަތަ ކުރިން ދެންނެވި އާޔަތުގައި ނަމާދަށްވުރެވެސް اللّـه އިސްކަން ދެއްވާފައިވާ ކަމެއްކަން. އެހެންވީމާ، މިކަންކަމުގެ މައްޗަށް އަޅުގަނޑުމެން މިފަދަ މާތް މައްސަރެއްގައި، ވަރަށްރަނގަޅަށް ވިސްނަންޖެހޭނެ. އަދި ރޯދަ ހިފުމުގެ މޭވާއަކީ تقوىވެރިކަން ކަމަށްވާއިރު، އެ تقوىވެރިކަމާ ގުޅިފައިވާ، އަދި އެ އިލާހީ މަތިވެރި ހިޔާވަހިކަމުގެ ދަށުގައިވާ، މާތް ސިފަތަކުގެ ތެރެއިން ހެޔޮބަސް ބުނުމަކީ، ކިހާ މާތް ސިފައެއްކަން އަޅުގަނޑުމެން އަބަދުވެސް ހަނދާންކޮށް، އެގޮތަށް ޢަމަލުކުރުމަކީ، މިމާތް މައްސަރުގެ ދަރުމައާއި، ބަރަކާތް ލިބުމުގައި އަޅުގަނޑުމެންނަށް ވަރަށްބޮޑަށް އެހީވެދޭނެކަމެއް.
 
އާދެ، ކުރިން ދެންނެވި ފަދައިން، މީސްތަކުންނަށް ދީނަށް ގޮވާލުމާއި، އަދި މުސްލިމްނޫން މީހުންނަށްވެސް އިސްލާމްދީނުގެ ދަޢުވަތު ގެނެސްދިނުމަށް، އިސްލާމްދީނަށް އައުމަށް، އިސްލާމްދީން ޤަބޫލުކުރުމަށް ނަސޭހަތްތެރިވުމާއި، އިރުޝާދު ދިނުމާއި، މިހުރިހާ ކަމެއް ކުރާއިރުވެސް، ކުރަން އަންގަވާފައިވަނީ، ޙިކްމަތްތެރިކަމާއި، ރިވެތި ޥަޢްޡާއެކީގައި. މިކަމުގައިވެސް ހަރުކަށި އިބާރާތް ބޭނުންކޮށް، އެހެންމީހުންނަށް އުނދަގޫވާ ޒާތުގެ ބަހުރުވައިން ވާހަކަ ދެއްކުމަކަށް އަންގަވާފައެއްނެތް.
 
މާތްاللّـه ވަޙީކުރައްވަނީ، ادْعُ إِلَى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَجَادِلْهُم بِالَّتِى هِىَ أَحْسَنُ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ وَهُوَ أَعْلَمُ بِالْمُهْتَدِينَ (النحل: 125) މާނައީ: حكمة އާއި، ރިވެތި وعظއާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ جدل ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ މަގުން އެއްކިބާވެގެންވާ މީހުން، މޮޅަށް ދެނެވޮޑިގެންވެތެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންވެސް، މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ. 
 
اللّـه سبحـانـه وتعـالى ކީރިތި ރަސޫލާއަށް އަންގަވަނީ، އިސްލާމްދީނަށް ގޮވައިލެއްވުމުގައިވެސް، ކާފިރުންނާއި މުޝްރިކުންނާއި މީހުން ގެންނަވައިގެން، އިސްލާމްދީނުގެ މަގަށް އެބައިމީހުންނަށް ގޮވައިލައްވާއިރުވެސް، ކަލޭގެފާނު އެކަންކުރައްވަންވީ، ޙިކްމަތްތެރިކަމާއެކީގައޭ. ރިވެތި ޥަޢްޡާއެކީގައެވެ. އަދި އެބައިމީހުންނާ ޖަދަލުކުރައްވާނަމަ، އާދެ، އެމީހުން ދައްކާ ވާހަކައަށް ޖަވާބުދެއްވުމުގެ ގޮތުން ވާހަކަ ދައްކަވާނަމަވެސް، އެކަން ކުރައްވަންވީ ރިވެތި ގޮތުގައެވެ. وَجَادِلْهُم بِالَّتِى هِىَ أَحْسَنُ، ރިވެތިގޮތުގައި ކަލޭގެފާނު އެއުރެންނާ ޖަދަލުކުރައްވާށެވެ. މަޑުމައިތިރިކޮށް، ޙިކްމަތްތެރިކަމާއެކީގައި، އަދަބުވެރިކަމާއެކީގައި ޖަދަލުކުރައްވާށެވެ.
 
