ދިވެހިރާއްޖޭގައި ތާރީޚެއް އޮތްހާ ހިނދަކު، ދިވެހިރާއްޖެއަށާއި، ދިވެހި ރައްޔިތުންނަށް، އިސް ރަށްވެހިން ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންނުކޮށް ދޫކޮށްލެވޭނެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޚިދުމަތްތެރި އިސް ރަށްވެހިންނާ ބައްދަލުކޮށްލެވުމަށް ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވެވި ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑުމެން އަޅުގަނޑުމެންގެ ތަރިކައެއް ގޮތުގައި ޘަޤާފަތާއި ރިވެތި އުޞޫލުތައް ހަނދާންކުރާނަމަ އިސްރަށްވެހިންގެ ދައުރުގެ މަތިން ހަނދާން ނައްތާލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ޒުވާނުންނާއި އިސް ރަށްވެހިންނާ ދޭތެރޭގައި ފާލަމެއް އަޅައިދޭން ތިއްބެވީ، ރިވެތި މިސާލުތަކުން އަބުރުވެރިކަމާއެކީ ދިވެހި ދައުލަތަށް އެތައް ޚިދުމަތެއް ކޮށްދެއްވާފައި ތިއްބެވި އިސް ރަށްވެހިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤައުމަކަށް އެންމެ މުހިންމު ރުކުނަކީ އެ ޤައުމެއްގެ މިނިވަންކަން ކަމަށާއި، މިނިވަންކަން ނެތް ޤައުމަކީ ޤައުމީ ސިފަތަކެއް ހުންނާނެ ޤައުމެއްނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އަޅުވެތިކަމަކީ އެއްވެސް ބަޔަކު ޤަބޫލުކުރާނެ، ނުވަތަ އިޚްތިޔާރު ކުރާނެ ކަމެއްނޫން ކަމަށާއި، އ.ދ.ގެ އަސާސަކީވެސް ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ ކަންކަން ނިންމުމުގެ ބަސް ބުނުމުގެ ޙައްޤު އޮތުމާއި، ކަންކަން ނިންމުމުގެ ޙައްޤު އެ ބަޔަކަށް އޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ މެހެމާނުންނަށް އިޙްތިރާމް ކުރުމާއި، އެކަކު އަނެކަކަށް ލޯބިވުންފަދަ ޢަމަލުތަކުގެ ސަބަބުން ދައްކުވައިދިނީ ދިވެހި ރައްޔިތުން ބޭނުންވާ ރިވެތި އަޚުލާޤު ކަމުގައި ވިދާޅުވިއެވެ. މިގޮތުން އިހު ޒަމާނުގައި ދިވެހިން ދިރިއުޅެމުން އައި އަމާން، އިންސާފުވެރި ދިރިއުޅުން ހަނދާން އާކުރައްވަމުން، މި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖެއިން ގެއްލިގެންދާ ހުރިހާ ރީތި އާދައެއް އަނބުރާ އިއާދަކޮށް، ރާއްޖެއަށް ހަމަޖެހުން އައުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މިފަދަ ހުރިހާ ރީތި އާދައެއްގެ ނަތީޖާއިން ދައްކުވައިދެނީ ރާއްޖޭގައި އޮތް ހަމަޖެހުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މާލީގޮތުން ތަނަވަސް ވެވިދާނެ ކަމަށާއި، އެހެންނަމަވެސް އެކަމަކުން ރައްކާތެރިކަމާއި އަމާންކަމެއް ނުލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބައެއް ދިވެހިން ބޭރުގެ ފަރާތްތަކަށް ޖާގަ ދީ، ދިވެހިރާއްޖޭގެ ހިންގުމުގެ ކަންކަމާއި ސިޔާސަތު ކަނޑައެޅުމުގެ ކަންކަމަށް ބޭރުގެ ފަރާތްތަކަށް ޖާގަ ދިންތަން ދާދި ފަހުން ފެނިގެން ދިޔަކަން ރައީސުލްޖުމްހޫރިއްޔާ ހިތާމަޔާއެކު ހަނދާން އާކޮށްދެއްވިއެވެ.