بسـم الِلّـه الرّحمٰـن الرّحيـم
 

             الحمـد لِلّـه ربّ العـالمـين،  والصّـلاة وَالسّلام علـى أشرف المرسلين، سيّدنا محـمّدٍ وعلى آله وأصحـابه أجمعـين.
 
އާދެ! އަޅުގަނޑުމެން މިހާރު ވޭތުކުރަމުން މިގެންދަނީ ބަރަކާތްތެރި ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކާއި ރޭތައް. މާތްاللّـه ވަރަށް ބޮޑަށް މާތްކުރައްވާފައިވާ ދުވަސްތަކަކާއި ރޭތަކެއް. އެ ރޭތަކުގެ ތެރޭގައި، ޤަދަރު އުފުލިގެންވާ، ޝަރަފުވެރި ރެއެއް ހިމެނިގެންވާކަމަށް ދީނުގެ ދަލީލުތަކުން އަޅުގަނޑުމެންނަށް އެނގެން އެބައޮތް. އާދެ، މި މާތް ރެއަކީ، اللّـه سبحـانـه وتعـالىއެކަލާނގެ ރަސޫލާ، محـمَّد صلّى اللّـه عليه وسلّمގެ މައްޗަށް ކީރިތި ޤުރްއާން ބާވައިލައްވަން ފެށްޓެވި ރޭ. 
 
މާތްاللّـه ވަޙީކުރައްވަނީ، إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِހަމަކަށަވަރުން ތިމަންރަސްކަލާނގެ އެފޮތް ބާވައިލެއްވީ، ޤަދަރު އުފުލިގެންވާ، ޝަރަފުވެރި މާތްރޭގައެވެ.“ އާދެ، އެރޭ، ހިމެނިގެންވަނީ މި ފަހުދިހައިގެ ތެރޭގައިކަމަށް رسول اللّـه صلّى اللّـه عليه وسلّمގެ ޙަދީޘްފުޅުތަކުން ޢިލްމުވެރިން ސާބިތު ކުރައްވާފައިވޭ. އާދެ، އެހެންކަމުން މިދުވަސްތަކާއި ރޭތައް އަޅުގަނޑުމެން ބޭނުންކުރަންޖެހޭނީ، އޭގެ އެންމެ ހެޔޮގޮތުގައި. މާތްاللّـهގެ ހެޔޮރަޙްމަތާއި، އެކަލާނގެ ބަރަކާތާއި، ޘަވާބާއި ދަރުމަ އަޅުގަނޑުމެންނަށް ލިބޭފަދަ ގޮތެއްގައި.
 
އާދެ، ބަރަކާތްތެރި ރަމަޟާންމަހަކީ، ޝައްކެއްނެތްގޮތުގައި އަހަރުގެ ތެރޭގައި އަންނަ އެންމެމާތް މައްސަރު. އެންމެ ބަރަކާތްތެރި މައްސަރު. ރަމަޟާންމަހުގެ އެންމެ މުހިންމު ޚާއްޞިއްޔަތަކީ، ނުވަތަ ރަމަޟާންމަހަށް ލިބިގެންވާ އެންމެބޮޑު ޚާއްޞަކަމަކީ، އެމަހުގައި މާތް اللّـه ކީރިތި ޤުރްއާން ބާއްވައިލެއްވިކަން. ނުވަތަ ޤުރްއާން ބާއްވައިލައްވަން ފެށްޓެވިކަން.
 
މާތް اللّـه ކީރިތި قرآن ގައި ވަޙީކުރައްވާފައިވޭ، شَهْرُ رَمَضَانَ الَّذِيَ أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ لْهُدَى وَالْفُرْقَانِ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ (البقرة:۱۸٥) މާނައީ: رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حقّ އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެމައްސަރުގައި حاضرވެ ހުރެއްޖެމީހާ، އެމަހުގެ ރޯދަ ހިފާހުށި ކަމެވެ!“
 
އާދެ، ކީރިތި ޤުރްއާނަކީ، މާތް اللّـهގެ ޙައްޤު ކަލާމްފުޅު. ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކައިދޭ މަގު. މާތްވެގެންވާ އިސްލާމްދީނުގެ ފުރިހަމަ ޢަޤީދާތަކާއި، އުޞޫލުތަކާއި، ޙުކުމްތައް ބަޔާންކުރެވިގެންވާ މާތް ދުސްތޫރު. އެއީ އަޅުގަނޑުމެން އެންމެން އެ މައްޗަށް ޢަމަލުކޮށްފިނަމަ، މިދުނިޔޭގެ އުފާވެރިކަމާއި، ތަނަވަސްކަމާއި، މިދުނިޔޭގެ ބާއްޖަވެރިކަމާއި، އަދި އާޚިރަތުގެ ތަނަވަސްކަމާއި، ރަޙްމަތާއި ޘަވާބު އަޅުގަނޑުމެންނަށް ލިބިގެންވާނެ އެއްޗެއް. އެހެންކަމުން، ކީރިތި ޤުރްއާންގައިވާ އެއްޗެއް، މުސްލިމުންނަށް އެނގުމަކީ ވަރަށް މުހިންމު ކަމެއް.
 
