بســم اللّـه الرّحمـن الرّحيــم
 
 الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين،وعلـى آلـه وأصـحابه أجمـعـين.
 
އާދެ! އަޅުގަނޑު މިއަދު ސިފައިންގެ މި މަރްކަޒަށް އައިސް، ތިޔަ ހުރިހާ އޮފިސަރުންނާ މި ބައްދަލުކޮށްލަނީ، ވަރަށް މުހިންމު ބޭނުމަކު. އާދެ! އެ ބޭނުން ދެންމެ މިތާނގައި ވާހަކަފުޅު ދެއްކެވި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މުޙަންމަދު ޒާހިރު ވަރަށް ރަނގަޅަށް ވިދާޅުވެލައްވައިފި.
 
އަޅުގަނޑުމެން މިތިބީ، ރާއްޖޭގެ ދީމުޤްރާޠީ ޙަޔާތުގެ ވަރަށް މުހިންމު މަރްޙަލާއެއްގައި. ދީމުޤްރާޠީ ޙަޔާތަކީ، ރައްޔިތުންގެ ވެރިކަން، ރައްޔިތުން ބޭނުންވާ ގޮތަކަށް ބައްޓަންވެގެން ދިޔުން. ސަރުކާރުވެސް ރައްޔިތުން އެދޭގޮތަކަށް ބަދަލުވެގެން ދިޔުން. އަޅުގަނޑު މި ބަދަލު އައި ކަމަށްޓަކައި އަދި މި ދުވަސް އަޅުގަނޑަށް މާތްﷲ ދެއްކެވި ކަމަށްޓަކައި، އެކަލާނގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ކުރަން. ވަރަށް އުފާކުރަން. އެހެން މިދެންނެވީ، މިއަދު ރާއްޖެއަށް އައިސްފައިމިވާ ދީމުޤްރާޠީ ބަދަލަކީ އަދި މި އާ ދީމުޤްރާޠީ ވެށްޓަކީ، މާތްﷲ އަޅުގަނޑަށް އިލްހާމް ކުރެއްވި ގޮތެއްގެ މަތިން، އަޅުގަނޑު އިސްވެ ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގެ ނަތީޖާ.
 
އެނގިވަޑައިގަންނަވާނެ ފަދައިން، 2003 ވަނަ އަހަރު އަޅުގަނޑު ރައީސް ކަމަށް އިންތިޚާބުވުމާ ގުޅިގެން، އެންމެ ފުރަތަމަ ރައްޔިތުންނާ މުޚާޠަބުކޮށް ދެއްކި ވާހަކައިގައިވެސް ކުރިއަށް އޮތް 5 އަހަރު، އާދެ! އޭގެ މާނައަކީ 2003 ން ފެށިގެން 2008އާ ހަމައަށް އަޅުގަނޑު ކުރަން ޤަޞްދުކުރާ އެންމެ މުހިންމު ކަމަކީ، ރާއްޖެއަށް ބޭނުންވާ އިޞްލާޙީ ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށް އޮންނާނީ ބުނެފައި. ހަމަ އެޔާއެކީގައި، މި އިޞްލާޙީ ހެޔޮ ބަދަލުތައް ގެނައުމުގެ ކަންތައްތައް އަޅުގަނޑު ފެށީ 2004 ވަނަ އަހަރު ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކޮށް، ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް ނުވަތަ އެ ޤާނޫނުއަސާސީ އެ އޮތް ގޮތް ކަމުނުދަންޏާ، އާ ޤާނޫނުއަސާސީއެއް އެކުލަވާލުމުގެ މަސައްކަތް އަޅުގަނޑު އެ މަޖިލީހާ ޙަވާލުކުރިން. އެ މަސައްކަތް 4 އަހަރު ދުވަހުގެ ތެރޭގައި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ކުރައްވަމުން އެގެންދެވީ. އަދި އެ ޤާނޫނުއަސާސީ، އާ ޤާނޫނުއަސާސީ ނިމި، ތަޞްދީޤު ކުރުމުގެ ކުރިންވެސް އިޞްލާޙީ ޕްރޮގްރާމްގައި ހުރި ވަރަށްގިނަ ކަންތައްތަކަށް ސަރުކާރުން ވަނީ ޢަމަލުކޮށްފައި. އޭގެތެރޭގައި، ސިޔާސީ ޕާޓީތައް އުފެއްދުން ހިމެނޭ. 2005 ވަނަ އަހަރު އެކަން ހިނގާދިޔައީ. ހަމައެޔާއެކީގައި ޚަބަރުފަތުރާ ވަސީލަތްތަކަށްދިން މިނިވަންކަން ހިމެނޭ. ހަމައެހެންމެ، ޕެރިސް ޕްރިންސިޕަލްގެ މައްޗަށް އެކުލެވިގެންވާ ހިއުމަން ރައިޓްސް ކޮމިޝަނެއް، ޤާނޫނީ ހަމަތަކުގެ މަތިން އުފެއްދުން ހިމެނިގެންވޭ. ޖިނާއީ ޢަދުލުގެ ނިޒާމު ފުރިހަމަކޮށް ހަރުދަނާ ކުރުން ހިމެނިގެންވޭ. ރައްޔިތުންގެ ޙައްޤުތައް ފުޅާކޮށް ތަރައްޤީކޮށް ޙިމާޔަތްކޮށްދިނުން ހިމެނިގެންވޭ. މިހުރިހާ ކަމެއް ހިނގާދިޔައީ، ޤާނޫނުއަސާސީ ފާސްވުމުގެ ކުރިން. ހަމައެކަނި ސަރުކާރުގެ އިސްނެގުމަކަށް ސަރުކާރުން ކުރި މަސައްކަތެއްގެ ގޮތުގައި.
 
