މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި، މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ. މިރަސްމިއްޔާތު އޮތީ، މިރޭ 00:00 ގައެވެ.

މިރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން، އެދެކަނބަލުންނާ އިސްތިޤްބާލު ކުރެއްވީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، މޭޖަރ ޖެނެރަލް (ރޓ) މޫސާ ޢަލީ ޖަލީލާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ރަސްމިއްޔާތަށް ވަޑައިގަތުމާއެކު ބިއުގަލް ކޯލްއެއް އެރުވުނެވެ.

މިރޭގެ ރަސްމިއްޔާތުގައި ދިވެހި ޤައުމީ ދިދަ ނަގައި ނިމުމުން ރައީސުލްޖުމްހޫރިއްޔާއަށް 21 ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި އެއަށްފަހު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބޭންޑުން ޤައުމީ ސަލާމް ކުޅުނެވެ.

މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދިވެހި ޤައުމާ މުޚާތަބުކުރައްވައި، ރާއްޖޭގެ މިނިވަންކަމަށް ކިތަންމެ ކުޑަ ނަމަވެސް ބުރުލެއްއަރާފަދަ ކަމަކަށް އެއްވެސް ބަޔަކަށް ފުރްޞަތު ނުދިނުމަށް އިލްތިމާސްކުރެއްވިއެވެ.

އެއަށްފަހު މިނިވަން 50 ގެ ޚާއްޞަ ލަވަ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބޭންޑާއެކު ދިވެހި ބައެއް ފަންނާނުން ހުށަހަޅައިދިނެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފަރާތުން ނެރުއްވި ހަނދާނީ ނޫޓު އިފްތިތާޙްކުރުންވެސް މިރޭގެ ރަސްމިއްޔާތުގައި އޮތެވެ. މިނޫޓު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު، ޑޮކްޓަރ އަޒީމާ އާދަމެވެ.

މިރޭގެ ރަސްމިއްޔާތުގައި، ރާއްޖޭގެ މިނިވަންދުވަހާ ގުޅިގެން ޚާއްޞަ ދުޢާއެއް ކުރުންވެސް އޮތެވެ.