ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤު ކުރެއްވި "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ގެ ދަށުން ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ސަރަޙައްދުން ބައެއް މިލްކުކުރި ނަމަވެސް، ރާއްޖޭގެ ސިޔާދަތީ ބާރު އެތަންތަނުގެ މައްޗަށާއި، އެތަންތަނުގައި ހިންގޭ މަޝްރޫޢުތަކުގެ މައްޗަށާއި، އެތަންތަނުގައި މަސައްކަތްކުރާ ބައެއްގެ އަޚްލާޤުގެ މައްޗަށް ފުރިހަމައަށް ހިނގާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފިއެވެ. އެމަނިކުފާނު މިކަން ދިވެހި ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވީ، "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަސްދީޤު ކޮށްދެއްވުމަށްފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި އިޞްލާޙުގެ ދަށުން މިލްކު ކުރެވޭ ބިންތަކުގައި ކުރާ ވިޔަފާރިއަކީ އެއްވެސް ހުދޫދެއް ނެތި، ކުރަން ބޭނުން ކޮންމެ ކަމެއް ކުރެވޭނެ ޖާގަ އޮތް އިންވެސްޓްމަންޓަކަށް ވެގެން ނުދާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޤާނޫނު އަސާސީއަށް މިގެނެވުނު އިޞްލާޙުގެ ސަބަބުން ބިން މިލްކު ކުރެވެނީ އެތަންތަނުގައި އިންވެސްޓް ކުރުމަށް އެކަނި ކަމަށާއި، ބޭރު މީހުން އެ ސަރަޙައްދުތަކުގައި ވަޒަންވެރި ކުރުވުމަށްނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ބިން މިލްކު ކުރެވުމަކުން، އެ ހުއްދަ ދެވުނު މަޝްރޫޢު ފިޔަވައި އެހެން މަސައްކަތެއް އެއްވެސް އިރެއްގައި އެތަނުގައި ނުކުރެވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރާއްޖޭގެ ފުރިހަމަ ސިޔާދަތީ ބާރާއި ރާއްޖޭގެ ޤަނޫނުގެ ފުރިހަމަ ބާރު މި ހުރިހާ ތަނަކަށް ހިނގާނެކަން ރައީސުލްޖުމްހޫރިއްޔާ ތަކުރާރު ކުރެއްވިއެވެ. "މިއީ ދިވެހިރާއްޖޭގެ ބިމެއް. މި ބިން މިއޮތީ ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ މިބުނަނީ ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ހުރިހާ ހިސާބަކަށްވެސް ދިވެހިރާއްޖޭގެ ޤަނޫނު އަސާސީއާއި، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާނެ ކަމަށް. ރާއްޖޭގެ ކޮންމެވެސް ހިސާބެއްގައި އޮންނަ ބިމެއް ބޭރު މީހަކު އަމިއްލަ ކުރުމުން، ބޭރު ކުންފުންޏަކުން އަމިއްލަ ކުރުމުން، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު އެ ބިމެއްގެ މައްޗަށް ކެނޑިގެންދާނެ ޙާލަތެއް މެދުވެރިއެއް ނުވާނެ."

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޤާނޫނުއަސާސީއަށް މިގެންނެވި ބަދަލުގެ ސަބަބުން ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް އެއްވެސް ބައްދަލެއް ނާންނާނެ ކަމަށާއި، މި ބިލުގެ ސަބަބުން ސަރަޙައްދީ ސަލާމަތާ ގުޅިގެން އަވަށްޓެރި ޤައުމުތަކާއި ދިވެހި ދައުލަތް ކަންބޮޑުވާންޖެހޭ ކަމެއް ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ބޭރުގެ ފަރާތަކަށް ބިން މިލްކުކޮށްދިނުމަށް ނިންމެވުމަކީ ސަރުކާރުން ހުއްދަ ދެއްވުމުން، ރައްޔިތުންގެ މަޖިލީހުން އެކަމަށް ރުހުން ލިބިގެން ކުރެވޭނެ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ކުރިމަގާމެދު ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ތަރައްޤީގެ ދުވެލި އަވަސްކުރުން ކަމުގައި ވިދާޅުވިއެވެ. އަދި، ފުރިހަމަ މިނިވަންކަމެއްގެ އިހުސާސް ކުރެވޭނީ، އަދި ފުރިހަމަ މިނިވަންކަމެއްގެ ބާރު ލިބިގެންދާނީ އިޤްތިޞާދީ ގޮތުން ފުދުންތެރި، ބާރުހުރި ބަޔަކަށް ދިވެހި ދައުލަތް ބަދަލުކުރެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ޤަނޫނުއަސާސީއަށް ގެންނެވި ބަދަލުގެ ސަބަބުން ރާއްޖެއަށް މިހާރަށްވުރެ އެތައް ގުނައެއް ބޮޑެތި، އަގުހުރި އިންވެސްޓްމަންޓްތައް އަންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ ޒުވާނުންގެ އުއްމީދުތައް ފުރިހަމަ ކޮށްދެއްވުމަށްޓަކައި އިޤްތިޞަދީ އިންޤިލާބެއް ގެނައުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ޤަނޫނު އަސާސީއަށް މި ގެނެވުނު އިޞްލާޙަކީ މިކަންކަން ޙާސިލް ކުރުމަށްޓަކައި ގެނެވުނު އިޞްލާޙެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާން ކުރެއްވިއެވެ. އަދި، ސަރުކާރުގެ ބޭނުންފުޅަކީ މިކަންކަމުގައި އަމާޒެއް އޮވެ، ބޭނުންވާ މިސްރާބެއްގައި، ބޭނުންވާ ދުވެލީގައި ދަތުރުކުރުމުގެ ފުރިހަމަ ބާރުވެރިކަން ސަރުކާރުގައި އޮތުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.