بســم اللّـه الرّحمـن الرّحيــم
    
ވަޑައިގެން ތިއްބެވި ހުރިހާ ޢިއްޒަތްތެރިން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް، އާދެ، ދިވެހިރާއްޖޭގެ ތާރީޚުގައި އަޅުގަނޑުމެން ބަލައިލަން އެބަޖެހޭ. އަޅުގަނޑުމެންގެ ޤައުމުގެ އިޤްތިޞާދުގައި ކޮންއިރަކުތޯ ވިޔަފާރިތައް އުފެދިގެން އައީ، އަދި ކުދި ވިޔަފާރިތައް އުފެދުނީ. ފަހުގެ ތާރީޚަށް އަޅުގަނޑުމެން ބަލައިލާއިރުގައި، އަޅުގަނޑުމެންނަށް ވަރަށް ފާހަގަވެގެންދޭ، އާދެ، ވޯރާ ވިޔަފާރިވެރިން ދިވެހިރާއްޖޭގައި ވިޔަފާރިކުރަމުންދިޔަ ދުވަސްވަރު. އާދެ، އެއިރަކު އެއްވެސްކަހަލަ ގޮތަކަށް ކުދި އަދި މެދުފަންތި ކީއްކުރަންތޯ، ބޮޑެތި ވިޔަފާރިތަކެއްވެސް ދިވެހިރާއްޖޭގެ ރައްޔިތުންގެ އަތްމައްޗަކު ނެތް. އާދެ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުނުއިރު، މި މިނިވަން 50 ރައްދުވާ އާދެ، އަޅުގަނޑުމެންގެ ޤައުމުގެ މިނިވަން 50ގެ ބަޠަލު އާދެ، އޭރުގެ ރައީސް، ރައީސް އިބްރާހީމް ނާޞިރު އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅުތަކެއްގެ ތެރެއިން، އާދެ، ވޯރާ ވިޔަފާރިވެރިންގެ އަތުން ދިވެހި އިޤްތިޞާދު ސަލާމަތްކޮށް، އަދި ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ފުރްޞަތު ލިބިގެންދިޔަ. އަދި އެއަށްފަހު، 70ގެ އަހަރުތަކުގައި ޓުއަރިޒަމް ފެށި ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އަންނަން ފެށި.
 
ދިވެހި ވިޔަފާރިތައް އުފެދެމުން އައިއިރުގައި، ރައީސް މައުމޫންގެ ދައުރުގައި ވަރަށް ބޮޑެތި ބަދަލުތަކެއް، އިޞްލާޙީ ބަދަލުތަކެއް، އިޤްތިޞާދީ އަޅުގަނޑު ދަންނަވާނީ، އިކޮނޮމިކް ރިފޯމްތަކެއް ގެނެވުނޭ. އާދެ، މިއަދުގެ ރައީސް، ރައީސް ޔާމީންގެ އޭރުގެ ޓްރޭޑް މިނިސްޓަރު ކަމުގެ ދަށުގައި ނުވަތަ އެބޭފުޅާ ޓްރޭޑްގައި ކުރެއްވި މަސައްކަތުގެ ތެރޭގައި، އަޅުގަނޑު ދެކޭގޮތުގައި އެންމެބޮޑު އެއް މަސައްކަތަކީ، އޭރުގައި އިމްޕޯޓް ކުރެވެނީ އިމްޕޯޓް ކޯޓާ އޮންނަ ފަރާތްތަކަށް އެކަނި. މާނައަކީ ބައެއް ފަރާތްތަކަށް އޭރުގައި އިމްޕޯޓް ކޯޓާ ދީފައި އޮންނައިރުގައި، މިސާލަކަށް، ކުޑަކުދިންނަށް ދޭ ކިރު، ވަކިފަރާތަކަށް އޮވެދާނެ ކޯޓާ. ދެން އެބޭފުޅާއަށް އެކަނި ގެނެވޭނީ އެ ކޯޓާގައި. އެގޮތަށް ގޮސް އެކި ބާވަތްތައް ހުރީ ކޯޓާ ދެވިފައި. އެހެންވީމާ، އިމްޕޯޓް ކޯޓާ ނޯންނަ ފަރާތްތަކަށް އިމްޕޯޓެއް ނުކުރެވޭނެ. އެހެންވީމާ، މިފަދަ އިމްޕޯޓް ކޯޓާ އުވާލުންވެސް އަޅުގަނޑު ދެކޭގޮތުގައި އެއީ ވަރަށްބޮޑު މައިލްސްޓޯނެއް. އޭގެފަހުން ދިވެހިރާއްޖޭގައި ވަރަށް ބައިވަރު ކުދި ވިޔަފާރިވެރިން އުފެދިގެންދިޔަ.
 