މިކަންކަން ކުރީކީ ފަހަރެއްގައިވެސް ބޭރުގެ ނުވަތަ އެތެރޭގެ އެއްވެސް ފަރާތެއްގެ ފިއްތުމަކަށް ނޫން. ވަރަށްގިނަ ފަރާތްތަކުން އެހެން ބުނަމުން ގެންދޭ. އެއީ އެމީހުން ބޭނުންވަނީ އެމީހުންނަށް ހުރިހާ ކަމެއްގެ ރީތި ނަމާއި ޝަރަފް ލިބެން. ނަމަވެސް ޙަޤީޤަތަކީ އެއީއެއް ނޫން. ޙަޤީޤަތަކީ އިރާދަކުރެއްވީތީ މިކަން ފެށީ ހަމަ އަޅުގަނޑު. ވަޒީރުންގެ މަޖިލީހުގައި ތިއްބެވި ބޭފުޅުންނަށް އެކަން އެނގިވަޑައިގަންނަވާނެ. މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އިސްމާޢީލް ޝަފީޢު މިތާ އެބަ އިންނެވި. އެމަނިކުފާނަކީ ވަރަށްގިނަ ދުވަސް ވަންދެން އަޅުގަނޑާ އެކީގައި ވަޒީރުންގެ މަޖިލީހުގައި މަސައްކަތް ކުރައްވާފައި ހުންނެވި ބޭފުޅެއް. އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ. އަދި އެނޫން ކިތަންމެ ބޭފުޅުންނަކަށް އެނގިވަޑައިގަންނަވާނެ. މި ޕްރޮގްރާމް ފެށިގެން އައި ގޮތާއި، ވަޒީރުންގެ މަޖިލީހަށް އަޅުގަނޑު ގެންދިޔަ މައްސަލައާއި، ވަޒީރުންގެ މަޖިލީހަށް އަޅުގަނޑު ހުށަހެޅި ހުށަހެޅުންތަކާ. އަދި އެ މަޖިލީހުން އެއްބަސްވެވަޑައިގެންނެވި ގޮތުގެ މަތިން، އެކަން އަޅުގަނޑު ރައްޔިތުންނާ ޙިއްޞާކުރި ކުރުމާ. 2004 ވަނަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުގެރޭ އިސްލާމީ މަރްކަޒުގައި ބޭއްވި ޖަލްސާއެއްގައި ރައްޔިތުންނާ އަޅުގަނޑު ޙިއްޞާ ކުރީ އަޅުގަނޑުގެ އިޞްލާޙީ ޕްރޮގްރާމްގެ މުހިންމު ބައިތައް. ހަމަ އޭގެ މައްޗަށް ބިނާކުރާ މުހިންމު ކަންތައްތަކެއް އަޅުގަނޑު ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ހުށަހެޅިން. 31 ނުކުތާގެ މައްޗަށް އެކުލެވިގެންވާ ހުށަހެޅުމެއް. އޭގެތެރޭގައި، މިހާރު އައިސްފައިމިވާ ހުރިހާ ބަދަލުތަކެއް ހިމެނޭ.
 
އެހެންވީމާ، މިހާރު އަލަށް އަޅުގަނޑުމެން މި ބަލައިގެން ޤާނޫނުއަސާސީގައި ވަނީ، އަޅުގަނޑު މިދެންނެވި ނުކުތާތަކުގެ މައްޗަށް ބިނާކުރެވިފައިވާ ކަންތައްތަކެއް. އެހެންވީމާ، އެއީކީވެސް އެހެން ފަރާތަކުން ކުރި ކަމެއް ނޫން. އަޅުގަނޑު އަމިއްލައަށް މިވާހަކަ ދަންނަވަން ތަންކޮޅެއް ދަތިވިޔަސް، ޙަޤީޤަތެއްވީމާ، ތާރީޚަށްޓަކައި މިވާހަކަ މިދަންނަވާލަނީ. މިއީކީ އެހެން މީހަކަށް އޭގެ ރީތިނަމެއް، ތާރީފެއް، މެޑެލެއް ލިބެންވީ ކަމެއް ނޫން. އެހެންނަމަވެސް، ކާމިޔާބުވާ ކޮންމެ އިރެއްގައި، އެ ކާމިޔާބު އަމިއްލައަށް، އެމީހުންގެ އަމިއްލަ ނަފްސަށް ނިސްބަތްކުރާ ވަރަށްގިނަ މީހުން އުފެދޭނެ. ނުބައިކޮށް ކަމެއްދާ ވަގުތުގައި، އެމީހުން ރެކިފައި، އެ ނުބައި ކަމުގެ ޒިންމާ އެހެން މީހުންގެ ބޮލުގައި އަޅުވާތަން ވަރަށް ފަސޭހައިން އަންނާނެ. އެތަން އަޅުގަނޑުމެންނަށް މިއޮތީ ފެނިފައި. އެހެންވީމާ، ދަންނަވާލަން ބޭނުންވަނީ މިއީއޭ ޙަޤީޤަތަކީ. އެކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަމޭ. އެކަން ޙަޤީޤަތަކަށްވި ކަމަށްޓަކައި.
 
ދެން އެންމެ ފުރަތަމަ މިބޭއްވުނު ގިނަ ޕާޓީތަކެއް ބައިވެރިވާ ނުވަތަ ގިނަ ކެންޑިޑޭޓުން ބައިވެރިވާ ރިޔާސީ އިންތިޚާބު. މިއީވެސް ހަމަ އަޅުގަނޑުގެ ހުވަފެނެއް. އެ ހުވަފެން މާތްﷲ ޙަޤީޤަތަކަށް ހެއްދެވި ކަމަށްޓަކައި އެކަލާނގެއަށް ޙަމްދާއި ޝުކުރު ދަންނަވަން. މި ހުވަފެން ޙަޤީޤަތަށް އައިސް، އަޅުގަނޑު ބޭނުންވީ އަޅުގަނޑުވެސް މި އިންތިޚާބުގައި ވާދަކުރަން. ވާދަކޮށްގެން ދެން ކަންތައްތައް ދިޔަގޮތް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑު ކޮންމެހެން އޭގެ ތަފްޞީލަކަށްދާކަށް ނެތިން. އާޚިރް ނަތީޖާއަކީ، މި އިންތިޚާބު އަޅުގަނޑަކަށް ކާމިޔާބެއް ނުކުރެވުން. މި އިންތިޚާބު ކާމިޔާބު ކުރެއްވީ، އެމް.ޑީ.ޕީ.ގެ ކެންޑިޑޭޓް އަލްފާޟިލް މުޙަންމަދު ނަޝީދު. އެހެންވީމާ، އެމަނިކުފާނަށް އަޅުގަނޑު މަރްޙަބާ ދަންނަވަން. ތަހުނިޔާ ދަންނަވަން. އެންމެ ފުރަތަމަރޭވެސް، އެރޭ ނަތީޖާ ވަކިގޮތަކަށްދާކަން އެނގުނީމާ، އަދި ފުރިހަމަ ނަތީޖާ ނުލިބެނީސް، ފަތިހު 4 ޖެހިއިރު އަޅުގަނޑު މުޙަންމަދު ނަޝީދު އަންނިއަށް ފޯނުކޮށްފައި ދެންނެވިން. ވަރަށް ބޮޑަށް މަރްޙަބާ ދަންނަވަމޭ. މަނިކުފާނު ހޮވިވަޑައިގެންނެވިކަން މިހާރު އެބަ އިނގެޔޭ ނަތީޖާ މިދާގޮތުން. އެހެންވީމާ، އަޅުގަޑު މިހިރީ ވަރަށް ޞުލްޙަވެރިކަމާއި އަމާންކަމާއެކީގައި މަނިކުފާނާ ވެރިކަން ޙަވާލުކުރާގޮތަށޭ. އެރޭ ފަތިހު 4 ޖެހިއިރު. އަނެއް ދުވަހު އަޅުގަނޑު އޭނާއާ ރައީސް އޮފީހުން ބައްދަލުކޮށް، ނޫސްވެރިންގެ ކުރިމަތީގައި ސަލާންކޮށް އަޅުގަނޑު ދެންނެވިން. އަޅުގަނޑު ގަބޫލުކޮށްފީމޭ، ރައްޔިތުންގެ ނިންމުން. ރައްޔިތުން މިފަހަރު މި ނިންމެވީ، މުޙަންމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮއްވެވުމަށޭ. މިގޮތް އަޅުގަނޑު ގަބޫލުކުރަމޭ. އަޅުގަނޑު އެކަމަށް އިޙްތިރާމް ކުރަމޭ. އެހެންވީމާ، ވަރަށް އޮމާންކަމާއި ޞުލްޙަވެރިކަމާ އެކީގައި ވެރިކަމުގެ ހުރިހާ ބާރުތަކެއް އަޅުގަނޑު އެމަނިކުފާނަށް ބަދަލުކުރާނަމޭ.
 
