‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މުލަކަތޮޅުގެ ތިން ރަށަކަށް ‏‏މިއަދު ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ‏‏ވަޑައިގެންފައިވަނީ މުލަކަތޮޅު ދިއްގަރަށާއި، މަޑުއްވަރީގެ އިތުރުން އެއަތޮޅު މުއްޔަށެވެ.‏

‏މިތިން ރަށަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން، އެރަށްރަށުގެ ޢާންމު ޙާލަތު ‏‏އޮޅުންފިލުއްވައި، ރައްޔިތުންނަށް ދަތިވެފައިވާ ކަންތައްތަކަކީ ކޮބައިތޯ ބެއްލެވިއެވެ. ‏

‏މި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، މައިގަނޑު ގޮތެއްގައި ‏‏ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވީ، އެ ރަށްރަށުގައި ހިންގެވުމަށް ސަރުކާރުން ނިންމަވާފައިވާ ‏‏އެކިއެކި މަޝްރޫޢުތަކުގެ މައްޗަށެވެ. އަދި ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތައްތައް ‏‏ފުރިހަމަކޮށްދެއްވުމަށްޓަކައި އެމަނިކުފާނަށް ކޮށްދެއްވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވަމުން ‏‏ގެންދަވާނެކަން، ރައްޔިތުންނަށް ޔަޤީންކޮށް އެރުއްވިއެވެ. ‏

‏މީގެއިތުރަށް، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިމުގައި ރައްޔިތުންގެ ‏‏އެއްބާރުލުމާއި، މުޖުތަމަޢުގައި އަމަންއަމާންކަމާއި ޞުލްޙަ މަސަލަސްކަން ޤާއިމުވެފައި އޮތުމުގެ ‏‏މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.‏

‏ރައީސުލްޖުމްހޫރިއްޔާ މުލަކައަތޮޅު ދިއްގަރަށާއި، މަޑުއްވަރި އަދި މުއްޔަށް ‏‏ވަޑައިގަތުމުން، އެމަނިކުފާނާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް ވިދާޅުވި ހޫނު ‏‏މަރުހަބާއަށްޓަކައި، އެ ރަށްރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.‏