 އަދި އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ވިޔަފާރި ޖަމްޢިއްޔާގައި އަޅުގަނޑަށް ލިބުނު ތަޖުރިބާގައި، އަޅުގަނޑު ބަލައިލާއިރުގައި މިއަދު ޓުއަރިޒަމް ވިޔަފާރި ފެށްޓި ބޭފުޅުން ނޫން ހަމަ ހުރިހާ ބޭފުޅުން ކަހަލަ ގޮތަކަށް އެއީ، ދިވެހި ޓްރޭޑަރސް ކޮމިއުނިޓީ ނުވަތަ ޓްރޭޑްކޮށްގެން ކުރިއަރަމުން އައިސް މިއަދު ކޮންސްޓްރަކްޝަން އިންޑަސްޓްރީގަޔާއި، އެކި އިންޑަސްޓްރީތަކުގައި އުޅުއްވާ ބޭފުޅުން. އަޅުގަނޑަށް ފަޚްރުވެރިކަމާއެކުގައި ދަންނަވާލެވިދާނެ، ޓުއަރިޒަމްގައި މިނިސްޓަރަކަށް ހުރިއިރުވެސް އަޅުގަނޑު ވަރަށް ފަޚްރުވެރިވޭ، ދިވެހިރާއްޖޭގެ ވިޔަފާރިވެރިން މިވަނީ ދުނިޔޭގެ އެކި ތަންތަނުން އެކި ބާވަތްތައް ދިވެހިރާއްޖެއަށް އިމްޕޯޓްކޮށް އަދި މުޅި  އެ ޓްރޭޑް ސެކްޓަރ ވަނީ ދިވެހިރާއްޖޭގެ، ދިވެހިންގެ އަތްމަތީގައޭ ބުންޏަސް އެއީ ދޮގަކަށް ނުވާނެ.
 
އާދެ، ކުދި މެދު ފަންތީގެ ވިޔަފާރިތައް އުފެދިގެން އައިއިރުގައި، އަޅުގަނޑު ދެކޭގޮތުގައި ތަފާތު ޗެލެންޖްތައް، ތަފާތު މާކެޓް ޗެލެންޖްތައް އަދި ތަފާތު އެކި ޗެލެންޖްތައް ހުރޭ. އޭގެ އެންމެބޮޑު އެއް ޗެލެންޖަކީ، އަޅުގަނޑު ދެކޭގޮތުގައި ހަމަ ފައިނޭންސް. އެކްސެސް ޓު ފައިނޭންސް. އެހެންވީމާ މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި އިފްތިތާޙު ކޮށްދެވިގެންދާ ޕްރޮގްރާމްގައި، އިކޮނޮމިކް މިނިސްޓްރީން އިސްނަގައިގެން ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން އިކޮނޮމިކް މިނިސްޓަރ ސަޢީދު މިވަނީ ވަރަށް ގިނަގުނަ ކުރިއެރުންތަކެއް ހޯއްދަވާފައި. މިރޭ  މި އިފްތިތާޙުކޮށްދެވިގެންވެސް މިދިޔައީ އެކަހަލަ ވަރަށް ރަނގަޅު ސްކީމެއް.
 