މިއީ ކޮންބަޔަކާތޯ! މިއީ ކާފިރުންނާ، މިއީ މުޝްރިކުންނާ. އެމީހުންނާ ކީރިތި ރަސޫލާ ވާހަކަފުޅު ދައްކަވާއިރުވެސް، ވާހަކަފުޅު ދައްކަވަން ޤުރްއާންގައި އަންގަވާފައިމިވަނީ ރިވެތިބަހުން، މަޑުމައިތިރިކަމާއެކީގައި، ޙިކްމަތްތެރިކަމާއެކީގައި. އެހެންވީއިރު، އަޅުގަނޑުމެން މުސްލިމުން އެކަކު އަނެކަކާ ވާހަކަ ދައްކާއިރު، ނުވަތަ އެކެއްގެ ވާހަކަ އަނެކަކު ދައްކާއިރު، އެއްވެސް މީހަކާ މުޚާޠަބުކޮށް ތިމާގެ އެހެން މުސްލިމް އަޚަކާއި ނުވަތަ އުޚްތަކާ މުޚާޠަބުކޮށް ވާހަކަ ދައްކާއިރު، މިފަދަ ރިވެތިބަހުން ވާހަކަ ދެއްކުން މާ އައުލާކަންބޮޑު. މިހިރީ އަޅުގަނޑުމެން މިފަދަ ފުރުޞަތުތަކުގައި ދަސްކުރަންވީ ފިލާވަޅުތައް.
 
   އާދެ، رسول اللّـه صلّى اللّـه عليه وسلّم ތެދުބުނުމަށާއި، ހެޔޮބަސް ބުނުމަށް އަޅުގަނޑުމެންނަށް ވަރަށްގިނަ އިރްޝާދުތައް ދެއްވާފައިވޭ. ކީރިތި ޤުރްއާންގައި އަންގަވާފައިވާގޮތަށް، މާތްވެގެންވާ އިސްލާމްދީނުގައި އެހާ މުހިންމުކަމެއް ދެއްވާފައިވާ ކަމަށްވާތީ، އެކަން އިތުރަށް މީސްތަކުންނަށް ބަޔާންކޮށްދެއްވުމުގެ ގޮތުން رسول اللّـه صلّى اللّـه عليه وسلّم ތަފާތުގިނަ ނަބަވީ އިރްޝާދުތައް، އަޅުގަނޑުމެންނަށް ދެއްވާފައި އެބަހުރި. އޭގެތެރެއިން، ބައެއްވާހަކަ ދަންނަވާލާނަން.
 
އާދެ، ابن مسعود رضى اللّـه عنه ރިވާކުރެއްވި ޙަދީޘެއްގައި، رسول اللّـه صلّى اللّـه عليه وسلّم ޙަދީޘްކުރައްވާފައިވޭ، إنَّ الصِّدْقَ يَهْدِى إلَى البِرّ، وإنّ البِرَّ يَهْدِى إلىَ الجَنَّة، وإنَّ الرَّجُل لَيَصْدُقُ حَتىَّ يُكْتَبَ عِند اللّـهِ صِدِّيقا؛ وإنّ الكَذِبَ يَهْدِى إلى الفُجُور، وإنّ الفجورَ يَهْدِى إلى النّارِ؛  وإنَّ الرَّجُلَ لَيَكْذِبُ حَتَّى يُكْتَبَ عِندَ اللّـهِ كَذّابًا (متّفق عليه) އާދެ، މިޙަދީޘްގައި رسول اللّـه صلّى اللّـه عليه وسلّم އެވިދާޅުވަނީ، ހަމަކަށަވަރުން، ތެދުބުނުމަކީ، ހެޔޮކަން ކުރުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ހެޔޮކަން ކުރުމަށް މަގުދައްކައިދޭ ކަމެކެވެ. ހަމަކަށަވަރުން ހެޔޮކަން ކުރުމަކީ، ސުވަރުގެއަށް މަގުފަހިކޮށްދޭ، ސުވަރުގެއަށް މަގުދައްކައިދޭ ކަމެކެވެ. ހަމަކަށަވަރުން، މީހާ ތެދުބުނަމުން، ތެދުބުނަމުން ގެންދެއޭ، އެމީހާއީ اللّـهގެ ޙަޟްރަތުގައި ޞިއްދީޤެއް ކަމުގައި ލިޔެވިއްޖެއުމަށް ދާންދެން. އާދެ، ޞިއްދީޤް އެނގިވަޑައިގަންނަވާނެ. ޞިއްދީޤަކީ ގިނަގިނައިން ތެދުބުނާ މީހާ. ގިނަގިނައިން ތެދުބުނާމީހެއްގެ ގޮތުގައި اللّـهގެ ޙަޟްރަތުގައި އެމީހެއްގެ ނަން ލިޔެވިއްޖެއުމަށް ދާންދެން، އެމީހާ ތެދުބުނަމުން ގެންދެއެވެ.
 