މިހާތަނާ ޖެހެންދެންވެސް ކަންތައް މިގެންދަނީ އެގޮތަށް. ވަރަށް ރީތިކޮށް، ވަރަށް އޮމާންކޮށް، ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައިވެސް އެހެން އަޅުގަނޑު ގެންދާނީ. އަދި އަޅުގަނޑު ސަރުކާރުގެ ހުރިހާ ފަރާތްތަކަށް އަންގާފައި އޮންނާނީ، ވަރަށް ރީތިކޮށް މިކަންތައްތައް ގެންގޮސްދެއްވާށޭ. އެއްވެސްކަހަލަ މައްސަލައެއް ޖައްސަވާނެ ކަމެއްނެތޭ. އަޅުގަނޑަށް އެނގޭ މި އިންތިޚާބުދިޔަ ގޮތާ ބެހޭގޮތުން ހިތްހަމަނުޖެހޭ ވަރަށްގިނަ މީހުން އެބަތިބިކަން. ވަރަށްގިނަ ޝަކުވާތަކެއް ހުށަހަޅައިފި އެކިފަރާތް ފަރާތުން. ތަފާތު މައްސަލަތަކެއް ނުކުތް. އެހެން ނަމަވެސް، އަޅުގަނޑު އެހުރިހާ ފަރާތްތަކެއްގައިވެސް މިބުނާ ވާހަކައަކީ، އަޅުގަނޑު ނަތީޖާ ގަބޫލުކޮށްފީމޭ. އަޅުގަނޑު ނެތީމޭ މައްސަލައެއް ޖައްސާކަށެއް. ތިޔަބައިމީހުންގެ ޝަކުވާއެއް އޮތިއްޔާ ތިޔަބައިމީހުން ހުށަހަޅައިގެން، އެއަށް ދެން ޙައްލު ހޯދާށޭ. އެކަމަކު ނަތީޖާއަކަށް ބަދަލެއް ނާންނާނެއޭ. އެހެންވީމާ، އެގޮތުގެ މަތިން އަޅުގަނޑު ކަންތައްތައް މިގެންދަނީ. މިއަދާ ހަމައަށްވެސް ގެންގޮސްފައި އޮތީ. އަދި ކުރިއަށް އޮތް ހައެއްކަ ދުވަހުގެ ތެރޭގައިވެސް އިރާދަކުރެއްވިއްޔާ ހަމަ އެގޮތަށް އަޅުގަނޑު ގެންދާނަން.
 
ދެން އަޅުގަނޑު މިތަނަށް މި އައި ބޭނުމަކީ، މިވޭތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި، ސިފައިންގެ ހުރިހާ އޮފިސަރުންނާއި، ސިފައިންގެ އެންމެން ޤައުމަށް އެކޮށްދިން އަގުހުރި ޚިދްމަތުގެ އަގު ވަޒަންކޮށް، ސިފައިންގެ އެންމެންނަށް ޝުކުރު އަދާކުރަން. އާދެ! މިތާނގައި ތިއްބެވި ވަރަށްގިނަ އޮފިސަރުންނަކީ، އެންމެ ކުރީ ދުވަހުން ފެށިގެން އަޅުގަނޑާ އެކީގައި މަސައްކަތް ކުރެއްވި ބޭފުޅުން. އަދި އެއަށްވުރެ ގިނައީ އޭގެ މާފަހުން ސިފައިންގެ ވަޒީފާއާ ގުޅިވަޑައިގެންނެވި ބޭފުޅުން ކަމަށް ވެދާނެ. އަދި މިވަގުތު އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފައިވާ ބޭފުޅުންތަކެއްވެސް އެބަތިއްބެވި. އެހެންނަމަވެސް، އެހުރިހާ ބޭފުޅުންވެސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން 1978 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން އަޅުގަނޑާ އެކީގައި ވަރަށްގިނަ ބޭފުޅުންވަނީ ޚިދްމަތް ކޮށްދެއްވާފައި. އޭގެތެރޭގައި، ދެންމެ ވިދާޅުވިފަދައިން، މިހާރު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މުޙަންމަދު ޒާހިރު އެއީ އެންމެ ފުރަތަމަ އަޅުގަނޑު ސިފައިންގެ ތެރެއަށް ގެނައި ބޭފުޅުންގެ ތެރެއިން ބޭފުޅެއް. އެންމެ ފުރަތަމަ ދުވަހު ގެނައި އެނޫން ބޭފުޅުންވެސް މިތާ އެބަތިއްބެވި. އަދި ވަކިވެވަޑައިގެންފައިވެސް އެބަތިއްބެވި. ބައެއް ބޭފުޅުން މިތާކު މިހާރަކު ނެތް. އެހުރިހާ ބޭފުޅުންވެސް އަދި އެނޫން ބޭފުޅުންވެސް އޭގެފަހުން ސިފައިންގެ ތެރެއަށް ވަން މީހުންނާއި، އަދި ޕްރޮމޯޝަން ލިބިގެން، ތަރައްޤީވަމުން އައިސް، އޮފިސަރުންނަށްވެ، އޮފިސަރުންގެ މަތީ ރޭންކުތަކުގައި މިހާރު ޚިދްމަތް ކުރައްވާ ވަރަށްގިނަ ބޭފުޅުންނަކީ، އެދުވަހު ސިފައިންގެ ތެރޭގައި ނެތް މީހުން. އެހެން ނަމަވެސް، އެހުރިހާ އެންމެންވެސް ޤައުމަށް ކޮށްދީފައިވަނީ، ވަރަށް މަތިވެރި ޚިދްމަތްތަކެއް.
 
