ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ‏ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ކަމަލޭޝް ޝަރްމާ މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ކޮމަންވެލްތްގެ ހިންގުން އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި އެޅުއްވިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ކޮމަންވެލްތްގެ ސެކްރެޓެރީ ޖެނެރަލް މަޝްވަރާ ކުރެއްވިއެވެ. މިގޮތުން މެމްބަރު ޤައުމު ތަކުގެ ޤައުމީ ލަނޑު ދަނޑި ތަކަށް އިޙުތިރާމްކޮށް، ކުދި ޤައުމު ތަކުގެ އިޤްތިޞާދީ ކުރިމަގު ފަހިކޮށް ދޭނެ ފަދަ އުސޫލު ތަކެއް ޤާއިމް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ.

މިބައްދަލުކުރެއްވުމުގައި ކޮމަންވެލްތްގެ ސެކްރެޓެރީ ޖެނެރަލް ‏ދެއްކެވި ‏ވާހަކަފުޅުގައި، ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި، ވެދެއްވެން އޮތް އެހީތެރިކަމާއި އެއްބާރުލެއްވުމެއް ކޮމަންވެލްތްގެ ފަރާތުން ދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.
‏ މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ފޮރިން ސެކްރެޓެރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދު ބައިވެރިވެވަޑައިގެންނެވިއެވެ. ‏އަދި ކޮމަންވެލްތްގެ ޑައިރެކްޓަރ މިސްޓަރ ސައިމަން ގިމްސަންނާއި، ކޮމަންވެލްތްގެ ޕޮލިޓިކަލް އެޑްވައިޒަރ މިޒް އެލިސަން ޕިއަރސަން ބައިވެރިވަޑައިގެންނެވިއެވެ.