 وإنّ الكَذِبَ يَهْدِى إلى الفُجُور، ހަމަކަށަވަރުން ދޮގުހެދުމަކީ، ފާހިޝް ޢަމަލުތަކަށް މަގުދައްކައިދޭ، މަގުފަހިކޮށްދޭ، ކަމެކެވެ.وإنّ الفجورَ يَهْدِى إلى النّارِ ހަމަކަށަވަރުން، ފާޙިޝް ޢަމަލުތަކަކީ، ނަރަކައަށް މަގުދައްކައިދޭ، ނަރަކައަށް މަގުފަހިކޮށްދޭ، ކަންތައްތަކެކެވެ. وإنَّ الرَّجُلَ لَيَكْذِبُ حَتَّى يُكْتَبَ عِندَ اللّـهِ كَذّابًا ދޮގުހަދާމީހާ، ދޮގުހަދަމުން، ދޮގުހަދަމުން ދެއޭ އެމީހާއީ، ދޮގުހެދުންގިނަ، ގިނަގިނައިން ދޮގުހަދާ މީހެއްގެ ގޮތުގައި، اللّـهގެ ޙަޟްރަތުގައި ލިޔެވިއްޖައުމަށް ދާންދެން. އެހެންވީމާ، ތެދުބުނުމަކީ، ހުރިހާ ހެޔޮކަންތައްތަކަށް މަގުފަހިކޮށްދޭ ކަމެއް. ހެޔޮކަންތައް ކުރުމަކީ ސުވަރުގެއަށް މަގުފަހިކޮށްދޭ ކަމެއް. ދޮގުހެދުމަކީ، ފާޙިޝް ޢަމަލުތައް ކުރުމަށް މަގުފަހިކޮށްދޭ ކަމެއް. ފާޙިޝް ޢަމަލުތަކަކީ ނަރަކައަށް މަގުފަހިކޮށްދޭ ކަމެއް. އެހެންވީމާ، މިކަންކަން އަޅުގަނޑުމެން އެބަ ދަންނަންޖެހޭ.
 
 عدىّ بن حاتم رضى اللّـه عنه،ރިވާކުރެއްވި ޙަދީޘެއްގައި، رسول اللّـه صلّى اللّـه عليه وسلّم ޙަދީޘްކުރައްވާފައިވޭ، اِتّقُوا النَّارَ وَلَو بِشِقِّ تَمْرَةٍ، فَمَن لَمْ يَجِدُ فَبِكَلِمَةٍ طَيِّبَةٍ ތިޔަބައިމީހުން، ކަދުރު އޮށެއްގެ މިންވަރުން ނަމަވެސް، އެވަރު ކުޑަކުޑަ ހެޔޮކަމެއް ކޮށްގެން ނަމަވެސް، ނަރަކައިން ސަލާމަތް ވެވޭތޯ ބަލާށެވެ.فَمَن لَمْ يَجِدُއެވަރުވެސް ނުލިބިއްޖެމީހާ، فَبِكَلِمَةٍ طَيِّبَةٍ،  ހެޔޮބަހެއް ބުނުމުން ނަރަކައިން ސަލާމަތްވާށެވެ. މާނައަކީ، ހެޔޮބަސް ބުނުމަކީ، ނަރަކައިން ސަލާމަތްކޮށްދޭ ކަމެކެވެ. މީސްތަކުންނަށް ހެޔޮބަސް ބުނުން، މީހުންނަށް އިޙްސާންތެރިވުން، މަޑުމައިތިރިކޮށް، ރީތިކޮށް ވާހަކަދެއްކުން، މިކަމަކީ އިންސާނާ ނަރަކައިން ސަލާމަތްކޮށްދޭ ކަމެކެވެ.
   