ކީރިތި ޤުރްއާނަކީ އިސްލާމްދީނުގެ އެންމެފުރަތަމަ އަސްލު. އެކަން އެހެން އޮތުމާ އެކީގައި،  رسول اللّـه صلّى اللّـه عليه وسلّم، އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ގެންދެވީ، ކީރިތި ޤުރްއާނުގައި އަންގަވާފައިވާ އެއްޗެއް، މީސްތަކުންނަށް ތަބްލީޣްކޮށްދެއްވައި ކިޔައިދެއްވަމުން، އޭގައި، ބަޔާންކުރައްވާފައިވާ އިލާހީ ޙުކުމްތައް، މީސްތަކުންނަށް ބަޔާންކޮށްދެއްވަމުން އެކަލޭގެފާނު ގެންދެވި. ހަމައެހެންމެ، އެކަލޭގެފާނަށްފަހުގައި އަޞްޙާބު ބޭކަލުން، އަދި އޭގެފަހުގައި ތާބިޢީންގެ ބޭކަލުން، އަދި އެކިއެކި މަޛްހަބުތަކުގެ އިމާމުން، ޢިލްމުވެރިން، މިހުރިހާ ބޭފުޅުންވެސް ގެންދެވީ، ކޮންމެ ބޭފުޅަކުވެސް، އެބޭފުޅަކު އެ އުޅުއްވާ ދާއިރާގައި، ޤައުމުގައި، އެބޭފުޅަކު އުޅުއްވާ މުޖްތަމަޢުގައި، ކީރިތި ޤުރްއާނުގެ މާނަ އޮޅުންފިލުއްވައިދެއްވަމުން. އޭގައިވާ ޢަޤީދާތަކާއި، އުޞޫލުތަކާއި، ޙުކުމްތައް މީސްތަކުންނަށް ބަޔާންކޮށްދެއްވަމުން.
 
 އާދެ، މިކަމަކީ، ޢަރަބިބަސް ދަންނަ ބަޔަކަށް މާ އުނދަގޫ ކަމަކަށްނުވާނެ. ކީރިތި ޤުރްއާން ބާވައިލައްވާފައިވަނީ ޢަރަބިބަހުން. އެހެންވީމާ، ޢަރަބި ތަޢްލީމުގެ މީހުންނަށް، ނުވަތަ ޢަރަބިބަސް ދަންނަ މީހުންނަށް ކީރިތި ޤުރްއާނުގައިވާ އެއްޗެއް އޮޅުންފިލުމަކީ މާބޮޑު ދަތިކަމަކަށްނުވާނެ. އެހެނެއްކަމަކު، މުސްލިމުންނަކީ، ހަމައެކަނި ޢަރަބިންނެއްނޫން. މުސްލިމުންނަކީ، ތަފާތު ޤައުމުތަކުގެ މީހުން. ތަފާތު ބަސްބަހުން ވާހަކަ ދައްކާ މީހުން. އެ އެންމެންނަށްވެސް، ކީރިތި ޤުރްއާނުގައި ބުނާ އެއްޗެއް، އަންގަވާފައިވާ އެއްޗެއް އެނގެން އެބަޖެހޭ.
 
އެހެންކަމުން، ވަރަށް ކުރިއްސުރެ، ދީނުގެ ޢިލްމުވެރިން ޢަމަލުކުރައްވަމުން ވަޑައިގެންފައިވާ ގޮތަކީ، ކީރިތި ޤުރްއާން، އެކިބަސްބަހަށް ތަރުޖަމާ ކުރެއްވުން. މީގެ އެތައްސަތޭކަ އަހަރެއް ކުރިއްސުރެ، މިއަންނަނީ ކީރިތި ޤުރްއާން އެކިބަސްބަހަށް ތަރުޖަމާ ކުރެވެމުން. އޭގެތެރޭގައި، ދުނިޔޭގައި މިހުރި އެންމެ މަޝްހޫރު ބަސްތައްވެސް ހިމެނޭ. އާދެ، އިނގިރޭސިބަހާއި، ފަރަންސޭސިބަހާއި، ޖަރުމަނުބަހާއި، ރޫސީބަހާއި، މިހެންގޮސް ދުނިޔޭގައި މިހުރި ހުރިހާ ބަސްތަކަށްވެސް، ކީރިތި ޤުރްއާންވަނީ، އެތައް ފަހަރެއްގެ މަތިން ތަރުޖަމާކުރެވިފައި. އަދި މުސްލިމުން ވާހަކަދައްކާ ބަސްބަހަށްވެސް، އާދެ، މުސްލިމުންގެ ތެރޭގައި އުރުދޫބަހުން ވާހަކަދައްކާ މީހުންނާއި، އަދި އެނޫން ބަސްބަހުން ވާހަކަދައްކާ މީހުންވެސް އެބައުޅޭ. ފާރިސީ ބަހުން ވާހަކަ ދައްކާ މީހުން، ތުރުކީބަހުން ވާހަކަ ދައްކާ މީހުން. މިހުރިހާ ބަސްބަހަށްވެސް ވަނީ ކީރިތި ޤުރްއާން ތަރުޖަމާ ކުރެވިފައި.
 
