ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޗައިނާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ބައެއްގެ ގޮތުން، ޗައިނާގެ ނާއިބު ރައީސް ލީ ޔުއާންޗާއޯއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދު ޤާއިމްވެފައިވާ ގުޅުން ފާހަގަ ކުރައްވައި، މިގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ. އަދި، ދެ ޤައުމުން އިސްކަންދޭ އެކިއެކި މައްސަލަތަކާ ބެހޭގޮތުންވެސް ދެބޭފުޅުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުވުމަށްފަހު ރާއްޖެއާއި ޗައިނާއާ ދެމެދު "އެގްރިމެންޓް އޮން ދި އިކޮނޮމިކް އެންޑް ޓެކްނިކަލް ކޮއޮޕަރޭޝަން އޮފް ގްރާންޓް" ގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދެވެ. ޗައިނާ ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރެއްވީ ވައިސް މިނިސްޓަރ އޮފް ކޮމަރސް، ވޭންގ ޝޫވެންއެވެ.