ފުލުހުން ކުރައްވަމުންދާ ބުރަ، އަދި ހީވާގި މަސައްކަތްޕުޅުތަކުގެ ތެރޭގައި ސާބިތުކަމާއެކު ތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު ނަސޭހަތްތެރިވެވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް ނަސޭހަތްތެރިވެވަޑައިގެންނެވީ، ފުލުހުންގެ 82 ވަނަ އަހަރީ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މުޖުތަމަޢަށް ދިމާވެފައިވާ ކަންތައްތަކުގެ ތެރެއިން ޚާއްޞަކޮށް އެންމެ ބޮޑެތި ކުށްތަކަށް ފަރުވާ ހޯދުމަށްޓަކައި ބުރަކޮށް މަސައްކަތް ކޮށްދެއްވުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އަދި، އިޖުތިމާޢީ އެކި މަސައްކަތްތަކުގައި ރައްޔިތުންނަށް ކުރިމަތިވާ މުހިންމު ކަންތައްތަކުގައި ރައްޔިތުންނާ ގުޅިގެން، އެކީގައި މަސައްކަތްކުރައްވާ ބައެއް ކަމުގައި ވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ފުލުހުންނަކީ ޤާނޫނު ތަމްސީލުކުރައްވާ ބައެއްކަމަށް ސިފަ ކުރައްވަމުން، ދިވެހިރައްޔިތުން ބަލައިގެންފައިވާ ހަމަތަކާއި، އުޞޫލުތަކާއި، ޑިމޮކްރެޓިކް ނިޒާމްވެސް ފުލުހުން ތަމްސީލު ކޮށްދެއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ. އަދި، ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ޤާނޫނު ތަމްސީލުކޮށްދެއްވާ އެންމެ ފުރަތަމަ ބަޔަކަށްވާނީ ފުލުހުން ކަމަށާއި، މިއަދު ރާއްޖޭގައިވެސް ކަންތައް ހިނގަމުންދަނީ މިގޮތުގެ މަތިން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޤާނޫނު އަސާސީއާއި ޤާނޫނުތަކުގައި ބިންވަޅު ނެގިފައިވާ ހަމަތަކާއި އުޞޫލުތައް އަމަލީގޮތުން ދައްކުވައިދެއްވުމުގެ އެންމެ ބޮޑު ޒިންމާ ކޮނޑުގައި އެޅިފައިވާ ބަޔަކީ ފުލުހުންކަމާމެދު އެއްވެސް ޝައްކެއްނެތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ ޚިދުމަތަކީ މުޖުތަމަޢުގެ ކޮންމެ މީހަކާ ގުޅިފައިވާ ޚިދުމަތެއް ކަމަށާއި، ފުލުހުންނަކީ މުޖުތަމަޢާ ވަރަށް ގުޅިގެން މަސައްކަތްކުރައްވަންޖެހޭ ބައެއް ކަމުގައި ވިދާޅުވިއެވެ. މިގޮތުން، މުޖުތަމަޢުގެ އަމަން އަމާންކަމާއި، ރައްޔިތުންގެ އިޖްތިމާޢީ ޙާލަތާއި، އިޖްތިމާޢީ ފޭރާން ވަރުގަދަ ކުރުމަށްޓަކައި ފުލުހުން އަދާކުރައްވަމުންދާ މަސައްކަތް އެއްދުވަހުން އަނެއްދުވަހަށް އިތުރު ކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، ފުލުހުންގެ މަސައްކަތަށް ވޭތުވެދިޔަ އަހަރު އެހީތެރިވެދެއްވާފައިވާ ޢާންމު ފަރާތްތަކަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދެއްވުމާއި، ފުލުހުންނަށް ކުލަޔާއި މެޑެލް ހަވާލުކުރެއްވުމާއި، 2014 ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުނު ބޮޑެތި މައްސަލަތައް ތަޙުޤީޤުކުރުމުގައި އަޕަރނޯތު ޕޮލިސް ޑިވިޜަނުގައި މަސައްކަތްކުރާ މުވައްޒަފުން އެކަށީގެންވާ ކާމިޔާބީއެއް ޙާޞިލްކޮށްފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދެއްވުން އޮތެވެ.