ދިވެހިންނަކީ، މުސްލިމުން. ދިވެހިންނަކީ، ކީރިތި ޤުރްއާނަށް ތަބަޢަވާ، އެ ޤުރްއާނުގެ އަހުލުވެރިން. އެހެންވީމާ، ދިވެހިންނަށްވެސް، ކީރިތި ޤުރްއާންގައި މާތް اللّـه އަންގަވާފައިވާ އެއްޗެއް އެނގެން އެބަޖެހޭ. އެކަން އެނގޭނީ ދިވެހިންނަށް ދިވެހިބަހުން، ކީރިތި ޤުރްއާނުގެ ތަރުޖަމާއެއް، ލިބިފައި އޮވެގެން. އާދެ، މިމަސައްކަތަކީ، ރާއްޖޭގައި ކުރިންވެސް ސަރުކާރުން ކުރައްވަމުން ގެންދެވި މަސައްކަތެއް. ކުރީގެ ރައީސް އަލްފާޟިލް އިބްރާހީމް ނާޞިރުގެ ދުވަސްވަރުގައިވެސް ކީރިތި ޤުރްއާންވަނީ ދިވެހިބަހަށް ތަރުޖަމާކުރެވިފައި. އެ ތަރުޖަމާ ވަރަށްފަހާ ޖެހެންދެން ރޭޑިޔޯ މޯލްޑިވްސް، ނުވަތަ ދިވެހިރާއްޖޭގެ އަޑުން ކިޔަމުން އައި އަޑު އަޅުގަނޑުމެންވަނީ އަހާފައި. އަދި އޭގެ ފޮތްތައް ޗާޕުކުރެވިގެންވަނީ ނެރެވިފައި.
 
 އެހެންނަމަވެސް، އަޅުގަނޑު ރައީސްކަމާ ހަވާލުވިފަހުން، ބަލައިލި ބަލައިލުމުން އެނގުނީ އެތަރުޖަމާ، އަދި އެ އޮތްގޮތުން އޭގެ އެންމެ ފުރިހަމަ މާނަ، ދިވެހިންނަށް ރަނގަޅަށް ދޭހަނުވާނެ ކަމަށް. އެހެންވީމާ، ވަރަށް ކުރިއްސުރެ، ޤުރްއާނުގެ އާ ތަރުޖަމާއެއް ދިވެހިބަހުން ތައްޔާރުކޮށް، ޝާއިޢު ކުރުމުގެ މަސައްކަތްވަނީ ފެށިފައި. އާދެ، މިމަސައްކަތް އަޅުގަނޑު ފެށީ 1979 ވަނަ އަހަރު. އެއީ އަޅުގަނޑު ރައީސްކަމާ ހަވާލުވިތާ ވަރަށްކުޑަ ދުވަސްކޮޅެއްގެ ތެރޭގައި.
 
 ކުރީގެ ތަރުޖަމާ ބަދަލުކުރަން ޖެހުނު ސަބަބަކީ، އެ ތަރުޖަމާ ކުރައްވާފައިވަނީ، ތަފާތު ފަސްބޭފުޅަކު ކަމަށްވެފައި، އެ ބޭބޭފުޅުން ތަރުޖަމާ ކުރެއްވީ، ކިތަންމެ ރަނގަޅަށް ކަމަށްވިޔަސް، ވަކިވަކިން ތަރުޖަމާ ކުރެއްވީތީ. އެހުރިހާ ބޭފުޅުން އެއްތަނަކަށް ވަޑައިގެން ވާހަކަފުޅު ދައްކަވައި، ބަޙުޘްކުރައްވައި، ކޮންމެ އާޔަތެއްގެވެސް މާނަ، އެންމެ ފުރިހަމައަށް ދޭހަވާގޮތަށް، އެބޭފުޅުންނަށް އެއްބަސްވެވަޑައިގެންނެވޭ ގޮތަކަށްނޫން ތަރުޖަމާ އޮތީކީ. ވަކިވަކިން ތަރުޖަމާ ކުރެއްވީ. އެހެންވީމާ، ޢިބާރާތުގެ ގޮތުންނާއި، ދޭހަވާ މާނައިގެ ގޮތުން، އެއްބައި އަނެއްބަޔާ، ތަފާތުވާގޮތް ދިމާވެފައި އެބަހުރި. އެހެންވީމާ، އަޅުގަނޑަށް ފެނުނީ، މިގޮތް އެހާ ރަނގަޅު ނޫން ކަމަށް. އެއަށްވުރެ ފުރިހަމަ ތަރުޖަމާއެއް ދިވެހިބަހުން އޮންނަން ޖެހޭނެ ކަމަށް ވިސްނިގެން، ކަމާބެހޭ ކޮމިޓީއެއް އަޅުގަނޑު އުފައްދައި، އެކޮމިޓީއާ މިމަސައްކަތް ހަވާލުކުރީ، 1979ވަނަ އަހަރު ތެރޭގައި.
 
އާދެ، އެކޮމިޓީގެ ފަރާތުން މިމަސައްކަތް ގެންދެވީ، ވަރަށް ފަރުވާތެރިކަމާއި ވަރަށްބޮޑު، އަހަންމިއްޔަތަކާ އެކީގައި. އެކޮމިޓީގެ ބޭފުޅުން ވަރަށްގިނަ އަހަރުތަކެއް ވަންދެން، ވަރަށްގިނަ ތަފާތު މަސައްކަތްތައް ކުރައްވައިގެން، ކީރިތި ޤުރްއާންގެ އާ ތަރުޖަމާއެއްވަނީ ތައްޔާރުކޮށްދެއްވާފައި. އަދި ތައްޔާރުކޮށްދެއްވިފަހުން އެތައް ފަހަރެއްގެ މަތިން، އެ ތަރުޖަމާވަނީ މުރާޖަޢާ ކުރައްވާފައި. އޭގައި އެއްވެސްކަހަލަ ކުށެއް، އުނިކަމެއް އޮތްތޯ ބައްލަވައި، އެކަމެއްވެސް ވަނީ އިޞްލާޙު ކުރައްވާފައި.
 
