بســم اللّـه الرّحمـن الرّحيــم
    
ދިވެހިރާއްޖޭގެ އެންމެ ޒުވާން ޕާލަމަންޓް މެންބަރު، އަދި ވެލިދޫ ކައުންސިލްގެ ކައުންސިލް މެންބަރުން، ކައުންސިލްގެ ރައީސް އަދި މެންބަރުން، އަދި ހަމަ ވަޑައިގެން ތިއްބެވި ހުރިހާ ޢިއްޒަތްތެރިން، އަދި ވެލިދޫގެ ލޮބުވެތި ރައްޔިތުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، އަޅުގަނޑު ހަމަ މިރޭ ބޭނުންވަނީ ވަރަށް މުހިންމު ވާހަކައެއް ޙިއްޞާކޮށްލަން. އެނގޭނޭ ފަދައިން، ވެލިދުއަކީ ވަރަށް ޚާއްޞަ ރަށެއް ރައީސް ޔާމީނަށްވެސް. އާދެ، ރައީސް ޔާމީން އެތަކެއް އަހަރު ޕާލަމެންޓްގައި ވެލިދޫ އަދި ނ. އަތޮޅުވެސް ރެޕްރެޒެންޓެޓިވް ކޮށްފައިވޭ. ޙަޤީޤަތުގައި ސިޔާސީ މައިދާނަކީ ވަރަށް އުނދަގޫ މާޙައުލެއް. ރައީސް ޔާމީނަކީ މި ޤައުމުގެ ރައީސްކަން ކޮށްފާނެ ކަމަށް ވަރަށް ކުރިއްސުރެ ގިނަ ބަޔަކު އެބޭފުޅާއާ އެތައް ގޮތަކުން ޖައްސާލައި، އެތައް ގޮތަކުން އެތައް އުނދަގޫތަކެއް ކޮށްފައިވާ ބޭފުޅެއް. އާދެ، އެއީ ޙަޤީޤަތަކީ. އާދެ، އެބޭފުޅާ އެސް.ޓީ.އޯ އާއި، ސްޓެލްކޯއާއި، ދިރާގާ މިފަދަ އެތައް ތަނެއް ހަމަޔަކަށް އަޅުއްވާފައިވާތީވެ އަދި ޕާލަމަންޓްގައި އެކްޓިވްކޮށް އުޅުއްވާތީވެ، އަދި ބައިވަރު އެތައް ސަބަބުތަކާހުރެ އެބޭފުޅާއަކީ ކުރިއަށް އޮތް މުސްތަޤްބަލުގައި އޭރުގައި ރައީސް މައުމޫން ސަރުކާރުގައި ދެން ކުރިއަށް ހުންނެވި ބޭފުޅަކަށްވާތީވެ، ނުވަތަ ހީވާތީވެ ވަރަށްގިނަ ފިއްތުންތަން އެބޭފުޅާއަށް ކުރިމަތިކުރެއްވި. އާދެ، ހަމަގައިމުވެސް މިފަދަ ވާހަކަތައް އަޅުގަނޑާ ވަރަށް ގިނައިން ޙިއްޞާ ކުރެއްވި. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ މިރޭ މިރަށަށް އާދެވުނީތީ، ޙަޤީޤަތުގައި އެބޭފުޅާއަށް އޭރުއްސުރެ ސަރުކާރުގެ އެކި ވުޒާރާތަކުން ބައެއް ތަންތަނުން އައި ފިއްތުންތަކުގެ ތެރޭގައި، އެހުރިހާ އަދަބެއް ލިބުނީ ހަމަ ނ. އަތޮޅަށޭ، އަޅުގަނޑު ދަންނަވާނީ. އާދެ، އެކަން ހިތުގެ އަޑީގައި، ވަރަށް ހިތްދަތިކަމާ އެކީގައި ރައީސް ޔާމީން އަބަދުވެސް، ރައީސް ޔާމީންގެ ހިތުގެ އަޑީގައި އެކަން އޮވޭ.
 
