އިޤްތިޞާދީ ކުރިއެރުމާއި، ސިޔާސީ އަދި އިޖްތިމާޢީ ހަމަޖެހުމުގެ މައިގަނޑު އަސާސަކީ ވިޔަފާރިކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "ޗައިނާ-ސައުތު އޭޝިޔާ އެކްސްޕޮޒިޝަން" ގެ ތިންވަނަ ބައްދަލުވުމާއި، "23 ވަނަ ކުންމިންގ އިމްޕޯޓް އެންޑް އެކްސްޕޯޓް ކޮމޮޑިޓީޒް ފެއާ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެކުނު އޭޝިޔާގެ ޤައުމުތަކާއެކު ޗައިނާއިން ޤާއިމްކޮށްފައިވާ ހަރުދަނާ ގުޅުންތައް ފާހަގަ ކުރައްވަމުން، ދުނިޔޭގެ ވިޔަފާރީގައި ފާހަގަކޮށްލެވޭ ނަމަކަށް ދެކުނު އޭޝިޔާ ހެދުމަށާއި، ދެކުނު އޭޝިޔާއަށް ފާގަތި މުސްތަޤްބަލެއް ހޯދައިދެވޭނީ ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި ހަރުދަނާ ސިޔާސީ ގުޅުންތަކެއް ޤާއިމް ކުރެވިގެންކަމުގައި ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޗައިނާ-ސައުތު އޭޝިޔާ އެކްސްޕޯއާއި ކުންމިންގ އިމްޕޯޓް އެކްސްޕޯޓް ކޮމޮޑިޓީސް ފެއާގެ ސަބަބުން، 21 ވަނަ ޤަރުނުގެ މެރިޓައިމް ސިލްކްރޫޓް ޤާއިމްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ވަރަށްބޮޑު ބާރަކަށް ކަމަށްވެގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ކޮންމެ އަހަރަކު ބާއްވާ މި އެކްސްޕޯ އަދި ފެއާގެ ސަބަބުން، ޗައިނާއާއި މި ސަރަޙައްދުގެ ޤައުމުތަކަށް، އެޤައުމުތަކުގެ އުފެއްދުންތައް ފުޅާގޮތެއްގައި ދައްކާލުމުގެ ވަރަށް މުހިންމު ފުރުޞަތެއް ލިބިގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އޭޝިޔާގެ މުސްތަޤްބަލަށްޓަކައި ހުރިހާ ޤައުމުތަކުން ގުޅިގެން ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވައި، ކުރިއަށް އޮތް ތާނގައި ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއިން އޭޝިޔާއަކީ ދުނިޔޭގެ ބާރުގަދަ ބައްރަކަށްވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.