މިމަސައްކަތް ކުރައްވާފައިވާއިރު، އެ ތަރުޖަމާ ދިވެހިންގެ އަތްމައްޗަށް ފޯރާގޮތް ހެދުމަކީވެސް ސަރުކާރުން ކުރަން ޖެހޭނެ ކަމެއްކަމަށް ފެންނާތީ، އެ ތަރުޖަމާ ޗާޕުކުރުމުގެ މަސައްކަތް ސަރުކާރުން ފެށި. އެހެންނަމަވެސް، އެކަމަކީ ވަރަށްބުރަ ކަމަކަށްވެގެންދިޔަ. އެއީ އަޅުގަނޑުމެންގެ ރާއްޖޭގައި އެފަދަ ތަރުޖަމާއެއް ޗާޕްކުރުމުގެ ވަސީލަތްތައް ނެތުމާއެކީގައި، އަޅުގަނޑުމެންނަށް ޖެހުނީ ބޭރުގެ ފަރާތަކުން ޗާޕުކުރުވަން. އަދި، ޗާޕުކުރުމުގައި ހިނގާ ޚަރަދުގެ ގޮތުންވެސް، ބައެއްފަރާތްތަކުން އެކިއެކި އެހީ ވެދެއްވާނެ ކަމަށް ކުރިން ވިދާޅުވެފައި އޮތުމާއެކީގައި، އެފަރާތްތަކުގެ އެހީގައި ތަރުޖަމާ ޗާޕްކުރެވޭތޯވެސް މަސައްކަތްތަކެއް ކުރެވުނު. އެހެންނަމަވެސް އެމަސައްކަތްތައް، ކާމިޔާބެއްނުވި. އެހެންވީމާ، ދިވެހި ސަރުކާރަށް ޖެހުނީ، ދިވެހި ސަރުކާރުގެ އަމިއްލަ ޚަރަދުގައި، އަމިއްލަ މަސައްކަތުގައި، މި އާ ތަރުޖަމާ ޗާޕްކޮށް، ޝާއިޢުކޮށް، ދިވެހިރާއްޖެއަށް ގެނެސް، ރައްޔިތުންނާ ހަމައަށް ވާސިލުކޮށްދޭން. އާދެ، މިމަސައްކަތް މާތް اللّـهގެ ވާގިފުޅާއެކު، މިހާރު މިވަނީ ނިމިފައި.
 
އަޅުގަނޑު މީގެކުރިން، 2007ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ދަންނަވާފައި އޮންނާނެ، ޤުރްއާންގެ ދިވެހި ތަރުޖަމާގެ ކޮޕީއެއް، ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާ ކުރާނެ ވާހަކަ. އެހެންވީމާ، އެވަޢްދު ފުއްދުމަށްޓަކައި، ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިގެން، މާތް اللّـهގެ ވާގިފުޅާއެކީގައި، އެކަން ކުރުމުގެ މަގު މިހާރު މިވަނީ ތަނަވަސްވެފައި.
 
އާދެ، މި ތަރުޖަމާ ކުރެއްވި ބޭފުޅުން، އެކުރެއްވި މަސައްކަތްޕުޅާ ބެހޭގޮތުންވެސް އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުންވޭ. އާދެ، އެއްވެސް ބަހަކުން ލިޔެވިފައިވާ އެއްޗެއް، އެހެން ބަހަކަށް ތަރުޖަމާ ކުރުމަކީ ފަސޭހަ ކަމެއް ނޫން. ވަރަށް އުނދަގޫ ކަމެއް. މީގައި، އަސްލު އެ އެއްޗެއް އޮތްބަހާއި، އަދި އެ ތަރުޖަމާކުރެވޭ ބަސް، ވަރަށް ރަނގަޅަށް ދަންނަ މީހަކަށް، އެ ތަރުޖަމާކުރާ މީހަކު ވާންޖެހޭނެ. ބަހުގެ ޤަވާއިދުތަކާއި، ބަހުގެ ސިއްރުތަކާއި، ބަހުގައި ޖުމްލަ އެތުރިފައި ހުންނަ ގޮތާއި، އަދި ބަހުގައި ހުންނަ ޙަޤީޤީ މާނައާއި، މަޖާޒީ މާނައާއި، މިހެންގޮސް ވަރަށްގިނަ ކަންތައްތަކެއް ދަންނަ މީހަކަށް، ތަރުޖަމާކުރާ މީހާ ވެގެންނޫނީ ފުރިހަމަ ތަރުޖަމާއެއް ނެހެދޭނެ. އެހެންވީމާ، ތަރުޖަމާ ކުރުމަކީ އޭގެ ޒާތުގައިވެސް، އެހާދަތި އުނދަގޫ ކަމަކަށްވާއިރު، ކީރިތި ޤުރްއާން އެހެން ބަހަކަށް ތަރުޖަމާ ކުރުމަކީ، އެހެން ހުރިހާ އެއްޗެއް، ތަރުޖަމާ ކުރުމަށްވުރެ އަދި މާދަތި، މާއުނދަގޫ ކަމެއް.
 
