بســم اللّـه الرّحمـن الرّحيــم
    
ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން، އަދި ޗައިނާ މޮފްކޮމްގެ ވައިސް މިނިސްޓަރ، ދިވެހިރާއްޖެއަށް ޗައިނާ ސަރުކާރުގެ ފަރާތުން ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ، އަދި މަޖިލީހުގެ ރައީސް، ޖުޑީޝަރީގެ ރައީސް، ވަޑައިގެން ތިއްބެވި ޢިއްޒަތްތެރި މިނިސްޓަރުން، ޢިއްޒަތްތެރި މެންބަރުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
 އާދެ، ހަމަގައިމުވެސް މިރޭ އަޅުގަނޑުމެންނަށް މި ފެނިގެން ދިޔައީ، އާދައިގެ ކުރެހުމެއް ނޫން. ހަމަގައިމުވެސް މިއީކީ ޚިޔާލީ ވާހަކައެއް ނޫން ނުވަތަ ޚިޔާލީ ވީޑިއޯއެއްވެސް ނޫން. އާދެ، މިއަދު މި ފެނިގެން މި ދިޔައީ، އެތައް ބުރަ މަސައްކަތްތަކަކާއެކު، އާދެ، ރައީސް ޔާމީންގެ އެންމެބޮޑު އެއް ވަޢުދު ކަމުގައިވާ އަޅުގަނޑުމެންގެ މާލެ-ހުޅުމާލެ ބްރިޖްގެ ފައިނަލް ޑިޒައިން.
 
އާދެ، މި ފައިނަލް ޑިޒައިންގައި މި ހިމެނޭ ވީޑިއޯގެ މި އެނިމޭޝަން، ސީދާ ސްކޭލަށް ޑިޒައިން ކުރައްވާފައި އެވަނީ. އަޅުގަނޑުމެންނަށް އެ ފެނިގެންދާ ބުޑުތަކާއި އަދި ހުރިހާ ޑިޒައިނެއް އެއީ މިހާރު ފައިނަލްވެފައިވާ ޑިޒައިންތައް. އެހެންވީމާ، މާތްރަސްކަލާނގެ އިރާދަފުޅުން، އަޅުގަނޑުމެންނަށް ފަހަތުން މި ފެންނަ ބްރިޖް، އިރާދަކުރެއްވިއްޔާ މިއަހަރު، އޭގެ ޢަމަލީ މަސައްކަތް ފެށި، އިރާދަކުރެއްވިއްޔާ އިސާހިތަކު އަޅުގަނޑުމެންނަށް މި ބްރިޖް ފުރިހަމަވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމުގެ އުފާވެރި ޚަބަރު، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނާ ޙިއްޞާކޮށްލަން.
 
އާދެ، އަޅުގަނޑު މިރޭ ހަމަ ބޭނުންވަނީ، ފަހަތަށް ޖެހިލާފައި، މި ބްރިޖާމެދު ކުޑަކޮށް ވާހަކަ ދައްކާލަން. އާދެ، މި ބްރިޖަކީ ވަރަށްގިނަ ބޭބޭފުޅުން އަޅަން ވަރަށްގިނަ ވާހަކަ ދައްކަވާފައިވާ ބްރިޖެއް. ބައެއް ބޭފުޅުން، އެ ބްރިޖް އަޅަން ވިދާޅުވީތީ، އަނެއްބައި ބޭފުޅުން އެކަމާ ރުޅިއައިސް، އެއީ އެއްގޮތަކަށްވެސް ވާނެ ކަމެއް ނޫނޭ ކިޔައި ވާހަކަ ދައްކާފައި، އެހެން ނަމަވެސް ވެރިކަން ލިބުމާއެކީ، އޭގެ އިންޖިނިއަރިންގ ލިބިއްޖެޔޭ، އެކަން ވާނޭ ކިޔާ ބަހައްޓާފައި، އެބޭފުޅާ އިސްތިޢުފާ ދިންއިރުވެސް އެއްވެސް ކަމެއް ނުވެ އޮތް މަސައްކަތެއް. އޭރު ދެކެވުނީ ހަމައެކަނި ޚިޔާލީ ވާހަކައެއް.
 