އާދެ، އިސްލާމިކް ފައިނޭންސަކީ ދުނިޔޭގައި މިހާރު ވަރަށް ބާރަށް ފެތުރޭ އަދި ވަރަށް ބޮޑަށް ބަލައިގަނެވިފައިވާ ފައިނޭންސިންގ މެކޭނިޒަމެއް. މިފަހަރު އަޅުގަނޑު މޯލްޓާއަށް ކުރި ދަތުރުގައި، މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު ވިދާޅުވީ، އެބޭފުޅުން ޤާނޫނުތައް އިޞްލާޙުކުރާށޭ މިއުޅެނީ، އެބޭފުޅުން އިސްލާމިކް ފައިނޭންސް އިންޓްރޮޑިއުސް ކުރަން. އެހެންވީމާ، އިސްލާމިކް ފައިނޭންސަކީ ދުނިޔޭގެ ނިސްބަތުން ބެލިޔަސް، ވަރަށްބޮޑު މުސްތަޤްބަލެއް އޮތް އެއްޗެއް. ދިވެހިރާއްޖޭގައިވެސް އިސްލާމިކް ފައިނޭންސް ބޭނުންކޮށްގެން އަޅުގަނޑު ދެކޭގޮތުގައި، އިސްލާމިކް ފައިނޭންޝަލް ސެންޓަރަކީވެސް މިއަދުވެސް އަޅުގަނޑުމެންގެ ރައީސްގެވެސް އަދި މިއަދުގެ ގަވަރނަރގެވެސް ވަރަށްބޮޑު އުންމީދެއް. އެހެންވެ ދިވެހިރާއްޖެ އަޅުގަނޑު މިދާ މިޞްރާބަށް އަޅުގަނޑު ދެކޭގޮތުގައި، ދިވެހި ވިޔަފާރިވެރިންނަށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް އަދި ޚާއްޞަކޮށް، ޒުވާނުންނަށް އިސްކަމެއްދީގެން ވަރަށް ބައިވަރު މަސައްކަތްތަކެއް އެބަ ކުރެވޭ.
 
 އާދެ، ސަރުކާރުގެ އެކި މުއައްސަސާތަކާއި، އިކޮނޮމިކް މިނިސްޓްރީން ލީޑް ނަންގަވައިގެން މިކުރައްވާ މަސައްކަތުގައި، އަޅުގަނޑު ދެކޭގޮތުގައި ވީހާވެސް ގިނަ ކުދި ވިޔަފާރިތައް ބައިވެރިވާނެކަމީ، ހަމަ އަޅުގަނޑަށް ޔަޤީންކަމެއް. އަދި ހަމައެހެންމެ، އަޅުގަނޑު ދަންނަވާލަން އޮތީ، ވިޔަފާރިކުރަން ބައެއް ބޭފުޅުން ވަރަށްގިނަފަހަރު ބޭނުންވޭ އައިޑިއާސް. އާދެ، އިކޮނޮމިކް މިނިސްޓްރީން އިންކިއުބޭޓަރ ސިސްޓަމް ތެރޭގައިވެސް ވަރަށްގިނަ ބޭފުޅުންނަށް އައިޑިއަސްއާއި އަދި ވިޔަފާރި ކުރާނެ ގޮތްތައް ކިޔައިދޭ. އާދެ، އަޅުގަނޑުވެސް ފާހަގަކޮށްލަން ބޭނުންވޭ، ދައުލަތަށް ބަލައިފިއްޔާ، ނުވަތަ ސަރުކާރަކަށް، އަޅުގަނޑުމެންގެ ސަރުކާރަށް މިއަދު އެންމެ މުހިންމީ ދިވެހިންނަށް ވަޒީފާ އުފެއްދުން. އެހެންވީމާ، ދިވެހި ކުދި ވިޔަފާރިތައްވެސް ދިވެހިން ވަޒީފާގައި ބައިވެރިކޮށްގެން، އެބޭފުޅުންނަށް ޒުވާނުންނަށް، އަދި ޚާއްޞަކޮށް، ވަޒީފާ ނެތިފައި ތިބި ޒުވާނުންނަށް އިސްކަން ދެވެންޏާ، ހަމަގައިމުވެސް އަދި އަޅުގަނޑުމެންނަށް ތަޢާރުފް ކުރެވޭނެ، މިއަށްވުރެވެސް ފަހި ސްކީމްތަކެއް، އެ ކުދި ވިޔަފާރިތަކަށް އެހީވާން. ޙަޤީޤަތުގައި އަޅުގަނޑުމެން ކުދި ވިޔަފާރިއެއް ފަށްޓަން ކަމަށް ވިސްނައި، އާދެ، ބޭރު ޤައުމަކުން ދެތިން ދަނޑުވެރިންނާއި، ދެތިން ފަހާ މީހުންނާ ގެނެސް، އެކަން ކުރިޔަކަސް، އެއިން އަދި ދިވެހި ވަޒީފާއެއް ނުއުފެދޭ. އާދެ، އަޅުގަނޑުމެން ވިޔަފާރިއެއް ފަށްޓަން ބޭނުންކަމަށްވަންޏާ، ވަރަށް ރަނގަޅު އައިޑިއައެއް ލިބޭނެ.
 
