بســم اللّـه الرّحمـن الرّحيــم
    
އާދެ، އެމް.ސީ.އެމް.ގެ ޗެއަރމަން ޙާމިދު އިސްމާޢީލް، އަދި ވެލިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޔާމީން ރަޝީދު، އަދި އަތޮޅު ކައުންސިލްގެ މެންބަރުން، ސިވިލްއޭވިއޭޝަންގެ ވެރިން، އަދި ވަޑައިގެން ތިއްބެވި ހުރިހާ ދިވެހި ލޮބުވެތި އަދި ޚާއްޞަކޮށް، މާފަރުގެ ރައްޔިތުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، މިއަދަކީ ވަރަށްގިނަ ދުވަހެއްގެ، ތިޔަބޭފުޅުންގެ އިންތިޒާރީގެ އިރާދަކުރެއްވިއްޔާ އަޅުގަނޑު ހަމަ ދަންނަވާލާނީ ނިމުމޭ. ޚާއްޞަކޮށް، އަޅުގަނޑު ހަނދާން އެބަހުރި، އަޅުގަނޑު ޓުއަރިޒަމް މިނިސްޓަރަކަށް ހުއްޓާ، ޚާއްޞަކޮށް، މާފަރުގެ އަދި ނ. އަތޮޅުގެ ވަރަށްގިނަ ރަށްރަށުގެ ބޭފުޅުން ވަޑައިގެން، އޭރު މިތާ އެއަރޕޯޓް އެވޯޑްކޮށްފައި އޮތް ފަރާތުން ގާތްގަނޑަކަށް 8 އަހަރުވެފައި، އެއްވެސް މަސައްކަތެއް ނުކުރެވި އޮތީތީވެ، އެތައް މައްސަލައެއް ޖައްސައި އަދި ހަމަ ވަރަށް ރަނގަޅަށް އޭރު އޮތް ސަރުކާރަށް ޕްރޮމިސްކޮށްދީގެން، އަޅުގަނޑުމެންވެސް ތިޔަބޭފުޅުންނާއެކީ ކުރެވުނު މަސައްކަތުގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނާއެކު މި އެގްރީމަންޓް ކެންސަލްކޮށް ބާޠިލު ކުރެވުނު. އަދި ހަމައެހެންމެ، ތިޔަބޭފުޅުންގެ އަޅުގަނޑު ދަންނަވާނީ މަސައްކަތާއި ހިތްވަރުންނޭ، އެ އަލުން އިޢުލާނުކޮށް، އަޅުގަނޑުމެން 1200 މީޓަރުގެ އެއަރޕޯޓަކަށް އެމް.ސީ.އެމް.އާ ޙަވާލުކުރީ.
 
އެހެން ނަމަވެސް، އެނގޭނެ ފަދައިން، ނ. އަތޮޅު ކުރިއަށް އޮތް ތަނުގައި އިރާދަކުރެއްވިއްޔާ ވާނީ، ޓުއަރިޒަމްގެ އެންމެ ވަރުގަދަ އެއް ޒޯނަށް. މިހާރުވެސް ތިޔަބޭފުޅުން ބައްލަވައިފިއްޔާ ފެނިވަޑައިގަންނަވާނެ. އާދެ، އަޅުގަނޑު ޓުއަރިޒަމްގައި ހުރިއިރުވެސް، ނ.އަތޮޅުގައި ބައެއް ރަށްރަށް ހުރީ ދެވިފައި. އެހެން ނަމަވެސް، ނެހެދޭ ރަށްތައް އަޅުގަނޑުމެން ވާނީ ކެންސަލްކޮށްފައި، ހެދޭވަރު ބޭފުޅުންނާ ޙަވާލުކޮށްފައި. އިރާދަކުރެއްވިއްޔާ މިއަހަރު ނުވަތަ މިއަންނަ އަހަރު ނިމޭއިރުގައި، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، ވަރަށްގިނަ ރަށްތަކެއް ހުޅުވާތަން އާދެ، ނިންމާތަން. މިހާރުވެސް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އާދެ، މަސައްކަތް ފަށާ ރަށްރަށްވެސް.
 