ޚާއްޞަކޮށް، ޤައުމަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި ސިފައިން އަދާކުރައްވާފައިވާ ޚިދްމަތް، އަޅުގަނޑު ވަރަށް ޝުކުރުވެރިކަމާއެކު ހަނދާން ކުރަން. އޭގެތެރޭގައި، އެންމެ ފުރަތަމަ ކަމަކަށް 1980 ވަނަ އަހަރު ކުރިމަތިވި ބަޣާވާތް. އަޅުގަނޑު ވެރިކަމާ ޙަވާލުވިތާ 2 އަހަރުވެސް ނުވަނީސް. 1980 ވަނަ އަހަރުގެ ފެބްރުއަރީ މަހު. މާނައަކީ އަޅުގަނޑު ރައީސްކަމާ ޙަވާލުވިތާ 1 އަހަރާ 3 މަސްދުވަހުގެ ތެރޭގައި. ބޭރުގެ ކުލީ ސިފައިންގެ ބަޔަކު ގެނެސްގެން، ރާއްޖެ އިންޤިލާބު ކުރަން ބަޔަކު މަސައްކަތްކުރި. އެ މަސައްކަތްވެސް ނާކާމިޔާބުވި. ދިވެހި ސިފައިން، އެކަމުގައިވެސް ވަރަށް ފުރިހަމަ ބައެއް އަދާކޮށްދެއްވި. އޭގެފަހުން، އެންމެބޮޑު ކަމަކަށް މިއައީ 1987 ވަނަ އަހަރުގެ ބޮޅުރާޅު އެރުން. އެވާހަކަ ދެންމެ މުޙަންމަދު ޒާހިރު އެ ވިދާޅުވެދެއްވީ. އެކަމުގައިވެސް ސިފައިން ވަރަށް ބޮޑެތި ޚިދްމަތްތަކެއް ވަނީ ކޮށްފައި. ހަމައެހެންމެ، އެއަށްވުރެވެސް އަދި މާބޮޑު ކަމެއް. 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިމާވި ޢުދުވާނީ ޙަމަލާ. މިކަމުގެ ތެރޭގައި، ސިފައިންގެ 8 މީހަކު ޝަހީދުވެގެން ވަނީ ގޮސްފައި. ޢާންމުންގެ 11 މީހުން ވަނީ ޝަހީދުވެފައި. އެ ބިރުވެރި ދުވަހުގެ ޙާދިސާއަކަށް ދާނެ ކަމެއް ނެތް. އެހެންނަމަވެސް، އެދުވަހު ދިވެހި ސިފައިން ސާބިތުކޮށްދެއްވީ، ވަރަށް ވަރުގަދަ ޢަޒުމަކާއި ސާބިތުކަމަކާއި ހިތްވަރެއް.
 
ސިފައިންނަކީ، ސިފައިންގެ ހުވާގައިވާ ފަދައިން، މިފަދަ ކަންތައްތަކުގައި، އެމީހުންގެ ނަފްސުތަކާއި ފުރާނައިން ޤުރްބާންވާން ތައްޔާރަށް ތިބި ބަޔެއްކަން އެދުވަހު އެވަނީ ސާބިތުކޮށްދީފައި. ދެން މިފަދަ ކަންތައްތައްވެސް ބައެއް މީހުން އެހެން ގޮތްގޮތަށް މިހާރު ބަދަލުކޮށްލަން ބޭނުންވެގެން އުޅޭނެ. އެހެންނަމަވެސް، އެކަމުގެ ޙަޤީޤަތް ސިފައިންނަށް އެނގޭނެ. އަދި ޚާއްޞަކޮށް، ސިފައިންގެ ތެރޭގައި އިސްކޮށް އޭރު އުޅުއްވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ބައެއް މީހުން އެބަ ބުނޭ. އަޅުގަނޑު އެދުވަހު ހުރީ ފިލައޭ. ފިލާ ހުރެގެން އަޅުގަނޑުގެ އަމިއްލަ ރައްކާތެރިކަމޭ ބެލީ. ޤައުމު ދޫކޮށްލާފައޭ އޮތީ. އެއީ ކިހާވަރެއްގެ ބޮޑު ދޮގެއްކަން މިތާ މި ތިއްބެވި އިސް އޮފިސަރުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑު ފިލާ ހުއްޓޭ އެވިދާޅުވާ ސަބަބެއް އަޅުގަނޑަކަށް ނޭނގެ. އެމީހުންގެ ފުރަތަމަ މަޤްޞަދަކީ އަޅުގަނޑު. އެރޭ ފަތިހު ރާއްޖެއަށް އެ ޙަމަލާ ދިން މީހުންގެ އެންމެ ފުރަތަމަ މަޤްޞަދަކީ، އަމާޒު ފަތްގަނޑަކީ އަޅުގަނޑު. އެކަމަށް އައީ. އެހެންވީމާ، އަޅުގަނޑު ހުންނަންވީތޯ މަގުމައްޗަށް ނުކުމެ އެމީހުން ކުރިމަތީގައި. މިހިރީ ދައްކާ ވާހަކަ. އަޅުގަނޑު ސަލާމަތުން އިނދެގެން ނޫންތޯ ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން އަދި ސިފައިންގެ އެންމެމަތީ ވެރިޔާގެ ޙައިޘިއްޔަތުން އަޅުގަނޑު ކުރަންޖެހޭ ކަންތައްތައް ކުރެވޭނީ. އެގޮތުގައި އަޅުގަނޑު އެ އިން 24 ގަޑިއިރު، އެރޭ ފަތިހު ހަތަރުގަޑި ބައިން ފެށިގެން ވިދިގެން އައި ރޭ 4 ޖެހިއިރު އިންޑިޔާ ސިފައިން އައިސް، އަޅުގަނޑު ހުރި ތަނަކުން އަޅުގަނޑު ގޮވައިގެން ސިފައިންގެ މަރްކަޒަށް ގެންނަންދެން. 24 ގަޑިއިރު އަޅުގަނޑު އެ އިން ތަނެއްގައި އިނީ މޭޒު ކައިރީގައި. ފޯނު ކައިރީގައި. އިރުއިރުކޮޅުން ސިފައިންގެއަށް ފޯނުކޮށް، މުޙަންމަދު ޒާހިރަށް ނުވަތަ އެނޫން ބޭފުޅަކަށް. ބައެއްފަހަރު އަޙްމަދު ނަޢީމާވެސް ދިމާވިކަންނޭނގެ. ބައެއް ބޭފުޅުންނަށް ފޯނުކޮށް، ކިހިނެއްތޯ ކަންތައްތައްދަނީ ބަލައި އަޅުގަނޑު ބޭނުންވާ ގޮތް ދަންނަވައި ސާބިތުކަންމަތީ ތިއްބަވާށޭ ދެންނެވިން. އެއްވެސް ޙާލެއްގައި ކިތަންމެ ބޮޑު ނުރައްކަލެއް ކުރިމަތި ކުރިޔަސް، އިންޒާރެއް ދިނަސް، ސިފައިންގެ ދޫކޮށްލައްވައިގެން ނުވާނެ ކަމަށް. މިހުރިހާ ވާހަކައެއް އޮންނާނީ ދަންނަވާފައި.
 
