ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ށ) އަށް ގެނެވުނު އިޞްލާޙާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، އެ ޤާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިޓީ ކައުންސިލްގެ ބާރުތަކުގެ ތެރެއިންނާއި، އެ ޤާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިޓީ ކައުންސިލުން ދޭ ޚިދުމަތްތަކުގެ ތެރެއިން، ސިޓީ ކައުންސިލުގެ ބާރުތަކާއި ސިޓީ ކައުންސިލުން ފޯރުކޮށްދޭނެ ޚިދުމަތްތައް 23 ޖުލައި 2015 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް އަލުން ކަނޑައަޅުއްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، ސިޓީ ކައުންސިލުގެ ބާރުތަކާއި، އެ ކައުންސިލުން ފޯރުކޮށްދޭނެ ޚިދުމަތްތައް މިހާރު ހަމަޖެހިފައިވާގޮތް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
                                              
ސިޓީ ކައުންސިލުގެ ބާރުތައް
1. ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ސިޓީއާއި ސިޓީގައި ހިމެނޭ އަވަށްތައް ހިންގައި، ތަރައްޤީކޮށް، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުން.
2. ސިޓީގައި ނުވަތަ ސިޓީގައި ހިމެނޭ އަވަށް އަވަށުގެ އަވަށު ބޯޑުން، ރައްޔިތުންގެ ބައިވެރިވުމާއެކު ތައްޔާރުކޮށް، ސިޓީ ކައުންސިލަށް ހުށަހަޅާ ތަރައްޤީގެ ޕްލޭންތަކުގެ މައްޗަށް ބިނާކޮށް، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީން ސިޓީ ކައުންސިލްގެ މަޝްވަރާގެ މަތިން އެކަށައަޅައި މުޅި ސިޓީގެ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކޮށްގެން ތަރައްޤީގެ މަޝްރޫޢުތައް ރޭވުމާއި ބަޖެޓު ތައްޔާރުކުރުމާއި ތަރައްޤީގެ މަޝްރޫޢުތައް ތަންފީޛުކުރުން.
3. ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ރާވައި ހިންގުމުގައި ސަރުކާރުގެ މިނިސްޓްރީތަކަށް ރައްޔިތުންގެ ފަރާތުން ލަފަޔާއި މަޝްވަރާ ދިނުމާއި، ސަރުކާރުގެ މިނިސްޓްރީތަކުން ކައުންސިލްގައި ހިންގާ މަޝްރޫޢުތައް ހިނގާނުހިނގާ ގޮތް ބެލުމުގައި އެހީތެރިވެދީ، އެ މިނިސްޓްރީތަކަށް ޖަވާބުދާރީވެ، އެ މިނިސްޓްރީތަކުން ކަނޑައަޅާ ގޮތަކަށް ގަވާއިދުން ރިޕޯޓު ހުށަހެޅުން.
4. އަވަށު އޮފީސްތަކުން ހިންގާ ޙަރަކާތްތައް ވިލަރެސްކުރުމާއި އެ އޮފީސްތައް ހިނގާނުހިނގާގޮތް ބެލުން.
5. މި ޤާނޫނުގެ ދަށުން ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެކަށައަޅަންޖެހޭ ސިޔާސަތު އެކަށައެޅުމާއި ސިޓީ ކައުންސިލްގެ ވާޖިބު އަދާކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި އެ ގަވާއިދުތައް ހިންގުން.
6. މި ޤާނޫނުގެ ދަށުން ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ސިޓީ ކައުންސިލްގެ ދާއިރާގެ ރަށްވެހިންގެ ނަމުގައި ނިންމަންޖެހޭ ކަންކަން ނިންމުން.
7. އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި، އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކުކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި އެހެން ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތަށް ކުއްޔަށް ދޫކުރުމާއި ދިނުން.
8. ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއިމަޞްލަޙަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކި ކަންކަމަށް ފަންޑު އުފެއްދުން.
9. ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް މި ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައިމުނިސިޕަލް ބޮންޑާއި ބިލާއި މުނިސިޕަލް ސެކިއުރިޓީ ފަދަ އެކިއެކި މާލީ ސެކިއުރިޓީތައް އެކަށައަޅައި، އެފަދަ ސެކިއުރިޓީތައް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ވިއްކުން.
10. ކައުންސިލްގެ މެންބަރުން ބަދަލުވާ ޙާލަތްތަކުގައާއި ކައުންސިލްގެ ނަން ބަދަލުވާ ޙާލަތްތަކުގައި ކުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލުން.
11. ސިޓީ ކައުންސިލުން ދޭ ޚިދުމަތްތަކާއި އަވަށު އޮފީސްތައް މެދުވެރިވެގެން ދޭ ޚިދުމަތްތަކަށް މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފީ ކަނޑައެޅުމާއި ފީނެގުން.
12. ކައުންސިލްގެ ބެލުމުގެ ދަށުން ޚިދުމަތް ދެވޭ ތަންތަނާއި ކައުންސިލްގެ އުޅަނދުފަހަރާއި މަގުތަކާއި، ޕާކު ފަދަ ޢާންމު ތަންތަނަށް ނަންދިނުމާއި ނަން ބަދަލުކުރުން.
13. މި ޤާނޫނުގައި ބުނެފައިވާ ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
14. ކައުންސިލުގެ ނަމުގައި ދަޢުވާކުރުމާއި ދަޢުވާލިބިގަތުން.
15. ސިޓީގައި އަމާން އަދި ޞުލްޙަވެރި ވެށްޓެއް ޤާއިމުކުރުމަށްޓަކައި ފުލުހުންނާ ގުޅިގެން ކުރެވެންހުރި އެންމެހައި ކަންކަން ކުރުން.
16. ކައުންސިލުގެ އިޚުތިޞާޞްގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅިގެން އެއްވެސް މީހަކު ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްފިކަމަށް ތުހުމަތުކުރެވޭނަމަ އެކަމެއް ތަޙުޤީޤުކުރުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުން.
17. ކައުންސިލަށް ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކުރުމަށްފަހު ބޭނުންކުރުން.
18. ސިޓީ ކައުންސިލުގެ އިދާރާ ހިންގުން.
19. ޤާނޫނަކުން ކަނޑައަޅާ މިނޫންވެސް ކަންކަން ކުރުން.
 
ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް
 
1. އާންމު ލައިބްރަރީ ހިންގުމާއި ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި ލައިބްރަރީން އެކިއެކި މަޢުލޫމާތު ލިބޭނެ އިންތިޒާމު ޤާއިމުކުރުން.
2. ޤަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން.
3. އާސާރީ ތަންތަން ބެލެހެއްޓުމާއި ޘަޤާފީ ކަންކަން ދިރުވައި ދެމެހެއްޓުން.
4. ދީނީގޮތުންނާއި ޤައުމީގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކޮށް ދީނީ އަދި ޤައުމީ އިޙްތިފާލުތައް ބޭއްވުން.
5. ޝަރުޢީ ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޛުކުރުމުގައި ޝަރުޢީ ކޯޓުތަކަށާއި ސަރުކާރުގެ އިދާރާތަކަށް އެހީތެރިވެދިނުން.
6. ސިޓީ ކައުންސިލްގެ ބާރުގެ ދާއިރާގައި ހިމެނޭ ކަންކަމާ ގުޅޭގޮތުންނާއި އެކިއެކި ޤާނޫނުތަކުގެ ދަށުން ސިޓީ ކައުންސިލާ ޙަވާލުކޮށްފައިވާ ކަންކަމާ ގުޅޭގޮތުންނާއި ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކައުންސިލް މެދުވެރިކޮށް ދޫކުރަން ކަނޑައަޅާ ހުއްދަތައް ދޫކުރުމާއި، އެފަދަ ހުއްދަތައް ބާޠިލުކުރުމާއި، ރަޖިސްޓަރީ ހަދައިދިނުމާއި ބާޠިލުކުރުން.
7. އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރިކޯޑު ބެލެހެއްޓުމާއި ސަރުކާރުގެ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެމަތިން ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެ ސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެ ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފުތަރު ލިޔެ ބެލެހެއްޓުން.
8. ސިޓީ ކައުންސިލުން ދޭންޖެހޭނެ ކަމަށް އެކިއެކި ޤާނޫނުތަކުގެ ދަށުން ކަނޑައަޅާ މިނޫންވެސް ޚިދުމަތްތައް ދިނުން.