އެހެންވީމާ، އަޅުގަނޑުމެންގެ މި ސަރުކާރު، 2013 ގައި ހޮވުމަށްފަހު، އަދި އެސް.އީ.ޒެޑް ބިލްފަދަ ވަރުގަދަ ބިލްތައް އަޅުގަނޑުމެން ކުރިއަށް ނެރެގެން މަސައްކަތް ކުރަމުންދިޔައިރު، އަޅުގަނޑާ ހަމަ ރައީސް ޔާމީން ސީދާ އެއްދުވަހު އަޅުގަނޑު ކައިރީގައި ދެންނެވި، މިހާރު ވެލިދޫގައި އެ ހުންނެވި ޒުވާން މެންބަރާ ވާހަކަ ދައްކަބަލާށޭ، ހަމަގައިމުވެސް އެބޭފުޅާއަށް އެނގޭނޭ މިހާރު ހުރި ދަތިތަކާއި، ހުރި ކަންތައްތައް. އަދި އަޅުގަނޑު ކައިރީގައި ދެންނެވި، 2009 ގައި މިތަނަށް ގެނެއްސަ އޮންނާނޭ އޭ.ޓީ.އެމް. އެއީވެސް އޭރުގައި، އިލެކްޝަނަށްޓަކައި. އަދި މިކަހަލަ ބަނދަރު ކަންތަކާއި އަދި ބައިވަރު މައްސަލަތައް ހުންނާނޭ ނުނިމި. އެގޮތުގެ މަތިން އަޅުގަނޑު މިއަދުގެ ޕާލަމަންޓް މެންބަރު ޔާމީން ރަޝީދާ ވާހަކަ ދެއްކިން. ހަމަ އެބޭފުޅާގެވެސް ވާހަކަތައް ހުރީ އެގޮތަށް. ހަމަ ވަރަށް ބައިވަރު ކަންތައްތަކެއް އެބަހުރި ވެލިދޫ ދާއިރާއަށް ކޮށްދޭންޖެހޭ. އަދި ވެލިދޫ، މި ރަށަށް ކޮށްދޭންޖެހޭ. އެހެންކަމުން، އަޅުގަނޑު ވަރަށް މަސައްކަތް ކުރިން އެބޭފުޅާއަށް ވިސްނައިދޭން، ހަމަގައިމުވެސް އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި އިޚްލާޞްތެރިކަމާ އެކީގައި މަސައްކަތްކުރާ ބަޔަކާ އެކީގައޭ. ޔާމީން ރަޝީދު މި 5 އަހަރު މަގުމަތީގައި ދެކޮޅަށް ދުވެ، ހަޅޭއްލަވައި، ކުލަ ޕަކެޓްޖަހައި، ކަޅުތެޔޮ ޖަހައި، މިހެން އުޅެންވީތޯއޭ؟ ނުވަތަ އަޅުގަނޑުމެންގެ ސަރުކާރާ ގުޅިގެން، ސަރުކާރުގައި އެކި ވުޒާރާތަކުގައި ލޮބީކޮށްގެން މި މަސައްކަތް ކުރާނީތޯއޭ؟ އަޅުގަނޑަށް ހަމަގައިމުވެސް  މި މެންޑޭޓް މިއޮތީ ރައީސް ޔާމީން ދެއްވާފައޭ.
 
