ޞިއްޚީ ދާއިރާއަށް ބޭނުންވާ ޚިދުމަތްތެރިން ތަމްރީނުކުރުމުގައި ބަންގްލަދޭޝްގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަން ލިބެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ބަންގްލަދޭޝްގެ ޗީފް އޮފް އަރމީ ސްޓާފް، ޖެނެރަލް އަބޫ ބިލާލް ސައިފުލްޙައްޤު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ‏ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އެކިދާއިރާތަކުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ބަންގްލަދޭޝްގެ ޗީފް އޮފް އަރމީ ސްޓާފްއާ މަޝްވަރާ ކުރައްވާފައެވެ. އަދި މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ގިނަ ދިވެހިދަރިވަރުންތަކެއް، ބަންގްލަދޭޝްގައި މަތީ ތަޢުލީމު ހާޞިލުކުރަމުންދާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެންމެ ގިނައިން ދިވެހިކުދިން ބަންގްލަދޭޝްގައި މަތީ ތަޢުލީމު ހާޞިލު ކުރަމުންދާ ދާއިރާއަކީ މެޑިސިން އަދި ޞިއްޚީ ދާއިރާއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބަންގްލަދޭޝްގެ ނޭވަލް އެކަޑަމީއިން ގިނަ ޢަދަދެއްގެ ދިވެހިސިފައިން ތަމްރީން ހޯދައިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު ބަންގްލަދޭޝްއަކީ ހަލުވިކަމާއެކު ތަރައްޤީވަމުން އަންނަ ޤައުމެއްކަމުން، ދިވެހިރާއްޖެއަށް އެހީތެރިކަން ބޭނުންވާ ގިނަދާއިރާތަކުން ބަންގްލަދޭޝްގެ އެހީތެރިކަން ލިބިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ޗީފް އޮފް އަރމީ ސްޓާފް ދެއްކެވި ވާހަކަފުޅުގައި، ބަންގްލަދޭޝްގެ ފަރާތުން ދިވެހިރާއްޖޭގެ ޞިއްޚީދާއިރާއަށް އެންމެބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވެނީ ބަންގްލަދޭޝްގެ ޑޮކްޓަރުންނަށް ރާއްޖޭގެ ހޮސްޕިޓަލުތަކުގައި މަސައްކަތްކުރެވޭނެ ފުރުޞަތު ދެއްވައިގެން ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ކުރިއަށް އޮތްތަނުގައިވެސް ދިވެހިރާއްޖޭގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ތަފާތު ސްޕެޝަލިސްޓުން ފޯރުކޮށްދޭނެކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.