ދެން މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން އިންޑިޔާ ސިފައިން އައިސްގެންނާ އެކީގައި އަޅުގަނޑުމެންނަށް އެކަން ކާމިޔާބު ކުރެވުނީ. އެކަމުގައިވެސް އެދުވަހު ހެނދުނުއްސުރެ ފެށިގެން އަޅުގަނޑު އިންޑިޔާ ސަރުކާރާ ދިޔައީ ގުޅަމުން. އެންމެ ފުރަތަމަ ހެނދުނު، ހަނދާންވާ ގޮތުގައި، ގާތްގަނޑަކަށް 8 ޖަހާ އެހާކަންހާއިރު، އަޅުގަނޑާ އެންމެ ފުރަތަމަފަހަރަށް ގުޅުނީ، އިންޑިޔާގެ ބޮޑުވަޒީރު މިސްޓަރ ރަޖީވް ގާނދީ. ގުޅާފައި މިވާހަކަތައް ދެންނެވީމާ، އޭނާ ވިދާޅުވި. ތިމަންނަމެން ވަރަށް އަވަހަށް އެބަ ތައްޔާރު ކުރަމޭ މިތަނަށް ފޮނުވާނެ ބަޔަކު. ސިފައިންގެ ބަޔަކު. އެހެންވީމާ، ހިތްވަރު ކުރާށޭ. ހިފަހައްޓާށޭ. ތިމަންނަމެން ދާނަމޭ. ހަމަ އެދުވަހު އަޅުގަނޑު ގުޅިން އެމެރިކާ ސަފީރާ. އެމްބެސެޑަރ ސްޕެއިން، ކޮޅުނބުގައި ހުންނެވި. ގުޅާފައި ހަމަ މިވާހަކަ ދެންނެވިން. އެމެރިކާއަކީ ދެން މިސަރަޙައްދުގައިވެސް އަދި ދުނިޔޭގައިވެސް ވަރަށް ބާރުގަދަ ޤައުމަކަށްވާތީ، އެމެރިކާގެ އެހީ ލިބުމަކީ، މިކަހަލަ ކަމެއް ޙައްލުކުރުމުގައި، ވަރަށްބޮޑު އެހީއަކަށްވާނެ ކަމެއް ކަމަށްވާތީ، އެމެރިކާ ސަފީރު އަރިހުގައި އެވާހަކަ ދެންނެވީ. ދެން ވިދާޅުވި. ތިމަންނަ ވަގުތުން ވޮޝިންގޓަނާ ގުޅުއްވާފައި ތިޔަކަންވޭތޯ ބައްލަވާނަމޭ. އެދުވަހު މެންދުރު 2 ޖެހިއިރު އެމްބެސެޑަރ ސްޕެއިން އަޅުގަނޑާ ގުޅުއްވި. ގުޅުއްވާފައި ވިދާޅުވީ، ތިމަންނަމެން ބެއްލެވިއިރު، މިހާރު އިންޑިޔާއިން އޮތީ އަންނަން ތައްޔާރަށޭ. އިންޑިޔާ ސިފައިން ވަރަށް އަވަހަށް ފުރާނެޔޭ ރާއްޖެ އަންނަން. އެހެންވީމާ، ތިމަންނަމެން އެމެރިކާ ސަރުކާރާއި އިންޑިޔާ ސަރުކާރާ ވާހަކަ ދައްކާފައި، އެގޮތަށް މި އެއްބަސްވީއޭ. އެންމެ ފަސޭހައިން އާދެވޭނީ އިންޑިޔާ މީހުންނަށޭ. ތިމަންނަމެންގެ ރުހުމާ އެކީގައޭ އިންޑިޔާ ސިފައިން އެ އަންނަނީ. ދެން އަޅުގަނޑު ވަރަށް ޝުކުރު ދެންނެވިން. އެހެންވީމާ، ތިކަން ތިގޮތަށް ތި ނިމުނީއޭ.
 
 ދެން އެނގިވަޑައިގަންނަވާނެ. އިންޑިޔާ ސިފައިންނަށް ފުރަތަމަ އެރޭ އާދެވުނީ، 9 ޖަހާ ކޮންމެވެސް އިރެއްގައި. އިންޑިޔާގެ ސިފައިންގެ ފައުޖު ހުޅުލެއަށް ތިރިކުރީ. އޭރުން ފެށިގެން އެމީހުން މަސައްކަތް ކުރަމުން އައިސް، އަޅުގަނޑު ހުރި ތަނާ ހަމައަށް ދެވުނުއިރު މެންދަމުން އަލިވެ 2 ޖަހާ ހިނގައްޖެ. 3 ވެސް ޖަހައިފިކަންނޭނގެ. އެތަނުން ހުޅުލެއިން މާލެއަށް އައުމުގައިވެސް. އެއީ ފުރަތަމަ އެމީހުން ރައްކާތެރިކަން ހޯދުމުގެ ގޮތުން. ކިހިނެއްތޯ މާލޭގެ ޕޮޒިޝަން އޮތީ. ކިހިނެއްތޯ ދަތުރުކުރާނީ. އެމީހުންނަށްވެސް ގެއްލުމެއް ނުލިބި، އަޅުގަނޑު ހުރި ތާކަށް ކިހިނެއްތޯ އަންނާނީ. މިހުރިހާ ކަމެއް ބެލުމަށްޓަކައި ވަގުތު ބޭނުންވި. އައިސް އެހިސާބުން ފެށިގެން އެރޭ ފަތިހު 4 ޖެހިފަހުން އަޅުގަނޑު ހުރި ތަނަކުން އެމީހުންގެ ޙިމާޔަތުގައި އަޅުގަނޑު ސިފައިންގެ އަނެއް މަރްކަޒަށް ދިޔައީ. މިހިރީ ކަންތައްތައް ވެދިޔަގޮތް. ހަމަ ދިޔަ ތަނުން ރަޖީވް ގާނދީ ގުޅުއްވި. ވިދާޅުވި ކިތަންމެ ދަންވެފައި ހުއްޓަސް، ކިތަންމެ ފަތިހުގެ ވަގުތެއްގައި ނަމަވެސް، ތިމަންނައަށް ފޯނުކޮށްފައި ރައީސް ހުރީ ގަދަވެ ސަލާމަތުންކަން ތިމަންނައަށް އަންގައިދޭށޭ. އެހެންވީމާ، ސިފައިންގެއަށް އައިސް އަޅުގަނޑު އެކަން ކުރީ. އަދި އެދުވަހު 6 ޖަހާ ކޮންމެވެސް އިރެއްގައި އަޅުގަނޑު ޤައުމާ މުޚާޠަބުކޮށް ވާހަކަ ދެއްކީ. މިހިރީ ދެން ކަންތައްވިގޮތް. 
 
