މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ މުނާސަބަތުގައި، ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ.

ޖުމްހޫރީ މައިދާން އަލުން ފަރުމާކުރުމަށްފަހު ރަސްމީކޮށް ހުޅުވިގެންދިޔައީ އެކަމަށްޓަކައި އެކި ދާއިރާތަކުން އެކުލަވައިލެވުނު ޚާއްޞަ ވަފްދެއް، ޖުމްހޫރީ މައިދާން ހުޅުވުމަށްޓަކައި ހަރުކުރެވިފައިވާ ރިބަންފަށް ކަނޑާލުމުންނެވެ. މި ވަފްދުގައި ސްކޫލް ދަރިވަރުންނާއި، އެކި ކުޅިވަރުކުޅުންތެރިންނާއި، އެކިއެކި ފަންނުތަކުގެ ބޭފުޅުން ހިމެނެއެވެ.

އަދި، ޖުމްހޫރީ މައިދާނުގައި ކުރިން ހުރި ފެންއަރުވާވަޑާން، މިއުޒިކީ ފައްވާރާއަކަށް ފަރުމާކުރުމަށްފަހު މިރަސްމިއްޔާތުގައި އަލުން ހުޅުވިގެން ދިޔައެވެ.