އަޅުގަނޑުމެން ބަލައިލަން ބޭނުންތޯ، ކަސްޓަމްސްއިން ލިސްޓް ނަގައި، އިމްޕޯޓް މި ކުރަނީ ކޮން ބާވަތްތަކެއްކަން. އާދެ، އަޅުގަނޑުވެސް ބައިވެރިވެގެން ހެދި ކުޑަ ސްޓަޑީއެއްގައި، އެއީ ތަންކޮޅެއް ކުރިން، 2008 ހިސާބުގައި. އާދެ، ދިވެހި ބިލެތް. ދިވެހިރާއްޖޭގައި ބިލެތް ނުއުފައްދާނަމަ، ހަމައެކަނި މިސާލަކަށް ތޮއްޑޫގައި ބިލެތް ނުއުފައްދާނަމަ، 22 މިލިއަން ރުފިޔާ، ޑޮލަރަށް ހަދައިގެން އަޅުގަނޑުމެން ބިލެތް އިމްޕޯޓް ކުރަންޖެހޭނެ. އެހެންވެ މީގައި އިމްޕޯޓްކުރާ ކޮންމެ އެއްޗަކީވެސް އަޅުގަނޑުމެންގެ އޭގެ ޒާތުގައި އަޅުގަނޑުމެންނަށް އުފެއްދިދާނެ އެއްޗެއް، އެހެން ނޫނީ އޭގެ ބަދަލުގައި ކޮންމެވެސް އެހެން އެއްޗެއް އަޅުގަނޑުމެންނަށް ތަޢާރުފް ކުރެވިދާނެ ނުވަތަ އިމްޕޯޓް ސަބްސްޓިޓިއުޝަނަށް އަޅުގަނޑުމެންގެ ވިޔަފާރިތައް އަމާޒުކޮށްފިއްޔާ، އަޅުގަނޑު ދެކޭގޮތުގައި އެއީވެސް ހަމަ ހުޅުވިފައި އޮތް ވަރަށްބޮޑު މާކެޓެއް.
 
އާދެ، ބަލައިލަމާތޯ ސްޓެޓިސްޓިކްސް. މިދިޔަ އަހަރު ގައިމުވެސް އެއް ބިލިއަން ޑޮލަރަށްވުރެ މަތިން ސީ.އައި.އެފް ވެލިއުއަށް ބަލައިފިއްޔާ، ދިވެހިރާއްޖެއަށް މިވަނީ އިމްޕޯޓް ކުރެވިފައި. އެހެންވެ އަޅުގަނޑު ހަމަ ދެކޭގޮތުގައި، އަދި ޚާއްޞަކޮށް، ރައީސްގެ އިރުޝާދުތަކުންވެސް އަޅުގަނޑަށް ހާމަވާ އެއްޗަކީ، ދިވެހިރާއްޖެއަށް އެންމެ ބޭނުންވަނީ، (1) ވިޔަފާރިތައް މި އުފެދެނީ އަމިއްލަ ފައިމައްޗަށް ބަޔަކު ކޮޅަށް ނެގުމަށްޓަކައި. އަދި ހަމައެހެންމެ ދިވެހި ވިޔަފާރިވެރިން އުފެއްދުމަށްޓަކައި. އެހެންވެ ދިވެހި ވިޔަފާރިން އުފައްދަން އަޅުގަނޑުމެން އިސްކަންދޭއިރު، ދިވެހި ވިޔަފާރިވެރިންވެސް ދިވެހި ޒުވާނުންނަށް ވަޒީފާއަށް އިސްކަންދެއްވާށޭ. އަދި ހަމައެހެންމެ، އެކުރާ ވިޔަފާރި ކިހާވަރެއްތޯ، ކިހާވަރެއްގެ ޕްރެޝަރެއްތޯ ޑޮލަރަށް ލިބެނީ. މިއީވެސް ވިސްނާލަން ރަނގަޅު ކަމެއް. އާދެ، ޤައުމެއްގައި މިސާލަކަށް، މެލޭޝިއާގައި ނުކުންނަ ކޮންމެ ބުއިމަކީ، އައިސް އަޅުގަނޑުމެންގެ އައިސްއަލަމާރިތަކަށް ވަނަސް އަދި އެއީކީ އެންމެ ރަނގަޅު ވިޔަފާރިއަށް ނުވެދާނެ. އަދި ހަމައެހެންމެ އެ ނުވިކި އެތައް ދުވަހަކު ޝެލްފްގައިވެސް ބަހައްޓަންޖެހިދާނެ.
 
