ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅާ ގުޅިގެން، ޕާކިސްތާނުގެ ރައީސް މަމްނޫން ޙުސައިން، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ފުރަމާނަ ޖާފަތެއް ދެއްވައިފިއެވެ.

މިރޭ އޮތް މި ޖާފަތުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ރައީސް ވަކިން ބައްދަލުކުރައްވައި، ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ޕާކިސްތާނުގެ ރައީސް މަމްނޫން ޙުސައިންވަނީ، ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފްދުގެ ބޭފުޅުންނާވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި، ޕާކިސްތާނުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، ކުރިއަށް އޮތްތާނގައިވެސް ރާއްޖެއިން މަތީ ފެންވަރުގެ ވަފްދުތައް ޕާކިސްތާނަށް ޒިޔާރަތް ކުރައްވާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، ޕަކިސްތާނުގެ ފަރާތުން ރާއްޖެއަށް އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޕާކިސްތާނުގެ ސަރުކާރުން އެމަނިކުފާނަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންނަށް ބެހެއްޓެވި މެހެމާންދާރީއަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި، ރައީސް މަމްނޫން ޙުސައިނަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދައުވަތު އެރުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވިޔަފާރީގެ ރޮނގުންނާއި، އިޖްތިމާޢީ ރޮނގުންނާއި، އިންވެސްޓްމަންޓްގެ ރޮނގުން އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތަނުގެ ރައީސް މަޝްވަރާ ކުރެއްވިއެވެ. އަދި، ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުން އެއްޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ދެބޭފުޅުންވެސް ފާހަގަ ކުރެއްވިއެވެ.