އެހެން ނަމަވެސް، ބަޔަކު މީހުން އޮޅުވާލަންވެގެން، މުޅިން އެހެން ގޮތަކަށް ކަންތައްތައް ސިފަކޮށް، ވާހަކަ ފަތުރަމުން އެ ގެންދަނީ. އެކަމަކު އެއީކީ ޙަޤީޤަތެއް ނޫން. ދެންމެ މުޙަންމަދު ޒާހިރު އެ ވިދާޅުވި ފަދައިން، ރައްޔިތުންނަށް ޙަޤީޤަތް އެނގޭނެ. ކޮން ބަޔެއްކަން އެކަމުގެ އަޑީގައި ތިބީވެސް އެނގޭނެ. ކޮން ބަޔެއްކަން ދިވެހި ރައްޔިތުންނަށް މިވަރު ބޮޑު ގެއްލުމެއް މިދިނީ. ކޮން ބަޔެއްގެ ޢަމަލުންކަން ރައްޔިތުންގެ 19 މީހުން ޝަހީދުވެގެން އެދިޔައީ. އެންމެންނަށް އެނގޭނެ. އެހެންވީމާ، އެއީކީ ދެން ކޮންމެހެން އިތުރަށް ވާހަކަ ދައްކަންވީ ކަމެއް ނޫން. ދަންނަވަން މިއުޅޭ ވާހަކައަކީ، ޙަޤީޤަތް އޮޅުވާލުމަށް، އެކަހަލަ މަސައްކަތްތަކެއް ކިތަންމެ ވަރަކަށް ދިޔަސް، ޙަޤީޤަތެއް ރައްޔިތުންނަކަށް ނޯޅޭނެ.
 
އާދެ! ދެން ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުން ތިޔަ އަދާކުރެއްވި ޚިދްމަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމޭ. އެ ބޭނުމުގައޭ އަޅުގަނޑު މިތަނަށް މިއައީ. ހަމަ އެޔާއެކީގައި ދަންނަވާލަން ބޭނުންވޭ، ދެންމެ މުޙަންމަދު ޒާހިރު އެ ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި އިޚްލާޞްތެރި ބަސްފުޅުތަކަށްޓަކައި އޭނާއަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމޭ. ޙަޤީޤަތުގައި، ސިފައިންގެ ކަންތައްތައް ތަރައްޤީ ކުރުމުގައި އަޅުގަނޑަށް އެހީތެރިވެދެއްވި ވަރަށްގިނަ ބޭފުޅުން އެބަތިއްބެވި. އެކިބޭފުޅުން އެކިފަހަރު. އެންމެ ފުރަތަމަ އަޅުގަނޑު ޙަވާލުވިއިރު ހުންނެވީ އަލްފާޟިލް އިލްޔާސް އިބްރާހީމް. ދެން އޭގެފަހުން އެހެން ބޭފުޅުން ވަޑައިގަތީ. އަޅުގަނޑުވެސް ހަމަ ޑިފެންސް މިނިސްޓަރު ކަމުގައި ހުރިން. މިހާރު އިސްމާޢީލް ޝަފީޢު އެ ހުންނެވީ. އެހެންވީމާ، މިހުރިހާ ބޭފުޅުން އަޅުގަނޑަށް އެހީތެރިވެދެއްވައި، މިކަން ކުރިއަށް ގެންދިޔުމުގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވި. އެހެންވީމާ، އެހުރިހާ ބޭފުޅުންނަށްވެސް މިފުރްޞަތުގައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި އޭގެ އިތުރުންވެސް ސިފައިންގެ އިސް އޮފިސަރުން. އިސް އޮފިސަރުން، މޭޖަރ ޖެނެރަލް މުޙަންމަދު ޒާހިރު އަދި އެނޫންވެސް މިތާ މި ތިއްބެވި އިސް ހުރިހާ ބޭފުޅުން އަޅުގަނޑާ ގުޅިގެން މަސައްކަތް ކޮށްދެއްވި ސިފައިންގެ ތަރައްޤީއަށްޓަކައި، ކުރިއެރުމަށްޓަކައި. އެވިދާޅުވިހެން އޭރު ސިފައިން ތިބި ޙާލަތާއި މިއަދުގެ ޙާލަތާ އުޑާ ބިމާހާ ތަފާތު. މިހުރިހާ ތަރައްޤީއެއް މި އައީ، ހަމަ ތިޔަބޭފުޅުންގެ މަސައްކަތުން.
 
މިހާރު ސިފައިންނަކީ، ވަރަށް ޤާބިލު، ކިޔަވައިގެން ތިބި ހުނަރުވެރި ބަޔެއް. އޭރަކު އެހެނެއް ނޫން. މިހާރު ސިފައިންގެ ވަސީލަތްތައްވެސް ވަރަށް ބޮޑަށް ތަރައްޤީވެއްޖެ. ހަމައެކަނި ޢުމްރާނީ ގޮތަކުން ނޫން. އެވިދާޅުވިހެން ކޯސްޓާގާޑާއި އެނޫން ކަންތައްތައްވެސް މިހިރީ މިހާރުގެ ފެންވަރަށް ގެންދެވިފައި. އަދި ސިފައިންގެ ޤާބިލިއްޔަތު ވަރަށްބޮޑުތަން އިތުރުވެގެން ހިނގައްޖެ. ސިފައިންނަކީ ރާއްޖޭގައި ހަމައެކަނި ޤައުމުގެ ދިފާޢުގައި މަސައްކަތް ކުރަން ތިބި ބަޔެއް ނޫން. ހަމައެކަނި މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަން ތިބި ބަޔެއް ނޫން. އޭގެއިތުރުން، ޤައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައިވެސް ސިފައިން ޙަރަކާތްތެރިވާން ޖެހެނީ އެންމެ އިސް ސަފުގައި. އެއީ ސުނާމީއަކަށްވިޔަސް، ބޮޑު ރާޅަކަށްވިޔަސް، އަލިފާނަކަށްވިޔަސް، އަދި އެނޫން ކަމަކަށްވިޔަސް، ޠޫފާނަކަށްވިޔަސް، އެންމެ ފުރަތަމަ ރައްޔިތުންނަށް އެހީވާން ނުކުންނަންޖެހޭ ބަޔަކީ ސިފައިން. އެކަންތައް މިއަދާ ޖެހެންދެން ސިފައިންވަނީ ވަރަށް ފުރިހަމައަށް ކޮށްދެއްވާފައި. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ދިވެހި ހުރިހާ ސިފައިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ތިޔަ ހުރިހާ ބޭފުޅުން، އަޅުގަނޑާ ދޭތެރޭގައި ބެހެއްޓެވި ގާތްކަމާއި އަދި އަޅުގަނޑަށް ވެވަޑައިގެންނެވި އިޚްލާޞްތެރިކަމާއި، ވަފާތެރިކަމާ، އެކަންތައްތައް ހަނދާންކޮށްވެސް ހަމަ ހުރިހާ ބޭފުޅުންނަށް ވަކިވަކިން އަޅުގަނޑު ޝުކުރު ދަންނަވަން.
 