އެހެންވީމާ އަދި ކޮންމެ އެއްޗެއް އިމްޕޯޓް ކުރުމަކީ އަދި އެއީ މާމޮޅު ވިޔަފާރިއަކަށްވެސް ނުވެދާނެ. އެހެން ނަމަވެސް، އެކަމަށް އަޅުގަނޑު އެއްގޮތަކަށްވެސް އެއްޗެކޭ ނުވަތަ ފާޑުކިޔަނީކީ ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެން މި ދެކަމަށް އިސްކަންދީފިއްޔާ، އާދެ، އަޅުގަނޑުމެންގެ އަމިއްލަ އުފެއްދުން، އަޅުގަނޑު ނުދަންނަވަން ދިވެހިރާއްޖޭގައި އުފެއްދިދާނެއޭ، ބޭރު ތަންތާނގައި އުފައްދާ ސްކޭލްގެ އެއްޗެހި. އެހެން ނަމަވެސް، ވަރަށް ނީޝް މާކެޓްތައް އެބަހުރި. ނީޝް މާކެޓްތަކޭ އަޅުގަނޑު މި ދަންނަވަނީ، ވަރަށް ހައި އެންޑް ޓުއަރިޒަމެއް ދިވެހިރާއްޖޭގައި މިއޮތީ. ވަރަށް ހައި އެންޑް ބޭފުޅުން ވަޑައިގަންނަވަން. އެހެންވީމާ، އެބަހުރި ހައި އެންޑް ވެއްޖިއްޔާ، އަޅުގަނޑުމެންނަށް އުފައްދާ އެއްޗެއް އަގުބޮޑުވިޔަސް، އެ އަގުގައި ގަންނަ ފަރާތްތައް ދިވެހިރާއްޖެއަށް އެބަ ޒިޔާރަތްވެސް ކުރޭ. ދިވެހިރާއްޖޭގައިވެސް އެބައުޅޭ. އެހެންވެ އަޅުގަނޑު ދެކޭގޮތުގައި، މިކަހަލަ ކަންތައްތަކުގައި މާކެޓް އެނަލިސިސް ހަދާއިރު ނުވަތަ ވިޔަފާރިއެއް ފަށްޓަން ބަލާއިރުގައި، ކިހިނެއްތޯ ދިވެހި ޒުވާނުންނަށް ވަޒީފާދޭނީ އަދި ހަމައެހެންމެ ކިހިނެއްތޯ ޑޮލަރު، މިސާލަކަށް ބޭރު މީހެއް ހަމަ އެމްޕްލޯއި ކުރުމާއެކީގައި ޑޮލަރު ޕްރެޝަރ އަންނާނެ. އެއްޗެހިތަކެއް ހަމަ އިމްޕޯޓް ކުރުމާއެކީގައި. އެހެންވީމާ، އިމްޕޯޓްކުރާއިރުވެސް އެބަ ބަލަންޖެހޭ، އެތައްވަރަކުން ޑޮލަރު ހޯދައިގެން މި ގެންނަ އެއްޗެތި ވަރަށް އަވަހަށް ރޯލް އޯވަރވޭތޯ. ވިޔަފާރިއެއްގައި އަޅުގަނޑު ދެކޭގޮތުގައި އެންމެ ބޮޑަށް ފައިދާވާނީ ވީހާވެސް އަވަހަކަށް ރޯލް އޯވަރކޮށްގެން އެ ރޯލްކޮށްގެން، އެ ވިޔަފާރިއެއް ރޯލްވި ވަރަކަށް އެއިން ފައިދާއެއް ނުކުންނާނީ. އެހެންވެ އަޅުގަނޑުމެން މި ދެތިން ކަންތަކާ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން ވިސްނާލަންޖެހޭ.
 
