ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 122 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމަށް ހެންވޭރު ސާމަރާ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަނުކުރައްވައިފިއެވެ. އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ހުވާކުރެއްވީ، މިކަމަށްޓަކައި މިއަދު މެންދުރުފަހު 1.15 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ ހުވާ ކުރެއްވުމަށްފަހު، ހުވާގެ ލިޔުމުގައި ސޮއިކުރެއްވިއެވެ.