بســم اللّـه الرّحمـن الرّحيــم
އާދެ، މިއަދު މި ތަޢާރުފް ކުރެވުނު ޚިދްމަތަކީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށްވެސް ފުރިހަމަ ޚިދްމަތެއް. އާދެ، އިޤްތިޞާދެއްގައި އެތަނަކަށް އިޤްތިޞާދީ ކުރިއެރުން އަންނާނީ، އެތަނެއްގެ ތްރޫޕުޓް ނުވަތަ އެތަނަކުން މުދަލާއި ފަސިންޖަރުންގެ ޚިދްމަތްތައް އަވަސްވިވަރަކަށް. ޚާއްޞަކޮށް، ދިވެހިރާއްޖޭގައި ފަތުރުވެރިކަމަށް މުޅި އިޤްތިޞާދު ބަރޯސާވެފައި އޮންނައިރުގައި، ފަތުރުވެރިންގެ އެންމެ ބޮޑު އެއް ޕްލެޓްފޯމަކީ އެއަރޕޯޓް ކަމަށްވީހިނދު، އަދި ދިވެހިރާއްޖެއަށް އަންނަ ހުރިހާ ފަތުރުވެރިން ކަހަލަ ގޮތަކަށް އެއަރޕޯޓުން އެތެރެވާހިނދު، ވީހާވެސް އަވަހަކަށް އައުމާއި ފުރުމުގެ ކަންތައް ހަމަޖެހުމަކީ، އެ އިޤްތިޞާދަކަށް ލިބޭނެ އެންމެބޮޑު ކުރިއެރުން. އެހެންވެ، އަޅުގަނޑު ހަމަ މި ނޭވާގައިވެސް ވަރަށް ޚާއްޞަ ޝުކުރެއް، އެމް.އޭ.ސީ.އެލް.ގެ އެމް.ޑީ އަށާއި، އެމް.އޭ.ސީ.އެލް.ގެ ޓީމަށާއި އަދި ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލަށާއި، ކަސްޓަމްސްގެ ޓީމަށް، މި ޚިދްމަތް މިހާ އަވަހަށް ނިންމައި، އިންފްރާސްޓްރަކްޗަރ ޤާއިމުކޮށް، މި ޚިދްމަތް ތަޢާރުފް ކުރީތީ، ފަށްފަށުން އެބޭފުޅުންނަށް ޝުކުރު ދަންނަވަން.
އާދެ، އަޅުގަނޑަށް ހީވަނީ ކުޑަކޮށް ތިލަކޮށްލަންޖެހޭކަންނޭނގެ މި ޚިދްމަތް. މި ޚިދްމަތަކީ އަޅުގަނޑަށް ހީވަނީ، މި ޚިދްމަތް ތަޢާރުފްކޮށްފައި އަޅުގަނޑުމެން ގެޔަށްދާހިނދުގައި، އިދިކޮޅު ފަރާތްތަކުން ބުނާނެ، މިހާރު މި ޚިދްމަތުގެ ދަށުން ދެން ބޭނުންހާ އެއްޗެއް ގެންނަންވީއޭ. ދިވެހިރާއްޖޭގައި މިހާރު ޗެކެއް ނުކުރެވޭނެއޭ. އެއްގޮތަކަށްވެސް އެހެނެއް ނޫން. އާދެ، މިއަދުގެ ލޯ އެންފޯސްމަންޓް ނުވަތަ ޔުނީފޯމް އަޅައިގެން ތިއްބެވި ބޭފުޅުން، ކަސްޓަމްސްއިންނާއި އިމިގްރޭޝަން އަދި ޕޮލިސް ވިޔަސް، އެމް.އެން.ޑީ.