މި ބްރިޖަކީ ވަރަށް ތަފާތު ބްރިޖެއް. އާދެ، އަޅުގަނޑު ޚުދު ރައީސް ޔާމީން އަރިހުގައި ދެންނެވިން، އެބޭފުޅާ ބްރިޖްގެ ވާހަކަ ދެއްކެވީމާ، [ކިހިނެއްތޯއޭ މި ބްރިޖް އަޅުގަނޑުމެންނަށް މިސާލަކަށް، ޗައިނާ ސަރުކާރަށް ކިހިނެއްތޯއޭ، އަޅުގަނޑުމެން މީގެ ފީޒިބިލިޓީ ކިޔައިދޭނީ؟] އަޅުގަނޑު ހަމަ އެޑްވައިޒަކަށް ރައީސް ޔާމީން އަރިހު ދެންނެވިން. އާދެ، ރައީސް ޔާމީން އަޅުގަނޑު ގާތުގައި ވިދާޅުވީ، މި ބްރިޖަކީ ހަމައެކަނި މީހުން ޓްރާންސްޕޯޓް ކުރަން އޮތް ބްރިޖެއް ނޫނޭ. އާދެ، ދިވެހިރާއްޖޭގެ ޚާއްޞަކޮށް، އަތޮޅުތެރޭގެ ރައްޔިތުންނާއި، މާލޭގެ އެތައް ރައްޔިތުންނެއް ތޮއްޖެހިފައިވާ މި މާލެއާއި އަދި ދިވެހިރާއްޖެއަށް މިއަދު ދިމާވެފައިވާ އެންމެބޮޑު އެއްގޮންޖެހުމެއް ކަމުގައިވާ ބޯހިޔާވަހިކަމާ، މިހުރިހާ ކަމެއްގެ ޙައްލަކީވެސް، ރައީސް ޔާމީން ވިދާޅުވީ އެ ބްރިޖް ކަމަށް. އަދި ޑީޓެއިލް ކޮށްދެއްވި. އަޅުގަނޑުމެންގެ މާލޭގައި މިހާރު ކަރަންޓްދޭ ސްޓެލްކޯ މިވަނީ ފުރިފައި އިންޖީނުތަކުން. ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، ފެން އުފައްދާ އެމް.ޑަބްލިޔޫ.އެސް.ސީ އެވަނީ ފުރިފައި. އަޅުގަނޑުމެންނަށް އެ ތަންތަން ބޮޑުކުރެވޭކަށް ނެތް. އެހެން ނަމަވެސް، މިތަންތާނގެ އާބާދީވެސް މިދަނީ ތޮއްޖެހެމުން. ކޮބައިތޯ ޙައްލަކީ؟
 
އާދެ، މި ބްރިޖަކީ، މި ބްރިޖުން އެއަރޕޯޓާއި، މާލެއާއި، ހުޅުމާލެ ފޭސް 1 އާއި، ރައީސް ޔާމީންގެ ޔޫތު ސިޓީ ގުޅާލަދޭ ބްރިޖެއް. އާދެ، އަޅުގަނޑާ އެ ވާހަކަ ދެއްކެވިއިރު، ރައީސް ޔާމީން ވިދާޅުވި، މި ތިން ސަހަރުގެ، އާދެ، މާލެއާއި، ޔޫތުސިޓީއާއި، ހުޅުމާލެ ފޭސް 1 އާއި އަދި އެއަރޕޯޓްގެވެސް ކަރަންޓާއި ފެނާ އެއްކޮށް ގުޅުވާލެވޭ މި ބްރިޖްގެ ތެރެއިން. އާދެ، މިއަދު އަޅުގަނޑުމެންނަށް މި ބްރިޖް ފެންނައިރުގައި، މި ބްރިޖް އެވަނީ ފެނާއި އަދި ކަރަންޓް ހޮޅިތައްވެސް ގެންދެވޭގޮތަށް. އެހެންވެ އަޅުގަނޑު ދެކޭގޮތުގައި، މިއީ ދުރުވިސްނުމަކީ. އަދި ޗައިނާގެ ރައީސް މާލެ ވަޑައިގެންނެވިއިރުގައި، އެބޭފުޅާގެ އަރިހުގައި ހުންނަ މިނިސްޓަރ އިން އެޓެންޑެންސަކަށް ރައީސް ޔާމީން އަޅުގަނޑު ހަމަޖެއްސެވި. އަދި އަޅުގަނޑަށް ކިޔައިދެއްވި. [ވިދާޅުވާށޭ، ހުސްގަޑިއެއް ލިބުނަސް ބްރިޖްގެ ވާހަކަ.] އާދެ، ރައީސް ޔާމީން އެހެން އެއްވެސް ކަމަކަށް އެދިވަޑައެއްނުގަންނަވާ. އަބަދުވެސް ބްރިޖްގެ ވާހަކަ.
 