އެހެންވީމާ، އެދަތިކަން އެބޭފުޅުންނަށްވެސް އިޙްސާސް ކުރައްވަން ޖެހިވަޑައިގެންނެވި. އެހެންނަމަވެސް، އެބޭފުޅުން ވަރަށް ބުރަކޮށް އެމަސައްކަތް ކުރައްވަމުން ގެންދެވީ. ކީރިތި ޤުރްއާނުގެ ތަފްސީރުތައް ބައްލަވައި، އަދި އެހެން ބަސްބަހަށް ތަރުޖަމާ ކުރެވިފައިހުރި، ތަރުޖަމާތައްވެސް ބައްލަވައިގެން މިމަސައްކަތް ކުރެއްވީ. އެހެންވީމާ، އެބޭފުޅުން އެކުރެއްވި މަސައްކަތަކީ، ވަރަށްބުރަ، ވަރަށް އިޚްލާސްތެރި، ވަރަށް ފަރުވާތެރި މަސައްކަތެއް. އެކަމަށްޓަކައި އެކޮމިޓީގައި ހިމެނިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
 
އާދެ، އެ ކޮމިޓީގައި ރާއްޖޭގައި ތިއްބެވި، މިކަމަށް އެންމެ އެކަށީގެންވާ، އެންމެ ޢިލްމީ، އެންމެ ޤާބިލް ބޭފުޅުންވަނީ ހިމެނިފައި. އެކިދުވަސްވަރުމަތިން، އެކިބޭފުޅުން. ބައެއް ބޭފުޅުން މިއަދުވަނީ އަޅުގަނޑުމެން ދޫކުރައްވައި اللّـهގެ ރަޙްމަތަށް ދަތުރުކުރައްވާފައި. އެހެންބޭފުޅުން ދުނިޔޭގައި އެބަތިއްބެވި.
 
އާދެ، މިތަރުޖަމާކޮށްދެއްވުމުގައި ބައިވެރިވެވަޑައިގެންދެއްވި ބޭފުޅުންގެ ނަންފުޅުތައް ދަންނަވާލާނަން. ފަޟީލަތު އަލްއުސްތާޛުއްޝައިޚު އަލްމަރްޙޫމް މުޙަންމަދު ޖަމީލު، ފަޟީލަތު އަލްއުސްތާޛުއްޝައިޚު އަލްމަރްޙޫމް މޫސާ ފަތުޙީ، ފަޟީލަތު އަލްއުސްތާޛުއްޝައިޚު މުޙަންމަދު ރަޝީދު އިބްރާހީމް، ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިން، ފަޟީލަތުއްޝައިޚު އަލްމަރްޙޫމް އަޙްމަދު ޝާޠިރު މޫސާ، ފަޟީލަތު އަލްއުސްތާޛުއްޝައިޚު އާދަމް ނަސީމް، ފަޟީލަތު އަލްއުސްތާޛުއްޝައިޚު ޙުސައިން ޢަބްދުއްރަޙްމާން، ފަޟީލަތު އަލްއުސްތާޛުޢްޝައިޚު އަޙްމަދު ފާރޫޤު މުޙަންމަދު، ފަޟީލަތު އަލްއުސްތާޛުއްޝައިޚު އިބްރާހީމް ޒަކަރިއްޔާ މޫސާ.
 
މިބޭފުޅުންގެ އިތުރުން، ކީރިތި ޤުރްއާނުގެ މިތަރުޖަމާގައި ހުރި އެއްކަހަލަ އާޔަތްތަކުގެ މާނަ އެއްގޮތްކުރެއްވުމަށްޓަކައި އެކުލަވައިލި ޚާއްޞަ ކޮމިޓީގެ ބޭފުޅުން ކުރެއްވި މަސައްކަތްޕުޅުތައް އަޅުގަނޑު ވަރަށް އުފަލާއެކު ހަނދާން ކުރަން. އާދެ، އެބޭފުޅުންނަކީ، ފަޟީލަތު އައްޝައިޚު މުޙަންމަދު ޤުބާދު އަބޫބަކުރު، ފަޟީލަތު އަލްއުސްތާޛު އާދަމް މުޙަންމަދު ޢަބްދުاللّـه، އަދި ސ. ހިތަދޫ ރީތިގަސްދޮށުގޭ ފަޟީލަތު އަލްއުސްތާޛު ޙަސަން ސަޢީދު.
 
ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ ޗާޕުކުރުމަށް ތައްޔާރުކުރުމުގެ ގޮތުން، ކޮމްޕިއުޓަރުން ލޭއައުޓް ހެއްދެވުމުގެ މަސައްކަތް ކުރެއްވި ބޭފުޅުން އެކޮށްދެއްވި މަސައްކަތްޕުޅުވެސް ޝުކުރުވެރިކަމާއެކު މިރޭ އަޅުގަނޑު ހަނދާން ކުރަން.  އެބޭފުޅުންނަކީ، ސ.ހިތަދޫ ރީތިގަސްދޮށުގޭ ފަޟީލަތު އަލްއުސްތާޛު އައްޝައިޚް ޙަސަން ސަޢީދު، އަލްފާޟިލް އަޙްމަދު ރަޝީދު ޢަބްދުލްޤާދިރު، ފަޟީލަތު އަލްއުސްތާޛު މޫސާ އަންވަރު ޙަސަން، ފަޟީލަތު އަލްއުސްތާޛު ޢަބްދުاللّـه ޙަމީދު، ފަޟީލަތު އަލްއުސްތާޛު ޙާމިދު އަބޫބަކުރު.
 