އެފް. ވިޔަސް، ދުނިޔޭގެ އަޅުގަނޑުމެން ކަހަލަ ކުދި އާބާދީ ނުވަތަ ކުދި ޤައުމުތަކުގައި މި ބޭނުންކުރަނީ އިންޓެލިޖަންސް. އެހެންވެ ހަމައެކަނި މިތާ މިކުރި ކަމަކީ، ކަސްޓަމްސްއިން މިތަނުގައި އަތުރާފައި ހުރި މެޝިންތައް މިތާ ބޭރަށް ނެރެ، ފްލައިޓުން ފޮށިތައް ބާލާފައި، އެތާ ތެރެއިން ޗެކްކޮށްފައި ފްލައިޓަށް އެރުވުން. އެއީ، ހަމައެކަނި ގެނައި ބަދަލަކީ. އެހެން ނަމަވެސް، އެ ބަދަލާހެދި އެތައްއިރެއްގެ ވަގުތެއް އެބަ ސަލާމަތްވޭ. އެހެންވީމާ، އެއްގޮތަކަށްވެސް ސެކިއުރިޓީ ކޮމްޕްރޮމައިޒް ކުރަނީކީ ނޫން. އެހެން ނަމަވެސް، ޗެކް ކުރެވިފައި އަދި އެއިން އެބޭފުޅުންނަށް ފާހަގަކުރެވޭ އެއްޗެހި މިތަނުން ޑިކްލެއަރ ކުރުމާއި، ދެވަނަފަހަރަށް ޗެކްކުރެވި، ފޮށި ހުޅުވަންޖެހިއްޖިއްޔާ ފޮށި ހުޅުވައި، ކަންތައްތައް ކުރިއަށްދާނެ. އެހެން ނަމަވެސް، ހުޅުވަންނުޖެހޭ އެއްވެސް އެއްޗެއް، ސްކްރީން ކުރާއިރު ނުފެންނަ ހުރިހާ ފޮށިތައް ރީއްޗަށް ސްމޫތްކޮށްދާނީ. އެހެންވެ އެކަން ހަމަ އަޅުގަނޑަށް ބޭނުންވީ ކުޑަކޮށް ތިލަކޮށްލަން. އެއީ، ބައެއްފަހަރު މިހެން އަޅުގަނޑުމެން ކުރާ ރަނގަޅު ކަންތައްތަކަކީވެސް ވަރަށް ގޯސް ކަންތައްތަކެއްގެ ގޮތުގައި އޭތި ބަދަލުކޮށްލައިގެން ވަރަށްގިނަ ބޭފުޅުން ސިޔާސީ ފައިދާނަގަން މަސައްކަތް ކުރާތީ، މިހެން ދަންނަވާލަންޖެހުނީ. އެހެން ނަމަވެސް، މިފަދަ ހުރިހާ ކަމަކީވެސް އަޅުގަނޑުމެންގެ އިޤްތިޞާދަށް ވަރަށް މުހިންމު ކަމެއް.
ހަމަގައިމުވެސް މިސާލަކަށް، މިގަޑީގައި އީ.ކޭ ފަސިންޖަރުން އައިނަމަ، މި ޚިދްމަތް ތަޢާރުފްނުކޮށް އޮތްނަމަ، އަޅުގަނޑަށް ޔަޤީނުންވެސް މިއަދުވެސް މިތާވެސް އަދިވެސް ފަތުރުވެރިން އުޅޭނެ. އެހެންވެ ހަމަގައިމުވެސް އަޅުގަނޑަށް މި ފެންނަނީ ވަރަށްބޮޑު ބަދަލެއް. އަޅުގަނޑުވެސް ސްކޫލް ނިންމާފައި، ކަސްޓަމްސްގައި ތިން އަހަރު މިތާ އެއަރ ކާގޯގަޔާއި، މި ޓަރމިނަލް ތެރޭގައިވެސް ވަރަށް ގިނައިން އުޅުނިން. އެހެންވެ ހަމަގައިމުވެސް އެ ބަދަލު އަޅުގަނޑަށް މިއަދު ފެނޭ. އަޅުގަނޑު ދެކޭގޮތުގައި، ސަރުކާރަކީ އެއް ސަރުކާރެއް. ކަސްޓަމްސްއާއި އެއަރޕޯޓް ކުންފުންޏާ، މިހުރިހާ ތަނަކީވެސް ސަރުކާރު. ސަރުކާރު ޙިއްޞާވާ ކުންފުންޏާއި އަދި ސަރުކާރުގެ މުއައްސަސާތައް. އެހެންވީމާ ހުރިހާ ބޭފުޅުން އެކީގައި ގުޅިގެން މަސައްކަތް ކޮށްފިއްޔާ، މިހުރިހާ ކަމެއްވެސްވާނެ.