ނ. އަތޮޅަކީ އަރިއަތޮޅާއި، ބ. އަތޮޅަށްފަހު، މިހާރުވެސް ދުނިޔޭގެ އެންމެ އަގުބޮޑު ދެ ރިޒޯޓެއް އޮތް އަދި ދުނިޔޭގެ އެންމެ ގިނަ މުއްސަނދިން އަންނަ ދެ ރިޒޯޓު އޮތް އަތޮޅުކަންވެސް އަޅުގަނޑު ފާހަގަކުރަން. އެހެންވީމާ، މި އަތޮޅު ވެގެންދާނީ، ކުރިއަށް އޮތް ތަނުގައި ވަރަށްގިނަ ރިޒޯޓްތަކެއް ހުޅުވި، ވަރަށްގިނަ ވަޒީފާތަކެއް ހުޅުވޭނެ އަތޮޅަކަށް. އާދެ، އެމް.ސީ.އެމް.ގެ ޗެއަރމަނާއި އެބޭފުޅުން މާކެޓް ސަރވޭ ހަދާފައި، އެބޭފުޅުން ވިދާޅުވީ، މިތާނގައި 1200 މީޓަރުގެ އެއަރޕޯޓެއް ނޫނީ 1800 މީޓަރުގެ އެއަރޕޯޓެކޭ ކަމުދަނީ. ސަބަބަކީ މިތާނގައި ޕްރައިވެޓް ޖެޓްވެސް ޖެއްސޭގޮތަށް ފަރުމާކުރުމުން، މިތާ ކައިރިއަށް ބައިވަރު ރިޒޯޓްތަކަށް އަންނަ ޖެޓްތައް މާލެއަށް ޖެއްސުމުގެ ބަދަލުގައި ސީދާ މި އަތޮޅަށް ޖެއްސިގެންދާނެ.
 
އެހެންވެ ކުޑަދުވަސްކޮޅެއް ނެގީ، ސަރުކާރުން އެބޭފުޅުން ކުރަހައިގެން އެތައް މަސައްކަތެއްކޮށް، އީ.އައި.އޭ. އިން ނިންމީމަ، އަޅުގަނޑުމެން މިހާރުވާނީ އެކަންވެސް ފުރިހަމަކޮށްދީފައި. އަދި އަޅުގަނޑު ވަރަށް ޚާއްޞަކޮށް، މާފަރު ކައުންސިލަށްވެސް ޝުކުރު އަދާކުރަން. އެބޭފުޅުން އެ ބިމުގެ ކަންތައްވެސް ވަރަށް އަވަހަށް ހަމަޖައްސައިދިނީތީ. އަދި ސިވިލްއޭވިއޭޝަނުންވެސް އެމް.ސީ.އެމް.އާ، އެހުރިހާ ބޭފުޅުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް މި ފެންނަނީ.
 
އާދެ، ކޮންމެ މަސައްކަތަކީވެސް އޭގައި އެތައްބުރަ ކަންތައްތަކެއް ހިމެނޭ ކަމެއް. އެހެންވެ އަޅުގަނޑު ދެކޭގޮތުގައި، އެންމެ ބުރަ މަރްޙަލާތައް މިހާރު ކަޑައްތު ކުރެވުނީ. ހަމަގައިމުވެސް އަޅުގަނޑު މާފަރު ރައްޔިތުންނަށް ދޭން ބޭނުންވާ ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ ސަރުކާރުން އެމް.ސީ.އެމް ކުންފުންޏަށް ޕްރެޝަރ ކޮށްގެންވިޔަސް، އިރާދަކުރެއްވިއްޔާ މި އެއަރޕޯޓް ވީހާވެސް އަވަހަކަށް ނިންމާނަމޭ.
 