މީގެއިތުރުން، ދިވެހިބަހުގެ ރީތި ބަސްމަގުގެ ގޮތުން، ތަރުޖަމާ ފުރިހަމަ ކުރެއްވުމުގެ މަސައްކަތް ކޮށްދެއްވި، އަލްފާޟިލް ޢަބްދުاللّـه ޞާދިޤަށް އަޅުގަނޑު ވަރަށް އިޙްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ތަރުޖަމާ އެއްކޮޅުން އަނެއްކޮޅަށް ބައްލަވައިދެއްވައި، ވަކިވަކި ބަސްތަކާއި، އާޔަތްތަކުގެ މާނަ ދިވެހިބަހުން ރަނގަޅަށް ދޭހަވާގޮތަށް ބައެއް ބަދަލު ގެނެސްދެއްވި އަލްފާޟިލް ޢައްބާސް އިބްރާހީމަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.
 
 އަދި ކީރިތި ޤުރްއާނުގެ އާ ދިވެހި ތަރުޖަމާ ޗާޕު ކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވައިދެއްވި، އަލްފާޟިލް ޢަލީ ޙުސައިނަށް އަދި ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރޒަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

މިބޭފުޅުންގެ އިތުރުން، ކީރިތި ޤުރްއާން ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ މަސައްކަތް ކުރެވެމުންދިޔައިރު، ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީގެ މަގާމުގެ ޙައިސިއްޔަތުން، އެމަސައްކަތުގައި އެކިގޮތްގޮތުން އެހީތެރިވެވަޑައިގެންދެއްވި އަލްފާޟިލް ޢަބްދުاللّـه ޖަމީލަށާއި، އަލްފާޟިލް ޢައްބާސް އިބްރާހީމަށާއި، އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނަށާއި، އަލްފާޟިލް މުޙަންމަދު ޙުސައިނަށާއި، އަލްފާޟިލް ޢަބްދުاللّـه ޝާހިދަށާއި، ޑޮކްޓަރ އަޙްމަދު ޝަރީފަށްވެސް އަޅުގަނޑު ވަރަށް އިހްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
 
ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާ ކުރުމުގެ މަސައްކަތް ފެށުނީއްސުރެ ޗާޕުކުރުމުގެ އެންމެފަހު މަރްޙަލާއާ ހަމައަށް ދަންދެން، އެމަސައްކަތް ހިންގުމުގައި އެހީތެރިވެދެއްވި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މުޝީރުގެ މަގާމުގައި ހުންނެވި އަލްމަރްޙޫމް މުޙަންމަދު ޞާދިޤު ކޮށްދެއްވި މަސައްކަތްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ހަނދާން ކުރަން.
    
މީގެއިތުރުންވެސް، މިކަމުގައި ޢަމަލީގޮތުން މަސައްކަތް ކޮށްދެއްވި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކަމާބެހޭ ހުރިހާ މުވައްޒަފުން އަޅުގަނޑު ހިމަނަން. އަދި ތަރުޖަމާ ލިޔެފައިވާ ފޮންޓް އިޞްލާޙުކޮށްދެއްވައި، އެ ފޮންޓުން ލޭއައުޓް ހެދޭނެގޮތް ހައްދަވައިދެއްވި ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެތެރޭގައި އަލްފާޟިލް އިސްމާޢީލް ޢަބްދުލްޤާދިރާއި، އަލްފާޟިލް މުޙަންމަދު އަބްދުލްޤާދިރު ހިމެނިވަޑައިގަންނަވާ. 
 
އާދެ، ޝުކުރު ދެންނެވުމަކީ، ވަރަށް އުނދަގޫ ކަމެއް. ކޮންމެހެން ކުރަންޖެހޭ ކަމެއް. އެހެންނަމަވެސް އެކަންކުރުމުގެ ތެރޭގައި، ބައެއްފަހަރަށް އެކިއެކި އޮޅުންއަރާ، ނުވަތަ ވަރަށް މުހިންމު ބައެއް ބޭފުޅުންގެ ނަންވެސް އުނިވެގެންދާގޮތް ދިމާވޭ. އެހެންވީމާ، މިރޭވެސް އެފަދަ ކަމެއް ދިމާވެފައި އޮވެދާނެ ކަމަށްޓަކައި، އެހެން އެކަން ވެފައިވާނަމަ، އެ އުނިވި ނަންފުޅު އުނިވި ބޭފުޅެއްގެ އަރިހުން، ނުވަތަ އެބޭފުޅުންގެ އަރިހުން އަޅުގަނޑު މަޢާފަށް އެދެން.
 
އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން ދަންނަވާލަންޖެހޭ ވަރަށް މުހިންމު ދެވާހަކައެއް އެބައޮތް. އެއްވާހަކައަކީ، މާތްاللّـهގެ ހެޔޮ ރަޙްމަތްފުޅުން ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާއެއް އޮތް ކަމުގައިވިޔަސް، އެ ތަރުޖަމާއިން އެކިއެކި ޝަރުޢީ ޙުކުމްތައް ދެނެގަތުމާއި، އެކިކަންކަމުގެ ޙުއްޖަތެއްގެ ގޮތުގައި، ނުވަތަ ޝަރްޢީ ދަލީލެއްގެ ގޮތުގައި އެކިއެކި އާޔަތްތައް ބޭނުން ކުރައްވަންވާނީ، ހަމައެކަނި އެފެންވަރަށް ތަޢްލީމް ޙާޞިލު ކުރައްވައިގެން ތިއްބެވި ބޭފުޅުން ކަމުގައި ދަންނަވާލުން.
 
