އިންޑޮނީޝިއާގެ 54 ރައްޔަތުންނާއި އެކު، މިމަހުގެ 16 ވަނަ ދުވަހު އިންޑޮނީޝިއާގެ ޓްރިގަނަ އެއަރ ފުލައިޓެއް ވެއްޓި، ބޯޓުން ދަތުރުކުރި ގިނަބައެއް މަރުވުމާއި ގުޅިގެން، އެކަމުގެ ހިތާމައިގައި އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މިޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެ، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑޮނީޝިއާގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ޙާދިޘާގައި ގެއްލުނު މީހުންގެ ޢާއިލާތަކަށްވެސް ހަމްދަރުދީ ރައްދުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.