އާދެ، ކީއްވެތޯ ބްރިޖް މުހިންމު މިވަނީ؟ ރައީސް ޔާމީން އޭރުވެސް ވިދާޅުވީ، ބްރިޖްގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ޔޫތު ސިޓީ ހިއްކައި، ސަރުކާރުގެ ކޮމިޓްމަންޓް ނުވަތަ ސަރުކާރުގެ އިންވެސްޓްމަންޓް ނިންމާނަމޭ. އެހެންވެ އެގޮތުގެ މަތިން، އަޅުގަނޑަށް ލިބުނު ހުސް ވަގުތުތަކުގައިވެސް އަދި މާލެއަށް އެބޭފުޅާ ޒިޔާރަތް ކުރެއްވިއިރުގައިވެސް، އެބޭފުޅާވެސް އެއްސެވި އަޅުގަނޑު ގާތުގައި، މި ބްރިޖް އަންނާނީ ކޮންދިމާއަކުންތޯ؟ އަޅުގަނޑަށް ނަޞީބު ކަންދިމާކުރި ގޮތުން އެވަގުތު ދައްކާލެވުނު ހަމަ، ބްރިޖް ދާނެ ދިމާލާއި އަދި ހުޅުމާލޭގެ ފޭސް 2 ހިކޭނެ ދިމާ. އަދި އެއީ ޔޫތު ސިޓީ ކަމަށް. އާދެ، އަޅުގަނޑު ހަމަ ވަރަށް އުފާވި، ރައީސް ޔާމީން ފުރަތަމަފަހަރަށް ޗައިނާއަށް ވަޑައިގެން، އާދެ، އޭރުގައިވެސް ދެއްކެވީ ހަމަ ބްރިޖްގެ ވާހަކަ. އެއަށްފަހު 30 ދުވަސް ފަހުން ޗައިނާގެ ރައީސް ވަޑައިގެން، ރައީސް ޔާމީނާ ދެއްކެވި ވާހަކަފުޅުގައި، ރައީސް ޔާމީން، ޔޫތު ސިޓީގެ މުހިންމުކަމާއި އަދި މި ބްރިޖަކީ، މި ޤައުމުގައި އޮތް އިޖްތިމާޢީ އެންމެ ބޮޑު ގޮންޖެހުންތަކަށް މިވަގުތު ހޯދޭނެ އެންމެބޮޑު ޙައްލު ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި.
 
އާދެ، މިއީ ހަމައެކަނި އިޤްތިޞާދީ ޕްރޮޖެކްޓެއް ނޫން. ދެންމެ މި ވީޑިއޯ ޕްރެޒެންޓޭޝަން ނިމިގެން، ޗައިނާ އެއިޑްގެ ވާހަކަ އެ އައީ. އާދެ، ޗައިނާ އެއިޑަކީ މިކަހަލަ އަޅުގަނޑުމެންގެ ޤައުމީ ކުރިއެރުންތަކަށް، ނުވަތަ ޤައުމުގެ، މުޅި ޤައުމުގެ ތަރައްޤީއަށް، ޕްރޮޖެކްޓްތަކަށް ބޭނުންކުރާ ފައިސާ. އާދެ، ރައީސް ޔާމީން އެދުވަހު އެހެން ވިދާޅުވުމުން، އެދުވަހު ޗައިނާގެ ރައީސް ވިދާޅުވީ، އާދެ، ދިވެހިރާއްޖޭގައި ބްރިޖް އަޅަންޖެހެޔޭ. އަދި އެ ބްރިޖަށް ކިޔާ ނަމަކީ، [ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް]އޭ ވެސް އެބޭފުޅާ ވިދާޅުވި. އާދެ، މިއީ އަޅުގަނޑު ދެކޭގޮތުގައި، ދުރުވިސްނޭ ބޭފުޅުން ކަންތައް ކުރައްވާ ގޮތަކީ. އާދެ، ބޭނުންވަނީކީ ބައިވަރު ވާހަކަތަކެއް ދައްކާކަށް ނޫން. ނުވަތަ ބައިވަރު ފޮޓޯ ކުރެހުންތަކެއް ދައްކާކަށް ނޫން. އެހެން ނަމަވެސް، ޢަމަލީ މަސައްކަތް ފަށަން.
 
