بســم اللّـه الرّحمـن الرّحيــم
    
އާދެ، މި ދާއިރާއަށް ނިސްބަތްވާ އަދި މި ސަރަޙައްދުގައިވެސް އަދި ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ހުރި އެންމެ ޒުވާން ޢިއްޒަތްތެރި މެންބަރު ޔާމީން ރަޝީދު، އަދި ޒުވާން ކައުންސިލްގެ ރައީސް، އަދި ފެނަކާގެ އިސްވެރިން، ވަޑައިގެން ތިއްބެވި ހުރިހާ ދިވެހި ލޮބުވެތި ޅޮހީގެ ރައްޔިތުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، ނ. އަތޮޅަށް އަޅުގަނޑު ދަތުރެއް ކުރަން ވަނީ ވަރަށް ކުރިއްސުރެ ނިންމާފައި. އާދެ، ސަބަބަކީ ސިޔާސީގޮތުން އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، ހަމަގައިމުވެސް އަޅުގަނޑުމެންގެ ޕާޓީއަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް، މި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޕީ.ޕީ.އެމް.އަށް ސޮއިކުރުމަކީ. އާދެ، އެބޭފުޅާގެ ވަރަށްބޮޑު އެދުމެއް، ނ. އަތޮޅަށް އަޅުގަނޑު ދަތުރެއް ކުރުން. އަދި އެ ދަތުރުގައި އެންމެ ފުރަތަމަ ރަށެއް ގޮތުގައި ޅޮހި ހިމަނައިދިނުމަކީވެސް އެބޭފުޅާގެ ވަރަށްބޮޑު އެދުމެއް.
 
އާދެ، އަޅުގަނޑު ޅޮއްސަށް އައުމުގެ ކުރިން، އަޅުގަނޑުވެސް ޅޮއްސާމެދު ކުޑަކޮށް ބަލައިލިން. އާދެ، ޅޮހީ ރައްޔިތުންނަކީ، މިއަތޮޅުގެ އާބާދީތަކާ ބަލާއިރު ކުޑަނަމަވެސް، ވަރަށް ބައިވަރު މަސައްކަތްތެރިން އަދި އަމިއްލަ ވިޔަފާރިކުރާ އަދި ގިނަ ޢަދަދެއްގެ ކަންނެލި އޮޑިތަކާއި އަދި އަމިއްލަ ލޯންޗްފަހަރު ގެންގުޅޭ، ވަރަށް މުރާލި ހީވާގި އަދި ވަރަށް ބަދަހި އަދި ވަރަށް ސާބިތުކަމާއެކީ މަސައްކަތްކުރާ ގިނަ ރައްޔިތުންތަކެއް ތިބި ރަށެއްކަން އަޅުގަނޑަށް ފާހަގަވި.
 
އާދެ، ބައެއް އަތޮޅުތަކަށް އަޅުގަނޑު ކުރާ ދަތުރުތަކުގައި އަދި ބައެއްފަހަރު ޤައުމުގެ ބަޖެޓް ހަދާއިރުގައިވެސް ބައެއްފަހަރު އަޅުގަނޑުމެން އަހަން، ބައެއް ކުދި އާބާދީތަކުގައި ބައެއް ރަށްރަށުގައި ބަނދަރު ކީއްވެތޯއޭ މި ހަދަނީ. ބައެއް ރަށްރަށުގައި ޙަޤީޤަތުގައި އެ ރަށްރަށުގައި އެހާބޮޑު ބަނދަރެއްގެ ބޭނުމެއްނުޖެހޭ ސަބަބަކީ، އެ ރަށްރަށުގައި އެހާ ބައިވަރު އޮޑިތަކެއް ނުހުރޭ. ނުވަތަ އެހާ ބޮޑެތި ބޭނުންތަކެއް ނުހުރޭ. އެހެން ނަމަވެސް، މި ރަށުގެ އޮޑިފަހަރަށާއި، މި ރަށުގެ މަސައްކަތްތަކަށާއި، އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިހާރުވެސް، ކުރިއަށް އޮތް ތާނގައިވެސް ނިމެން ބައިވަރު އޮޑިތައް ހުރުމާއެކީގައި، ބާލަންޖެހޭ އޮޑިތައް ހުރުމާއެކީގައި، ހަމަ ޔަޤީނުންވެސް މި ރަށަކީ މިއަށްވުރެ ބޮޑު ބަނދަރެއް ބޭނުންވާ ރަށެއްކަން ހަމަ ޔަޤީނުންވެސް އަޅުގަނޑަށް ޔަޤީންވެއްޖެ. އާދެ، އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑު މިފަހަރު ހަމަ ސަރުކާރުގެ އެންމެ މައްޗާ ހިސާބަށް މިކަން ގެންދާނެކަން އަޅުގަނޑު ތިޔަބޭފުޅުންނަށް ފުރިހަމަ ޔަޤީންކަންދެން. އަދި ފަޅު ފުންކުރުމާއި އަދި ހަމައެހެންމެ، ގިނަ ޒުވާނުންތަކެއް އުޅޭ ރަށަކަށްވެފައި، މިރަށުގެ ސްޕޯޓްސް އެރީނާވެސް މިހާރު ކުރެހިފައިވާތީވެ، އޭގައިވެސް ފުޓްސަލް ދަނޑާއި އަދިވެސް އެހެން ކަންތައްތައް އަޅުގަނޑު ހަމަ ފޮލޯއަޕްކޮށްދޭނެ ވާހަކަ، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވަން.
 