އާދެ، އެއަރޕޯޓްގެ ވާހަކަ ދައްކާލާއިރުގައި، އަޅުގަނޑުމެން އެބަ ވިސްނާލަންޖެހޭ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ އެންމެބޮޑު އަމާޒަކީ، އެއަރޕޯޓް ތަރައްޤީ ކުރުން. އަދި އަޅުގަނޑުމެންގެ މި 5 އަހަރު އެއް ޕްރޮޖެކްޓަކަށް އެންމެބޮޑު ހޭދައެއް، ލޯނު ނަގައިގެން ކުރާނެ އެއް ޕްރޮޖެކްޓަކީ އެއަރޕޯޓް. އެއަރޕޯޓަކީ އެންމެ ގިނައިން އެންމެބޮޑު ޢަދަދެއް ހޭދަކުރާނެ އެއްތަން. ސަބަބަކީ މި އެއަރޕޯޓް ތަރައްޤީވެގެން ނޫނީ އަޅުގަނޑުމެންގެ އިޤްތިޞާދު ފުޅާކުރެވޭކަށް ނެތް. އަޅުގަނޑުމެންގެ ފަތުރުވެރިކަން ފުޅާކުރެވޭކަށް ނެތް. އަޅުގަނޑުމެން ގެންނަ މި ބެޑްގެ ޢަދަދު އިތުރުވެގެންދާއިރުގައި، ހަމަގައިމުވެސް މި އެއަރޕޯޓްގެ ކެޕޭސިޓީ އިތުރުވާންޖެހޭ. އެހެންވެ ރައީސްގެ އިރުޝާދެއް، މިތަންވެސް މިގޮތަށް ޚިދްމަތް ދިނުން. އަދި ހަމައެހެންމެ، ފުރަންދާ މީހުންވެސް، އެ ޚިދްމަތްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަ މަސައްކަތް ކުރާނަން، ސިވިލްއޭވިއޭޝަނާއި ކަސްޓަމްސް އާއި އެއަރޕޯޓްސް ކުންފުންޏާ ގުޅިގެން. އެ މެޝިންތައްވެސް ފަހަތަށްލައިގެން، ފުރަތަމަ ޗެކިންގ ކުރަން އަންނައިރުގައި ފަސިންޖަރުންނަށް މި ޚިދްމަތް ދެވޭތޯ. އެއީ ހަމަ އަޅުގަނޑު ދެކޭގޮތުގައި ހަމަ މިހާރުވެސް އެއަރޕޯޓް ކުންފުނީގެ އަމާޒު. އަދި ކަސްޓަމްސްގެވެސް އަމާޒު.