އާދެ، އެނގިވަޑައިގަންނަވާނެ ފަދައިން، މި ކުރެވުނު ސަރވޭތަކަކީވެސް އާދައިގެ ސަރވޭތަކެއް ނޫން. ކަނޑުގައި އެތައް މީޓަރު އަޑިއަށް ބޯހޯލް ކޮނެގެން، ދިވެހިރާއްޖޭގައި މި ކަނޑުގައި ފުރަތަމަފަހަރަށް މިކަހަލަ ސްޓަޑީއެއް މި ކުރެވުނީ. މި ސްޓަޑީގެ ފައިންޑިންގްވެސް އަޅުގަނޑު ދެކޭގޮތުގައި، ދުނިޔޭގެ އެކިކަންކޮޅުތަކުގައި، ޔުނިވަރސިޓީތަކުގައި ބޭނުންކުރެވޭނެ ފެންވަރުގެ އެކިކަހަލަ ނަތީޖާތައް ފެނުނު. އާދެ، މިތަން، ބޯހޯލް ސްޓަޑީތައް ހެދިއިރުގައި، އަޑީގައި އެއަރ ޕޮކެޓްސްއާއި، އަދި ތަފާތު ގޮންޖެހުންތައް ހުރި. އެހެން ނަމަވެސް، އެބޭފުޅުންގެ އިންޖިނިއަރުންގެ މަސައްކަތުން މިއަދު އެވަނީ ފުރިހަމަ ބްރިޖެއްގެ ޑިޒައިން ފުރިހަމަކޮށް ނިންމައި އަދި އަޅުގަނޑުމެންނާއި އެބޭފުޅުންނާ އެމް.އޯ.ޔޫ.ގައި ސޮއިކޮށް، ޗައިނާގެ ކޮންޓްރެކްޓެއް ހޯދުމަށް މިހާރު އެވަނީ ހުޅުވާލާފައި. އެބޭފުޅުން ޝޯޓްލިސްޓް ކޮށްފައި، މާތްރަސްކަލާނގެ އިރާދަފުޅުން ވަރަށް އަވަހަށް މީގެ އެގްރީމަންޓްގައި ސޮއިކުރެވި، އިރާދަކުރެއްވިއްޔާ ޢަމަލީ މަސައްކަތް ފެށޭނެ.
 
އަޅުގަނޑުމެން ދިވެހިރާއްޖެއިން، ސަރުކާރުން ދޭންޖެހޭ ހުރިހާ ސަޕޯޓެއް އިރާދަކުރެއްވިއްޔާ މިދަނީ ދެމުން. އަޅުގަނޑު ފާހަގަކޮށްލަން، ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ވަރަށް ބުރަ މަސައްކަތެއް މީގައި އިކޮނޮމިކް ކައުންސިލްގެ މިނިސްޓަރުން ވަނީ ކުރައްވާފައި. އާދެ، އިކޮނޮމިކް ކައުންސިލާ ހަވާލުކުރުމުން، ހައުސިންގ މިނިސްޓްރީން، އަދި ޚާއްޞަކޮށް، ހައުސިންގ މިނިސްޓަރ މުޢިއްޒު، ލީޑް ކުރައްވައިގެން، އެބޭފުޅުންގެ ޓީމުން މިވަނީ ވަރަށް ފުރިހަމަ މަސައްކަތެއް ކުރައްވާފައި. އެހެންވީމާ، މިހުރިހާ ބޭފުޅުންނަށްވެސް ހިތުގެ އަޑިން އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑު ގަބޫލުކުރާގޮތުގައި، ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރަކީ، ދިވެހިރާއްޖޭގެ ޤައުމީ މިފަދަ ޕްރޮޖެކްޓްތަކުގައި، ވަރަށް ބޮޑަށް ދިވެހިރާއްޖެއަށް ވަކާލާތުކޮށްދެއްވާ ބޭފުޅެއް. އެހެންވީމާ، އެބޭފުޅާއަށްވެސް އަޅުގަނޑުގެ ހިތުގެ އަޑިން ވަރަށް ޝުކުރު ދަންނަވަން. އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރުގެ ޚާރިޖީ ސިޔާސަތުތަކާއި އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ފިނޭންސް މިނިސްޓަރުގެ ބުރަ މަސައްކަތްތައްވެސް އަޅުގަނޑު ހަމަ ފާހަގަކޮށްލަން.
 