އާދެ! ދެން ކުރިއަށް މިއޮތީ އާ ދައުރެއް. ނޮވެމްބަރު 11 ގައި އާ ދައުރެއް ފެށެނީ. އެހެންވީމާ، ދެންމެ މުޙަންމަދު ޒާހިރުގެ ވާހަކަފުޅުގައިވެސް، އެ ވިދާޅުވި ފަދައިން، ސިފައިންވާންޖެހޭނީ ވަރަށް ޕްރޮފެޝަނަލް ބަޔަކަށް. އެމީހުންގެ ވާޖިބު، މަސްއޫލިއްޔަތު ތެދުވެރިކަމާއެކު އަދާކުރާ ބަޔަކަށް. ކޮންމެ ސަރުކާރެއް އޮތް ނަމަވެސް، ސިފައިންގެ ވަޒީފާއަކަށްވާންޖެހޭނީ އެއީ. ސިފައިންގެ ވާޖިބަކަށްވާންޖެހޭނީ، އެއިރެއްގައި އޮތް ސަރުކާރަށް، އެ ސަރުކާރަކުން ބޭނުންވާ ގޮތަށް ކަންތައްތައް ގެންގޮސްދިނުން. އެހެން ހަދާއިރު، މިހާރު އެބައޮތް ސިފައިންގެ ޤާނޫނެއްވެސް. ކުރިން އޮންނަ ގޮތަކަށް ނޫން ހުރިހާ ކަމެއް އޮންނާނީކީ. ސިފައިންގެ ޤާނޫނު، އެބަ ބަޔާންކޮށްދޭ، ސިފައިންގެ މަސްއޫލިއްޔަތުތަކާއި، ވާޖިބުތަކާއި، ކަން ކުރަންވީގޮތާ، މިހުރިހާ އެއްޗެއް. އެހެންވީމާ، ސިފައިންގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ތިޔަބޭފުޅުން، ހުރިހާ އޮފިސަރުންނާއި، ހުރިހާ އެންމެން ކަންތައް ކުރީމާ އޮންނާނީ ތިޔަބޭފުޅުންގެ ފުރިހަމަ މަސްއޫލިއްޔަތާއި ވާޖިބު އަދާކޮށްދެއްވިފައި.
 
އަޅުގަނޑު ބޭނުންވެގެން މިއުޅެނީ، ވަރަށް އޮމާން ބަދަލުވުމަކަށް. އަޅުގަނޑު ޤަޞްދުވެސް ކޮށްގެން ހުރީ، އިރާދަކުރެއްވިއްޔާ އަދިވެސް މިހުރީ މާލޭގައި ނުވަތަ ރާއްޖޭގައި ދިރިއުޅެމުންދާން. ނޮވެމްބަރު 11ގެ ފަހުންވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު ހުންނާނީ ރާއްޖޭގައި. ދެން، ކޮންމެހެން ރައްޔިތުންނަށް ޚިދްމަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރެގެން ކުރެވޭނެ ކަމެއް ނޫން. އެ ނޫން މަގާމުތަކުގައި ހުރެގެންވެސް ނުވަތަ އެއްވެސް މަގާމެއް ނޫން ގޮތެއްގައި، އަމިއްލަ ރައްޔިތެއްގެ ގޮތުގައި ހުރެގެންވެސް ރައްޔިތުންނަށް ޚިދްމަތްތަކެއް ކޮށްދެވިދާނެ. އެހެންވީމާ، އަޅުގަނޑުގެ ޞިއްޙަތާއި ޤާބިލިއްޔަތު ތަންދިން މިންވަރަކުން ހަމަ ރައްޔިތުންނަށް ޚިދްމަތް ކުރުންމަތީ ދެމިހުންނަން އަޅުގަނޑު ޢަޒުމް ކަނޑައަޅައިގެން މިހިރީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ހުންނާނީ ރާއްޖޭގައި. އަދި ދީމުޤްރާޠީ ޙަޔާތުގައި މިއަންނަ ބަދަލުތައް އަންނަން ޖެހޭނީ ވަރަށް ރީތިކޮށް އޮމާންކޮށް. އެ ބަދަލާ ގުޅިގެން، އެއްވެސްކަހަލަ ހަމަނުޖެހުމެއް އުފެދިގެނެއް ނުވާނެ. އެކަން އެހެން ދިމާވެއްޖިއްޔާ، އެ ވާނީ ވަރަށް ދެރަ ކަމަކަށް. ވަރަށް ހިތާމަހުރި ކަމަކަށް. އޭގެ ގެއްލުން ލިބޭނީ ރައްޔިތުންނަށް.
 
އެހެންވީމާ، އަޅުގަނޑު ހުރިހާ ފަރާތްތަކަކަށްވެސް މި އިލްތިމާސް ކުރަނީ، މި ބަދަލު ވަރަށް އޮމާންކަމާއެކީ ގެންނަވާށޭ. އަދި ބަދަލަށްފަހުގައިވެސް ޞުލްޙަވެރިކަމާއި އަމަންއަމާންކަމާ އެކީގައި އެންމެން އުޅެމާ ހިނގާށޭ. ކެމްޕޭން ދުވަސްވަރު ހުންނާނެ، ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވިފައި. އެއީ ކެމްޕޭނަކީ އެކަހަލަ އެއްޗެއް. ސިޔާސީ މަޤްޞަދެއް ޙާޞިލު ކުރުމަށް ކުރާ ކެމްޕޭނުގައި، އެއްފަރާތަކުން އަނެއް ފަރާތަކާ ދޭތެރޭގައި ފާޑުކިޔުމާއި، އެކިކަހަލަ ވާހަކަ ދެއްކުން ހިމެނިގެންވާނެ. އެހެން ނަމަވެސް، މިހާރު މިއޮތީ ކެމްޕޭން ނިމިފައި. މިހާރު މިއޮތީ އެއްފަރާތެއް ކާމިޔާބުކޮށް ނިމިފައި. ދެން މިހާރަކު އެވާހަކަ ދައްކާކަށް ޖާގައެއްވެސް ބޭނުމެއްވެސް ނެތް. ދެން މިހާރު މިވީ އެންމެން ސަލާން ކޮށްލާފައި ތިބި ގޮތަށް ދާން. މެޗެއް ކުޅެގެންވެސް މެޗުން ބަލިވާ ފަރާތާއި މޮޅުވާ ފަރާތާ، ދެފަރާތުން ސަލާން ކޮށްލާފައި، އެހިސާބުން ކަންތައް ނިންމީމާ، އެއޮތީ ފުރިހަމައަށް ނިމިފައި. މިކަންވެސް ވާންޖެހޭނީ އެހެން. އެހެންވީމާ، އަޅުގަނޑު ހުރިހާ ފަރާތަކުންވެސް މި އެދެނީ އެގޮތަށް ކަންތައް ގެންގޮސްދެއްވުން. މީގެފަހުން ކުރިން މިދިޔަ ކަންތައްތަކުގެ އެއްވެސްކަހަލަ ކަމެއް ނެތުން. އެހިސާބުން އެކަން އެ ނިމުނީ. އެއީ އަޅުގަނޑުމެންގެ މާޒީ. އެހެން ސަރުކާރެއް އަންނާނެ. އެ ސަރުކާރަކަށް އަޅުގަނޑު އެދެނީ ހުރިހާވެސް ކާމިޔާބީއެއް. ހުރިހާވެސް ތަރައްޤީއެއް. މާތްﷲގެ މިންވަރުފުޅުން އެ ސަރުކާރުންވެސް ރައްޔިތުންނަށް ޚިދްމަތްތަކެއް ކޮށްދެއްވާނެ. އެގޮތަށް މަގު ފަހިކޮށްދިނުމަކީ އަޅުގަނޑުގެވެސް ވާޖިބެއް. އަދި ދިވެހި ސަރުކާރުގެވެސް ވާޖިބެއް. އަދި ދިވެހި ރައްޔިތުންގެވެސް ވާޖިބެއް.
 