 އާދެ، ކުރިންވެސް ދެންނެވިފަދައިން، ޤުރްއާނުގައި ހިމެނޭ މާނަތައް ދެނެގަތުމުގައި ޢަރަބިބަސް ފުރިހަމައަށް ދަތުން މުހިންމު. ހަމައެއާއެކީގައި، ޢަރަބިބަހުގެ ބަލާޣަތާއި، އޭގެ ފަޞާޙަތާއި، ޢަރަބި ބަހުގެ ނަޙޫއާއި، ޞަރްފާއި، އަދި ޢަރަބިބަހުގައި ބަސްތައް އެތުރޭގޮތާއި، ޙަޤީޤީ މާނައާއި މަޖާޒީ މާނައާއި، މުޠްލަޤާއި، މުޤައްޔަދާއި، ޚާއްޞައާއި، ޢާންމާއި، މިހެންގޮސް މިހުރިހާ ކަމެއް ދަންނަ މީހަކަށް ނޫނީ، ކީރިތި ޤުރްއާނުގެ އެއްވެސް އާޔަތެއްގެ މާނަ ރަނގަޅަށް، އޮޅުން ފިލުވައިދޭކަށް ނުވަތަ ދެނެގަންނާކަށްވެސް ނޭނގޭނެ. އެހެންވީމާ، އަދި ޤުރްއާނުގެ ތަރުޖަމާއެއް އޮތެއްކަމަކު، ތަރުޖަމާގައި އޮތީ މިހެންނޭ ކިޔާފައި، އެއިން އަޅުގަނޑުމެން ޙުކުމެއް ނަގަން މަސައްކަތް ކުރުމަކީ، ކޮށްގެންވާނެ ކަމެއްނޫން. އެކަން ކުރައްވަންވާނީ، ކަމުގެ ޢިލްމީ ޤާބިލިއްޔަތު ހުރި ބޭފުޅުން. އިސްލާމީ، ޝަރްޢީ ޢިލްމުތައް ފުރިހަމައަށް ދެނެވަޑައިގެން ތިއްބެވި ބޭފުޅުން. އެހެންވީމާ، މިވާހަކަ އެއްވާހަކައަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވީ.
 
އަނެއްވާހަކައަކަށް ދަންނަވާލަންއޮތީ، މިއީވެސް އިންސާނުން ކޮށްފައިވާ މަސައްކަތެކޭ. ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާއަކީވެސް، އަޅުގަނޑުމެންގެ ތެރެއިން ކިތަންމެ ޢިލްމުވެރި ބޭފުޅުން ކުރެއްވިނަމަވެސް، ހަމަ އިންސާނުން ކޮށްފައިވާ މަސައްކަތެކޭ. އިންސާނުންކުރާ މަސައްކަތުގައި އުނިކަންތައް ހުންނާނެ. އެމަސައްކަތަކީ، ކިތަންމެ މޮޅަކަށް، ކިތަންމެ ފަރުވާތެރިކަމާއެކު، ކިތަންމެ އިޚްލާޞްތެރިކަމާއެކު ކުރި މަސައްކަތަކަށްވިޔަސް، އިންސާނުންކުރާ މަސައްކަތުގައި އުނި ކަންތައްތައް ނެތިއެއް ނުދާނެ. އެ ޙަޤީޤަތް އަޅުގަނޑުމެން ޖެހޭނެ ޤަބޫލުކުރަން. އެހެންވީމާ، މި ތަރުޖަމާގައިވެސް، އުނިކަންތައްތައް ހުންނާނެކަން އަޅުގަނޑުމެން ޤަބޫލުކުރަން އެބަޖެހޭ. އަޅުގަނޑުމެންނަށް ކުރެވެން އޮންނާނެ ގޮތަކީ، އެފަދަ ކަމެއް ފެނިއްޖެނަމަ، އަވަހަށް އެކަމެއް އިޞްލާޙު ކުރުން. އެހެންވީމާ، އެއީވެސް ތިޔަ ހުރިހާ ބޭފުޅުންގެ މަޢްލޫމާތަށްޓަކައި އަޅުގަނޑު ދަންނަވާލަން ބޭނުންވި ވާހަކައެއް.
 
ދެން ދަންނަވާލަން އޮތް ވާހަކައަކީ، ކީރިތި ޤުރްއާނުގެ އާ ދިވެހި ތަރުޖަމާ، ތައްޔާރުވެފައި އޮތުމާ އެކީގައި، މިރޭ އެ ތަރުޖަމާ ނެރެދިނުމަކީ، އާދެ، މިބަރަކާތްތެރި ރަމަޟާން މަހުގެ ފަހުދިހައިގެ، މިމާތް ހުކުރުވިލޭރޭ، ކީރިތި ޤުރްއާނުގެ އާ ދިވެހި ތަރުޖަމާ ނެރެދިނުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލަކާއި ޝަރަފެކޭ ދަންނަވާލުން. އާދެ، މިއުފަލުގައި ތިޔަބޭފުޅުން ބައިވެރިކުރުމުގެ ގޮތުން، މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް، އެ ތަރުޖަމާގެ ކޮޕީއެއް ހަދިޔާ ކުރަން އަޅުގަނޑުވަނީ ގަސްދުކޮށްފައި. އަދި މިކަމުގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ނަންފުޅުތައް، މިޖަލްސާގައި އިޢްލާނުކޮށް، އެބޭފުޅުންނަށާއި، އަދި އޭގެއިތުރުން، މިތަނަށް ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންނަށް، ކޮންމެ ބޭފުޅަކަށް ކީރިތި ޤުރްއާނުގެ އާ ތަރުޖަމާގެ ކޮޕީއެއް، މިޖަލްސާގައި އަޅުގަނޑު އަރުވާނެ ވާހަކަ ވަރަށް އުފަލާއެކު ދަންނަވަން.
 