އާދެ، ވަރަށްވެސް އުފާވެރި، ޔާމީން ރަޝީދު އެކަން ގަބޫލުކޮށް، އަޅުގަނޑުމެންނާ ގުޅި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިވަނީ މަސައްކަތް ފަށައިގެންފައި. އާދެ، ޔޫތު ސެންޓަރު މިހާރު އެވަނީ ހުޅުވިފައި. ފުޓްސަލް ދަނޑުވެސް އެއޮތީ ވަގުތީގޮތުން ހުޅުވިފައި. ތިޔަބޭފުޅުން ބޭނުންކުރައްވަމުން އެދަނީ. ހަމަ އެގޮތުގެ މަތިން އަޅުގަނޑުމެން ބަނދަރުގެ މަސައްކަތްވެސް، ކުޑަކުޑަ ޑިލޭއެއް މި އައިސްގެން މި ދިޔައީ، ތިޔަ ރައްޔިތުން ބޭނުންފުޅުވާ ގޮތަށް މިހާރު އެއޮތީ އެ ޑިޒައިން ބަދަލުކުރެވިފައި. އެ ޑިޒައިން ބަދަލުކޮށް، ނ. ވެލިދޫގެ ބަނދަރު ވެގެންދާނީ، މިފަހުގެ ތާރީޚުގައި ހެދޭ އެންމެ ވަރުގަދަ އެއް ބަނދަރަށްވެފައި އަދި މުޅި ދިވެހިރާއްޖޭގައިވެސް ހެދޭ އެންމެ ފުން ބަނދަރަށް. އާދެ، ވެލިދުއަށް މިފަދަ އިންފްރާސްޓްރަކްޗަރ މުހިންމުވަނީކީ ހަމައެކަނި މިރަށުގައި ވަރަށްގިނަ ޚާއްޞަ އެހެން ބައިވަރު ކަންތައްތަކެއްވެސް ހުރުމާ އެކީގައި. ޒަމާނުއްސުރެ މިރަށަކީ ވިޔަފާރި ރަށެއް. އެތައް ސަފާރީއެއް ބަނދެ، އެތައް ބައިވަރު އިތުރު ޞިނާޢީ މަސައްކަތްތަކެއް ކުރާ ރަށަކަށްވީތީ. އާދެ، އަޅުގަނޑަށް ނ. އަތޮޅު ސިފަކުރެވޭނަމަ، މަނަދުއަކީ ވެރިކަންކުރާ ރަށް ކަމުގައިވިޔަސް، ފައިނޭންޝަލް ސެންޓަރަކީ އަޅުގަނޑު ދެކޭގޮތުގައި މިއަތޮޅުގެ ވެލިދޫ. އާދެ، އެކަން ރައީސް ޔާމީން ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ. އެބޭފުޅާއަށް އޭރުގައި ފިއްތުންތަކާހެދި ނުކުރެވި ހުރި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މިއަދުގެ ޢިއްޒަތްތެރި މެންބަރު ޔާމީން ރަޝީދުގެ މި ދައުރުގައި، ރައީސް ޔާމީން ފުރިހަމަކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް ދެއްވި.
 
އާދެ، ބަނދަރުގެ މަސައްކަތްވެސް، އަދި ހަމައެހެންމެ ފެނާއި ނަރުދަމާގެ ޑިޒައިން މަސައްކަތްތައްވެސް، ހުރިހާ މަސައްކަތްތައް އެހެރީ ނިމިފައި. އެނގޭނޭފަދައިން، މި ދެ ޕްރޮޖެކްޓް މިވަނީ އަޅުގަނޑުމެން އިކޮނޮމިކް ކައުންސިލުން ރައީސް ޔާމީންގެ ނިންމުމުގެ ދަށުން ހައުސިންގ މިނިސްޓްރީގެ ތެރެއިން އަދި އެންވަޔަރަންމަންޓް މިނިސްޓްރީއާ އެކީގައި އަޅުގަނޑުމެން މިވަނީ އޭ.ޑީ.ބީ.ގެ ލޯނު އެޕްލައިކޮށްފައި. އެ ލޯނު އެއޮތީ އެޕްރޫވް ވެފައި. މާނައަކީ އެއަށް ބޭނުންވަނީ ހަމައެކަނި ޕްރޮޖެކްޓްތައް. އެ ޕްރޮޖެކްޓްތަކުގެ ތެރޭގައި އަޅުގަނޑުމެން މިހިމެނީ ވެލިދޫގެ ހަމަ އެންމެ ބޮޑު ދެ ޕްރޮޖެކްޓް. އެހެންވީމާ، އެ ދެ ޕްރޮޖެކްޓަކީ ހިނގާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ދެ ޕްރޮޖެކްޓް. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު އެ ޕްރޮޖެކްޓްތައް ފެށި، ތިޔަބޭފުޅުންނާ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ 2018 ބައްދަލުކުރާނީ، މިރަށުގެ މިހުރިހާ ކަމެއް ފުރިހަމަވެގެން. އަދި އޭގެއިތުރުންވެސް އަޅުގަނޑަށް ފާހަގަވޭ، އަދި އަޅުގަނޑުމެންގެ މެންބަރުވެސް ފާހަގަކުރޭ، މިރަށަކީ ވަރަށް ބޮޑަށް އިޤްތިޞާދީ އަދި އަޅުގަނޑު މިދެންނެވިހެން ނ. އަތޮޅުގެ ފައިނޭންޝަލް ސެންޓަރު ކަމަށްވީއިރުގައި، މިރަށުގައި ބޭންކް ބްރާންޗެއްވެސް މުހިންމުވޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑު ހުޅުވޭ ފުރަތަމަ ހަފްތާގައި ބީ.އެމް.އެލް. އާ އިރާދަކުރެއްވިއްޔާ ވާހަކަ ދައްކާނަން. އިރާދަކުރެއްވިއްޔާ، ކޮންމެވެސްވަރެއްގެ ހަމަގައިމުވެސް އަޅުގަނޑު ދެކޭގޮތުގައި ބޭންކްގެ ބްރާންޗެއް މިރަށުގައި ބޭނުންވާކަމަކީ ހަމަގައިމުވެސް އަޅުގަނޑު ޔަޤީންކުރާ ކަމެއް. އެހެންވީމާ، އެކަމާވެސް އަޅުގަނޑު މަސައްކަތް ކޮށްދޭނަން. ހަމަގައިމުވެސް މިރަށަކީ އިރާދަކުރެއްވިއްޔާ، ސަރުކާރުން އަޅުގަނޑު މިވާ ވަޢުދުތައް ފުއްދައިދޭނަން.
 
