ިއުނީޝިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، މިސްޓަރ ތާރިކް އަޒޫޒް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

އާދިއްތަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޓިއުނީޝިއާ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޓިއުނީޝިއާގެ އާ ސަފީރުގެ ‏‏ދައުރުގައި، ރާއްޖޭއާ ޓިއުނީޝިއާއާ ދެޤައުމު ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖެއާ ޓިއުނީޝިއާ ފަދަ ޑިމޮކްރަސީގެ ޅަފަތުގައިވާ ޤައުމުތައް ގުޅިގެން މަސައްކަތް ކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށްވެސް ‏ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ ދުންޔާ މައުމޫނާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޙުސައިން ޝަރީފު ‏ބައިވެރިވެވަޑައިގެންނެވިއެވެ. ‏