އާދެ، މިތަރުޖަމާ، ދިވެހި ކޮންމެ ގޭބިސީއަކަށް، ސަރުކާރުގެ ހަދިޔާއެއްގެ ގޮތުގައި، ބެހުމުގެ މަސައްކަތްވެސް، ވަރަށް އަވަހަށް ފެށިގެންދާނެ. އެކަމަށް މިހާރު ތައްޔާރުވުމުގެ ގޮތުން، މާލޭގެ އަވަށްތަކާއި އަތޮޅުތަކުގައި، އެކަމުގެ މަސައްކަތްތައް ކުރެވެމުން އެބަދޭ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިފެށޭ ހަފްތާގައި، އަވަށު އޮފީސްތަކުން މިމަސައްކަތް ކުރައްވާނެ. އެކަމާބެހޭ މަސައްކަތްތައް މިހާރުވަނީ ކުރައްވާފައި. މިހާރު ގެންދަވަނީވެސް ކުރައްވަމުން. އަދި އަތޮޅުތަކަށް، ތަރުޖަމާ ފޮނުވުމަށް ހަމަޖައްސަންޖެހޭ އިންތިޒާމުތައް، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން މިހާރު ހަމަޖައްސަވަމުން އެބަގެންދަވާ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ، ދިވެހިރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ކީރިތި ޤުރްއާނުގެ އާ ދިވެހިތަރުޖަމާގެ ކޮޕީއެއް ސަރުކާރުގެ ހަދިޔާއެއްގެ ގޮތުގައި ލިބިވަޑައިގަންނަވާނެ. އަދި އޭގެފަހުންވެސް އިތުރަށް ބޭނުންފުޅުވާ ބޭފުޅުންނަށް، ތަރުޖަމާގެ ކޮޕީ ލިބޭނެ ކޮންމެވެސް ގޮތެއް، ސަރުކާރުން އިރާދަކުރެއްވިއްޔާ ހަމަޖައްސައިދޭނެ.
 
އާދެ، އަޅުގަނޑުގެ އިޙްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް، ކީރިތި ޤުރްއާނުގެ މަތިވެރި ހިދާޔަތުގައި ދެމިތިބުމުގެ ތައުފީޤު ދެއްވުން. ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ޢަޤީދާތަކާއި އުޞޫލުތަކާއި ޙުކުމްތަކަށް ބޯލަނބައިގެން، އެގޮތުގެ މަތިން އަޅުގަނޑުމެންގެ އުޅުމާއި އަޚްލާޤާއި ސުލޫކު ގެންދިޔުމުގެ މަތިވެރި ތައުފީޤު އެކަލާނގެ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. އަދި މި ތަރުޖަމާގެ މަސައްކަތް ކޮށްދެއްވި ހުރިހާ ބޭފުޅުންނަށް، އާދެ، މިދެންނެވީ، ޢިލްމީ ކޮމިޓީގެ ބޭފުޅުންނަށާއި، އަދި މިތަރުޖަމާ ޓައިޕްކޮށްދެއްވި ބޭފުޅުންނަށާއި، ކުށްފިލުއްވައިދެއްވި ބޭފުޅުންނަށާއި، ކޮމްޕިއުޓަރުން ލޭއައުޓް ހައްދަވައިދެއްވި ބޭފުޅުންނަށާއި، އަދި ތަރުޖަމާ ޗާޕްކުރުމުގެ މަސައްކަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށާއި، މިކަމުގައި އެއްވެސް ގޮތަކުން ހިމެނިވަޑައިގެންފައިވާ ހުރިހާ ބޭފުޅުންނަށް، މާތްاللّـه އެކަލާނގެ މަތިވެރި ޘަވާބާއި ދަރުމަ މިންވަރު ކުރެއްވުން. އަދި މިއަގުހުރި މަސައްކަތަކީ، ޤިޔާމަތް ދުވަހުގައި އޮންނަ، އެއިން ކޮންމެ ބޭފުޅެއްގެ ޙަސަނާތުގެ މީޒާނުގައި، ޙަސަނާތުގެ ތިލަފަތުގައި މާތްاللّـه ހިމަނުއްވައިދެއްވާ ޢަމަލެއް ކަމުގައިވުން.
 
އާދެ، ކީރިތި ޤުރްއާންގެ އާ ދިވެހި ތަރުޖަމާ ލިބިފައި އޮތުމާއެކު، މިއުފާވެރި ޖަލްސާގައި، ތިޔަބޭފުޅުންނަށް ހަދިޔާކުރުމުގެ އުފާ އަޅުގަނޑު ލިބިގަންނަން ގަސްދުކޮށް، އެކަމަށްޓަކައި اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކޮށް، ތިޔަ ހުރިހާ ބޭފުޅުންނަށް ފުރިހަމަ ޞިއްޙަތަކާއި، ޢާފިޔަތަކަށް އެދެން.
 
والسّـلام عليـكم ورحمـة اللّـه وبركاتـه.