އާދެ، ނ. އަތޮޅުގެ މި އެއަރޕޯޓުން ވަރަށް ގިނަގުނަ ތަރައްޤީތަކެއް ކުރިއަރައިގެން ދާނެ. ހަމަގައިމުވެސް އަޅުގަނޑުމެން މި ބަލަނީ ޑޮމެސްޓިކް އެއަރޕޯޓްތަކަކީ ހަމައެކަނި ދިވެހި ރައްޔިތުން އެކަންޏެއް ނޫން، ފަތުރުވެރިންނާ އެކީގައި ދިވެހި ރައްޔިތުންނަށް ދަތުރުފަތުރު ކުރެވޭނޭ މިއަދު ނިޒާމަކަށް އަޅުގަނޑުމެންގެ އެއަރޕޯޓްތައް މިވަނީ. އާދެ، މިއަދުގެ ދަތުރުފަތުރުގައި އަޅުގަނޑުމެންގެ ނިޒާމަކީ، ވައިގެ މަގުން މުޅި ދިވެހިރާއްޖެ ގުޅުވައިލުން. އާދެ، އެނގޭނެ ކަނޑުދަތުރުފަތުރު ކުރުމުގައި ހުރި ދަތިކަން. އެހެން ނަމަވެސް، މިއަދު ބ. އަތޮޅު އަދި އިހަކަށްދުވަހު ފެށި ރ. އަތޮޅުވިޔަސް، އައްޑުއަތޮޅު ވިޔަސް، މިތަންތަން ވައިގެ މަގުން މިއޮތީ ގުޅިފައި. އަދި ހަމަ ހަމަ ގިނަ ބޭފުޅުން މިހާރު ވައިގެ މަގުން ދަތުރުކުރައްވަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ފަތުރުވެރިންނާ އެކީގައި، ފަތުރުވެރިކަން ކުރިއެރުވުމާ އެކީގައި، އެބޭފުޅުންނަށް އަދި އަގުބޮޑުކޮށް ޓިކެޓް ވިއްކިޔަސް، ދިވެހިންނަށް ހަމަ ރަނގަޅު އަގެއްގައި ވިކިގެން، ދިވެހިންނަށް ދަތުރުފަތުރު ކުރުމުގެ މަގު އަދި ޚާއްޞަކޮށް، ރާއްޖޭގެ އެކިކަންކޮޅުތަކަށް ތިޔަބޭފުޅުން ދަތުރުކުރައްވާ ވައިގެ މަގު އިރާދަކުރެއްވިއްޔާ ގުޅުވައިލެވޭނެ ކަމުގެ ޔަޤީންކަންވެސް ތިޔަބޭފުޅުންނަށް އަރުވަން.
 
އާދެ، އަޅުގަނޑު ހަމަ ވަރަށް ޚާއްޞަ ޝުކުރެއް، އެމް.ސީ.އެމް.ގެ ޗެއަރމަނަށާއި އަދި އެބޭފުޅާގެ ޓީމަށް އަރުވަން. އެއީ ވަރަށްބުރަ މަސައްކަތްތަކެއް ކުރެވިގެން މިދަނީ. އަޅުގަނޑުމެންނަށް އެ މަސައްކަތްތައް މިއަދު އެބަ ފެނޭ. އަދި މިއަދު އަޅުގަނޑުމެން ހަމަ މި ޢީދުގައިވެސް ފާހަގަކޮށްލަން، މާފަރުގެ ކައުންސިލްވެސް ހަމަ ވަރަށްބޮޑު އެއްބާރުލުމަކާއި އަދި އަތޮޅު ކައުންސިލުންވެސް ވަރަށްބޮޑު އެއްބާރުލުމެއް ދެމުންދާކަން އަޅުގަނޑު ފާހަގަކޮށްލަން. އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ އަޚު، އަތޮޅުގެ ނައިބު ރައީސް ފާހަގަކޮށްލަން، އަޅުގަނޑުމެންނާއެކީ ފުޓްބޯޅަ ކުޅެ އުޅުއްވި ބޭފުޅެއް. އެބޭފުޅާ ނ. އަތޮޅަށްޓަކައިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ. އަދި ހަމައެހެންމެ، މިއަތޮޅުގެ ހުރިހާ މެންބަރުންވެސް އަދި ޚާއްޞަކޮށް، ޔާމީން ރަޝީދުވެސް އަދި މި ދާއިރާގެ މެންބަރުވެސް އަދި ހުރިހާ މެންބަރުންވެސް ވަރަށް ބޮޑަށް މިއަތޮޅުގެ ތަރައްޤީއަށް މަސައްކަތްކުރާކަން އަޅުގަނޑު ފާހަގަކުރަން. އިރާދަކުރެއްވިއްޔާ، ނ.އަތޮޅަކީ ހަމަގައިމުވެސް މި 5 އަހަރު ނިމޭއިރު، ވަރަށްބޮޑު ތަރައްޤީއެއް ލިބިގެންދާނެ އަތޮޅެއްކަން އަޅުގަނޑު ފާހަގަކޮށްލަން. އަދި ޔަޤީންކަންވެސް އަރުވަން.
 