ހަމައެހެންމެ، أبى هريرة رضى الله عنه ރިވާކުރެއްވި ޙަދީޘެއްގައި رسول اللّـه صلّى اللّـه عليه وسلّم ޙަދީޘްކުރައްވާފައިވޭ،والكلمَة الطيبة صَدَقَة، ހެޔޮބަހަކީ ޞަދަޤާތެކެވެ. އާދައިގައި އަޅުގަނޑުމެން ޞަދަޤާތް ކިޔައި މިއުޅެނީ، ނިކަމެތިންނަށް އެހީވެދިނުމަށްޓަކައި އެމީހުނަށްދޭ އެއްޗަކަށް. ފައިސާއެއްކަމަށްވިޔަސް، އެހެން އެއްޗެއް ކަމަށްވިޔަސް، މިސްކީނަކަށް، ފަޤީރަކަށް، ނިކަމެއްޗަކަށް، އެހީތެރިވުމުގެ ގޮތުން އަޅުގަނޑުމެން ދޭ އެއްޗަކަށް އަޅުގަނޑުމެން މިކިޔަނީ، ޞަދަޤާތެކޭ. އެއީ ޞަދަޤާތް ކުރުމޭ. އެއީ ވަރަށް ހެޔޮކަން ބޮޑުކަމެއް. ވަރަށް ޘަވާބު ބޮޑުކަމެއް. ނިކަމެތިންނަށް އެހީވެދިނުމަކީ، އަދި އެކިއެކި ގޮތްގޮތުން އެހީއަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިވެދިނުމަކީ، އެމީހާގެ ތަނަވަސްކަންހުރި މިންވަރަކުން އެހީތެރިވެ ދިނުމަކީ، ވަރަށް ޘަވާބު ބޮޑުކަމެއް. މިކަން މިގޮތަށް އޮތްއިރު رسول اللّـه صلّى اللّـه عليه وسلّم ޙަދީޘްކުރައްވަނީ، ހެޔޮބަހަކީވެސް ޞަދަޤާތެކެވެ.                     
 
އާދެ، އެހެންމީހުންނަށް، ފައިސާގެ ގޮތުން، ނުވަތަ މުދަލުގެ ގޮތުން އެހީތެރިވެވޭނީ އެވަރުގެ ޤާބިލިއްޔަތެއް ހުރިމީހަކަށް. އެމީހާގެ އަތުގައި ކޮންމެވެސްވަރަކަށް ފައިސާ، ނުވަތަ ތަކެތި ހުރިމީހަކަށް. އެކަމަކު ހެޔޮބަސް ބުނާކަށް، މުދަލެއް ބޭނުމެއްނޫން. ފައިސާއެއް ބޭނުމެއްނޫން. މާތްاللّـه އެމީހާއަށް ދެއްވާފައިއޮތް ދޫ، ބޭނުންކުރީމާ އެއޮތީ ހެޔޮބަސް ބުނުމުގެ މަގު އެމީހާއަށް ތަނަވަސްވެފައި. އެހެންވީމާ، މިވަރު ކުޑަ ކަމަކުންވެސް އަޅުގަނޑުމެންނަށް ވަރަށްގިނަގުނަ ޘަވާބާއި ރަޙްމަތް ލިބެން އެބައޮތް. ޘަވާބުހޯދާކަށް ގިނަފައިސާތަކެއް، މުދާތަކެއް ކޮންމެހެން ޚަރަދުކުރާކަށް ނުޖެހޭނެ. ހެޔޮބަސްބުނީމާވެސް އެވަނީ ޞަދަޤާތަކަށް.
 
 އެހެންވީމާ، މިދެންނެވި ވާހަކަތަކުން އެނގޭގޮތުގައި، ހެޔޮބަސް ބުނުމަކީ، ވަރަށް މާތްކަމެއް. އަޅުގަނޑުމެން މުސްލިމުން އަބަދުވެސް، ބުނަންޖެހޭނީ ހެޔޮބަސް. ހުރިހާ މަގާމެއްގައިވެސް ބުނަންޖެހޭނީ ތެދު. ހުރިހާ ތަނެއްގައިވެސް ބަޔާންކުރަންޖެހޭނީ ޙަޤީޤަތް. މީސްތަކުންނަށް ޙަޤީޤަތް އޮޅޭގޮތަކަށް އެއްވެސް ކަމެއް އަޅުގަނޑުމެން ބަޔާންކޮށްގެނެއްނުވާނެ. ވާހަކަ ދައްކައިގެން ނުވާނެ.
 