އަޅުގަނޑު ހަނދާންވަނީ ޚާއްޞަކޮށް މި އެއަރޕޯޓް ބޭރު ބައެއްގެ އަތްދަށަށް ގޮސް، އެބޭފުޅުން މިތާނގައި އުޅުއްވިއިރުގައި، އެތާ އެ ފަޅިމަތީގައި ޓަރމިނަލެއް ހަދައި، އަދި ހަމައެހެންމެ އަޅުގަނޑުމެންގެ ފިއުލް އަގުތައް ބޮޑުކުރަމުންދިޔަހިނދުގައި، އޭރު 2012 ގައި އަޅުގަނޑުވެސް 2012ގެ ފެބުރުވަރީ 12ގެ ފަހުން މިނިސްޓަރަކަށް، ޓުއަރިޒަމް މިނިސްޓަރަކަށް ހުރިހިނދުގައި ދެން މިތާނގައި ޓުއަރިޒަމްތޯ ދެމެހެއްޓިގެން ހިންގޭނީ ނުވަތަ ޖީ.އެމް.އާރު އެއަރޕޯޓްތޯ ހިންގޭނީ، އޭގެ ސުވާލު އުފައްދައި ކެބިނެޓަށް އަޅުގަނޑު ޕޭޕަރެއް ހުށަހެޅިން. އޭގައި ވަރަށް ރީއްޗަށް އަޅުގަނޑުމެން ވަރަށް ބައިވަރު ރިސަރޗްކޮށްފައި އެއަށްލިން. ވަރަށް ބައިވަރު ފްލައިޓް ސީޓްތައް ޔޫރަޕުން ދިޔައީ މަދުވަމުން. ފިއުލް ޕްރައިޒްތައް ދިޔައީ މައްޗަށް ޖައްސަމުން. ސަރުކާރުގެ އެއްވެސް ބަހެއް ނޯވޭ. ސަރުކާރުން އޭރު ދައްކަންޖެހެނީ އެބޭފުޅުންނަށް އެއީ ކުރީގެ ސަރުކާރުން ހަދާފައި ހުރި އެގްރީމެންޓްތަކުގެ ދަށުން 25 ޑޮލަރު، ބޮލަކަށް ނުނެގުނީމަ، 25 ޑޮލަރަށް ވާވަރަށް ކޮންސެޝަން ފީ ކަނޑާފައި، އަދި ސަރުކާރުން އެބޭފުޅުންނަށް ދައްކަން ޖެހިފައި އޮންނަނީ ކޮންމެ ކުއާރޓަރއަކަށް، ފަތުރުވެރިން އިތުރުވަމުންދަންޏާ، ސަރުކާރުން ދައްކަންޖެހޭ އަގުވެސް ބޮޑުވަމުންދަނީ.
އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، އެއަރޕޯޓްގެ އެގްރީމަންޓް ސޮއިކުރެވުނު ދުވަހުއްސުރެ އަދި މިއަދާ ހިސާބަށްވެސް އެންމެ ހިތްވަރާއެކީގައި އެކަމާ އިދިކޮޅަށް އަދި ހަމައެހެންމެ އެއީ، ޤައުމަށް ގެއްލުންތަކެއް ލިބޭތީ އަދި ޤައުމު، އަޅުގަނޑުމެންގެ ޤައުމުގައި އިޤްތިޞާދީ ގޮތުން ތަޅުއެޅުވިގެންދާތީ، އެކަމަށް ފައިނަގާ އެންމެ ބޮޑަށް އެ މަސައްކަތް ކުރެއްވި ބޭފުޅާއަކީ އަޅުގަނޑަށް ޔަޤީނުންވެސް ހަމަ މިއަދުވެސް ކެރިގެން ދަންނަވާލަން ކެރޭ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޔާމީންކަން. އޭރުވެސް އެބޭފުޅުން ހުރިހާ ޕާޓީތަކެއް ގުޅިގެން ސޮއިކޮށް، އެއަރޕޯޓާ އިދިކޮޅަށް މަސައްކަތް ފެށީމަ، އެބޭފުޅާ ހައްޔަރުވެސް ކުރެވުނު. އެހެން ނަމަވެސް، މަސައްކަތެއް ނުހުއްޓަވާ. އަދި ހަމައެހެންމެ، 2012ގެ ފެބުރުވަރީގައި ސަރުކާރު ބަދަލުވުމަށްފަހުވެސް އެބޭފުޅާ މަސައްކަތް ކުރެއްވި. އަދި ހަމައެހެންމެ، ސިޔާސީގޮތުން ޕީ.ޕީ.އެމް.އިން ކައުންސިލުން ދެފަހަރު ނިންމައި، އެ އެގްރީމަންޓް ބާޠިލުކުރުމުގެ ނަތީޖާއަކީ، މިއަދު އަޅުގަނޑުމެންގެ އަތްމަތީގައި އެއަރޕޯޓް އޮތުން.