އާދެ، އެނގޭނޭ ފަދައިން، އަޅުގަނޑުމެންގެ ޕީ.ޕީ.އެމް އަސުރުމާ ގޮފިން މިރަށުގައި ވަރަށް ބާރަށް މަސައްކަތްތައް އެބަ ކުރިއަށްގެންދޭ. މިކަމަށްޓަކައި އަޅުގަނޑުގެ ހިތުގެ އަޑިން ޝުކުރު ދަންނަވަން. އަދި މިރޭ ޚާލިދު އަޅުގަނޑުމެންނަށް އެ ހަދައިދިން ޖަގަހައަކީ، އަޅުގަނޑު ދެކޭގޮތުގައި 2018 ގައި ރައީސް ޔާމީން ހޮވުމަށްޓަކައި ބޭނުންކުރެވޭނެ ވަރަށް މުހިންމު ވަސީލަތެއް. މިފަދަ މަސައްކަތްތަކުން އަޅުގަނޑުމެންނަށް ދައްކައިދެނީ، ތިޔަބޭފުޅުންނަށް މި ސަރުކާރު، އަދި ދޮޅުއަހަރު، ދެ އަހަރުވެސް ނުވާ ސަރުކާރު، އަޅުގަނޑުމެން ކޮށްދެމުންގެންދާ މަސައްކަތްތައް ބަލައިގަންނަކަން.
 