           ހަމައެގޮތަށް، އެހެންމީހުންގެ އަބުރަށް ހުތުރުވާގޮތަށް، އެހެންމީހުންގެ ޝަރަފަށް، އުނިކަންލިބޭގޮތަށް އަޅުގަނޑުމެން ވާހަކަދައްކައިގެނެއްނުވާނެ. އެންމެނާ ދޭތެރޭގައިވެސް އަޅުގަނޑުމެން ވާހަކަދައްކަންޖެހޭނީ ހެޔޮބަހުން، އިޙްސާންތެރިކަމާއެކީގައި. އަދި މީހަކާ މުޚާޠަބުކޮށް ވާހަކަދައްކާއިރުވެސް، އަދި އެއީ ނަޞޭޙަތެއް ދިނުމުގެ ގޮތުން ވާހަކަދެއްކިޔަސް، ކަމެއް ކުރުމަށް އިރުޝާދު ދިނުމުގެ ގޮތުން ވާހަކަދެއްކިޔަސް، އެމީހަކު ކުރިކަމަކާ ބެހޭގޮތުން ނުރުހިގެން ވާހަކަދެއްކިޔަސް، ބޭނުންކުރަންޖެހޭނީ މަޑުމައިތިރި ހެޔޮބަސް. ބޭނުންކުރަންޖެހޭނީ ޙިކްމަތާއި، ރިވެތި ވަޢްޡް. މިއީ ކީރިތިޤުރާންގައި މާތް اللّـه ތަކުރާރުކޮށް އަންގަވާފައިވާ އެންގެވުމަކީ. އަދި މާތް ރަސޫލާގެ ސުންނަތުގައި، ތަކުރާރުކޮށް އިސްލާމީ އުންމަތަށް ދެއްވާފައިވާ ނަބަވީ އިރުޝާދަކީ މިއީ.
 
           އެހެންވީމާ، ބަރަކާތްތެރި ރަމަޟާން މަހަކީ، تقوىވެރިވުމަށް އެހީތެރިވެދޭ، މަގުދައްކައިދޭ، އަދި ރަމަޟާން މަހު ރޯދަހިފުމަކީ، މިދެންނެވި تقوىވެރިވުމަށް މަގުފަހިކޮށްދޭ، އެހީތެރިވެދޭ ކަމަކަށްވާއިރު، އަދި تقوىވެރިކަން އިތުރުވުމަކީ، ރޯދަހިފުމުގެ މޭވާއަކަށްވާއިރު، އަޅުގަނޑުމެން ވިސްނަންއެބަޖެހޭ تقوىވެރިވުމުގެ ތެރޭގައި، ވަރަށްގިނަ މާތްސިފަތަކެއް އެކުލެވިގެންވާކަން. އޭގޭތެރެއިން އެންމެމުހިންމު އެއްސިފައަކީ، ހެޔޮބަސް ބުނުންކަން.
 
           އެހެންވީމާ، އަޅުގަނޑުމެން މިމާތް މައްސަރުގެ ބަރަކާތާއި، ޘަވާބާއި، ދަރުމަ ޙާޞިލުކުރުމަށްޓަކައި، ހެޔޮބަސް ބުނުމަށް އިތުރު ސަމާލުކަމެއްދީ، ހެޔޮބަސް ބުނުންމަތީ ދެމިތިބުމަކީ، އަޅުގަނޑުމެންގެ މިދުނިޔޭގެ ބާއްޖަވެރިކަމަށާއި، އަދި އާޚިރަތުގެ ޘަވާބާއި، މަޣްފިރަތާއި، ހެޔޮދަރުމައަށް ވަރަށްބޮޑަށް ބޭނުންވާކަމެއް.
 
          އާދެ، މިވާހަކަ ދަންނަވާލުމަށްފަހުގައި، މިބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮއެދުމާއި، ތަހުނިޔާ ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވަމުން، އަޅުގަނޑުގެ ވާހަކަ ނިންމާލާނަން.
 
والسّلام عليـكم ورحمـة اللّـه وبركاتـه.