ރާއްޖޭގެ މިނިވަންކަމަށް ކިތަންމެ ކުޑަ ނަމަވެސް ބުރުލެއްއަރާފަދަ ކަމަކަށް އެއްވެސް ބަޔަކަށް ފުރްޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، މިނިވަންކަމުގެ ރަންޔޫބީލް މުނާސަބަތުގައި މިރޭ 00.00 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވެވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިވަން ޙަޔާތުގެ އާ އަހަރުތަކަކާ ކުރިމަތިލާއިރު، އަޅުގަނޑުމެންނާ ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކަށް ކެތްތެރިކަމާއި ހިތްވަރާއެކު ކުރިމަތިލުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ޤައުމުގެ މިނިވަންކަމަކީ ދިވެހިރާއްޖެއަށް ލިބިފައިވާ މަތިވެރި، ޝަރަފުވެރި ނިޢުމަތެއްކަމަށް ސިފަ ކުރެއްވިއެވެ. މިގޮތުން، އެއީ ދިވެހި ޤައުމަށްޓަކައި ދިވެހި ކާބަފައިން ވެވަޑައިގެންފައިވާ ޤުރްބާނީތަކުގެ އަގުހުރި ހަދިޔާއެއް ކަމަށާއި، ރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ އެންމެބޮޑު ޤައުމީ މަސްއޫލިއްޔަތަކީ، އެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ޒުވާން ޖީލަށް އެކަމުން ފިލާވަޅުތަކާއި ޢިބްރަތްތަކެއް ޙާޞިލުކޮށްދިނުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޤައުމީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ، އެ މިނިވަންކަން ޙާޞިލުކުރުމަށްވުރެ ބޮޑު ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ. މިގޮތުން، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު މިއަދާ ހަމަޔަށް ޙިމާޔަތް ކުރެވިފައި މިވަނީ، އިސްލާމީ ޢަޤީދާއާއި، އަޅުގަނޑުމެންގެ ޤައުމީ ވަޙުދަތުގެ ސަބަބުންކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. ރާއްޖޭގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ޒިންމާއެއް، އަދި މަސްއޫލިއްޔަތެއްކަން ބަޔާން ކުރައްވަމުން، އެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރެވޭނީ، އަޅުގަނޑުމެންނަކީ އިޚްލާޞްތެރި، ތެދުވެރި ބަޔަކަށްވެގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.