ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންކަމަށް ފާޑު ކިޔުންތައް އަމާޒުވީ ނަމަވެސް، މެނިފެސްޓޯގައި ހުރި ވަޢުދުތައް ކުރިއަށްދާކަން މިއީ ޤަބޫލު ކުރަންޖެހޭ ޙަޤީޤަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ޔަޤީން ކުރުމުގެ މަޝްރޫޢުގެ ދަށުން ޖެނެރޭޓަރތައް އަތޮޅުތަކަށް ފޮނުއްވުން ފެށްޓެވުމަށް މިރޭ ބޭއްވި ޚާއްޞަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮންމެ ދިމާއަކުންވެސް ފެންނަނީ ސަރުކާރުގެ މެނިފެސްޓޯގައި ރައްޔިތުންނަށްޓަކައި ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވަން ކެބިނެޓުން ރެއާއި ދުވާލު މަސައްކަތް ކުރައްވާ ތަން ކަމުގައި ވިދާޅުވިއެވެ. އަދި، މިހާރުގެ ކެބިނެޓަކީ އަމާޒަށް ވާސިލް ވުމަށްޓަކައި އަވަދިނެތި މަސއްކަތް ކުރައްވާ ޚިދުމަތްތެރި ކެބިނެޓެއްކަން ފާހަގަ ކުރައްވައި، ކެބިނެޓް ތެރޭގައި އޮތް އެކުވެރިކަމާއެކު، އަމާޒަށް ވާސިލްވުމަށް އެބޭފުޅަކަށް ހަވާލުވެފައި އޮތް މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވާދަވެރިވަޑައިގެންނެވުމަށް، ކެބިނެޓްގެ މެންބަރުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ސަރުކާރުގެ މެނިފެސްޓޯގައި ހުރި ރައްޔިތުންނަށް ބޭނުންވާ އެކިއެކި ބޮޑެތި ކަންކަމަކީ އެމަނިކުފާނުގެ ޓީމުން ޔަޤީން ކޮށްދޭން ބޭނުންވާ ކަންކަން ކަމުގައި ވިދާޅުވެ، މިހާރުގެ ކެބިނެޓުގެ ޓީމާއި، ކުންފުނިތަކުގެ ޓީމާއި، ސިޔާސީ ގޮތުން މަސައްކަތްކުރައްވާ ޓީމުން މި ކަންކަން ޔަޤީން ކޮށްދެއްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

މިރޭގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، އުއްމީދެއް އޮވެގެން ނޫނިއްޔާ އަޅުގަނޑުމެން ކުރާ އިންތިޒާރުތަކަކަށް އެއްވެސް ކަހަލަ ޙަޤީޤީ ސިފައެއް ނާންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ސަރުކާރުން މަސައްކަތް ކުރައްވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް، ދިވެހި ރައްޔިތުންގެ އުއްމީދުތަކާއި، މުޅި ދިވެހިރާއްޖެއަށް ބޭނުންވެފައިވާ ކަންތައްތައް ޙާޞިލް ކޮށްދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުގެ މި މަސައްކަތުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރިކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މިރޭގެ ޙަފްލާގައި އަތޮޅުތަކަށް ފޮނުވަން ފެށުނު އިންޖީނުތައް ދާންވާ މަންޒިލްތަކާ ހަމައަށް ގޮސް، މިއަންނަ އަހަރުގެ މެދަކާ ހަމައަށް ދާންވާއިރަށް ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް 24 ގަޑިއިރުގެ ކަރަންޓު މުޅި ދިވެހިރާއްޖެއަށް ޔަޤީންވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި، މިއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށާއި، މިއީ ކުޑަ ކާމިޔާބީއެއްނޫން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރަކީ މާލެއާއި އަތޮޅުތެރޭގައި ތަފާތެއް އޮންނަކަމަށް ދަންނަ ސަރުކާރެއްނޫން ކަމަށާއި، މި ސަރުކާރުގައި އެއްވަނަ ދަރަޖައިގެ ރައްޔިތުންނާއި، ދެވަނަ ދަރަޖައިގެ ރައްޔިތުންނެއް ނުތިބޭނެކަމުގައި ވިދާޅުވިއެވެ. އަދި، ސަރުކާރުން ފޯރުކޮށްދެއްވާ ޚިދުމަތްތަކާއި، ތަރައްޤީ ފޯރު ކޮށްދެއްވުމުގައި ހުރިހާ ރައްޔިތުންނަކީވެސް އެއްވަނަ ދަރަޖައިގެ ރައްޔިތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަކަތައަކީ ރާއްޖޭގެ އިޤުޞާދުގެ މައި ނާރުކަން ފާހަގަ ކުރައްވައި، މުޅި ރާއްޖެއަށް ހަކަތަ ފޯރު ކޮށްދެއްވުމުގައި ސަރުކާރުގެ ވިސްނުންފުޅު ހުރި ގޮތް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހިއްސާ ކުރެއްވިއެވެ. މިގޮތުން، މިހާރު މިބޭނުން ކުރަނީ ވަރަށް އަގު ބޮޑު ހަކަތައެއް ކަމަށާއި، އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މިއަންނަ އަހަރު މާލޭގެ އިތުރުން 5 ރަށެއްގައި އިރުގެ ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫޢު ފެށިގެން ދާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަ ކުރެއްވިއެވެ. އަދި ޚާއްޞަ ގޮތެއްގައި، މިއަންނަ އަހަރު އައްޑު އަތޮޅު ހިތަދޫން ފެށިގެން ފޭދޫގެ ބައްރާ ހަމައަށް، އިރުން ހަކަތަ އުފައްދާ ސޯލާރ ޕެނަލް ޖަހައިގެން ހަކަތަ އުފެއްދުމުގެ މަސައްކަތް ފަށްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މީގެ ބޭނުމަކަށް ވެގެންދާނީ ރައްޔިތުންނަށް ކަރަންޓު ލިބޭ އަގު ހެޔޮވެގެން ދިޔުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.