އާދެ، ރައީސް ޔާމީންގެ އިޤްތިޞާދީ ސިޔާސަތުތަކުގެ ތެރެއިން އެންމެ ފުރަތަމައިނުންވެސް އެއް ސިޔާސަތަކަށްވީ، ދިވެހިރާއްޖޭގެ މިނިމަމް ރިޒަރވް ދަށްކުރުން. އާދެ، ވަރަށް ފުރިހަމަކަމާއެކީގައި އަދި ވަރަށް ޕްރެކްޓިކަލްކޮށް، އެކަން އަޅުގަނޑުމެންގެ ގަވަރނަރ  އެ ވަޑައިގަންނަވަނީ ކުރައްވަމުން. އާދެ، ގަވަރނަރގެ އެ ފުރިހަމަ މަސައްކަތަށް ތަޢުރީފް ޙައްޤުވަނީ، އެ ބޭފުޅާއަކީ މިއަދު ދިވެހިރާއްޖޭގައި ހުންނެވި އެންމެ ފުންނާބު އުސް އިކޮނޮމިސްޓަށް ވީހިނދުވެސް ތިއަރަޓިކަލީ އެންމެ ނޮލެޖަބަލް ބޭފުޅާއަށްވީ ހިނދުގައިވެސް، އެބޭފުޅާ ދިވެހިރާއްޖޭގެ މާކެޓަށް ބައްލަވައި، ދިވެހިރާއްޖޭގައި ކިހިނެއްތޯ ޕްރެކްޓިކަލީ މިކަން ކުރެވޭނީ. އެއީ އަޅުގަނޑުމެންގެ އިޤްތިޞާދަކީ، ޓެކްސްޓް ފޮތުގައި ހުންނަގޮތަކަށް ފްރީ މާކެޓަށް ދޫކޮށްލަންޏާ، ފްރީ މާކެޓަށް ދޫކޮށްލަން ނުވަތަ ވަކިގޮތްގޮތަކަށް ކަންތައްތައް ކުރެވޭނެ ކަހަލަ އިޤްތިޞާދެއް ނޫން. އެއީ ސަބަބަކީ އަޅުގަނޑުމެންނަކީ އަދި ވަރަށް ކުޑަ އިޤްތިޞާދެއް. ވަރަށް މަޑުމަޑުން ތަރައްޤީވަމުން އަންނަ އިޤްތިޞާދަކަށްވާތީވެ. މިވަގުތު އަޅުގަނޑުމެން ޖެހޭނީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ފުރިހަމަ އެންމެ ރަނގަޅު ސިޔާސަތުތައް ނުވަތަ ޕޮލިސީތައް ތަޢާރުފް ކުރަން. އެއީ އަދި ތިއަރަޓިކަލީ ބަލައިލާއިރުގައި، މިސާލަކަށް އެއީ އެންމެ ރަނގަޅު ގޮތަކަށް ނުވެދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެން އެބަޖެހޭ ކަސްޓަމައިޒް ކޮށްގެން ޕޮލިސީތައް ނިންމަން.
 
އަޅުގަނޑު މިދަންނަވަނީ އެއްގޮތަކަށްވެސް ޓެކްސްޓް ފޮތުގައި ނޯންނަ ވާހަކައެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެން ދައުލަތުން، މިސާލެއް، ކުޑަ މިސާލެއް ދަންނަވަންޏާ، ހިންގަވާ އަޅުގަނޑުމެން ދައުލަތުން ހުރިހާ އެއްޗެއް ރުފިޔާއިން ދައްކާގޮތަށް ޓެކްސް ހަދަން. އާދެ، ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގެ ރުފިޔާއިން ހުރިހާ ޓެކްސްތަކެއް ދައްކާނީ. އެއީ ތިއަރީގައިވެސް އެންމެ ރަނގަޅު ގޮތް. އިޤްތިޞާދުގައިވެސް ފޮތްފޮތުގައި އޮންނަނީ އެހެން. އެހެން ނަމަވެސް، އެ ޑޮލަރުން ޕޭ ކުރުމުގެ ބަދަލުގައި، މިސާލަކަށް އަޅުގަނޑުމެން ޖީ.އެސް.ޓީ ވެސް ހުރިހާ އެއްޗެއް ދައުލަތަށް ރުފިޔާއިން ނަގައިފިއްޔާ، ދެން އެންމެފަހުން ދައުލަތް ނުކުންނަންޖެހޭނީ ބްލެކް މާކެޓަށް ޑޮލަރު ގަންނަން. އެހެންވީމާ، ތިއަރީގައި އެންމެ ރަނގަޅު ގޮތެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެންގެ އިޤްތިޞާދު މިވަރަށް މަޑުމަޑުން ތަރައްޤީވަމުން އަންނާތީ އަދި ދައުލަތުގެ ބަޖެޓް ޑެފިސިޓާ، މިހުރިހާ ކަމެއް ހުރުމާ އެކީގައި އަޅުގަނޑުމެންނަށް މިވަގުތު އޮތް ގޮތް އެއީ.
 
