އ.ދ.އިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރ އަދި އ.ދ.ގެ ތަރައްޤީގެ ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.)އިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިޒް ޝޯކޯ ނޯޑާ، އެކަމަނާގެ މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރުކުރީގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ފަތްކޮޅު އެރުއްވުމަށްޓަކައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، އ.ދ.ގެ އާ ރެޒިޑެންޓް ކޯޑިނޭޓަރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާއަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި، ތަރައްޤީގެ ރޮނގުން ރާއްޖެއިން ކުރަމުންދާ ހުރިހާ މަސައްކަތެއްގައިވެސް އ.ދ.ގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުގެ ވަޢުދުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ ދާއިރާތަކާބެހޭ މަޢުލޫމާތު، އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރާ ޙިއްސާކުރެއްވިއެވެ. އަދި، ރާއްޖޭގެ ރައްޔިތުން އުއްމީދުކުރާފަދަ ތަރައްޤީއެއް ގެނެސްދެއްވުމުގައި އ.ދ.ގެ އެކި އިދާރާތަކުން ކުރިއަށް އޮތްތާނގައިވެސް އެންމެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އ.ދ.ގެ އާ ރެޒިޑެންޓް ކޯޑިނޭޓަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް އަބަދުވެސް އ.ދ.ގެ އެހީތެރިކަން ލިބެމުންދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި، ތަރައްޤީގެ ރޮނގުން ރާއްޖެ ހޯދާފައިވާ ކުރިއެރުން ފާހަގަ ކުރައްވައި، ރާއްޖެއިން ވާސިލްވާން ބޭނުންވާ ހިސާބަށް ދިއުމަށްޓަކައި ރާއްޖެއާއެކު މަސައްކަތްކުރުމަށް އ.ދ.އިން ތައްޔާރަށް އޮތް ކަމުގައިވެސް މިޒް ނޯޑާ ވިދާޅުވިއެވެ. މީގެ އިތުރުން، އ.ދ.އިން ރާއްޖޭގައި ހިންގަވާ ތަރައްޤީގެ މަޝްރޫޢުތައް ބިނާވެފައިވަނީ، ސަރުކާރުން އެންމެ އިސްކަންދެއްވާ ކަންތައްތައް ޙާޞިލު ކުރެއްވުމުގެ މައްޗަށް ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.