އަދި ހަމައެހެންމެ އޭރުގެ ސަރުކާރުންވެސް ރީ-ނެގޯޝިއޭޓް ކުރަން ކުރި މަސައްކަތުގައި ރައީސް ޔާމީން ދޫނުދެއްވައި، މީޓިންގތަކުގައި ވޯކްއައުޓް ކުރައްވައި، އެތައް ބައިވަރު މަސައްކަތެއް ކުރައްވައިގެން، ހަމަގައިމުވެސް މިއަދު އެ ހުންނެވި ގޮތަށް އެބޭފުޅާ އެ ހުންނެވީ. އަޅުގަނޑު ދެކޭގޮތުގައި ސިޔާސީގޮތުން އެ ހުންނަ ގޮތަކަށް އެބޭފުޅާ އަބަދުވެސް ހުންނަވަނީ. މިއަދު އަޅުގަނޑުމެންގެ ވެރިކަން މިއަދު މިހިސާބަށް އައިއިރުވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިދަނީ އާރބިޓްރޭޝަނުންވެސް އިރާދަކުރެއްވިއްޔާ ކާމިޔާބީތަކެއް ހޯދަމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ސަރުކާރަށް ގެއްލުންނުވެ އިރާދަކުރެއްވިއްޔާ ހަމަ އެ މައްސަލަވެސް، އާރބިޓްރޭޝަންވެސް އަޅުގަނޑުމެންނަށް ކާމިޔާބުވެ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އެއަރޕޯޓް އަޅުގަނޑުމެން ތަރައްޤީކޮށް ނިމިގެންދާނީ. އެއީ ރައީސް ޔާމީންގެ އަމާޒަކީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެއަރޕޯޓަށް މިގެންނަ ތަރައްޤީއަށްފަހު، މުޅި އިޤްތިޞާދު، އަޅުގަނޑުމެންގެ އިޤްތިޞާދަށް އޭގެ އަސަރުކުރާނެ. ހަމަގައިމުވެސް 800 އެއްހާ މިލިއަން އިންވެސްޓް މި ކުރެވެނީ، ދެވަނަ ރަންވޭއަށާއި، އަޅުގަނޑުމެންގެ އާ ޓަރމިނަލަށް. އަޅުގަނޑު ދެކޭގޮތުގައި އެއަރޕޯޓްގައި މިއޮތް ޓީމުން ވަރަށް ވަރުގަދަ މަސައްކަތްތަކެއް އެ ކުރަމުން އެ ގެންދަނީ. މިހާރުވެސް އޭގެ މަސައްކަތްތަކެއް ވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ އެޔާއެކީގައި ދިވެހިރާއްޖޭގެ މުޅި އިޤްތިޞާދުގެ ލޭންޑްސްކޭޕް ބަދަލުވެގެންދާނެ. އެއީ، އަޅުގަނޑުމެންގެ އުންމީދަކީ. އިރާދަކުރެއްވިއްޔާ މި 5 އަހަރުގެ ތެރޭގައި އެއަރޕޯޓް ވަރަށްބޮޑު ކުރިއެރުމެއް، އަޅުގަނޑުމެން އަމިއްލަ އަތުގައި ބާއްވައިގެން ދިވެހިންގެ އެއަރޕޯޓް އިރާދަކުރެއްވިއްޔާ ދިވެހިން ތަރައްޤީ ކުރާނެ.
والســّلام عليــكم ورحـمــة اللّـه وبـركاتـه