އެހެންވީމާ، އެގޮތުގައި އަޅުގަނޑުމެންގެ ސްޓެޕްތައް ނަގަމުން މިދަނީ. އެހެންވެ އަޅުގަނޑު ދެކޭގޮތުގައި، ރައީސް ޔާމީންގެ އިރުޝާދާއި އަދި އަޅުގަނޑުމެންގެ އިކޮނޮމިކް ކައުންސިލާ ބާއްވާ ގާތް ގުޅުމާއެކީގައި، ގަވަރނަރ އެ ގެންދަވަނީ ވަރަށް ފުރިހަމަ ގޮތެއްގައި އެ ސިޔާސަތުތައް، އެ ފިޔަވަޅުތައް އަޅުއްވަމުން. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، ފުރަތަމަ ދިވެހިރާއްޖޭގެ މިނިމަމް ރިޒަރވް 25 ގައި ހުރެފައި 20 ޕަސެންޓަށް ދަށްކުރެއްވީ. އަދި މިދިޔަ ބުރާސްފަތި ދުވަހު 20 ޕަސެންޓުން 10 ޕަސެންޓަށް އެ ދަށްކުރެއްވީ. އާދެ، އެއީ ވަރަށްބޮޑު ފިޔަވަޅެއް. އެއީ ބޭންކުން ވިޔަފާރިކުރަން ހުންނަ ފައިސާ، މިނިމަމް ރިޒަރވްގެ ގޮތުގައި މިޖެހެނީ -/100 ރުފިޔާ ޑިޕޮޒިޓް ކޮށްފިއްޔާ -/25 ރުފިޔާ ބަހައްޓަން. މިހާރު އެ -/25 ރުފިޔާގެ ތެރެއިން ގައިމުވެސް -/15 ރުފިޔާ ބޭންކަށް އެ ލިބުނީ އަނެއްކާވެސް. އެހެންވީމާ، ބޭންކަށް ޕްރައިވެޓް ސެކްޓަރއަށް ލެންޑް ކުރަންވެސް މި ލިބުނީ އަނެއްކާ އިތުރު -/15 ރުފިޔާ.
 
އާދެ، މިއީ އަޅުގަނޑު ދެކޭގޮތުގައި އިޤްތިޞާދީ ހަރުދަނާ ސިޔާސަތުތަކަކީ. އަދި އަޅުގަނޑުމެން އައިސްފައި، ކުއްލިއަކަށް މީތި އައިސް ވައްޓާލާނީކީ ނޫން. އެހެން ނަމަވެސް، އެމް.އެމް.އޭ. އަކީ، އެބޭފުޅުންނަކީ މިނިވަން ޤާނޫނަކުން ހެދިފައިވާ އޮތޯރިޓީއެއްވީމަ، އެބޭފުޅުންނަށް އެ ސިޔާސަތުތައް އެންމެ ރަނގަޅަށް ދިރާސާކޮށް، އެ ގެންނަންވީ އެންމެ ރަނގަޅު ވަގުތު އެބޭފުޅުން އެދަނީ އެކަން ގެންނަވަމުން. އޭގެ އަސަރު ހަމަ ހެޔޮ އަސަރު ކުރާނީ ދިވެހި ވިޔަފާރިތަކަށް. ދިވެހި އިޤްތިޞާދަށް. ޕްރައިވެޓް ސެކްޓަރއަށް ލެންޑްކުރަން ގައިމުވެސް ގިނަ ލާރި ހުންނާނެ. އަދި ހަމައެހެންމެ، ފޮރިން ކަރަންސީވެސް އިތުރަށް ދިވެހިރާއްޖޭގައި ލިބެން ހުންނާނެ. އެއީ އެކަން އަޅުގަނޑުމެންނަށް މިދަނީ ފެންނަމުން. 25 ން 20 އަށް ގެނައީމަވެސް އަޅުގަނޑުމެންނަށް އޭގެ އަސަރު ފެނުން. އަދި އިރާދަކުރެއްވިއްޔާ، މި ހެޔޮ ބަދަލާއެކީގައި އަޅުގަނޑު ދެކޭގޮތުގައި އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ. އަދި އެވަރުން ނިމުނީކީ ނޫން. ދިވެހިރާއްޖޭގައި އިތުރު ބޭންކްތައް އަންނަންވެސް، އަޅުގަނޑު ދެކޭގޮތުގައި އެއީ، ދިވެހިރާއްޖެއިން އެޅި ވަރަށް ފުރިހަމަ ފިޔަވަޅެއް.
 
