މެލޭރިއާ ނައްތާލެވިފައިވާ ޤައުމެއްކަން ކަނޑައަޅާ ލިޔުން، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ރާއްޖެއަށް ދީފިއެވެ. މިލިޔުމާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ހެލްތް އިރުތިޝާމް އާދަމެވެ. މެލޭރިއާ ނައްތާލެވިފައިވާ ޤައުމެއްކަން ކަނޑައަޅާ ލިޔުން ދެއްވުން އޮތީ، ދިވެހިރާއްޖެ ޑަބްލިޔު.އެޗް.އޯ ގެ މެންބަރު ޤައުމެއްގެ ގޮތުގައި 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންނެވިއެވެ.

ދެކުނު އިރުމަތީ އޭޝިޔާގެ ޑަބްލިޔު.އެޗް.އޯ މެންބަރު ޤައުމުތަކުގެ ތެރެއިން މެލޭރިއާ މުޅިން ނައްތާލެވުނު ފުރަތަމަ ޤައުމަކީވެސް ދިވެހިރާއްޖެއެވެ. މެލޭރިއާ ނައްތާލެވިފައިވާ ޤައުމެއްކަން ކަނޑައަޅާ ލިޔުމުގައި، ރާއްޖެއިން މެލޭރިއާ ނައްތާލުމަށާއި، މެލޭރިއާ ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތައް ޑަބްލިޔު.އެޗް.އޯ އިން ފާހަގަ ކޮށްފައިވެއެވެ.