އާދެ، މާތްރަސްކަލާނގެ އިރާދަފުޅުން މި ބްރިޖް ވުޖޫދަށް އަންނާނެ. އާދެ، އެދުވަހުން އަޅުގަނޑުމެން ކާރުތަކުގަޔާއި، ސައިކަލްތަކުގަޔާއި އަދި ހައުސިންގ މިނިސްޓަރ އެބަ ވިދާޅުވޭ، ވަރަށް ސައިޑެއްގައި ޖޮގިންގ ލޭނެއްވެސް އޮންނާނެޔޭ. އެހެން ނަމަވެސް އަޅުގަނޑަށް ހަމަޔަޤީނުންވެސް ވެހިކަލް ދުއްވާނެ ދެ ލައިން އެބައޮވޭ. ސައިކަލް ދުއްވާނެ ލޭން އެބައޮވޭ. އަދި ހަމައެހެންމެ، ބައިސްކަލް ދުއްވައި ޖޮގިންގވެސް ކުރެވޭނެ. އެހެންވެ، މިއީކީ އާދައިގެ ބްރިޖެއް ނޫން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިދަނީ ޢަމަލީގޮތުން މި މަސައްކަތް ދައްކަމުން.
 
 އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ހިނގާށޭ ޢަމަލީ މަސައްކަތް ކުރަން. އަޅުގަނޑުމެން ހިނގާށޭ، ރައީސް ޔާމީން، ގޮތަކަށް ކަމެއް ނިންމެވީމަ، އަޅުގަނޑުމެންގެ ސަރުކާރުން އެކަމަށް ސަޕޯޓްކޮށްގެން ކުރިއަށްދާން. އާދެ، އަޅުގަނޑުމެން ލީޑަރެއް ހޮވަނީ، އެބޭފުޅާއަށް 5 އަހަރުގެ މުއްދަތުދީ، އެބޭފުޅާއާ އެކީގައި ކުރިއަށްދާން. އެއީ ޑިމޮކްރަސީއަކީ. ޑިމޮކްރަސީއަކީ 5 އަހަރު ދީފައި، ދޮޅުއަހަރު ނުވެ، މަގުމައްޗަށް ނުކުމެ އެކި ކޮޅުކޮޅަށް ދުވުމެއް ނޫން. އެކަމުން ނުކުންނާނެ އެއްވެސް ނަތީޖާއެއް ނޯންނާނެ. އާދެ، މިއަދު އަޅުގަނޑުމެންނަށް އެބަ ފެނޭ، ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ރައީސް ޔާމީން އަޅުއްވައިދެއްވި ބިންގާތައް. އާދެ، އިރާދަކުރެއްވިއްޔާ، މީގެ ޢަމަލީ މަސައްކަތް ފަށާ ދުވަހަކީވެސް އަޅުގަނޑު ދެކޭގޮތުގައި، ހަމަ މިގޮތަށް އަޅުގަނޑުމެން ތިބެ ފާހަގަކުރާނެ ދުވަހެއް. އަދި މާތްރަސްކަލާނގެ އިރާދަފުޅުން މި ބްރިޖް ހުޅުވާ ދުވަހަކީވެސް.
 
 އާދެ، މި ބްރިޖް ހުޅުވާއިރުވެސް އަޅުގަނޑަށް ފާހަގަކޮށްލެވޭ، ދެންމެ ޑިޒައިންގައި އެ ފެނުނުގޮތަށް، އަޅުގަނޑުމެންނަށް މިވަނީ ރައީސް ޔާމީން ޗޫޒް ކުރައްވާފައި، ވަރަށް އިސްލާމިކް މޮނިއުމަންޓެއް. އެ ބްރިޖަށް އަރާއިރުވެސް އެ ފެންނަނީ. އެހެންވެ މިހުރިހާ ކަމެއްގެ ތެރެއިން އަޅުގަނޑުމެންނަށް މި ލިބޭ އުފާވެރިކަން ޙާޞިލުކުރުމަށްޓަކައި އަޅުގަނޑު ދެކޭގޮތުގައި، ދިވެހިރާއްޖެއަށް މިއޮތް އިޖްތިމާޢީ ގޮންޖެހުން ނައްތާލުމަށްޓަކައި އަޅުގަނޑުމެން އިގްތިޞާދީ ގޮތުން މިކުރަމުންދާ މަސައްކަތް އަޅުގަނޑުމެން އެބަޖެހޭ ވިސްނާލަން. އާދެ، ވަރަށްގިނަ ބޭފުޅުން ވިދާޅުވޭ، އަޅުގަނޑުމެން އިޖްތިމާޢީ ކަންތައްތަކަށްވުރެ އިޤްތިޞާދީ ގޮތުންނޭ އަޅުގަނޑުމެން އިސްކަންދެނީ. އަޅުގަނޑު ދަންނަވާނީ، ފުރަތަމަ އިޤްތިޞާދު ރަނގަޅުވެގެން ދޮއެއްތޯއޭ، އެހެން ހުރިހާ ކަމެއްވެސް ހަމަޖެއްސޭނީ. އަޅުގަނޑުމެންގެ އިޤްތިޞާދު ވަރަށް ބަލިކަށިވެ ނިކަމެތިވެފައި އޮއްވަ، އިރާދަކުރެއްވިއްޔާ އެ އިޤްތިޞާދު ކޮޅަށް ޖަހައިގެން، އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ، ދުނިޔޭގެ ގޮތުން ފާހަގަކޮށްލިޔަސް، ބޮޑެތި މެގަ ޕްރޮޖެކްޓްތައް ފަށްޓާއިރުގައި، އަޅުގަނޑުމެންގެ އިޤްތިޞާދު ރަނގަޅު ކޮށްގެން ނޫނީ، އާދެ، މި އިޤްތިޞާދީ ޕްރޮޖެކްޓުންވެސް އަޅުގަނޑުމެން އެންމެ ބޮޑަށް މި އަޅާލަނީ، ހަމަގައިމުވެސް އިޖްތިމާޢީ ބޮޑެތި ގޮންޖެހުންތަކޭ.
 