އާދެ، އެއަރޕޯޓް އެކަންޏެއް ނޫން. އަޅުގަނޑުމެން އެއަރޕޯޓާ އެކީގައި ހަމަ އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، މިހާރުވެސް ފުޓްސަލް ދަނޑުތައް، ވެލިދޫގަޔާއި އަދި ހޮޅުދޫގައި އެވަނީ ނިމިފައި ހުޅުވިފައި. އަޅުގަނޑުމެންގެ ރައީސް ޔާމީންގެ ވަރަށްބޮޑު އަމާޒެއް، ނ. އަތޮޅު ހުރިހާ ރަށެއް ކަހަލަ ގޮތަކަށް ފުޓްސަލް ދަނޑުތައް އަޅައި ނިންމުން. އެއީ އެނގޭނޭ ފަދައިން، ސްޕޯޓްސް އެރީނާގެ ދަށުން އަޅުގަނޑުމެންގެ ވަރަށްބޮޑު ވަޢުދެއް. އެ ވަޢުދުތަކަކީ ހިނގާނެ ވަޢުދެއް. އެހެންވީމާ، ތިޔަބޭފުޅުންނަށް ހަމަ ހުރިހާ ޒުވާނުންނަށްވެސް އެ ފުޓްސަލް ދަނޑުތަކާއި، ސްޕޯޓްސް އެރީނާތަކުގެ ފުރިހަމަ ޔަޤީންކަން މިއަދުވެސް އަރުވަން.
 
އެހެންވީމާ، މަޑުޖެހިފައި ހުރި ކަންތައްތައްވެސް އަޅުގަނޑުމެން މިހެން އަންނަ ދަތުރުތަކުގައި ވަރަށް ބޮޑަށް ފާހަގަކޮށްދޭ ކައުންސިލްގެ މެންބަރުންވެސް. އެހެންވީމާ، އެކަންތައްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑު ފޮލޯއަޕް ކުރާނަން. އިރާދަކުރެއްވިއްޔާ ނ. އަތޮޅަކީ ހަމަ އަޅުގަނޑުމެންނަށް ފާހަގަކޮށްލެވޭ އަތޮޅެއް. އާބާދީ ބޮޑު، މަސައްކަތްތެރި، ހީވާގި އަދި ވަރަށް ރީތި ރަށްތަކެއް އެކުލެވިގެންވާ، ވަރަށް ކުރިއަރާފައިވާ އަޅުގަނޑު ދެކޭގޮތުގައި އަދި މިއަށްވުރެވެސް ސަރުކާރުން ކޮށްދޭންޖެހޭ އިންފްރާސްޓްރަކްޗަރ އިރާދަކުރެއްވިއްޔާ މި 5 އަހަރު ތެރޭގައި ނިންމައި، ރައީސް ޔާމީން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ވަރަށްފަހުން ވަނީ ރައީސް ޔާމީންގެ 2018 ލޯންޗް ކުރައްވާފައި. އިރާދަކުރެއްވިއްޔާ ރައީސް ޔާމީންގެ 2018ގެ ޔަޤީންކަން އަޅުގަނޑުމެން ހޯދާނީ، އިރާދަކުރެއްވިއްޔާ މިކަހަލަ އެއަރޕޯޓްތަކާއި އަދި ޒުވާނުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗަރއާއި، ކުޅިވަރު ދަނޑުތަކާ، މިހުރިހާ ކަމެއް ފުރިހަމަކޮށްދީގެން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަންޒިލަކީ، 2018 ގައި ރައީސް ޔާމީން އެއްބުރުން ހޮވުން.
 
والســّلام عليــكم ورحـمــة اللّـه وبـركاتـه