އާދެ، އަޅުގަނޑުމެން ސިޔާސީ މަސައްކަތްތަކުގައި މަސައްކަތް ކުރަމުންދާއިރުގައި، އަޅުގަނޑު ހަމަ ގޮވާލަނީ، ހުރިހާ ބޭފުޅުންނަށްވެސް، ހުރިހާ ޕާޓީތަކަކަށްވެސް، އަޅުގަނޑުމެންނާ އެކީގައި ގުޅިގެން ހިނގާށޭ ކުރިއަށްދާން. އާދެ، ކައުންސިލްގެ ރައީސް އެ ވިދާޅުވިހެން، އައިސްކްރީމް ބޯލައި، ސެންޓު ޖަހައި، އަރާމުގައި ތިބެވޭނީ، ހަމަގައިމުވެސް ރައްޔިތުންނަށް އެހާ އަރާމުގައި ތިބެވޭނީ، ރެޔާދުވާލު މަސައްކަތްކުރާ ސަރުކާރެއް އޮވެގެނޭ. އާދެ، ސަރުކާރަށް އަންނަ ބަޔަކު މި އަންނަނީ ކީއްކުރަންކަން އޮޅި، ރެޔާދުވާލު ސަރުކާރުގައި ތިބޭ މީހުން މަޖާކޮށް، ސަކަރާތްޖަހައި، އަބަދު ސެންޓު ޖަހައިގެން، ޓައީ އަޅައިގެން، ކޯޓުލައިގެން ތަންތަނަށް ހިނގިޔަކަސް، އަދި އެއިން ރައްޔިތުންނަށް ކުރާނެ އެއްވެސް އުފަލެއް އަދި ފައިދާއެއް ނޯންނާނެ.
 
އެހެންވެ ހަމަގައިމުވެސް މިއަދުގެ ރައީސް، ރައީސް ޔާމީނަކީ ވަރަށް ބައިވަރު ބުރަ މަސައްކަތްތަކެއް ކުރައްވާ އަދި މިއަދުވެސް، މިއަހަރުވެސް ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވަޑައިގެން، އަދި މިވީހާތަނަށްވެސް، އަޅުގަނޑުމެންގެ ދޮޅުއަހަރު މިވީ ގާތްގަނޑަކަށް ސަރުކާރުގެ، ސަޢޫދީ ޢަރަބިއްޔާއިންވެސް ހަމައެކަނި އެތައް ބައިވަރު ކުރިއެރުންތަކެއް، ދިވެހި ރައްޔިތުންނާ ހިސާބަށް މިވަނީ އެބޭފުޅާ ގެނެސްދެއްވާފައި. އެންމެ ކުޑަމިނުން ޙައްޖަށްދާ ކޯޓާއަށް ބަލައިލިޔަސް، އެއީކީ އެހެން ޤައުމުތަކަކަށް ލިބޭނެ އެއްޗިއްސެއް ނޫން. އެ ޤައުމަކަށް ލިބޭ ކޯޓާ، ޑަބަލްވެގެން ދިޔުން. އާދެ، ކުރިން 1000 ކޯޓާ އޮވެފައި، މިހާރު 2200 އަށް މިވަނީ ބަދަލުވެފައި. އެއީވެސް ހަމަ ސީދާ ރައީސް ޔާމީން އެބޭފުޅުންނާ ވާހަކަ ދައްކަވައިގެން ގެންނެވި ކަންތައްތައް. މިގޮތަށް ކިޔާނެ ކަމެއްނެތް، އެތައް ބައިވަރު ކަންތައްތަކެއް މިދަނީ ފުރިހަމަވަމުން.
 
އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ފެންނަނީ ވަރަށް އުޖާލާ މުސްތަޤްބަލެއް މި ޤައުމަށް ރައީސް ޔާމީން ގެންނަވާ ތަން. އެހެންވެ އަޅުގަނޑުމެން ޒުވާނުންނަށް ފުރްޞަތު ދޭން ކެރެނީ. ޒުވާނުންނާ އެކީގައި މަސައްކަތް ކުރަން ކެރޭ. އަދި ހަމައެހެންމެ، އަޅުގަނޑުމެންނަކީ އިސް ރަށްވެހިންނާ އެކީގައި، އެބޭފުޅުންގެވެސް އިރުޝާދުތަކާއި، އެބޭފުޅުންގެވެސް ހުރި ފިކުރުތަކާއި، އަދި އެބޭފުޅުންގެ ތަޖުރިބާގެ އަލީގައި އަޅުގަނޑުމެންވެސް އިރާދަކުރެއްވިއްޔާ ޒަމާނީ ގޮތްތަކާ އެކީގައި ކުރިއަށް ދާން އޮތް އަޅުގަނޑުމެންގެ ސަރުކާރެއް މިއަދު މިއޮތީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދާނީ ކުރިއަށް. އަދި މީގެކުރިން އަޅުގަނޑުގެ ވާހަކައިގެ ކުރިން، އަޅުގަނޑާމެދު މި ޖަލްސާ ހުށަހަޅައިދޭ ފަރާތާއި އަދި ހަމައެހެންމެ، ކައުންސިލްގެ ރައީސާއި، ފެނަކާގެ މެނޭޖަރާއި އަދި ހަމައެހެންމެ އަޅުގަނޑުމެންގެ ޢިއްޒަތްތެރި މެންބަރު ދެއްކެވި ވާހަކައަށް އަޅުގަނޑުގެ ހިތުގެ އަޑިން ޝުކުރު އަދާކުރަން. ހަމަގައިމުވެސް އަޅުގަނޑު މަސައްކަތް ކުރަނީ، ދިވެހި ހުރިހާ ޒުވާނުންނަށްޓަކައި. އަދި ހަމައެހެންމެ، ދިވެހި އިސް ރަށްވެހިންނާއި، ކުޑަކުދިންނާއި، ހުރިހާ ރައްޔިތުންނަށްޓަކައި، ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މި ޤައުމު އާ މަންޒިލަކަށް ގެންދެވޭނެ. ހަމަގައިމުވެސް ޅޮހީގެ ރައްޔިތުން ތިޔަދައްކަވައިދެއްވީ، ތިޔަބޭފުޅުންނަކީ ސަރުކާރަށް، ކޮންމެހެން ސަރުކާރަކަށް ބުރައެއްނުވެ، އަމިއްލަ މަސައްކަތްތަކެއް ކުރަމުންދާ ބައެއްކަން.
 
އާދެ، ސަރުކާރަކުން ޤާއިމުކޮށްދެވޭނީ އިންފްރާސްޓްރަކްޗަރ. އެހެންވެ އަޅުގަނޑުމެންގެ އެއަރޕޯޓްވެސް ބޮޑުކުރަމުން މިދަނީ. އެހެންވެ އަޅުގަނޑުމެން ބްރިޖްވެސް އަޅަމުން މިދަނީ. ސަރުކާރުން އެ އިންފްރާސްޓްރަކްޗަރ ޤާއިމުކުރީމަ، ބާކީބައި ދެން އޮންނާނީ، ވިޔަފާރިވެރިންނާއި މަސައްކަތްތެރިންނާ، އެބޭފުޅުން އޭގެ ބޭނުން ހިފައިގެން، އެބޭފުޅުންގެ މަސައްކަތް ކުރިއަށް ގެންދާނީ. އާދެ، ބްރިޖްވެސް، އެއަރޕޯޓްވެސް އަދި ހަމައެގޮތަށް މިރަށުގެ ބަނދަރުވެސް،އެވެސް ސަރުކާރުން ޤާއިމުކޮށްދޭނީ އިންފްރާސްޓްރަކްޗަރ. އެ އިންފްރާސްޓްރަކްޗަރތައް ޤާއިމުކޮށްދިނީމަ، ރައްޔިތުންގެ ކަމެއް، އޭގެ ބޭނުން ހިފައިގެން ކުރިއަށް ދިޔުން. މިރަށަކީ އޭގެ މިސާލެއް.
 
އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑު އެދެނީ ޅޮހީގެ ރައްޔިތުންނަށް އަބަދުވެސް ފާގަތި މުސްތަޤްބަލެއް. ވަރަށް އުފާވެއްޖެ، އަޅުގަނޑަށް މިރަށަށް އާދެވުނީތީ. ޙަޔާތުގައިވެސް އަދި އަލަށް އަޅުގަނޑަށް މި ރަށަށް މި އާދެވުނީ. އިރާދަކުރެއްވިއްޔާ، އަދިވެސް ކުރިއަށް އޮތް ތާނގައި މިރަށަށް އަންނާނަން. ވަރަށް އުފާވެއްޖެ.
 
والســّلام عليــكم ورحـمــة اللّـه وبـركاتـه