އާދެ، މާލޭގައި ކޮބައިތޯ، މިހިރަ ހުރިހާ ބޮޑެތި މައްސަލަތަކުގެ އެންމެބޮޑު އަސާސީ ޙަޤީޤަތަކީ ބޯހިޔާވަހިކަން. ތޮއްޖެހިފައި ހޮހޮޅަ ހޮހޮޅައިގަޔާއި، އަޅުގަނޑުމެން އެކި ތަންތާނގައި ތޮއްޖެހުން. މިއީކީ ގައިމުވެސް އަޅުގަނޑުމެން ދޮޅު އަހަރުން، އަޅުގަނޑުމެންގެ ސަރުކާރުން ކުރި ކަމެއް ނޫން. އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރުން އިރާދަކުރެއްވިއްޔާ މި ކޮންޖެޝަން ނައްތާލުމަށްޓަކައި އަދި މާލެއާއި، އެއަރޕޯޓާއި، ހުޅުމާލެ ފޭސް 1 އާއި، ޔޫތު ސިޓީއާ ގުޅުވައިލުމަށްޓަކައި މި މަސައްކަތް ކޮށް، މާތްރަސްކަލާނގެ އިރާދަފުޅުން ރައީސް ޔާމީން އެ ހިއްކެވި ޔޫތު ސިޓީގައިވެސް ފަންސަވީސްހާސް ފްލެޓް އެޅުމުގެ ޖާގަ އެ އޮތީ ހަމަގައިމުވެސް އެކަށައެޅިފައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެ ފްލެޓްތައްވެސް އަޅައި ނިންމާނެ. ހަމަގައިމުވެސް މިއަދު މިހިސާބުގަނޑުގައި، އަޅުގަނޑުމެން އިޢުލާނުކުރާ ފްލެޓްތަކަށް އިޢުލާނު ކުރީމަ، ކުރިމަތިލާ މީހުންގެ ޢަދަދަށް ބަލައިލި ކަމުގައިވާނަމަ، މިތާނގެ ހައުސިންގ ނީޑަކީ، މި ސަރަޙައްދުގައި ސާދަހާސް. އެހެން ނަމަވެސް، ރައީސް ޔާމީން އެވަނީ އެކަންވެސް ވަރަށް ކުރިއަށް ޕްލޭން ކުރައްވާފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ ބޯހިޔާވަހިކަމާ، މިހުރިހާ ކަމެއް ފުރިހަމަކޮށް، އިޖްތިމާޢީ ގޮންޖެހުންތައް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އިޤްތިޞާދު ރަނގަޅުކޮށްގެން ނައްތާލުމުގެ ފުރިހަމަ ޔަޤީންކަން ދެމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.
 
އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އޮތީ އުފާވެރިކަން. މާތްރަސްކަލާނގެ އިރާދަފުޅުން އަޅުގަނޑުމެން ދާނީ ކުރިއަށް. އަދި އަޅުގަނޑުމެން އުފާކޮށް، ހަވާވެސް އަރުވާނަން.
 
والســّلام عليــكم ورحـمــة اللّـه وبـركاتـه