އާދެ، ކޮން ބޭންކެއްތޯ ބޭނުންވާނީ، މިސާލަކަށް، ކައިރި ޤައުމުތަކުގައި  10 ޕަސެންޓް، 5 ޕަސެންޓް މިނިމަމް ރިޒަރވްގައި ހުއްޓައި، ދިވެހިރާއްޖެއަށް އައިސް އަބަދު އެބޭފުޅުންގެ ލާރި 25 ޕަސެންޓް މިނިމަމް ރިޒަރވްގައި ބަހައްޓަން. އެހެންވީމާ، އިންޓަރނޭޝަނަލް ސްޓޭންޑަޑްތަކަށް ބަލާއިރު ނުވަތަ މި ރީޖަނަށް ބަލައިލިޔަސް، އަޅުގަނޑުމެން 25 ޕަސެންޓަކީ ވަރަށްބޮޑު ޢަދަދެއް. އެހެންވީމާ، މި ޢަދަދު 10 ޕަސެންޓަށް ދަށްކުރުމަކީ، އަޅުގަނޑު ދެކޭގޮތުގައި އިޤްތިޞާދީ ގޮތުން އެޅުނު ވަރަށްބޮޑު ފިޔަވަޅެއް. އެހެންވެ މިއިން އަޅުގަނޑު ދެކޭގޮތުގައި ކުދި ވިޔަފާރިތަކަށާއި އަދި އިޤްތިޞާދަށް ވަރަށް ފުރިހަމަ ބަދަލުތަކެއް އަންނާނެ.
 
އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، އިކޮނޮމިކް މިނިސްޓްރީން ވަރަށް ބައިވަރު މަސައްކަތްތަކެއް، ކުދި ވިޔަފާރިވެރިން ކުރިއެރުވުމަށްޓަކައި ކުރަމުން އެބަ ގެންދޭ. އަޅުގަނޑު ދެކޭގޮތުގައި، މީގައި ޕްރައިވެޓް ސެކްޓަރގައި ތިއްބެވި ތަޖުރިބާކާރު ވިޔަފާރިވެރިންވެސް، މިއަދުގެ ޒުވާން ވިޔަފާރިވެރިންނަށް މަގު ދައްކައި، އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން އަޅުގަނޑު ދެކޭގޮތުގައި ވަރަށް ބައިވަރު ދިވެހި ޒުވާން ވިޔަފާރިވެރިންވެސް އުފެދޭނެ. ހަމަގައިމުވެސް އުފެދެމުންދާތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. އެބޭފުޅުންގެ ކްރިއޭޓިވިޓީ ބޭނުންކޮށްގެން، އެތައް ވިޔަފާރިތަކެއް އުފައްދަމުންދާތަންވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ.
 
އިކޮނޮމިކް މިނިސްޓްރީން މިކުރާ މަސައްކަތުގަޔާއި، އަދި ދިވެހި ޒުވާން ވިޔަފާރިވެރިން ކުރާ މަސައްކަތުގަޔާއި އަދި އަޅުގަނޑުމެންގެ ސަރުކާރުން މިކުރާ ކޮންމެ މަސައްކަތެއްގައިވެސް މާތްރަސްކަލާނގެ ބަރަކާތް ލެއްވުން އެދި އަޅުގަނޑު ދުޢާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަދިވެސް މި ޕްރޮޖެކްޓަށްވެސް، މިރޭ މި ލޯންޗްކުރި ޕްރޮޖެކްޓަށްވެސް ވަރަށް ކާމިޔާބީއަށް އެދެމުން.
 
والســّلام عليــكم ورحـمــة اللّـه وبـركاتـه