އިނގިރޭސިވިލާތުގެ ފޮރިން އޮފީހުގެ އޭޝީއާ އާ ބެހޭ ސްޓޭޓް މިނިސްޓަރ ރައިޓް އޮނަރަބަލް ހޫގޯ ސްވަޔަރ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އިނގިރޭސިވިލާތާއި ދެޤައުމުގެ ދޭތެރޭ ޤާއިމްވެފައިވާ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ދެޤައުމުން އެއްބާރުލުން ދޭން ބޭނުންވާ ކަންކަމާ ބެހޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާއާއި އިނގިރޭސިވިލާތުގެ ފޮރިން އޮފީހުގެ އޭޝީއާ އާ ބެހޭ ސްޓޭޓް މިނިސްޓަރ މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ދުންޔާ މައުމޫންއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަޞީރު މުޙަންމަދުއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރޮލޭޝަންސްގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.