بســم اللّـه الرّحمـن الرّحيــم
    
އާދެ، ވަޑައިގެން ތިއްބެވި ހުރިހާ ޢިއްޒަތްތެރިން، ހުރިހާ ކިޔަވާ ކުދިން، ހުރިހާ ފުޓްބޯޅަ ކުޅުންތެރިން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، ވެޓެރަންސުން އިސްނަގައިގެން ބާއްވާ މި މުބާރާތަކީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށްވެސް ކާމިޔާބު މުބާރާތެއް. އާދެ، ފުޓްބޯޅައަށް ހިތްޖެއްސުމަށްޓަކައި އަޅުގަނޑުމެން ފަށްޓަންޖެހޭނީ އެންމެ ކުޑައިރު. އަޅުގަނޑު ދެކޭގޮތުގައި، މި ޖޫނިއަރ ފުޓްބޯޅަ ލީގަކީ ވަރަށް ރަނގަޅު ފެށުމެއް. އަދި ވަރަށް ކާމިޔާބު މުބާރާތެއް. އަދި މިކަމުގައި މިބޭފުޅުންގެ މެއިން ސްޕޮންސަރ މައިލޯއަށްވެސް، އަދި ހަމައެހެންމެ ލިލީއަށްވެސް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާލަން.
 
ކޮބާ، ހުރިހާ ކުދިން ތައްޔާރުތަ؟ ކޮބާ، ކޮންބައެއް ޗެމްޕިއަނަކަށްވާނީ؟ އާނ ހުރިހާ ޓީމެއްވެސް މޮޅުވާނެދޯ. ވަރަށް ރަނގަޅު. އާނ، ތިޔަކުދިން ކިޔެވުމާއެކީގައި ވަރަށް ބޮޑަށް ފުޓްބޯޅަވެސް ކުޅެންޖެހޭނެ. އެހެންވީމާ، ވަރަށް އުފާވޭ، ވަރަށް މޮޅު ހުރިހާ ޓީމެއްވެސް މިތަނުން ފެންނާތީ ވަރަށް އުފާވޭ. އެހެންވީމާ، ފުޓްބޯޅަ ކުޅޭހިތްވާ ހުރިހާ ކުދިން އަތްމައްޗަށް ނަގާބަލަ! އާނ، ވަރަށްވެސް ރަނގަޅު. އާނ، ތިޔަކުދިންނާ އެކީގައި އަޅުގަނޑަށް ހީވަނީ ބެލެނިވެރިންވެސް ވަރަށްބޮޑު ރޯލެއް އަދާކުރޭހެން. އަޅުގަނޑަށް ހީވަނީ ކުޑަކުދިންނެކޭ އެއްގޮތަށް، މިހާރު އެކުދިންގެ މުބާރާތް ކުރިއަށްދާއިރުގައި، ބެލެނިވެރިންގެ މުބާރާތެއްވެސް އެކުއެކީގައި ބާއްވަންޖެހޭ ހިސާބަށް އެބަދޭހެން. އެއީ އަޅުގަނޑަށް ފެނޭ ވަރަށް ސަޕޯޓް ކުރާތަން. އަޅުގަނޑަކަށް ނުފެނޭ، މިއަށްވުރެ ވަރުގަދަ މުބާރާތެއް، ސަޕޯޓަރުންގެ ފޯރިގަދަ.
 
އެހެންވީމާ، އަޅުގަނޑު އެދެނީ މިފަދަ ގިނަގުނަ މުބާރާތް ބޭއްވުމަށް. އަދި ޚާއްޞަކޮށް، ފުޓްބޯޅައަށް ތިޔަ ހުރިހާ ބޭފުޅުންވެސް ތިޔަ ދެއްވާ އަހަންމިއްޔަތަށް ވަރަށް ޝުކުރު އަދާކުރަން. ހަމަގައިމުވެސް އަޅުގަނޑުމެންގެ ޤައުމީ ކުޅިވަރަކީ ފުޓްބޯޅަ. އެހެންވެ، ފުޓްބޯޅައަށް އާކުދިން އުފެއްދުމަށްޓަކައި އަޅުގަނޑަށް ހީވަނީ މިހިސާބުން ކަންނޭނގެ އަޅުގަނޑުމެންނަށް ފެށްޓެނީ. އެހެންވެ، ވެޓެރަންސަށާއި އަދި ލިލީ، މައިލޯ، ބައިވެރިވާ ހުރިހާ ސްކޫލްތައް އަދި އަޅުގަނޑުމެންގެ އެޑިޔުކޭޝަން މިނިސްޓަރަށާއި، އަދި ހަމައެހެންމެ، ހުރިހާ ބެލެނިވެރިންނަށް ވަރަށް ޚާއްޞަ ޝުކުރެއް، ސަރުކާރުގެ ނަމުގައި އަޅުގަނޑު ދަންނަވަން.
 
އަޅުގަނޑުގެ ވާހަކަ ކުރުކޮށްލާނީ، ތިޔަ ހުރިހާ ކުދިންވެސް ވީހާވެސް އަވަހަށް މުބާރާތް ފަށްޓައި، ހުރިހާ ކުދިންވެސް މޮޅުވާނެ ކަމަށް އުންމީދު ކުރަމުން. 
 
والســّلام عليــكم ورحـمــة اللّـه وبـركاتـه