ޕާކިސްތަނުގެ އެޑްވައިޒަރ ޓު ދަ ޕްރައިމް މިނިސްޓަރ އޮން ނޭޝަނަލް ސެކިޔުރިޓީ އެންޑް ފޮރިން އެފެއާޒް، ސަރްތާޖް ޢަޒީޒް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅާ ގުޅިގެން ބޭއްވެވި ބައްދަލުވުމެކެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ބެހޭގޮތުންނާއި، ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުން އެއްޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދިނުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި، ދެޤައުމުގެ ދޭތެރޭގައި އޮތް ގުޅުން، ސާކްގެ ތެރެއިން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ދެބޭފުޅުން ފާހަގަ ކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެކި ދާއިރާތަކުން، ޚާއްޞަކޮށް ދިފާއީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާއިން، ރާއްޖެއާއި ޕާކިސްތާނާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި، ކުރިއަށް އޮތް ތާނގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވާނެކަން ޔަޤީންކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޕާކިސްތާނުގެ އެޑްވައިޒަރ ޓު ދަ ޕްރައިމް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، އަވަށްޓެރި ޤައުމުތަކާއެކު ވަރުގަދަ ސިޔާސީ ގުޅުންތައް ޤާއިމްކުރުމުގެ މުހިންމުކަމާއި، ސަރަޙައްދީ ހަމަޖެހުން ޤާއިމްކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. އަދި، ޕާކިސްތާނުގެ އެއްބާރުލުން އަބަދުވެސް ރާއްޖެއަށް ލިބެމުންދާނެކަމުގެ ޔަޤީންކަން ޕާކިސްތާނުގެ އެޑްވައިޒަރ ޓު ދަ ޕްރައިމް މިނިސްޓަރ، ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ. މީގެ އިތުރުން، ޕާކިސްތާނުގެ އިޤްތިޞާދު އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާބެހޭ މަޢުލޫމާތު، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.
މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމާއި، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު ބައިވެރިވެވަޑައިގެންނެވިއެވެ.