އާދެ، ހަމަގައިމުވެސް އަޅުގަނޑުމެންގެ ވަޢުދު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރުން ފުއްދާނަން. ތިޔަބޭފުޅުންގެ ކައިރިން އެންމެ ކަމަކަށް އަޅުގަނޑުމެން އެދޭނީ. އަޅުގަނޑުގެ ހަމަ އެންމެ އެދުމެއް އޮތީ. އެއީ ތިޔަބޭފުޅުންވެސް ޕީ.ޕީ.އެމް.ގެ ބޭފުޅުންނާ އެކީގައި މަސައްކަތް ގިނަގުނަ މަސައްކަތް ކުރައްވައި، އަޅުގަނޑުމެންގެ ޕާޓީ ފުޅާކޮށްދެއްވައި، މިރަށުގައި 2018 ގައި ރައީސް ޔާމީން އެއްބުރުން ހޮވުމަށްޓަކައި ތިޔަބޭފުޅުންގެ ފުރިހަމަ މަސައްކަތްތައް އަޅުގަނޑުމެންނަށް ލިބޭނެކަމާމެދު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޔަޤީންކުރަން. އަދި ހަމައެހެންމެ، ރައީސް ޔާމީން 2018 ގައި ހޮވުމަށްފަހު، 2019 ގައި ޔާމީން ރަޝީދުވެސް އަނެއްކާ ޕާލަމަންޓަށް އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން ހޮވައިދޭނެ ކަމަށް އަޅުގަނޑު ފުރިހަމަ ޔަޤީންކުރަން. އާދެ، ވަރަށް މުހިންމު ކަމެއް، އަޅުގަނޑުމެންގެ ސިޔާސީ މާޙައުލުގައި މަސައްކަތްކުރާ ބޭފުޅުންނަށް ޖާގަދިނުމަކީ. އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދޭ ބޭފުޅުންނަށް ޖާގަ ދިނުމަކީ ހަމަގައިމުވެސް އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑު ރައީސް ޔާމީނަށް ދެންނެވިން، ބްރިޖް އަޅުގަނޑުމެންނަށް އިރާދަކުރެވިއްޔާ ނިންމޭނޭ. އަދި އިރާދަކުރެއްވިއްޔާ އެއަރޕޯޓްގެ ރަންވޭއާއި، އާ ޓަރމިނަލްވެސް އެޅޭނޭ. އެހެން ނަމަވެސް، އަނެއްކާވެސް މަނިކުފާނު ވަޑައިނުގަންނަވައިފިއްޔާ، ދެން އަންނަ ބަޔަކު ބްރިޖާއި އެއަރޕޯޓްވެސް، އަނެއްކާ ނޭނގެ ކޮންބަޔަކަށްކަން ދޭނީ. އެހެންވެ އަޅުގަނޑުމެން ބޭނުންވޭ ހަރުދަނާ ސިޔާސަތުތަކެއް އެކި ދައުރުތަކަށް ދެމިގެންދާން. އެހެންވެ ހަމަގައިމުވެސް ރައީސް ޔާމީން އަރިހުގައި މިއަންނަ ދައުރަށްވެސް ކުރިމަތިލައްވަން އެދުނު ފުރަތަމަ އެދުނު އެކަކަށްވާނެ ހަމަގައިމުވެސް އަޅުގަނޑު. އެހެންވެ އެ މަގުން އަޅުގަނޑުމެން ކުރިއަށްދާނީ. ރައީސް ޔާމީނަށްވެސް އަދި ޔާމީން ރަޝީދުވެސް ތިޔަ ކުރައްވާ މަސައްކަތް އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލައިގަންނަން. އެހެންވީމާ އަޅުގަނޑު ދެކޭގޮތުގައި ހަމަ އެބޭފުޅާއަށްވެސް ރައީސް ޔާމީންހެން ދެ ދައުރު ޙައްޤު. އެހެންވީމާ، ތިޔަބޭފުޅުން އަޅުގަނޑުމެން މިކުރާ ވަޢުދުތައް ފުއްދުމާއެކީގައި، ތިޔަބޭފުޅުންގެވެސް ވަޢުދު ފުއްދާނެކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން.
 
އާދެ، އަޅުގަނޑު އެދެނީ ވެލިދުއަށް އަބަދުވެސް ތަރައްޤީ. ވެލިދުއަކީ މަސައްކަތްތެރި ބައެއް. އިރާދަކުރެއްވިއްޔާ ތަރައްޤީގެ ވަރަށް އުސްމިންތަކަކަށް މި ނ. އަތޮޅު ދާއިރުގައި، ހަމަގައިމުވެސް އޭގެ އެންމެބޮޑު އެއް ޙިއްޞާދާރަކަށްވާނެ ވެލިދޫ. އާދެ، ތަރައްޤީއާ އެކީގައި އަންނާނެ، އެކިކަހަލަ ކަންތައްތައްވެސް. އެހެން ނަމަވެސް، އެ ކަންތައްތަކަކީ އަޅުގަނޑުމެންނަށް ޙައްލުކުރެވިގެންދާނެ ކަމެއް. އަޅުގަނޑުމެންނަކީ ހަމަގައިމުވެސް ބިރުފަހަނައަޅައި ތަރައްޤީ ހޯދާނެ ބައެއް. އަޅުގަނޑުމެންނަކީ އަބަދުވެސް ވަކި ބަޔަކު ބުނާތީ ނުވަތަ ވަކިބަޔަކު ވަކިގޮތަކަށް ގޮވާތީ، މިއަދު ދިވެހި ރައްޔިތުންނެއް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަޑަކުން ތިބޭކަށް ނެތް. ދިވެހި ރައްޔިތުން ބޭނުންވަނީ ޕަރފޯމް ކުރާ ސަރުކާރެއް، މަސައްކަތްކުރާ ސަރުކާރެއް، ހުސް އަނގަތަޅާ ސަރުކާރެއް ނޫން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ނަތީޖާ ނެރެ ދައްކާނަން.
 
والســّلام عليــكم ورحـمــة اللّـه وبـركاتـه
 
     ___________________________