އަންނަ އަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވާ "ވިޒިޓް މޯލްޑިވްސް އިޔަރ 2016" ކެމްޕެއިންގެ ރަސްމީ ލޯގޯއާއި ވެބްސައިޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު އިފްތިތާޙު ކޮށްދެއްވައިފިއެވެ. މިކެމްޕެއިނަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާކުރުމަށްޓަކައި، އަންނަ އަހަރަކީ ރާއްޖެއަށް ޒިޔާރަތްކުރާ އަހަރުގެ ގޮތުގައި ފާހަގަކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން އިންތިޒާމުކުރައްވާ ކެމްޕެއިނެކެވެ. "ވިޒިޓް މޯލްޑިވްސް އިޔަރ 2016" ކެމްޕެއިންގެ ރަސްމީ ލޯގޯއާއި ވެބްސައިޓް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވީ، އދ.ގެ ޓޫރިޒަމާ ބެހޭ ޖަމިއްޔާ ވަރލްޑް ޓޫރިޒަމް އޯގަނައިޒޭޝަނުގެ ކޮމިޝަން ފޯ އީސްޓް އޭޝިޔާ އެންޑް ޕެސިފިކާއި، ކޮމިޝަން ފޯ ސައުތު އޭޝިޔާ ގުޅިގެން ބާއްވަވާ ފަތުރުވެރިކަމުގެ ދާއިރާގެ މިނިސްޓަރުން ފެންވަރުގެ 27 ވަނަ ސަރަހައްދީ ބައްދަލުވުން އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައެވެ.

މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިޒޯޓް އެންޑް ސްޕާގައި އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކަވަމުން، މިއަދު އިފްތިތާޙު ކުރެވުނު ބައިނަލްއަޤްވާމީ ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެތަކެއް ކާމިޔާބާއި ކުރިއެރުން ލިބޭނެކަން ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖެއަށް ޒިޔާރަތްކުރާ އަހަރު ފާހަގަ ކުރުމަށްޓަކައި ޤައުމީ ފެންވަރުގައާއި، ބައިނަލްއަޤްވަމީ ފެންވަރުގައި އަންނަ އަހަރު ހިންގެވުމަށް ރާއްވަވާފައިވާ އެކިއެކި ހަރަކާތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލެއް ގެންނެވުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި ޒުވާނުންނަށް ހުރި ފުރުޞަތުތަށް އިތުރަށް ފުޅާކުރެއްވުމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ފަތުރުވެރިކަމުގެ ދާއިރާއިން ކުރާ ހިއްސާއަކީ، ރާއްޖޭގެ އިޤްތިޞާދުގެ އެހެން ދާއިރާތަކާ އަޅާނުކިޔޭވަރުގެ ބޮޑު ހިއްސާއެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ދިވެހި ޒުވާނުންނަށް 95000 ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދެއްވުމަށާއި، ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރެއްވުމަށާއި، ޒުވާން ވިޔަފާރިވެރިން އުފެއްދެވުމަށް ސަރުކާރުން ޚާއްޞަ ސިޔާސަތުތަކެއް ކަނޑައަޅުއްވައި ކުރިއަށް ގެންދަވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބަވަނަވެފައިވާ ބަދަލުވަމުންދާ ދުނިޔޭގައި އެއްބައެއްގެ ގޮތުގައި ދިރިއުޅެން، ފަތުރުވެރިކަމުގެ ސަބަބުން ދިވެހިންނަށް ދަސްވެގެންދިޔަ ކަމުގައި ވިދާޅުވިއެވެ. އަދި، ޤައުމެއްގެ ޘަޤާފަތާއި އާދަކާދަތަކާއެކުވެސް ފަތުރުވެރިކަން ދެމެހެއްޓޭނެކަން ރާއްޖެއިންވަނީ ދުނިޔެއަށް ދައްކުވައިދީފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، ވިޔަފާރިއާއި، މުނިފޫހިފިލުވުމުގެ ދާއިރާއާއި، ދަތުރުފަތުރުކުރުމުގެ ދާއިރާފަދަ، އިޤްތިޞާދުގެ އެހެނިހެން ދާއިރާތަކަށް ފަތުރުވެރިކަމުގެ މަންފާކުރާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި، ރާއްޖެއަކީ ތިމާވެށި ރައްކާތެރިކޮށް، ތިމާވެށްޓާ ރައްޓެހި ފަތުރުވެރިކަމެއް ކުރިއަރުވާ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ފެންވަރުގައި ގުނާލެވޭނެ ޤައުމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ބައިނަލްއަޤްވާމީ މައިދާނުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެއްބާރުލުން ދެއްވުމަށްއެދި ވަރލްޑް ޓޫރިޒަމް އޯގަނައިޒޭޝަނާއި، ވަރލްޑް ޓްރަވަލް އެންޑް ޓޫރިޒަމް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހުޅުވާލެވިފައިވާ ސިޓީއެއް އެރުވިއެވެ. މިސިޓީ ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ ޔޫ.އެން.ޑަބްލިޔު.ޓީ.އޯ ގެ ސެކްރެޓަރީ ޖެނެރަލް ޑޮކްޓަރ ޠާލިބް ރިފާއީއެވެ.