ހަމައެހެންމެ، އެފަރާތުގެ ވާޖިބެއް، ރާއްޖޭގައި މިއޮތް ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓެވުމަށް މަސައްކަތް ކުރެއްވުން. އެފަރާތުންވެސް އެކަން ކުރައްވަން ޖެހޭނީ އެހެން. އެއްވެސްކަހަލަ އެހެން ކަހަލަ ނުފޫޒުތަކަކަށް ތަން ދެއްވައިގެން ނުވާނެ. ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފެދޭ ގޮތަކަށް، ފިތުނަ އުފެދޭ ގޮތަކަށް އެއްވެސް ކަމެއް ދޫކޮށްލައްވައިގެން ނުވާނެ. އެއީ އެބޭފުޅަކުގެ ވާޖިބަކަށްވާނެ. ޤައުމުގެ އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ދެމެހެއްޓެވުން.
 
އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ އިޤްތިޞާދީ ތަރައްޤީގެ އެންމެބޮޑު ބިންގަލަކީވެސް އެއީ. ރާއްޖޭގައި މިއޮތް ހަމަޖެހުން. އަމަންއަމާންކަން. ޞުލްޙަވެރިކަން. މިކަން މިގޮތަށް ނެތްނަމަ، ރާއްޖެ އިޤްތިޞާދީ ގޮތުން ކުރިއަކަށް ނުދާނެ. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުން އެ މިސާލު ފެނިގެން އެބަދޭ. އެތަންތަނަށްވާގޮތް. އަޅުގަނޑުމެންގެ ރާއްޖެއަކީ އެއަށްވުރެ މާ ކުޑަ ތަނެއް. މީސްކޮޅު މާ މަދު ތަނެއް.  މާ ވަސީލަތްތައް މަދު ތަނެއް. އަޅުގަނޑުމެންނަކަށް އެފޯޑެއް ނުކުރެވޭނެ، ތަޙައްމުލެއް ނުކުރެވޭނެ، އަޅުގަނޑުމެންގެ ރާއްޖޭގައި ހަމަނުޖެހުމެއް ހިނގައިގެން، އަޅުގަނޑުމެންގެ އިޤްތިޞާދީ ބިންގާތައް ފުނޑުފުނޑުވެގެންދާކަށް. އަޅުގަނޑުމެންގެ ޓުއަރިޒަމް ހަލާކުވާކަށް. ވިޔަފާރި ހަލާކުވާކަށް. މަސްވެރިކަމުން ލިބޭ އާމްދަނީ ހުއްޓޭކަށް. މިއީ އަޅުގަނޑުމެން ބޭނުންވާނެ ކަމެއް ނޫން. އަޅުގަނޑުމެން ބޭނުންވާނީ، ރީތިކޮށް، އަމަންއަމާންކަމާ އެކީގައި ކަންތައްތައް ކުރިއަށްދާން.
 
އެއީ މިހާރު ޕާޓީ ސިސްޓަމް އުފެދިފައި އޮތީމާ، ހުރިހާ ޕާޓީއެއްގެވެސް މަސްއޫލިއްޔަތު. މޮޅުވި ޕާޓީއާއި ދެރަވި ޕާޓީއާއި އެހެން ހުރިހާ ޕާޓީތައްވެސް ގުޅިގެން މަސައްކަތް ކުރަންވާނީ. ޤައުމުގައި އަމަންއަމާންކަން ހިފަހައްޓަންވާނެ. ޞުލްޙަމަސަލަސްކަން ދަމަހައްޓަންވާނެ. އަދި އިޤްތިޞާދީ، އިޖްތިމާޢީ ތަރައްޤީ ވީހާ ހަލުވިކޮށް ކުރިއަށް ގެންދެވޭތޯ ބަލަންވާނެ. އޭރުން މި ދީމުޤްރާޠީ ނިޒާމުގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބޭނީ.
 
އެހެންވީމާ، އަޅުގަނޑު ހަމަ ބޭނުންވީ މިވާހަކަ ދަންނަވާލައި، ހަމަ އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކޮށްލައި، އަދި ތިޔަބޭފުޅުންނާ ސަލާން ކޮށްލާފައި ދާން. އިރާދަކުރެއްވިއްޔާ މިއަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އަޅުގަނޑު މި މަޤާމުގައި ހުންނާނީ. އަޅުގަނޑަށް ލިބުނު ވަރަށްބޮޑު ޝަރަފެއް، 30 އަހަރު ވަންދެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުރުމަކީ. އަދި ދިވެހި ސިފައިންގެ އެންމެމަތީ ވެރިޔާގެ މަޤާމުގައި ހުރުމަކީ. އެހެންވީމާ، އެކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ކުރަން. އަދި ދިވެހި ރައްޔިތުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން.
 
އާދެ! އަޅުގަނޑު އެދެނީ، ދިވެހި ސިފައިންނަށް އަބަދުވެސް ކުރިއެރުމާއި ތަރައްޤީ. ތިޔަ ހުރިހާ ބޭފުޅުންނަށް ފުރިހަމަ ޞިއްޙަތާއި އަދި ތިޔަބޭފުޅުންގެ ތިޔަ ރޮނގުގައި ކުރިއަށް ވަޑައިގަތުމުގެ ހެޔޮ ތައުފީޤު މާތްﷲ ދެއްވުން. އަދި ތިޔަބޭފުޅުންނަކީ، އަބަދުވެސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އަދި ޤައުމަށް ދިމާވާ ނުރައްކާތެރި ކޮންމެ ކަމެއްގައި، އެންމެ އިސް ސަފުގައި ޚިދްމަތް ކުރައްވާ، ރައްޔިތުންނާއި ސަރުކާރުގެ ދިފާޢުގައި ތިއްބަވާ ބަޔަކު ކަމުގައި މާތްﷲ ލެއްވުން.
 
          والسّـلام عليـكم ورحمـة اللّـه وبـركاتـه.